ގައިމަތީގައި އޮތް ކުއިލްޓު ރީތިކޮށްލާފައި އަނެއް ފަރާތަށް އެނބުރުނު ވަގުތު ލިބުނީ ނުހާއަށް ހައިރާންކަމެކެވެ. ނިތްމައްޗަށް އެއް އަތް އެއްލައިގެން އައްފާން އޮތީ ފިކުރެއްގައެވެ. މި ހުރިހާއިރު އައްފާން ހޭލައި އޮތްކަމެއް ނުހާއަށް ނޭނގެއެވެ.
"އައްފާން،"
ނުހާ އައްފާނާ ގާތަށް ޖެހިލިއެވެ. އައްފާންގެ ނިތްމަތީގައި އޮތް އަތް ދުރުކޮށްލާފައި އެ އަތްދަނޑި މަތީގައި ބޯއެޅިއެވެ.
"މި ނޫން ފޭސްއެއް ފެންނާނީ ކޮން ދުވަހަކުން؟" އައްފާންގެ ނޭފަތުގައި އިނގިލިން ޖަހައިލަމުން ނުހާ ބުންޏެވެ.
"ނިމުނީތަ؟" އައްފާން ބުންޏެވެ.
ނުހާ ހައިރާންވެފައި އައްފާންގެ މޫނަށް ބަލައިލިއެވެ. ނުހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
"އަހަރެން މިއީ މިތާ އޮތް މީހެއް ހެންވެސް ނުހާއަކަށް ހިއެއް ނުވޭ. އަހަރެން މަތިން ނުހާ ހިތަށް އަރަނީ ތި ވާހަކަދައްކާ މީހުން ނިދި އައިސްގެން އެނދަށް އެރީމަ" އައްފާން ބުންޏެވެ. ނުހާގެ އުޅުމާ މެދު ޝަކުވާކުރުމަކީ އައްފާން މަދު ފަހަރަކު ނޫނީ ނުކުރާ ކަމެކެވެ. އެންމެ ފަހުން އެ ވާހަކަ ނުހާއާ ދިމާލަށް ބުނީ ހިތަށް ކެތް ނުވާވަރު ވުމުންނެވެ.
"އެއީ ޖުމާމެން" ނުހާ ބުންޏެވެ.
"އެހެންނޫނަސް ތިހެން ބުނަންވީ އަހަރެން. ހައިލަމްގެ މަންމަ ނިޔާވި ދުވަހުން ފެށިގެން އައްފާންގެ މޫނުމަތިން ހިތްހަމަޖެހުމެއް ނުފެނޭ. އަހަރެން ޝަކުވާއެއް ނުކުރަމެއްނު. ދެން ތިބުނީ އަހަރެން މީހުންނާ ވާހަކަދައްކާ ވާހަކަ. އެއީ އެވަރުގެ ކަމެއްތަ؟ އެއީ އަހަރެންގެ ރައްޓެހިންނެއްނު. މީގެ ކުރިންވެސް މައްސަލައެއް ނުޖައްސާ؟"
ރުޅިމޫނު ދައްކަލާފައި ނުހާ އަނެއް ފަރާތަށް އެނބުރުމުން އައްފާން އަޅައެއް ނުލިއެވެ. އައްފާން އިހުތިޔާރުކުރީ ހިމޭންކަމެވެ. އޭނާ ދޭން ބޭނުންވާ ރައްދު ބައިވަރު އެބަހުއްޓެވެ. އެކަމަކު އެ ވާހަކަދައްކަން ބޭނުމެއް ނުވިއެވެ. އިތުރަށް އެއްޗެއް ބުނެގެން ނުހާގެ ހުޅުފަޅައިގެންދާނެކަން އައްފާނަށް އެނގެއެވެ. ނުހާގެ މައިންބަފައިންނާއެކު ދިރިއުޅޭއިރު ކޮޓަރިން ބޭރަށް ދެމަފިރިންގެ ޒުވާބުގެ އަޑު ނުކުންނާކަށް އައްފާން ބޭނުމެއް ނުވެއެވެ. ނުހާ ކުރާ ކަންތަކުގެ ސަބަބުން ގިނަ ފަހަރަށް އައްފާން ހިމޭންކަން އިހުތިޔާރުކުރަނީ އެހެންވެއެވެ.
*****
ވަޒީފާ ނިންމާފައި ހިމްނާ ގެއަށް އައިއިރު އަތުގައި ބޮޑު ކޮތަޅެއް އޮތެވެ. ސޯފާގައި އޮތް ނޫރީން ފުންމައިގެން ތެދުވެ، އެ ކޮތަޅުގައި ހިފައިފިއެވެ. އޭގައި އޮތް އެއްޗެއް ބަލައިލާ ހިތުން ދެފައި ވަށްކޮށްގެން ނޫރީން ސޯފާގައި އިނެވެ.
"ކޮބާ ދޮންތަ؟" ހަގު ދަރިފުޅަށް ސަމާލުކަން ނުދީ ފުރަތަމަވެސް ހިމްނާގެ ދެލޯ ހޯދައިލީ ޒާރާއެވެ. މަސައްކަތުގައި އުޅޭއިރުވެސް ގަޑިއަކު އެއްފަހަރު އޭނާ ޒާރާއަށް ގުޅައެވެ. ޒާރާ ކުރަނީ ކީއްތޯ ބަލައެވެ. މައެއްގެ ހިތުގައި ދަރީންގެ މައްޗަށް ލޯބި އޮންނާނީ އެއްވަރަކަށެވެ. އެހެންނަމަވެސް އެހީތެރިކަމަކަށް ބޭނުންވެފައިވާ ދަރިއަކަށް ދޭ ސަމާލުކަން ބޮޑުވާނެއެވެ. ހިމްނާއަށްވެސް ވަނީ އެހެންނެވެ. ހާލަތު ނިޔާކުރާގޮތުން ހިމްނާއަށް އިސްކަމެއްދެވެނީ ޒާރާއަށެވެ.
"ބަދިގޭގަ" ނޫރީން ބުންޏެވެ.
ކޮޓަރިއަށް ނުވަދެ ހިމްނާ މިސްރާބު ޖެހީ ބަދިގެއާ ދިމާލަށެވެ. ބަދިގެ ތެރެއިން ޒާރާ ފެންނަން ނެތެވެ. ދެން ހިމްނާ ނުކުތީ ބަދިގެއިން ނުކުމެވޭ ގޯތީގެ ހުސްބަޔަށެވެ. އެއީ ހިމްނާ ގަސް ހައްދާފައި އޮންނަ ދިމާލެވެ. ހިމްނާ ހީކުރިގޮތަށް ޖޯލީގައި ޒާރާ އޮތެވެ. ފޯނަށް ބަލަހައްޓައިގެން އޮތަސް ހިމްނާ އެ ހިސާބާ އަރައި ހަމަވާންވާއިރަށް ފޯނު މޭމަތީގައި ބާއްވާފައި އުޑަށް ނަޒަރު ހުއްޓާލައިފިއެވެ. އެ ހިސާބުން ހިމޭން ދުނިޔެއަކަށް ޒާރާ ދަތުރު ފަށައިފިކަން ހިމްނާއަށް އެނގުނެވެ.
" ޒާރާ، މި ތަނުގަތަ ދަރިފުޅު ތި އިންނަނީ" ކައިރިން ހިމްނާގެ އަޑު އިވުމުން ޒާރާ ބަލައިލިއެވެ. ދެފައި ތިރިއަށް ބާލާފައި ޖޯލީގައި އިށީނދެ އޭނާ ހަމަޖެހިލިއެވެ. ހިމޭން ވިސްނުމެއްގެ ތެރެއަށް ފީނައި ނުގަންނަނީސް މީހެއްގެ ހިލަންވިކަން ނަސީބެވެ.
"މަންމަ ކޮންއިރަކު އައީ؟" ޒާރާ އެހިއެވެ.
"އިރުކޮޅެއްވެއްޖެ. ހިނގާ ސައިބޯން. މަންމަ މިއައީ ހެދިކާ ގަނެގެން" ހިމްނާ ބުންޏެވެ.
"ހިނގާ" ހިމްނާ އިތުރު ސުވާލެއް ކޮށްފާނެތީ ޒާރާ ބުންޏެވެ. ދެމައިން ހިނގައިގަތީ ކާމޭޒާ ދިމާލަށެވެ.
ހަވީރުގެ ސަޔަށް އިންސާފުކުރަމުން ދިޔައިރު އެންމެ ގިނައިން ވާހަކަދައްކަމުން ދިޔައީ ނޫރީނެވެ. ސްކޫލު ތެރެއިން ދިމާވި މަޖާ ކަމެއްގެ ވާހަކަ ނުރީން ދެއްކުމުން ހިމްނާ ހީލިއެވެ. ޒާރާގެ ތުންފަތް މަތިންވެސް ހިނިތުންވުމެއް ފެނިލިއެވެ.
"އެތަނުގަ މިއަދު ޕިއްޒާވެސް ހެދި ދުވަހެއްތަ؟" ހެދިކާ އަޅާ ތަށި ތެރޭގައި އޮތް ދެ ފޮތި ޕިއްޒާ ފެނުމުން ޒާރާ އެހިއެވެ.
"އުނހު. މިއަދު މިއީ މަންމަމެންނާއެކު އުޅޭ މުނީރާގެ މާމަ ދަރިއަށް އަހަރު ފުރުނު ދުވަސްވީމަ މުނީރާ ގެނައި އެއްޗެއް" ހިމްނާ ބުންޏެވެ. ޒާރާ ހިމޭންވިއެވެ. ލޯމަތިން ބީވެގެން ދިޔަ ދަރިފުޅު މަތިން ހަނދާންވެ ޒާރާ އިސްޖެހިއެވެ. ދެލޮލަށް ކަރުނަ ޖަމާވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެ މަންޒަރު ފެނުމުން ހިމްނާ ތެދުވެގެން އައިސް ޒާރާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ޒާރާގެ ބުރަކަށީގައި ފިރުމާލިއެވެ. އޯގާތެރި މަންމަގެ އެ ބީހުމުން ޒާރާއަށް ހިތްވަރު ލިބުނެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ހިމްނާގެ ދެއަތުން ފޮހެލި ވަގުތު ޒާރާ ހިތް އުފަލުން ފުރުނެވެ. ހިމްނާގެ އަތުގައި ޒާރާ ހިފާލިއެވެ. އެއީ ހަމަ ޖާދޫވީ ދެ އަތްތިލަ ފަދައެވެ. ހިމްނާގެ އަތުގައި ޒާރާ ބޮސްދީފައި މައާފަށް އެދުނެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައިވާ ހިތްދަތިކަމާއި ވޭން ހިމްނާއަށް ސިއްރެއް ނުވިއެވެ.
"މި އުޅެނީ އާދިއްތަ ދުވަހު އޮފީހަށް ނުކުންނަން ކަމަށް" ޒާރާ ބުންޏެވެ.
"ތިގޮތް ޒާރާ ހިތްހަމަޖެހެންޏާ މަންމައަށް އެންމެ ރަނގަޅު" ހިމްނާ ބުންޏެވެ.
"އަހަރެން އޮފީހަށް ނުކުންނަން ފެށީމަ މަންމަ ނުޖެހޭނެ ދެން ދެ ޑިއުޓީ ނަގާކަށް" ޒާރާ ބުންޏެވެ.
"މަންމަ ޝަކުވާއެއް ނުކުރަމެއްނު" ހިމްނާ ބުންޏެވެ.
ތެދެކެވެ. ހިމްނާ ޝަކުވާއެއް ނުކުރެއެވެ. އޭނާ ބުރަވެގެނެއްވެސް ނޫޅެއެވެ. ޒާރާގެ ދިރިއުޅުމަށް އައި ކުއްލި ލޮޅުމަށްފަހު ހިމްނާ އިތުރަށް ހިތްވަރެއް ކުރިއެވެ. މުސާރަ ނުލިބޭގޮތަށް ޒާރާ ޗުއްޓީ ނެގި ދުވަސްކޮޅާ ފިހާރައިގެ ވިޔަފާރި ތަންކޮޅެއް ދަށަށް ދިޔައެވެ. ލޯބިވާ ދަރީންނަށްޓަކައި އަތުކުރި އޮޅާލާފައި ހިމްނާގެ އަށްގަޑިއިރުގެ ޑިއުޓީ ސޯޅަ ގަޑިއިރަށް ބަދަލުކުރިއެވެ. ފަތިހު ވަޒީފާއަށް ނިކުންނަ މީހާ ގެއަށް ވަދެވޭއިރު ހުންނަނީ ބާރަޖަހަން ގާތްވެފައެވެ. ނޫރީން ގޮވައިގެން ސްކޫލަށް ހިނގަނީވެސް ހިމްނާއެވެ. ލިބޭ ހުސްވަގުތުކޮޅުގައި ގެއަށް އައިސް ކާއެއްޗެއް ރޯފިލުވާފައި ޒާރާގެ އަރުން އެތެރެއަށް ކާއެއްޗެއް ލެވޭތޯ އޭނާ މަސައްކަތް ކުރެއެވެ. އަހަރުތަކެއް ކުރިން ފައިގެ ނާރަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ހިމްނާގެ ފައި ހުރީ އޮޕަރޭޝަނެއްކޮށްފައެވެ. މާ ބުރަކޮށް އުޅުމުން އެވޭން އޭނާއަށް ތުރާލަކަށްވެސް ވިއެވެ. އެހެންނަމަވެސް ތަދުވެއޭ ބުނެ އެނދުގައި ނޯވެއެވެ.
"އެނގޭ މަންމަ ދުވަހަކުވެސް ޝަކުވާ ނުކުރާނެކަން. އެހެންވިޔަސް އަހަރެން މި ބުނީނު. ވަރަށް ގިނަ ކަންކަން ހުއްޓިފަ ހުރީ. ސައިކަލް ހަލާކުވެގެން އަދިވެސް އެހުރީ ނެހެދިފަ. ނޫރީން ގޮވައިގެން ކޮންމެ ދުވަހަކު ސްކޫލު ކައިރިއަށް ތި ހިނގަނީ މަންމަ. އޮޕަރޭޝަން ކުރި ތަނުގައި ރިއްސާތީ މަންމަ އުޅެމެއްނު"
ޒާރާގެ އެ ވާހަތަކުން ހިމްނާއާ މެދު ޒާރާ ވިސްނާވަރު ހިމްނާއަށް އިހުސާސްވިއެވެ. ހިތަށް ހިތްހަމަޖެހުންވެސް ލިބުނެވެ. ހަށިގަނޑުގައި ހިތްވަރެއް ހުރިނަމަ ހިމްނާ އެ ދިރިއުޅުން ތެޅޭތަން ޒާރާ ނުބަލާނެކަން ޔަގީނެވެ. ދިރިއުޅުމުގައި ކުރިމަތިވި ތަކުލީފުތަކާއި ކެކުޅުންތައް ފަހަތަށް ދޫކޮށްލައި ކުރިއަށްދާން ޒާރާގެ ވިސްނުން ހުރީތީ ހިމްނާ އުފާކުރިއެވެ. އެހެންނަމަވެސް އަދިވެސް ޒާރާ ބަލިކަށިވާނެކަން ހިމްނާއަށް އެނގެއެވެ. އެހާ ފަސޭހައިން ހުރިހާ ކަމެއް ހަނދާން ނުނެތޭނެކަން ހިމްނާއަށް އެނގެއެވެ. ޒާރާ ޖެހޭނީ ލަސްލަހުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅާށެވެ.
"މަންމަ އެހީވާނަން" ޒާރާ ހިނިތުންވެލިއެވެ. ބުނާ ކަހަލައެވެ. ދުލުން ނުބުންޏަސް މަންމަ އެހީވާނެކަން އެނގެއެވެ.
ވިސްނުން ބަދަލުކޮށް ކަންކަން ބަދަލުކުރަން އެދޭނަމަ ކޮންމެ ރެއަކު ފިހާރައިގައިވެސް މަޑުކޮށްދިނުމަށް ޒާރާގެ ކިބައިން ހިމްނާ އެދުނެވެ. ހިމްނާއަށް އެންމެ ހައްލުކުރަން އުނދަގޫ މައްސަލަތަކާ ދިމާވަނީ ފިހާރައިން ލިބޭ ފައިސާގެ ކަންތަކުގައެވެ.
****
ހަފްތާއެއް ފަހެވެ. އައްފާން ހުރީ ހަމަޔަކަށް އެޅިފައެވެ. އަނބުރާ ސަމާސާ ދުނިޔެއަށް އައްފާން އަތުވެއްޖެއެވެ. ކުރީގެ އުފާވެރި ދިރިއުޅުމުގެ ދޮރުން އެތެރެއަށް ވަދެއްޖެއެވެ. ފާހާނައިގައި ހުރެފައި ދޮރު ހުޅުވާލާފައި އައްފާން ކޮޓަރިތެރެއަށް ބަލައިލިއެވެ. ނިއަމް އުރާލައިގެން ނުހާ ހުއްޓެވެ. އެނދުގައި ނިއަމް ބާއްވާފައި ފާހާނާ ދޮރާ ދިމާލަށް ނުހާ ބަލައިލިއެވެ. ލޮލުގެ އިޝާރާތުން ވީކިހިނެއްތޯ ނުހާ އެހިއެވެ.
"ޓީޝާޓަކާ ޖީންސެއް އިސްތިރިކޮށްލަބަ" ނުހާއަށް އިވޭ ވަރަށް މަޑުން އައްފާން ބުންޏެވެ.
ފަހު ވަގުތުގައި އައްފާން ކަމަކަށް އެދުމުން ހިތްހަމަނުޖެހުނުކަން ނުހާ މޫނުމަތިން ދައްކާލިއެވެ. ސޮރީއޭ ބުނެފައި އައްފާން ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ. ނުހާގެ ބޮލަށް އުނދަގޫވިއެވެ. އުންމީދުނުކޮށް ހުންނަ ގަޑިތަކުގައި އައްފާން ކަންތަކު ކިޔާތީ ނުހާ ވަރަށް ހިތްހަމަނުޖެހެއެވެ. ތަނަކަށް ދާން ނުހާއަށް ލަސްވެފައި ހުރިކަން ރަނގަޅަށް އައްފާނަށް އެނގޭނެއެވެ. އައްފާނަށް ވުރެ ކުރިން ނުހާއަށް ގެއިން ނުނިކުމެވުނީ ފަހު ވަގުތުގައި ނިއަމް ހޭލައިގެން އެ ކުއްޖާގެ ބުއްފުޅި ތައްޔާރުކުރަން ޖެހުމުންނެވެ.
ނޫހް ރަނގަޅަށް ނިދައިފިކަން ޔަގީންވުމުން ނުހާ ތެދުވިއެވެ. ބާލީސް ނިއަމް ކައިރިއަށް ޖައްސާފައި ގޮސް މަޑުކޮށްލީ ބޮޑު އަލަމާރި ކައިރީގައެވެ. އޮފީސް ނޫން ގަޑިތަކުގައި އައްފާން ލައި އުޅޭ ކަހަލަ ޓީޝާޓަކާ ޖީންސަކާ ނަގައިގެން ހިނގައިގަތެވެ.
****
ވާހަކަ ފޮތެއް ހިފައިގެން އެނދުގައި އޮތް ދިމްނާ ބަލައިލީ ކޮޓަރި ދޮރު ހުޅުވުނު ތަން ފެނިފައެވެ. ވަދެގެން އައި ނުހާ ފެނުމުން ވާހަކަ ފޮތް ބާއްވާފައި ދިމްނާ ތެދުވެ އިށީނެވެ.
"އަނެއްކާ ކޮންކަމަކު؟" ދިމްނާ އެހިއެވެ. "ހޫނ އަނެއްކާ އިސްތިރި ކުރަންވީތަ؟"
"ޕްލީޒް ކުޑާ. އަހަރެންނަށް ވަރަށް ލަސްވޭ އެބަ. މިހާރުވެސް ލަސްވެގެން ޖުމާ އެބަގުޅާ" އެނދުމަތީގައި ގެނައި އެއްޗެހި ބަހައްޓާފައި ނުހާ ބުންޏެވެ.
"ތިއީ ރަނގަޅު ގޮތެއްތަ؟ ނުހާ ގޭގަ ހުއްޓަސް އައްފާނަށް ކާން ހަދަންޖެހެނީ އަހަރެން. އެހެންނޫނީ މަންމަ. އިސްތިރިކުރަނީ އަހަރެން. ބޫޓް ޕޮލިޝް ކުރަނީ މަންމަ. ނިއަމްގެ ކަންތައް އަހަރެން ނޫނީ މަންމަ. ދެން ތިއީ ކީއްކުރަން ހުންނަ މީހެއް؟"
ދިމްނާ ހިތްހަމަނުޖެހުނުކަން އެނގުމުން ނުހާ އައީ ހިންޏެވެ. ދެކުދިން ދެމެދުގައި އެއްވެސް ކަމެއް ޒުވާބަކާ ހަމައަށް ނުގޮސް މަޑުޖެހެނީ ނުހާ ކައިރިއަށް ރުޅި ނާންނާތީއެވެ.
"ކުޑާއަށް އެނގެއެއްނު. އަހަރެން އެއްކަމެއް ނުކުރިޔަސް އައްފާނާއެކު ރޮމޭންސްކުރަމޭ"
ދިމްނާ ދެ ފަރާތަށް ބޯހޫރާލިއެވެ. ކޮންމެ ކަމެއް ނުހާ ނަގަނީ މަޖަލެއް ފަދައިންނެވެ. ދިރިއުޅުމަކީވެސް ނުހާއަށް ކުޅިވަރެކެވެ. ނުހާގެ އަމަލުތައް ހުންނަ ގޮތުން ދިމްނާ މިފަހަރުވެސް ވިސްނައިދޭން މަސައްކަތްކުރިއެވެ. އަންބެއްގެ ޒިންމާތައް ނުހާއަށް ކިޔައިދެވުނު އަދަދެއް ނޭނގެއެވެ.
"މިފަހަރު އެކަނި ޕްލީޒް... ބުނޭ އާއެނކޭ"
"ތިހެން އުޅެންޏާ އައްފާން ފޫހިވެދާނެ" ދިމްނާ ބުންޏެވެ.
"ނުވާނެ ތިކަމެއް. އައްފާން އަހަރެން ދެކެ ދުވަހަކުވެސް ފޫއްސެއްނުވާނެ. ހީޒް ދަ ބެސްޓް" ނުހާ ބުންޏެވެ.
"އަހަރެން ބަލާނަން ކިހާވަރަކުން ދޭތޯ" ދިމްނާ ބުންޏެވެ. ނުހާ ނިކުތީ ގަދަކަމުން ހިފަހައްޓާފަ ދިމްނާގެ މޫނުގައި ބޮސްދީފައެވެ. ހިތްހަމަނުޖެހިފައި ހުއްޓަސް ކޮއްކޮގެ އެ އަމަލުން ދިމްނާއަށް ހެވުނެވެ.
"ހިތަށް އަރާ ކޮންދުވަހަކުންބާއޭ ކޮއްކޮއަށް ހަރުދަނާކަމެއް ލިބޭނީ"
**********
ނުހާ ކޮޓަރިއަށް ވަންއިރު ހަމައެކަނި ބޮކްސާގައި އިން އައްފާން އިނީ އެނދުގައި އިށީނދެގެންނެވެ. އޭނާ އިނީ ލަސްވެފައެވެ. އިރުކޮޅަކާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ނުހާ ފެނުމާއެކު އިސްތިރިކުރި އެއްޗެހި ކޮބައިތޯ އެހިއެވެ.
"ތުރީ މިނިޓްސް. މަޑުކޮށްލާ" ނުހާ ބުންޏެވެ. އައްފާނަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނުހާ ވަނީ ފާހާނާއަށެވެ. އިރުކޮޅަކުން ނުކުމެ ހެދުން ބަދަލުކުރިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔަ ނުހާއަށް އައްފާން ފުން ބެލުމަކުން ބަލައިލިއެވެ. ސުވާލުކުރަން އުޅުނު ވަގުތު ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ.
"ބޭބީ ދޭބަލަ ހުޅުވަން. އެ އައީ އިސްތިރިކުރި އެއްޗެހި ހިފައިގެން" ތުންފަތުގައި ލިޕްސްޓިކް ހާކަން ހުރި ނުހާ ބުންޏެވެ.
"އަހަރެން މިހެން ހުރެތަ؟ ދެން ދޭބަލަ. ލަސްވެޔޭ އެބަ" އައްފާން ބުންޏެވެ. އެއްޗެއް ނުބުނެ ނުހާ ދިޔައެވެ. އައްފާން އަތަށް އިސްތިރި ކުރި އެއްޗެހި ދީފައި އަނެއްކާވެސް ނުހާ ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ.
"ކޮންތާކަށް ދާން ތިއުޅެނީ؟" އެއްޗެހި ލަމުން އައްފާން އެހިއެވެ.
"ޖުމާމެންނާ އެކު ޑިނަރ އަކަށް"
*****
މާލޭގެ ހިތްގައިމު ރެސްޓޯރަންޓަކުން ނުހާގެ ދެ އެކުވެރިން ބައްދަލުކުރިއެވެ. އެއީ މާހީ އާއި ޖުމާ އެވެ. ތިން ކުދިންގެ މެދުގައި އެކުވެރިކަން އުފެދުނީ ނުހާ ޑިގްރީއަށް ކިޔަވަމުން ދިޔަ ދުވަސްވަރު ކޮލެޖުންނެވެ.
"އަހަރެން ބުނީމެއްނު ބޭބީއެއް އޮތަސް އަހަރެންގެ މިނިވަންކަމަށް އަސަރެއް ނުކުރާނޭ" ނުހާ ބުންޏެވެ.
"މާހީ ނޫޅެންތަ އަދިވެސް ނިންމާކަށް. ބަލައިބަލަ ޖުމާވެސް އެންމެފަހުން ޑްރީމް ބޯއީ ހޯދައިގެން މެރީކޮށްފަ އެ ދައްކާލީ" ޖުމާ އެހިއެވެ.
"ފަވާއަށް އެހާ ރުފިޔާއެއް ނުލިބޭ. ބުނެފި ހިނގާށޭ ކޯޓުން ނިންމަން. އެކަމަކު މަ ބޭނުން ފެންވަރުގެ ޕާޓީއެއް ބާއްވަން. ނަސީބަކުން އެއްލައްކަ ރުފިޔާގެ ލޯނެއް ނަގަން އެއްބަސްވެއްޖެ" މާހީ ބުންޏެވެ.
"ރަނގަޅު. އިންނަން ބޭނުމިއްޔާ ބުނާގޮތް ހެދެން ޖެހޭނެ. ބަލައިބަލަ މަގޭ އައްފާން. މަ ގުދަށް އޮންނާށޭ ބުނިއްޔާ އޭނަ ގުދަށްވެސް އޮންނާނެ. އަހަރެން ބޭރުގައި ކިތަންމެ އިރަކު އުޅުނަސް ގުޅައިވެސް ނުލާނެ" ނުހާ ވާހަކަދެއްކިއެވެ.
"މާހީ ޔޫ ވަރަށް ގަދަ އިނގޭ. އައިކޮޅަށް ފަވާ އެނބުރުނަ ނުދޭތި. ހިފަހައްޓާލާތި ތިގޮތުގައި. ފަވާ ވިސްނަންޖެހޭ ކަމެއް މިހާރު ނެތެއްނު" ޖުމާ ބުންޏެވެ.
"ކުރިން އަހަރެން ވަރަށް ކަޑަވީ ފަވާގެ ދަރި އޮތީމަ. ތޭންކް ގޯޑް... އެ މުސީބާތުން ސަލާމަތްވިކަން" ހިނިގަނޑެއް ޖަހައިލަމުން މާހީ ބުންޏެވެ.
****
އޮފީހުން ނުކުތް ގޮތަށް ޒާރާ އާއި ޖަންނަތު މިސްރާބު ޖެހީ އަތިރީ މަގަށެވެ. ގެއާ ވީހާވެސް ދުރުން ކުޑަކޮށް ހިނގާލާފައި ދިޔުމަށެވެ. ދިގު މުއްދަތަކަށް ފަހު ޒާރާ އޮފީހަށް ނުކުތުމުން ހުރިހާ މުވައްޒަފުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިއިއެވެ. ދުވަހަކުވެސް ހަނދާން ނުނެތޭނޭ ވެލްކަމް ބެކް ޕާޓީއެއް ދިނެވެ. ކުޑަ ހިނދުކޮޅަކަށް ޒާރާއަށް އުފާވެރިކަމެއް ލިބުނު ވަގުތުކޮޅެކެވެ. ހުރިހާ ހިތާމަތަކާ ހިތްދަތިކަމެއް ފިލައިގެން ދިޔަ ވަގުތުކޮޅެކެވެ. އުފާވެރިކަން އަދިވެސް ޒާރާއަށް ލިބިދާނެކަން އިހުސާސްކޮށްދިން ވަގުތުކޮޅެކެވެ.
"ހިނގާބަލަ މިގެއަށް ވަދެލާފަ ދާން" ޖަންނަތު ބުންޏެވެ.
"ޕިންކްހައުސް"
މަޑުފެހިކުލައިގެ ދޮރާށީގެ އެއްފަރާތުގައި ހަރުކޮށްފައިވާ ނަންބޯޑުގައި ޖަހާފައި އިން ނަން ޒާރާ ކިޔާލިއެވެ. ދެން ބަލައިލީ ޖަންނަތުގެ މޫނަށެވެ.
ޒާރާއަށް ގޮތެއް ނުނިންމުނެވެ. އެގޭ ހަތަރުފާރުން އެތެރޭގައި އުޅޭ މީހުންނަކީ އޭނާއާ ދުރުބައެއް ނޫނެވެ. ގާތްތިމާގެކަމުގެ ގުޅުމަށް ވުރެވެސް ގާތް ގުޅުމެކެވެ. ސްކޫލު ދައުރުގެ އެކުވެރިއެއްގެ ގެއެވެ. އެގެއަށް ނުވަދެވޭތާވެސް އެތައް ދުވަހެކެވެ. އޭނާއާ ފައްވާޒާ ދިމާވެ އެކުވެރިކަން ފެށިގެން އައީވެސް އެގޭތެރެއިންނެވެ. އެއީ ދުވަހަކުވެސް ހިތުން ނުފިލާނެ ދުވަސްތަކެކެވެ.
"ހިނގާބަލަ" ޒާރާ ފަސްޖެހުނުކަން އެނގުމުން ޖަންނަތު ބުންޏެވެ.
"މި ހިސާބަށް އާދެވުނީމަ ދެން ވަދެލާފަ ދޯ ދާނީ" ޒާރާ ބުންޏެވެ. ދެން ދޮރާށި ހުޅުވަލާފައި ދެ އެކުވެރިން ވަދެއްޖެއެވެ.
(ނުނިމޭ)