މީހުން ބުނާތީ އަހަމެވެ. މާޒީ ހަނދާންކޮށްގެން މުސްތަގުބަލް އުޖާލާއެއް ނުކުރެވޭނެއެވެ. އުފާވެރި މުސްތަގުބަލަކަށް އެދެންޏާ މާޒީ ފަހަތަށް ދޫކޮށްލާށެވެ. ދޫކޮށްފައި ދިޔަ މީހެއްގެ މަތިން ހަނދާން ނުކުރާށެވެ. މީހަކު ނޫޅޭ ވަރަކުން ނޫޅޭށެވެ. މާދަމާ އެއަށް ވުރެ މާރަނގަޅު، މާ އޯގާތެރި މީހެއްވެސް ލިބިދާނެއެވެ. މުސްތަގުބަލު އޮތީ އަދި ކުރިއަށެވެ. މިހުރިހާ ވާހަކަތަކަކީވެސް ވަރަށް ބުއްދިވެރި ވާހަކަތަކެކެވެ. އިންސާނެއްގެ ދިރިއުޅުމުގައި ކުރިއަށް ހިނގާނެ އެއްވެސް ކަމެއް އެއްވެސް އެކަކަށްވެސް ނޭނގޭނެއެވެ. ހިތާމައަކީ ބައެއް މީހުންނަށް މާޒީ ދޫކޮށްލަން ފަސޭހަ ނުވުމެވެ. އެހެންނަމަވެސް ތިމާގެ ދިރިއުޅުމަށް އުފާވެރިކަމެއް ގެނައުމަށް އެންމެ ބޮޑު ހިތްވަރެއް ކުރަން ޖެހޭނެ މީހަކީ ތިމާއެވެ. ކައިރީގައި ތިބި މީހުންނަށް ދެވޭނީ އެހީތެރިކަމެކެވެ. ހިތްވަރެވެ. ހިޔާލެވެ. ތިމާގެ ދިރިއުޅުމުގެ ކައްޕިތާނަކީ ތިމާއެވެ. ތިމާ ދަތުރުކުރަމުންދާ އޮޑީގެ މިސްރާބު ރާޅެއްގައި ޖެހުމާއެކު އައިކޮޅަށް އަނބުރާލުމުގެ ބަދަލުގައި ކުރިމަތީގައި ފެންނަން އޮތް ގަދަ ކަނޑަށް ނުކުންނާށެވެ. ދިރިއުޅުމެއް ކާމިޔާބު ކުރެވޭނީ ގަދަ ކަނޑުތަކުގައިވެސް ފަލި ޖަހައިގެންނެވެ.
ހަޔާތުގެ ދެބައި ކުޅަ އެއްބައި އެމީހަކާއެކު ހޭދަކުރި އަލަތު ފިރިމީހާގެ ބޭވަފާތެރިކަން ޒާރާގެ މުޅި ދިރިއުޅުން ބަދަލުކުރިއެވެ. އެހިތާމައިން އަރައިނުގަނެވިގެން އުޅެނިކޮށް އަލަތު ދަރިފުޅުގެ ކުއްލި ވަކިވުމެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ. ޒާރާގެ ދިރިއުޅުން ކުރިއަށްދާ ގޮތް ބަލަމާ ހިނގާށެވެ. ޒާރާ ހިތްވަރު ކުރާނެ ހެއްޔެވެ؟ ވެއްޓުނު އަޑިގަނޑުން އަރައިގަންނާނެ ހެއްޔެވެ؟ ޒާރާ އުފާވެރިކަން ހޯދާނެ ހެއްޔެވެ؟ ގެއްލުނު ދަރިފުޅުގެ ލޯބި ޒާރާއަށް ލިބޭނެ ހެއްޔެވެ؟
*****
ހަރުގަނޑުން ނެގި ތިރި ބޫޓަށް އަރާފައި ޒާރާ ބަލައިލީ ބަދިގެ އާ ވީ ދިމާލަށެވެ. އެދިމާލުން ތަށި ތަޅުވާ އަޑު އިވުމުން ބަދިގޭގައި ހިމްނާ އުޅޭކަން ޒާރާއަށް އެނގުނެވެ. ޒާރާ ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ.
"މަންމާ" ޒާރާ ހިމްނާއަށް ގޮވާލިއެވެ. އޭނާގެ އަޑު ބާރެއް ނޫނެވެ. އެހެންނަމަވެސް އެ އަޑު ހިމްނާގެ ކަންފަތާ ހަމައަށް ފޯރިއެވެ. ހިމްނާ ހުންނަނީ އަބަދު އެ އަޑަށް ސަމާލުވެގެނެވެ. ޒާރާ ގޮވާލާނެ އިރެއްގެ އިންތިޒާރުގައެވެ.
"ތިދަނީތަ؟ ކިހާއިރަކުން އަންނާނީ؟ މަންމަ މަޑުކުރަންވީތަ ޒާ އަންނަންދެން" ބަދިގެއިން ނުކުތް ހަރުވާޅު ހެދުމުގައި ހުރި ހިކި އަންހެނެއް ބުންޏެވެ.
"އުނހު. މަންމަ އާއި ނޫރް ސައިބޯލާ. އަހަރެން ސައިބޯހިތެއް ނެތް" ޒާރާ ބުންޏެވެ. ހިމްނާ އިތުރު ބަހެއް ނުކިޔައެވެ. ޒާރާގެ ފަރާތުން ލިބޭނީ އެކަހަލަ ޖަވާބެއްކަން މާކުރިންވެސް ހިމްނާއަށް އެނގެއެވެ. އެހެންނަމަވެސް ހިމްނާ ހިތްހަމަޖައްސާލިއެވެ. ޒާރާ ކުރާހިއްނުވެފައި ހުރި ކަމެއް ގަދަކަމުން ކުރުވުމުގެ ބޭނުމެއް ނެތެވެ. ޒާރާ އެދަނީ ކޮންގެއަކަށް ކަން ހިމްނާއަށް އެނގެއެވެ. ގެއިން ސައިނުބޮއެ ދިޔަސް އެގެއިން ޒާރާއަށް ކާއެއްޗެއް ނުދީ ގެއަށް ނުފޮނުވާނޭކަން ހިމްނާއަށް އެނގެއެވެ.
"މަޣްރިބް ނަމާދަށް ގެއަށް އާދެވޭތޯ ބަލާނަން" ޒާރާ ބުންޏެވެ.
މަގުމައްޗަށް ނުކުމެވޭ ދޮރު ހުޅުވާލައިގެން ޒާރާ ދާ މަންޒަރު ބަލަން ހިމްނާ ހުއްޓެވެ. އޭނާ އާ ދުރަށް ޒާރާ އަޅަމުންދާ ކޮންމެ ފިޔަވަޅަކާއެކު ހިމްނާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ޒާރާ އާ މެދު ހިމްނާ ކަންބޮޑުވިއެވެ. އަލަތު ދަރިފުޅުގެ ކުއްލި މަރާއެކު ޝޮކެއްގައި ހުރި ޒާރާ މިއަދު ގެއިން ނުކުތީ އެތައް ދުވަހަކަށް ފަހުގައެވެ. މީހުންނާ ވާހަކަދައްކަން ފެށީ އަދި ކިރިޔާއެވެ. އެހެންނަމަވެސް އަދިވެސް ޒާރާއަށް ރަނގަޅަށް ކާއެއްޗެއް ނުކެވެއެވެ. އެހެންވެ ދުވަހެއް ދުވަހަކަށް މީހާ ހިކި އަނަރޫފަ ވެއްޖެއެވެ.
"ދޮންތި ދިޔައީތަ؟" ކޮޓަރިން ނުކުތް ޒާރާއަށް ވުރެ ހަ އަހަރު ކުޑަ ނޫރީން އެހިއެވެ. އެހިނދު ނޫރީނަށް ބަލައިލާފައި ދެލޮލުން ފޭދިފައިވާ ފެންތައް ހިމްނާ ފޮހެލިއެވެ.
"މަންމަ އަދިވެސް ދޮންތަ އާ މެދު ކަންބޮޑުވަނީތަ؟" ހިމްނާގެ ދެލޯ ކައިރި ފޮހެލަމުން ނޫރީން ބުންޏެވެ. ހީލަން މަސައްކަތް ކުރި ހިމްނާގެ ގައިގައި ނޫރީން ބައްދާލިއެވެ.
"އެއީ އުފަލުން" ހިމްނާ ބުންޏެވެ.
****
ޒާރާ އާއި ނޫރީނަކީ ހިމްނާގެ ދެ ދަރިންނެވެ. ކުރެވުނު އަލަތު ކައިވެންޏަށް ލިބުނު ހަމައެކަނި ދެ ފުރާނައެވެ. ދަރިން ކުޑައިރު ފިރިމީހާ ނިޔާވެއްޖެއެވެ. އިތުރު ކައިވެންޏެއް ނުކުރީ ދެ އަންހެން ދަރިންނަށްޓަކައެވެ. ދަރިންނަށް ދޮންބައްޕައެއް ހޯދައިދޭން ހިމްނާ ބޭނުންނުވީއެވެ. އެތައް މީހަކު އޭނާގެ ކައިރިން ކައިވެންޏަށް އެދުނެވެ. އެހެންނަމަވެސް އޭނާ ކައިވެންޏެއް ނުކުރިއެވެ. ހިތުގައި އޮތް ބިރުވެރިކަމެއްގެ ސަބަބުންނެވެ. މިނިވަންކަމާއި ޒަމާނަށް އައިސްފައިވާ ތަހުޒީބާއެކު އަންހެން ދަރިންތަކެއް ދޮންބަފައެއްގެ ހިޔާވަހިކަމުގައި ބޮޑުކުރަން ހިމްނާ ބޭނުންނުވީއެވެ. ކިތަންމެ ޒަމާނަކު އެކުގައި އުޅުނަސް މީހެއްގެ ގޮތެއް ނޭނގޭނެއެވެ. ދެ އަންހެން ދަރިންނަކީ ހިމްނާގެ މުށުތެރޭގައި އޮތް އަގުބޮޑު ދެ މުތެވެ. ދެ ދަރީންނަށްޓަކައި ފުރާނަ ގުރުބާން ކުރަން ޖެހުނަސް އޭނާ ފަހެއް ނުޖެހޭނެއެވެ.
ދަރީން ކުޑައިރުން ފެށިގެން ހިމްނާއަކީ އެރަށު ސްކޫލު އެންމެ ދުވަސްވީ މަސައްކަތު މީހާއެވެ. ދެ ދަރީންނަށް ކާމިޔާބު ދިރިއުޅުމެއް ހޯދައިދިނީ އޭނާ މަސައްކަތް ކޮށްގެން ލިބުނު ފައިސާއިންނެވެ. ބައެއް ފަހަރު ލިބޭ ލާރިކޮޅުން ދެކޮޅު ނުޖެހެއެވެ. އެހެންނަމަވެސް އޭނާގެ ވިސްނުން ތޫނު ސިކުނޑީގެ ބޭނުންކޮށްގެން ލިބޭ ފައިސާކޮޅުން މަދުމަދުން ރައްކާ ކުރިއެވެ. މިއަދު އޭނާއަކީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހެއް ނޫނެވެ. ޒާރާއަށް އަށާރަ އަހަރު ފުރުނު ދުވަހަކީ އޭނާގެ އަމިއްލަ ފިހާރައެއް ގެއާ އިންވެގެން ހުޅުވުނު ދުވަހެވެ. އެވަރުން އޭނާއަށް ފުދުނެވެ. ބުރިބުރިއަށް ގެ ހިއްލާފައި އަގުހުރި ކާރުތަކާއި ރިސޯޓްތައް އޭނާ މިލްކިއްޔާތުގައި ނެތަސް އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހުޅުވި ފިހާރައިން ލިބޭ އެއްޗަކުންނާއި ވަޒީފާއިން ލިބޭ ލާރިން ދިރިއުޅުމުގެ މުހުތާދުތައް ފުއްދެއެވެ. ތިންމައިންގެ މުސްތަގުބަލަށްޓަކައި އޭނާ ފަހަށް ރައްކާނުކުރާ އެއްވެސް އިރެއް ނުދެއެވެ.
****
އެންމެގާތް އެކުވެރިޔާގެ ގެއާ ދިމާލަށް ޒާރާ ދިޔައީ މަޑު ހިނގުމެއްގައެވެ. މަގުމަތިން ދިމާވާ ކޮންމެ މީހަކު ޒާރާއަށް ބަލައިލަނީ ހަމްދަރުދީގެ ބެލުމަކުންނެވެ. ގޮވާލަނީ އޯގާތެރިކަމާ އެކުގައެވެ. ޒާރާއަށް ދިމާވި ހިތްދަތި ހާދިސާތައް ނޭނގޭ ކުޑަކުއްޖެއްވެސް އެރަށުގައި ނޫޅެއެވެ. އަނެއްކޮޅުން ޒާރާއަކީ އެރަށު ސްކޫލުގެ އިސްލާމް ޓީޗަރެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ އިތުބާރާއި ލޯބި ލިބިފައިވާ ޓީޗަރެކެވެ.
"މަންމަ ބަލާ. އެ އަންނަނީ ޒާ މިސް"
ޒާރާ އެދިމާލަށް ބަލައިލިއެވެ. އެއީ އޭނަގެ ދަރިވަރެކެވެ. ގިނަ ދުވަސްތަކަކަށްފަހު ޒާރާ ފެނުމުން އެ ދެމައިންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. މުނީރާ ކައިރިއަށް އައިސް ވާހަކަދައްކާލަފައި ޒާރާއަށް ހިތްވަރުދިނެވެ. ލޯތްބާއި ކުލުނާއެކު ޒާރާގެ ބުރަކަށީގައި ފިރުމާލިއެވެ.
ކުރިއަށް ޒާރާ ހިނގައިގަތެވެ. އޭނާގެ ދެލޮލަށް ފެންތައް ޖަމާވިއެވެ. އެހެންނަމަވެސް ކަރުނަތައް އޭގެ މަގާމުން ބޭރުވިޔަނުދީ އޭނާ ހިފެހެއްޓިއެވެ. ހިތްދަތިވެ ދިމާވެފައިވާ ހިތާމައަކުން ނުކުންނަން އުނދަގޫވެފައި ހުރި މީހަކަށް އެހެން މީހުންގެ ފަރާތުން ލިބޭ ހިތްވަރަކީ ދާއިމީ ފަރުވާއަކަށް ވިޔަސް ޒާރާއަށް އެކަމުން ލިބެނީ އިތުރު ހިތްދަތިކަމެވެ.
ޒާރާ ފެނުމުން އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ ޖަންނަތަށެވެ. ދެކުދިންގެ އެކުވެރިކަމަށް ބާރަ އަހަރު ވެއްޖެއެވެ. ދެ އެކުވެރިންނަކީވެސް އެކަކު އަނެކަކަށް ވަފާތެރި އަޅާލާ އޯގާތެރި ދެކުދިންނެވެ. ޖަންނަތަކީ މާލެއަށް އުފަން ކުއްޖެއް ކަމުގައި ވިޔަސް މައިންބަފައިން ދުނިޔޭގައި ތިބެމެ އަބަދުވެސް ޖަންނަތު ދިރިއުޅެނީ މަންމަ ފަރާތު މާމަ ކައިރީގައި މާމަގެ އުފަން ރަށުގައެވެ.
"މާމާ ދަނީ މި ޒާރާ ގޮވައިގެން" މައި ދޮރުމަތީގައި ހުރެފައި ޖަންނަތު ގޮވާލިއެވެ.
މިސްކިތަށް ދާން ވުޟޫކޮށްގެން ނުކުތް ޖަމީލާއަށް އެ އަޑު އިވުނެވެ. ޒާރާ ގެއަށް ދިޔުމުގެ ކުރިން ކޮންމެހެންވެސް ޒާރާ އާ ބައްދަލުކުރަން ޖަމީލާ ބޭނުންވިއެވެ. އެހެންކަމުން މޫނުވެސް ފޮހެނުލައި ޖަމީލާ ކޮޓަރިން ނުކުތެވެ. އެންމެ ފުރަތަމަވެސް ޖަމީލާ ބަލައިލީ ސައިހަދާފައި ހުރި މޭޒަށެވެ. ޒާރާ ސައިބުއި ކަން އެނގުމުން ޖަމީލާ ހިނިތުންވެލިއެވެ.
"ދުނިޔޭގައި އުޅޭއިރު ކަންތައްތަކާ ދިމާވާނެ. ކެތްކުރަންވާނެ. އެކަލާނގެ ހުރިހާ ކަމެއް ދެނެވޮޑިގެންވޭ" ޖަމީލާ ވާހަކަދެއްކިއެވެ. ފަހަކަށް އައިސް އެއީ އަބަދުވެސް ޖަމީލާގެ ވާހަކަތައް ހުންނަ ގޮތެވެ. ޖަންނަތަށް ދޭ ފަދައިން އަބަދުވެސް ޒާރާއަށް ހެޔޮ ނަސޭހަތްދެއެވެ. ޖަމީލާ ދެކެނީ ޒާރާއަކީ ވެސް އުފަން ދަރިއެއް ފަދައިންނެވެ.
"މާމަ ހުރީ މިރޭގެ ނިޔަލަށް ކަނބުލޮގެ ހަބަރެއް ނުވިއްޔާ ތި ގޭދޮށަށް ދާން ކަމަށް" ޖަމީލާ ބުންޏެވެ.
ޒާރާ ހީލިއެވެ. އަދި ޖަމީލާގެ ގައިގައި ބައްދާލާފައި ޖަންނަތާއެކު ގެއިން ނުކުތެވެ. ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިތްދަތިކަމަށްފަހު ޒާރާއަށް ކޮޅަށް ހުރުމުގެ އެންމެ ބޮޑު ހިތްވަރަކަށްވީ އޭނާއަށް ހެޔޮއެދޭ ގާތް މީހުންނެވެ. އެއިން އެންމެ މީހެއްގެ ލޯބި އުނިވީ ނަމަވެސް އޭނާއަށް އެކަންވެގެންދާނީ ކެތްކުރަން ދަތި ވޭނަކަށެވެ.
ދެކުދިން ހިނގާފައި ދިޔައީ ބޮޑު މަގު ހުރިގޮތަށެވެ. އަދިވެސް ޒާރާގެ ކިބައިން ހިމޭންކަން އެއްކޮށް ފިލައިގެން ނުދެއެވެ. އިރުކޮޅަކުން ޒާރާ ނޭފަތް ދަމާލި އަޑު އިވުމުން ޖަންނަތު ބަލައިލިއެވެ. ނަސީބަކުން ދެކުދިންނަށް އޭރު ހުރެވުނީ މަގު ކޮޅުގައެވެ. މާގިނަ މީހުން ހަރަކާތްތެރިވާ ހިސާބެއް ނޫނެވެ.
"އޭތް ރޮނީތަ؟"
ޒާރާގެ އަތުގައި ހިފައިލަމުން ޖަންނަތު އެހިއެވެ. އޭރު ހަމަ ރަނގަޅަށްވެސް ޒާރާއަށް ރޮވިއްޖެއެވެ. ޖަންނަތު ދެފަރާތް ބަލައިލިއެވެ. ޒާރާ ގޮވައިގެން ޖަންނަތު ނުކުތީ އެދިމާލުން އަތިރި މައްޗަށެވެ. އިރުއޮއްސޭ ވަގުތަށް ވިޔަސް ޒާރާ ރޮނިކޮށް ގެއަށް ދާން ބޭނުންނުވީއެވެ. އެހާލުގައި ޒާރާ ރޮމުން ގޭތެރެއިން ފެނުނިއްޔާ ހިމްނާގެ ހިތްވަރުއެލޭގޮތް ވާނެއެވެ. ޖަންނަތު ދެފަރާތަށް ވިސްނިއެވެ.
"މަންމަ ކައިރީގަ ބުނިން ބަންގިއަށް ގެއަށް ދާނަމޭ" ޒާރާ ބުންޏެވެ. އޭނާ ކަރުނަތައް ފޮހެލާފައި ހިނިތުންވާން މަސައްކަތް ކުރިއެވެ.
"ތިއޮތީ ގެއަށް ދެވިފައެއްނު. ތިހެން ރޮމުން ޒާރާއަށް ކެތްވާނެތަ ހިމްނާއްތަގެ ކުރިމައްޗަށް އަރަން" ޖަންނަތު ބުންޏެވެ. ދެކުދިން އިށީނީ މޫދު ފެންނަ ހިސާބުގައި އޮތް ބޮޑު ގަސްގަނޑެއްގެ މަތީގައެވެ.
"ބޭނުމެއް ނޫން" ޒާރާ ބުންޏެވެ. އޭނާގެ އަޑު އައީ ކުރެހިގެންނެވެ.
"އަހަރެންގެ ބާރުގެ ދަށުގައި އެއްވެސް ކަމެއް ނެތް. ޖަންނާ. އަހަރެން މޮޔަވެދާނެ" ޒާރާ ބުންޏެވެ.
"ހުރިހާ ކަމެއް ހިތުން ނެރެލަބަލަ. މިހެން ބުނާއިރު އެނގޭ ބޮޑު ކަމެއްކަން. ދަރިޔަކު ލޯ ކުރިމަތީގައި މަރުވެގެން ދާ މަންޒަރު ބަލަން އެއްވެސް މަޔަކަށް ކެތެއްނުވާނެ" ޖަންނަތު ބުންޏެވެ.
"އަހަރެން ވަރަށް މަސައްކަތްކުރަމޭ. އެކަމަކު... އަހަންނަކަށް ނޭނގެ. ދަރިފުޅު މަތިން ހަނދާންވުމާއެކު މެއަށް އަރަނީ ތޫނު ތަދެއް. ޖެހުނީ އާދައިގެ ފިޓެއް. އެހުއްޓުނު ގޮތަށް ދިޔައީ. އެވަގުތު ހީވި ދަރިފުޅު ހީލިހެންވެސް. އަހަރެން ދުނިޔޭގަ އުޅެން ފޫހިވެއްޖެ. ބޭނުމީ ދާން" ރޮމުން ޒާރާ އިސްޖަހާލިއެވެ. އެންމެފަހުން ނުބުނަން ހުރި އެއްޗެހިވެސް ބުނެވިއްޖެއެވެ.
"ކޮންތާކަށް ދާން؟ މަރުވެގެން ދާންތަ؟ މޮޔަނުވޭ ޒާރާ. އަތުން އެއްޗެއް ބީވެގެން ދިޔުމަކީވެސް ނިއުމަތެކޭ" ޖަންނަތު ބުންޏެވެ.
"އެނގޭ. އެކަމަކު ހުރިހާ އުފަލަކުން އަހަރެން މަހުރޫމް މިވީ ކީއްވެ؟" ޒާރާ ބުންޏެވެ.
"އެއީ ﷲ ގެ އިރާދަފުޅު. އެކަމާ ޝަކުވާކުރުމުގެ ހައްގެއް އަހަރެމެންނަށް ލިބިގެނެއްނުވޭ. އެހެންވެ ކެތްތެރިވާން އަންގަވާފައި އޮންނަނީ" ޖަންނަތު ބުންޏެވެ.
ޒާރާގެ އަޑުބެދުނެވެ. އެހިނދު ޖަންނަތުގެ ދެލޮލުންވެސް ކަރުނަ ނީރާލިއެވެ. ޒާރާ ރޯ މަންޒަރު ފެނި ޖަންނަތުގެ ހިތަށް ތަދުވިއެވެ. އެންމެފަހުން ޒާރާގެ ދެއަތުގައި ހިފައި ޖަންނަތާ ވީ ދިމާލަށް އަނބުރާލިއެވެ. ދެން ޒާރާގެ ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި ދަބަހަށް ލިއެވެ. ދަބަސްތެރެއިން ނެގި ޓިޝޫއަކުން ޒާރާގެ ދެލޮލާއި މޫނު ސާފުކޮށްލިއެވެ. ޖަންނަތަކީ ހިތްހެޔޮކަމުގެ ނަމޫނާ ރަހްމަތްތެރިއެކެވެ. ފިތުނަ ބޮޑު ޒަމާނެއްގައި ޖަންނަތު ފަދަ އެކުވެރިއެއް ޒާރާއަށް ލިބިފައި ހުރުމަކީ ބޮޑު ނަސީބެކެވެ.
"އަހަރެންނަށް އެނގޭ އަހަރެންނަށް މަންމައަށް ވަރަށް ތަކުލީފުތައް ދެވިއްޖެކަން. އަހަރެން މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެގުމުން މަންމަ އިތުރަށް މަސައްކަތް ކުރަން ޖެހުނުކަން. ނޫރީންގެ ކިޔެވުމަށްވެސް އަސަރުކުރިކަން. އަހަރެންނަށް އެ ހުރިހާ ކަމެއް ހަނދާންވުމާއެކު ބޮލުގައި ރިއްސައި ގަންނަނީ. އަހަރެން ކިހާ ގޯސް. ފައްވާޒް އާ އަހަރެން އިނީވެސް މަންމަގެ ނުގަބޫލުގަ. އެކައިވެނިން އަހަރެންނަށް ލިބުނީ ކޮންއުފަލެއް؟" ޒާރާ ވާހަކަދެއްކިއެވެ.
"ހިތްވަރުކުރޭ ޒާރާ. މާދަމާ ވާނީ ކިހިނެއް ކަމެއް ނޭނގޭނެ އަހަރެމެންނަކަށް. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނީ" ޖަންނަތު ބުންޏެވެ. އެކުވެރިޔާގެ އޯގާތެރި ބަސްތަކުން ޒާރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެއީ ވަގުތީ ހިތްހަމަޖެހުމެކެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ.
"މަންމަ އެގުޅަނީ ލަސްވެގެން" ފޯނަށް ބަލައިލާފައި ޒާރާ ބުނެލިއެވެ.
****
ގަމީހުގެ ދަށަށް ޖަހާފައި ހުރި ބައި ނައްޓަމުން ކޮޓަރިއަށް ވަން އައްފާންގެ މޫނުމަތީގައި ވަރުބަލިކަން ވިއެވެ. އައްފާނަކީ ހައި ސްކޫލުގެ ލެކްޗަރާއެއްގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރާ ސީނިޔާ މުވައްޒަފެކެވެ. އޮފީހުން އައިސް ވަންނަ އިރު މީހާ ހުންނާނީ ދެވަރުން އެއްވަރުވެފައެވެ. ފަހާނާ އިން ނުކުތް ނުހާއަށް އައްފާން ފެނުމުން ހީލައިފިއެވެ. އެހެންނަމަވެސް އަނބިމީހާއަށް ވުރެ ކުރިން އައްފާންގެ ސަމާލުކަން އެނދުގައި އޮތް ހަ މަހުގެ ދަރިފުޅު އަތުލައިފިއެވެ. ތުވާލި ގެންގޮސް ހަރުގައި އަޅުވާލާފައި ނުހާ އައްފާންގެ މަގަތުން އިށީނެވެ.
"ނިއަމް ހަމަ ގަސްދުގައޭ ދޯ ނުނިދީ. ބައްޕި އަންނަ ގަޑިވީމަ" އައްފާންގެ މޭމަތީގައި އޮތް ނިއަމް އާ ސަމާސާކޮށްލަމުން ނުހާ ބުންޏެވެ. ދެން ނުހާ ބަލައިލީ އައްފާންގެ މޫނަށެވެ. އައްފާންގެ ތުންފަތްމަތިން ފަހަކަށް އައިސް ހިނިތުންވުމެއް ނުފެނެއެވެ. ސަބަބު ނުހާއަށް އެނގޭތީ އެ މައުލޫއަށް ވާހަކައެއް ނުދައްކައެވެ. އައްފާނަށް ވޭނާއި ތަކުލީފު އުފުލަންޖެހޭ ވާހަކަތައް ދައްކަން ނުހާ ބޭނުމެއް ނުވެއެވެ.
"ހިނގާ ކާން" އައްފާންގެ ބޮލުގެ އިސްތަށިގަނޑާ ކުޅެލަމުން ނުހާ ބުންޏެވެ.
"ކޯޗެއް ކާންހުރީ؟" އައްފާން އެހިއެވެ.
"ކުކުޅު ރިހަ. ރޮށި ވެސް ބަތްވެސް އެބަހުރި" ނުހާ ބުންޏެވެ.
"ކާކު ކެއްކީ؟" އައްފާން އެހިއެވެ.
"ކުޑާ ރިހަކެއްކީ" ނުހާ ބުންޏެވެ.
"މަންމަ ބަތްވެސް ކެއްކީ އަދި ރޮށިވެސް ފިހުނީ. އެހެއްނު... ނުކާނަން. ބަނޑުހައެއްނުވޭ"
ނުހާ އެއްޗެއް ނުބުނެ އިސްޖަހައިގެން އިނދެފައި ކޮޓަރިން ނުކުތެވެ.
އައްފާން އަދި ނުހާގެ ކައިވެންޏަށް އަހަރަކާ ދިހަ ދުވަސްވި އިރު ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ. ދިރިއުޅެނީ އަނބިމީހާގެ އާއިލާއާ އެކުގައެވެ. އައްފާނަކީ އަތޮޅުތެރެއަށް ނިސްބަތްވާ ޒުވާނެކެވެ. ނުހާއަކީ މާލެއަށް އުފަން ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ދެމަފިރިންގެ ދެމެދުގައި އަޅާލުމާއި އޯގާތެރިކަން ވެއެވެ. އެހެންނަމަވެސް ނުހާއަކީ މިޒާޖުގެ ގޮތުން ވަރަށް ރުޅިގަދަ އަންހެނެކެވެ. ނުހާ ކަމަކާ ރުޅިގަދަވެއްޖެނަމަ ވަގުތުން އައްފާން ފެނަށް ބަދަލުވެއެވެ. ދިރިއުޅުމެއް ކުރިއަށް ގެންދެވޭނީ މިކަހަލަ ގޮތަކަށް ނޫން ހެއްޔެވެ؟ އެކަކު އަލިފާނަށް ވާއިރު ވަގުތުން އަނެކަކު ފެނަށް ވާން ޖެހޭނެއެވެ. އެހެން ނޫނީ އަލިފާނުގެ ގަދަ ހޫނުގައި ޖެހި ދިރިއުޅުން އަނދާ އަޅިއަށް ވެގެން ހިނގައިދާނެއެވެ.
****
ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނޫކުލައިގެ ފަނޑު އަލިކަމެކެވެ. ފޯނުގެ އަލި ނުހާގެ މޫނަށް އެޅިފައި ހުރުމުން ރީތިކޮށް އޭނާގެ މޫނުމަތީގެ ކުލަވަރު ފާޅުވާން ހުއްޓެވެ. އެކެއް ޖަހައިފިކަން ނުހާއަށް އެނގުނީ އޭނާ ޗެޓް ކުރަމުން ދިޔަ ގްރޫޕް މީހުން ނިދަން ދާ ކަމަށް ބުނުމުން ގަޑި ބަލައިލި ވަގުތުގައެވެ. ދެން އޭނާ ފޯނު ނިވާލާފައި ބާލީސް ދަށަށް ލިއެވެ. ގައިމަތީގައި އޮތް ކުއިލްޓު ރީތިކޮށްލާފައި އަނެއް ފަރާތަށް އެނބުރުނު ވަގުތު ލިބުނީ ހައިރާން ކަމެކެވެ. ނިތް މައްޗަށް އެއް އަތް އެއްލައިގެން އައްފާން އޮތީ ފިކުރެއްގައެވެ. މިހުރިހާ އިރު އައްފާން ހޭލައި އޮތް ކަމެއް ނުހާއަށް ނޭނގެއެވެ. ނުހާއަށް ތުންފަތުގައި ދަތްއެޅުނެވެ.
(ނުނިމޭ)