17 އަހަރު ކުރި.... ކާޝިފާއި ހާނީ....
"އަސްތަ... ކާޝީ.... އަތޫ އަންނަން ވާއިރަށް މިހުރިހާ މަސައްކަތް ނިމޭނެތަ.... ނިކަން ދޭބަލަ އެކޮޓަރި ތައްޔާރުކުރަން އިންޓީރިއާ ޑިޒައިނަރު އައިސް އެބައުޅޭ.... އޭނައަށް ކުޑަކޮށް އެހީވެދީ ކަންތައް ނިންނަން ދޭބަލަ..."
ގޭތެރޭގައި ހޭލަމޭލަ ވަމުންދަނީ މަސައްކަތުމީހުންނާއި އާއިލީ މީހުން އަވަދިނެތިއެވެ. ދެދުވަސް ކުރިން ވިހޭ ދަރިފުޅާއި ދަރިފުޅުގެ މަންމަ މާދަމާ ގެއަށް އަންނަން ވާއިރަށް ގޭތެރެ ތައްޔާރު ކުރަނީއެވެ. ފޯނުން އިނގިރޭސި ލަވައެއް ބަލަން އިން ކާޝިފް އޭނާގެ ދައްތަގެ ގޮވާލުމުގެ އަޑު އިވޭ ކަމަށްވެސް ނުހެދިއެވެ.
"އޭތް ކާޝީ... ސާބަސް އަޑު ނީވެނީތަ...؟ ކަންފަތުން ތި އުނގުރި ނަގާބަލަ...."
ކާޝިފްގެ ކައިރިއަށް ޖެހިލަމުން އޭނާގެ ދައްތަ އަފްޝަން ބާރަށް ގޮވާލިއެވެ.
"އޮހްހޯއޯއި..." ކާޝިފަށް ފުންމައިގަނެވުނެވެ.
"ސާބަސް...ކޯޗެއް ތިބަލަނީ މާވަރުދައްކާފައި....." އަފްޝަން، ކާޝިފުގެ އަތުން ފޯނު އަތުލަމުން އަހާލިއެވެ.
"އުނހު...ނުނޫން...އޭތް..." ކާޝިފަށް ލިބުނީ ލަނޑެކެވެ. ބަލަން އިން ފިލްމުގެ ދެސްޕައި އެޖެންޓުން ނައިޓްޑިއުޓީގައި ތިބި ވަގުތު ދިމާވި "ދައްތައަށް ފެނުން ރަނގަޅު ނޫން" ކަހަލަ ސީނެއްގެ މެދުން، ކާޝިފްގެ ކަންފަތުގައި ހުރި ހެޑްސެޓާ ފޯނުގެ ގުޅުން ކެޑުނު ވަގުތާ ދިމާވީއެވެ. އެވަގުތު އެތެރެ ކޮޓަރިން ނުކުތް އެނުދަންނަ ބީރައްޓެހި އިންޓީރިއާ ޑިޒައިނާރ އަށްވެސް އެއަޑު އިވުނެވެ.
"އޯހް ޝިޓް....ދޮންތާ...." ކާޝިފު އަފްޝީން އަތުން ފޯނު ޖަހައިގަތެވެ. އަފްޝީން ދެބުމަގޮށްޖަހާލަމުން އަވަހަށް އެތަނުން ހިނގައްޖެއެވެ. އޭރު އަދި ކުރިމަތީގައި އެހެންމީހަކު ހުރި ކަމެއް ކާޝިފަކަށް ނޭނގެއެވެ.
"ވަޓް ދަ....ފ. އޯހނޯވ ޝިޓްޝިޓް ވަޓްދަ...." އަވަހަށް ފޯނުން ބަލަން އިން ސީރީޒް ޑިލީޓް ކުރަން ތެޅިގަތް މަންޒަރު ބަލަން ހުރި އެއަންހެންމީހާގެ އަޖައިބެއްކަހަލަ ޖާދުވީ ހީނލުމުގެ އަޑު ކާޝިފަށް އިވުނީ އެވަގުތެވެ.
ފުރަތަމަ ފަހަރަށެވެ. އިސްއުފުލާ ބަލާލި ވަގުތު ހަތަރުކަޅިހަމަވީވެސް ފުރަތަމަ ފަހަރަށެވެ. އެކަމަކު އެތައް އަހަރެއް ފާއިތުވެ ކާޝިފުގެ އުމުރު ހުސްވިޔަސް، ފިލައިނުދާނެހެން، އެދުވަހު އެފެނުނު އާދަޔާހިލާފު ފުރިހަމަކަމެއް ހުރި މުޖައްސިމާގެ ތަސްވީރު ކާޝިފުގެ ހިތުގައި ކުރެހުނީ ހަމަ އެފެނުނު ގޮތަށެވެ.
"އޮހްހައޯހް...،" ކާޝިފާ ހަތަރުކަޅި ހަމަވިވަގުތު އެއަންހެންމީހާގެ ލޮލަށް އެހަދާލި ގޮތް، ތުންފަތް ތެޅިލިގޮތް....ކާޝިފަށް ހިނިތުންވެލަންވެސް ހަނދާން ނެތުނު ކަހަލައެވެ.
ގަދަމުށި ކުލައިގެ ޖީންސަކާއި ކްރީމްކުލައެއްގެ ޖެކެޓެއްގައި ހުރި އިރު ގަޔަށް ހިފާފައި ހުރި ހެޔޮވަރު ވަރަކަށް ރީތި ބޮޑީސޫޓުން ކިރިޔާ ބަނޑުނިވާވެފައި ހުރިއިރު ތުނި ހަށިގަނޑެއްގެ ވެރިއެއްކަން މާ ރީއްޗަށްވެސް ހާމަވެ އެނގޭހާވެއެވެ. ތެދުސީދާ ނޭފަތުކުރި ހުނުން އޮބަހައްޓަން އުޅެން ހަދައިގެން ރަތްވަނީއެވެ. ފުޅާ އަނގަމަތިން ފާޅުވަނީ ބުނެދޭން ނޭނގޭ ކަހަލަ ރީތިއަޅައިގަތުމެކެވެ.
"އޮހްހޮ...ސޮރީ...އައި ޝުޑުންޓް މޭކް ފަން އޮފް ޔޫ..."
އަންހެންމީހާގެ އަޑުގައިވެސް ހުރީ ރީތި ރާގެކެވެ. އަމިއްލަ ނަފުސަށް ދާދި ދެންމެއަކު އެވީ ކަންތަކާ ވިސްނާލާނެ ހަނދާނެއްވެސް ކާޝިފު ނެތެވެ.
"އަމައްޔާތް....މިތާ މެދުގައި ތަނބެއްހެން ޖެހިފައި ތިހިރީޔޯ...؟" ކައިރިން އަޅާފައި ދަމުން ގޮވާލީ ދެބެންގެ ދެދަރި ކޮއްކޮއިންތަކެކެވެ.
"ކާޝްދޮންބޭ....މި ފޮށިގަނޑު ގެންގޮސްދޭންވީނު، އާވާރާ ޕާގަލް ދީވާނާ ހެދިފައި މިތަނުގައި ގަބުކައިފަ ތިހުރީ އަނެއްކާ ކޮންކަމެއްގައި ބޭނިގެންތަ؟" އަންހެންކުދިންތައް މަޑުކޮށްލިއެވެ. އަދި އެމީހުން ނުއުފުއްލިގެން އުޅޭ ފޮށިގަނޑު ބިންމަތީގައި ބަހައްޓަމުން އެކަކު އަހާލިއެވެ.
"އޭންހ..." ކާޝިފަށް ސިހިގައި އެނބުރި ބަލާލިއެވެ. "އާނހާ....ކަމެއް ނުވޭ...ކިކީކޭ؟"
ކަމެއް ނުވާކަމަށް ހެދެމުން ކާޝިފު އެކުދިންނާއެކު އެފޮށި ނަގަން ތިރިވެލިއެވެ. އަދި ލޮލުގެ ކުޑަކޮޅުން ބަލާލިއެވެ.
އަންހެންމީހާ އެތާކު ނެތެވެ. ޖެހިގެން ހުރި ކޮޓަރި ތެރޭގައި މަސައްކަތެއް ކުރާ ވާހަކަ ދޮންތަ ބުނި ހަނދާން ވީ އެވަގުތެވެ. އަވަހަށް ނޫންކަމަށް ހަދާފައި ކޮއްކޮމެނާ ވާހަކަ ދެއްކިއެވެ.
"ތުއްތީ...އަތޫގެ ކޮޓަރި މުޅިން އާކުރަނީ...ދޮންތަ އެތަން ނުނިމިދާނެތީ ވަރަށް ކަންބޮޑުވެފައި ހުރީ...."
"އެއީ ހަމައެއްވެސް ކަމެއްނޫން....ޑެކަރޭޝަނަށް ގެނެސް އެހެރީ ހަމަ އެއްވަނައިގެ މާހިރެއް....މިހާރުވެސް ގޮސް ބަލާލީމަ އެނގޭނެ....ހުރިހާ ކަމެއްހެން ނިމިއްޖެއޭ...ހީވަނީ މުޅިން އެހެން ތަނެއްހެން..."
ހިފައިގެން ދިޔަ ތަށިސަމުސާއޫ ހުރި ފޮށި ބަދިގޭ މޭޒުމަތީ ބަހައްޓާފައި ކާޝިފު ކޮއްކޮމެން ދެއްކި ވާހަކައާއި ދެންމެއެފެނުނު އަންހެންމީހާއާމެދު ވިސްނާލިއެވެ. މޭޒުގައި ލެގިލައިގެން އަވަދިނެތި ކެއްކުމުގައި ހަރަކާތްތެރިވަމުންދިޔަ ގޭގެ ބޮޑު ދައިތައިންގެ އަވަސް ހަލުވި މަސއްކަތަށް ބަލަހައްޓައިގެން ހުރި ނަމަވެސް ކާޝިފުގެ ސިކުނޑީގައި އެނބުރެމުންދިޔައީ މުޅިން އެހެން މަންޒަރެކެވެ.
"އަނހާ...، ގޮވަން ކަމަށް އުޅެނިކޮށް މާރަނގަޅަށްނު މިވީ..." ކާޝިފުގެ މަންމަގެ ފަރާތު ބޮޑުދައިތަ ޝިއްޔަތަށް ކާޝިފު ފެނުމުން ގޮވާލިއެވެ.
"އާދެބަލަ، މިތާ ޝިއްތަގެ ޖީބުގައި މިއޮތް ލާރިނަގާބަލަ..." ދެއަތުގައި ހުރި ފުށާއި ތެޔޮ ދައްކަމުން ޝިއްޔަތު ބުންޏެވެ.
"ލާރިއެކޭ. އަވަހަށް ގެނޭ...." ކާޝިފު އަވަހަށް ކުރިއަށް ޖެހި ޝިއްޔަތުގެ ޖީންސުގެ ފަހަތު ޖީބުން އެބުނާ ފައިސާއެއް ނެގިއެވެ.
"އޯހްހާއޭ....ފަސްސަތޭކައިގެ ނޫޓުކޮޅެއް....ދެނެއް ނުލިބޭނެ، މަމިދަނީ ކެފޭއަށް ދާން...ރަނގަޅަށް ކޮފީބޯލައިގެން ރައްޓެހިކުދިންނާއެކު ބިލިއަޑް ކުޅެން ދެވޭވަރުވެސް ވާނެ..." ކާޝިފު ފަސްސަތޭކައިގެ ފަސްގަނޑު ގުނަމުން ވާހަކަދެއްކިއެވެ.
"އާހާ...ލާނެތްސޮރު...އެހެންތަ...؟ މާބޮޑުވާން އުޅޭނެ ކަމެއް ނެތް....ތި ލާރިކޮޅު ގެންގޮސް އައްތާއި ނަހާރުގެ ބައި ތައްޔާރު ކުރަން ހުންނާނެ އަންހެންބޭފުޅެއް....އޭނައަތަށް ދީފައި އޭނަ ދޭ ރަސީދުގައި ސޮއިކޮށް އެކަންތައް ނިންމައިދީބަލަ....ހަދިޔާއެއް ދޭނަން....ޔަގީން..."
ޝިއްޔަތު އަތުގައި ހުރި ފުށާއެކު ކާޝިފުގެ ކަންފަތުގައި ހިފާ ފިތާލުމަށްފަހު ހެމުން ހެމުން އަތް ދޮންނަން ސިންކުކައިރިއަށް ޖެހިލިއެވެ.
"ޗީ، ޝިއްތާ....ކަންފަތަށް ފުށޭ ތިއެޅީ..." ކާޝިފު ކަންފަތް ފޮޅާލަމުން މޫނުހަދާލިއެވެ.
"ޝިއްތަގެ ދޮންކަލޯ....ތި ޓާސްކް ނިންމައިދީފިއްޔާ ސައިކު ދޭނަން....މި ހަފުތާ ބަންދުގައި ދުއްވާނެވަރަކަށް ދުއްވަން، އަޒީބެގެ ހުއްދަވެސް...."
ޝިއްޔަތު އެއްލޯ މަރާލަމުން ބުނެލިއެވެ.
'އެންމެ ރަނގަޅު...މިރޭ ތަޅުދަނޑި ދީފައި އަތުލަން ހޮނިހިރު ދުވަހުގެ ކުރިން އައިސްގެން ނުވާނެ،"
ފެންފޮދަކުން ކަންފަތުގައި ހުރި ފުށް ސާފުކޮށްލާފައި ކާޝިފު ޝިއްޔަތުގެ ޔަގީންކަން ހޯދިއެވެ. އަދި އަވަހަށް ބަދިގެއިން ނުކުމެގެން އައްތާއި ނަހާރުގެ ބަޔާ ދިމާއަށް ހިނގައިގަތެވެ.
މާފަންނު އާޝިޔާނާމަހަލްއަށް މިއަދަކީ ބޮޑު ދުވަހެކެވެ. ހެނދުނު އިރު އެރިއިރު މަސައްކަތް އޮތީ ފެށިފައެވެ. ދެދުވަސްކުރިން ފެށްޓުނު މަސައްކަތްތަކުގެ އެންމެ ފަހުގެ ނިންމުން ކުރިއަށް ގެންދަން ބޮޑުފަތިހާ ހޭލައިގެން ގޭގެ ކުދިބޮޑު އެންމެން ހޭލަމޭލަ ވާން ފެށި ގޮތަށް މިހާރު މެންދުރުން ލެބިއިރު ހުރިހާ ކަމެއްހެން ނިމިއްޖެއެވެ. ދެން އޮތީ ހަމައެކަނި ސުފުރާމައްޗަށް ކާތަކެތި އަރުވައި އެތުރުމާއި އެއްކޮށްފައި ހުރި ކުނިތަކާއި އުކާލަން ޖެހޭ ބޭކާރުތަކެތި ކުނިނަގާ މީހަކާ ހަވާލުކޮށްލުމެވެ. އެއަށްފަހު ހުރިހާ އެންމެން ދާނީ ތައްޔާރުވުމަށެވެ. އެންމެ ފަހުގެ މަސައްކަތް އެހަވާލު ކުރެވުނީ ކާޝިފާއެވެ.
ދެދުވަސްކުރިން މިގޭގެ ފުރަތަމަ މުނިމާމަ ދަރިފުޅު ދުނިޔެއަށް އައުންވެގެން ދިޔައީ ތާރީހީ އަދި ބޮޑުކަމަކަށެވެ. އާއިލާގެ ތިންވަނަ މާމަދަރިފުޅު އަދި ކާޝިފުގެ އެއްބަނޑުއެއްބަފާ ދެވަނައަށް ހުރި ދައްތަ ނަހާރާއި ހަމަ މިގޭގެ އެންމެ ދޮށީ މާމަ ދަރިފުޅު، ބޮޑުބޭބެ ޒަވާރުގެ ދަރިފުޅު އަޝްހަދުގެ ކައިވެނި ކުރެވުނީ އާއިލާ ތެރެއިން ވެވިފައިވާ އެއްބަސްވުމަކަށެވެ. އަޝްހަދަށް އެންމެންވެސް ގޮވައި އުޅެނީ އަތޫ ނުވަތަ އައްތުގެ ނަމުންނެވެ. ވަރަށް ކުޑައިރުއްސުރެ ބޮޑުބޭބޭ ޒަވާރާއި ބޮޑުފަހަރި ވަފިއްޔާއާއެކު އައްތުވެސް އުޅުނީ ރާއްޖެއިން ބޭރު ޖަޕާނުގައެވެ. ޒަވާރުގެ ވަޒީފާ އޮތީ އެތަނުގައެވެ. ޒަވާރު ރާއްޖެއަށް ބަދަލުވީ އައްތުގެ ފުރަތަމަ ޑިގްރީއާއެކު މާބޮޑަށް ވަފިއްޔާ ބަލިވެ ހާލު ދެރަވާން ފެށުމުން ދިވެހިބޭސް ކުރުވުމަށް މުހިންމުވެގެންނެވެ. ވަފިއްޔާގެ ނާޒުކު ހާލަތަށް އެއްވެސް ބޭހެއް މަސައްކަތް ނުކުރިއެވެ. އެހެންނަމަވެސް ދިވެހިބޭހުގެ ޖާދޫ ފެންނަން ފެށީ މާލެއައިސް ބޭސް ފެށިތާ މާގިނަ މަސްތަކެއްވެސް ނުވެއެވެ. އަދިވެސް ވަފިއްޔާގެ ރަހިމަށް އެދިމާވި މައްސަލަ މުޅިއަކުން ރަނގަޅެއް ނުވެއެވެ.
ޒަވާރުގެ ކޮއްކޮ، ކާޝިފުގެ މަންމަ ވަކީލާ އާއި ވަފިއްޔާގެ ގާތް އެކުވެރިކަމާއި މަންމަ ޒަހުރަބާން އާލަމްގެ ނުފޫޒާއި ބާރު އާއިލާއިން ބޭރަށް އާއިލާގެ ނުހަނު ލޮބުވެތި ފުރަތަމަ މާމަދަރިފުޅު އަޝްހަދުލްއަމީނު ދާން ގަބޫލެއް ނޫނެވެ. ކަންމިހެން އޮތުމާއެކު ކިރިޔާ އަށާރަ އަހަރު ފުރުނު ނަހާރު އައްތުގެ ހަޔާތުގެ އެހީތެރިޔާ ކަމުގައި ކަނޑައެޅި ނިމިއްޖެއެވެ.
ބަސްއަހާ ޕްރައިމަރީ ގްރޭޑްގެ ދެ ދަރިވަރުންހެން އައްތާއި ނަހާރު މާމައާއި މަންމަމެންގެ ބަހަށް އާނބަސް ބުނެފިއެވެ. ކައިވެންޏަށް ފަހު ދަރިފުޅަށް ބަލިވެ އިނުމާއެކު ނަހާރު އާއި އައްތު އާއިލާގެ އެންމެނަށް ސިއްރުސިއްރުން ޑޮކްޓަރުންގެ ލަފައާއި އިރުޝާދާއި އެހީ ހޯދަން ޖެހުނީ އައްތަކީ އިލްމު ހުރި ތަންދޮރު އެނގޭ މީހަކަށްވާތީއެވެ. އެދެމީހުންނަކީ ދެބެންގެ ދެދަރި ދެމީހުންކަމަށްވުމުން ކޮންމެ ފަދަ ދެރަ ގޮތެއްވެސް ދަރިފުޅަށް ދިމާވެދާނެކަމަށް ދެމީހުންވެސް ޖެހިލުން ވާތީއެވެ.
ނަމަވެސް ނަސީބު ރަނގަޅެވެ. ނަހާރުގެ ބަނޑުގައި ހަމަޖެހޭ ރައްކާތެރި ނުވަމަހަށްފަހު އިހަށްދުވަހު އާއިލާގެ އަލަތު މުނިމާމަ ދަރިފުޅު ފުރިހަމަ ސިއްހަތެއްގައި ދުނިޔެއަށ އައިސްފިއެވެ. އަދި މިއަދު ހަވީރު އެދެމައިން ގޮވައިގެން އައްތު ގެއަށް އަންނާނެއެވެ. ދެމަފިރިންނަށް ދީފައިހުރި ތަނަވަސް ކޮޓަރި ދެބަޔަކަށް ބަހައި ދަރިފުޅަށް ވަކި ބައެއް ހާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑުދައިތަ ޝިއްޔަތު ބުނިގޮތަށް އެފައިސާ ހިފައިގެން ކާޝިފު ގޮސް އެބައިގެ އެތެރެއަށް ވަދެއްޖެއެވެ. ވާހް ވަރަށްވެސ ފުރިހަމަ ޒީނަތްތެރިކަމެކެވެ. އެއީ މިހާރު ކުރިން ފެނުނު ކޮޓަރިކަން އެނގޭނެ އެއްގޮތެއްވެސް ނެތެވެ. މިމަސައްކަތް ކުރިމީހަކީ ހަގީގަތުގައި ވެސް ތައުރީފު ހައްގުމީހެއްކަން ޔަގީނެވެ.
"އެކްސްކިއުޒް.....ޕެއިމެންޓްސްލިޕް....ޝިއްޔަތު ދެންމެ ގުޅާފައި...."
އަޑުއިވުނީ ކާޝިފުގެ ފުރަގަހުން ކަހަލަ ގޮތަކަށެވެ. އެވަގުތު "ޖަޑޯރ"ގެ މަސްތުކުރުވަނިވި ވަސް ކާޝީފުގެ ހިއްސުތަކަށް ތާޒާކަން ލިބިގެން ދިޔަކަހަލައެވެ.
(ނުނިމޭ)