ވާހަކަ

ދީވާނާ ހިތް - 56

1

"ތިއީ ސަމާސާއެއްތަ؟ އެހެންވިއްޔާ އަހަރެން ބުނާނީ ތި ސަމާސާ ވޯކެއް ނުކުރާނެއޭ... ލެޓްސް ގޯ" ނަޒާންގެ އަތުގައި މަންޝާ ހިފިއެވެ. ދާން ހިނގާށޭ ބުނާ ކަހަލަ ގޮތަކަށް ނަޒާންގެ އަތުގައި ހިފައި ދަމައިގަތެވެ.

"މަން.. މިއީ ސަމާސާއެއް ނޫން. ސީރިޔަސް އެއްޗެއް. އަހަރެން މަން މިރޭ މިތަނަށް މިގެނައީ ވަރަށް ހާއްސަ ފަރާތަކާ ބައްދަލުކޮށްދޭން"

މޭޒު ކައިރީގައި އިން އަންހެންކުއްޖާ ފަހަތް ބަލައިލިއެވެ. ކަންބޮޑުވުމާއެކު ނަޒާންގެ މޫނަށް މަންޝާ ބަލަހައްޓައިގެން ހުރިގޮތުން ހައިކާ ހިނިއައެވެ. ނަޒާންގެ ގައިގައި ތަޅައިގަންނަން ހިތަށް އެރިއެވެ.

"މަންޝާ ހާދަ ބިރެކޭ ތިގަންނަވާލީ" މަންޝާ ބަލައިލީ ހައިކާ ވާހަކަދައްކާލި އަޑަށެވެ. ހައިރާންކަމާއެކު އެއްފަހަރު ހައިކާގެ މޫނަށް އަނެއްފަހަރު ނަޒާންގެ މޫނަށް މަންޝާ ބަލައިލިއެވެ.

"އެ ލޯބި ހާސިލްނުކުރެވިގެން އުޅުނުއިރު މީހާ އުޅުނު ގޮތް ނިކަން ވިސްނާލަ ބަލަ. ކިތައް ދުވަހު މަންޝާއަށްޓަކައި ޒާންގެ ތި ދެލޮލުން އަހަރެން ކަރުނަ ދުށީން. ކިތައް ދުވަހު ބޯގޮވައިގެން އުޅުނިން. މިހާރު ލިބުނީ ތިހެން ހަދާކަށްނުވާނެއްނު"

އެންމެފަހުން ނަޒާންގެ އަތުގައި ހައިކާ ބޮޑިއެއް އެޅިއެވެ. މަންޝާ ހައިކާއަށް ފުން ބެލުމަކުން ބަލައިލިއެވެ. ކޮންމެވެސް ތަނަކުން ދުށް ހަނދާނެއްވިއެވެ. ސިކުނޑިއަށް ބާރެއްލާފައި މަންޝާ ހަނދާންކޮށްލިއެވެ. ނަސީބަކުން މާދުރު ހަނދާނެއް ނޫނެވެ. އެމޫނު މަންޝާ ހަނދާނަށް އައެވެ. ނަޒާންގެ ސައިކަލު ފަހަތުގައި އިން އަންހެންކުއްޖާއެވެ. މަންޝާ ހަނދާން ނެތުނީ ނަމެވެ.

"ސޮރީ... މަންޝާ، ޒާން ބައެއްފަހަރު މޮޔަ ކަންކަން ކުރާނެ. މަންޝާދެކެ ލޯބިވީފަހުން ވީގޮތެއްހެން ބޮޑަށް ހީވަނީ. އަހަރެން މީ ހައިކާ. ޒާންގެ އޮފީސް ކުއްޖެއް"

ހައިކާ ސަލާމަށް އަތްދިއްކޮށްލުމުން މަންޝާ ސަލާމްކޮށްލިއެވެ. ނަޒާން ބުނިހެން ރީތި ސާދާ ކުއްޖެކެވެ. ހިތްހެޔޮވެފައި ރައްޓެހިގޮތެއް ހުއްޓެވެ. މަންޝާ ނަޒާނަށް ބަލައިލިއެވެ. އެހިނދު އަމިއްލަ އަތުން ދެކަންފަތުގައި ހިފަހައްޓާލާފައި ނަޒާން މައާފަށް އެދުނެވެ.

"އަހަރެންނަށް އަދަބު އޮންނާނެ. ޔަގީން..." މަޖާވެފައި ނަޒާން ބުންޏެވެ.

ތިންކުދިން މޭޒުކައިރީގައި އިށީނެވެ. ނަޒާނާއި ހައިކާ އާ މެދު ގާތް އެކުވެރިކަން ފެނިފައި މަންޝާ ގިނަފަހަރަށް އިންނަނީ ބަލަހައްޓައިގެންނެވެ.

"ނެތޭ އިނދެވޭކަށް. އަހަރެން ދާން ޖެހޭނެ. ހަބީ މިހާރު ކައިރިކުރާނެ. މިއަދު އޭނަ މަންމަ އުފަން ދުވަސްވީމަ އެގެއަށް ދާން ނުކުމެފަ އަސްލު މިއައީ. ހަމަ ޒާންގެ ހިތުގެ ރާނީ އާ ބައްދަލުކޮށްލަންވެގެން" ހައިކާ ބުންޏެވެ.

"ހަނދާންކޮށް ވެޑިންއަށް ގުޅައްޗޭ އިނގޭ" މަންޝާއަށް ހައިކާ ބުންޏެވެ.

ނަޒާން ދިމާކޮށްލުމުން ހައިކާ ދިޔައީ މަޖާވެފައި ހީލާފައެވެ. މަންޝާ އާ ގިނަ ވާހަކަދެއްކީ ހައިކާއެވެ. ހައިކާ ދިޔުމުގެ ކުރިން ހައިކާއަށް ކައިވެނީގެ ހަދިޔާ ނަޒާން ދިނެވެ.

****

ނަޒާންގެ އާއިލާ ތައްޔާރުވަމުން ދިޔައީ މަންޝާގެ އާއިލާގެ ފަރާތުން ލިބުނު ދައުވަތަކަށް އެގެއަށް ދިޔުމަށެވެ. ޖެހިގެން އަންނަ ދުވަހު އޮތީ މަންޝާ އާއި ނަޒާންގެ ރަންކިޔުމުގެ ހަރަކާތްތަކެވެ. ކައިވެންޏާ ގުޅޭ ކޮންމެ ކަމެއް ހާއްސަގޮތެއްގައި ކުރަން ދެފަރާތުގެ އާއިލާ އިން ވަނީ ނިންމައިފައެވެ.

އިޝާ ނަމާދުކޮށްގެން ފިރިހެނުން ގެއަށް އައި އިރު އަންހެނު ތިބީ ތައްޔާރުވެގެން ސޯފާގައެވެ.

"ދޮންބެއަށް އެނގޭނެ މިރޭ އެގޭގަ ކަމެއް އޮތިއްޔާ. މެރީކުރަން ކިއި ފަހުން އެގެއިން ނުނިކުމެވިއްޔާ އުޅެނީ" ނަޔާ ބުންޏެވެ.

"ހަމަތެދެއް ދޮންބެއަށް ނޭނގޭ. މަންޝާ ފޯނެއްވެސް ނުނަގާ. އެންމެފަހުން ވާހަކަދެއްކީ މިއަދު މެންދުރެއްހާއިރު" ނަޒާން ބުންޏެވެ.

"ދެން ހިނގާ ނުކުންނަމާ" އާމިރު ބުންޏެވެ.

އާމިރާއެކު ކާރުގައި ދިޔައީ މާޝިތާއެވެ. އެއްވެސް ދަރިއެއް ކާރަށް އަރަން އެއްބަހެއް ނުވިއެވެ. ތިއާ ގޮވައިގެން ނަވާލް ދިޔުމުން ނާޔާ އެރީ ސައިކަލުގައި ނައްޓާލަން އުޅުނު ނަޒާންގެ ފަހަތަށެވެ. މަންޝާގެ ގެއާ ހަމައަށް ދެވުނީވެސް ހުރިހާ މީހުންނަށް އެއްކޮށް ކަހަލަ ގޮތަކަށެވެ. ގޭޓުން އެތެރެއަށް ވަންނަމުންވެސް ނަޒާން މަންޝާގެ ފޯނަށް ގުޅިއެވެ.

"ފޯނެއް ނުނަގާ. އަތުގަޖެހުނިއްޔާ އެހާ ފަސޭހައިން ދުލެއް ނުކުރާނަން" އެތެރެއަށް ވަންނަން ދިޔަ ނަޒާން ހިތާހިތާ ކިޔާލިއެވެ.

"މިގޭ މީހުން ދުނިޔޭގައި އެބަތިބިތަ؟" ތިއާ ބުންޏެވެ. ބެލްއަޅާތާ އެތައް އިރެއްވެއްޖެއެވެ. މީހެއްގެ ހަބަރެއް ނުވެއެވެ. އެންމެފަހުން ތިއާ ގުޅީ ދިލްޝާދުގެ ފޯނަށެވެ.

"ދޮރު ލޮކެއް ނުކުރަމޭ. ވަދެބަލަ އެތެރެއަށް"

އެންމެކުރީގައި ހުރީ ތިއާއެވެ. ބާކީ ތިބި މީހުން ވަނީ ތިއާ ފަހަތުންނެވެ. ގޭތެރެ އާދަޔާ ހިލާފަށް ޒީނަތްތެރިކޮށްފައި ހުރިކަން ފެނި އެންމެންގެ ނަޒަރު ގޭތެރޭގެ އެކި ދިމާލަށް ހުއްޓުނެވެ. ހިނިތުންވެލައިގެން ހުރި މިހާދު ހުރީ ފައިވާން ހަރުގަނޑު ކައިރީގައެވެ.

"ބޮޑުބައްޕާ... މީހަކު ތަނެއްގަ ހުއްޓިގެން ކިހިނެއްވެފަ" ތިއާ އެހިއެވެ.

އެއަކަށް މިހާދު ޖަވާބެއް ނުދެއެވެ. އޭނާ ގޮސް ހުއްޓުނީ އާމިރު ކައިރީގައެވެ. ވާނުވާ ނޭނގި ހައިރާންވެފައި އެންމެން ތިއްބެވެ.

"އަހަރެންގެ އަންހެންދަރިފުޅުގެ ބަފައިބެ... އުނހު ބައްޕައަކަށް ވާންވާނީނުން؟" މިހާދު ބުންޏެވެ. އާމިރަށް ހެވުނެވެ. ބާކީ ތިބި މީހުންނަށްވެސް ހެވުނެވެ.

"ޔަގީނެއްނު. ﷲ އިރާދަކުރެއްވިއްޔާ ތިކަމަށް ހަމަ ތައްޔާރަށް މިތިބީ" އާމިރު ބުންޏެވެ. ދެން ފެނުނީ އާމިރާއި މިހާދު އެކަކު އަނެކަކުގެ ގައިގައި ބައްދާލިތަނެވެ.

ހީލައިގެން ފަހަތުގައި ހުރި ނަޒާން ބަލައިލިއެވެ. ހިނިތުންވެފައި މަންޝާ ހުރީ އެންމެ ފަހަތުގައެވެ. ކާމޭޒުގައި ލެނގިލައިގެންނެވެ. އެހާ ދުރުންވެސް މަންޝާ ހުރިގޮތް ނަޒާނަށް ކަމުދިޔައެވެ. މަންޝާ ލައިގެން ހުރީ ހުސް ހުދުކުލައިގެ ހެދުމެކެވެ. ތަފާތު ކުލައެއް ހުރީ އަޅައިގެން ހުރި ޝޯލްގައެވެ. އެއްވެސް މީހަކަށް ނުފެންނާނެހެން ފޯނަށް ޖަވާބުދޭށޭ މަންޝާއަށް ނަޒާން ބުންޏެވެ. އެހިނދު މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"މީ އަނެއްކާ ކޮންކަމެއް؟" ދިލްޝާދު މާޝިތާ ކައިރީގައި ހުއްޓުމުން މާޝިތާ ބުންޏެވެ. މަންޝާގެ އާއިލާ އިން ރޭވިކަމަކީ މިއީ ހެއްޔެވެ؟ މޮޅުގޮތެކެވެ. އެއްކަމެއް ނުވިޔަސް ދެފަރާތު އާއިލާގެ ގުޅުން ބަދަހިވާނެއެވެ.

"އަހަރެން ކައިރީގައި އެއްވެސް ކަމަކަށް އެދޭކަށް ނުޖެހޭނެ. މަންޝާއަކީ އަހަރެންގެ ދަރިއެއް. ޅީދަރިއެއް ނޫން. ކުރިންވެސް އެމަންޖެއަށް އަހަރެންގެ ހިތް ދިނިން. އަހަރެންގެ ނަޒާން އެމަންޖެދެކެ ދީވާނާއެއް ފަދައިން ލޯބިވާކަން އެނގުނު ހިނދުން ފެށިގެން އެ ލޯބި އިތުރަށް ދެގުނަވެއްޖެ"

މާޝިތާގެ ސާދާކަން ހާމަކޮށްދިނުމުން ދިލްޝާދަށް އުފަލުން ރޮވުނެވެ. މަޝިތާއަށް ޝުކުރުއަދާކުރިއެވެ.

ބާކީ ތިބި މީހުންވެސް ކަންތައްކުރީ ބޮޑެތި މީހުން ކުރި ފަދައިންނެވެ. ޒަވީ މަންޝާގެ ކައިވެނީގެ ހުއްދައަށް އެދުނީ ނަވާލްގެ ކިބައިންނެވެ. މަންޝާއަށް އެކުވެރިއެއް ފަދައިން، އަދި ބޭބެއެއް ފަދައިން ކަންތައްކޮށްދިނުމަށެވެ. އެންމެފަހު މީހަކަށް ހުރީ ނަޒާނެވެ. މަންޝާ ނަޒާނާ ދިމާލަށް ހިނގައިގަތެވެ. މަންޝާ ކުރިމަތީގައި ހުއްޓުމުން ލާނެއް ސަމާސާއެއްކޮށްލަން ނަޒާން ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ ފަހަތުގައި ތިބި އާއިލާ މީހުންނަށް އިހުތިރާމްކުރިއެވެ.

"ވާއު... އައިއޭމް ވެރީ އިމްރެސްޑް... ތިއީ ކާކު ދިން ހިޔާލެއް؟" މަންޝާއަށް ނަޒާން ބުންޏެވެ.

ނަޒާންގެ ކުރިމަތީގައި މަންޝާ އިށީނެވެ. ކުރިމައްޗަށް އަތްދިކޮށްލާފައި އޭނާ ދެތުންފަތް ފިއްތާލިއެވެ.

"ވިލް ޔޫ މެރީ މީ ޒާން... އައި ލަވް ޔޫ... ޕްލީޒް ސޭ ޔެސް"

ނަޒާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މިފަހަރު މަންޝާ ލަދުގަންނަވާލީ އޭނާގެ ނަޒަރުންނެވެ. މަންޝާ އިސްއޮބާލަންދެން ނަޒާން ހިފަހައްޓާލިއެވެ. މަންޝާ ލަދުގަތްކަން އެނގުމުން ނަޒާން މައިތިރިވިއެވެ. ދެން މަންޝާ އާ އެއް ހަމައެއްގައި އެއްފައި މައްޗަށް އިށީނދެފައި މަންޝާގެ އަތުގައި އޮތް އަނގޮޓި އޭނާގެ އިނގިލީގައި އަޅުވާށޭ ބުންޏެވެ.

"އަހަރެން ތިކަމަށް އެދޭތާ ކޮންދުވަހެއް. ފުރުސަތު ލިބުނީމަ އަހަރެން ފަހަތަށް ޖެހޭނެތަ؟ އެންމެ ރަނގަޅު މަން ބުނެބަލަ އަހަރެންގެ ދަރީންގެ މަންމައަކަށް ވާނަންތަ؟"

ނަޒާން އެހެން ބުނުމުން ފަހަތުގައި ތިބި އަންހެންވެރީން އަނގަމަތީގައި އަތްއެޅިއެވެ. ނަޒާންގެ އަތުގައި މަންޝާ ޖަހާލިއެވެ.

ދެން ފާއިތުވެގެން ދިޔައީ އުފާވެރި ވަގުތުތަކެކެވެ. އެއް ސުފުރާއެއް މަތީން އާއިލާގެ ހުރިހާ މެންބަރުން ރޭގަނޑުގެ ކެއުން ކެއެވެ. ކުރިއަށް އޮތް ބޮޑު ރެއާ ގުޅޭ ވާހަކަތައް ދެއްކިއެވެ. ކައިވެނި ކުރުން ހަމަޖެހިފައި އޮތީ އާމިރުގެ ރަހުމަތެރިއެއްގެ ރިސޯޓްގައި ކަމަށްވާތީ ފުރުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް ކިޔައިދިނެވެ.

"މަންޝާދައްތަ މާދަމާ ގެއަށް އަންނައްޗޭ ޑްރެސް ހެޔޮވަރުކުރަން" ނާޔާ ބުންޏެވެ. މަންޝާ ބޯޖަހާލިއެވެ. ދެން ލޯބިން ނާޔާގެ މޫނުގައި ފިރުމާލިއެވެ.

"ވަޓް؟؟ ދޮންތަ މާދަމާ އާދޭތަ؟" ތިއާ ބުންޏެވެ.

"ސާބަހޭ. ރީމާ ނަޔަސް އެހެދުން ލިބިދާނެއްނު" މާޝިތާ ބުންޏެވެ.

އަނެއް ދުވަހު ރީމާ އަންނަކަން ތިއާ ނޫން ހުރިހާ މީހުނަށް އޮތީ އެނގިފައެވެ. އެވަގުތުކޮޅުގައި ޔަލާ ބަލިވެ އިން ވާހަކަވެސް ދިލްޝާދު ހާމަކުރިއެވެ. ހުރިހާ މީހުން ޔަލާ އާއި މިހާދުގެ ދެމަފިރިންނަށް މަރުހަބާ ކިއެވެ.

"ބައި ދަ ވޭ... ބޮޑުމަންމާ، މިއީ ކާކުގެ ޕްލޭންއެއްތަ؟" ތިއާ އެހިއެވެ.

"ފަހަރި..." މަންޝާ ބުންޏެވެ.

"އަހަރެން ހަމައެކަނި ހިޔާލުދިނީ. މަންމަ އާއި ބައްޕަ ވަރަށް ފަސޭހައިން އޯކޭވެއްޖެ. މަންކޮ އޯކޭކުރަން ރޭގަ ހަތަރުދަމު އަހަރެން ނުނިދަން. ނަޒާންގެ ކުރިމަތީގައި އިށީނދެފައި މިހެންނޭ އެހެންނޭ ކިޔާނީ އެވަރަށް ކިއީމަވެސް އަޅެ ހިލާ އެއްބަހެއް ނުވިއެއްނު. ނުކެރޭނެއޯ. ވަރަށް ލަދުގަނެއޯ. އެތަނުގަ ހުންނާނެއޯ ނަވާލްވެސް ނަޒާންވެސް..." މަންޝާ އުޅުނުގޮތުގެ ވާހަކަ ޔަލާ އެންމެންނަށް ކިޔައިދިނެވެ.

"ލުކް ވެރީ ބިއުޓިފުލް" ފޯނަށް އައި މެސެޖް މަންޝާ ކިޔާލިއެވެ. ނަޒާން މެސެޖް ކުރަމުން ދިޔައީ ކުރިމަތީގައި އިނދެގެންނެވެ. މަންޝާ ނަޒާނަށް ބަލައިލިއެވެ.

"ޓޫ މިނެޓްސްއަށް އަހަރެންނާ ވަކިން ބައްދަލުކޮށްލަބަ... ޕްލީޒް..." ނަޒާން މެސެޖް ފޮނުވާލިއެވެ.

"ނޫން..." މަންޝާ ޖަވާބު ލިޔުނެވެ.

"ޕްލިޒް... އެންމެ ޓޫމިނެޓްސް. ހިނގާބަލަ މަށަށް ޓޮއިލެޓް ދައްކަން. ބަނޑު ސަކަރާތްވެއްޖެ"

މަންޝާއަށް ހެވުނެވެ. ކޮންމެ ބަހަނާއެއް ދައްކާފައި ނަމަވެސް ނަޒާން ބޭނުންވަނީ މަންޝާއާއެކު ކުޑަ ވަގުތުކޮޅެކެވެ.

"ތިއުޅެނީ ބަނޑެއް ނޫން ސަކަރާތްވެގެން. ޒާން... އެނގެއެއްނު ކުރީ ރެއެއްގަ ވީގޮތް. މިރޭވެސް އެހެން ވާންތަ ބޭނުމީ" މަންޝާ ބުންޏެވެ.

"އެހެނެއް ނުވާނެ. އައި ޕްރޮމިސް. ހިނގާބަލަ. ސެލްފީއެއް ނަގާށޭ ދެކުދިން އެކުގަ"

އެންމެފަހުން ނަޒާން މަންޝާ އެއްބަސްވިއެވެ.

އެވަގުތުކޮޅު ނަޒާނަށް ލިބުނީ ގެއަށްދާން ނުކުތް ވަގުތުގައެވެ. ހުރިހާ މީހުން ނައްޓާލި އިރުވެސް ނަޒާން ގޭތެރޭގައި ހުއްޓެވެ. ދެކުދީންނަށް ވަގުތުކޮޅެއް ދިނުމަށްފަހު ބާކީ ތިބި މީހުންވެސް ކޮޓަރިތަކަށް ވަނެވެ.

މަންޝާ ކައިރިއަށް ގޮސް ނަޒާން ހުއްޓުނުލެއް އަވަހެވެ. އެންމެ ބަހެއް ބުނާނެ ފުރުސަތެއްވެސް މަންޝާއަށް ނުދީ ނަޒާން މަންޝާގެ ގައިގައި ބައްދާލިއެވެ. ޖީބުން ފޯނު ނަގާފައި އެކުގައި ސެލްފީ އެއް ނެގިއެވެ.

"އަހަރެން ބުނީމެއްނު. އެމީހަކު ކަމަކަށް މާބޮޑަށް ހިތްއެދެންޏާ އެކަމެއް ކޮށްލަން ޖެހޭނެ. އަހަރެން ބޭނުންވި ކަންތައް މިކުރެވުނީ" ނަޒާން ބުންޏެވެ. މަންޝާގެ މޫނުގައި ނަޒާން ބޮސްދިނެވެ.

"ގުޑްނައިޓް ލަވް... މާދަމާ އަންނާނަން އިނގޭ ބަލާ..."

****

ޑޮކްޓަރަށް ދައްކާފައި ގެއަށް އައިސް ވަން ތިއާ ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ރީމާ ހުރީ ކުރިމަތީގައެވެ. ގަބޫލު ކުރަން ދަތިވެސް ވިއެވެ. އޭނާއަށް އަންގާވެސް ނުލައި ރީމާ އައިސް ހުއްޓަ ފެނުމުންނެވެ.

"ދޮންތާ... އަންގާވެސްނުލާ" ތިއާ ރީމާގެ ގައިގައި ބައްދާލިއެވެ.

"އަންގާލިނަމަ ދޮންތައަށް ތިއާގެ ތި ހެޕީ ފޭސް ފެންނާނީ ކިހިނެއް؟"

"ކޮބާ ބޭބީ؟ ދޮންތަބެވެސް އައިތަ؟" ތިއާ އެހިއެވެ.

"ދޭބަލަ މައްޗަށް. ނިދާފަ އޮތީ. ހޭލީމަ އެގެއަށް ދާންވެގެން މަޑުކުރީ. އެހެން ނޫނީ އަސްލު އޮތް ގޮތުން ވިއްޔާ ދޮންތަ ތިއާއަށް ފެންނަން ހަމަޖެހިފައި އޮތީ މިގަޑިއަކު ނޫން" ހީލަމުން ރީމާ ބުންޏެވެ.

ތިއާ އެރީ ސިޑިން މައްޗަށެވެ. ރީމާގެ ދަރިފުޅު ދެކިލާހިތުން އޭނާ ހުރީ ކެއްމަދުވެފައެވެ. ތިއާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ނަވާލަށެވެ.

"ދެން މެންދުރު ކައިގެން ދާން މަޑުކުރޭ. މިގެއަށް ގިނަފަހަރަށް އާދެވޭނީއެއް ނޫން"

ރީމާއަށް ފަނިތަށި ދިއްކޮށްލަމުން މާޝިތާ ބުންޏެވެ. އެ ތަށީގައި ހިފަމުން ސޯފާގައި ރީމާ އިށީނެވެ.

"މިފަހަރު މިއައީ އެހާ އަވަހަށް ދާކަށް ނޫން. ކުރިއަށް އޮތީ މަންކޮގެ ކައިވެނި. ތިއާ ވިހާ ދުވަސް ބޯމަތިވަނީ. އަނެއްކޮޅުން ޒަވީކޮއްކޮ އަންހެނުންވެސް އޭނީ ބަނޑުބޮޑުވެފަ. ހިތަށް މިއަރަނީ ދެން އެކޮޅަށް ދާނީ ޔަލާ ވިހެއިމަ"

****

ކައިވެނީގެ ފޯމު ފުރަން ހަމަޖައްސާފައި ތިބި މީހުން ހަމަވުމާއެކު ހަފުލާ ފަށައިފިއެވެ. މަންޝާ އިށީނދެގެން އިނީ އާމިރާއި ދިލްޝާދުގެ ދެމެދުގައެވެ. އޭނާގެ ހިތަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ދިމާލަށް ކުރިމަތީގައި އިނީ ނަޒާނެވެ. އެ ހަފްލާގައި ނަޒާނާއި އޭނާގެ އާއިލާ ބައިވެރިވީ ދެފަރާތު އާއިލާ މީހުންގެ މައުލޫމާތު ބޭނުންވާނެ ކަމަށް ފޯމު ފުރާ މީހުން ބުނެފައި އޮތުމުންނެވެ. އޭނާ އިނީ މަންޝާ ރަން ކިޔާނެ އިރެއްގެ އިންތިޒާރުގައެވެ. އެވަގުތުކޮޅަކީ އޭނާއަށް ވަރަށް މުހިންމު ވަގުތުކޮޅެކެވެ. އެހުރިހާ މީހުންގެ ތެރެއިން ކޮޅަށް ހުރީ ހަމައެކަނި ނާޔާއެވެ. ނަޒާންގެ ފޯނުން ނާޔާ ދިޔައީ ހުރިހާ މަންޒަރުތަކެއްގެ ފޮޓޯ ނަގައި ވީޑިއޯ ކުރަމުންނެވެ.

"ދަރިފުޅާ. ރަންކިޔުމުގެ ވަގުތު ޖެހިއްޖެ. އަވަހަށް ކޮންމެސް އަދަދެއް ބުނޭ" މަންޝާގެ ބޮލުގައި ފިރުމާލަމުން މިހާދު ބުންޏެވެ.

މަންޝާ އެސްފިޔަތައް އުފުލާލާފައި ކުރިމަތީގައި އިން ނަޒާނަށް ބަލައިލިއެވެ. ނަޒާން ބަލަހައްޓައިގެން އިނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ލޮލުގެ އިޝާރާތުން ނަޒާން މަންޝާއަށް އިޝާރާތެއްދިނެވެ. ބަސްމޮށުންތެރިކަމެއް ނެތަސް ނަޒާން ބުނަން ބޭނުންވީ ކީކޭ ކަން މަންޝާ ދެނެގަތެވެ. އެ ބަހުރުވައަކީ މަންޝާ އާއި ނަޒާން ފަދަ އެކަކު އަނެކަކުދެކެ ދީވާނާއެއް ފަދައިން ލޯބިވާ ލޯބިވެރިންނަށް ފަހުމުވާނޭ ފަދަ ބަހުރުވައެކެވެ.

"އެއްސަތޭކަ އެގާރަ ރުފިޔާ އެއް ލާރި" މަންޝާ ބުންޏެވެ.

މަންޝާގެ ދުލުން ބޭރުވި އަދަދު ކައިވެނީގެ ފޯމުގައި ލިޔެވިގެން ދިޔުމާއެކު ހުރިހާ މީހުންގެ ހެޔޮ ދުއާތައް ދެކުދީންނަށް ލިބިގެން ދިޔައެވެ.

"އެކަމު ދޮންބެ ކިހިނެއް އެއް ލާރި ހޯދާނީ" ނާޔާ ބުންޏެވެ.

"އެކަމާ ނާއްކޮ ނުވިސްނަބަލަ. އެނގިދާނެތާ މަންކޮއަށްޓަކައި ޒާން ކުރާ ހިތްވަރެއް" ރީމާ ބުންޏެވެ.

"ބިރުފަށެއްގަނެއްޖެ. އަހަރެން ހީކުރީ މަން ބުނާނީ ކަނޑަށް އެރޭށޭ ކަމަށް" ޔަލާ ބުންޏެވެ.

"އެއީ ޒާން. އަހަރެންގެ ޒާން. އަހަރެންނަށްޓަކައި ކަނޑައަށް ކީއްކުރަން. އަމިއްލަ ފުރާނަ ގުރުބާން ކުރަން ޖެހުނަސް އެއްވެސް ޝަކުވާއެއްނެތި އެކަން ކުރާނެ" އެހުރިހާ ވާހަކަތަކެއްވީ މަންޝާގެ ހިތުގައެވެ.

ރަން ކިޔުމަށް ހާއްސަކުރި ހަފްލާ ނިމި އެންމެން ގެއަށް ދާން މަގުމައްޗަށް ނުކުތް ވަގުތު މަންޝާ އާއި ޒަވީގެ އިތުރުން ޔަލާވެސް ނުކުމެ ހުއްޓެވެ. ނަޒާން މަޑުކޮށްގެން ހުރުމުން މަންޝާ ހިނިއައެވެ. އެހެންނަމަވެސް ޒަވީ އާއި ޔަލާ ހުރުމުން ނަޒާން ކައިރިއަށް ފިޔަވަޅެއް އަޅަން ނުކެރިފައި މަންޝާ ހުއްޓެވެ.

"ފަހަރިމެން އެތެރެއަށް ނުވަދެ ކިހިނެއްވެފަ. ވިއްސާރަ އަންނަން އުޅޭހެން ހީވަނީ"

ނަޒާން ބުނި އެއްޗަކުން ޒަވީ ހިނިގަނޑެއް ޖަހާލިއެވެ.

"ހިނގާ އެތެރެއަށް. މި ވިއްސާރައިގައި ހަމައެކަނި އިންނަން އުޅޭ ދެމީހަކު ތެމި ފޯވާނީ. އަހަރެމެންނަށްކަށް ނުވިސްނޭނެ.. ހިނގާ ދާން"

ޒަވީ ޔަލާއަށް ބުންޏެވެ. ޔަލާ މަންޝާގެ އަތުތެރެއަށް އަތް ލައްވާލިއެވެ. ހިނގައިގަތީ މަންޝާ ގޮވައިގެންނެވެ.

"އުޑުމަތި ސާފުވެއްޖެހެން ހީވަނީ" ނަޒާން ބުންޏެވެ. ޔަލާ ކައިރިއަށް އައީ ހިންޏެވެ. މަންޝާވެސް ހުރީ ހިނި އައިސްފައެވެ. އެގޮތަށް ނަޒާން ތަޅުވަން އޭނާ ދެރަވެސްވިއެވެ.

"ޒާން... އަހަރެމެން މިއީ މޮޔައިންނެއް ނޫނޭ. މެރީކުރެވެންދެން ތި ދެމީހުންނަށް ބައްދަލުކޮށް ނެހެދޭނެ އިނގޭ" ޔަލާ ބުންޏެވެ.

"ވަޓް؟؟ ރަންކިޔައިފިއެއްނު. މިހާރު އެއްބައި މިލްކުވާނެއްނު..." ނަޒާން ބުންޏެވެ. ހިނި އައިވަރުން މަންޝާ އަނގަމަތީގައި އަތްއެޅިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟