ވާހަކަ

ދީވާނާ ހިތް - 49

8

ނަޒާން ހިމޭންވިއެވެ. މަންޝާގެ ނަން ހިތަށް އެރުމާއެކު އެނާގެ ދެލޮލުން ރިހުމެއް ފާޅުވެލިއެވެ. އިސާހިތަކު ނަޒާންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާ މާޝިތާގެ ގައިގައި ބައްދައިގަތެވެ. ދެން ގިސްލާފައި ރޯންފެށިއެވެ. މާޝިތާ ދެލޯ މަރައި ބާރުކޮށްލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު އޭނާ ނަޒާން ރޯން ފުރުސަތުދީގެން ނަޒާންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

މާޝިތާ ހިތްހަމަޖެހުނެވެ. ނަޒާންގެ ސިކުނޑި ހަމަޔަކަށް އެޅިއްޖެކަން އޭނާއަށް ކަށަވަރުވިއެވެ. އެހާ އަވަހަށް ބުނި ބަސް ގަބޫލުކުރީ އެހެންވެއެވެ. ނަޒާންގެ އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބައިންދާފައި ނާޔާއަށް ގޮވިއެވެ. ނަޒާނަށް ތައްޔާރުކޮށްފައި ހުރި ކާއެއްޗެހި ތަށި ގެނެސްދޭން ބުންޏެވެ. މަންޝާ ކައިރީގައި އުޅުމަށްފަހު ތިއާ ގެއަށް އައީ އިރުއެރި ފަހުންނެވެ. އެހެންކަމުން އެވަގުތު ތިއާ އޮތީ ނިދައިފައެވެ. ނަވާލާއި އާމިރު ގޭގައި ނެތެވެ.

"ކައިގެން ހަމަޖެހިގެން ދޯ ދާނީ" މާޝިތާ ބުންޏެވެ.

ނަޒާން ކާހިތެއް ނެތެވެ. އަދިވެސް އިއްޔެގެ މަންޒަރުތައް ހީވަނީ އޭނާގެ ލޯ ކުރިމަތީގައި ތަކުރާރުވާހެންނެވެ. އެއީ ބިރުވެރި ވަގުތެކެވެ. މަންޝާގެ ފުރާނަ ސަލާމަތްވާނެކަމުގެ ޔަގީންކަމެއް އޭރުވެސް އޭނާއަށް ނެތެވެ. ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ.

"މަންމާ، އެއީ އަޅުގަނޑުގެ ފަރުވާކުޑަކަން. އެގެއަށް އަޅުގަނޑު ދިޔައީވެސް މަން ހިމާޔަތްކުރަން. އެކަމަކު... ހުރިހާ ކަމެއް ހިނގައި ދިޔައީ ވަރަށް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގަ. އޭނަ ހައްޔަރުކުރަން ގުޅައިގެން އުޅުނީ. މަން އެތެރެއަށް ވަނީ ދަބަސް ބަލައޭ ބުނެފަ. މަންވެސް ހުރީ އަހަރެންނާ އެކު އެގެއިން ނުކުންނަން ބޭނުންވެފަ. ބީޓު ކައިރިކުރާ ކަމަށް މައުލޫމާތު ލިބުނީމަ ގޭ ދޮރާ ހަމައަށް ނުކުންނަން އުޅުނު ވަގުތު އެތެރެއިން ހަޅޭއްލަވައިގަތް އަޑު އިވިއްޖެ. ދުވެފައި އެތެރެއަށް ވަންއިރު މަން ތިރިއަށް ދެމިއްޖެ. ވަޅި ހުރީ ބަނޑަށް ހަރާފަ. އަޅުގަނޑަށް އެވަގުތު ވީގޮތެއްވެސް ނޭނގުނު. ޝައިހާނު ހިފަހައްޓަން މަސައްކަތް ނުކުރެވުނު. މަން އެހީއަކަށް އެދި ތެޅިފޮޅެނީ. އެވަގުތު އެތަނުގައި ހުރި މަންގެ އެކުވެރިޔާވެސް އެ މަންޒަރު ފެނުމާއެކު ހެއަށް ގޮތްވެއްޖެ"

ނަޒާން ހުރިހާ ވާހަކަތަކެއް މާޝިތާއަށް ކިޔައިދިނެވެ. އެ ވާހަކަތަކުން މާޝިތާގެ ހިތަށްވެސް ނުހަނު އަސަރު ކުރިއެވެ. ނަޒާންގެ މޫނުގައި ލޯތްބާއެކު މާޝިތާ ފިރުމާލިއެވެ.

"ހިތަށް އަރަނީ ޝައިހާނު ރައްކާވީވެސް އަޅުގަނޑުގެ ސަބަބުންނޭ. މަން މަރުގެ ތުންފަތް މައްޗަށް ދިޔައީވެސް އަޅުގަނޑުގެ ސަބަބުންނޭ"

"ތިގޮތަށް ނުވިސްނާ. ކާއެއްޗެއް ކައިގެން ހިނގާ ދަމާ ހޮސްޕިޓަލަށް. ދަރިފުޅަށް އެނގޭތަ މަންޝާގެ އޮޕަރޭޝަން ކާމިޔާބު. ރަނގަޅުވާން ދުވަސްނަގާނެއްނު" މާޝިތާ ބުންޏެވެ.

ނަޒާނަށް ކެވުނީ އެންމެ ސަމްސަލެކެވެ. މާޝިތާގެ އަތް އޭނާ ދުރަށް ޖައްސައިފިއެވެ. ތެދުވެގެން ދާން އުޅުމުން މާޝިތާ މިފަހަރު އޭނާ ނުހިފެހެއްޓިއެވެ. އެކުއްޖާ ފެންތަށީގައިވެސް އަތްނުލިއެވެ.

"ބަނޑުހައެއްނުވޭ. ފެނެއްވެސް ނުބޮވާ. އަޅުގަނޑު ދަންތަ މަންމާ. މަންމަ ރެޑީވާން ވަގުތު ނަގާނެއްނު" ނަޒާން ބުންޏެވެ.

*******

ނަޒާން ވަދެގެން ގޮސް ހުއްޓުނީ އައިސީޔޫ ދޮރުމަތީގައެވެ. މަންޝާގެ އާއިލާ މީހަކު އެތަނުން އޭނާއަށް ނުފެނުނެވެ. އެތެރެއަށް ވަނުމުގެ ހުއްދަ ލިބުމާއެކު ނަޒާން އެތެރެއަށް ވަނެވެ. މަންޝާ އޮތް އެނދާ ހަމައަށް ދެވުމާއެކު ނަޒާންގެ ހިތް ހީވީ ފަޅައިގެންދިޔަހެންނެވެ. މަންޝާގެ ދެލޯ ވަނީ މެރިފައެވެ. އެއްވެސް ދިރުމެއް މޫނުގައި ނެތެވެ. އަނގައިގެ ތެރެއަށް ހޮޅިއެއް ލައްވާފައި އޮތްއިރު ތުންފަތް އޮތީ އެއް އަރިއަކަށް ދެމިފައެވެ. މޫނުކޮޅު ނޫނީ މަންޝާގެ ހަށިގަނޑުގެ އެއްވެސް ހިސާބެއް ހާމަވާކަށް ނެތެވެ. ނަޒާން މަޑުމަޑުން މަންޝާގެ މޫނުގައި ފިރުމާލިއެވެ. ގުދުވެފައި މަންޝާގެ މޫނުގައި ބޮސްދިނެވެ. ފެންނަން ނެތަސް މަންޝާގެ ހަށިގަނޑުގައި ބޮޑު ޒަހަމެއް ހުންނާނެކަން އެނގުނު ހިނދު ނަޒާންގެ ހިތަށް ތަދުވިއެވެ. ހުދުކުލައިގެ ފޮތިގަނޑު ދަށުގައި އޮތް މަންޝާގެ އަތްތިލައިގައި ނަޒާން ހިފަހައްޓާލިއެވެ. މަޑު ކަފަކޮޅެއްފަދަ އެ އަތްތިލައިން ނަޒާނަށް އިހުސާސްވީ ކުރަކި ކަމެވެ. އަތުގައި ދުޅަކަމެއް ހުއްޓެވެ. މަންޝާގެ އަތުގައިވެސް ނަޒާން ބޮސްދިނެވެ. މަންޝާގެ އަތްތިލައިގައި އޭނާ ފިރުމަމުން ދިޔައިރު ކަރުނަ ތިއްކަކަށްފަހު ތިއްކެއް އޭނާގެ ލޮލުން ފައިބަމުން ދިޔައެވެ.

"ސޮރީ.... ސޮރީ މައި ލަވް. އަހަރެން ފެއިލްވެއްޖެ. އަހަރެންނަށް ރައްކާތެރިކަމެއް ނުދެވުނު. އައިމް ސޮރީ" ނަޒާން ބުންޏެވެ.

އޭނާގެ އެ ވާހަކަތައް މަންޝާއަށް އިވޭނެ ކަމެއް ނުވަތަ ނޫންކަމެއް އޭނާއަށް ޔަގީން ނުވިޔަސް އުންމީދުކުރީ އިވޭނެ ކަމަށެވެ.

ދޮރުން ނުކުތުމާއެކު ނަޒާނަށް އެރުނީ އެތެރެއަށް ވަންނަން އައި ޒަވީ އާއި ދިލްޝާދު ކުރިމައްޗަށެވެ.

"އަހަރެން ވާހަކަދައްކާލަން ބޭނުން" ދިލްޝާދު ވާހަކަދެއްކިއެވެ. ނަޒާން ބޯޖަހާލިއެވެ.

މަންޝާ ދެކިލުމަށް ދިލްޝާދު އެތެރެއަށް ވަދެފައި ނުކުންނަންދެން ޒަވީ ކައިރީގައި ނަޒާން މަޑުކޮށްގެން ހުއްޓެވެ. އޭނާގެ ދުލުގައި ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. ވާހަކަ ފަށާނެ ގޮތެއްވެސް އޭނާއަށް ނޭނގުނެވެ.

"މިހާދުބެ މިހާރު ކިހިނެއް؟" ނަޒާން އެހިއެވެ.

"ރަނގަޅު. ފަތިހު ގެއަށް ދޫކޮށްލައިފި. އަދިވެސް ވާހަކައެއް ނުދައްކާ. އަބަދު ރޮނީ. އެއްކޮށް ފިޓް ނުވަނީސް މިތަނަށް ނުގެންނަން މިހުންނަނީ" ޒަވީ ބުންޏެވެ.

*****

ހޮސްޕިޓަލުގެ ކެފޭއެއްގައި ދިލްޝާދާއި ޒަވީގެ އިތުރުން ނަޒާން އިނެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު އެއީ މަންޝާ ކައިރިއަށް މާޝިތާވެސް ޒިޔާރަތްކުރި ވަގުތުކަމުން އެމީހުންނާ އެކުގައި މާޝިތާވެސް ބައިވެރިވިއެވެ.

"އަހަރެންނަށް ނޭނގޭ ވަރަށް ބައިވަރު ކަންކަން އެބަހުރި ދޯ. ނަޒާނަށް އެނގެނީ ކިހާވަރަކަށް. އަހަރެން ކިޔައިދެވިދާނެތަ؟ ހަގީގަތުގަ އަހަރެން ބޭނުންވަނީ މަންޝާ ކައިރީގައި އަހަން. އެކަމަކު އެކުއްޖާ އެ އޮތީ އަހަރެން ކުރާ ސުވާލުތަކުގެ ޖަވާބުދެވޭނެ ފަދަ ހާލަތެއްގައެއް ނޫން. އެ ޖަވާބު ދޭން އެކުއްޖާ ލޯ ހުޅުވާލާނެ ކަމެއްވެސް ނޭނގޭ" ދިލްޝާދަށް ރޮވުނެވެ.

ކައިރީގައި އިން މާޝިތާ ދިލްޝާދުގެ އަތުގައި ހިފާލިއެވެ. ﷲ ގެ ރަހްމަތުން އުންމީދު ކަނޑާނުލުމަށް ބުންޏެވެ.

"އަޅުގަނޑަށްވެސް މާބޮޑު އެއްޗެއް ނޭނގެ. އެނގުނު އެއްޗެއް އެނގުނީ ތިގެއަށް ކާން ދިޔަ ރޭގަ މަންޝާ އާއި ޝައިހާނާ ދެމީހުން ދެމެދުގަ ދެކެވުނު ވާހަކައިގެ ތެރެއިން. އަޅުގަނޑު އެރޭ މަންޝާ އާ ބައްދަލުކުރިން. ޝައިހާނުގެ ގޯސް އެއްވެސް ވާހަކައެއް މަން ނުބުނޭ. އެކަމަކު އޭގެފަހުން ތިއާ ބުނި ވާހަކައެއްގެ ސަބަބުން އަނެއް ދުވަހު އަޅުގަނޑު ހަމްރާ އާ ބައްދަލުކުރީ. ހަމްރާ ދެއްކި ވާހަކަތަކުން އެނގުނީ މަންޝާ ނުރައްކަލެއްގެ ތެރޭގައި އުޅޭކަން" ހަމްރާގެ ފަރާތުން އެނގުނު ވާހަކަތައް ނަޒާން ކިޔައިދިނެވެ.

ފަހުން ގޭތެރޭގައި ހިނގައި ދިޔަ ކަންތައްތައްވެސް ނަޒާން ކިޔައިދިނެވެ. ކައިވެނީގެ ކުރިން ޝައިހާނަކީ ކޮންކަހަލަ މީހެއްކަން މަންޝާއަށް ކިޔައިދިން ވާހަކަ ނަޒާން ހާމަނުކުރިއެވެ. މަންޝާ ގޯސްކުރަން އޭނާ ބޭނުންނުވިއެވެ.

ދިލްޝާދަށް ރޮވުނެވެ. އެހިނދު ޒަވީ ދިލްޝާދުގެ ކޮނޑުގައި ހިފައި ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

"ޑޮކްޓަރުން އުންމީދު ކަނޑާނުލައެއްނު މަންމާ. އަދި އަޅުގަނޑުމެންނާއެކު އުފަލުގަ މަން އުޅޭނެ" ޒަވީ ބުންޏެވެ.

"މިއީ އަހަރެންގެ ފަރުވާކުޑަކަން. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންނަށް ޝައްކުވި. މަންޝާ އެކައިވެނިކުރަން ވަރަށް ބޮޑަށް ބޭނުންވާހެން އަހަރެންނަށް ހީވީ. އެހެންވެ ދަރިފުޅަށް ގަދައެއް ނުދައްކަން އަހަރެން ހިމޭނުން ހުރީ. އަހަރެން ހިއެއްނުކުރަން އެ ޝައިހާނަކީ އެހާ ނުބައި ނުލަފާ އިންސާނެއް ކަމަކަށް. އަހަރެން ދުވަހަކުވެސް އެ އިންސާނާއަށް ހިތްހެވެއް ނުވާނެ"

"އޭނަ ހައްޔަރުކޮށްފި. ވަން ވޭ ފަޅާފައި ދަނިކޮށް ފުލުހުން މަޑުކުރަން ބުނީމަ މަޑުނުކޮށް ދުއްވާފައި ދަނިކޮށް އެއްޗެއްގަ ޖެހުނީ" ނަޒާން ބުންޏެވެ.

******

ނަޒާނަށް ފޯނެއް އައީ އޭނާ އޮފީހުގައި އުޅުނު ވަގުތުގައެވެ. މާބުރަ ދުވަހެއް ނޫނެވެ. ޒަވީގެ ނަން އަރާފައި އޮތުމުން ނަޒާންގެ ހިތްތެޅިލިއެވެ. މަންޝާއަށް ކަމެއްވީބާއޭ ހިތަށް އެރިއެވެ. ތިން ދުވަސް ވެގެން ދިޔައިރު މަންޝާގެ ހާލަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ހިތްބިރުގަތީ ހިތަށް އެރި ނުބައި އެއްޗެއްގެ ސަބަބުންނެވެ.

"ބައްދަލުކޮށްލަން. އާދެވޭނެތަ؟" ނަޒާން ފޯނު ނެގުމާއެކު ޒަވީ ބުންޏެވެ.

ގޭތެރެއަށް ވަންއިރު ޒަވީގެ އާއިލާ ސޯފާގައި މަޑުކޮށްގެން ތިއްބެވެ. ހީވާގޮތުން އެހުރިހާ މީހުން ތިބީ ނަޒާންގެ އިންތިޒާރުގައެވެ. މަންޝާގެ ހަބަރެއް ގޭތެރެއިން ނުވާނެކަން އެނގޭއިރުވެސް ނަޒާންގެ ދެލޯ ގޭތެރެ ހޯދާލިއެވެ. ގޭތެރޭގެ ކޮންމެސް ދިމާލަކުން މަންޝާގެ ހިޔަނި ނަމަވެސް ފެނިދާނެއޭ ހީވިއެވެ.

"މަން ރަނގަޅުތަ؟" ފުރަތަމަވެސް ނަޒާނަށް އެހުނީ މަންޝާގެ ވާހަކައެވެ. ސޯފާގައި އިން ދިލްޝާދު ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ހަގީގަތުގައިވެސް މަންޝާދެކެ ނަޒާނަށް ވުރެ ބޮޑަށް ލޯބިވާ އެހެން ޒުވާނަކު ނެތެވެ. އެއްވެސް ކަމެއް ބަދަލު ނުވިނަމައެވެ.

"އަލްހަމްދުލިއްލާހް. މަން ގޯހެއް ނޫން. ބައްޕަ ދެންމެ ގުޅާފަ ބުނި ޑޮކްޓަރުގެ ހުއްދަ ލިބުނު ވާހަކަ. ވީހާވެސް އަވަހަކަށް ފުރޭތޯ މިއުޅެނީ. ފަޅާފައި ހުރިތަނުގަ އިންފެކްޝަނެއް އުފެދިދާނެކަމުގެ ބިރު އެބައޮތް. އެ ޒަހަމް ފަހާފައެއް ނޫން ހުރީ. ހުރީ ހުޅުވާލާފަ. ބަނޑުން ލޯވަޅެއް އަޅާފައި ގޮހޮރުން ބައެއް އޮތީ ބޭރުގަ. ގޮހޮރަށްވެސް ވަނީ ގެއްލުންތަކެއްވެފަ. ޑޮކްޓަރު ބުނީ އަދިވެސް ސީރިޔަސް ކަމަށް. ހުމެއް އައިސްފިނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނި"

ޒަވީގެ ވާހަތަކުން ނަޒާން އިސްޖެހިއެވެ. ހިތަށް ލިބިގެންދިޔަ އިންތިހާދަރަޖައިގެ ވޭނެއްގެ ސަބަބުން ނަޒާނަށް ކަރުނަތައް ހިފަހައްޓަން އުނދަގޫވިއެވެ. މޫނުމަތީގައި ދެއަތް އެޅިގޮތަށް ޒަވީއަށް މޫނު ފޮރުވީ ހިތަށް ކެތްނުވެގެންނެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުވެގެން ދިޔުމާއެކު ނަޒާނަށް ގިސްލެވެން ފެށުނެވެ. ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟ އެއްފަރާތުގައި ދިލްޝާދު އިނދެގެން ރޮމުން ދިޔައެވެ. އެއީ މަންޝާގެ މައިމީހާއެވެ. އަނެއްފަރާތުގައި ނަޒާނެވެ. އާއިލީ ގުޅުމެއް އުފެދިފައި އޮތީ ހަމައެކަނި ތިއާ ގެ ސަބަބުންނެވެ. އެހެންނަމަވެސް މަންޝާދެކެ ނުހަނު ލޯބިވާ ޒުވާނެކެވެ. ފިރިހެނެކެވެ. ކަންއެހެން އޮތްއިރުވެސް މަންޝާގެ ހާލަށްޓަކައި ނަޒާން އެދަނީ ރޮމުންނެވެ. ފިރިހެނެއްގެ ދެލޮލުން ކަރުނައެއް ފާޅުވާނީ ޔަގީނުންވެސް އެހިތުގައި ކެތްނުވާދަރަޖައަށް ވޭންއެޅުމުންނެވެ.

"ހިތްވަރުކުރޭ. ﷲ އިރާދަކުރެއްވިއްޔާ ގޯހެއްނުވާނެ" ނަޒާންގެ ކޮނޑުގައި ޖަހައިލަމުން ޒަވީ ބުންޏެވެ.

ނަޒާން ވަރަށް ހިތްވަރުކުރިއެވެ. އޭނަ ހަނދާނަށް އައީ މާޝިތާ ދިން ނަސޭހަތެކެވެ. މުސީބާތުގެ ވަގުތުގައި ރޮއެ ހޭރުމެއް ނޯވެއެވެ. އޮތީ ކެތްތެރިވުމެވެ. އެކަން އޭނާގެ ހަނދާނުން ކައްސާލިއެވެ.

"އެގެ ބަލައި ފާސްކޮށް ހޯދާފައި ހުރި އެއްޗެހި މީގަ މިހުރީ" ނަޒާން ގެނައި ހުދުކުލައިގެ ބޮޑު ސިޓީއުރައެއް ޒަވީ އަތަށް ދިއްކޮށްލަމުން ބުންޏެވެ. ސިތީއުރައިގެ އެތެރެ ޒަވީ ބަލައިލިއެވެ. އެއީ މަންޝާގެ ކައިވެނީގެ ސެޓްފިކެޓެވެ. ދެން އޮތީ މަންޝާގެ އައިޑީ ކާޑެވެ.

"ތި ހުރިހާއެއްޗެއް ޝައިހާން ހުރީ ފޮރުވާފަ. އެއީ މަން ވަރިވާން ކޯޓަށް ފޯމު ލައިފާނެ ކަމަށް. އިއްޔެގަ އޭނަ ތަހުގީގަށް މާލެ ގެނައި. މައްސަލަ ބަލަނީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. ބުނި ޝައިހާން ބުނި ކަމަށް މަންޝާ އެހުރީ ވަރިކޮށްފައޭ. ވަޅިހެރީ މަރާށޭ ބުނި ކަމަށް. އޭނައަށް މަންޝާގެ ލޯބި ނުލިބުނީތީ އެހެން މީހަކަށްވެސް ލިބެން ނޭދޭތީ ކަމަށް. ފުރުސަތު ލިބުނުނަމަ ހަށިގަނޑު ކޮށާވެސްލީމުހޭ. ބާކީ ތިބި ދެމީހުންވެސް އަތުގަ ޖެހުނުނަމަ ބުރިބުރި ކުރާނަމޭވެސް ބުނި ކަމަށް. ސަލާމަތްވެގެން އާދެވުނިއްޔާ އަދިވެސް މަންޝާ ހޯދަން ދާނަމޭ ބުނި"

"ހުރިހާ ކަމަކަށް ވުރެ މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ބޮޑު" ޒަވީ ހިތްހަމަނުޖެހުނެވެ.

******

ދުވަހުގެ ހަވީރު ވަގުތެވެ. ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ މީހުން ތިއްބެވެ. އައިސީޔޫގައި ތިބި ބަލި މީހުން ކައިރިއަށް ވަދެވޭ ވަގުތު ކައިރިވާތީ ފުދޭވަރަކަށް މީހުން ތިއްބެވެ. ދިލްޝާދުގެ މުޅި އާއިލާ އެތަނުގައި އޮތެވެ. ދެފަރާތުގެ އާއިލާ އެހެން މެންބަރުންވެސް ތިއްބެވެ. ކުއްލިއަކަށް ދިލްޝާދު ބަލައިލީ ކަންފަތުގައި އަންހެނެއްގެ ރުއިމުގެ އަޑި ޖެހުނުހެން ހީވެގެންނެވެ. ބަލައިލިރު އިރު އުމުރުން ދުވަސްވީ އަންހެނެއް އޭނާ ހުރި ދިމާލަށް އަންނަމުން ދިޔައެވެ. އޭނާގެ އެއްފަރާތުގައި ހަމްރާ ހުއްޓެވެ. އަނެއްފަރާތުގައި އަންހެން މީހާގެ އަތުގައި ހިފަހައްޓައިގެން ހުރީ ހަމްރާގެ މަންމަ އަގުލީމާ ކަން ދިލްޝާދަށް އެނގުނެވެ. ނޭނގުނީ އެ އަންހެންމީހާ އަކީ ކާކު ކަމެވެ.

"އަހަރެން ވައްދަބަލަ މަގޭ ދަރި ކައިރިއަށް. އެއީ މަގޭ ދަރިފުޅު.... މަގޭ މަންނނނޝާ..." ރޮވޭވަރުން ސަމާހާއަށް ވާހަކަދައްކަން ދަތިވިއެވެ.

ހިތަށް ކޮށްފައިވާ އަސަރެއްގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑުވެސް ތުރުތުރު އަޅަމުން ދިޔައެވެ. ދިލްޝާދަށް އެއީ ކާކު ކަމެއް ނޭނގުނެވެ. އެހެންނަމަވެސް ސަމާހާ އެތެރެއަށް ވަންނާކަށް އޭނާ ދެކޮޅެއްވެސް ނުހަދައެވެ. އެވަގުތު އެތެރެއިން ނުކުތީ އާމިރެވެ. ސަމާހާއަށް އެތެރެއަށް ވަންނަން ފުރުސަތު ލިބުނީ ދެނެވެ. ސަމާހާއަށް އެކަނި ކޮޅަށް ހުރެވޭވަރު ނުވާތީ އޭނާ ގޮވައިގެން އެތެރެއަށް ވަނީ ހަމްރާއެވެ.

"ކާކު އެއީ؟" ދިލްޝާދު ސުވާލުކުރީ އަގުލީމާއާއެވެ.

"އެއީ މަންޝާގެ މައިދައިތަ" އަގުލީމާ ބުންޏެވެ.

ފުރަތަމަ ދިލްޝާދު ހިތްހަމަނުޖެހުނެވެ. ޝައިހާނާ ގުޅުން ހުރި ކޮންމެ އެއްޗެއްދެކެ ދިލްޝާދަށް ނަފުރަތުކުރެވެން ފަށައިފިއެވެ. ސަމާހާއަށްވެސް މެއެވެ.

"ސަމާހާއަކީ ބަލިމަޑު މީހެއް. މަރުހޫމު ފިރިމީހާގެ އާއިލާ މީހެއް ދިރިއުޅޭ ރަށުގެ ފަސްގަނޑުގައި ދެފައި ޖެހުމާއެކު މިހަބަރު އޭނައަށް ލިބިއްޖެ. ވަގުތުން ފުރައިގެން އެ އައީ. ސަމާހާ ބޭނުންވޭ އެމަންޖެގެ އާއިލާ މީހުންނާ ބައްދަލުކުރަން"

ސަމާހާއަށް ދިލްޝާދު ފުރުސަތު ދިނެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް ސަމާހާގެ ވާހަކަތައް އަހަން އެނާ ބޭނުންވިއެވެ. ދިލްޝާދާއި މިހާދުގެ އިތުރުން ޒަވީ މަޑުކޮށްގެން ތިބީ މީހުން މަދު ހިސާބެއްގައެވެ. ސަމާހާއަށް ކޮޅަށް ނުހުރެވޭ ވަރު ވުމުން އަގުލީމާ ގެނެސްދިނީ ބަލި މީހުން އިށީނުމަށް ހާއްސަކޮށްފައިވާ ގޮނޑިއެކެވެ. މަންޝާގެ އާއިލާ މީހުންގެ ހިތްހަލާލު ނުލިބޭހާ ހިނދެއްގައި ހޮސްޕިޓަލުން ބޭރަށް އެންމެ ފިޔަވަޅެއްވެސް ނާޅާނެ ކަމަށް ސަމާހާ އޮތީ ބުނެފައެވެ.

"އެންމެ ފުރަތަމަ ޝައިހާން މަންޝާ ގޮވައިގެން އަހަރެން ކައިރިއަށް އައި އިރު އަހަރެން އޮތީ ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ. ޝައިހާނުގެ ގޮތް އަހަރެން އެނގޭތީ އެދުވަހުވެސް އަހަރެން ބުނިން މަންޝާ ކައިރީގަ ޝައިހާނާ ކައިރިނުވާށޭ. އެކަމަކު ފަހުން ޝައިހާން މަންޝާ ކައިރީގައި ދެއްކީ ކޮންކަހަލަ ވާހަކަތަކެއް ކަމެއް ނޭނގޭ. އޭގެފަހުން އަހަރެން މަންޝާ އާ ބައްދަލުކުރަން މަސައްކަތް ކުރިން. ކިތައް ދުވަހު އަހަރެން ކޮޓަރިއަށް ލާފަ ތަޅުލާފަ ބެހެއްޓީ. އޭނާއަކީ ކޮންކަހަލަ މީހެއްކަން މަންޝާގެ އާއިލާއަށް ކިޔައިދޭނަމޭ ބުނިކަމަށްޓަކައި. ޝައިހާނު އަހަރެންނަށް ފުރުސަތެއް ނުދިން. ލެއްވިހާ ނުބައި ކަމެއް ޝައިހާނު ކުރޭ. އަހަރެންނަކަށް ނޭނގޭ އަހަރެން އޭނައަށް ދިން ތަރުބިއްޔަތުގަ އުނިވީ ކޮންކަމެއް ކަމެއް. އުމުރުން ދިހަ އަހަރުން ފެށިގެން ނަމާދުކުރުވަން ފަށައިފިން. ގުރުއާން ކިޔަވައިދިނިން. ރަނގަޅު ގޮތާއި ނުބައި ގޮތް ބުނެދިނިން. މިނިވަންކަން ދިނީ ވަކި ހައްދެއްގެ ތެރެއިން. އެކަމަކު ފަހުން އަހަރެން ބަލި މީހަކަށްވެ ނުތެދުވެވޭވަރުވީމަ އެކުއްޖާ ކުރިމަތީގައި އަހަރެން މީހަކަށްނުވި. މަގު އޮޅުނީ އެހިސާބުން. ޝައިހާނުގެ ފަހަތުން ދަނޑި ބުރި ހިފައިގެން އުޅެވޭ ވަރަށް ވުރެ އަހަރެން ބަލިމީހަކަށް ވެއްޖެ. މަންޝާއަށް ރަނުގެ ގޮތުގައި ދިން ފައިސާއަކީވެސް އަހަރެން އަތުން އަތުލައިގެންދިޔަ ފައިސާ. ބޯލާނެ އެތިކޮޅެއް ނުލިބުނީމަ އެރޭވެސް ހުރީ ހަމައިގައެއް ނޫން. މަންޝާ ގެއަށް އައި ރޭ އެކުއްޖާފުޅަށް ކުޅިސަމާ ދައްކާލައިފި. ކޮންމެ ހާލެއްގައިވެސް އަހަރެން މަންޝާ ހިމާޔަތް ކުރަން މަސައްކަތް ކުރިން. އަވަހަށް މައިންބަފައިންގެ ގެއަށް ދާން ނަސޭހަތްތެރިވިން. މަންޝާ އެއްބަސްނުވި. އެނާގެ މައިންބަފައިންނަށް އެކަން އެނގި ޝޮކެއް ލިބިދާނެ ކަމަށްޓަކައި. އެއީ ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް. އެންމެފަހުން އަހަރެމެންގެ ދެމައިން ވާހަކަދެއްކީ ދެމައިންވެސް އެގެއިން ދާން. ބޯޓު ފުރާތީ ކުރިން ގެއިން ނުކުތީ އަހަރެން. ޝައިހާނު އެވަރުގެ ނުބައި ކަމެއް އެކުރީ ގެއިން ނުކުތުމުގެ ތައްޔާރީތައް މަންޝާ ވަމުންދަނިކޮށް. ހައްގު އީމާނަށްޓަކައި މިބުނަނީ. މިހިނގާދިޔަ ކަންތަކުގަ އަހަރެންގެ އެއްވެސް އިހުމާލެއްވާ ކަމަށް މި އާއިލާގެ އެއްވެސް މީހަކަށް ހީވާކަމަށްވަންޏާ އަހަރެން މައާފަށް އެދެން" އަސަރާއެކު ސަމާހާ ވާހަކަދެއްކިއެވެ.

އިވިގެންދިޔަ ވާހަތަކާއެކު ދިލްޝާދު ބަހެއްނުކިއިފައި އިނަސް މިހާދު ސަމާހާއަށް މައާފުދިނެވެ. ޝައިހާނު ކުރި އަމަލެއްގެ ޒިންމާ ޝައިހާންގެ އުމުރުން ދުވަސްވެފައި އިން މައިމީހާ ނަގަންޖެހޭ އެއްވެސް ހަމައެއް އޮވެގެން ނުވާނެއެވެ. ސަމާހާ ދެއްކި ވާހަތަކުން މަންޝާއަށް މައެއްގެ ލޯބި ސަމާހާ ދިންކަން މިހާދަށް އެނގުނެވެ. މަންޝާގެ މުޅި އާއިލާވެސް ސަމާހާއަށް ހިތްހެޔޮ ކުރިއެވެ.

"ދައްތައަށް އަހަރެމެންގެ ހިތްބުރައެއް ނޫން. އެކަމަކު ޝައިހާނަށް ދުވަހަކުވެސް ހިތްހެވެއް ނުކުރާނަން. ދައުވާވެސް ކުރާނަން. ޖަލުން ސަލާމަތްނުވެ މުޅި އުމުރަށް އުޅުނިއްޔާ އޭނައަށް ފުރާނަ ސަލާމަތްކޮށްގެން ހުރެވޭނީ" މަޑުމަޑުން ބުނި ނަމަވެސް ޒަވީ ބުނި ޖުމްލައިގައި އިންޒާރެއްގެ އަސަރު ވިއެވެ.

****

ޖެހިގެން އައި ދުވަހުގެ ރެއެވެ. ދޮރުމަތީގައި ހުރި ނަޒާންގެ އަތުގައި މާޝިތާ ހިފަހައްޓާލިއެވެ. ފަހުވަގުތުގައި މަންޝާގެ އާއިލާއާ އެކު ދާން ނަޒާން ދިހަ ދުވަހުގެ ޗުއްޓީއެއް ނަގައިފިއެވެ. ނަޒާން ހިފަހައްޓަން މާޝިތާ މަސައްކަތެއް ނުކުރެއެވެ.

"ﷲ އިރާދަކުރެއްވިއްޔާ އެނބުރި އަންނާނީ މަން ގޮވައިގެން" ނަޒާން ބުންޏެވެ. އޭނާގެ ހިތުގައި އުންމީދެއް ވިއެވެ.

"ސާބަހޭ މަގޭ ދަރިފުޅާ. މަންމަ އިންތިޒާރު ކުރާނަން ދަރިފުޅުމެންނަށް. އަންނަންވާ އިރަށް ކައިވެންޏަށްވެސް ތައްޔާރުކުރާނަން" މާޝިތާ ބުންޏެވެ.

"މަންޝާއަށް ހޭލެވި ރަނގަޅަށް ވާހަކަދެކެވެން ފެށުމުން މި އަނގޮޓި މަންމަގެ ފަރާތުން މަންޝާގެ އިނގިލީގައި އަޅުވާދެއްޗޭ. ބުނެދޭތީ މަންމަގެ ދަރިފުޅަކަށް ވެގެން މިގެއަށް އަންނާށޭ" މާޝިތާ ބުންޏެވެ.

ނަޒާން ބޯޖަހާލިއެވެ. ދުވަހަކުވެސް ހިތަށް ނުލިބޭހޭ ހިތްހަމަޖެހުން ނަޒާނަށް ލިބިފައިވި ކަހަލައެވެ. އުފާވެރި މުސްތަގުބަލެއްގެ ހުޅުކޮޅު އޭނާގެ ދެލޮލުން ފާޅުވާން ހުއްޓެވެ. އުފާވެރިކަމަކީ ހޯދަން އުޅެގެން ލިބޭނެ އެއްޗެކެވެ. މަންޝާ އޭނާއަށް ލިބޭނެކަމުގެ އުންމީދު އޭނާ ދޫކޮށެއް ނުލައެވެ.

ގެއިން ނުކުމެގެން ސައިކަލާ ދިމާލަށް ދިޔައިރު ނަޒާންގެ ހިތް ބުނަމުން ދިޔައެވެ.

"މަން.. މަގޭ ޖާނާ. އަހަރެންނާ އެތައް މޭލެއް ދުރުގައި މަން ހުންނަން އަހަރެންނަށް ރުހެވޭނީ ކިހިނެއް؟ ބުނީމެއްނު މަން ދިޔަތަނަކަށް އަހަރެންގެ ހިތްދާނޭ. އައި ލަވް ޔޫ.... މާތްﷲ އަވަސް ޝިފާއެއް މަންއަށް ދެއްވާށި.. އާމީން..."

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟