ވާހަކަ

ދީވާނާ ހިތް - 44

3

މަންޝާ ސައިކަލުން ފައިބަން އުޅުމުން ޝައިހާނު ދެކޮޅުހެދިއެވެ. ސައިކަލުން ނުފޭބުމަށް ޝައިހާން އަމުރުކުރިއެވެ. މަންޝާ ހިމޭންވެފައި އިސްޖަހައިގެން އިނެވެ. އޭނާގެ ހިތުގައި އެބަ ވޭންއަޅައެވެ. ދެލޮލުގައި ކަރުނައެއް ނެތެވެ. އެކަމަކު އޭނާގެ ހިތް އެބަރޮއެވެ. ގެއާ ހަމައަށް ދެވެންދެން މަންޝާ އެއްވެސް ބަހެއް ނުކިޔައެވެ. ސައިކަލުން ފައިބައިގެން ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

******

ކޮޓަރީގައި އޮތް ސަމާހާ ނިކުތީ ގޭތެރެއިން އަޑުފަށްގަނޑެއް އިވުމުންނެވެ. ޓިވީ ކުރިމަތީގައި ހުރީ ޝައިހާނެވެ. ޝައިހާންގެ ސިފައަށް ބަދަލު ގެނެސްފައި ހުއްޓައި ސަމާހާއަށް ފެނުމުން ކުޑަކޮށް ހައިރާންކަމެއް ވެރިވިއެވެ. އެއަށްވުރެ ބޮޑަށް ހިތުގައި ބިރުވެރިކަމެއް އުފެދުނީ ޓީވީ ކުރިމަތީގައި ހުރި ކުޑަ މޭޒުގެ ބިއްލޫރިގަނޑު ފުނޑުފުނޑުވެފައި އޮތުމުންނެވެ.

"މޮޔަވެގެންތަ ތިއުޅެނީ؟" އަޑަށް ބާރުލާފައި ސަމާހާ ބުންޏެވެ.

"އެ އަންހެނަކާ ހެދި އަހަރެން އަދި މޮޔަވެސްވާނެ. މާ ފޮނިބޮޑުވެގެން އެ އުޅެނީ. ނޭނގެ މަގުމަތިން ކޯޗެއް ކަމެއް ފެނުނީ ކުއްލިއަކަށް އެހާ ފުއްޕާކަށް" ޝައިހާން ބުންޏެވެ.

"ދެން މިގޭ މުދަލަށް ގެއްލުންދޭން ޖެހޭތަ؟ ޝައިހާނު ހޯދާފައި ހުރި އެކައްޗެއްވެސް ނުހުންނާނެ. ކިތަންމެ ވަރަށް ތެޅުނަސް ވަގުތު ޖެހުމާއެކު އެކުއްޖާ ކަލޭ ކައިރިން ވަރިވެގެންދާނެ" ބަދިގެއާ ދިމާލަށް ސަމާހާ ހިނގައިގަތީ ތިރީގައި ހުރި ބިއްލޫރިތައް ނަގަން ޖަސްތުގަނޑު ބަލައެވެ.

"ނުކުރާނަން ވަރިއެއް. ދުވަހަކުވެސް ދުލެއް ނުކުރާނަން. އަހަރެން ނުލަފާ ކުރަން އުޅެންޏާ ހައްތަހާ ނުލަފާ ވާނީ"

ސަމާހާ އަޅައެއް ނުލައެވެ. ބިއްލޫރިތައް އެއްކުރަން ފެށުމާއެކު ޝައިހާނު އައިސް ހިފައިފިއެވެ. ސަމާހާ އުޅުނުގޮތުން އޭނާއަށް އުނދަގުވީއެވެ.

"ގެނޭ މަގޭ އަތަށް" ޝައިހާން ބުންޏެވެ.

"ދޫކޮށްލާ މީގެން" ސަމާހާ ބުންޏެވެ. "ދުރަށްދޭ މިތަނުން"

*****

ހުރިހާ ވާހަކަތަކެއް މަންޝާއަށް އިވުނެވެ. އެއަށް ރައްދުދޭކަށް އޭނާ ބޭރަށް ނުނިކުމެއެވެ. ޝައިހާނާ ޒުވާބުކުރުމަށް ވުރެ އޭނާގެ ހާލު ބޮޑެވެ. ނަޒާންގެ ލޯބިވެރިއެއް ހުންނަކަން އެނގުމުން މަންޝާގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. އެނދުގައި އިށީނދެގެން އިންއިރު ކަރުނަތިއްކަކަށްފަހު ކަރުނަ ތިއްކެއް މަންޝާގެ ދެލޮލުން ފައިބަމުން ދިޔައެވެ. އަދިވެސް ހީވަނީ އެ މަންޒަރު ލޮލަށް ފެންނަ ހެންނެވެ. އެއީ ރީތި އަންހެން ކުއްޖެކެވެ. ފުލުހެކެވެ. ހުރިހާ ގޮތަކުންވެސް ނަޒާނާ ގުޅެއެވެ. އެކަމަކު... ނަޒާންގެ ބެލުން ތަފާތެވެ. އެ އަންހެންކުއްޖާ ފަހަތުގައި ބައިންދައިގެން އެވަރަށް ބެލީ ކީއްވެ ހެއްޔެވެ؟ އެއީ މަލާމާތެއް ހެއްޔެވެ؟ އެހާ ދުވަސްކޮށްފައި ފެނުމުން އުފާވެސް ނުވިއެވެ. އުފަލެއް ނުވާނެ ނޫންހެއްޔެވެ؟ އެއީ ފިރިހެނެކެވެ. ހިތްވަރުގަދަ ފުލުހެކެވެ. ދުވަހަކުވެސް ލިބޭނެކަމުގެ އުންމީދެއް ނެތް އަންހެނަކަށްޓަކައި އިންތިޒާރެއް ނުކުރާނެ ނޫންހެއްޔެވެ؟ ލޯބި ކާމިޔާބުވޭތޯ އެތައް ދުވަހަކު މަސައްކަތް ކުރިއެވެ. ދެފައި މައްޗަށް ވެއްޓި އާދޭސްކުރިއެވެ. މަންޝާ އެނދުގެ ފަހަތަށް ޖެހެމުން ގޮސް ފާރުގައި ލެގުނެވެ. ދެކަކޫ ގަޔާ ކައިރިއަށް ގެނެސް ދެފައިގައި ދެއަތުން ވަށާލިއެވެ. ދެ ކަކުލުގައި ބޯއެޅިގޮތަށް އޭނާ ރޯންފެށިއެވެ. ކުރެވުނު އަލަތު ކައިވެންޏަކީ ހުވަފެނަކަށްވާނެ ނަމައޭ ހިތަށް އެރިއެވެ. އެ އަންހެންކުއްޖާގެ ބަދަލުގައި ނަޒާންގެ ގައިގައި ޖެހިގެން އިނީ އޭނަ ނަމައޭ ހިތަށް އެރިއެވެ. ދެން ކުރާނެކަމެއްނެތެވެ. ވީކަމެއް ދެނެއް ބަދަލެއް ނުވާނެއެވެ. ތާއަބަދު ނަޒާންގެ ހަނދާން އާކޮށްކޮށް އިނދެގެން ހިތަށް ހަމަޖެހުން ހޯދުން ނޫންގޮތެއް ނެތެވެ.

*******

މިހާދަށް ކޮފީތަށި ދިއްކޮށްލާފައި ކައިރީގައި ދިލްޝާދު އިށީނެވެ. އެވަގުތު ބޮޑުކޮޓަރީގައި ތިބީ ދެމަފިރިން އެކަންޏެވެ. ދިލްޝާދު ހިމޭންވެފައި އިނުމުން މިހާދު ބަލައިލިއެވެ. ދެން ދިލްޝާދުގެ އުނގުމަތީގައި އޮތް އަތުގައި ހިފަހައްޓާލިއެވެ.

"މި ޒަރޫކް މީ ހާދަހާ ނުލަފާ އިންސާނެކޭ. ކައިރީގަ އުޅެފަ ބަލައިބަލަ ކުރި ނުބައި ކަންތައް" ދިލްޝާދު ބުންޏެވެ.

"އަހަރެންވެސް ތިހެން މި ހިތަށް އަރަނީ. އާމިރުގެ ދެމަފިރިންނަށް ގުޅާލަންވީނުން. އެމީހުން ތިބޭނީ ހާދަ ދެރަވެފައޭ މިހާރު" މިހާދު ބުންޏެވެ.

"ތިއަށް ވުރެ މާބޮޑަށް އަހަރެން ދެރަވެއްޖެ ދަރިއެއް ފަދައިން ކައިރީގައި ހުރެ ބޮޑުވި ދަރިއަށް ނުބައި ޝައްކެއް ކުރެވުނީތީ. ތިއާ ފަކީރު އެކުރީ ކިހާ ރަނގަޅުކަމެއް. އޭނަ އެގެއިން ނުނިކުތްނަމަ މިއަދު އެ އާއިލާ އުޅޭނީ ކޮންހާލެއްގަ" ދިލްޝާދު ބުންޏެވެ.

"ޒަވީ ބުނި ތިއާ ވީ ރީމާ ކައިރީގައޭ. ހިނގާ ރީމާއަށް ގުޅާލަމާ. އޭރުން ތިއާވެސް ހިތްހަމަޖެހޭނެއެއްނު" މިހާދު ބުންޏެވެ.

އެވަގުތު އެ ދެމަފިރިން ރީމާއަށް ގުޅިއެވެ. ހުރިހާ ކަމެއް އެނގުނު ވާހަކަ ބުންޏެވެ. ތިއާ ނިދާފައި އޮއްވައި ހޭލައްވައިގެން ތިއާ އާ ވެސް ވާހަކަދެއްކިއެވެ. ތިއާއަށް ހިތްވަރުދިނެވެ.

*****

ކޮފީތަށި ހިފައިގެން ހައިކާ އިށީނުމާއެކު އެންމެ ފުރަތަމަވެސް ނަޒާން މައާފަށް އެދުނެވެ. ނޭނގި ނަމަވެސް އޭނާއަށް ހައިކާގެ އިހުސާސްތަކާ ކުޅެވިއްޖެކަމަށް ބުންޏެވެ. ދެކުދިން ތިބީ އޮފީސް ކައިރީގައި ހުރި ކެފޭއެއްގައެވެ. ބައްދަލުކުރަން ކުރިން އެދުނީ ނަޒާނެވެ. އެއީ ހަވީރު ގަޑީގައި ހިނގައިދިޔަ ކަންތަކަށް މައާފަށް އެދުމަށެވެ. ހައިކާވެސް މުހިންމު ވާހަކައެއް ދައްކަންވެފައި އޮތްކަމަށް ބުނެފައިވާތީއާވެސް އެކުގައެވެ.

"އެވަރުގެ ކަމެއްތަ އެއީ" ހައިކާ ބުންޏެވެ.

"ތިއެއް ނޭނގެ. އެނގެނީ ބޭކާރު ކަމެއްކަން. އެކަމަކު ވަރަށް ބެލި ދޯ. ވެދާނެ އޭނަ ހީކުރީކަމަށް ހަގީގަތުގައިވެސް ތިއީ އަހަރެންގެ ގާލްފްރެންޑް ކަމަށް" ހީލަމުން ނަޒާން ބުންޏެވެ.

"އޭނަ ހަޒްބަންޑާއެކު ފެނުނީމަ ކީކޭ ހިތަށް އެރީ. ވަރަށް ދެރަވި ދޯ. އަހަރެން ހިތަށް އަރާ ކިހާދުވަހެއް ވަންދެން ޒާން ތި ހިތާމަތައް ކުރާނެބާއޭ" ހައިކާ ބުންޏެވެ.

"ހެހެހެ... އަހަރެން ދޯ. ހައިކާ ގަބޫލުކުރާނެ ކަމެއް ނޭނގެ. މިއީ ބައްޔެއް. އަހަރެންގެ ހިތް ނަގާފަ ބެލީމަ އެނގޭނީ އެ ލޯތްބަށްޓަކައި އަހަރެން ދީވާނާވެފައިވާވަރު. އޭނައާ ނުލައި މިއުޅެނީ ކެތްކުރެވޭތީއެއް ނޫން. ބައެއްފަހަރު ވަރަށް ދެރަވޭ. އެކަމަކު... އެބަހުރި ވަރަށް ސްވީޓް މެމޮރީސްތަކެއްވެސް. އެއްދުވަހު ދެމީހުންގެ މެދުގައި ހިނގި ކަމެއް. އޭނައަށް އަހަރެން ލޯބިން ވަރަށް ޖެއްސުންކުރިން. މިބުނީ އެކުގަ ވަރަށް ގިނަ ވަގުތުތައް ހޭދަކުރިން. އެ ހަނދާންތަކާއެކު ދިރިމިއުޅެނީ. ހައި އަށް އެނގޭތަ! އެންމެފަހު ބަހަކަށްވެސް އޭނަ އަހަރެން ކައިރީގައި ބުނީ އުންމީދު ނުކުރައްޗޭ އޭނަ ލިބޭނެކަމަށް. އެކަމަކު ކީއްވެ ކަމެއް ނޭނގޭ. އަދިވެސް އަހަރެން އުންމީދުކުރެވޭ. އެހެންނޫނަސް ހަގީގީ ދިރިއުޅުމުގައި ހިނގާ ކަންކަމަށް އަހަރެން މިހާރު އިތުބާރު ނުކުރަން. އެއީ ހިތަށް ލިބޭ ތަކުލީފުތައް ގިނަކަމުން. އަހަރެން މިއުޅެނީ އަނެއްހެން މަން އާ މެރީކޮށްގެން. ވަރަށް ލޯބިން މިއުޅެނީ. ކޮންމެ ރެއަކު ދުއްވާލަން ދިޔުމާ ކާލަން ދިޔުމާ ޝޮޕިންގތަކަށްވެސް ދަން. އެހެންވެ ހޭލާ ހުރުމުގެ ބަދަލުގައި މިހާރު އަބަދު ނިދާ ހިތްވަނީ. ދެލޮލުގެ އެސްފިޔަތައް ބަންދުވާ ހިސާބުން ހުޅުވާލެވެންދެން އަހަރެން އުޅެނީ ހުވަފެންތަކުގަ އަނބިމީހާއާއެކު. މިހެން އުޅެފަ އަދި ދަރިންތަކެއް ހޯދައިގެން ބޮޑެތިވެސް ކުރާނަން.... މިބުނީ ހުވަފެނުގަ. މި ފޯނު އެލާމްވާވަރުން އަދި އެ ހިސާބަށް ނުދެވިގެން މިއުޅެނީ"

ނަޒާންގެ ވާހަތަކާއެކު ހައިކާއަށް ހެވެން ފެށުނެވެ. ނަޒާން ކަހަލަ މީހަކާ އޭނާއަށް އަދި ދިމާނުވެއެވެ. ހަގީގަތުގައިވެސް މަންޝާއަށްޓަކައި ނަޒާން އެވަނީ މޮޔަވެފައެވެ. ބުއްދި ގޯސްނުވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

"ކިހިނެއްވީ" ހައިކާ ހޭވަރުން ނަޒާނަށްވެސް ހެވުނެވެ. "ހިތަށް އެރީ ދޯ އަހަރެން މިއީ މޮޔައެކޭ. ސީރިޔަސްކޮށޭ މިބުނީ"

"އަހަރެން މި ހިތަށް އެރީ ހަމަ އަސްލަށްވެސް ޒާން ތިހުރީ ދީވާނާވެފައޭ. އަހަރެންގެ ދުއާ އަކީ ކޮންމެވެސް ދުވަހަކުން ޒާންއަށް ޒާންގެ ލޯބި ލިބުން"

ނަޒާން އެ ދުއާގައި ބައިވެރިވިއެވެ. އެހާ އުފާވެސްވިއެވެ. ހިތުގެ ހާލަތު ތިމާއަށް އިތުބާރުކުރެވޭ އެހެން މީހަކަށް ކިޔައިދިނުމަކީ ހިތަށް ލުއިކަމެއް ލިބޭ ކަމެކެވެ. އެއްވެސް އުނދަގުލަކާނުލައި ނަޒާނަށް ހަމަޖެހިގެން އިނދެ ހުރިހާ ވާހަކަތަކެއް ކިޔައިދެވެނީ ހައިކާއަށެވެ. ނަޒާނަށް ހައިކާގެ ހިތުން އެދެވޭއިރުވެސް އޭނާ ނަޒާންގެ ނިންމުމަށް އިހުތިރާމްކުރިއެވެ.

"ދެން ކިޔާބަލަ ހައިކާ. ކޮންވާހަކައެއް ބުނަން އުޅުނީ" ނަޒާން ބުންޏެވެ. ކޮފީތަށީގައި ތުން ޖައްސާލައިގެން އިނދެ ނަޒާން ބުނެލި ޖުމްލައާއެކު ހައިކާ ބަލައިލީ ތަފާތު ބެލުމަކުންނެވެ. އެވާހަކަ ބުނަން ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. ނަޒާން ވަރަށް ދިމާކުރާނެކަން ޔަގީނެވެ.

"ރުހައިލް ސަރ... ރުހައިލް ސަރ މިއީ ކޮންކަހަލަ މީހެއް" ހައިކާ ބުންޏެވެ.

"އެއީ ތި ޑިޕާޓްމަންޓްގެ ހެޑެއްނު. ވަރަށް ފްރެންޑްލީ މީހެއް. އެއްތަނެއްގަ މަސައްކަތް ކުރަންޏާ އަހަރެންނަށް ވުރެ ބޮޑަށް ހައިކާއަށް އެނގޭނީ"

"ވީ އާރ ގެޓިންގ މެރީޑް" ހައިކާ ބުންޏެވެ. އަނގައާ ދިމާލަށް ގެންދިޔަ ކޮފީތަށި ނަޒާން ދުރުކޮށްލީ ކުއްލިއަކަށެވެ. އެހާ އަވަހަށް ހީވެސްލައިފިއެވެ. ނަޒާންގެ އެ ހީލުމަކީ އޭނާ ދިމާކޮށްލުމުގެ ގޮތުން ހީލި ހީލުމެއްކަން ހައިކާއަށް އެނގުނެވެ. އެންމެފަހުން ނަޒާން ހޭވަރުން ހައިކާގެ އަތުގައި އޮތް ޓިޝޫކޮޅު ބޮނޑިކޮށްލާފައި ނަޒާނާ ދިމާލަށް އެއްލިއެވެ.

"އަހަރެން މެރީކުރަން އުޅޭ ވާހަކަ ބުނީމަ މަލާމާތްކުރަނީތަ؟ ޒާން ނީނަސް ދެން އަހަރެންނާ އިންނާނެ މީހަކު ހުރެދާނެ ދޯ"

"އެހެނެއް ނޫން. ހައިކާ ތިކޮށްލި ކަމަކުން. ބޮޑު ސިންގާ ރަތްލާޖެހި އޮފިސަރެއް ވިއްޔާ ތި ދަމައިގަތީ. އެސް ޕީ އެއް. ކިހިނެއްވި ކަމެއް ތިއީ. ލައްކަ ކަންކަން ހިނގާފަ ހުންނާނެތާ ދެމީހުންގެ މެދުގަ. އެއްތަނެއްގަ އުޅެންޏާ ކިހާ ޗާންސެއް ލިބޭނެ"

"އެއްކަމެއްވެސް ނުހިނގާ. ކަންކަން ހިނގާނީ މެރީކުރީމައެއްނު. ސަރ ބޭނުންވަނީ މެރީކުރަން އަވަހަށް. މަންމަމެން ކައިރީގަ ބުނެފިން. ދެން މިބުނީ ޒާން ކައިރީގަ" ހައިކާ ބުންޏެވެ.

"ދެން މިހާރު ކޮން ސަރ އެކޭ ތިކިޔަނީ. ރުހައިލް ކިޔާބަލަ" ދިމާކޮށްލުމުގެ ގޮތުން ނަޒާން ބުންޏެވެ.

"ނުކެރޭނެ. އަދި މިއުޅެނީ އެ ރާރުކެއްހާ ދިގު ފިރިހެނާއަށް އިސްއުފުލާ ބަލައިލަންވެސް ނުކެރިގެން. ކައިރީގައި އައިސް ހުއްޓުނީމަ އަހަރެންނަށް ހީވަނީ ހިތްތެޅޭވަރުން އެހެންފަދަ ކަމެއްހެން. ފެމެލީއާ މީޓުކުރަން ގެއަށް އައި ރޭގަވެސް މަށަށް އެއޮތް އުޅެވުނުގޮތެއް. ހުވާ ކުއްލިއަކަށް މެރީކުރަން އުޅޭތީ އަހަރެން ހާދަ ލަދެކޭ ގަންނަނީ. އަނެއްކޮޅުން އޮފީސްތެރޭގަ ވަރަށް ފާޑުފާޑުގެ ވާހަކަ ފެތުރެން ފަށައިފި. އޭނަ ބުނެފި އަޅާނުލާށޭ" ހައިކާ ވާހަކަދެއްކިއެވެ.

"ދެންވެސް މަށަށް ޝުކުރު އަދާކޮށްބަލަ. މަ ނޫނެކޭ ބުނީމަ ދޯ ހައިކާއަށް ބޮޑު ފައިސާ ފޮށްޓަކަށް ތިވަދެވެނީ. ދެން ތި ހޭންޑް ބޭގަށް ވަންނާނެތާ ލައްކައިން ފައިސާ. އެނީ ވޭ... ކޮންގްރާ...."

*****

ފާހާނައިން ނިކުމެ ތުވާލިން މޫނު ފޮހެމުން ގޮސް މަންޝާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ގިނައިރުތަކެއް ވަންދެން އޭނާ ރޮއެފައި ހުރިކަން ދެލޮލަށް ބަލައިލުމުން އެނގެއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ޝައިހާން އައިސް ފަހަތުން އޭނާގެ ގައިގައި ބައްދައިގަތުމުންނެވެ. މަންޝާއަށް ނޭވައެއްލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އެނދު މައްޗަށް މަންޝާ ވައްޓާލިގޮތަށް ޝައިހާން އިށީނީ މަންޝާގެ ގައިމަތީގައެވެ. އެވީ ވަގުތުކޮޅުގައި ވިސްނައިގަންނަންވީ އެއްޗެއް ނޭނގި މަންޝާ އޮތެވެ. ސިކުނޑި ރަނގަޅަށް މަސައްކަތްކުރަން ފެށުމާއެކު ޝައިހާން އަތްދަށުން ސަލާމަތްވާން މަންޝާ ތެޅިގަތެވެ.

"ތިއުޅެނީ އަހަރެން ދޫކޮށްލާފަ ދާކަށްނު. އަހަރެން މިއުޅެނީ ދިޔަނުދޭންވެގެން. ބަނޑުބޮޑުކޮށްލަން. އެ ހައްގު މަށަށް އޮންނާނެ. މައިތިރިވެގެން އޮވޭ" ޝައިހާން ބުންޏެވެ. މަންޝާގެ ދެފައި ގުޑުވާވެސްނުލެވޭނެހެން ދެ ފައި މަތީގައި އިށީނދެފައި، ލައިގެން ހުރި ޓީޝާޓް ބޮލުން ދަމައިގަތެވެ.

"ޝައިހާން ޕްލީޒް" މަންޝާ ގޮތް ހުސްވިއެވެ. "އަހަރެން އަދި ރެޑީއެއް ނޫން"

"ހެޔޮ ރެޑީވާން ވަގުތު ދީގެން މަށަށް ފައިދާއެއް ވިތަ؟ މަށަށް މަލާމާތްކުރުން ނޫންކަމެއް ނުކުރޭ. އަނެއްކޮޅުން މިއަދު މަގުމަތިން ކޮންމެވެސް މީހަކު ފެނިގެން މީހާ އެއްކޮށް ގަނޑުވެއްޖެ. އެއީ ކާކު؟ ލޯބިވެރިޔާތަ؟" ޝައިހާން އެހިއެވެ. ޝައިހާންގެ މޭގައި އަޅާ ކޮށްޕަމުން ދިޔަ މަންޝާގެ ދެއަތުގައި ޝައިހާން ހިފެހެއްޓިއެވެ. ދެފަރާތުން އެނދުގައި ދެއަތް ތަތްކޮށްލުމަށްފަހު މަންޝާގެ މޫނާ ދިމާލަށް ޝައިހާން ގުދުވިއެވެ. ނުރުހުމުގައި އޭނާ މަންޝާގެ މޫނުގައި ބޮސްދޭން ފެށިއެވެ.

"މަންމާ...." މަންޝާ ބާރަށް ގޮވާލިއެވެ. އެހިނދު ޝައިހާންގެ އަތުގެ ހަމަލައެއް މަންޝާގެ މޫނުމައްޗަށް އަރައިގެން ދިޔައެވެ.

އެތަދު މަންޝާއަށް އިހުސާސެއް ނުވެއެވެ. ޝައިހާންގެ އަތްދަށުގައި އޭނާ އޮތީ ތެޅިތެޅި ވަރުބަލިވެފައެވެ.

"ކަލޭ ތިއުޅެނީ މިތަނަށް މަންމަ ގެނެސްގެން އަހަރެން އަތުން އަހަރެންގެ މަންމަ މަރާލަންތަ؟ ހާދަ އަމިއްލަ އެދުން ބޮޑޭ ދޯ"

ޝައިހާން ވާހަކަދެއްކި ވަގުތު ބަލާފައި މަންޝާއަށް ސަލާމަތްވާނެ ވަގުތުކޮޅެއް ލިބުނެވެ. އޭނާ ކޮންމެސްގޮތަކުން ދެމިގަތެވެ. ވަގުތުން ދުވެފައި ގޮސް ފާހާނައަށް ވަދެ ދޮރު ތަޅުލިއެވެ. ދޮރު ބުޑަށް ތިރިވިގޮތަށް މަންޝާ ބާރަށް ރޯންފެށިއެވެ. ދެއަތުގައި ޝައިހާން ހިފެހެއްޓި ތަން ރަތްކުލައިން ފާހަގަވާން ހުއްޓެވެ. އެ ކުޑަވަގުތުކޮޅުގެ ތެރޭގައި އޭނާ މުޅިން ލޮޑުކޮށްލައިފިއެވެ. ފިރިމީހާއަށް ވިޔަސް ގަދަކަމުން އަނބިފިރިކަމުގެ ގުޅުމެއް ނުހިންގޭނެއެވެ. ޝައިހާނަކީ ކުށްވެރިއެކެވެ. ވަގުތު ދޭން އެދުމުން މަންޝާ ހުރީ އެވަގުތު ދީގެންނެވެ. ޝައިހާނަކީ އިތުބާރުކުރަން ހެޔޮވާވަރުގެ އިންސާނެއް ނޫނެވެ. އެގޭތެރޭގައި މަންޝާއަށް ކެތްވާނެބާވައެވެ؟ ކައިވެނިކުރި ފަހުން އަދި ކިރިޔާވީ ތިރީސް ދުވަހެވެ.

*****

މަޑުމަޑުން މާޝިތާ ހަމަޔަކަށް އެޅިއްޖެއެވެ. ގޭތެރޭގައި ހިނގައިދިޔަ ކަންތައް އޭނާ ހަނދާންނެތެން ފަށައިފިއެވެ. ޒަރޫކް ހައްޔަރުކޮށް ނާޔާ ސަލާމަތްވިކަން އެނގުމުން ހިތަށް ކޮންމެސްވަރެއްގެ ތަސައްލީއެއް ލިބުނެވެ. ދަރީން އަންނަ ދުވަސްކަން އެނގުމުން އޭނާ އުޅުނީ ބަދިގޭގައެވެ. ދަންވަރު ޑިއުޓީ ނިންމާފައި އައިގޮތަށް ކުޑަކޮށް ނިދާލާފައި މާޝިތާއަށް އެހީވުމަށް ނަޒާންވެސް ބަދިގޭގައި ހުއްޓެވެ. ދޭތެރެއަކުން އާމިރުވެސް ބަދިގެއަށް ވަދެލައެވެ.

"މަންމައަށް އެނގޭތަ އެއްކަލަ ހައިކާ. އޭނަ މެރީކުރަނީ. އެބައޮތް ކާޑު މިގެއަށް ފޮނުވާފަ"

ފުޅިތަކަށް ފެންއަޅަން ހުރި ނަޒާން ބުންޏެވެ.

"ރަނގަޅު ކަމެކޭ އެއީ. ކީއްކުރަން ރައްޓެހިވެގެން އުޅެނީކީ. ޒާންވެސް އެކަހަލަ ހަބަރެއް މަންމައަށް ދީބަލަ. މަންމަ ބޭނުން ޒާންގެ އަނބިމީހާ މިގޭތެރެއިން ދެކެން" މާޝިތާ ބުންޏެވެ.

"އޭނަ މަން ވަރިކުރީމައެއްނު. އިންތިޒާރު މިކުރަނީ އެދުވަހަށް" ނަޒާން ބުންޏެވެ. މަންޝާ ނަޒާނަށް ބަލައިލިއެވެ. ނޭނގުމުގެ ތެރެއިން އަހާލިޔަސް ނަޒާންގެ ދުލުން އިވޭނީ މަންޝާގެ ނަމެވެ.

"ވަރިކުރާނެތަ؟ އެކަން ޒާންއަށް ޔަގީންތަ؟ އެކުގަ އުޅެން ބޭނުންވެގެންދޯ ދެމީހަކު ކައިވެންޏަކާ ހަމައަށް ދާނީ" މާޝިތާ ބުންޏެވެ.

"މަންމައަށް އެނގޭތަ އެއީ ޕާޓޭއެއް. އަޅުގަނޑު އަތް ބިނދުނީ އެ ޕާޓޭއާ ހެދި. އޭނައަށް އުޅެވޭނެތަ މަންޝާ ކަހަލަ ކުއްޖަކު ގޮވައިގެން. ކުށުގެ ރިކޯޑްސް އެހާވަރަށް އެބައޮތް. އަޅުގަނޑު ހިތަށް އަރާ މިވާހަކަ ޒަވީ މެންނަށް އެނގޭބާއޭ. ބުނަންވީ ކަންނޭނގެ"

"އުނހު. ޒާން އެއްވެސް ވާހަކައެއް ދައްކައިގެންނުވާނެ. މަންމަ ބުނީމެއްނު ކައިވެނިކޮށްގެން އުޅެނިކޮށް ދެމެދަށް ޒާން ވަދެގެން ނުވާނެއޭ. ވަރިކުރިހާ އަވަހަށް މިގެއަށް މަންޝާ ވެއްދިޔަސް މަންމަގެ މައްސަލައެއް ނެތް"

*******

ހުރިހާކަމެއް ނިންމާފައި ދަރީންގެ އިންތިޒާރުގައި މާޝިތާގެ ދެމަފިރިންނާ ނަޒާން ބޮޑުކޮޓަރީ ސޯފާގައި ތިއްބެވެ. ދުލުން ބަޔާންނުކުރިޔަސް ނަވާލަށް ވުރެވެސް ބޮޑަށް އޭނާ އިނީ ނާޔާ ދެކެން ބޭނުންވެފައެވެ. ފުރައިގެން ދިޔަފަހުން އެންމެ ފަހަރަކުވެސް އޭނާ ނާޔާއާ ވާހަކަނުދައްކައެވެ. ވީޑިއޯ ކޯލަކުން އޭނާ ފެނުނަސް ނާޔާ ފިލައެވެ.

"އެ އައީ ކަންނޭނގެ" ދޮރުހުޅުވަން ހިނގައިގަތީ ނަޒާނެވެ.

އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާ ދިމާލަށް ބަލަހައްޓައިގެން މާޝިތާ އިނެވެ. އޭނާގެ މޭގެ އެތިކޮޅު ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނަވާލާއެކު އެތެރެއަށް ތިއާ ވަނެވެ. ކުޑަކޮށް ތިއާ ފަލަވެފައި ހުރިހެން ހީވިއެވެ. ތިއާއާ ދިމާލަށް މާޝިތާ ހިނގައިގަތެވެ. ލޯތްބާއެކު ތިއާގެ ގައިގައި ބައްދާލިއެވެ.

"މަންމަ ރަނގަޅުތަ؟"

ބޭރުގައި ހުރި ނާޔާގެ އަތުގައި ހިފައިގެން އެތެރެއަށް ވަނީ ނަޒާނެވެ. ނާޔާ ހުރީ އިސްޖަހައިގެންނެވެ. މައިންބަފައިން ކުރިމައްޗަށް އަރަން އޭނާއަށް ފަސޭހަނޫންކަން އެންމެންނަށްވެސް އެނގުނެވެ. ނާޔާއަށް ބަލައިލިގޮތަށް މާޝިތާ ބަސްހުއްޓުނެވެ. ނާޔާއަށް އައިސްފައިވާ ބަދަލުންނެވެ. ތިއާއާ ތަފާތީ ހަމައެކަނި މޫނެވެ. ލައިގެން ހުރީ ތިއާ ފަދައިން ހުސްކަޅު ކުލައިގެ ބޮޑު ހެދުމެކެވެ. ކަޅު ކުލައިގެ ޝޯލްގެ ތެރެއިން ނާޔާގެ މޫނު ފެންނަމުން ދިޔައީ ހަނދެއް ފަދައިންނެވެ. މާޝިތާގެ ހިތް ލޯބިން ފުރުނެވެ. އެ ބަދަލު ނާޔާއަށް ގެނެސްފައި އެވަނީ ތިއާ ކަން އެނގުނު ހިނދު މާޝިތާ ތިއާއަށް ބަލައިލީ ޝުކުރުވެރިކަމާއެކުގައެވެ. އެކަކު އަނެކަކަށް ކައިރިވާން ނޭނގިފައި ހުއްޓައި ކުރިއަށްޖެހި ނާޔާގެ ބޮލުގައި ފިރުމާލީ އާމިރެވެ.

"ކުށްކުރެވޭނީ އިންސާނުންނަށް. ބައްޕަ ދަރިފުޅަށް މައާފުކޮށްފިން" އާމިރު ބުންޏެވެ. ނާޔާއަށް ރޮވުނެވެ. އާމިރުގެ މޭގައި އޭނާ މަޑުމަޑުން ބޯއަޅާލިއެވެ.

"ދެން ފޮނި ނުވެ މަންމަގެ ރަންކޮޅު ގޮސްވަދެބަލަ މަންމަގެ އުނގަށް" ނާޔާގެ ބޮލުގައި ޖަހައިލަމުން ނަވާލް ބުންޏެވެ. ނާޔާ ހީލަމުން މާޝިތާއަށް ބަލައިލިއެވެ. މާޝިތާ އެއްވެސް ބަހެއް ނުކިޔާތީ އޭނާއަށް މަންމަގެ މައާފު ލިބުނުކަމެއް ނުވަތަ ނޫންކަމެއް ޔަގީނެއް ނުވެއެވެ. މާޝިތާއާ ކައިރިވާން ނުކެރިފައި ހުރީ އެހެންވެއެވެ.

"މަންމަ ބޭނުންނުވާތީއެއްނު ނާންނަން އެ ހުންނަނީ" އަސަރާއެކު މާޝިތާ ބުންޏެވެ.

އެހިނދު ނާޔާ މާޝިތާގެ ގައިގައި ބައްދާލިއެވެ. އޭނާއަށް ރޮއެގަނެވުނީ އެވަގުތެވެ. މިހުރިހާ ދުވަހު ހިތުގައިވި ހުރިހާ ކެކުޅުމާ ވޭން އެއްކޮށް ފިލައިގެންދިޔަ ވަގުތުކޮޅެކެވެ. މާޝިތާގެ އެންމެ ބީހިލުމަކާއެކު އިންތިހާ ދަރަޖައިގެން ހަމަޖެހުން ހިތަށް ލިބިގެން ހިނގައްޖެއެވެ. ތަކުރާރުކޮށް ނާޔާ މައާފަށް އެދެމުން ދިޔައެވެ. އެފަދަ ކުށެއް އޭނާ ދުވަހަކުވެސް ތަކުރާރު ނުކުރާނެކަމަށް ބުނަމުން ދިޔައެވެ. އެ ލަދުން އޭނާ ސަލާމަތްކޮށްދިނީތީ ދެ ބޭބެއިންނަށްވެސް ނާޔާ ޝުކުރު އަދާކުރިއެވެ.

"ދެން އޮތީ އެންމެ ހާއްސަ މެހްމާނުގެ ބައްދަލުވުން" ނަވާލް ބުންޏެވެ.

އެކަކު އަނެކަކަށް ބަލައިލަމުން ލޯއަރުވާލިއެވެ. ނަވާލް އެބުނި އެއްޗެއް ފަހުމެއް އެކަކަށްވެސް ނުވިއެވެ. ނާޔާ ފިޔަވައެވެ. ލަދުވެތިކަމެއް މޫނު މައްޗަށް ވެރިކޮށްލައިގެން ތިއާ ހުއްޓެވެ.

"އިތުރު ބަޔަކު އައިތަ ދަރިފުޅުމެންނާއެކު" އާމިރު އެހިއެވެ.

"ލައްބަ. އެކަމަކު އަދި ފެންނާކަށް ނެތް" ނަވާލް ބުންޏެވެ.

"ކީކޭތަ ނަވާ ތި ކިޔަނީ؟ އާދެބަލަ އިށީންނަން" ނަޒާން ބުންޏެވެ.

""މި ކިޔަނީ މަންމައާއި ބައްޕައަށް ޕްރޮމޯޝަނެއް ލިބެން އުޅޭ ވާހަކަ. މަންމާ، ތިއާ އެ އުޅެނީ މަންމައާ ބައްޕައަށް ކުޑަކުޑަ ބޭބީއެއް ދޭންވެގެން"

މާޝިތާ ދެލޯބޮޑުވިއެވެ. ހިނިތުންވުމެއް ތުންފަތުގައި ދުވެލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ނާޔާ ދުރުކޮށްލާފައި ތިއާއާ ދިމާލަށް ދިޔަގޮތުން ނަވާލާއި ނަޒާނަށް ހެވުނެވެ.

"ހަމަ ރަނގަޅަށް. ތިއާ ބަނޑުބޮޑު؟" މާޝިތާ އެހިއެވެ. ތިއާ ބޯޖަހާލިއެވެ.

ތިއާގެ ގައިގައި މާޝިތާ ބައްދާލިއެވެ. ނިތްކުރީގައި ބޮސްދިނެވެ. ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރު ދެންނެވިއެވެ. އާމިރުގެ ލޮލުންވެސް ކަރުނަ ފާއްދާލާފައިވިއެވެ. އެއީ އޭނާވެސް ހާދަ ދެކެން ބޭނުންވި ދުވަހެކެވެ. ތިއާގެ ބޮލުގައި އާމިރު ފިރުމާލިއެވެ. ހެޔޮ ދުއާ ކުރިއެވެ. ނަޒާން ތިއާއަށް މަރުހަބާ ކިއިއެވެ. އިސާހިތަކު މުޅި ގޭތެރެއަށް އުފާވެރިކަމުގެ ވާރޭ ވެހެންފެށި ކަހަލައެވެ. މުޅި ގޭތެރޭގެ މާހައުލު ބަދަލުކޮށްލައިފިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟