މާޝިތާގެ ކޯތާފަތުގައި ފިރުމާލާފައި ނަޒާން ހިނގައިގަތެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި ދޮރާ ދިމާލަށް ކުޑަކޮށް ދުއްވައިވެސްގަތެވެ. އޭނާ ހުރީ ހިތްއަވަސްވެފައެވެ. އެހާ އަވަހަށް އޭނާގެ ހަށިގަނޑުގެ ލޭ ހޫނުވާން ފަށައިފިއެވެ. ލޯބިވެގެން ކޮއްކޮއަށް ލަނޑެއްދީފަ ފަހުވަގުތު ފިލިކަމީ އޭނާއަށް މައްސަލައެއް ނޫނެވެ. މައްސަލައަކީ އެނާގެ ކޮއްކޮ ރުހުމުގައި ނަމަވެސް ޤާނޫނީގޮތުން އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ވީޑިޔޯތަކާ ފޮޓޯތައް ނަގައި އޭނާގެ އެކުވެރިޔާއަށް ބަހާލުމެވެ. އަދި އެ ފޮޓޯތައް ބޭނުންކޮށްގެން ތިއާ އާއި ނާޔާއަށް ބިރުދެއްކުމެވެ. އެކަންކަމަކީ އޭނާއަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
******
ދިލްޝާދާއި މިހާދު ސައިކަލުގައި ނައްޓާލަންދެން ބަލަހައްޓައިގެން ހުރެފައި ޒަރޫކް ހިނގައިގަތެވެ. އޭނާ ބޭނުންނުވީ އެދެމަފިރިންގެ ކުރިމައްޗަށް އަރާށެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ލިބުނު ކާމިޔާބީއަށް ފަހުރުވެރިވާކަހަލައެވެ. އެހެންނަމަވެސް އަދިވެސް ހިތުގެ ކަނެއްގައި ހުސްކަމެއް ވިއެވެ. އެއީ މައްސަލައެއް ނޫނެވެ. ތިއާ ނުލިބޭހާ ހިނދެއްގައި އެ ހުސްކަން އޮންނާނެއެވެ. އޭނާއަށް ނުލިބުނުތާ އެހެން މީހަކަށްވެސް ތިއާގެ ފުށުން އުފަލެއް އަރާމެއް ހާސިލްނުވަނިކޮށް އޭނާއަށް ނިމުނީއެވެ.
އިރުކޮޅަކުން ޖީބުގައި އޮތް ފޯނު ނަގާފައި ޒަވީއަށް ގުޅިއެވެ. އޭނާ އެތެރެއަށް ވަންނަނީކަމަށް ބުނެފައި ދިލްޝާދާއި މިހާދު އަވަހަށް ނާންނާނެކަން ޔަގީންކުރިއެވެ. ކޮފީއެއް ބޯލާނެ ވަގުތެއް ލިބިދާނެކަމަށްވެސް ބުންޏެވެ. އޭނާގެ އެތައް ހޯދުންތަކުން ޔަގީން ކުރެވުނީ ތިއާ ރާއްޖޭގައި ނެތްކަމެވެ. ރާއްޖެ ދޫކޮށް ތިއާ ހުރި ހިސާބަކަށް ދާން އޭނާ ނިންމިއެވެ. ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިއްޖެއެވެ. ނުގެންދެވި ހުރި ބައެއް ސާމާނު ބަލާ އައީ އެތަކެތި ބަލާ އަންނަ ހަބަރު ޒަވީއަށް ދީފައެވެ. އޭނާ އާއި ތިއާގެ ލޯބީގެ ދާސްތާން ފެށުނީވެސް އެގައުމުގައެވެ. އޭނާ މަސައްކަތް ކުރަނިކޮށް އަދިވެސް އެ ލޯބީގައި ކުރިފަޅާ، މޫލައި ވަރުގަދަވެދާނެކަމަށް އުންމީދު ކުރިއެވެ.
ޒަރޫކް ދޮރަށް އެރިއރުވެސް ޒަވީ ހުރީ ދޮރު ހުޅުވައިގެންނެވެ. ޒަވީ ފެނުމާއެކު ޒަރޫކް ހިނިގަނޑެއް ޖަހާފައި ޒަވީގެ ކަރުގައި ބެއްދިއެވެ. ޒަވީގެ މޫނުމަތިން ތަފާތެއް އޭނާއަށް ފާހަގަނުވިއެވެ.
"ކޮންތާކު ތިއުޅެނީ؟ ހަބަރެއްވެސްނުވޭ" ޒަވީ ބުންޏެވެ.
"މަސްލަހަތަށްޓަކައި މިގެއިން ދިޔައީ. ކަލެއަށް ނޭނގިއެއް ނޯންނާނެ" ޒަވީގެ ކޮނޑަށް އަތްލައިގެން އެތެރެއަށް ހިނގައިގަންނަމުން ޒަރޫކް ބުންޏެވެ.
"އަހަރެންގެ އެކްސްއަކީ ތިއާ. މެރީކުރަން އުޅެފަ ފިލައިގެން މިކޮޅަށް އައިސް ނަވާލާ އިނދެލީ. އަސްލު އަހަރެން އުޅުނީ ރިވެންޖް ނަގަން. އެކަމަކު އަހަރެން ފެންނައިރަށް ތިއާ މޮޔަވެއްޖެ. އަހަރެން ކިހިނެއް ދުރުގަ ހުންނާނީ. އަހަރެން ހާދަ ލޯތްބެކޭ ވަނީ އޭނަދެކެ... ޔަގީންތަ ދައްތައާއި ބޭބެ އަވަހަށް ގެއަށް ނާންނާނެކަން.... ކޮބާތަ ފަހަރި؟ ނުފެނޭ"
ސޯފާގައި ޒަވީއާ ޖެހިގެން ޒަރޫކް އިށީނެވެ. ގޭތެރޭގައި ހުރިހާ ދިމާލަކަށް ބަލައިލިތަނާ އޭނާއަށް ފެނުނީ ކަޅު ކުލައިގެ ބްރީފްކޭހެއް ދަމަމުން އައި ޔަލާއެވެ. ޔަލާއަށް ޒަރޫކް ހިނިތުންވުމެއް ދިނެވެ.
"ދެކުދިން އަނެއްކާވެސް ފުރަނީތަ؟ ހަނީމޫން ފުރިހަމަނުވޭދޯ" ޒަވީ އާ ޒަރޫކް ދިމާކޮށްލިއެވެ.
ޒަވީ އެއަށް ޖަވާބެއް ނުދިނެވެ. ދެކޮފީތަށި ގެންނަން ޔަލާ ކައިރީގައި ބުނެފައި ބަލައިލީ ފޯނަށެވެ. ނަޒާންގެ ހަބަރެއް އަދި ނުވެއެވެ. އެހެން އިނދެފައި ވައިވެގެން ޒަރޫކް ހިނގައިދާނެއެވެ. އޭނާ އާ އިތުރަށް ދައްކާނެ ވާހަކައެއް ޒަވީގެ ނެތެވެ. ވާހަކަދައްކާހިއްވެސް ނެތީއެވެ.
"އޭ.. އަނެއްކާ ދައްތަމެން އައީތަ؟" ދޮރުގެ ބެލް އަޅާލި އަޑަށް ޒަރޫކް އެހިއެވެ.
"ހަމަޖެހިބަލަ. ސަތޭކަ ޕަސެންޓް ޔަގީން މަންމަމެން ނާންނާނެކަން"
ޒަވީ ދޮރާ ދިމާލަށް ހިނގައިގަތެވެ. ޔަލާ ދިއްކޮށްލި ކޮފީތަށީގައި ހިފާފައި ޒަރޫކް ޝުކުރުއަދާކުރިއެވެ. އެތެރެއަށް ވަނީ ކާކުތޯ ބަލަން ޒަރޫކް އިނެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި ހަމަޖެހިނުލެވި އުޅެނިކޮށް އެތެރެއަށް ވަދެގެން ބާރު ހިނގުމުގައި އޭނާ އާ ދިމާލަށް އައި ނަޒާން ފެނިއްޖެއެވެ. ސިހިފައި ކޮފީތަށި މޭޒުމަތީގައި ބަހައްޓަން އުޅެނިކޮށް އެއްބައި ކާޕެޓް މައްޗަށާއި މޭޒު މައްޗަށް ބަންޑުންވިއެވެ.
"ކަލޭ..." ނަޒާންގެ ފުރަތަމަ ހަމަލާ ޒަރޫކަށް އަމާޒުވިއެވެ. ނަޒާން ހުރީ ހަމައިގައެއް ނޫނެވެ. ސޯފާމައްޗަށް ޒަރޫކް ވައްޓާލާފައި ދުވަހަކު ހިތައިގެން ފިލައިގެން ނުދާނެވަރު ކޮށްލިއެވެ. ފަހަތުގައި ހުރި ޒަރޫކް އަތުގައި ހިފައިގެން ހުރި ޔަލާ ހުރީ ޖެހިލުންވެފައެވެ. ނަޒާން ހިފަހައްޓަން ޒަވީ މަސައްކަތެއް ނުކުރެއެވެ. މަންޝާ އާ މެދު ފިރިހެނަކު އެގޮތަށް ކަންތައްކޮށްފިނަމަ ހުދު އޭނާއަށްވެސް ވާނީ އެވަރެވެ.
"ހެހެހެ... ކަލޭވެސް އަހަރެންނަށް ހަރާންކޯރު..." ޒަވީއަށް ޒަރޫކް ބުނަން އުޅުނެވެ.
"ކަލޭ ކޮންމޮޅެއް ހޯދަން މަގޭ ކޮއްކޮގެ ހަޔާތް ބަރުބާދު ތިކުރީ. އެކުއްޖާ ކަލެއަށް ކޮންއުނދަގުލެއް، ކޮންދެރައެއް ދިނީ"
"ދުރުގަ ހުރޭ. އަހަރެންގެ ހަތަރެސްފައިވެސް ހެލޭ. ކޮޕުންގެ ޔުނީފޯމުގަ ހުއްޓަސް އަހަރެން ބިރެއްނުގަނޭ" ނަޒާނާ ދުރަށްޖެހެމުން ޒަރޫކް ބުންޏެވެ.
"ތިއެއް ކަލެއަށް އިނގޭނެ އިރުކޮޅަކުން. އަހަރެން މިކުރީ އަދި ކުޑަވަރެއް. ކަލެއަށް ހޭއަރުވާނުލެވެނިސް އަހަރެންގެ އެތެރެއިން ކެކެމުން މިދާ ލޭ މައިތިރިއެއް ނުވާނެ"
ފަހަތަށް ޖެހެމުންދިޔަ ޒަރޫކް އަތުލައިގަންނަން ނަޒާނަށް މާބޮޑު އުނދަގުލަކަށް ނުވިއެވެ. ޒަރޫކް ތިރިއަށް ވައްޓާލާފައި އޭނާގެ ޖީބުން ނެގި ބިޑި ފަހަތަށް ވާގޮތަށް ޒަރޫކްގެ އަތުގައި އެޅުވިއެވެ.
"ދެން އޮވޭ. ފަހަތަށް ޖެހިފައި ޖީބުގައި އޮތް ފޯނު ނެގިއެވެ. އޭނާ އަންގަންޖެހޭ ފަރާތަށް އަންގާފައި ވެހިކަލް އަންނާނެ އިރަކަށް އިންތިޒާރު ކުރިއެވެ. ޒަރޫކް އޮތް ދިމާލަށް ގުދުވެ އޭނާ ލައިގެން އޮތް ޖީންސުގެ ޖީބުގައި އޮތް ފޯނާ ވޮލެޓްގެ އިތުރުން ޕެންޑްރައިވްއެއް ކަހަލަ ސާމާނު ނެގިއެވެ. ޒަރޫކް ހަޅޭއްލަވަމުން ދިޔައެވެ. އޭނާގެ ބްލެކް ލިސްޓަށް ނަޒާން އަރައިފިކަމަށް ބުނެ އެވަގުތުގައިވެސް ނަޒާނަށް އިންޒާރުދިނެވެ.
"ޔާރައްބީ... މާތްކަލާކޮ މިއީ ކޮންކަމެއް؟"
ގޭތެރެއަށް ވަތް ދިލްޝާދަށް ފޯނުގައި ހުރި ނަޒާން ފެނުނީ މާލަހުންނެވެ. ވަގުތުން ދިލްޝާދުގެ ދޫ ހިމޭންވިއެވެ. މަންޝާގެ ކައިވެންޏަށްފަހު އަދި އޭނާއަށް ނަޒާން އެފެނުނީއެވެ. ތިރީގައި އޮތް ޒަރޫކް ފެނުމުން ދިލްޝާދަށް މޭގައި އަތްއެޅުނެވެ.
"އޮންނާނީ ހަދާނެ އެއްޗެއް ހަދާފަ. ހުރިހާ ފޮޓޯތަކެއް ލީކު ކޮށްލާނަން. ތިތަނުން އެކަކުވެސް ދުލެއް ނުކުރާނަން. ޒަވީ ކަލޭވެސް ހަނދާންކުރާތި މަށަށް ތިދިން ލަނޑު"
ޒަރޫކް މައިތިރި ނުވެއެވެ. އޭނާ ހަޅޭއްލަވަމުން ދިޔައެވެ. ހައިރާންވެފައި ދިލްޝާދު ޒަރޫކާ ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އޭނާ ނެތް ވަގުތު ގޭތެރޭގައި ހިނގީ ކޮންކަމެއް ކަމެއް އޭނާއަށް ނޭނގެއެވެ. ނަޒާން ފެނުމުން ހައިރާންވެސްވިއެވެ.
"ކޮން ފޮޓޯތަކެއް. އަނެއްކާ ތިއާ" ވާހަކަދެއްކިއިރު ދިލްޝާދުގެ ނަޒަރު ހުއްޓިފައި ހުރީ ނަޒާނަށެވެ.
"ތިއާ އެއް ނޫން. އޭނަ އެދައްކަނީ ނާޔާ..."
ނަޒާނަށް ބުނަން އުނދަގުވިއެވެ. އެންމެންނަށް ކޮއްކޮގެ ވާހަކަތައް ކިޔައިދޭން އޭނާ ފަސްޖެހުނެވެ. ނަސީބަކުން އެވަގުތު އޭނާއަށް ފޯނެއް އައެވެ.
"މަންމަ މިގަޑީގަ އެއްވެސް ވާހަކައެއް ނުދައްކަބަލަ. އަޅުގަނޑު ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭނަން"
މާގިނަ އިރެއްނުވެ ދެ ފުލުހެއްގެ އެހީތެރިކަމާއެކު ބަންޑުން އޮތް ޒަރޫކް ތެދުކުރުވިއެވެ. އޭނާ ގެއިން ނެރެގެން ވެހިކަލާ ދިމާލަށް ދާތަން ބަލަން ނަޒާން ހުރީ މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ. ޒަވީއަށް ޝުކުރުއަދާކޮށްފައި ޒަރޫކްގެ ބްރީފްކޭސް ދަމަމުން ނަޒާން ހިނގައިގަތެވެ.
******
މަންޝާ ތައްޔާރުވާތަން ބަލަހައްޓައިގެން އެނދުގައި ޝައިހާން އޮތެވެ. މަންޝާގެ ޝަރުތުތަކާ ޝައިހާން ހިލާފެއް ނުވެއެވެ. އެހެންނަމަވެސް ޝައިހާން އަބަދު ބަލާވަރުން މިހާރު މަންޝާއަށް އުނދަގުވެއެވެ. ބައެއްފަހަރު ރުޅިވެސް އާދެއެވެ. ޝައިހާން ގެއިން ބޭރުގައި އުޅޭވަރު މަދުވެއްޖެއެވެ. މަންޝާގެ ފަހަތުގައި އަބަދު ހުންނަނީ ޖައްސާފައެވެ. ކައްކާއިރުވެސް ފަހަތުގައި ހުރެއެވެ. ޝައިހާން ދެއްކި ވާހަކައަކަށް ނޫނީ މަންޝާ ވާހަކައެއް ނުދައްކައެވެ.
"ކުރިން މަން ރީތީ ބުރުގާ ނާޅާ ހުރީމަ. މިހާރު ބުރުގާ އެޅީމަ މާ ލޯބި"
މަންޝާ އެއަށް ޖަވާބެއް ނުދެއެވެ. ފަރުވާކުޑަ ބެލުމަކުން ޝައިހާނަށް ބަލައިލުމަށްފަހު ތެދުވެ ދަނޑީގައި އަޅުވާލާފައި އިން އަތްދަބަސް ނެގިއެވެ.
"ކޮނާތަކަށް ދާން ތިދަނީ؟" ޝައިހާން ފުންމައިގެން ތެދުވިއެވެ.
"އޮފީހަށް. އަހަރެންގެ ޒިންމާ ނަގަންހުރީ ބޮޑު ވަގެއް. އަތުގަ އެންމެ ރުފިޔާއެއްވެސް އޮތީއެއްނޫން. އަހަރެންގެ އަމިއްލަ ކަންތައްތައް ކުރެވޭނެ އަހަރެންނަށް. އެހެންވެ ވަޒީފާއަށް މިދަނީ. ޝައިހާނަށް އަހަރެން ނުހުއްޓުވޭނެ"
މަންޝާގެ ވާހަކަތަކާއެކު ޝައިހާން ލަދުން އިސްޖެހިއެވެ. މަންޝާގެ ކޮންމެ ޖުމްލައެއް ނިންމާލަނީ ޝައިހާނަށް އޭނާގެ ފެންވަރު ހަނދާންކޮށްދީފައެވެ.
"އަހަރެން ދާނަން ގޮވައިގެން. މި އަންނަނީ"
"ހިނގާފަ ދާނީ. މަގު މެދުން ފުލުހުން އަހަރެން ހުއްޓުވާފަ ކަލެއާއެކު އަހަރެންވެސް ޖަލަށް ގެންގޮސްފާނެއްނު. ތަނަކުން ވަގަށް ނަގައިގެން ގެނެސްފައި ހުރި ސައިކަލެއް ނޫންކަމެއް އަހަރެންނަށް ކިހިނެއް އިނގެނީ"
"އެއީ އަހަރެންގެ ސައިކަލު. ޔަގީންކަން މިދިނީ" ޝައިހާނު ބުންޏެވެ.
ތަޅުދަނޑި ނަގަން ޝައިހާން ކޮޓަރިއަށް ވަނުމުން މަންޝާ ދިޔައީ ސަމާހާގެ ކޮޓަރިއަށެވެ. އޭނާ ދިޔުމުގެ ކުރިން ސަމާހާ ކައިރީގައި ބުނެލުމަށެވެ.
******
ކޮޓަރީގައި ޓަކިޖަހާލި އަޑު އިވުމާއެކު އެތެރެއިން 'ހުޅުވާފައޭ' ބުނެލިއެވެ. މާޝިތާ އެތެރެއަށް ވަނުމުން އެނދުގައި އިން ނަޒާން ހިނިތުންވެލިއެވެ. ހަވީރު ޑިއުޓީ އޮތުމުން ދުވާލުގެ ހުރިހާ ވަގުތެއް ނަޒާން އޮތީ ގޭތެރޭގައި ހޭދަކުރަން ނިންމައިގެންނެވެ.
"މަންމަ. މަޑުކޮށްލައްޗެ" ލެޕްޓޮޕްގެ ސްކްރީން މާޝިތާ އާ ދިމާލަށް އަނބުރައިލަމުން ނަޒާން ބުންޏެވެ. ފެންނަން އިން ތިއާ މާޝިތާއަށް ހިނިތުންވެލިއެވެ. މާޝިތާ ފެނުމާއެކު ތިއާ ކައިރީގައި ހުރި ނާޔާ މަޑުމަޑުން ތިއާގެ ފަހަތަށް ވަދެ ނިވާވެލިއެވެ. އެމަންޒަރު މާޝިތާއަށް ވެސް ނަޒާނަށްވެސް ފެނުނެވެ.
"މަންމަ ކިހިނެއްތަ؟" ތިއާ އެހިއެވެ.
"ދަރިފުޅުމެން އަންނަނީ ކޮންއިރަކުން؟" މާޝިތާ އެހިއެވެ.
"ތިއާގެ އެޕޮއިންޓްމަންޓް އިނީ ތިންދުވަސް ފަހުން. ޑޮކްޓަރަށް ދައްކާފަ މަޑެއް ނުކުރާނަން" ނަވާލް ޖަވާބުދިނެވެ.
"ތިއާ ޑޮކްޓަރަށް ދައްކަނީ ކީއްވެ؟ ބަލީތަ؟ ކިހިނެއްވަނީ އަނެއްކާ" މާޝިތާ އެހިއެވެ.
މާމަދަރިއަކު ލިބެން އުޅޭ ވާހަކަ ނަވާލް އެވަގުތު ހާމަކުރަން ބޭނުންނުވިއެވެ. އެއީ ކައިރީގައި ތިބެ ދެވޭ ކަހަލަ ހަބަރެވެ. ފޯނު ކަނޑާލުމުގެ ކުރިން ތިއާގެ ދޮންތަމެންނަށް މާޝިތާ ސަލާމް ރައްދުކުރިއެވެ.
"ކޮފީތަށި މިއޮށް ފިނިވަނީ" ލެޕްޓޮޕް ލައްޕާލާފައި ނަޒާން ހެޑްބޯޑުގައި ލެގިލުމުން މާޝިތާ ބުންޏެވެ. ނަޒާން ކޮފީތަށީގައި ހިފިއެވެ. ބޭސްގަނޑު ނަގާފައި ހުރުމުން ފަހާފައި އެއްކޮށް ލަކުނަށް ނުވެ ހުރި ޒަހަމް މާޝިތާގެ ލޮލުގައި އަޅައިގަތެވެ. އެ ތަނުގައި އަތްޖައްސާލުމަށް މާޝިތާ އަތްއުފުލައިލިއެވެ.
"މިހާރު ފަސޭހަވެއްޖެ" ނަޒާން ބުންޏެވެ.
ނަޒާންގެ ކައިރީގައި މާޝިތާ އިށީނެވެ. ދެން މައިވަންތަ ބެލުމަކުން ނަޒާންގެ މޫނަށް ބަލައިލިއެވެ. ދެން ލުއި ހިނިތުންވުމެއް ނަޒާނަށް ދިނެވެ.
"ނާޔާ ކުރި ކަމެއްގެ ސަބަބުން މަންމަގެ މުޅި ވިސްނުމާ ފިކުރު ގުޅުނީ އެކަންތަކާ. ދުވަސްތަކެއްކޮށްފަ ޒާން އައުމުން މަންމައަށް ހާލުވެސް އަހާނުލެވުނު. މިއީ ކިހިނެއް ލިބުނު އަނިޔާއެއްތޯވެސް ބަލައިނުލެވުނު. ޒާން އުޅުނީ ކޮންހާލެއްގަ ކޮންތަނެއްގަތޯވެސް ބަލައިނުލެވުނު. ބުނެބަލަ މިއީ ކިހިނެއް ލިބުނު އަނިޔާއެއް" މާޝިތާ ވާހަކަދެއްކިއެވެ.
"ހެހެހެ.. މިއީ.. ދީވާނާ ވެގެން އުޅުނީމަ ލިބޭ އަދަބު" ނަޒާން ބުންޏެވެ.
މާޝިތާ ހައިރާންވިއެވެ. ނަޒާން އެބުނި އެއްޗެއްގެ މާނަ މާޝިތާއަށް ދެނެގަނެވުނެވެ.
"ކޮންއިރަކު؟" މާޝިތާ އެހިއެވެ.
"އަޅުގަނޑަށް މަން ގެއްލުނު ރޭ. މަންމައަށް އިނގޭތަ އެރޭ މަންޝާ ކޯޓަށް ގެންދިޔައީ އަޅުގަނޑު. ފަހުވަގުތުގަވެސް އުންމީދެއް ލިބޭނެކަމަށް ހީކުރީ. އެކަމަކު.... ހެހެހެ... ހިތަށް އަރާ އެހާވަރުން އަޅުގަނޑު ފަހަތުން ދުވުނުއިރުވެސް މަންޝާއަށް އަޅުގަނޑުދެކެ ލޯބިނުވެވުނީ ކީއްވެގެންބާއޭ" ނަޒާން ވާހަކަދެއްކިއެވެ.
މާޝިތާއަށް ރޮވުނެވެ. ނަޒާނާ މެދު އެރޭ ކަންތައްވެގެން ދިޔައީ ރަނގަޅަށް ނޫންކަން އޭރުވެސް އޭނާގެ ހިތް ބުންޏެވެ. މާޝިތާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. ނަޒާންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލާފައި ހިތްވަރު ދިނުމުގެ ނަޒަރެއް ނަޒާނާ ބަދަލުކޮށްލިއެވެ.
"މަންޝާ މަތިން ހަނދާންނައްތާލާ ދަރިފުޅާ" މާޝިތާ ބުންޏެވެ.
"ބޭނުމެއްނޫން މަންމާ. އެހެންނޫނަސް ނުވާވަރުގެ ކަމެއް ތިބުނީ. މަންޝާއަށްޓަކައި އަދިވެސް އަޅުގަނޑުގެ ހިތް ތެޅިފޮޅޭވަރު ދެނެވޮޑިގެންވާނީ ހަމަ އެކަލާނގެ. މިއީވެސް ކާމިޔާބީގެ ވައްތަރެއް މަންމާ. ރެއާ ދުވާލު މަންޝާ މަތިން ހަނދާންކޮށްގެން ހުއްޓަސް އަޅުގަނޑުގެ ހިތަށް އެލިބޭ ހިތްހަމަޖެހުން. ހަމަ ތެދެއް މިބުނީ. އެ ނޫން ލޯތްބަކަށް ދުވަހަކުވެސް އަޅުގަނޑުގެ ހިތް ނޭދޭނެ"
މަންޝާގެ އެއްވެސް ކަމެއްގައި ނަޒާނަށް ވިސްނައިނުދޭވޭނެކަން އިނގުމުން އެވާހަކަތައް އިތުރަށް މާޝިތާ ނުދެއްކިއެވެ. މަންޝާއަށްޓަކައި ނަޒާންގެ ހިތުގައިވާ ސާފު ތެދުވެރި ލޯބި އެކުއްޖާގެ ދެލޮލަށް އެކަނި ބަލައިލިޔަސް މާޝިތާއަށް ފެނެއެވެ.
"މާދަމާ ވާނެގޮތެއް އެކަކަށްވެސް ނޭނގޭނެ. އުމުރުން ކިތަންމެ ދުވަހެއް ވިޔަސް އެ ނޫން ލޯތްބަކަށް ނޭދެވޭނެ. ފަހަރެއްގަ ލިބިވެސްދާނެއްނު. ނޫންތަ؟ މަންމަ ދުއާކޮށްދެއްޗެ" ނަޒާން ބުންޏެވެ.
"އެކަމަކު މަންޝާގެ ދިރިއުޅުމަށް ދަރިފުޅު"
"ތިކަހަލަ ކަމެއް ނުކުރާނަން. މަންޝާ ކައިރީގަވެސް ބުނިން. އޭނަ އެދެންވެސް އެދުނު ދުވަހަކުވެސް އަޅުގަނޑުގެ މޫނު އޭނާއަށް ނުދެއްކުމަށް"
*****
އޮފީސް ކައިރިއަށް ސައިކަލް މަޑުކޮށްލި ވަގުތު ނަޒާންގެ ލޮލުގައި އަޅައިގަތީ އަނެއްފަރާތުގައި ހުރި ހައިކާއެވެ. މަގުމަތިންދާ ޓެކްސީތަކަށް އަތްނަގަން ހުރި ހައިކާ އާ ދިމާލަށް ނަޒާން ސައިކަލް ދުއްވާލިއެވެ.
"މަގުމަތި ބަލަހައްޓަން ނިކުތީތަ؟ ނަޒާން އެހިއެވެ.
"ހޭއި. ޒާންތަ؟ ލޯންގްޓައިމް ނޯ ސީ" ހައިކާ ބުންޏެވެ.
"އިނގެއެއްނު ކީއްވެ ކަމެއް ނުފެނުނީ" ނަޒާން ބުންޏެވެ.
"ގެއަށްދާކަށްނު. އަވަހަށް ގެއަށް ދާން ނިކުތީމަ ލިބުނު ލަނޑު މީ" ހީލާފައި ހައިކާ ބުންޏެވެ.
އަހަރެން ގެންގޮސްދީފާނަން. މިއަންނަނީ މައްޗަށް އަރާ ސޮއިކޮށްލާފަ"
މާގިނަ އިރެއްނުވެ ނަޒާން ތިރިއަށް ފައިބައިގެން އައެވެ. ހައިކާ ގޮވައިގެން ބޮޑުތަކުރުފާނުން މަގަށް ހުޅަނގަށް ދުއްވާލިއެވެ.
"މިއަދު ސައިކަށް ކިހނެއް ހަދައިގެން ތިއުޅެނީ؟" ނަޒާން އެހިއެވެ.
"ސްޓާޓް ކުރީމަ ފާޑެއްގެ އަޑެއް ކިޔާތީ ނުކެރުނު ދާކަށް. ގެއަށް ގޮސް ބައްޕަ ފޮނުވާނީ ސައިކު ކަންތަކުގަ"
"ކީއްވެ މި މަގަށް ތިއެޅީ"
"ދެކިލާހިތުން. ހިތަށް ކެތްވާނީވެސް ވަކިވަރަކަށްނު" ނަޒާން ބުންޏެވެ.
******
މަގަށް ނިކުމެފައި މަންޝާ ގުޅީ ސަމާހާއަށެވެ. އޭނާގެ މައިންބަފައިންގެ ގެއަށް ގޮސްފައި ގެއަށް ދާނެ ވާހަކަ ސަމާހާ ކައިރީގައި ބުންޏެވެ. ފޯނު އަތްދަބަހަށް ލާފައި އަވި އައިނު ލޮލަށް ހެޔޮވަރުކޮށްލިއެވެ. ހިނގައިގަންނަން އުޅުނު ވަގުތު ސިހުނީ ކުރިމައްޗަށް އެރި ޝައިހާން ފެނިފައެވެ. މަންޝާ ހައިރާންވިއެވެ. ޝައިހާންގެ ސިފައަށް ބަދަލު ގެނެސްފައި ހުރުމުންނެވެ. ބޯ އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށާފައެވެ. ތުނބުޅި މަތިމަސް އެއްކޮށް ބާލައި އޮމާންކޮށްފައެވެ. މަންޝާ ވީ ފޫއްސެވެ. ޝައިހާނު ކޮންމެ ކަމެއް ކުރިޔަސް އޭނާގެ ހިތުން ދެން ޖާގައެއް ނުލިބޭނެއެވެ.
"އަރާ އަވަހަށް" ޝައިހާން ބުންޏެވެ.
"އަހަރެން ބުނިންތަ ޝައިހާން ކައިރީގަ އަހަރެން ބަލާ އަންނާށޭ" ނުރުހިފައި މަންޝާ ބުންޏެވެ.
"ނުބުނޭ. އެކަމަކު އަހަރެން މަސައްކަތް މިކުރަނީ ރަނގަޅުވާން" ޝައިހާން ބުންޏެވެ. "އަރާބަލަ. އުފާވެރި ހަބަރެއްވެސް ދޭނަމޭ"
ތަނަކީ މަގުމަތިވެފައި، އޮފީސް ދޮރުމައްޗަށް ވުމުން އިތުރަށް ދެބަސްވާން މަންޝާ ބޭނުމެއް ނުވިއެވެ. ސައިކަލު ފަހަތަށްއަރާ އޭނާ އިށީނެވެ.
"އަހަރެންގެ މަންމަމެންގެ ގެއަށް"
ޝައިހާނު ސައިކަލް ދުއްވާލިތާ މާގިނައިރެއް ނުވެ 'މަޑުކޮށްލާށޭ' މަންޝާ ބުންޏެވެ. ކުއްލިއަކަށް ބުރަކި ޖެއްސާލިތަނާ ފަހަތުގައި އިން މަންޝާ ތަތްވީ ޝައިހާނުގެ ބުރަކަށީގައެވެ. އެކަމެއް އޭނާއަށް އިހުސާސެއް ނުވެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރި ދާދި ކައިރީގައި ސައިކަލުގައި އިން ނަޒާނަށެވެ. ދެޒުވާނުންގެ ނަޒަރު ބައްދަލުވީ ވަގުތެވެ. މަންޝާގެ ހިތުގެ ތެޅުން އިންތިހާއަށް ބާރުވިއެވެ. ދެކިލާހިތުން ދެލޮލަށް ނިދި ނައިސްގެން އުޅުނު އޭނާގެ ހިތުގެވެރިޔާ އިނީ އޭނާ އާ ދާދި ކައިރީގައެވެ. ދެތުންފަތް ލެއްޕިފައި ހުއްޓަސް މަންޝާގެ ހިތުން ނަޒާނާ އެތައް ވާހަކައެއް ދައްކައިފިއެވެ. އެތައް އާދޭހެއްކޮށްފިއެވެ. ތަކުރާރުކޮށް މަޢާފަށްވެސް އެދެފިއެވެ. މިހުރިހާ ދުވަހު ނުފެނުނި އުޅުނީތީ އެތައް ޝަކުވާއެއްކޮށްފިއެވެ.
ފުރަތަމަ ހިތަށް އެރީ ނުފެންނަކަމަށް ހަދާށެވެ. އަޅާނުލާ ބީރައްޓެހިކަން ދައްކަން ބޭނުންވިޔަސް އެކަމެއް ނަޒާނަށް ނުވިއެވެ. މަންޝާގެ ލޯބި މޫނުކޮޅު ފެނުނު ވަގުތު އެ މޫނުގައި ބޮސްދޭން ހިތްއެދުނެވެ. ފިރިމީހާގެ ބުރަކަށީގައި ޖެހިފިތިގެން އިންގޮތުން ދެމަފިރިންގެ ލޯބި ނަޒާނަށް އަންދާޒާ ކުރެވުނެވެ. ހިތަށް ތޫނު ތަދެއްވިއެވެ. އެހެންނަމަވެސް އިސްޖަހާލާފައި އަމިއްލަ ނަފްސަށް ހިނިތުންވުމެއް ދިނެވެ. އަނެއްކާވެސް އިސްއުފުލާލާފައި މަންޝާގެ މޫނަށް ބަލަންފެށި ގޮތަށް ހުއްޓާލާކަށްވެސް އޭނާއަށް ނޭނގުނެވެ. ފެނުނީ އެތައް ދުވަހަކަށް ފަހުގައެވެ. ކައިވެނިކޮށްގެން ދިޔަސް އޭނާގެ ހިތުގައި އުފެދިފައިވާ އިހުސާސްތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކުއްލިއަކަށް ފަހަތުގައި އިން ހައިކާގެ އަތަށް ނަޒާން ފިތާލިއެވެ. އެހިނދު ދެމީހުންގެ މެދުގައި ވާހަކަދެކެވުނު ގޮތަށް ނަޒާންގެ ބުރަކަށީގައި ހައިކާ މޫނުޖައްސާ ފިއްތާލިއެވެ.
ނަޒާންގެ ފަހަތުގައި ބޯވައެއްހެން ތަތްވެގެން އިން އަންހެންކުއްޖާ މަންޝާއަށް ފެނުނީ މާފަހުންނެވެ. ހީވީ ހިތަށް ބާރުވެގެން ދިޔަހެންނެވެ. ކުރިން ދުއްވާލީ ނަޒާނެވެ. މަންޝާ ފެނުނު ވަގުތުކޮޅު އެތައް ގަރުނަކަށް ދެމިގެންދާން ބޭނުންވިޔަސް އެއީ ނުވާނެކަމެއްކަން އިނގޭތީ އޭނާގެ ހިތް މަޖުބޫރުކުރީ ކުރިއަށް ދާށެވެ. ނަޒާން ދިޔަ ދިމާލަށް ފަހަތަށް އެނބުރިގެންވެސް މަންޝާ ބެލިއެވެ. އޭނާ ސިހުނީ ޝައިހާން ގޮވައިލުމުންނެވެ.
"ކިހިނެއްވީ؟ ކީއްވެ މަޑުކުރަން ބުނީ؟ ޝައިހާން ބުންޏެވެ.
"ކަމެއްނުވޭ ގެއަށް ހިނގާ" މަންޝާ ބުންޏެވެ.
"ކޮން ގެޔަކަށް ދާންވީ؟"
"މިދެން ކިހާ ދެރަކަމެއް. ޝައިހާނަށް އަޑެއްނީވޭތަ؟ އަހަރެން ނޫޅެން ކަލެއާއެކު ދާކަށެއް"
މަންޝާގެ ހިތަށް ލިބުނު ހިތްދަތިކަން ރުޅިވެރިކަމުގެ ސިފަ އިހްތިޔާރުކުރަން ހިނދުކޮޅެއްވެސް ނުނެގިއެވެ.
މަންޝާ ސައިކަލުން ފައިބަން އުޅުމުން ޝައިހާނު ދެކޮޅުހެދިއެވެ. ސައިކަލުން ނުފޭބުމަށް ޝައިހާން އަމުރުކުރިއެވެ. މަންޝާ ހިމޭންވެފައި އިސްޖަހައިގެން އިނެވެ. އޭނާގެ ހިތުގައި އެބަ ވޭންއަޅައެވެ. ދެލޮލުގައި ކަރުނައެއް ނެތެވެ. އެކަމަކު އޭނާގެ ހިތް އެބަރޮއެވެ. ގެއާ ހަމައަށް ދެވެންދެން މަންޝާ އެއްވެސް ބަހެއް ނުކިޔައެވެ. ސައިކަލު ފައިބައިގެން ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
(ނުނިމޭ)