ހިތްފުރެންދެން ނަޒާންގެ މޫނަށް މަންޝާ ބެލިއެވެ. ކުއްލިއަކަށް ނަޒާން މަންޝާ ހުރި ދިމާލަށް ބަލައިލިއެވެ. އެވަގުތު އެއީ އާމިރު އެދިމާލަށް އިޝާރާތްކޮށްގެން ހުރި ވަގުތެވެ. ހީވާގޮތުން މަންޝާ ފެނުނު ވާހަކަ އާމިރު ބުނީ ކަންނޭނގެއެވެ. އިރުކޮޅަކުން ނަޒާން އެދިމާލަށް ދުއްވައިގަތްތަން ފެނުނެވެ. މަންޝާ އަވަސް އަވަހަށް ފުރަގަހަށް އެނބުރި ސަމާހާ އިންދިމާލަށް ބާރަށް ހިނގައިގަތެވެ.
*****
ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައިވެސް ނަޒާނަށް ވިސްނެނީ މަންޝާ އާ މެދުގައެވެ. އެހާބާރަށް އޭނާ ބޭރަށް ނުކުތް އިރު މަންޝާ އެރި ޓެކްސީ ނައްޓާލައިފިއެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް އެ ސޫރަ ނުފެނުނީތީ ނަޒާންގެ ހިތަށް ތަދުވެލިއެވެ. އެކަމަކުވެސް ކުރާނެ ކަމެއް ނެތެވެ. އެތައް ދުވަހަކަށްފަހުވެސް މަންޝާ ދުށުމުގެ ނަސީބެއް ނުލިބުނެވެ.
"އެ މަންޖެ ދަރިފުޅަށް ފެނުނުތަ؟" ފަހަތުގައި އިން އާމިރު އެހިއެވެ.
ނަޒާނަށް އަޑުނީވޭ ކަހަލައެވެ. އާދައިގެ ވަރަކަށް ސައިކަލު ދުއްވަމުން ދިޔައިރު ނަޒާންގެ ހިތާއި ސިކުނޑިގައި ވަނީ މަންޝާގެ ހިޔާލުތަކެވެ. މަގުމަތިންދާ ކޮންމެ މީހެއް އޭނާއަށް ސިފަވަނީ މަންޝާގެ ސިފައިގައެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. އޭނާގެ ދީވާނާވެފައިވާ ހިތް އިތުރަށް ދީވާނާވަމުން ދިޔައެވެ. އެކަން އޭނާއަށް އިހުސާސްވެސް ވިއެވެ. އެ ސޫރަ ފެންނާނީ ކޮންއިރަކު ހެއްޔެވެ؟
*****
ޓެކްސީގައި އިން ސަމާހާގެ އެއް އަތް އޮތީ މަންޝާގެ އުނގުތެރޭގައެވެ. ޝީޓުގައި ބޯއަޅައިގެން ދެލޯ މެރިފައި ސަމާހާ އޮތެވެ. މަންޝާ އިނީ ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. ސަމާހާ ބަލައިލިޔަސް އޭނާގެ މޫނު ނުފެންނާނެ ހެންނެވެ. އޭނާގެ ދެކޯތާފަތުން ތިރިއަށް ކަރުނަ ތިއްކަކަށްފަހު ތިއްކެއް ފައިބަމުން ދިޔައެވެ. ނަޒާން އޭނާ ހޯދަން އައިކަން އޭނާއަށް ޔަގީންވެއްޖެއެވެ. އެ ހިތުގައި އަދިވެސް ލޯބި އޮތީ ހެއްޔެވެ؟ އިންތިހާއަށް ލޯބިވެއްވިއްޖެއެވެ. ތި ލޯތްބާނުލާ މޮޔަވެދާނެއެވެ. މަރުވަންދެން ދިރިއުޅެން މަޖުބޫރެވެ. އެކަމަކު ތިލޯތްބާ ނުލާ ހެއްޔެވެ؟ އިތުރުބާރު ނުކުރެވުނީތީ މައާފަށްއެދެމެވެ. މަންޝާގެ ހިތް ވާހަކަދައްކަމުން ދިޔައެވެ.
*****
ނަޒާން ގޭތެރެއަށް ވަންއިރު ބޮޑުކޮޓަރިއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. އާމިރު ސޯފާގައި ބައިންދާފައި ނަޒާން މާޝިތާއަށް ގޮވާލިއެވެ. މާގިނަ އިރެއްނުވެ މާޝިތާ އަތުވެއްޖެއެވެ.
"މަންމަ ދާންވީނުން ބައްޕަ ގޮވައިގެން. ކުޑަކޮށް ނިދާލާ ބައްޕަ. އެހާވަރަށް ނުވިސްނާތި. ކަންކަމާ ދިމާވާނެ. ހުރިހާ މީހުން އެއްވެގެން އުޅުނީމަ ރަނގަޅުވާނެ"
ދޮށީ ދަރިފުޅުގެ ބަސްގަބޫލުކޮށްގެން މާޝިތާ ހިނގައިގަތެވެ. އޭނާ ހުރީ އާމިރުގެ އަތުގައި ހިފަހައްޓައިގެންނެވެ. މައިންބަފައިން ކޮޓަރިއަށް ދިއުމުން ނަޒާން ހަށީފުރާ ނޭވައެއް ދޫކޮށްލިއެވެ. މަންޝާ އަތުން ބީވެގެންދިޔަ ކަމުގެ ހިތާމައިގައި އޭނާ ދިރިއުޅޭ މާހައުލުން ދުރަށްޖެހިލީ ހިތަށް ތަސައްލީއެއް ހޯދުމަށެވެ. ކައިވެނި ކުރުމަށްޓަކައި ކޯޓުން އެތެރެއަށް މަންޝާ ވަންނަންދެން އޭނާ ބަލަހައްޓައިގެން ހުއްޓެވެ. ފަހުވަގުތު މަންޝާގެ ފަރާތުން ލިބުނު އުންމީދެއް ނެތް ޖަވާބެއްގެ ސަބަބުން ހިތަށް ހީވީ ކަށިތަކެއް ހެރިގެން ދިޔަހެންނެވެ. ކުރިއަށް ސައިކަލު ދުއްވާލި އިރު ދެލޮލަށް ފުސްވެފައިވިހެން ހީވިއެވެ. އޭނާއަށް ދެންވީގޮތެއް ނޭނގުނެވެ. ހޭވެރިކަމެއްވީ ހޮސްޕިޓަލުގެ އެނދެއްގައި އޮއްވައެވެ. ނަސީބަކުން މާބޮޑު އަނިޔާއެއް ނުވެއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ދިޔުމުގެ ބަދަލުގައި އޭނާ ދިޔައީ އެކުވެރިޔަކާއެކު ފުލުހުންގެ ބެރެކްސްއަށެވެ. އެތަނުގައި އެއްރޭ މަޑުކޮށްފައި އޭނާގެ ވެރިޔާއާ ވާހަކަދައްކައިގެން ތަހުގީގު ޓީމެއް އަތޮޅުތެރެއަށް ކުރި ދަތުރުގައި ބައިވެރިވިއެވެ. ވެރިޔާގެ ސުވާލުތައް ގިނަވުމުން އެންމެފަހުން އޭނާގެ ވާހަކަތައް ޖެހުނީ ވެރިޔާއަށް ކިޔައިދޭށެވެ. ނަސީބު ދިމާކުރީ ވަރަށް ރަނގަޅަށެވެ. މިހުރިހާ ދުވަހު އޭނާ ހުރީ ތުލުސްދޫގައެވެ. މައިންބަފައިންގެ ސުވާލުތައް ކުރިމަތިވެދާނެތީ އޭނާ އުޅުނީ ފޯނު ނިއްވައިގެންނެވެ. ދަތުރު ނިންމައި މާލެ އައި އިރު އޭނާގެ ސިކުނޑި ހުރީ ހަމަޔަކަށް އެޅިފައެވެ. އެހެންނަމަވެސް ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަނެއްކާވެސް ވެއްޓުނީ ބޮޑު ހަމަނުޖެހުން ގަނޑެއްގެ ތެރެއަށެވެ.
******
އެނދުގައި އޮތް ނާޔާ ދިޔައީ ސިއްސައިގެންނެވެ. ބޯހިއްލާލާފައި ބަލައިލި އިރު ވަދެގެން އައީ އޭނާގެ ދެ ބޭބެއެވެ. ދެބޭބެ އަތުގައިވެސް އޭނާއަށްޓަކައި ކާއެއްޗެހި ތަބަކެއް ހުއްޓެވެ. ދެބޭބެއާ ކުރިމަތި ނުލުމަށް ނާޔާ ކުއިލްޓް ތެރޭގައި އިތުރަށް ބޮނޑިވިއެވެ.
"އޯރިއޯ ޕުޑިންނޭ. ރިއަލީ. އެއްކަލަ ޓޭކްއަވޭ ކުރާތަނުން ދޯ" ނަޒާންގެ އަޑު އިވުނެވެ.
ނާޔާ އިތުރަށް ހިތުގައިޖެހުނެވެ. އޭނާއަކީ ކުށްވެރިއެކެވެ. ދެބޭބެ އަދިވެސް މަސައްކަތް އެކުރަނީ އޭނާ ހިތްރުއްސާށެވެ. އެއީ އިންސާފެއް ނޫނެވެ. އޭނާއަށް އަދަބު ލިބެން ޖެހެއެވެ.
"ނާޔާ... ތެދުވެބަ މި ކާން"
ނަޒާންގެ އަޑު އިވުނެވެ. ނާޔާގެ ހަބަރެއް ނުވުމުން ނަވާލާއި ނަޒާން އެކަކު އަނެކަކަށް ބަލައިލިއެވެ. ނާޔާ ވާހަކަނުދެއްކިޔަސް އަދިވެސް ރޮނީކަން ދެބެންނަށްވެސް އެނގުނެވެ. އެންމެފަހުން ނަޒާން ނާޔާގެ ގައިމަތިން ކުއިލްޓް ނެގިއެވެ. ނާޔާ ލައިގެން ހުރި ލައިޓް ބްލޫ ކުލައިގެ އަތްކުރު ޓީޝާޓްގެ އަތްކުރި އަތުގައި މަޝިތާ ތަޅާފައި ހުރި ނިޝާންތައް ރަތްކުލައިން ފާހަގަވާން ހުއްޓެވެ. ނާޔާ ގަދަކަމުން އެނދުން ނަގާފައި ނަޒާން ހިފެހެއްޓީ ނާޔާގެ ދެއަތްތިލައިގައެވެ. ނަވާލްވެސް ނާޔާއަށް ބަލަހައްޓައިގެން އިނީ ދެރަވެފައެވެ. ނާޔާ ކުރީ ރަނގަޅުކަމެއް ނޫނެވެ. އެކަމަކު މާޝިތާގެ އަމަލުތައްވެސް ހުރީ އެންމެ ރަނގަޅަކަށް ނޫނެވެ.
"ސޮ.. ސޮރީ ދޮންބޭ" ނާޔާ ހިތްވަރުން ބުންޏެވެ. ވާހަކަދައްކަން ފެށުމުން އިތުރަށް އޭނާއަށް ރޮވިއްޖެއެވެ.
"އިޓްސް އޯކޭ. ކޮންމެ ކަމެއްވެސް ހައްލުވާނީ ވާހަކަދައްކައިގެން. ދޮންބެމެންގެ ތެރޭގައި މިވަގުތު ގާލްއަކަށް ތިހުރީ ނާޔާ އެކަނި. މަންމަ ހަމަޔަކަށް އެޅެން އަދި ވަރަށް ގިނައިރު ނަގާނެ. ހިނގާބަލަ ވާހަކަދައްކާލަން. ނާޔާއަށް އެނގެއެއްނު ދޮންބެ ދައްކަން މިއުޅޭ ވާހަކަ"
ނާޔާ ކުޑަކޮށް އިސްއުފުލައިލިއެވެ. ވަގު ލޮލަކުން ނަވާލަށް ބަލައިލިއެވެ. އޭނާއަށް ހީވީ އޭނާގެ ސަބަބުން ތިއާ ގެއިން ނުކުމެގެން ދިޔުމުން ނަވާލް އަދިވެސް އިނީ ހިތްހަމަނުޖެހިފަ ހެންނެވެ.
"ތިއްތި ނާޔާއަށް މާފްކޮށްފިން. ކިޔާބަލަ ޒަރޫކްގެ ވާހަކަ"
"އޭނަ އަޅުގަނޑަށް އޮޅުވާލީ. އަޅުގަނޑު ހަމަ އަސްލަށް ލޯބިވީ. އެކަމަކު ނޭނގެ ކީއްވެކަމެއް ނާއްކޮއަށް އޭނަ މިހެން ހެދީ"
"އެކަމާ އަޅާނުލާ. ނާއްކޮ ގަބޫލުކުރަމެއްނު ކުރެވުނީ ގޯސްކަމެއްކަން. ތައުބާވާންވާނެ. ތައުބާނުވެ ހުއްޓައި މަރުވެއްޖިއްޔާ ދެން ނޯންނާނެ ކުރެވޭނެ އެއްވެސް ކަމެއް. އަވަހަށް ތައުބާވޭ. ތިހެން ރޯން އޮތުމަކީ އަދި ހައްލެއް ނޫން. ތި ޒަރޫކް ހަމަޔަކަށް އަޅުވަން ދޮންބެ މިހުރީ. އޭނައަށް އެއްވެސް ކަމެއް ނުކުރެވޭނެ. އަވަހަށް ފެންވަރައިގެން ނުކުމެ ހަމަޖެހިލައި ނަމާދުކޮށް ދުއާކޮށްލީމަ ހިތަށް ހަމަޖެހުން ލިބޭނެ"
"އެކަމަކު މަންމަ އާއި ބައްޕަ" ނާޔާއަށް އަނެއްކާވެސް ރޮވުނެވެ.
"ނާއްކޮ ތިކުރި ކަމެއްގެ ސަބަބުން އެންމެ ބޮޑަށް ހާޓްވާނީ އެމީހުނެއްނު. އެމީހުންނަށް ވަގުތު ދީ. ތަންކޮޅެއް ފަހުން މަންމައާ ދޮންބެ ވާހަކަދައްކާނަން"
*****
މޭޒު ކައިރީގައި ނަވާލް އިނެވެ. ކޮފީހަދަން ހުރީ ނަޒާނެވެ. މައިންބަފައިން ކޮޓަރިން ނުނިކުމެއެވެ. ރޭގަނޑުގެ ކެއްކުމާ ހަވާލުވީ ނަޒާނެވެ. ފަސޭހަކޮށްލަން ނަޒާން ތައްޔާރުކުރީ ނޫޑްލީހެވެ. އެއްވެސް މީހަކަށް ނުފެނުނަސް އޭނާގެ ހިތްވެސް ވަނީ މާކުރިން ހަލާކުވެފައެވެ. އޭނާއަށް ގެއަށް އާދެވުނީ އެންމެ ރަނގަޅު ވަގުތުގައެވެ. މުޅި ގޭތެރެވަނީ ކަރުނުން ފުރިފައެވެ. މައިންބަފައިންނާއި ކުޑައަށް ތިބި ދެބެންނެވެ. ހިތް ހަލާކުވެފައިވާ ހާލު އެ އެންމެންނަށް ހިތްވަރަކަށް ވާން ނަޒާން މަސައްކަތް ކުރިއެވެ.
"ގުޅިއްޖެތަ؟" ނަވާލްގެ ކުރިމަތީގައި ކޮފީތަށި ބަހައްޓަމުން ނަޒާން އެހިއެވެ. އޭނާ އިށީނީ ނަވާލާ ކުރިމަތިވާ ގޮތަށެވެ.
"ނިވާލާފަ" ނަވާލް ބުންޏެވެ. "ފުރަން މިއުޅެނީ"
ކޮފީތަށިން ކޯވަރެއް ބޯލާފައި ނަވާލްގެ މޫނަށް ނަޒާން ބަލައިލިއެވެ.
"ދޮންބެއަށް ކަމެއް ކޮށްދެންޏާ މާދަމާއަށް ފުރުން ލަސްކޮށްލަންވީނު" ނަޒާން ބުންޏެވެ.
ނަވާލް ބަލައިލީ ނޫނެކޭ ބުނާ ކަހަލަ ގޮތަކަށެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތެއް އޭނާއަށް މުހިންމެވެ. ތިއާ އާ ނުލައި އޭނާ ދިރިއުޅޭ ހާލު އެނގޭނީ އެކަނި އެނާއަށެވެ.
"އެހެން މިބުނީ ނަވާ ދާއިރު ނާޔާ ގޮވައިގެން ދާށޭ ބުނަންވެގެން. އޭރުން އެކުއްޖާ ހަމަޔަކަށް އެޅިދާނެ. ކޮޓަރިން ނުނިކުމެ އެހެން އަބަދު ރޯންވިއްޔާ އެކުއްޖާގެ ދުވަސް ހިނގައިދާނެ. ތިއާ އާ ބައްދަލުވެ ވާހަކަދައްކާލެވުނީމަ ނާޔާ ހިތްހަމަ ޖެހޭނެ. އަނެއްކޮޅުން މިތަނުގަ އޭނަ ބަހައްޓައިގެން މަންމަމެންގެ އަޅާލުން ކުޑަވިއްޔާ ހައްތަހާ އޭނަ ސަކަރާތްވާނީ. ނަވާމެން އަންނަންވާއިރަށް ދޮންބެ މިތަން ހަމަޔަކަށް އަޅުވާނަން. ތި ޒަރޫކެއްވެސް އަތުޖައްސަން ޖެހޭނެއްނު"
"މަޑުކޮށްލެވިދާނެ. އެކަމު ތިހުރިހާކަމެއް ދޮންބެ އެކަނި"
"އަޅާނުލާ. ތިއާ އާއި ނާޔާގެ ކަންތަކާ ނަވާ ހަވާލުވޭ. ބާކީ ހުރި ހުރިހާކަމެއް ދޮންބެ ބަލަހައްޓާނަން"
*******
އެނދުގައި އިނދެ ފުންނޭވާތަކެއް ލަމުންދިޔަ ސަމާހާގެ ބުރަކަށީގައި ފިރުމަމުން މަންޝާ ދިޔައެވެ. ސަމާހާ އިނީ ވަރުބަލިވެފައެވެ. ހޮސްޕިޓަލުން ގެއަށް އައިފަހުން އޭނާ ގިނަވަގުތު ހޭދަކުރީ ޝައިހާނާ ޒުވާބުކުރުމުގައެވެ. މަންޝާގެ ހައްގުގައެވެ. ގެއަށް އައި އިރު މަންޝާގެ ހުރިހާ ސާމާނެއް އޭނާގެ ކޮޓަރިއަށް ގެންގޮސްފައި ހުރުމުންނެވެ. މަންޝާ ދެރަވެ ރޮވިފައި ހުރީ އޭނާއަށްޓަކައި އުމުރުން ދުވަސްވެފައި ހުރި މީހަކު އެހާވަރަށް ތެޅޭތީއެވެ.
"މަންމަ ދެން ޝައިހާނާ އެއްވެސް ޒުވާބެއްކޮށްގެން ނުވާނެ. އަޅުގަނޑު ހިނގައިދާނަން އެކޮޓަރީގަ ނިދަން" މަންޝާ ބުންޏެވެ.
"އެ ފުރޭތަ އަނިޔާއެއްކޮށްފާނެ" ސަމާހާ ބުންޏެވެ.
"އަނިޔާއެއް ކުރެވޭނީ އަޅުގަނޑު އެފުރުސަތު ދިނީމަ. އޭނަ ހަމައިގަ ހުރިއްޔާ ޒުވާބުކޮށްކޮށް ހުރެދާނެ. އެއްޗެއް ބޮއެގެން ހުރިއްޔާ އެތަނުގަ ނުހުންނާނަން"
މަންޝާ ކޮޓަރިން ނުކުތީ ކަންބޮޑުވެފައި އިން ސާމާހާ ހިތްހަމަޖައްސައިދީފައެވެ. ހަގީގަތުގައި ޝައިހާނާ އެއްކޮޓަރިއެއްގައި ދިރިއުޅެން އޭނާ ބޭނުމެއް ނުވެއެވެ. އެއްތަނެއްގައި ނިދަން ޖެހޭތީ އޭނާ ބިރުހީވިއެވެ. އެހެންނަމަވެސް އޭނާއަށްޓަކައި ސަމާހާ އެހާލުގައި އުޅޭތަން ބަލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެނާ ހިމާޔަތްކުރާކަށް އަބަދު ސަމާހާ ނުހުންނާނެއެވެ. އަމިއްލަ ނަފުސުގެ ސަލާމަތް ބައެއްފަހަރު އަމިއްލައަށްވެސް ހޯދަން ޖެހޭނެއެވެ.
މަންޝާ ކޮޓަރިއަށް ވަނުމާއެކު އެނދުގައި އޮތް ޝައިހާން ފުންމައިގެން ތެދުވިއެވެ. ކަބަޑުމަތީގައި އޮތް ބޯގަންވިލާ މާތަށް މަންޝާގެ މޫނަށާއި ބޮލަށް އުކަމުން މަންޝާއަށް މަރުހަބާ ކިޔަމުން ދިޔައެވެ. ޝައިހާނަށް ދެލޯ އަޅަމުން އެތެރެއަށް މަންޝާ ހިނގައިގަތެވެ. އިށީންނަން ނީށީންނަން ހުރެފައިވެސް މޭޒު ކައިރީގައި ހުރި ގޮނޑީގައި މަންޝާ އިށީނެވެ.
"އަން. މި ލައިގެން އާދޭ"
ދޮރުގައި އަޅުވާފައި އޮތް ނައިޓީ މަންޝާގެ އުނގަށް އެއްލަމުން ޝައިހާން ބުންޏެވެ. މަންޝާ އެ ނަގާފައި ލޯމަތީގައި ފަތުރާލިއެވެ. ދެން ދަތްކުނޑި ވިކައިގަނެފައި ނައިޓީ ބޮނޑިކޮށް ޖެހީ ޝައިހާންގެ މޫނަށެވެ.
"ކަލޭ ތިއީ ސޯލިހް ފިރިއެއްނަމަ ތި ލައިގެން އަހަރެން ކަލޭ ކައިރީގަ ނިދާނެތާ ކިތަންމެ ދުވަހެއް. އަހަރެން މިތަނަށް މިއައީ އެ މުސްކުޅި އަންހެންމީހާއަށް ހަމްދަރުދީވެގެން. ކަލޭދެކެ ބިރަކުން ނޫން. އަނެއްކާ މިރޭ ހަމައިގަ ހުރި ރެއެއްތަ؟"
ޝައިހާން ދެރަވެއްޖެއެވެ. ސިކުނޑި ބަރާބަރަށް މަސައްކަތްކުރާ ވަގުތަކަށްވުމުން މަންޝާގެ ވާހަކަތަކާ އޭނާއަށް އެއްބަސްވެވުނެވެ. އޭނާގެ ކުށް ގަބޫލުކުރެވުނެވެ. މަޑުމަޑުން މަންޝާ އާ ދިމާލަށް އޭނާ ފިޔަވަޅު އަޅަމުން ދިޔައެވެ. ތެދުވަން އުޅެފައިވެސް މަންޝާ އަޅާނުލީ މަންޝާގެ ފައިބުޑަށް ޝައިހާން ތިރިވުމުންނެވެ.
"އަހަރެން ކިހާ ގޯސް ދޯ. މިހާރު ވަޒީފާއަކަށްވެސް ނުދޭ. ހުރިހާ ނުބައިކަމެއް ކުރޭ. މަން އަށްވެސް އޮޅުވާލީ. ބައެއްފަހަރު މަންމަ ދެރަވެސްކުރެވޭ. ކުރީދުވަހު އަނިޔާވެސް ކުރެވުނު. ސޮރީ ހުރިހާ ކަމަކަށް"
މަންޝާގެ އުނގުގައި ޝައިހާން ބޯއެޅިއެވެ. ދެފައިގައި ތުރުތުރު އަޅަމުން ދިޔައިރު މަންޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ހަމަ ހަގީގަތުގައިވެސް އަހަރެން މަންދެކެ ވަރަށް ލޯބިވޭ. އަހަރެން ރަނގަޅުވާން ބޭނުން. މަންއަށް ނޭނގުނަސް މެރީކުރުމުގެ ކުރިން ރަނގަޅުވާން މަސައްކަތް ކުރީން. އަހަރެން މަސްތުވާތަކެތި ބޭނުންކުރާތާ ސަތާރަ އަހަރުވެއްޖެ. ކިހިނެއް އެހާ ފަސޭހައިން ދުރަށް ދާނީ. ކުރިން ފަރުވާއަށްވެސް ދާން އުޅުނިން. މަންމަ އެކަނިވާނެތީ ނުދިޔައީ. އަހަރެންނަށް ޑްރަގަސް ބޭނުންކުރެވެނީ އެ ނުނަގާ ކެތްނުވާތީ. އެކަމަކު މަން އެހީވެއްޖިއްޔާ އަހަރެން މަސައްކަތްކުރާނަން"
މަންޝާ ވާހަކަނުދެއްކިއެވެ. ޝައިހާނާ އެއްކޮޅަށް އެރުމަކީ އޭނާ ނުކުރާނެ ކަމެކެވެ. އިތުބާރު ގެއްލޭނީ އެއްފަހަރުއެވެ. އަނބުރާ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.
"ކޮންމެސް އެއްޗެއް ބުނޭ މަން. އަހަރެންނަށް އެހީވާނަންތަ؟" ޝައިހާން ދުރުކޮށްލާފައި މަންޝާ ފުންމައިގެން ތެދުވިއެވެ. ޝައިހާނާ ދުރަށް ޖެހިފައި ހަމަޖެހުމުގެ ނޭވައެއް ލިއެވެ.
"ޝައިހާން އަހަރެންގެ އެހީތެރިކަން ބޭނުމިއްޔާ ފޮރުވި އަހަރެންގެ އެއްޗެހިތައް ދޭންވީ" މަންޝާ ބުންޏެވެ.
"އަހަރެން މިއީ ފިރިމީހާއެއްނު. އެތަކެތި ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާއެއްނު. އެހެންނޫނަސް މަން އަތުގަ އެހުރިއްޔާ އެއީ އަހަރެންނަށް ބޮޑު ބިރެއް. އަހަރެން ދޫކޮށްލާފަ ދާނީ ކޮންވަގުތަކު ކަމެއް ނޭނގެ. މަން އަހަރެންނަށް ގެއްލިދާނެތީ ފޮރުވީ"
މަންޝާ އެތަންމިތަން ހޯދަން ފެށިއެވެ. އަލަމާރި އާއި މޭޒުގެ ޑްރޯވާތަކެވެ. ބާލީސްތައް ދަށާއި ގޮދަޑި ދަށެވެ. އެއްފަރާތުގައި ހުރި ބާ ފޮތްހަރުގަނޑެވެ. މަންޝާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން މުށިތަކުގެ މަތީގައި ޝައިހާން އިނެވެ.
"ރައްޓެއްސެއް އަތަށް އަހަރެން ދިނީ" ޝައިހާން ބުންޏެވެ.
މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ކުރެވުނީ ބޭކާރު ކަމެއްކަން އެނގުމުން އެނދުގައި އިށީނދެފައި ދެއަތްތިލައިން ބޮލުގައި ހިފަހައްޓާލިއެވެ. މަންޝާ އެ ވިސްނަނީ ކޯޗެއްކަމެއް ނޭނގެއެވެ.
"އަހަރެންނަށް ވަގުތުދީ. ޝައިހާން ރަނގަޅުވާން މަސައްކަތް ކުރޭ. އަހަރެންގެ އިތުބާރު ހޯދަން މަސައްކަތް ކުރޭ. އަހަރެންގެ ހިތްހަލާލު ލިބެންދެކަށް އަހަރެންގެ ގައިގައި އަތްލައިގެން ނުވާނެ. އަހަރެންނާ އެއް އެނދުގައި ނިދައިގެން ނުވާނެ. އަހަރެންގެ މައިންބަފައިންގެ ކުރިމައްޗަށް ޝައިހާން އަރަން ޖެހޭނީ ސާފުތާހިރުކޮށް. އެއިން އެއްވެސް މީހަކަށް ޝައްކެއްވެގެން ނުވާނެ. ވަޒީފާވެސް އަދާކުރަންވާނެ. ނަމާދުކުރަންވާނެ. މަންމައަށް އޯގާތެރިވާންވާނެ އަދި މިގޭތެރެއިން ސިނގިރެޓެއް ލައިޓަރެއް ބަޓު ބުރިއެއް ނޫނީ ބޯންގެންގުޅޭ އެއްވެސް އެއްޗެއް ފެނިގެންނުވާނެ. އަޑު އިވިއްޖެތަ؟"
ޝައިހާން ޖަވާބެއްދިނަސް ނުދިނަސް މަންޝާގެ ފަރުވާލެއް ނެތެވެ. މަންޝާ ފާހާނާ އާ ދިމާލަށް ހިނގައިގަތެވެ.
"ތިބުނި ހުރިހާ ކަމަކަށް އަހަރެން އެއްބަސް"
މަންޝާއަށް ޖަވާބެއް ލިބުނީ ފާހާނާއަށް ވަންފަހުންނެވެ. ދޮރުލައްޕާލާފައި މަންޝާ ހުއްޓުނީ މޫނުދޮންނަ ތަށި ކައިރީގައެވެ. ކުރިމަތިން ފެންނަން ހުރި ލޯގަނޑުން އޭނާގެ ސޫރަ ފެނިލިއެވެ. ކުރީގެ އެ ތާޒާކަމެއް އޭނާގެ މޫނުމަތީގައި ނެތްކަން ހުދު އޭނާއަށްވެސް ފާހަގަވިއެވެ. ދިރިއުޅުމުގައި ނުވިސްނާ އެޅި އެންމެ ފިޔަވަޅެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ހަރާބުވެއްޖެއެވެ. ޝައިހާނަށް ޝަރުތުތަކެއްވެސް ކަނޑައެޅިއްޖެއެވެ. އެ ޝަރުތުތަކާ ޝައިހާން ރުހޭކަންވެސް އަންގައިދީފިއެވެ. ޔަގީނުންވެސް އެގޭތެރޭގައި އުޅެން ދެން ފަސޭހަވާނެއެވެ. ޝައިހާންގެ އުނދަގުލެއް ނުވާނެއެވެ. މަންޝާއަށް އެހެންގޮތެއް ނެތީއެވެ. ޝައިހާންގެ ދިރިއުޅުމަށް މަންޝާ ގެނައީވެސް މަކަރާއި އޮޅުވާލުމެއްގެ ތެރެއިންނެވެ. ޝައިހާންގެ ދިރިއުޅުމުން މަންޝާ ނުކުންނާނީވެސް ޝައިހާން ފަދައިން އެ ކުޅިވަރު ތަކުރާރުކޮށްގެންނެވެ. ބާޒީ އޮތީ މަންޝާގެ މުށުތެރޭގައެވެ. ކުޅިފަސް ހޯދޭނީ ހިތްވަރާއެކު މަސައްކަތްކޮށްގެންނެވެ. އެންމެ ފުރަތަމަ މަންޝާ ކުރަން ޖެހޭނީ ކޮންކަމެއްކަންވެސް އޭނާއަށް އެނގިއްޖެއެވެ. މަންޝާއަށް އެއްކަމެއް ޔަގީނެވެ. އެނާގެ ހިތުގައި ޝައިހާނަށްޓަކައި ނަފުރަތާއި ފޫހިކަން އަދި ރުޅިވެރިކަން ނޫނީ އެހެން އެއްވެސް އެއްޗެއް ނެތެވެ. އޭނާގެ ހިތާފުރާނައިން އެދެނީ ނަޒާނަށެވެ. އެއީ މުޅީން ތަފާތު ލޯތްބެކެވެ. އެ ލޯތްބަށް އޭނާ މުޅި އުމުރަށް އިންތިޒާރު ކުރާނެއެވެ. މަންޝާއަށް އެނގެނީ ޝައިހާންގެ އަތުތެރެއިން އޭނާ މިންޖުވާނެ ކަމެވެ. އެނާއަށް ނޭނގެނީ އޭނާއަށް ސަލާމަތްވެވޭނެ ދުވަހެކެވެ. އެކަމަށް އޭނާ އިންތިޒާރު ކުރަން ޖެހޭނީ ކިހާ ދުވަހަކަށް ކަމެވެ.
*****
ޖެހިގެން އައި ދުވަހު ނަވާލް ފުރީ ނާޔާ ގޮވައިގެންނެވެ. އެކަން އެނގެނީ އެކަނި ނަޒާނަށެވެ. ނާޔާގެ އެއްވެސް ހަބަރެއް މާޝިތާވެސް އާމިރުވެސް ނުބަލައެވެ. ވަޒީފާ އެއްކޮށް ނުނިމެނީސް ނަޒާން ގެއަށް އަތުއްވެއްޖެއެވެ. މައިންބަފައިންނަށް އޭނާގެ އެހީތެރިކަން ބޭނުންވާނެކަން އޭނާއަށް ޔަގީނެވެ. ގެއަށް އައީ އެހެންވެއެވެ. ދޮރުހުޅުވާލިތަނާ އޭނާއަށް އެރުނީ ނުކުންނަން އައި އާމިރުގެ ކުރިމައްޗަށެވެ.
"ބައްޕަ ކޮންތާކަށް؟ އަޅުގަނޑު ގެންގޮސްދެންތަ؟"
އާމިރު ހީލިއެވެ. ދެފަރާތަށް ބޯހޫރާލާފައި ފައިވާން ހަރުގަނޑުގައި ހުރި ފައިވާން ނެގިއެވެ.
"އުނހު. ބައްޕަ ހިނގައިދާނަން. ﷲ އިރާދަކުރެއްވިއްޔާ މިހާރު ރަނގަޅޭ. އެއްޗެއް ގަންނަން މި ނުކުންނަނީ" އާމިރު ބުންޏެވެ.
ކޮޓަރިއަށް ވަނުމުގެ ކުރިން ނަޒާން ބަދިގެއަށް ދިޔައީ ފެންފޮދެއް ބޯލާށެވެ. މޭޒުކައިރީގައި އިން މާޝިތާ ފެނުމުން އެންމެ ފުރަތަމަ ނަޒާން ދިޔައީ އެދިމާލަށެވެ. މާޝިތާގެ ނަޒަރު ހުއްޓިފައިވަނީ މޭޒުމަތީގައި މޮޑެފައި ހުރި ބަތްތަށްޓަށެވެ. ކައިރީގައި އިށީނދެފައި މާޝިތާގެ އަތްތިލައިގައި ނަޒާން ހިފެހެއްޓިއެވެ. ސިހިފައި މާޝިތާ ބަލައިލިއެވެ.
"މިހިރީ ނާޔާއަށް މޮޑުނު ބަތްތަށި. މި ދީފަ ބުނޭ ކާށޭ. ރޭގަވެސް އެކައްޗެއްވެސް ނުކައި" މާޝިތާ ބުންޏެވެ. ނަޒާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މައިންނަކީ ދުވަހަކުވެސް ދަރިންނަށް ގެއްލުމެއްވާން އެދޭނެ ބައެއް ނޫނެވެ.
"ނާޔާއެއް ނެތް. ނަވާ ފުރީ ނާޔާ ގޮވައިގެން. ނާޔާ ހުރީ ކުރެވުނު ކަންތަކާ ދެރަވެފަ ބަލިވެފަ. އަޅުގަނޑު ބުނީ ނާޔާ ގެންދަން. ތިއާ ފެނި ވާހަކަދައްކާލެވުނީމަ ހުރިހާކަމެއްވެސް ރަނގަޅުވާނެ. މަންމަވެސް ކަންތައްކުރީ ރަނގަޅަކަށް ނޫން. އެކަހަލަ ކަމެއް ކުރީމަ އިތުރަށް ބާކީ ކޮށްލަނީ ކީއްކުރަން. ނަސޭހަތެއްނު ދޭނީ. މަންމާ، ނާޔާ ބޮލަށް އެ ޒަރޫކް ހުރީ ވަރަށް ރަނގަޅަށް ވަދެފަ. ހަގީގަތުގައިވެސް ނާޔާ ވީ ލޯބި. ދެން އެވާހަކަނުދައްކާ. މަންމަ ނާޔާއަށް މައާފުކުރާނަންތަ؟" ނަޒާން ވާހަކަދެއްކިއެވެ.
މާޝިތާ ބޯޖަހާލިއެވެ. ކުރެވުނު ކަންތަކާ އޭނާ ދެރަވެގެން އުޅޭތާ ކިތަންމެ އިރެކެވެ. ރޭގައި އެންމެ ލޮލު ފިޔައެއްވެސް އޭނާ ނުޖަހައެވެ. މައިލަގޮނޑިއަށް ކެތްނުވެގެން ނާޔާ ކައިރިއަށް ދާން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ ކެތްކުރިއެވެ. އޭނާ ބޭނުންވީ ކުރެވުނު ކުށް ނާޔާއަށްވެސް އިހުސާސްވާށެވެ.
ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން ނަޒާން ބަލައިލިއެވެ. އަރާފައި އިނީ ޒަވީގެ ނަމެވެ. އޭނާ މާޝިތާގެ މޫނަށް ބަލައިލާފައި ފޯނު ނެގިއެވެ.
"އޭނާ އައީތަ؟" ނަޒާން އެހިއެވެ.
"އޯކޭ ވަރަށް އަވަހަށް މިދަނީ. އަހަރެންނަށް ކަމެއް ކޮށްދެންޏާ އަހަރެން ދިޔުމުގެ ކުރިން ދިޔަ ނުދޭތި. ކޮންމެސް ވާހަކައެއް ދައްކައިގެން ހިފަހައްޓާތި"
ނަޒާން ތެދުވަން އުޅެނިކޮށް މާޝިތާ ހިފެހެއްޓިއެވެ. ވާނުވާ ނޭނގި މާޝިތާ ނަޒާންގެ މޫނަށް ބަލަމުން ދިޔައެވެ.
"ވަރަށް އަވަހަށް އަންނާނަން މަންމާ. ކުށްކުރި މީހެއް ވިއްޔާ ހައްގު އަދަބު ލިބެންޖެހޭނެއްނު. ނާއްކޮގެ ފޮޓޯތަކާއި ވީޑިޔޯތައް ބޭނުންކޮށްގެން އެ ޒަރޫކް ތިއާ އާއި ނާއްކޮއަށް ބިރުދައްކައިގެން ބްލެކްމެއިލް ކުރި މައްސަލަ ކޭސްކޮށްފިން. އޭނަ ބިރުން އެގެއިންވެސް ގޮއްސި. އޭނަގެ ބައެއް ސާމާނު ބަލާ އަންނަ ވާހަކަ ޒަވީ ގުޅާފަ އެބުނީ. އެއީ ރޭގަ އަޅުގަނޑު ޒަވީއަށް ގުޅާފަ ވާހަކަދެއްކީމަ. މި އަންނަނީ އިނގޭ"
މާޝިތާގެ ކޯތާފަތުގައި ފިރުމާލާފައި ނަޒާން ހިނގައިގަތެވެ.
އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި ދޮރާ ދިމާލަށް ކުޑަކޮށް ދުއްވައިވެސްގަތެވެ. އޭނާ ހުރީ ހިތްއަވަސްވެފައެވެ. އެހާ އަވަހަށް އޭނާގެ ހަށިގަނޑުގެ ލޭ ހޫނުވާން ފަށައިފިއެވެ. ލޯބިވެގެން ކޮއްކޮއަށް ލަނޑެއްދީފައި ފަހުވަގުތު ފިލިކަމީ އޭނާއަށް މައްސަލައެއް ނޫނެވެ. މައްސަލައަކީ އެނާގެ ކޮއްކޮ ރުހުމުގައި ނަމަވެސް ގާނޫނީގޮތުން އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ވީޑިޔޯތަކާއި ފޮޓޯތައް ނަގައި އޭނާގެ އެކުވެރިޔާއަށް ބަހާލުމެވެ. އަދި އެ ފޮޓޯތައް ބޭނުންކޮށްގެން ތިއާ އާއި ނާޔާއަށް ބިރުދެއްކުމެވެ. އެކަންކަމަކީ އޭނާއަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
(ނުނިމޭ)