ވާހަކަ

ދީވާނާ ހިތް - 41

5

ފިކުރުތަކެއްގެ ކަނޑަކަށް ގެނބިފައި އިން މާޝިތާ ބަލައިލީ ކައިރީގައި މީހަކު ހުއްޓުނުހެން ހީވެފައެވެ. އޭނާއަށް ފެނުނީ އެމީހަކު އަރައިގެން ހުރި ކެޝުއަލް ބޫޓެވެ. ފައިން ފެށިގެން ބޮލާ ހަމައަށް މާޝިތާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއީ ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރީ ނަޒާން ކަން އެނގުމުން މަޝިތާ ފުންމައިގެން ތެދުވިއެވެ.

"ދަރިފުޅު ތި އައީތަ؟" ނަޒާންގެ މޫނުގައި ފިރުމާލާފައި މާޝިތާ ބުންޏެވެ. ނަޒާންގެ ނިތްމަތިން ބޭސްގަނޑުގައި އަތްޖެހުމާއެކު މާޝިތާއަށް ހައިރާންކަމެއް ލިބުނެވެ. ބޭސްގަނޑު ބޮޑުކަމުން ލިބިފައިވާ އެވާ ޒަހަމް ކުޑަނުވާނެކަން މާޝިތާއަށް އެނގުނެވެ.

"މީ ކިހިނެއްވެފަ؟" މާޝިތާ އެހިއެވެ. ލޯތްބާއެކު މާޝިތާގެ އަތުގައި ނަޒާން ހިފެހެއްޓިއެވެ. ޒަހަމެއް ހުއްޓަސް އޭނާ ހުރީ ހެޔޮހާލުގައިކަން އަންގައިދިނުމުގެ ގޮތުން މާޝިތާއަށް ހިނިތުންވުމެއް ދިނެވެ. އެހެންނަމަވެސް ނަޒާނަށް ބަހެއް ނުކީގެން އުޅެނިކޮށް ބާރު ސްޕީޑުގައި ތިރިއަށް ފައިބައިގެން އަންނަ ނަވާލް ފެނިއްޖެއެވެ.

"ނާ ޔާ" ނަވާލް ބާރަށް ގޮވާލިއެވެ. މާޝިތާ އެދިމާ ބަލައިލިއެވެ.

"ކޮބާ ނާޔާ؟ ނާޔާ" ރުޅިއައިސްފައި ހުރިވަރުން ނަޒާން އައިސް ކުރިމަތީގައި ހުއްޓުނު ކަމެއްވެސް ނަވާލަށް ނޭނގުނެވެ.

"ކިހިނެއްވީ؟ ކީއްކުރަން ނާޔާ ތިހޯދަނީ" މާޝިތާ ބުންޏެވެ.

ނަސީބުކަން ދިމާކުރިގޮތުން އެވަގުތަކީ ފިހާރަ ބަންދުކޮށްފައި މެންދުރުގެ ކެއުމަށް އާމިރު ގެއަށް އައި ވަގުތެވެ. ގޭތެރެއިން ނަޒާން ފެނުމުން ހިތަށް ތަސައްލީއެއް ލިބުނަސް ނަވާލްގެ ރުޅިގަނޑު ފެނި ގޭތެރޭގެ މާހައުލު ރަނގަޅު ނޫންކަން އާމިރަށް އެނގުނެވެ.

"ނާޔާ..." ނަވާލް އަނެއްކާވެސް ގޮވާލިއެވެ.

ބިރުން ތުރުތުރު އަޅަމުންދިޔަ ނާޔާ ކޮޓަރީ ދޮރުމައްޗަށް ނުކުތެވެ. ނަވާލަށް ނާޔާ ފެނުމާއެކު މައްޗަށް އަރައިގެން ދިޔައެވެ. ފަހަތުން މާޝިތާއާއި ނަޒާންވެސް އަރައިގެން ދިޔައެވެ. އާމިރު ވަކި ހިސާބަކަށް ގޮސްފައި ހުއްޓުނީ ނާޔާގެ އަތުގައި ހިފައި ދަމަމުން ތިރިއަށް ފައިބައިގެން އަންނަމުންދިޔަ ނަވާލް ފެނިފައެވެ. ކުރިން ރުޅިއިސްކޮށްފައިނުވާ ދަރިފުޅު އެއްވެސް ސަބަބެއްނެތި އެހެން ނޫޅޭނެކަން އެނގޭތީ އާމިރު ހުރީ ހިމޭނުންނެވެ.

"ތިއީ ކޮންކަމެއް؟ ނަވާ، ހަމަޖެހިބަލަ" އާމިރުގެ ކުރިމައްޗަށް ނާޔާ ހޫރާލުމާއެކު ނާޔާ މައިތިރިވީ ނަޒާން ހިފެހެއްޓުމުންނެވެ.

"ކިހިނެއްވެގެން މިއުޅެނީ؟ ނާޔާ ކީއްކުރީ؟" ނަޒާން އެހިއެވެ. ރުޅިގަނޑު ފިނިކުރަން ދެއުކުޅުގައި އަތްވިއްދައިގެން ހުރި ނަވާލް ފުން ނޭވާތަކެއްލަމުން ދިޔައެވެ. އެއްފަރާތުގައި ހުރެ ރޮމުންދިޔަ މައިމީހާ ފެނި ނަވާލް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ.

"މަންމާ،" ނަވާލް މާޝިތާ އާ ކައިރިވެލާފައި މާޝިތާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

"ހަގީގަތާ ކުރިމަތިލާން ތައްޔާރުވޭ. ނާޔާ އެހެރީ ވަރަށް ވިޔާނުދާކަމެއް ކޮށްގެން. އެ ޒަރޫކްގެ ލޯބީގެ މަޅީގައިޖެހި އޭނާގެ އިއްފަތްތެރިކަންވެސް ގުރުބާންކޮށްގެން. ނާޔާ... ނާޔާ ގޮވައިގެން ހޮސްޕިޓަލަށްދޭ. ގޮސް އޭނަ ބަނޑުބޮޑުތޯ ބަލަން ޓެސްޓްކުރޭ" ނަވާލް ބުންޏެވެ.

މާޝިތާއަށް ހީވީ ދެފައި ދަށުން ބިންގަނޑު ކެހިގެންދިޔަ ހެންނެވެ. ނަޒާންގެ އަތުތެރޭގައި ހުރެ ރޮމުންދިޔަ ނާޔާ ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ. މައިންބަފައިން ކުރިމަތީގައި އޭނާ ބޭޒާރުވެއްޖެއެވެ.

"ކީކޭ؟ ޒަރޫކާ ނާޔާ... ކޮންއިރަކު؟ " ނަޒާން ބުންޏެވެ.

"ދޮންބެއަކަށް އަދި އެކައްޗެއްވެސް ނޭނގޭނެ. ގޭތެރޭގެ މުޅި ހަމަޖެހުން ގެއްލިއްޖެ. ތިއާ މިގެއިން ހިނގައްޖެ. މި ނާޔާގެ ސަބަބުން" ނަވާލް ބުންޏެވެ.

ފަހުގުތު ނަވާލަށް ރޮވުނެވެ. ތިއާ ހޯދަން ދާން ވަގުތުން އޭނާ އުޅުނެވެ. ތިއާ ހުރި ހިސާބަށްދާން އޭނާ ކުރަންޖެހެނީ ދިގު ދަތުރެކެވެ. އޭނާ ފޯނު ނަގާފައި ނަންބަރަކަށް ގުޅިއެވެ. އެންމެ އަވަހަށް ފުރޭގޮތަށް ޓިކެޓް ބުކްކުރިއެވެ.

"މަންމަމެންނަށް އެކައްޗެއްވެސް ނޭނގެއެއްނު. މި ނާޔާއަށްޓަކައި، މި އާއިލާއަށްޓަކައި ތިއާ އެދިޔައީ. ނާޔާގެ ހަޑިމުޑުދާރު ފޮޓޯތަކާއި ވީޑިޔޯތައް ޒަރޫކް އަތުގައި އެބަހުރި. އޭނަ އަތުގަ އެކަންޏެއް ނޫން. އޭނަގެ ނުލަފާ ރައްޓެހިން އަތުގައިވެސް. އެ ފޮޓޯތައް ޒަރޫކް ތިއާއަށް ދެއްކި. އޭނަ ތިއާއަށް މަޖުބޫރުކުރީ. ޒަރޫކްއަކީ ތިއާ ކުރިން އިންނަން އުޅުނު މީހާ. ރަންވެސް ކިއި. ކައިވެނިކުރަން އެއް ރެއަށްވެފައި ވަނިކޮށް ޒަރޫކް މަސައްކަތްކުރީ ތިއާގެ އިތްފަތްތެރިކަން ނަގާލަން. އެކަމާ ނުރުހުންވެގެން ތިއާ ފިލީ. ނަސީބަކުން އޭރު ތިއާގެ ކިޔެވުން ނިމިފައި އޮތުމުން އައީ މިކޮޅަށް. ބޮޑުމަންމަމެން ގެއިން ތިއާއަށް ޒަރޫކް ފެނި އެފަކީރު ބިރުން ނުވާގޮތެއްނެތް. ތިއާގެ ކިބައިން ބަދަލުހިފަން އޭނާ ބޭނުންކުރީ ނާޔާ. ވަރަށް ރަނގަޅަށް ނާޔާގެ ބޯކައިފި. ތިއާ މިގެން ދިޔައީ މިހުރިހާ ހަގީގަތެއް އަހަރެންނަށް އަންގައިދޭން މަސައްކަތްކޮށްފައި"

މާޝިތާ ނާޔާ އާ ގާތަށް ފިޔަވަޅެއް އެޅިއެވެ. ނާޔާ ދުރުކޮށްލާފައި ނަޒާން ދުރަށްޖެހުނެވެ. ނާޔާއަށް ހިމާޔަތްދީގެން އިތުރަށް ގޯސްވެދާނެތީ އޭނާ ޖެހުނީ ގަބުވެފައި ހުރި އާމިރާ ގާތަށެވެ.

"ތެދެއްތަ އެއީ" މާޝިތާ އެހިއެވެ. ނާޔާއަށް ޖަވާބެއްނުދެވުނެވެ. އޭނާ ހުރީ ބިރުގެންފައެވެ.

"އަހަރެން މިއަހަނީ ނާޔާ ކައިރީގައި އެއީ ތެދެއްހޭ" މާޝިތާގެ އަޑު މިފަހަރު ބާރުވިއެވެ. ނާޔާ ލަސްލަހުން ބޯޖަހާލިއެވެ.

"އަޅުގަނޑު ޒަރޫކްދެކެ" އެހިސާބުން މާޝިތާ ހަމައިން ނެއްޓިއެވެ. ނާޔާގެ ގައިގައި ތަޅައިގަތެވެ. ދެފިރިހެން ދަރީން ހިފަހައްޓައިގެން ހުރިނަމަވެސް މާޝިތާ ދުރަށް ނުލެވުނެވެ. ނާޔާގެ ގައިގައި ތަޅަމުން ދޮރާ ދިމާލަށް ކޮށްޕަމުން ގޮސް އެންމެފަހުން ގެއިން ބޭރަށް ލިއެވެ.

"ދޭ އެނުލަފާ މީހާ ކައިރިއަށް. މިގެއަށް ނާންނާތި. ތި ތެޅޭތެޅުން ތެޅުމަށް ކަލޭ އަތު މިހާރު މާގިނަ ވަގުތު އޮންނާނެ. ހަމަމިހާރު މަގޭ ކުރިމަތިން ދުރަށްދޭ. ހަނދާންކުރާތި ކަލޭމެންގެ ތެރެއިން އެކަކުވެސް އޭނަ މިގެއަށް ވައްދައިގެން ނުވާނެ"

ދޮރާށި ލައްޕާފައި މާޝިތާ ވަނުމާއެކު ނަވާލާއި ނަޒާން ބޭރަށް ނުކުމެ ނާޔާގެ ގައިގައި ހިފަހައްޓައިފިއެވެ. ނާޔާ ބާރަށް ރޮމުން ދިޔައެވެ.

*******

ކައި ނިމިގެން މަންޝާ ނުކުންނަން ދަނިކޮށް ޝައިހާން ގޮވާލިއެވެ. ޝައިހާނާ އެއް ސުފުރާމަތިން ކާން ޖެހުމުންވެސް މަންޝާ އިނީ ފޫހިވެފައެވެ. ގޮހޮރުގައި އެތިކޮޅެއް ޖެހުނުހެން ހީވުމާއެކު މަންޝާ މޭޒުކައިރިން ތެދުވިއެވެ. އެހެންނަމަވެސް ޝައިހާން ގޮވައިލުމުން އޭނާ މަޑުޖެހުނެވެ.

"ވަރިއެއް ނުކުރާނަން" ޝައިހާން ބުންޏެވެ. މަންޝާ އެނބުރި ފަހަތް ބަލައިލިއެވެ. ޝައިހާން އިނީ ބަލަހައްޓައިގެންނެވެ.

"ޝައިހާން ނުކޮށްދިނަސް ކޯޓުން ކޮށްދޭނެ" މަންޝާ ބުންޏެވެ. "އެކަމަކު އަދި ބޭނުމެއްނުވޭ ގެއަށް ދާކަށް. މިގޭގަ ހުއްޓަސް އަހަރެން މިހުރީ ޝައިހާންގެ އަންބެއްގެ ގޮތުގައެއް ނޫން. މިއީ އަހަރެންގެ މަޖުބޫރު. އަހަރެން ދާންބޭނުންވި އިރަކުން އަހަރެން ދާނަން"

ޝައިހާން ޖަހާލީ ހިނިގަނޑެކެވެ. މަންޝާގެ ވާހަކަތައް އޭނާއަށްވީ ޖޯކަކަށެވެ. ދެކުދިންގެ ވާހަކަތައް އަޑުއަހަން އިން ސަމާހާ ޝައިހާނަށް ދެލޯ އަޅާލިއެވެ.

"ލައްކަ ރީތިވެއްޖެއްނު. ރީތި އަންހެންކުއްޖަކާ ކައިވެނިކޮށްގެން ގެއަށް ގެނެވުނަސް ކަލެއަށް ފައިދާތަކެއް ވެއްޖެތަ؟ ކަލޭގެ ހަގީގަތް އެނގުނު ކޮންމެ މީހަކު ކަންތައްކުރާނީ އެހެން" ސަމާހާ ހަޅޭއްލަވައިގަތެވެ. މަންޝާ އެތަނުގައި މަޑުނުކޮށް ދިޔައީ ކޮޓަރިއަށެވެ.

"މަންމަވެސް މަން އާ އެއްކޮޅަށް ހުންނާނީ. މަންޝާއަށް ވިސްނައިދީބަލަ. ލޯބި ލިބުނީމަ ކިތަންމެ ނުލަފާ މީހަކުވެސް ރަނގަޅުވެދާނެ"

"މިއަދު ހަމައިގަ އިން ދުވަހެއްހެން ހީވޭ. ފަޅާލާނެ ތަނެއް ނޫނީ ދަމާލާނެ އެއްޗެއް ނުލިބުނީތަ؟" ސަމާހާ ކޮށްލީ މަލާމާތެކެވެ.

"މަންމަވެސް ދޯ. މިއަދު ކާކު ރިހަ ކެއްކީ. މަންމައެއް ނޫން. އަހަރެންގެ އަންހެނުން ދޯ"

ސަމާހާ ބަހެއް ނުކިޔައެވެ. ތެދުވެގެން ހިނގައިގަތެވެ. އޭނާ ފައި ދައްކަން ދާންޖެހޭ ދުވަސްކަން ހަނދާނުގައި ހުއްޓެވެ. މީގެކުރިން އެކުގައި ޝާއިހާން ގެންދިޔަސް މިއަދު ޝައިހާން ގޮވައިގެންދާން ބޭނުންނުވިއެވެ. އެކުގައި މަންޝާ ގެންދެވޭކަށްވެސް ނެތެވެ. ވިސްނުމެއްގައި ހުރެފައި ސަމާހާ ގޮސް ވަނީ ކޮޓަރިއަށެވެ. ނިތްމައްޗަށް އަތް އެއްލައިގެން މަންޝާ އޮތްތަން ފެނުމުން ސަމާހާގެ ހިތަށް އަސަރުކުރިއެވެ. މަންޝާ ފެންނަ ކޮންމެފަހަރަކު އޭނާ ހިތުގައިޖެހެއެވެ.

"ކޮޓަރި ތަޅުލައިގެން އޮންނައްޗެ" އަލަމާރިން ލާނެ ހެދުމެއް ނަގަމުން ސަމާހާ ބުންޏެވެ.

"ކީއްވެ؟ މަންމަ ކޮންތާކަށް ތިދަނީ؟" މަންޝާ އެހިއެވެ.

"މަންމަ މިދަނީ ފައިދައްކަން. ހިޓްލަރު ގޭގަ އުޅޭތީ ތަޅުލައިގެން އޮންނަން މިބުނީ" ސަމާހާ ބުންޏެވެ. މަންޝާ އިސްޖަހާލިއެވެ. ބަލިމީހަކު އެކަނި ހޮސްޕިޓަލަށް ދާއިރު ކައިރީގައި އެހީތެރިޔަކު ކޮންމެހެންވެސް ހުންނަންޖެހޭނެއެވެ. އަމުދުން ބަލިފައެއް ހިފައިގެން އުޅޭ މީހެކެވެ.

"އަޅުގަނޑު ދާނަން މަންމަ ގޮވައިގެން"

ރީތިވާން ހުރި ސަމާހާ މަންޝާއަށް ބަލައިލިއެވެ. މަންޝާގެ ރަނގަޅު ތަންކޮޅަކީ އެއީއެވެ. މަންޝާއަށްޓަކައި ސަމާހާގެ ހިތް ލޯބިން ފުރުނެވެ. އޭނާގެ ދަރިފުޅަކީ ޞާލިހު ދަރިއެއްނަމަ މިއަދު މަންޝާފަދަ އަންބަކު ގޮވައިގެން އުޅޭނީ ކިހާ ރީތި ދިރިއުޅުމެއް ހެއްޔެވެ؟

"މި ރެޑީވަނީ" އެނދުން ފައިބަމުން މަންޝާ ބުންޏެވެ.

******

އެމްބިޔުލާންސް ހޮސްޕިޓަލްގެ ގޭޓުން އެތެރެއަށް ވައްދާލިއެވެ. އިސާހިތަކު ބަލިމީހާ އަވަސްފަރުވާދޭ ބަޔަށް ގެންދެވުނެވެ. އެތެރެއަށް ވަނީ ނަޒާނެވެ. ނަވާލް ޖެހުނީ ދެލޮލުން ކަރުނަ ފޮހެމުންދިޔަ މާޝިތާއަށް ހިމާޔަތްދޭށެވެ. ގޭތެރޭގައި ހިނގައިދިޔަ ހަމަނުޖެހުން ގަނޑުގެ ސަބަބުން އާމިރުގެ ސިކުނޑިއަށް ބާރުބޮޑުވީއެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅު އެފަދަ މުޑުދާރު ކަމެއް ކުރިކަން ހާމަވުމުން ހިތަށް ކެތްނުވީއެވެ. މުޅި ދުނިޔެއަށް އެދަރި ފަލީހަތްވެދާނެކަމުގެ ބިރު ހިތުގައި އިންތިހާއަށް ބޮޑުވީއެވެ. އަނބިމީހާގެ ކަރުނަތަކާއި ނާޔާގެ ރުއިމުގެ އަޑުން އާމިރުގެ ހަށިގަނޑު ބަލިކަށިވީއެވެ. ފާހާނާއަށް ވެއްޓިފައި އޮއްވައި ފެނުނީ މާޝިތާއަށެވެ. ކުއްލިއަކަށް ނަޒާން އެމެޖެންސީރޫމުން ބޭރަށް ނުކުތެވެ. މާޝިތާ ދިޔަގޮތަށް ނަޒާންގެ ދެއަތުގައި ހިފެހެއްޓިއެވެ.

"ކީކޭ ޑޮކްޓަރު ބުނީ؟ ބައްޕަ މަރު މަރުވީތަ؟" މާޝިތާ ބުންޏެވެ.

"ތިހެން ނުބުނޭ. ބައްޕަ މިހާރު ރަނގަޅު. އެކަމަކު ވާހަކައެއްނުދައްކާ. ޕްރެޝަރު ވަރަށް ހައިކޮށް ހުރީ. ޑޮކްޓަރު ބުނީ މާބޮޑަށް ފިކުރުބޮޑުވީ ކަމަށް. ލޭ ދަށްވަންދެން މިތާ ބާއްވާލަން ބުނީ. އަޅުގަނޑު ބުނިން އެހެންކަމެއް އުޅޭތޯވެސް ބަލައްޗޭ" ނަޒާން އޮޅުންފިލުވައިދިނެވެ. މާޝިތާ 'އަލްޙަމްދުލިއްލާހް' އޭ ބުނެލިއެވެ. އެތެރެއަށް ވަންނަން ހިނގައިގަންނަން އުޅުމުން ނަޒާން މާޝިތާ ހިފެހެއްޓިއެވެ.

"ނަވާ އާ އެކު މަންމަ ގެއަށް ދޭ. ބައްޕަ ދޫކޮށްލީމަ އަޅުގަނޑު ބައްޕަ ގޮވައިގެން ގެއަށް ދާނަން" ނަޒާން ބުންޏެވެ.

"މަންމަ ބޭނުން ބައްޕަ އާ ބައްދަލުކުރަން"

"އުނހު. މިވަގުތު ކަމަކުނުދާނެ. މަންމަ ރޯތަން ފެނުނީމަ އަނެއްކާ ބައްޕަ ސަކަރާތްވެދާނެ"

******

ސަމާހާ ގޮވައިގެން މަންޝާ ނުކުންނަންދެން ބަލަހައްޓައިގެން ހުރެފައި ޝައިހާން ގޭ ދޮރުމައްޗަށް ނުކުތެވެ. އޭނާ އެތެރެއަށް ވަނީ ޓެކްސީއަށް އަރައިގެން ދެމައިން ނައްޓާލުމުންނެވެ. އޭނާގެ ބޯވެފައިވާ ތުނބުޅީގައި އަތްހާކައިލުމަށްފަހު އޭނާ ވަނީ ސަމާހާގެ ކޮޓަރިއަށެވެ. މަންޝާގެ ފޮށީގައި ހުރި ހެދުންތަކާއި މަންޝާ ބޭނުންކުރާ އެހެނިހެން ސާމާނުތައް އޭނާގެ ކޮޓަރިއަށް ބަދަލުކުރިއެވެ. މަންޝާގެ އައިޑީ ކާޑުފަދަ މުހިންމު ލިޔުންތައް އޭނާ ވަކިން ނެގިއެވެ. އޭނާގެ ކައިރިން ވަރިވުމަށް މަންޝާ ބޭނުންވާނެ އެއްޗިއްސަކީ އެތަކެއްޗެވެ. އެނދުގެ ބެޑްޝީޓް ބަދަލުކޮށް އޭނާ ގަނެގެން ގެނައި ތުނި ނައިޓީ މަންޝާއަށް ފެންނާނެހެން ދޮރުފަތުގައި އަޅުވާލިއެވެ.

"އަހަރެން ރަނގަޅުވާން މަން ފުރުސަތު ދީބަލަ. ދުރުވާން އުޅެންޏާ އަހަރެންނަށް އަތުންފައިން ގޯސްހެދޭނީ" ނައިޓީއަށް ބަލަހައްޓައިގެން ހުރެފައި ޝައިހާން ބުންޏެވެ. ދެން ސިނގިރެޓެއް ރޯކޮށްލައިގެން ނުކުތީ ބޭރަށެވެ.

*****

އަޞުރުވަގުތު ފަހަނައަޅައި ދިޔައިރުވެސް ނާޔާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ރޮއެރޮއެ އޭނާގެ ދެލޯ ފާރުވެއްޖެއެވެ. ދެލޯ ރަތްވެ ދުޅަވެގެން ގޮސް ކިރިޔާ ހުޅުވާލެވޭކަމެވެ. ދެބޭބެއިން އެހީގައި ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު އޭނާ އެންމެ ފުރަތަމަވެސް ގުޅީ ޒަރޫކަށެވެ. ބޭނުންވީ ތިއާގެ ބަސް ދޮގުކޮށް ޒަރޫކްގެ ތެދުވެރިކަން އެންމެންގެ ކުރިމައްޗަށް ހާމަކުރާށެވެ. އެތައް ފަހަރަކު ގުޅައިގެންވެސް ޖަވާބެއް ޒަރޫކް ނުދިނެވެ. ފަހުން އޮތީ މެސެޖެއް ފޮނުވާފައެވެ. އެމެސެޖް ކިޔާފައި ނާޔާއަށް ހީވީ ހަށިގަނޑުން ފުރާނަ ވަކިވެގެން ހިނގައިދާނެހެންނެވެ.

"ސޮރީ ނާޔާ. އަހަރެންގެ ރިވެންޖް ފުރިހަމަވެއްޖެ. ތިކުޑަ ކުއްޖާދެކެ އަހަރެން ލޯތްބެއްނުވޭ. ތިއާ އަކީ އަބަދުވެސް އަހަރެން ލޯބިވި ކުއްޖާއަކީ. އިނގޭ ތިއާ ދުވަހަކުވެސް ނުލިބޭނެކަން. އެކަމަކުވެސް އައިމް ހެޕީ. ތިއާ ގެ ލައިފް ހަލާކުކޮށްލެވުނީމަ. މިހުރިހާ ކަމެއްގެ ތެރެއިން އަހަރެންނަސް ފުރިހަމަވީ ނާޔާގެ ސަބަބުން. ތެންކިޔު ފޯރ ދެޓް. ފޮޓޯތަކާ ވީޑީޔޯތައް އެބަހުރި. އަހަރެން އަތުގަ ބެހެއްޓިޔަސް ހެޔޮ ދޯ. ބައެއްފަހަރު ބަލާލައިގެން ހިތްހަމަޖެހުން ހޯދާލަންކަމަށް...."

ޒަރޫކް ގެ މެސެޖް އޮތީ އިނގިރޭސި ބަހުންނެވެ. ނާޔާއަށް ރުއިން ހުއްޓައެނުލެވުނެވެ. މުޅި ދުވަހު ކާއެއްޗެއް ނުކައި އޮތްއިރު ބަނޑުހައިހޫނުކަމުގެ އެއްވެސް އިހުސާސެއް އޭނާއަށް ނުކުރެވެއެވެ. އެނދުން ތެދުވާނެ ހިތްވަރެއް އޭނާގެ ނެތެވެ. ހަނދާނަށް އަންނަމުން ދިޔައީ ތިއާ ދެއްކި ވާހަކަތަކެވެ. ޒަރޫކްގެ ކިބައިން ނާޔާ ސަލާމަތްކުރަން ތިއާ މަސައްކަތްކުރީ އެންމެ ފަހަރަކު ނޫންކަން ނާޔާ ހަނދާންވިއެވެ. ޒަރޫކްގެ ކުރިމަތީގައި އެއީ އަގެއްނެތް ލޯތްބެއް ނަމަވެސް ނާޔާ ލޯބިވީ ހިތާއި ފުރާނައިންނެވެ. ޒަރޫކަށްޓަކައި ނާޔާގެ ހިތުގައި އޮތީ ސާފު ތެދުވެރި ލޯތްބެކެވެ. ޒަރޫކަށްޓަކައި ނާޔާގެ ހުރިހާ އެއްޗެއް ގުރުބާންކުރީ ލޯބިވާވަރުންނެވެ.

******

އާމިރު ގެއަށް ދޫކޮށްލުމާއެކު ނަޒާން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެވީ އެއްގަޑިއިރުގެ ތެރޭގައި މާޝިތާ ގުޅި އަދަދެއްވެސް ނޭނގެއެވެ. ހޮސްޕިޓަލުން ނުކުންނަ ދޮރު ކައިރީގައި ހުރި ގޮނޑިއެއްގައި އާމިރު ބައިންދާފައި ނަޒާން ދިޔައީ ބޭސްފިހާރައަށެވެ.

ކުއްލިއަކަށް އާމިރު ބަލައިލީ ކައިރީގައި މީހަކު ހުއްޓުމުންނެވެ. މަންޝާ ހައިރާންވެފައި ދެކޮޅު ހޯދާ ބަލައިލިއެވެ. އާމިރު އެތަނުގައި އިނުމުން އެހިސާބުގައި ނަޒާން ހުރެދާނޭ އޭނާގެ ހިތް ބުނެލިއެވެ.

"ބޭބެ މިތާ ކިހިނެއްވެފަ. ބަލިވީތަ؟"

މަންޝާގެ ސުވާލުން އާމިރުގެ ލޮލުން ކަރުނަ ނީރާލިއެވެ. މަންޝާ ފެނުމުން ހިތަށް އައިސްވަނީ ނާޔާއެވެ. އާމިރު މޫނުމައްޗަށް ވެރިވެފައިވާ ހިތާމައިގެ އަސަރު ފެނި މަންޝާ ދެރަވިއެވެ. ކަމެއް ގޯސްވެއްޖެހެން ހީވިއެވެ.

"ނާޔާ ވަރަށް ގޯސްކަމެއް ކޮށްގެން މިއުޅެނީ. އެކަމާ ހެދި ތިއާ ގެއިން ނުކުމެގެން ހިނގައްޖެ. ބޭބެއަށް މާބޮޑަށް ފިކުރުކުރެވުނީ. ޕްރެޝަރު މައްޗަށް ޖެހުނީމަ މިތަނަށް ގޮވައިގެން ނަޒާން އައީ"

"ނަޒާން. ނަޒާން އެބައުޅޭތަ މިތާ" ނާޔާ ކުރި ކަންތައްތަކާއި ތިއާ ގެއިން ދިޔަ ސަބަބު އެހުމުގެ ބަދަލުގައި މަންޝާއަށް އެހުނީ ނަޒާންގެ ވާހަކައެވެ. އެ މޫނު ދެކިލުމަށް އޭނާގެ ހިތްއެދުނެވެ. ވަށައިގެން ހޯދައި ބަލައިލެވުނީ އެހެންވެއެވެ. ކައިރީގައި ހުރި ސާމާހާއަށް ކަމެއް ޝައްކުވެދާނެކަމަށް ޖެހިލުންވެ އެތަނުން އަވަހަށް ދާން ބޭނުންވިއެވެ.

"ބޭބޭ. ފިރިމީހާގެ މަންމަ ބަލިވެގެން އައިސް މިއުޅެނީ. ތިވާހަކަދައްކާލަން ގުޅާލާނަން. އެކަމަކު މިހާރު ހުރެވެން ނެތީމަ މިދަނީ. ބަލައިގެން އުޅެއްޗެ"

މަންޝާ ހިނގައިގަތެވެ. ވަކި ހިސާބަކުން ސާމާހާ ކައިރީގައި އަންނާނަމޭ ބުނެފައި އާމިރު އިން ދިމާލަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ އެންމެފަހަރަކު ނަމަވެސް ނަޒާން ދެކިލާށެވެ. ޔަގީނުންވެސް އެވާނީ އޭނާގެ ޒަހަމްވެފައިވާ ހިތަށް ލިބޭ ފަރުވާއަކަށެވެ.

ވަދެ ނުކުމެ ހަދާ މީހުންގެ ތެރޭގައި ހުއްޓުމަށްފަހު މަންޝާ ބަލައިލިއެވެ. އާމިރު ކައިރީގައި ހުރި ނަޒާން ފެނުމުން މަންޝާއަށް ހީވީ އޭނާގެ ހިތުގައި ފިނި ވައިރޯޅިއެއް ބީހިލި ހެންނެވެ. ހިތްފުރެންދެން ނަޒާންގެ މޫނަށް މަންޝާ ބެލިއެވެ. ކުއްލިއަކަށް ނަޒާން މަންޝާ ހުރި ދިމާލަށް ބަލައިލިއެވެ. އެވަގުތު އެއީ އާމިރު އެދިމާލަށް އިޝާރާތްކޮށްގެން ހުރި ވަގުތެވެ. ހީވާގޮތުން މަންޝާ ފެނުނު ވާހަކަ އާމިރު ބުނީ ކަންނޭނގެއެވެ. އިރުކޮޅަކުން ނަޒާން އެދިމާލަށް ދުއްވައިގަތްތަން ފެނުނެވެ. މަންޝާ އަވަސް އަވަހަށް ފުރަގަހަށް އެނބުރި ސަމާހާ އިންދިމާލަށް ބާރަށް ހިނގައިގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟