ވާހަކަ

ދީވާނާ ހިތް - 40

7

ހުއްޓުން އަރާފައި ތިއާ ހުއްޓެވެ. އެވީ ކިހިނެއް ހެއްޔެވެ؟ ޒަރޫކަށް ކާމިޔާބު ލިބިއްޖެއެވެ. އެގޮތާވެސް ތިއާ ރުހުނެވެ. ތިއާ ބަދުނާމުވެފައި ޒަރޫކްގެ ކިބައިން ނާޔާ ސަލާމަތްކުރެވުނުކަމުގެ އުފާ އޭނާއަށް ލިބިއްޖެއެވެ. ބޮލުން ހީވީ އެތައް ބުރައެއް އެއްކޮށް ފިލައިގެންދިޔަހެންނެވެ. ދެން އޮތީ އިއުތިރާފުވުމެވެ.

"އެއީ ތެދެއް. ނަވާލް، އަހަރެންނަށް މާފްކުރޭ"

ތިއާ ތެޅިގަތެވެ. އެހެން ބުނަންވީ ހެއްޔެވެ؟ އެންމެންގެ ނަޒަރު ހުރީ ތިއާއަށް ހުއްޓިފައެވެ. ހަދާނެގޮތެއް ނޭނގި ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފަހައްޓާލައިގެން ތިއާ ހުރީ އިސްޖެހިފައެވެ. އެހެން ހުއްޓައި އޭނާ ސިއްސައިގެން ދިޔައީ ނާޔާގެ 'އާހް' ގެ އަޑާއެކުގައެވެ. ބަލައިލި އިރު ނަވާލް އަޅުވާލި ތަނުގައި ހިފަހައްޓާލައިގެން ނާޔާ ހުރީ ރޮވިފައެވެ. ބިރާއި ސިހުން ނާޔާގެ ދެލޮލުން ފާޅުވަމުން ދިޔައެވެ.

"ނަވާލް" މާޝިތާ ހަޅޭއްލަވައިގަތެވެ. އިސާހިތަކު ތިއާއަށްވެސް ރޮވިއްޖެއެވެ.

"މަންމަ މި ގޮތްކުޑަ ކުއްޖާއަށް ވިސްނައިދީބަލަ. ކޮންކަހަލަ ހަޑި ވާހަކަތަކެއް އެދެއްކީ. ލަދެއްވެސް ނުގަނޭތަ؟ އެއީ ނާޔާގެ ފަހަރިއޭ. ފިރިހެނަކާ ހިތާވެގެން މިހުރިހާ ދުވަހު އުޅުނީ ނާޔާއެއްނު. ތާހިރެއްނު ކުރި ކަންތައް"

މާޝިތާ ހުރީ ހައިރާންވެފައެވެ. މިނޫނީ ނަވާލް ރުޅިއައިސްގެން ގޭތެރޭގައި އަޑުގަދަކޮށްފައެއް ނެތެވެ. އެއީ ރުޅި އަންނަން ނުވެސް އެނގޭ ކުއްޖެކެވެ. އަމުދުން މީހެއްގެ ގަޔަށް އަތްއިސްކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ.

"ނާއްކޮއެއް ނޫން ދޮގުހެދީ. ތިއްތަ ދޮގުހަދައިގެން އުޅުނީ" މާޝިތާގެ ދެއަތުގެ ތެރޭގައި ހުރެ ނާޔާ ކިޔަމުން ދިޔައެވެ. އޭނާ ހުރީ ތިއާއަށް ދެލޯ އަޅައިގެންނެވެ.

"މަންމާ، ނާއްކޮ ޒަރޫކް އާ ރައްޓެހިވެގެން އުޅުނީ. ނާއްކޮ ލޯބިވޭ ޒަރޫކްދެކެ. މި ތިއްތަ އަޅުގަނޑުމެން ދެ މީހުންގެ ތެރެއަށް ވަދެގެން އުޅެނީ. އެކަކުވެސް ގަބޫލުނުރަންތަ؟ ބައްޕަ! ސޮރީ ބައްޕާ..."

ނަވާލް ތިއާ އަށް ބަލައިލިއެވެ. އެއީ ދޮގޭ ބުނެ ތިއާ އަނގަ ހުޅުވާނެ އިރަކަށް އޭނާ އިންތިޒާރުކޮށްފިއެވެ. ތިއާގެ ހަމަހިމޭންކަން ނަވާލަށް އުނދަގުކުރަމުން ދިޔައެވެ. އެއްކަމެއް އޭނާއަށް ޔަގީނެވެ. އެވާހަކަތައް އޭނާ ގަބޫލެއް ނުކުރެވެއެވެ. ނުވެސް ކުރާނެއެވެ. ތިއާ އަކީ އަންބެއްގެ ސިފައިގައި ހުރި ޖަވާހިރެކެވެ. ގޯސްހަދައިގެން އެ އުޅެނީ ނާޔާއެވެ. އެކަމުގެ ފަހަތުގައި އެއްވެސް މީހަކަށް ތިއާ ހާމަނުކުރާ ހަގީގަތެއްވާނެކަން ޔަގީނެވެ. ނަވާލް ކުރިއަށް ޖެހިލީ ތިއާ އާ ވާހަކަދައްކާލުމަށެވެ. އެހެންނަމަވެސް ދޮރާ ގާތަށް ތިއާ ފަހަތަށް ފިޔަވަޅު އެޅިއެވެ. ނަވާލަށް ލިބުނީ ހައިރާންކަމެވެ.

"ތިއާ..."

"ސޮރީ. ނަވާލް... ނާޔާ އެބުނީ ތެދެއް"

ނާޔާއަށްޓަކައި ތިއާ ތެދުހާމަނުކުރިއެވެ. އިތުރަށް އޮޅުންފިލުވައިދޭކަށްވެސް ނޫޅޫނެވެ. މީހަކަށް ވާހަކަދައްކަން އިތުރު ފުރުސަތެއްވެސް ނުދިނެވެ. އޭނާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ފަހަތުން ނަވާލް ދިޔަސް މާކުރިން ކޮޓަރިއަށް ވަދެ ތިއާ ދޮރުލެއްޕިއެވެ.

****

ދިލްޝާދު ގުޅީ މަންޝާގެ ހަބަރެއް ނުވުމުންނެވެ. މަންޝާ ފޯނު ނެގީ އެތައް ފަހަރަކު ދިލްޝާދު ގުޅިފަހުންނެވެ. އޭނާގެ ހަބަރެއް ނުވެގެން މައިންބަފައިން އެގެއާ ހަމައަށް އައިސްދާނެ ކަމަށް ވިސްނާފައެވެ.

"މަންޝާ، ދަރިފުޅު ރަނގަޅުތަ؟ މަންމަ ކިހާވަރަކަށް ގުޅައިފިން" ދިލްޝާދު ބުންޏެވެ.

"ލައްބަ ރަނގަޅޭ މަންމާ. ޝައިހާންގެ މަންމަ އާއެކު ބަދިގޭގަ އުޅުނީ ކައްކަންވެގެން" މަންޝާ ބުންޏެވެ. އޭނާގެ އަޑަށް އުފާވެރިކަން ގެނައުމަށް މަސައްކަތް ކުރިއެވެ.

"ޝައިހާންގެ މަންމަ އޭ. އެކަމަކު ޝައިހާނު ބުންޏެއްނު...."

"މިހާރު އެބަހުއްޓޭ މިކޮޅުގަ. މަންމަ ރަނގަޅުތަ؟ ކޮބާ އެންމެން؟" މަންޝާ ބުންޏެވެ.

"އެބަތިބި. މިރޭ ދެކުދިން ރޭގަނޑުގެ ކެއުމަށް އަންނައްޗޭ މިގެއަށް. އެވާހަކަ ބުނަން މިގުޅީ" ދިލްޝާދު ބުންޏެވެ.

މަންޝާ ހާސްވިއެވެ. ދިލްޝާދަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޝައިހާންގެ ކުރިމަތީގައި އެންމެ ސިކުންތަކު ހުންނަންވެސް މަންޝާ ބޭނުމެއް ނުވެއެވެ. އަމުދުން ޝައިހާންގެ ހަގީގަތް މައިންބަފައިންގެ ކުރިމަތީގައި ހާމަވާކަށް މަންޝާ ބޭނުމެއް ނުވެއެވެ.

"މިއުޅެނީ ފުރަން މަންމާ. ވީކަކަށް. އައިސްފަ ދާނަން އިނގޭ"

ދިލްޝާދު ވާހަކަދައްކަން އިތުރު ފުރުސަތުނުދީ މަންޝާ ފޯނު ކުރުކޮށްލިއެވެ.

******

ނާޔާގެ ކޮޓަރިން މާޝިތާ ނުކުތް އިރު ހުރީ ހިތްހަމަނުޖެހިފައެވެ. އެހާ ދެރަވެސްވެފައެވެ. ރަނެއް މަލެއްހެން ގެންގުޅުނު އަންހެންދަރިފުޅު ދެއްކި ވާހަކަތައް އަހާފައި އޭނާ ހަދާނެގޮތް ހުސްވެއްޖެއެވެ. ޒަރޫކާ ވަރަށް ގާތަށް ދެވިއްޖެ ކަމަށް ނާޔާ ބުނީ ރޮވިފައެވެ. ކައިވެނިކުރުވާށޭ ބުނި އިރު މާޝިތާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ސިޑިން ފައިބައިގެން އައިސް ބޮޑުކޮޓަރިއަށް ނުކުތުމުން ދެން ފެނުނު މަންޒަރުންވެސް ދެރަވެއްޖެއެވެ. ސޯފާގެ ދެފަރާތުގައި ނަވާލާއި އާމިރު ތިބި އިރު ދެބަފައިން ތިބީ ހިމޭނުންނެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑު އިވެމުން ދިޔަސް އެއިން އެއްވެސް މީހެއްގެ ސަމާލުކަން ޓީވިއަށް ހުއްޓިފައިނެތެވެ. މާޝިތާ ގޮސް ހުއްޓުނީ އާމިރު ކައިރީގައެވެ.

"ހިނގާ ކޮޓަރިއަށް" އާމިރުގެ ކޮނޑުގައި އަތް ބާއްވައިލަމުން މާޝިތާ ބުންޏެވެ. އާމިރު ކަރުއެލުވާލަމުން މާޝިތާއަށް ބަލައިލިއެވެ.

"އެމަންޖެ މިގެއިން ހިނގައްޖެ" އާމިރު ބުންޏެވެ. މާޝިތާ ބަލައިލީ ދިމާލަށް އިން ނަވާލަށެވެ. ތިއާގެ ދިފާއުގައި ވާހަކަދައްކަން މާޝިތާއަށް ނޭނގެއެވެ. ނާޔާ ދެއްކި ވާހަކަތައް އަދިވެސް މާޝިތާގެ ކަންފަތުގެ ހިނދުރީގައި ހުރީ ހަރުލާފައެވެ. އަނެއްކޮޅުން އެންމެންގެ ކުރިމަތީގައި ތިއާ ވަނީ އޭނާއަކީ ކުށްވެރިއެއް ކަމަށް އިއުތިރާފުވެފައެވެ.

"ކުށްވެރިޔާ ގެއިން ދިޔުމަކީ މައްސަލައެއް ނޫން"

އެހިސާބުން ނަވާލް ފުންމައިގެން ތެދުވިއެވެ. މައިންބަފައިންނަށް ބަލައިލުމެއްނެތި ނަވާލް ސިޑިން އަރައިގެން ހިނގައިގަތެވެ.

******

ފެންވަރައިގެން ނުކުމެ އިސްތަށިގަނޑު ހިއްކަން މަންޝާ އިނެވެ. އޭނާ ސިހުނީ ކޮޓަރި ދޮރުމައްޗަށް އެރި ޝައިހާން ފެނިފައެވެ. ފުންމައިގެން ތެދުވިގޮތަށް އޭނާ ޝައިހާނަށް ފުރަގަސްދިނެވެ. ޝައިހާން އޭނާ އާ ގާތަށް ފިޔަވަޅު އަޅަމުން އަންނަކަން ކުރިމަތިން ފާޅުވާން ހުރި ހިޔަނިން މަންޝާއަށް އެނގެއެވެ. ކޮޓަރިއަކީ ސަމާހާގެ ކޮޓަރިއަށް ވިޔަސް މަންޝާ ނުކުންނަން ހިނގައިގަތެވެ. މަންޝާގެ އަތުގައި ޝައިހާން ހިފެހެއްޓީ ދޮރާ ހަމައިންނެވެ. އެހިނދު ޝައިހާންގެ އަތް މަންޝާ ދުރަށް ފޮޅުވާލިއެވެ.

"ކިހިނެއްވެގެން މަންޝާ ތިއުޅެނީ؟" ޝައިހާން ރުޅިގަދަވިއެވެ. މަންޝާގެ އަޅައިގެން ހުރި ދެލޯ ފެނި ޝައިހާނަށް ހީވީ އޭނާގެ ހިތުގެ ނާރުތައް ބުރިބުރިވި ހެންނެވެ.

"މިގޭގަ އަހަރެން ބަހައްޓަން ބޭނުމިއްޔާ މަށާ ދުރުގައި ހުންނާތި" މަންޝާ ބުންޏެވެ.

މިޒާޖުގައިވެސް ޝައިހާނަކީ އަންހެނެއްގެ ދަށުވާނެ މީހެއްނޫނޭ އޭނާގެ ޒަމީރު އޭނާއަށް ވިސްނައިދިނެވެ. ރުޅިވެރިކަން ބޮލަށް ސަވާރުވެގެންދިޔަ ވަގުތު ކުރިމަތީގައި ހުރި މަންޝާ އޭނާއަށް ފެނުނީ ނުބައި އެއްޗެއްގެ ސިފައިގައެވެ.

"ކޮން ފޮންޏެއް ތިވަނީ. ތިއީ މަގޭ އަންހެނުންނޭ"

ވިސްނާނުލާ ހުރި ޝައިހާނަށް ހީވީ މޫނުމަތީގައި ނުފެންނަ އަތަކުން ވީއްލާލިހެންނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާ ބޮލަށް އެނބުރުން އަރާފައި ހުއްޓެވެ. ފާއިތުވި ކުޑަ ހިނދުކޮޅުގައި ހިނގައިދިޔަ ކަންކަން ނަގައިގަންނަން ވަގުތުކޮޅެއް ނެގިއެވެ. ދެލޮލުން އަލިފާން ކަނި ބުރާ ހާލު އޭނާ ބަލައިލީ ދާދި ކައިރީގައި އޭނާއަށް ބަލަހައްޓައިގެން ހުރި މަންޝާއަށެވެ.

"އަހަރެންގެ ޖަވާބު ލިބިއްޖެއްނު. އަނބިމީހާއޭ ކިޔާފައި އަނގަ ހުޅުވައިލަން ލަދެއްވެސް ނުގަތެއްނު. އަހަރެން ކަލެއަށް މިދިނީ ކަލެއަށް ހައްގު އިނާމް"

ޝައިހާން އައި ރުޅީގައި މަންޝާގެ ގައިގައި ޖަހަން އަތްނެގިއެވެ. އެވަގުތު މަންޝާ ދުރަށްޖެހި ކޮޓަރިން ނުކުންނަން އުޅުނެވެ. ރުޅިއައިސްފައިވާ ސިންގާއެއްހެން ޝައިހާން ހިފީ މަންޝާގެ ބޮލުގެ އިސްތަށިގަނޑުގައެވެ. މަންޝާއަށް ހީވީ ހުރިހާ ބޮލުގެ އިސްތަށިތަކުގެ ބުޑުން ރިހުން ނެގި ހެންނެވެ. ބާރު އެތިފަހަރެއް ބޮލުގައި އަޅުވާލިނަމަވެސް އެހާ ތަދެއް ނުވާނެއެވެ.

"މަންމާ... އައްދޯއި ޝައިހާން... ދޫކޮށްލާ.... އަހަރެންނަށް ވަރަށް ތަދުވެޔޭ އެބަ"

ކޮޓަރީގައި ހުރި ބޮޑު އެނދަށް މަންޝާ އެއްލާލާފައި ޝައިހާން ބަލައިލީ ބުޅަލެއް ރޯމަސްގަނޑަކަށް ދަހިވެތިވާފަދަ ނަޒަރަކުންނެވެ. މަންޝާއަށް ރޮވުނީ ބިރުގަތްވަރުންނެވެ. އެނދުގައި އޮތް ބެޑްޝީޓްގައި ހިފައި ދަމަމުން ގާތަށް ގެނެސް މުޅި ގައިގައި އޮޅާލަން މަންޝާ ބޭނުންވިއެވެ

"ސޮރީ. ތަދުވިތަ؟ ބައެއްފަހަރު އަހަރެން ރުޅިގަދަވާނެ. އަހަރެންގެ އެ ސިފައެއް ނުފެންނާނެ މަން ބަސްއަހައިގެން އުޅެންޏާ"

ޝައިހާން އެރީ މަންޝާ ކައިރިއަށް އެނދަށެވެ. މަންޝާގެ މޫނުގައި ފިރުމާލަން ޝައިހާން އަތް ހިއްލާލިއެވެ. މަންޝާ ދުރަށްޖެހެން ފެށުމުން އަނެއްކާވެސް ޝައިހާން އިސްކުރީ ރުޅިއެވެ. އެވަގުތު ޝައިހާން ހުރީ ހަމައިގައި ނޫންކަން މަންޝާއަށް އެނގުނީ ޝައިހާން ކައިރިވި ވަގުތު އަނގައިން ދުވި ނުބައި ވަހުންނެވެ.

"ލޯބިން ނުދެންޏާ އަހަރެންނަށް އިނގޭ ގަދަކަމުންވެސް ހޯދަން"

ޝައިހާންގެ ޝައިތާނީ ވިސްނުން ހުރީ ކޮންދިމާލަކަށްކަން އެނގުމުން މަންޝާ ތެޅިގަތެވެ. އެފިރިހެނާގެ އަތްދަށުން ސަލާމަތްވާނެ އޮތީ އެންމެ މަގެއްކަން އެނގުމުން މަންޝާ އިހުތިޔާރުކުރީ އެމަގެވެ.

"މަންމާ..." މަންޝާ ސަމާހާއަށް ގޮވަންފެށިއެވެ. ޝައިހާން މަސައްކަތްކުރީ މަންޝާގެ އަނގަމަތީގައި އަތްއަޅާށެވެ. މަންޝާ ވީ އޭނާއަށް ހައްލުކުރަން އުނދަގު ބޮޑު މައްސަލަގަނޑަކަށެވެ.

"މަންމާ... މަންމާ"

ބަދިގޭގައި އުޅުނު ސަމާހާ ފައިދަމަމުން އައި ގޮތެއްވެސް ނޭނގެއެވެ. ރޮމުންދިޔަ މަންޝާގެ ގައިމަތީގައި އޮތް ޝައިހާންގެ ޓީޝާޓުގައި ސަމާހާ ހިފައި ދަމައިގަތެވެ. އެވަރުން ޝައިހާނަށް ހިލަމެއް ނުވިއެވެ. އަތުޖެހޭ ހިސާބުގައި ހުރި ފިހިގަނޑު ނެގިގޮތަށް ސަމާހާ ޝައިހާންގެ ބުރަކަށިމަތީގައި ބޮނޑިއެއް އެޅިއެވެ. ކެތްކުރަންދަތި ވޭނަކާއެކު ޝައިހާނަށް މަޖުބޫރުވީ މަންޝާ ދޫކޮށްލާށެވެ.

"އަން... މަވެސް މިއީ އެކަހަލަ އަންހެނެކޭ. އާދެބަލަ މަށަށް އަނިޔާވެރިވާން. މިހާރު އަހަރެންނަށް ހިއެއްނުވޭ ދެ އަންހެނުންނާއެކު މިގޭތެރޭގަ ފިރިހެނެއް އުޅޭހެނެއް. ވަލުޖަނަވާރެއްހެން އަހަރެންނަށް ޝައިހާނު ފެންނަނީ. ދާންއުޅޭ މިތަނުން. އެހެން ނޫނީ މިދަނޑިގަނޑުން ދެވަނަ ފަހަރަށްވެސް އަހަރެން ތަޅައިގަންނާނަން"

ދެމެދަށް ސަމާހާ ވަނުމުން ޝައިހާން ނުކުތެވެ. ދޮރާހަމައިން މަންޝާއަށް އޭނާ ބަލައިލިއެވެ. އޭނާއަށް ނުބަލަން މަންޝާ އުޅުނީ ބިރުގެންފައި އިންވަރުންނެވެ. ޝައިހާން ނުކުތުމުން ސަމާހާ މަންޝާގެ ކައިރީގައި އިށީނެވެ. ކުލުނާއި ހަމްދަރުދީން ފުރިފައިވާ ބެލުމަކުން މަންޝާއަށް ސަމާހާ ބަލައިލިއެވެ. އޯގާތެރިކަމާއެކު މަންޝާގެ ބޮލުގައި ފިރުމާލިއެވެ. އޭނާ ދެރަވެ ހިތުގައި ޖެހުނެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅާ ހެދި ކުށެއް ނެތް އަންހެންކުއްޖަކަށް އެލިބުނީ ހާދަހާ ބޮޑު ހިތްދަތިކަމެކެވެ.

*******

ބެލްގެ އަޑު އިވުމުން ޒޫޝާން ދޮރުހުޅުވައިފިއެވެ. ދޮރުމަތީގައި ބްރީފްކޭހެއް ހިފައިގެން ހުރި ތިއާ އަށް ޒޫޝާން ދިނީ ހިނިތުންވުމެކެވެ. ޒޫޝާނަކީ ތިއާ އާ އެކުގައި ޑޮކްޓަރުކަން ކިޔެވި ބޭރު އަންހެން ކުއްޖެކެވެ. އެއްކޮޓަރީގެ އެޕާޓްމަންޓެއްގައި އުޅެނީ ޒޫޝާނާއި އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅެވެ.

"ކަމް އިންސައިޑް" ޒޫޝާން ބުންޏެވެ. ތިއާ އެތެރެއަށް ވަނުމުން ފޮށީގައި ހިފީ ޒޫޝާނެވެ. ހޮސްޕިޓަލުން ތިއާ އާ އެންމެ ބޮޑު ގާތްކަމެއް އުފެދުނީވެސް ޒޫޝާނާއެވެ.

"ތެންކިޔު ޒޫ" ސޯފާގައި އިށީންނަމުން ތިއާ ބުންޏެވެ.

ޒޫޝާން އެތެރެއަށް ވަދެފައި އައި އިރު އައީ ތިއާ އަށް ބޯލާނެ އެއްޗެއް ހިފައިގެންނެވެ. އަނެއް އަތުގައި އޮތް ސިޓީއުރަ ޒޫޝާން ދިއްކޮށްލީ ކުޑަ ފެންފޮދެއް ތިއާ ބުއި ފަހުންނެވެ.

"ޓިކެޓް. ފަތިހު ފަހެއް ޖަހާއިރު ޗެކިން. ދެން ތިއޮތީ ތިއާގެ ޕްރެގްނެންސީ ރިޕޯޓް. އިޓްސް ޕޮޒިޓިވް. ޔޫ އާ ޕްރެގްނެންޓް"

ތިއާ މޫނުގައި އަތްއެޅިއެވެ. ކައިވެނީގެ އެންމެ އުފާވެރި ހަދިޔާ ލިބުނު އިރު އެނާ އެވަނީ ނަވާލާ ދުރަށް އައިހެވެ. ބަނޑުބޮޑުކަން އެނގުނަސް ނަވާލް ރުހޭނެ ކަމެއް ނޭނގެއެވެ. އަމިއްލައަށް ބޮލުގައި އެޅީ ހާދަ ބޮޑު ބަދުނާމެކެވެ. އެހާ ބޮޑު ގުރުބާނީއެއް ތިއާ ވީ ނާޔާއަށްޓަކައެވެ. ކޮންމެސް ދުވަހަކުން ނާޔާއަށް ހަގީގަތް ހާމަވާނެކަން ޔަގީނެވެ. ޒަރޫކަށް އަދަބު ލިބުމަކީ ތިއާގެ އެންމެ ބޮޑު އެދުމެވެ.

"ދެން ހަމަ ދަނީތަ؟ އަދި ލީވްވެސް ހަމަނުޖެހެއެއްނު" ޒޫޝާން އެހިއެވެ.

"ޒޫ މާދަމާ އެކަމާ އުޅެދެއްޗެ. ޕްލީޒް އަހަރެން ދެއްކި އެއްވެސް ވާހަކައެއް އެކަކު ކައިރީގަވެސް ނުދައްކައްޗެ. އެއީ ނަވާލްގެ ކޮއްކޮ. އިނޮސެންޓް ގާލްއެއް. އެކުއްޖާގެ މައިންޑް ސްޕޮއިލްކޮށްގެން މުޅި ދިރިއުޅުން ވެއްޔާ މޮޑެލައިފި. ނުކިޔައްޗޭ. ޕްލިޒް އިނގޭ..." ޒޫޝާންގެ އަތުގައި ތިއާ ހިފަހައްޓާލިއެވެ.

"ނަވާލް މިގެއަށް އައިއްޔާ އަހަރެން ކީކޭ ބުނާނީ"

"ހިއެއްނުވޭ. އެކަމަކުވެސް އަހަރެންގެ ހިތުގައި އުންމީދެއް އެބައޮތް. އަހަރެންގެ ހިތުގައި ނަވާލަށްޓަކައި އޮތް ތެދުވެރި ލޯތްބަށް ކުޑަކޮށްވެސް އޭނާ ގަދަރުކުރާނަމަ ހަގީގަތް ހޯދަން އޭނަ މަސައްކަތް ކުރާނެ. އަހަރެން ނުކުމެގެން އައި އިރު އަހަރެން ހުއްޓުވާކަށް ނަވާލް މަސައްކަތެއް ނުކުރޭ. ސުވާލެއްވެސް ނުކުރޭ. ރުޅިއައިސްގެން އެއްޗެހިވެސް ނުކިޔާ. އެކަމަކު އަހަރެން މިއައީ ނަވާލަށް ހަގީގަތް އެނގޭނެ ގޮތަކަށް ކަމެއްކޮށްފަ. އޭނައަށް އެ ފެންނާނެ ކަމެއް ނޫނީ ނުފެންނާނެ ކަމެއް ނޭނގެ. އިތުރަށް އޮޅުންފިލުވަން ބޭނުމިއްޔާ އަހަރެން ހޯދަން ދާންވީ ތަން އޭނާއަށް އެނގޭނެ. ނަވާލް އަންނާނެ އިރަކަށް އަހަރެމެންގެ ދެމައިންވެސް އިންތިޒާރުކުރާނަން"

ބަނޑުގައި ތިއާ އަތް ހާކާލިއެވެ. އޭނާގެ ތުންފަތުގައި އުންމީދުގެ ހިނިތުންވުމެއް ވިއެވެ.

******

އެނދުގައި އިން މަންޝާ ބަލައިލީ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ހިތްއަވަސްވެގެން ދިޔުމާއެކު ފޯނު ނަގާފައި ބަލައިލިއެވެ. އަރާފައި އޮތީ ހަމްރާގެ ނަމެވެ. އުންމީދު ކުރި އިންސާނާގެ ކޯލަކަށް ނުވީތީ ހިތަށް ތަދުވެލިއެވެ. ނަޒާންގެ ސޫރަ ހިތަށް ސިފަވެގެން ދިޔުމާއެކު މަންޝާއަށް ރޮވިއްޖެއެވެ. އެކި ދުވަސްމަތިން ނަޒާނާއެކު ހޭދަކޮށްފައިވާ ވަގުތުތަކާއި ނަޒާން ދައްކާފައިވާ ވާހަކަތައް މަންޝާގެ ހަނދާނާ ކުޅެލިއެވެ. ހިތަށް ލިބުނީ އިތުރު ތަކްލީފުތަކެވެ. ނަޒާނަށް ފުރަގަސް ނުދެވުނުނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ނަޒާން ކިހާ ލޯބިވޭ ހެއްޔެވެ؟ މިއީ ނުވިސްނުމުގެ ނަތީޖާއެވެ. ދުވަހަކުވެސް ސަލާމަތް ނުވާނެ މަޅިގަނޑެއްގައި މީނީ ހައްޔަރުވެފައެވެ. ވިސްނާ ވިސްނާ މަންޝާ ބޯގޮވައިފިއެވެ. ދިރިއުޅުން ރޫޅާލާފައި ދެވޭކަށްވެސް ނެތެވެ. އެހެން މީހަކަށް ޝައިހާންގެ ހަގީގަތް ކިޔައިދެވޭކަށްވެސް ނެތެވެ. ގެއިން ބޭރަށް ނުކުމެވޭކަށްވެސް ނެތެވެ. މައިންބަފައިންގެ މައްޗަށް މަންޝާ ފުރައިފިއެވެ. އަނެއްކޮޅުން ނަޒާންގެ ހަނދާންތަކުން ދެލޮލުން ކަރުނަ ނުހިކެއެވެ. އެ ސޫރަ ދުށުމަށް އިންތިހާއަށް އޭނާ އެދެމުން ދިޔައެވެ. ނަޒާންގެ ފިރިހެންވަންތަ އަޑު އަހައިލުމަށް ދެކަންފަތް ވަނީ ކެތްމަދުވެފައެވެ. ދިރިއުޅުމުން ލިބިގަންނަންވީ ފިލާވަޅަކީ މިއީއެވެ. އަބަދުވެސް ވިސްނޭނީ ވަގުތު ފާއިތުވާފަހުންނެވެ. ލޯބިވާ މީހާ މަތިން ނަޒާން ފޫހިނުވާ ކަމެއްވެސް ނޭނގެއެވެ. އަންހެންކުއްޖަކާ ރައްޓެހިނުވާކަމެއްވެސް ނޭނގެއެވެ. ދުވަހަކުވެސް ކައިރިއަށް އަންނާނެ ކަމެއްވެސް ނޭނގެއެވެ.

"މަންޝާ ކޮންމެތާކު ހުއްޓަސް އަހަރެންގެ ހިތް ފަހަތުން ދާނެ"

ކުއްލިއަކަށް މަންޝާގެ ހަނދާނަށް އައީ ނަޒާން ބުނެލި ޖުމްލައެކެވެ. ފުލުފުލުގައި ދެލޮލުން ފައިބައިގަތް ކަރުނަތަކާއެކު މަންޝާއަށް އަމިއްލަ ހިތުގައި އަތްޖައްސާލެވުނެވެ. ނަޒާންގެ ހިތް ކޮބައި ހެއްޔެވެ؟ ފަހަތުން އަންނާނަމޭ ބުނެފައި ދޮގުހެދީ ހެއްޔެވެ؟ އަހަރެންގެ ހިތް މިހާވަރަށް ނަޒާނަށް މިއެދެނީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ކަމެއް ކުރިން އިހުސާސްނުވީ ކީއްވެ ހެއްޔެވެ؟

"އިހުސާސްވި. ކައިވެނި ކުރިއިރުވެސް މަންޝާއަށް އެނގޭ ނަޒާންދެކެ ލޯބިވެވިއްޖެކަން. ގޮތްދޫނުކުރީ އަމިއްލައަށް. ތިއީ އަމިއްލައަށް ބުއި ބޮނޑިއެއް. ނަޒާން ކިހާ އާދޭހެއްކުރި. ވިސްނާލަބަލަ. ނަޒާން ހުރީ މަންޝާއަށްޓަކައި މޮޔަވެފަ. ހޭބަލިވެފަ. ތިއީ މަންޝާގެ ފޮނިކަމާއި ބޮޑާކަން. ދެން އެކަނި ހުރޭ. މުޅި އުމުރަށް ތިހިތާމަކުރޭ. މަންޝާއަށް ދެން ނަޒާނެއް ނުލިބޭނެ އަދި ޝައިހާންގެ އަތްދަށުން ސަލާމަތެއްވެސް ނުވާނެ"

މަންޝާ ތެޅިގަތެވެ. ހީވީ ކަންފަތް ބުޑުން އަމިއްލަ ޒަމީރުގެ އަޑު އިވުނު ހެންނެވެ. ފާއިތުވި ވަގުތުކޮޅުގައި އޭނާގެ ވިސްނުން ދަތުރުކުރީ ކޮންދިމާލަކަށް ކަމެއް ނޭނގުނެވެ. އިތުރަށް ރުއިން ނޫންކަމެއް އޭނާއަށް ނުކުރެވުނެވެ.

*******

ރޭގަނޑުގެ ކެއުމަށް ދިލްޝާދުގެ އާއިލާ ޖަމާވެފައި ތިއްބެވެ. ތަނަށް ވެރިވެފައިވަނީ ހިމޭންވެފައެވެ. ދިލްޝާދު އިނީ ކިޔަންވީ ކޯޗެއް ކަމެއް ނޭނގިފައެވެ. ގަބޫލުކުރަންވެސް ދަތިވެފައި ދިލްޝާދު އިނެވެ.

"ތިއާ އެކުރީ ކޮންކަހަލަ ނުބައި ކަމެއް. ލަދުން ބޯފަޅައިގެން ގޮސްދާނެ. ދެން ނުކެރޭނެ އާމިރުގެ ކުރިމައްޗަށް އަރާކަށް" މިހާދު ބުންޏެވެ.

"އެ ޒަރޫކެއްގެ ވިޔާނުދާކަން ވަކި ކުޑަތަ؟ ލަދެއް ހަޔާތެއްވެސް ނެތެއްނު. އޭނަ އެކުޅިގަނޑު ކުޅެން ފަސޭހައަކަށް މިގޭގަ ހުރީ. އެ ރައްކާވީނުން މަގުސަދު ހާސިލުވީމަ. ތިއާ އާ ދެމީހުން އެއްތަނެއްގަ އުޅެން ތޯއްޗެ އެދިޔައީ. ރީމާވެސް އަހަރެން ގުޅައިގެން ފޯނެއް ނުނަގާ"

އެއްޗެއް ނުބުނެ ހިމޭނުން އިނީ ޒަވީއެވެ. އެންމެ ކައިރީގައި ހުރެފައި ޒަރޫކް އޭނާއަށް ވެސް ކެހި ދިނީއެވެ. ތިއާ ނޫނީ އެހެން އަންހެނެއް އޭނާއަށް ނުފެނުނީ ހެއްޔެވެ؟ ތިއާގެވެސް ވިސްނުން ކޮށިކަމެވެ. ނަވާލް ފަދަ ބައިވެރިއެއް ލިބމުންވެސް ދިރިއުޅުން އާރާސްތުކުރާކަށް ނޭނގުނެވެ. ދެން ކުރާނެ ކަމެއް ނެތެވެ. ތިއާ ވެސް ޒަރޫކްވެސް ލޯމަތިން ގެއްލިއްޖެއެވެ. ތިއާގެ ސަބަބުން މުޅި އާއިލާއަށް ލިބިގެން އެދިޔައީ ބޮޑު ލަދެކެވެ.

******

ދެ ދުވަސް ފަހެވެ. ހޮނިހިރު ދުވަހެކެވެ. ނުނިދުނަސް މެންދުރު ވަންދެން ނަވާލް އެނދުގައި އޮތެވެ. އޭނާ ވަޒީފާއަށް ނުދާތާވެސް ތިންދުވަސް ވެއްޖެއެވެ. ތިއާ އާ ނުލާ އޭނާ ދިރިއުޅުމުގެ ރޫހު ވަނީ ގެއްލިފައެވެ. ކެއިން ބުއިމާއި ނިދުމާ އޭނާ ބީރައްޓެހި ވެއްޖެއެވެ. އަބަދު ކޮޓަރީގައި އޮތުމާއި އާއިލީ ގުޅުންވެސް ކުޑަކުރެއްވިއްޖެއެވެ. މެންދުރު ނަމާދު ބަންގީގެ އަޑު އިވުމުން ނަވާލް ދެރަވެ ރޮވިއްޖެއެވެ. ފާއިތުވި ދުވަސްތަކުގައި އަޅުކަންތަކާވެސް އޭނާ ދުރުވެއްޖެއެވެ. އަނބިމީހާގެ ވަކިވުން އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްފިއެވެ. އެހެންނަމަވެސް މިފަހަރު އޭނާ ހިތްވަރުކޮށްފިއެވެ. ފެންވަރައިގެން ނުކުމެ ނަމާދަށް އެރިއެވެ. ނަމާދަށްފަހު ދުއާކުރިއެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އޭނާއަށް ފަސޭހަކޮށްދެއްވުމަށް އެދިއެވެ. ކޮންމެ ތަނެއްގައި ހުއްޓަސް އަނބިމީހާ ހެޔޮހާލުގައި ލެއްވުމަށެވެ.

"ނަވާލް" ބޭރުން މާޝިތާ ގޮވާލި އަޑު އިވުނީ އޭނާ މުސައްލަ މަތީގައި އިންދައެވެ. ކޮންމެ ވަގުތަކުވެސް ކާގަޑިއަށް އޭނާއަށް މާޝިތާ ގޮވައެވެ.

"މިދަނީ" މާޝިތާއަށް ޖަވާބުދީފައި މުސައްލަ އޮޅާލާފައި އޮތްތަނުގައި ބޭއްވިއެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި ތިއާގެ ބުރުގަލުގަ ޖަހާ ޕިން ދަޅު ދަށުގައި އޮތް ހުދުކުލައިގެ ގަނޑެއް ނަވާލްގެ ލޮލުގައި އަޅައިގަތެވެ. އޭނާ ޑްރެސިންގްޓޭބަލާ ގާތްވެލިއެވެ. ކުރިން އެ ގަނޑު އޭނާގެ ލޮލުގައި އަޅައިނުގަތީ ކީއްވެ ހެއްޔެވެ؟ އޭނާ އެ ގަނޑު ނަގާފައި ބަލައިލިއެވެ. އިނގިރޭސި ބަހުން ތިއާ ލިޔެފައި ހުއްޓެވެ. އެނާ ހިތްތެޅިލިއެވެ. އޭގައި ވަނީ ކީކޭތޯ ބަލަން ބޭނުންވިއެވެ. އެނދުގައި އިށީނދެފައި ނަވާލް އެގަނޑުގައިވާ އެއްޗެއް ކިޔަންފެށިއެވެ.

"ޑިއަރ ހަޒްބެންޑް... އަހަރެންނަށް ކުށެއް ކުރެވުނު. މައާފަށްއެދެން. އެއީ ޒަރޫކަކީ ކާކުކަން ސިއްރުކުރެވުނީމަ. ނާޔާ ބުނީ ރަނގަޅަށް. ޒަރޫކް އެއީ އަހަރެންގެ ކުރީގެ ލޯބިވެރިޔާ. އަހަރެން އިންނަން އުޅުނިން. ރަންވެސް ކިއިން. އެކަމަކު ފިލީ. ހުރިހާ ސަބަބެއް އަހަރެން ކިޔައިދޭނަން. އަހަރެންނާ ބައްދަލުކުރަން އުޅުމުގެ ކުރިން އެންމެ ފުރަތަމަ ޒަރޫކްގެ ކިބައިން ނާޔާ ސަލާމަތްކުރޭ......"

އެންމެންގެ ކުރިމަތީގައި ދުލުން ހާމަނުކުރެވުނު ހަގީގަތް ތިއާ ނަވާލަށް ކިޔައިދީފިއެވެ. ޒަރޫކާ އިންނަން ރަންކިޔާފައި އޭނާ ފިލި ސަބަބެވެ. އޭނާއަކީ އަދިވެސް ޠާހިރު ހިތަކުން ނަވާލްދެކެ ލޯބިވާ އަންބެއް ކަމެވެ. ޒަރޫކް ފެނުމުން އޭނާ ބިރުގަނެ އައި ބަދަލުތަކެވެ. ބަދަލުހިފަން ނާޔާގެ ބޭނުންހިފާލި ގޮތެވެ. އޭނާ ނާޔާއަށް ވިސްނައިދިން ވަރެވެ. ޒަރޫކް ދިން އިންޒާރުތަކެވެ. ނާޔާގެ ފޮޓޯތަކާއި ވީޑިޔޯތައް ބޭނުންކޮށްގެން ތިއާއަށް މަޖުބޫރުކުރި ގޮތެވެ. އެންމެފަހުން ނާޔާއަށްޓަކައި އޭނާ ނަވާލްގެ ދިރިއުޅުމުން ދުރަށް ދާން ޖެހުނީ ކަމަށް ބުނެފައި އޮތެވެ. ޒަރޫކަށް ހައްގު އަދަބުދީ ނާޔާގެ ދިރިއުޅުން ސަލާމަތް ކުރުމަށް ބުނެފައި އޮތެވެ. ފަހު ކަމަކަށް ބުނެފައި އޮތީ ނާޔާގެ ކުށެއް ނެތް ވާހަކައެވެ. ދެން އޭނާ އާ ބައްދަލުކުރަން ބޭނުންނަމަ އަންނަންވީ އެޑްރެހެވެ.

ނަވާލަށް ރޮވުނެވެ. ތިއާއަކީ ކޮންފަދަ މަތިވެރި އަންހެންކުއްޖެއް ހެއްޔެވެ؟ ފިރިމީހާގެ އާއިލާއަށްޓަކައި މިޒަމާނުގައި އެފަދަ ގުރުބާނީއެއް ވާނީ ކާކު ހެއްޔެވެ؟ އެހުރިހާ ކަމަކަށް ވުރެ ބޮޑަށް ނަވާލަށް ރުޅި އާދެވުނީ ނާޔާދެކެއެވެ. ގަނޑު ހިފައިގެން ނަވާލް ދޮރާ ދިމާލަށް ހިނގައިގަތެވެ.

*******

ފިކުރުތަކެއްގެ ކަނޑަކަށް ގެނބިފައި އިން މާޝިތާ ބަލައިލީ ކައިރީގައި މީހަކު ހުއްޓުނުހެން ހީވެފައެވެ. އޭނާއަށް ފެނުނީ އެމީހަކު އަރައިގެން ހުރި ކެޝުއަލް ބޫޓެވެ. ފައިން ފެށިގެން ބޮލާ ހަމައަށް މާޝިތާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއީ ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރީ ނަޒާން ކަން އެނގުމުން މަޝިތާ ފުންމައިގެން ތެދުވިއެވެ. އެންމެ ހިތަށް އުނދަގޫވެފައި އިންވަގުތު ލޮލުގެ ނޫރު ފަދައިން އެދޭ ދަރިފުޅު ފެނުމާއެކު މާޝިތާއަށް ރޮއެގަނެވުނެވެ. ހިތަށް ލިބިފައިވާ ތަކުލީފުތައް ބޮޑުކަމުން ނަޒާންގެ ނިތްމަތީގައިވާ ހުދުކުލައިގެ ބޭސްގަނޑު މާޝިތާގެ ލޮލުގައި އަޅައިނުގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟