ސައިކަލުގެ ލޯގަނޑުން މަންޝާއަށް ނަޒާން ބަލައިލިއެވެ. އެއީ މަންޝާވެސް ނަޒާނަށް ބަލަހައްޓައިގެން އިން ވަގުތެވެ. ދެ ޒުވާނުންގެ ނަޒަރު ބައްދަލުވުމާއެކު ކުރިން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލީ މަންޝާއެވެ.
"މިތަނަށް މަޑުކުރޭ. އަހަރެން ބޭނުމީ ހިނގާފަ ދާން" މަންޝާ ބުންޏެވެ.
"އޯކޭ. މަން ބޭނުންގޮތެއް" ނަޒާން ބުންޏެވެ. އުސްކޮށް ހުރި ހިލަފުންޏެއް ކައިރިއަށް ނަޒާން ސައިކަލު މަޑުކޮށްލުމާއެކު މަންޝާ ސައިކަލުން ފޭބިއެވެ. ކޮނޑުގައި އޮތް ދަބަހުގެ ދެ ވާފަށުގައި ހިފަހައްޓައިގެން ހުރެ އެއްޗެއް ބުނަން ނުބުނަން ހުރެފައި ނަޒާނަށް ޝަކުރުއަދާކުރިއެވެ.
"ދެން ދާން އޮތް ހިސާބަކަށް އަހަރެން އެކަނި ހިނގާފައި ހިނގައިދާނަން" މަންޝާ ބުންޏެވެ.
ނަޒާން ކައިރިއަށް ހިނިއައެވެ. ހިނގާފައި ދެން ގޮސް އެރެން ޖެހޭނީ މޫދަށެވެ. މަންޝާ ސައިކަލު މަޑުކުރަން ބުނީ މަންޒިލަށް އާދެވުނު ފަހުންނެވެ. އިތުރަށް ދާކަށް ޖާގައެއް ނެތެވެ. އެކަން މަންޝާއަށް ފަހުމުވީހެނެއް ހިއެއް ނުވެއެވެ.
"ތެންކިޔު ޒާން..." ފަހަތުން ޒަވީގެ އަޑު އިވުމުން މަންޝާ ބަލައިލިއެވެ. ލޮލުގައި އޮތް އަވި އައިނު ނަގާފައި ވަށައިގެންވި ހުރިހާ ދިމާލަކަށް އޭނާ ބެލިއެވެ. ސައިކަލުން ފައިބަން އޭނާއަށް ބުނެވުނީ ދޯނި ކައިރިއަށް އައިފަހުން ހެއްޔެވެ؟ ދެން ބަލައިލީ އަނެއްކާވެސް ނަޒާނަށެވެ. މިފަހަރު ނަޒާން މަންޝާއަށް ދެބުމަ އަރުވާލިއެވެ.
"ތަނަކަށް ދަންޏާ ފަހުވަގުތު ފާހާނާއަށް ވަނުމަކީ ކޮންމެހެންވެސް މަޖުބޫރުކަމެއް" މަންޝާ ކައިރިއަށް އައުމާއެކު ތިއާ ބުންޏެވެ. މަންޝާ ހީލާފައި ތިއާއަށް ލޯ އަޅާލިއެވެ.
"ކީއްވެ ނުބުނީ އަހަރެން ބަލާ ފޮނުވީ ދޮންބެއެއް ނޫނޭ. ކީއްކުރަން ނަވާލްގެ ދޮންބެ ފޮނުވީ" ތިއާގެ ކަންފަތާ ކައިރިވެލާފައި ވައިއަޑުން މަންޝާ ބުންޏެވެ.
"އެވަރު ކަމެއްތަ؟ ތިއޮއް އާދެވުނީނު. އެހެންނޫނަސް މަން ކަހަލަ ރީތިކުދިން ގޮވައިގެން ސައިކަލުގަ ތަންތަނަށް ދޮންބެ ދާހިއްވާނެ" ތިއާ ބުންޏެވެ.
"ހޫން... މަށެއް ނޫޅެން"
އެންމެންގެ ފަހަތުގައި ތިބި މަންޝާ އާއި ތިއާއަށް ދިލްޝާދު ގޮވާލިއެވެ. ފުރަން ތައްޔާރުވެފައި އޮތް ދޯންޏަށް ހުރިހާ އެންމެން އަރައި ހަމަޖެހިލިއެވެ.
"ނާޔާ އާދޭ ދައްތަ ކައިރިއަށް" ދިލްޝާދު ބުންޏެވެ.
އެންމެން ހަމަޖެހި އިށީނުމާއެކު ދޯނި މާކަނޑަށް ނުކުމެ އޭގެ މަންޒިލަށް ދިޔުމަށް ދަތުރުފެށިއެވެ. އުޑުމަތި ސާފު ވައިމަޑު ނަލަ ދުވަހެކެވެ. ސާފު ނޫކުލައިގެ އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއްވެސް ނެތެވެ. އޮމާން ކަނޑެކެވެ. އެމީހަކު ތިބި ތަނެއްގައި ތިބެގެން ސަކަރާތް ޖަހަން ފެށިއެވެ. ލޮލަށް އަވި އައިނު ހެޔޮވަރުކޮށްލާފައި ފިރިހެންވެރިން ތިބި ތަނުގެ ކައިރީގައި ނަޒާން އޮށޯތެވެ. އިރުކޮޅަކުން ކުރު އަތްމައްޗަކަށް ބަދަލުވެލާފައި އޭނާގެ ކަޅި ސީދާކޮށްލީ ކުރީގައި ތިބި ޒަރޫކާއި ނަވާލްގެ ދެމެދުން ފެންނަން އިން މަންޝާއަށެވެ. މަންޝާ އިނީ ޖެހެމުންދިޔަ ވައިން އެއްއަތުން އުނގުމަތީގައި އޮތް ދަބަހުގައި ހިފަހައްޓައިގެން އަދި އަނެއް އަތުން އަޅައިގެން އިން ޝޯލް ހިފަހައްޓައިގެންނެވެ. އައިނު އަޅައިގެން އޮތަސް ނަޒާން ބަލާނީ އޭނާއަށްކަން މަންޝާއަށް އެނގޭ ކަހަލައެވެ. ނޭނގުމުގެ ތެރެއިންވެސް ނަޒާނަށް ބަލައިނުލުމަށް މަންޝާ ހުވާކޮށްގެން އިންކަހަލައެވެ. އެންމެފަހުން ނަޒާނަށް ފުރުސަތު ގެއްލުވާލުމުގެ ގޮތުން ކައިރީގައި އިން ޔަލާގެ ކޮނޑުގައި އޭނާ ބޯއެޅިއެވެ. އެހިސާބުން ނަޒާނަށް މަންޝާ ގެއްލުނެވެ. ކޮޅަށް ހުރި ޒަރޫކްގެ އެއްފަރާތަކަށް ނުޖެހޭހާ ހިނދެއްގައި މަންޝާގެ މޫނު ނުފެންނާނެއެވެ. އެގޮތަށް މަންޝާ ކަންތައްކުރީ ގަސްދުގައިކަން ނަޒާނަށް އެނގުނެވެ. ނޫކުލައިގެ ސާލެއްހެން ފެންނަމުންދިޔަ ނޫ ކުލައިގެ އުޑަށް ނަޒަރު ހުއްޓާލައިގެން ނަޒާން އޮތީ އިރުކޮޅަކުއެވެ. ދަތުރުގެ ބާކީ އޮތް ވަގުތުކޮޅުގައި މަންޝާގެ މޫނު ނުފެންނަ ގޮތަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އެތަނުން ތެދުވެ މަންޝާގެ މޫނު ފެންނާނޭހެން ބޯކޮޅު ބަދަލުކޮށްލީ ފައިކޮޅަށެވެ. އެއްވެސް ހުރަހަކާނުލައި މަންޝާގެ މޫނު އޭނާއަށް ފެންނަމުން ދިޔައެވެ.
ދެލޯ މަރާލައިގެން ޔަލާގެ ކޮނޑުގައި ބޯއަޅައިގެން އޮތް މަންޝާ ދެލޯ ހުޅުވާލީ ރާޅެއްޖެހި ވަގުތު ދޯނި ތެޅިލުމުންނެވެ. ކޮޅު ބަދަލުކޮށްގެން އޮތް ނަޒާން އޭނާއަށް ފެނުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ހައިރާންކަމާއެކު މަންޝާއަށް ކުރެވުނުހާވެސް ކަމަކީ ނަޒާނަށް ބަލަހައްޓައިގެން އިނުމެވެ. ދެފަރާތަށް ބޯހޫރާލެވުނީ އޭނާއަށް ނަޒާން ނުހިފެހެއްޓުމުންނެވެ. ފޯނަށް މެސެޖެއްވެސް އައީ އެވަގުތުއެވެ. ބަލައިލި އިރު ނަޒާންގެ އެވެ. މަންޝާއަށް ނަޒާންގެ މެސެޖެއް ލިބިގެން އެދިޔައީ އެތައް ދުވަހެއް ފަހުގައެވެ. އޭނާ އާ ދުރުގައި ހުންނަން ނަޒާނަށް އެންމެފަހުން މެސެޖެއް ނުކުރިއެވެ. އެ މެސެޖް ކިޔާނުލާވެސް އޭނާއަށް ފަރުނުޖެހުނެވެ.
"ކިތަންމެ މަސައްކަތެއް ކުރިޔަސް މަންއަކަށް ނުފިލޭނެ. ތި ހިތް ފަހަތުން އަހަރެންގެ ހިތް ދާނެ. މަރުވެގެން ދިޔަސް"
ކައިރީގައި ތިބި މީހުންނަށް މެސެޖް ފެނިދާނެތީ މަންޝާ މެސެޖް ހުޅުވީ މެއާ ކައިރިކޮށްފައެވެ. އެހާ އަވަހަށް ފޯނު ލޮކްކޮށް ދެއަތްތިލައިގެ ތެރެއަށް ލާފައި ހަމަޖެހިލިއެވެ. މަންޒިލަށް ދެވެން މާގިނަ ވަގުތެއް ނެތެވެ. ގަދަ ފެހިކުލައިގެ މަލަމައްޗެއް ލިބިފައިވާ ރަށް އެދަނީ ކައިރިވަމުންނެވެ. ނަޒާނަށް ފުރަގަސްދެވޭނީ ރަށަށް ފޭބުނު އިރަކުންނެވެ.
********
ރަށަށް ފައިބަން އަހްތަރު އެންގީ ފަހަރަކު ކުއްޖަކަށެވެ. އެއްކުއްޖެއް އަނެއް ކުއްޖެއްގެ އެހީތެރިކަމާއެކު ރަށަށް ފައިބައިގެން ހިނގައިގަތެވެ. ޓެންޓް ޖަހަން ހަމަޖެހިފައިވާ ސަރަހައްދަށް ދާން ހިނގައިގަތް އިރު އެންމެ ކުރީގައި ތިބީ އަހްތަރާއި އޭނާގެ ދަރިންނެވެ. ފައިދަށުގައި ހުރި ހިކިފަތްތަކުން އަޑުގޮށްވަމުން ފަހަތުން ދިޔަ ކުދިންގެ ރަށުގެ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ދިޔައެވެ. ފުދޭވަރަކަށް ގަސްބޯ ރަށެކެވެ. ދިއްގާ ގަސްތަކާއި ހިރުނދު ގަސް އަދި މަދަރާސި ގަސްތަކުން މުޅި ރަށް އޮތީ ހިޔާކޮށްލައިފައެވެ. އެހެން ރަށްތަކުން ކުދިބޮޑު މީހުން ދަތުރު އައިސް އުޅޭތީ ރަށުގެ ހަމަހިމޭންކަން ވަނީ ކެނޑިފައެވެ.
ފިރިހެނުން ޓެންޓްޖަހަން ފެށުމުން ބާކީ ތިބި މީހުން ޖޯލިފަތިތަކުގައި ޖައްސާލިއެވެ. ދިލްޝާދު އާއި ސާދާ އަދި ތިއާ ގެނައި ސާމާނުތައް ތަރުތީބު ކުރުމަށް އުޅުނެވެ.
"ވައި ދަތުރެއް" ކޮނޑުގައި އޮތް ދަބަސް ޖޯލީގައި އިން ޔަލާގެ އުނގަށް ވައްޓައިލަމުން ޒަވީ ބުންޏެވެ.
"ކޮބާ ވައިވެފަ. އަދި މިއުޅެނީ ލޮނުކޮޅަކުން ދެފައި ތެންމާނުލެވިގެން. މަޖާ ނޫންކަން އެނގޭނީ މިކަން ނިންމާފައި ގެއަށް ދެވުނީމައެއްނު. ނޫންތަ މަންމާ" ޔަލާ ބުންޏެވެ.
"މިބުނީ މިރަށަށް އައި އިރު ދޯނިމަތި ވައި ވާހަކަ. މިތިބަ މަންކޮމެނަށް ނުކެރުނު މަޖާކޮށްލަންވެސް" ޔަލާ އާ ޖެހިގެން އިން މަންޝާގެ ބޮލުގައި ޖަހައިލަމުން ޒަވީ ބުންޏެވެ.
"ދޮންބެ ލީޑު ނެގިނަމައެއްނު" މަންޝާ ބުންޏެވެ.
"ޒަވީބެމެން ވައި ވާހަކަ ދައްކާއިރު މެރީކޮށްގެން އަދި އެ އުޅެނީ މާލެ އާ ހަމައަށް ނުދެވިގެން. ބަޔަކަށް ހުންނާނީ މަޖާކުރެވިފައެއްނު"
*********
ޖަމާއަތުގައި ނަމާދުކޮށްގެން ހުރިހާކުދިން ކާން އެރިއެވެ. މަސްބަތާއި ރިހާކުރު ތައްޔާރުކޮށްފައި ހުރިއިރު ފިރިހެނުން ބާނާއިގެން ގެނައި މަސްތައްވެސް ފިހެފައި ހުއްޓެވެ. އެހާ އަވަހަށް މޫދަށް އެރި ތެމިގެން ތިބީ ތިއާ އާއި ނަވާލެވެ. ދުރުދުރުން ދީވާނާވެފައި ހުރި މީހެއް ފަދައިން ކަރުގައި ކެމެރާ އަޅުވައިގެން އުޅުނީ ނަޒާނެވެ. އެހެން އެއްވެސް ކަމަކަށް ވުރެ އޭނާއަށް މުހިންމުވީ އޭނާގެ ކެމެރާގައި މަންޝާގެ އެކި ހަރަކާތްތައް ރައްކާތެރިކުރުމެވެ. ހުރިހާ މީހުން އެކަކު އަނެކަކާ ވަކިނުވެ އުޅޭއިރު މަންޝާއާ ބައްދަލުކޮށް ވާހަކަދެއްކުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.
ދިލްޝާދު ދިއްކޮށްލި ފަތަށް ކާއެއްޗެހި އަޅައިގެން މަންޝާ ފޭބީ މޫދު ކައިރިއަށެވެ. ދޮންވެލިގަނޑު މަތީގައި އިށީނދެފައި އޭނާ ރަނގަޅަށް ހަމަޖެހިލިއެވެ. ކުރިމަތީގައި އިށިން ނަޒާން ފެނުމުން މަންޝާ ދިޔައީ ސިހިގެންނެވެ. ފަސްގަނޑުމަތީގައި ދެކަކޫ ވިއްދައިގެން އިނދެފައި އޭނާގެ އަތުގައި އޮތް ކެމެރާ އަމާޒުކޮށްލީ މަންޝާގެ މޫނަށެވެ. މަންޝާ ޖެހިލުންވިއެވެ. ނަޒާން އެފަދައިން ކަންތައް ކުރަނިކޮށް މީހަކަށް ފެނިދާނެތީ ހުރިހާ ދިމާލަކަށް އަވަސް ނަޒަރެއް މަންޝާ ދިނެވެ.
"މިއީ އެހާވަރުގެ ކަމެއް ނޫނެއްނު. އެހާ ބިރުނުގަނެ ބަލަ"
ކުރަން އައި ކަންތައްވުމާއެކު ހީލާފައި ނަޒާން ހިނގައިގަތެވެ. މަންޝާ ހިތްހަމަނުޖެހޭގޮތް ވިއެވެ. ނަޒާން އެހެން އުޅެނިކޮށް މައިންބަފައިންނަށް ފާހަގަވެގެން އެއްޗެއް ބުނެދާނެ ކަމަށް އޭނާ ކަންބޮޑުވިއެވެ. ރުޅިއިސްކޮށްގެން ނަޒާން މައިތިރިނުވާނެކަން މަންޝާއަށް އެނގުނެވެ. އޭނާ ބޭނުންވީ ހަމަޖެހިގެން ނަޒާނަށް ވިސްނައިދޭށެވެ. އެއީ އޭނާ އަޅާނެ އެންމެފަހު ފިޔަވަޅެވެ. އޭނާއަކީ ނަޒާނަށްޓަކައި ހުރި މީހެއް ނޫންކަން ނަޒާނަށް އަންގައިދޭނެއެވެ. ނަޒާން ޖެހޭނީ އެކުޅި ހުއްޓާލާށެވެ.
*******
ހުރިހާ މީހުން މޫދަށް ދިޔަ ވަގުތު ނާޔާ ޓެންޓަށް ވަނީ ހެދުން ބަދަލުކޮށްލާށެވެ. އެތެރެއިން ތިއާ ފެނުމުން ނާޔާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ހީކުރީ އެންމެނާއެކު ތިއާ ވެސް ދިޔަކަމަށެވެ. ގުޅައިގެން ޓެންޓަށް ޒަރޫކް ނުގެނެވުނުކަން ނަސީބެކެވެ. ނާޔާ ހަމަޖެހުމުގެ ނޭވައެއްލިއެވެ.
"ތިއްތަ ތަ؟ ނާއްކޮ ހީކުރީ މޫދަށް ދިޔަ ކަމަށް" ނާޔާ ބުންޏެވެ.
"ދޮންބެގެ ޕަވަރ ބޭންކް ބަލާ އައީ. ހިނގާ ދާން" ތިއާ ބުންޏެވެ.
"އެއްޗެހި ބަދަލުކޮށްލަން ވާނެއްނު" ނާޔާ ބުންޏެވެ.
ނާޔާ އެއްޗެހި ބަދަލުކުރަންދެން ތިއާ ދޮރުމަތީގައި މަޑުކޮށްގެން ހުއްޓެވެ.
ފަހަތަށް އެނބުރި ތިއާ ބަލައިލިއެވެ. އޭނާ އެގޮތަށް ކަންތައްކުރީ ނާޔާ ލަސްކަމުން އަވަސްކޮށްލަން ބުނަންވެގެނެވެ. އެއްޗެއް ނުބުނެ ތިއާގެ އަނގަ ބަންދުވީ ނާޔާގެ ހަށިގަނޑުން އޭނާއަށް ފެނުނު ނިޝާންތަކުންނެވެ. ނާޔާގެ އަންހެންވަންތަކަން ފާޅުވާ ހިސާބަކުން އެފަދަ ނިޝާންތަކެއް ފެނުމުން ތިއާ އަށް ހީވީ ބޮލަށް އެނބުރުން އަރައިގެން ދިޔަހެންނެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ނާޔާއަށް ބަލަން ތިއާ ހުއްޓެވެ. ސުވާލުކުރަން ބޭނުންވެ ސީދާ ސުވާލުކުރަން ނުކެރިފައެވެ. އަތްފައި ފިނިވެ ތިއާއަށް އެތަނުގައި ހުންނަންވެސް އުނދަގުވިއެވެ. ނާޔާ ކަހަލަ ދޮން އަންހެންކުއްޖެއްގެ ހަށިގަނޑުން އެފަދަ ނިޝާންތައް ރޭގަނޑު ކަނު އަނދިރީގައިވެސް ފާހަގަވާނެއެވެ.
"މިނިމުނީ. ހިނގާ ދާން" ނުކުންނަމުން ނާޔާ ބުންޏެވެ.
ޖެހި ބުދެއްހެން ގަބުވެފައި ތިއާ ހުއްޓެވެ. އެރަށަށް އައިފަހުން ބޮޑެތި މީހުން އަތްދަށުން ނާޔާ ވީއްލިއްޖެހެން ތިއާ އަށް ހީވިއެވެ. އިތުރު މީހަކަށް އެތަންތަން ނުފެނުނުކަމަށްޓަކައި ތިއާ ޝުކުރުކުރިއެވެ.
"ތިއްތާ، ކޮން ވިސްނުމެއްގަ. ހިނގާށޭ ދާން"
ދެ ކުދިން ހިނގައިގަތް އިރު ނާޔާ ހުރީ ތިއާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ވަކި ހިސާބަކުން ތިއާ ހުއްޓުނެވެ. އޭރު މޫދުގައި ތިބި މީހުން ދެ ކުދިންނަށް ފެންނަން ތިއްބެވެ.
"ތިއްތަ ވާހަކައެއް އަހާލަންތަ؟" ތިއާ ބުންޏެވެ.
ނާޔާ ބޯޖަހާލިއެވެ. ތިއާ އަހަން އުޅޭ އެއްޗެއް ނޭނގޭތީ ކުޑަކޮށް ހިތް ނުތަނަވަސްވެލިއެވެ. އެހެންނަމަވެސް މޫނުމަތި ހަމަޔަކަށް އަޅުވާލައިގެން ނާޔާ ހުއްޓެވެ.
"ނާޔާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟"
ނާޔާއަށް ޖަވާބެއް ނުދެވުނެވެ. ތިއާގެ މޫނަށް ބަލަހައްޓައިގެން ނާޔާ ހުއްޓެވެ. ހިތުގައި ސުވާލު އުފެދުނެވެ. އެސުވާލުކުރަން ތިއާ އަށް ކަމެއް އެނގުނީ ހެއްޔެވެ؟ ޒަރޫކް އެވާހަކަ ތިއާ ކައިރީގައި ދެއްކީ ހެއްޔެވެ؟ ނޫނީ ޒަރޫކާއެކު ހުއްޓައި ތިއާއަށް ފެނުނީ ހެއްޔެވެ؟ ނާޔާ އަށް ނުވިސްނުނެވެ.
"އަހްތަރުބޭގެ ޖައިޝް ދޯ. ތިއްތައަށް ހީވެއްޖެ އެހެން. އެކަމަކު އެއީއެއް ނޫން މައްސަލައަކީ. ތިއްތަ ބޭނުން ނާޔާ އާ ވާހަކަދައްކާލަން" ތިއާ ބުންޏެވެ. ނާޔާ ބޯޖަހާލިއެވެ. ނުބައި ނަމެއް ތިއާ ބުނުމުން އަދި ތިއާ އަށް މާބޮޑު އެއްޗެއް ނޭނގޭކަން ނާޔާއަށް އެނގުނެވެ.
********
މަންޝާ މޫދުން ފައިބައިގެން ގަސްތަކާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ޖޯލީގައި އިން ދިލްޝާދަށް ފެނުނެވެ. މަންޝާގެ ފަހަތުން ދާން ތެދުވެފައި އޭނާ ހުއްޓުނީ އެދިމާލަށް ދިޔަ ނަޒާން ފެނިފައެވެ. ފަޅުރަށެއްގައި ލޯބީގެ ގޮތުން އުޅޭ ދެ ކުއްޖަކު އެކަހެރިވާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއްކަން ދިލްޝާދަށް އެނގުނެވެ. މަންޝާއަކީ އޭނާގެ ދެލޮލުގެ ނޫރެވެ. ނުބައި ކަމެއްގެ ތެރެއަށް މަންޝާ ވެއްޓިގެންދާތަން ބެލުމަކީ އޭނާއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. އެހެންކަމުން އޭނާ ބޭނުންވީ ނަޒާން އެހިސާބަށް ދިޔުމުގެ ކުރިން މަންޝާ ހުއްޓުވާށެވެ.
"ތިއީ ކޮންކަމެއް. އިށީނދެބަލަ މިތާ" ދިލްޝާދު ހިނގައިގަންނަން އުޅެނިކޮށް މިހާދު ބުންޏެވެ.
"މަންޝާ ފިރިހެނަކާއެކު އެކަހެރިވާން ދޫކޮށްލަންވީތަ؟" ދިލްޝާދު ބުންޏެވެ.
"ތިހެރީ ޝާދު ވިސްނާގޮތް. އެމަންޖެ އެކަހެރިވީމަތަ މައްސަލައަކީ. ޝާދު ކިހާވަރަކަށް އަހަރެންނާއެކު އެކަހެރިވީން"
ފިރިމީހާ ލޯބިވެތި ސަމާސާއެއްކޮށްލުމާއެކު ހީލާފައި ދިލްޝާދު ދެލޯ އެޅިއެވެ. މިހާދު ހިނިގަނޑެއް ޖަހާފައި ކައިރީގައި ދިލްޝާދު ބޭންދިއެވެ.
"ދަރީންނަށް އިތުބާރުކޮށްބަލަ. ބަލާބަލަ. އެކުދީން އެކަހެރިވާން ނޫޅޭ" މިހާދު ބުންޏެވެ.
އެދިމާލަށް ދިލްޝާދު ބަލައިލިއެވެ. ތެދެކެވެ. ދެކުދީން ތިބީ މީހުން މަދު ހިސާބެއްގައެވެ. އެހެންނަމަވެސް ތަނަކަށް ވަދެ ފިލައެއް ނޫނެވެ. ހާމައަށް އޮތް ބޮޑު ތަނެއްގައެވެ. މައިންބަފައިންގެ ލޯމަތީގައެވެ. ތިރި ގަހެއްގެ އޮފިގަނޑެއްގެ މަތީގައި ނަޒާން އިންއިރު މަންޝާ ހުރީ ތަންކޮޅެއް ދުރުގައި ކޮޅަށެވެ. ދިލްޝާދުގެ ހިތަށް ހަމަޖެހުން ލިބުނެވެ.
*******
ބައްދަލު ކުރަން އެދުނީ މަންޝާއެވެ. ފުރަތަމަ ފަހަރަށް މަންޝާގެ ފަރާތުން އެފަދަ ހުށަހެޅުމެއް ލިބުމުން ކަލަންޑަރުގައި ތާރީހު ފަވާލަން ނަޒާން ބޭނުންވިއެވެ. އޭނާ މޫދަށް ނުގޮސް މަޑުކުރީވެސް މަންޝާ އާ ބައްދަލުކުރަން ބޭނުންވެފައި ހުރިވަރުންނެވެ.
"ފިނިވަނީތަ؟" ނަޒާން އެހިއެވެ. އެއްކޮށް ތެމިފައި ހުރި މަންޝާއަށް ފިނިވެގެން ރޫރު އަޅަމުންދިޔަތަން ނަޒާނަށް ފެނުނެވެ.
"ނުވޭ. އޯކޭވާނެ. މާގިނައިރު މިހެން ހުންނާކަށް ނޫޅެން" މަންޝާ ބުންޏެވެ.
"ކިހިނެއްވީ؟ ލޯބިވެވުނީތަ؟" ނަޒާން ބުންޏެވެ. އޭނާގެ އަޑުގައިވީ ސަމާސާއެވެ.
"ނޫން. އަހަރެން މިއުޅެނީ ވަރަށް ބޮޑު ކަމަކު ކިޔަންވެގެން. އަހަރެން އުންމީދު ކުރަން މިދައްކާ ވާހަކަ ޖޯކަކަށް ނަހަދައި ވިސްނައިގެން ރަނގަޅުގޮތެއް ނިންމާނެ ކަމަށް"
ނަޒާން ހީލިއެވެ. މަންޝާ ނުބުނަނިސް ހުރިހާ އެއްޗެއް އޭނާއަށް އެނގިއްޖެއެވެ. މަންޝާ އެދޭނީ ކޮންކަމަކަށް ކަންވެސް އޭނާއަށް އެނގިއްޖެއެވެ. މާކުރިންވެސް އޭނާ އޮންނާނީ މަންޝާއަށް ޖަވާބުދީފައެވެ. އޭނާގެ އަމަލުތަކުންވެސް މަންޝާއަށް ވާނީ ޖަވާބުދީފައެވެ.
"އެނގެއެއްނު އަހަރެންނަށް ދުރުގަ ނުހުރެވޭނެކަން" ނަޒާން ބުންޏެވެ.
"އެހާ ކަންކަން އެނގޭ މީހަކަށް ވާނެކަމެއް ނެތް. ތިއީ މާ ސްމާޓް މީހެއް ނޫން" މަންޝާ ބުންޏެވެ.
ނަޒާން ޖަހާލީ ހިނިގަނޑެކެވެ.
"ލުކް. އަހަރެން މެރީކުރާނަން މާލެ ގޮސް. ލަހެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި ރަންކިޔާނަން. އޭރުން އަހަރެން ވާނީ މީހެއްގެ އަންބަކަށް. އަހަރެން ވާނީ ވަފާތެރި ކިޔަމަންތެރި އަންބަކަށް. ހިލޭ ފިރިހެނުންނާ ވާހަކަދައްކާ ހީނ ސަމާސާކުރުމަކީ އަހަރެން ކުރާނެ ކަމެއް ނޫން. އަހަރެން ބުނަން މިއުޅެނީ އަހަރެންގެ އެދުމަށް ނަޒާން އިހުތިރާމްކުރާށޭ. އަހަރެންގެ އިހުސާސްތަކަށް ގަދަރުކުރާށޭ. ހަމަ ހަގީގަތަށްވެސް އަހަރެންގެ ހިތުގައި ނަޒާނަށް އިހުސާސެއް ނެތް. ނަޒާނަށް އަހަރެން ވަރަށް ގަދަރުކުރަން. ޕްލީޒް... އަހަރެންނަށް އުނދަގު ނުކުރޭ. ތިހެން ނޫޅެބަލަ. ތިއީ ޕޮލިހެއްނު. ނަޒާން އުޅޭގޮތުން ބައެއްފަހަރު އަހަރެން ލަދުގަނޭ. އަހަރެންނަށް ދުވަހަކުވެސް ކަމެއްކޮށްދެންޏާ އަހަރެންނާމެދު ތިވިސްނާގޮތް ބަދަލުކޮށްބަލަ. އަހަރެން އަނެއްކާވެސް މިބުނަނީ. ނަޒާން އަހަރެންނާމެދު ދެކޭފަދަ ނަޒަރަކުން ނަޒާނާ މެދު އަހަރެން ނުދެކެން"
މަންޝާ ވާހަކަދައްކާ ނިމެންދެން ވަރަށް ހަމަޖެހިގެން ނަޒާން އިނެވެ. މަންޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން އޮފިގަނޑު މަތިން ފުންމާލީ މަންޝާ ކުރިމައްޗަށެވެ. ސިހިފައި މަންޝާ ފަހަތަށް ޖެހުނެވެ.
"އަހަރެންނާ ބެހޭގޮތުން މަން އަށް ތި އެނގުނީ އަދި ވަރަށް ކުޑަވަރެއް. މަންއަށްޓަކައި އަހަރެން މަރުވެސްވެދާނަން. މަން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި އުންމީދު އާވަނީ. އަދި ދެންމެ ތިދެއްކި ވާހަކަތަކުން އަހަރެންނަށް އާ އުންމީދެއް ލިބިއްޖެ. އަހަރެންގެ ހުވަފެންތައް ކާމިޔާބުވާނެކަމުގެ ފެހި ސިގްނަލް ލިބިއްޖެ. މަން އަހަރެންނާމެދު ނުވިސްނާނަމަ ނަވާލްގެ ދޮންބެ އެހާ ފަސޭހައިން ނަޒާނަށް ބަދަލެއް ނުވާނެ. ލޯބިވާކަމެއް ނުވާކަމެއް ނޭނގެ. އެނގެނީ ތި ހިތަށް މިހާރު އަހަރެންގެ ނަން އެބައަރާ. އެހެންނު...."
މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ފޫނެއް ފަޔަށް ފެންފުރަން އާދެވުމުން މަންޝާ ހުރީ އަމިއްލަ ނަފުސުދެކެ ހިތްހަމަ ނުޖެހިފައެވެ.
"ދޯ... ހިތަށް އަރާދޯ.... ކޮން ގަޑިތަކެއްގަ އެންމެ ބޮޑަށް ހިތަށް އަރަނީ" ނަޒާން ބުންޏެވެ.
"ނާރާ... އައި ހޭޓް ޔޫ.... ތި އިންސާނާ އާ ވާހަކަދެއްކުމަކީ ބޭކާރުކަމެއްކަން މިހާރު އެނގިއްޖެ"
"އޯވް... މަން... އައި ލަވް ޔޫ...." ނަޒާން ބުންޏެވެ.
(ނުނިމޭ)