"މަންޝާ.... މަން..... ވަރަށް ރީތި" ނަޒާން ބުންޏެވެ. ހައިރާންކަމާއެކު މަންޝާ ނަޒާނަށް ބަލައިލިއެވެ.
"މިބުނީ ނަން ވަރަށް ރިއްޗޭ" މަންޝާ ބަލައިލިގޮތުން ނަޒާން ބުންޏެވެ. މަންޝާއަށް އެއަށް ޖަވާބެއްދޭން ނޭނގުނެވެ. އޭނާ ހާސްވެފައި ހުރިކަން އެނގުމުން ނަޒާނަށް ހެވުނެވެ. ދެން ހޭދަވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ނަޒާންގެ ނަޒަރުން ސަލާމަތްވުމަށް މަންޝާ ފޯނާ ކުޅެން ފެށިއެވެ. ގޭތެރެއިން އެހެން މީހަކު ނުކުމޭތޯ މަންޝާ ހުރީ ހިތާހިތުން ދުއާކޮށްލަކޮށްލައެވެ. އެހެން ހުއްޓައި ސަކާރާތެއްގެ އަޑު އިވުނެވެ. އިރުކޮޅެއްނުވެ ސަކަރާތްޖަހަމުން ނުކުތީ ނަވާލް އަދި ތިއާ ގެ އިތުރުން ނާޔާއެވެ.
"ޝިޓް... އަދި ކުޑަ ވަގުތުކޮޅެއް ފަހުން އެންމެން ނުކުތްނަމަ" ނަޒާން ބުންޏެވެ. މަންޝާއަށް އެ އަޑު އިވުނެވެ. ނަޒާނަށް ބަލައިލީ އެބުނި އެއްޗެއް ގަބޫލު ނުކުރެވިފައެވެ. ނަޒާންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ދެން ނަޒާން ކުރީ މަންޝާ ހިތަށްވެސް އެރިކަމެއް ނޫނެވެ. ބާކީ ތިބި ތިން މީހުން އައުމުގެ ކުރިން ކާރުގެ ކުރީ ޝީޓުގެ ދޮރުހުޅުވައިފިއެވެ. ކާރަށް އަރަމުން މަންޝާއަށް އެއް ލޯ މަރާލިއެވެ.
"ހާދަ އިރެއްވެއްޖޭ" ތިއާ އަށް މަންޝާ ބުންޏެވެ.
"މި ނަވާލްގެ ސަމާސާކުރުންތަކާ ހުރެ ލަސްވީ. އަޅެ ފާހާނާއަށް ވަތް މީހާ ނުވެސް ނުކުތޭ" ތިއާ ހީލަމުން ބުންޏެވެ. ހީލަން ނުހީލަން ހުރި ކަހަލަ ގޮތަކަށް މަންޝާ ހީލިއެވެ. ކާރުގެ ކުރީ ޝީޓަށް ދެ ފިރިހެނުން ފަހަތަށް އެރީ ތިން އަންހެން ކުދިންނެވެ. މެދުގައި އިނީ މަންޝާއެވެ.
"ތިއްތި މީނީ މަންމަންވެފަތަ؟" ހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ ނަޒާނާއި ނާޔާގެ އިތުރުން ތިއާ އެވެ. ދޭތެރެއަކުން މަންޝާގެ އަޑު އިވިލިޔަސް ނަވާލް އެއްބަސްވެސް ނުކިޔައެވެ.
"އަދި އަންނަންޗޭ އެނގޭ... ސީރިޔަސްލީ ކުއްލިއަކަށް މަން ފެނުނީމަ ވަރަސް އުފާވި" ތިއާ ބުންޏެވެ.
"ޔެސް. އަދި ވާނެ ގެންނަން" ނަޒާން ބުންޏެވެ.
މަންޝާ ލަސްލަހުން ނަޒާނަށް ބަލައިލިއެވެ. އެވަގުތު އެއީ ކުރިމަތީގައި ހުރި ލޯގަނޑު މަންޝާ އާއި ނަޒާންގެ ނަޒަރު ބައްދަލުވެގެންދިޔަ ވަގުތެވެ. ނަޒާން ބަދަލުކޮށްލި މާނަފުން ހިނިތުންވުމުގެ ޖަވާބު ދޭނެ ގޮތެއް މަންޝާގެ ސިކުނޑިއަކަށް ނައެވެ. އޭނާ ގަތީ ލަދެވެ. އެމަންޒަރު އެތަނުން އެހެން މީހަކަށް ނުފެންނަ ކަމެއްވެސް ނޭނގެއެވެ.
"މިތަނަށް މަޑުކޮށްލާ" ކުއްލިއަކަށް މަންޝާ ބުންޏެވެ. އެއްފަރާތެއްގައި ނަވާލް މަޑުކުރިއެވެ. ތިއާ ދެފަރާތް ބަލައިލިއެވެ.
"މިއީ ކޮންތަނެއް؟ ކީއްވެ މިތަނަށް" ތިއާ އެހިއެވެ.
"ހަމް އުޅެނީ މިގޯޅި ތެރޭގަ. ތެންކިޔު ހުރިހާ ކުދިންނަށް" މަންޝާ ބުންޏެވެ.
މަންޝާ ކާރުން ފައިބަން ތަންދެއްކުމުގެ ގޮތުން ތިއާ އާއި ނާޔާ ކާރުން ފޭބިއެވެ. ފަހުވަގުތުކޮޅު މަންޝާ ބަލައިލުމަށް ނަޒާންވެސް ފޭބިއެވެ.
"ދަނީ" މަންޝާ ބުންޏެވެ.
ހިނގައިގަތުމުގެ ކުރިން މަންޝާ ނަޒާނަށް ބަލައިލިއެވެ. އެހެންނަމަވެސް ކުޑަކުޑަ ވަގުތުކޮޅަކަށެވެ.
"ދޮންބެ ކީއްކުރަން ތިފޭބީ" ނާޔާ ބުންޏެވެ.
"ނުލާހިކު ރީތި ތިން ކުދިން އެކަނި ތިބީމަ" ނަޒާން ބުންޏެވެ.
*******
ގޯޅިތެރޭގައި ފުދޭވަރަކަށް ދުރަށް މަންޝާއަށް ހިނގަން ޖެހުނެވެ. އޭނާ އެހާ އަވަހަށް ކާރުން ފޭބީ ނޭވާ ހާސްވާވަރުންނެވެ. ނަޒާންގެ ނަޒަރު އޭނާ މުޅިން ގަނޑުކޮށްލައިފިއެވެ. ނަޒާންގެ ހިމޭން ބަހުރުވަ މާނަކުރަން އޭނާއަށް ނޭނގުނެވެ. ނަޒާން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ މީގެކުރިން ދެމީހުން ފެނިފައެއްވެސް ނުވެއެވެ. ބައްދަލުވީކީވެސް ނޫނެވެ. އަނެއްކާ ނަޒާންގެ ނިޔަތް ރަނގަޅު ހެއްޔެވެ؟
"ނަވާލްގެ ދޮންބެ... ކިހިނެއް އެ އުޅެނީ؟" މަންޝާ ހިތަށް އެރިއެވެ.
ހަމްރާ އުޅޭ އެޕާޓްމަންޓްގެ ދޮރާ ހަމައަށް ނާދެވެނީސް މަންޝާގެ ނޭފަތުގައި މީރުވަހެއް ޖެހިއްޖެއެވެ. ހީވީ މޭފުރުނުހެންނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ހުޅުވާފައި ހުރި އެޕާޓްމަންޓު ދޮރަށް އަރާފައި އެތެރެއަށް ބަލައިލިއެވެ. ބަދިގޭ އުނދުން ކައިރީގައި ހުރީ އަގުލީމާއެވެ. ޒިންކު ކައިރީގައި ހަމްރާ ހުއްޓެވެ. ހާޒިން ފެންނަން ނެތް ނަމަވެސް ދޮރަށް އަރާފައި މަންޝާ ސަލާމްގޮވާލިއެވެ. އެނބުރި ބަލައިލީ އަގުލީމާ އާއި ހަމްރާ އެކީގައެވެ.
"އާދޭ އާދޭ..." ހަމްރާ ބުންޏެވެ. އައިސްއަލަމާރި މަތީގައި ހުރި ޓިޝޫފޮށިން ޓިޝޫއެއް ދަމައިގަނެފައި ދެއަތް ފޮހެމުން ހަމްރާ އައިސް ހިފީ މަންޝާގެ އަތުގައެވެ.
"މީ ހާދަ ތަދު ކުއްޖެކޭ މިހާރު" އަގުލީމާ ބުންޏެވެ.
"އަހަރެން އަންނައިރު އަގުލީމައްތައަކާ ދުވަހަކުވެސް ދިމައެއްނުވާނެ" މަންޝާ ބުންޏެވެ.
"މިއަދުވެސް ނަސީބަކުން ތިދިމާވީ. މަގޭ އިނގިލި ކަނޑައިގެން ގޮސްގެން ރޯންފެށީމަ މަސްބަތްކޮޅު ކައްކައިދޭން އެ އައީ. އެ ދަނީ އަނެއްކާ ދާން" ހަމްރާ ބުންޏެވެ.
"ދާންވާނެއްނު. ސަމާހާ ނޫނީ ދައްތައަށް ހެޔޮއެދޭ މީހަކު ހުރީއެއް ނޫން" އަގުލީމާ ބުންޏެވެ.
އަގްލީމާ ކޮޓަރިއަށް ވަންނަމުން މަންޝާގެ ބޮލުގައި ފިރުމާލިއެވެ. މާގިނައިރެއް ނުވެ ކުޑަކޮށް ތައްޔާރުވެގެން ބޭރަށް ނުކުމެ މެޒުމަތީގައި ހުރި ތަށިބަރި ނެގިއެވެ.
******
ގެއަށް ދިޔަ މަގުމަތީގައި ނަޒާންގެ ދުލުގައި އެހެން ނަމެއް ނެތެވެ. މަންޝާގެ ވާހަކަ ފަށަފަށައިގެން ދެއްކިއެވެ. ނަވާލް އިނީ ހައިރާންވެފައެވެ. ނަޒާނަށް މަންޝާ ކަމުދިޔައީ ހެއްޔެވެ؟
"ދޮންބެ ތިހާ ވަރަށް މަންޝާދައްތަގެ ވާހަކަތިދައްކަނީ ކީއްވެތަ؟ ދޮންބެ އަޅައިގަތީތަ؟" ނާޔާ ބުންޏެވެ. ތިއާ ނާޔާގެ އަނގަމަތީގައި އަތް އެޅީ ޖުމްލަ ބޭރު ކުރި ފަހުންނެވެ.
"ނާއްކޮ ބޭނުންތަ މަންޝާދައްތަ ގެންނަން" ނަޒާން ބުންޏެވެ.
"ނާއްކޮ ބޭނުންވީމަ ގެނެވޭތަ؟ ދޮންބެއެއްނު އެކަން ކުރާނީ" ނާޔާ ބުންޏެވެ. ނާޔާ އާއި ނަޒާންގެ ވާހަކަތައް އަހަން އިން ތިއާ އަށް އިނީ ހެވިފައެވެ.
"ނާއްކޮ ބޭނުމިއްޔާ ގެންނަންވީ. އެކަމު ދޮންބެގެ ގާލް އަކީ ދޮންބެގެ ލެޕް ގަ އިން ކުއްޖާ" ނަޒާން ބުންޏެވެ.
އެހިސާބުން ނަވާލްގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ކާރު ތެރޭގައި އެންމެން އެކަކު އަނެކަކާ ސަމާސާ ކުރަމުން ދިޔައިރު ނަވާލް އިނީ ވިސްނުމެއްގައެވެ. ނަޒާނަށް މަންޝާ ކަމުދިޔަސް މަންޝާ ނަޒާން ގަބޫލެއް ނުކުރާނެއެވެ. ފާއިތުވެގެންދިޔަ ވަގުތުކޮޅުގައި އެތައް ގޮތަކަށް ނަވާލް ވިސްނައިފިއެވެ. ގެއާ ހަމައަށް އާދެވުނު އިރުވެސް ނާޔާ އަނގަ ހުއްޓާނުލައެވެ.
ގަރާޖުގައި ކާރު ޕާކްކުރުމާއެކު ނާޔާ އާއި ނަޒާން ފައިބައިފިއެވެ. ތިއާ ފޭބީ އެންމެ ލަހުންނެވެ. އޭނާ ހުރީ ނަވާލާ ސުވާލުކުރަން ބޭނުންވެފައެވެ. މިހުރިހާއިރު ނަވާލް ހިމޭނުން އިނީތީއެވެ. ކާރުގެ ދޮރުލައްޕާފައި ހިނގައިގަތް ނަވާލްގެ އަތުގައި ތިއާ ހިފެހެއްޓިއެވެ. އެއާއެކު ނަވާލް ބަލައިލިއެވެ.
"ޔޫ އޯކޭ" ތިއާ އެހިއެވެ. ހީލަމުން ނަވާލް ބޯޖަހާލިއެވެ.
"ހީކުރީ ކަމަކާ ހިތްހަމަނުޖެހިފަ ހުރިކަމަށް" ތިއާ ބުންޏެވެ.
އެހިނދު ނަވާލް ތިއާ ގެ ގައިގައި ބައްދާލިއެވެ. ތިއާގެ ކޮލުގައި ބޮސްދިނުމަށްފަހު ދެކޮނޑުގައި ހިފަހައްޓާލިއެވެ.
"އަހަރެން ހިތްހަމަނުޖެހޭވަރުގެ ކަމެއް އަދި ތިއާ ނުކުރޭ" ނަވާލް ބުންޏެވެ.
ދެމަފިރިންގެ ދެއަތް ގުޅުވާލައިގެން ގެއާ ހަމައަށް ދިޔައިރުވެސް ނަވާލަށް ވިސްނެމުން ދިޔައީ ނަޒާނާ މެދުގައެވެ. ނަޒާންގެ ހިތުގައި އޮތް އެއްޗެއް ކޮންމެހެންވެސް ބަލަން އޭނާ ބޭނުންވިއެވެ. އޭނާ ރަނގަޅު ވަގުތަކުން އެވާހަކަ ދައްކާނެއެވެ.
******
ހަމްރާގެ ކައިރިން މަންޝާއަށް ސަލާމަތްނުވެވުނެވެ. އެންމެފަހުން މަންޝާއަށް ޖެހުނީ ދިލްޝާދަށް ގުޅައިގެން ހަމްރާ ކައިރީގައި މަޑުކުރާށެވެ. މެންދުރު ނަމާދުން ފައިބައިގެން ދެއެކުވެރިން ރަނގަޅަށް ކެއި އެވެ. ވާހަކައިގައި ޖެހުނީ ދެނެވެ. އަގުލީމާ ގެންގުޅޭ ދުފާ ތަށި އުނގަށް ލައިގެން ހަމްރާ އިނީ އޭނާ ނިދާ ކޮޓަރީގެ އެނދުމަތީގައެވެ.
"އަހަރެން މެރީކުރަން އެބަ ވިސްނަން" މަންޝާ ބުންޏެވެ. ހަމްރާ ހައިރާންވެފައި މަންޝާއަށް ބަލައިލިއެވެ. ކުއްލިއަކަށް މީހަކާ އިންނަ ވާހަކައެއް މަންޝާ ބުނީތީ ހިތަށް ފުރަތަމަވެސް އެރީ ނަވާލްގެ ނަމެވެ.
"އޮފީސްކުއްޖެއް" މަންޝާ ބުންޏެވެ.
"ކާކު؟" ހަމްރާ އެހިއެވެ.
"ޝައިހާން" މަންޝާ ބުންޏެވެ.
"ބުނަން. މީހަކާ އިނުމަކީ ބޮޑުކަމެއް. އެއީ ކުޅިވަރެއް ނޫން. ހަމަ ޓަސްލާފަ ލޯބިވެސްނުވާ މީހަކާ އިނދެގެން ގެއްލުންވާނީ ނަވާލްގެ ދިރިއުޅުމަކަށް ނޫން" ހަމްރާ ބުންޏެވެ.
"ހެހެހެ... އަހަރެން ނޫޅެން އަހަރެން ލޯބިވާ މީހަކު ހޯދާކަށް. ޝައިހާން އަހަރެންދެކެ ލޯބިވޭ. އޭނާ އުޅެނީ އަހަރެންނާ އެއް އޮފީހެއްގަ"
ހަމްރާ މަންޝާއަށް ވިސްނައިދިނެވެ. ގޮތެއް ނިންމުމުގެ ކުރިން އަދި އެއްފަހަރު ވިސްނާލަން ހަމްރާ ލަފާދިނެވެ. އަދި ޝައިހާން އޭނާ އާ ކޮފީއަކުން ބައްދަލުކޮށްދޭންވާނެ ކަމުގައި ބުންޏެވެ.
"އަދި މިހިރީ ހަނދާންނެތިފަ. އެނގޭތަ ނަވާލްގެ ދޮންބެ"
ހަމްރާ ދެފަރާތަށް ބޯހޫރާލިއެވެ. ނަޒާންގެ ވަހަކަތައް މަންޝާ ކިޔައިދޭން ފެށިއެވެ.
"މަށަށް ހީވަނީ ތި ޝައިހާނަށް ވުރެ އޭނަ މާ ރަނގަޅުހެން. ކޮންމެސް ކަމެއް ވީމައެއްނު އެހެން އުޅޭނީ" ހަމްރާ ބުންޏެވެ.
"ނޫން. މަށަކަށް ނުކެރޭނެ ތިގޮތަށް އޭނަ އާ މެދު ވިސްނާކަށްވެސް. ތެދަށް ބުނަންޏާ ބޭބެއެއް ގޮތުގަ ދެކެވެނީ. އޭނަގެ ފުރިހަމަ ނަން ކިޔަންވެސް ނުކެރޭ. ވެދާނެ އޭނަ ހަމަ ފްލާޓްކޮށްލީ ކަމަށްވެސް" މަންޝާ ބުންޏެވެ.
*********
ފަހަރަކު މުވައްޒަފެއް ކަމަށް ސޮއިކޮށްފައި ދިޔައިރުވެސް މަންޝާ އެމީހަކު އަންނާނެ އިރަކަށް އިންތިޒާރުކުރި މީހާ ދައްކާނުލައެވެ. އޭނާ ހުރީ ޝައިހާން ސޮއިކުރަން އައުމުން ވާހަކަދައްކަން ނިންމައިގެންނެވެ. އިރުކޮޅެއްވީތަނާ ދޮރުހުޅުވާލި އަޑު އިވުނެވެ. މަންޝާ ބަލައިލި އިރު ޝައިހާނާއި ނަވާލް ވަނީ އެކީގައެވެ. ކުރިން ސޮއިކުރީ ޝައިހާނެވެ.
"ޝައިހާން" ޝައިހާނާ ހިނގައިގަތްތަނާ މަންޝާ ގޮވާލިއެވެ. ޝައިހާން ހުއްޓިފައި މަންޝާއަށް ބަލައިލިއެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން"
"ބުނޭ" ޝައިހާން ބުންޏެވެ.
މަންޝާ ބަލައިލީ ސޮއިކުރަން ހުރި ނަވާލަށެވެ. ޝައިހާނަށް އެނގުނެވެ. ނަވާލް ހުއްޓައި މަންޝާ އެވާހަކައެއް ނުބުނާނެއެވެ.
"އަހަރެންނާއެކު ލަންޗަށް ދެވޭނެތަ؟ އޮފިސް ކުރިމަތީގަ ހުރި ތަނަށް"
ޝައިހާން ބޯޖަހާލާފައި ނުކުތެވެ. މަންޝާ ހައިރާންވިއެވެ. ޝައިހާން ހުރީ ހިމޭންވެފައެވެ. މަންޝާ ބައްދަލުކުރާ ވާހަކަ ބުނުމުން އުފާވިހެނެއްވެސް ހިއެއް ނުވެއެވެ. ޝައިހާންގެ ހިޔާލު ބަދަލުވީ ހެއްޔެވެ؟
ނަވާލް ހިނގައިގަނެފައި ހުއްޓުނެވެ. ޝައިހާނާއި މަންޝާ ގުޅުމެއް އުފެއްދުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫނެވެ. ވަޒީފާއެއް އަދާކުރިޔަސް އެއްވެސް ރަނގަޅު ސިފައެއް ޝައިހާންގެ ކިބައިން ނަވާލަށް ނުފެނެއެވެ. އެކަން މަންޝާއަށް ވެސް އެނގޭނެއެވެ. އޮފީސް ހުޅުވިތާ ކައިރީގައި ވައްކަމެއްގެ ތުހުމަތެއްގައި ހައްޔަރުވެސް ކުރިއެވެ. އެހުރިހާ ކަމެއް އެނގޭއިރު މަންޝާ ޝައިހާނާ ގުޅުން ދަމަހައްޓަންވީ ކީއްކުރަން ހެއްޔެވެ؟ މަންޝާ އާ ވާހަކަދައްކާލަން ނަވާލް ބޭނުންވިއެވެ. އަނބިމީހާގެ އާއިލާ ކުއްޖަކަށްވީތީ ވަގުތުފާއިތުވުމުގެ ކުރިން އެމަޅިން މަންޝާ ސަލާމަތްކުރަން ބޭނުންވިއެވެ. އެކަމަކު މަންޝާ ކައިރިއަށް ދާކަށް ނުކެރުނެވެ. އޮފީހުގައި އެހެން ކުދިން ތިބީމައެވެ. ރަނގަޅު ވަގުތެއް ލިބޭނެ ކަމަށް އުންމީދުކޮށްގެން ހުރެ ނާވާލް ނުކުތެވެ. ނަވާލްގެ ހަރަކާތްތަކަށް މަންޝާ ސަމާލުކަމެއް ނުދެއެވެ.
"އަނެއްކާ ޝައިހާނާ ކަމެއްތަ؟" އެކުވެރިޔަކު މަންޝާ އާ ދިމާކޮށްލިއެވެ.
"ވެދާނެ" މަންޝާ ބުންޏެވެ.
*********
ގުރޫޕް މަސައްކަތެއް ކުރަން ހަތަރު ޓީމަށް ކްލާސް ހުރިހާ ކުދިން ބަހާލިއިރު ނާޔާއާއި އަމްނާ ދިޔައީ ވަކި ދެ ޓީމަކަށެވެ. ޒަރޫކް ނާޔާގެ ޓީމު ކައިރިން ދުރަށް ނުދާތީ އެކަމާ ރުޅިއައީ އަމްނާއެވެ. ޒަރޫކް ފެނުމުގެ މާކުރިން އަމްނާ ހުރީ ޒަރޫކަށް ހިތްދީގެންނެވެ. އެހެންނަމަވެސް ޒަރޫކްގެ ފަރާތުން އެއްވެސް ސަމާލުކަމެއް އަމްނާއަށް ނުލިބުނެވެ. އެނޫނީ ފިރިހެނަކާ ގާތްވާން އަމްނާއަށް އެހާ އުނދަގުލެއް ނުވެއެވެ.
ކުލާސް ނިންމާފައި ނުކުންނަންދިޔަ ނާޔާއަށް އަމްނާ ގޮވާލިއެވެ. އަމްނާއަށް ބަލައިލާފައިވެސް ނާޔާ އަޅައެއް ނުލިއެވެ. އަމްނާ އަބަދު ޒަރޫކްގެ ވާހަކަދައްކާތީ ނާޔާއަށް އުނދަގުވެއެވެ. ނާޔާގެ ހިތުގައި އޮތް އެއްޗެއް އަމްނާގެ ކުރިމަތީގައި ފަޅާއަރާފާނެތީވެސް އޭނާ ކަންބޮޑުވެއެވެ.
"އޭތް... މީނަ ހާދަ ރުޅި އޭ މިހާރު" ނާޔާގެ ކޮނޑަށް އަތްލަމުން އަމްނާ ބުންޏެވެ. އެހިސާބުން ނާޔާއަށް ޖެހުނީ ހުއްޓޭށެވެ. އެއްވެސް މީހަކާ ދިމާލަށް ހިތުގައިޖެހޭގޮތަށް އެއްޗެއް ބުނުމަކީ އޭނާ ކުރާހިއްވާ ކަމެއް ނޫނެވެ.
"ޒައްރަ ސަރ އާ ތީނަ ހާދަ ފްރެންޑޭ ދޯ މިހާރު" އަމްނާ ބުންޏެވެ.
"ހުރިހާ ލެކްޗަރާއިންނާ އަހަރެން ފްރެންޑްވާނެ" ނާޔާ ބުންޏެވެ.
"އަހަރެން ވަރަށް ބަލާކަން އެނގޭނޭ ޒައްރަ ސަރ އަށް. އެކަމަކު ވަރަށް ފޮނިގޮތެއް ހުރޭ ދޯ" އަމްނާ ބުންޏެވެ.
"އަބަދު އަބަދު ތިވާހަކަ ނުދައްކަބަލަ" ނާޔާ ބުންޏެވެ.
އެހިސާބުން އޭނާ ބަލައި އައިސް އިން ވާހަކަ ބުނެފައި ނާޔާ ގޭޓާ ދިމާލަށް ހިނގައިގަތެވެ. ނަވާލް އަންނާނަމޭ ބުނި ގަޑި އަދި ނުޖެހެއެވެ. އަމްނާ ކައިރީގައި ހުންނަން އޭނާ ފޫހިވީއެވެ. ގޭޓު ކައިރީގައި ދެކޮޅަށް ހިނގަން ހުއްޓައި އޭނާގެ ސަމާލުކަން ހުއްޓާލީ ގޭޓުން ނުކުތް ޒަރޫކަށެވެ. ލޮލުގައި އަވި އައިނު އަޅާލާ ދެކޮޅަށް ބަލައިލިގޮތަށް މަގު ހުރަސްކޮށްފައި އޭނާ ދިޔައީ ސައިކަލާ ދިމާލަށެވެ. ނަޔާގެ ނަޒަރު އެހެންދިމާލަކަށް ބަދަލުކޮށްނުލެވުނެވެ. ޒަރޫކް ފެނުމުން އޭނާގެ ހިތަށް ލިބެނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. ތެދެކެވެ. އަމްނާ ބުނިހެން ޒަރޫކް ނާޔާ އާ ވަރަށް ވާހަކަދައްކައެވެ. ބައެއްފަހަރު ސަމާސާއަކަށް އެއްޗެއް ބުނެލައެވެ. ފިލާވަޅުގެ މެދުތެރެއިން ސުވާލެއް ކޮށްލިޔަސް އަބަދުވެސް ޖަވާބުދޭން ބުނާނީ ނަޔާ ކައިރީގައެވެ. ގުރޫޕަށް މަސައްކަތް ހަވާލުކުރިޔަސް ލީޑަރަކަށް ބަހައްޓަނީ ނާޔާއެވެ.
"ނާޔާ! ބަލައި އަދި ނާދޭތަ؟" ޒަރޫކްގެ ހިޔާލުތަކަށް ގެއްލިފައި ހުރި ނާޔާ ސިހުނީ ކައިރިން އިވުނު އަޑަކުންނެވެ. އޭރު ސައިކަލުމަތީގައި ޒަރޫކްގެ އިނީ ނާޔާ އާ ދާދި ކައިރީގައެވެ.
"ލައްބަ އަދި ނާދޭ" ނާޔާ ބުންޏެވެ.
ޒަރޫކްގެ ލޮލުގައި އޭނާ އަޅައިގަތީތީ އޭނާ އިންތިހާއަށް އުފާވެއްޖެއެވެ.
"އަރާ ފަހަތަށް" ޒަރޫކް ބުންޏެވެ.
ނާޔާގެ ޅަ ހިތް ތެޅިގަތެވެ. ހުވަފެނެއް ކަމަށް ހީކުރެވުނެވެ.
"ގެނޭ އަހަރެން އަތަށް ދަބަސް" މަންޝާގެ ދަބަހުގައި ޒަރޫކް ހިފި ވަގުތު އެއީ ދިމާލަށް އޮތް ގޯޅިތެރެއިން ސައިކަލުގައި ނަވާލް އަންނަތަން ފެނުނު ވަގުތެވެ.
"ތެންކިޔު. ތިއްތި އެ އައީ" ނާޔާ ބުންޏެވެ.
ނަވާލާއި ޒަރޫކްގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވިއެވެ. ކުރިން ހިނިތުންވެލީ ނަވާލެވެ. ޒަރޫކް ހެދުން އަޅައިގެން އިންގޮތުން އެއީ މަގުމަތިން ނަޔާ އާ ޖެއްސެވުނު ސޮރެއް ނޫންކަން ނަވާލަށް އެނގުނެވެ.
ޒަރޫކް ދަމުން ނާޔާ ކައިރީގައި 'ދަނީ' އޭ ބުނެލިއެވެ.
ނަވާލްގެ ސައިކަލު ފަހަތަށް އަރައި ނަޔާ ހަމަޖެހިލިއެވެ.
"އެއީ ސަރ އެއް. ނާއްކޮ އެތާ އެކަނި ހުރީމަ ބުނީ ހިނގާށޭ ގެންގޮސްދޭނަމޭ" ނާޔާ ބުންޏެވެ.
"ސޮރީ ތިއްތި ލަސްވީ ދޯ. އޮފީހުގަ ބިޒީވީ" ނަވާލް ބުންޏެވެ.
********
މަންޝާ ވަތްއިރު ޝައިހާން އިންތިޒާރުގައި އިނެވެ. ނަސީބަކުން އެވަގުތަކީ ކެފޭ ތެރޭގައި މީހުން މަދު ވަގުތެއް ނޫނެވެ. މަންޝާ އިށީނުމާއެކު ޝައިހާން ހީލިއެވެ.
"ބަލީތަ؟" މަންޝާ އެހިއެވެ.
"އަހަރެން ބައްޔެއް ނޫން. އެކަމަކު މަންމަ ބަލި" ޝައިހާން ބުންޏެވެ.
ޝައިހާންގެ މަންމައަށް މަންޝާ ހެޔޮދުއާކޮށްލިއެވެ.
"އަހަރެން ޗުއްޓިއަކަށް އެދެން މިއުޅެނީ. ލިބޭނެތަ؟ މަންމަ އޮތީ ހޮސްޕިޓަލުގަ" ޝައިހާން ބުންޏެވެ.
"މަދާމާ ފާއިދް ނުކުންނާނެ. މިއަދު ރިކުއެސްޓްކުރޭ" މަންޝާ ބުންޏެވެ.
ވެއިޓަރަކު އައިސް މަޑުކޮށްލުމާއެކު ކޮފީއަށް އޯޑަރު ދިނެވެ. ޝައިހާން އޯޑަރު ދިނީ ކާއެއްޗަކަށެވެ. މަންޝާ ކާއެއްޗަކަށް އޯޑަރު ނުކުރީތީ އޭނާ ޝަކުވާއެއް ނުކުރެއެވެ.
"ކޮންވާހަކައެއް ބުނަން އުޅުނީ" ޝައިހާން ބުންޏެވެ.
"ކުރީ ދުވަހު ބުނީމެއްނު މެރީކުރަންވީނޫންހޭ" މަންޝާ ބުންޏެވެ. ޝައިހާން ބޯޖަހާލިއެވެ.
"އަހަރެން.... އަހަރެން އާއެނކޭ ބުނެފިއްޔާ" މަންޝާ ބުންޏެވެ.
ޝައިހާންގެ ހީލިއެވެ. ޖަވާބެއްނުދީ އިރުކޮޅަކު އޭނާ މަންޝާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. މަންޝާ ޝައިހާނަށް ބަލައިލީ އެއްވެސް ޖަވާބެއް ނައުމުންނެވެ.
"ހިތަށް އަރަނީ އަނެއްކާ މިއީ ހަގީގަތެއްބާއޭ. އަނެއްކާ މީހަކަށް ދައްކަންވެގެން ނިންމި ނިންމުމެއްތަ؟"
މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެންގެ ދިރިއުޅުމުގެ ކަންކަން ނިންމާނީ އަހަރެން. އަހަރެން ނޫޅެން މީހަކަށް ދައްކާކަށް. އެހެން ޝައިހާނަށް ހީވަންޏާ އަޅާނުލާ" މަންޝާ ބުންޏެވެ.
"އޯކޭ... ކޮންއިރަކަށް ނިންމަންވީ؟" ޝައިހާން ބުންޏެވެ.
"ޝައިހާންގެ މަންމަ މިވަގުތު ބައްޔެއްނު. އެހެންވީމަ އަދި ވަގުތު އެބައޮތް. އަހަރެން އޭގެކުރިން ބަލަން ބޭނުން ޝައިހާންގެ އަމަލުތައް. އޮފީސް ކުދިން ބުނާގޮތުގަ ޝައިހާން ރަނގަޅެއް ނޫން. އެ އެންމެން އެގޮތަށް ބުނަނީ ކީއްވެ؟ މަންޝާ ބުންޏެވެ.
**********
އޮފީސް ނިމިގެން ގެއަށް ދިޔުމަށް މަންޝާ ހިނގައިގަތެވެ. ލިފްޓާ ހަމައިން މީހަކު ގޮވާލިކަން އިނގުމުން ބަލައިލިއެވެ. ފަހަތުގައި ހުރި ނަވާލް ފެނުމުން މަންޝާ ހައިރާންވިއެވެ.
"އަހަރެން ވާހަކައެއް ބުނަން ވަގުތުކޮޅެއް ދެވިދާނެތަ؟" ނަވާލް ބުންޏެވެ.
މަންޝާ ޖަވާބެއް ނުދެއެވެ. ލިފްޓު ހުޅުވުނުއިރުވެސް މަންޝާ އެތެރެއަށް ނަވުނުމުން ނަވާލަށް ވަގުތުދީގެން ހުރިކަން އެނގުނެވެ.
"ޝައިހާނަކީ ރަނގަޅު މީހެއް ނޫން" ނަވާލް ބުންޏެވެ.
"އަހަރެން ނަވާލްގެ ލަފައަކަށް އެހިންތަ؟"
ނަވާލް ރަކިވިއެވެ. މަންޝާގެ ޖަވާބު އެގޮތަށް އަންނާނެކަން އެނގޭއިރުވެސް އޭނާ ބޭނުންވީ އެވާހަކަ މަންޝާއަށް ބުނެދޭށެވެ.
"އަހަރެން މިހެން މިބުނީ ތިއީ އަހަރެންގެ އަނބިމީހާގެ..."
"އޯވް... ހާދަ ލޯތްބެކޭ ދޯ. ނަވާލް ކޮންމެހެން އަހަރެންގެ ކަންކަމާމެދު ވިސްނާނެކަމެއް ނެތް. އަހަރެން ޝައިހާނާ ގުޅުމެއް އުފެއްދިޔަސް ނުއުފެއްދިޔަސް އެއީ ނަވާލާ ބެހޭކަމެއް ނޫން" މަންޝާ ބުންޏެވެ.
ދެން އޭނާ ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ނަވާލް ވާހަކަދައްކަން މަސައްކަތްކޮށްފާނެތީ ލިފްޓު އަންނަންދެން މަޑުކުރަން ބޭނުމެއް ނުވިއެވެ.
(ނުނިމޭ)