ވާހަކަ

ދީވާނާ ހިތް - 05

3

"ދޮންބެ ދިޔައީ ދިހަ ވަރަކަށް ދުވަހަށް. ދޮންބެ އަންނަ ދުވަހަށް ނިންމާނީ ދޯ" މާޝިތާ ބުންޏެވެ.

"އެންމެ ރަނގަޅު. އަޅުގަނޑު ތިއާ އާ ވާހަކަދައްކާލާފައި އަދި ޖަވާބެއްދޭނަން" ނަވާލް ބުންޏެވެ.

"ޔޭ.... އޭރުން މިގޭގައި ނާޔާގެ އިތުރުން އެހެން އަންހެން ކުއްޖެއް ހުންނާނެދޯ. ތިއްތިބެދައްތައަށް ދޯ އޭރުން ވާނީ. މިހާރުން ފެށިގެން އެހެން ކިޔާނީ" ކުޑަކުއްޖެއްހެން ދެއަތް ޖަހަމުން ނާޔާ ބުންޏެވެ.

އާމިރާއި މާޝިތާ ހީލިއެވެ. ނަވާލް ވެސް މާނައެއް ނެތް ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވިއެވެ. އޭނާގެ ހިތުގެ ކަނެއްގައި އަދިވެސް މަންޝާގެ ހަނދާންތައް ތާޒާކަމާއެކު ހަރުލާފައި އެބަހުއްޓެވެ. އެހަނދާންތަކާ ދުރުވާން އޭނާ ވަރަށް މަސައްކަތް ކުރަން ޖެހޭކަން އޭނާއަށް އެނގެއެވެ. އެހަނދާންތައް އާވާ ކޮންމެ ހިނދެއްގައި އޭނާ ކުރި ކުށް އޭނާއަށް އިހުސާސްވާނެއެވެ.

*******

ފެންވަރައިގެން ފާހާނާ އިން ނުކުތް ތިއާއަށް އެނދުގައި އޮތް މަންޝާ ފެނުނެވެ. މަންޝާ އޮތީ ތިއާއަށް ފުރަގަސްދީގެންނެވެ. އެހެންވެ މަންޝާ އޮތީ ނިދާފައިކަމެއް ނުވަތަ ނޫންކަމެއް ތިއާއަށް ނޭނގުނެވެ. ތިއާ ވަރަށް ފަރުވާތެރިވެ މަންޝާއަށް ބަލައިލިއެވެ. މި ދެދުވަހު މަންޝާ އިސްވެ ތިއާއާ އަނގައިން ބުނެފައިނުވާކަން ތިއާއަށް ފާހަގަވީއެވެ. މަންޝާ ބަލިކަން ދިލްޝާދުގެ ފަރާތުން ތިއާއަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް އެއްކޮޓަރިއެއް ދެކުދިން ހިއްސާކުރާ އިރު އަނގައިން ނުބުނެވެންވީ ސަބަބެއް ނެތެވެ. ކުޑަމިނުން ތިއާގެ ކައިވެނި ހަމަޖެހިގެން ދިޔައިރު އެކަމާ ގުޅުވައިގެންވެސް އެއްޗެއް ނުބުނެއެވެ.

"މަންޝާ!" ތުވާލި ހަރުގައި އަޅުވާލުމަށްފަހު މަންޝާ ބޯކޮޅުން އިށީންނަމުން ތިއާ ގޮވާލިއެވެ. މަންޝާ ބަލައިލިއެވެ. އަދިވެސް އޭނާގެ ދެލޯ ވަނީ ދުޅަވެ ރަތްވެފައެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އަބަދު މަޖާވެފައި ހުންނަ އެ އަންހެންކުއްޖާގެ ތުންފަތްމަތިން ހިނިތުންވުން ވަނީ ގެއްލިފައެވެ.

"މިހާރު ކިހިނެއްތަ؟ ބޮޑުމަންމަ ބުނި ވަރަށް ކުޑަކޮށޭ ކެއީ ވެސް" ތިއާ ވަރަށް ލޯބިން ވާހަކަދެއްކިއެވެ.

މަންޝާ ލުއިލުއިކޮށް ހީލިއެވެ. ތިއާގެ ނަސީބު ރަނގަޅުކަން ހިތަށްއެރި ވަގުތު ވަރަށް ތިއާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ތިއާ މަންޝާއަށް ވުރެ ރީތީ ހެއްޔެވެ؟ ނަވާލްއަށް ކަމުދިޔައީ ތިއާގެ ކޮންކަމެއް ހެއްޔެވެ؟ ތިއާއަށް އޭނާ ލޯބިވަނީ ނަވާލް ދެކެކަން ހަމަ ނޭނގެނީ ހެއްޔެވެ؟ އާއެނކެވެ. ތިއާއަށް އެކައްޗެއްވެސް ނޭނގެއެވެ. އެނގޭނީވެސް މަންޝާ ބުނިނަމައެއް ނޫން ހެއްޔެވެ؟ ރުޅި އަންނަން ބޭނުންވިޔަސް އޭނާއަށް ތިއާދެކެ ރުޅިނާދެވުނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ތިއާއަށް އޮތީ މާތް ލޯތްބެކެވެ. ތިއާއަކީ މަންޝާއަށް ބޭވަފާތެރިވި ލޯބިވެރިޔާ އާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ މައުސޫމް އަންހެން ކުއްޖެކެވެ. ތިއާ ކައިރީގައި ހުރިހާ ވާހަކައެއް ކުރިން ބުނެވިފައި އޮތްނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. މިހާރު ދެން ކުރެވޭނެ ކަމެއް ނެތެވެ. ހިތްމަތީގައި ހިލަގަނޑެއް ބާއްވައިގެން ނަމަވެސް ލޯބިވާ މީހާ އެހެން މީހެއްގެ ހައްގަކަށްވާ މަންޒަރު ބަލަން ހުރުން ނޫން ގޮތެއް ނެތެވެ. ތިއާ ހަމައެކަނި ކައިވެންޏަށް އާބަސް ބުނީއެއް ނޫނެވެ. ނަވާލް ތިއާއަށް ކަމުގޮސްފިކަންވެސް މަންޝާއަށް އެނގިއްޖެއެވެ. އެހެންނޫނަމަ ކައިވެންޏަށް އެދި ބަޔަކު އެދުނު އެދުމަކަށް ސައވީސް ގަޑިއިރު ނުވަނީސް ތިއާ އާބަސް ނުބުނީހެވެ.

"ވަރަށް ދެރަވޭ މަން ތިހާ ދުރުކޮށް އުޅޭތީ. ހިނގާ މާދަމާ ޑޮކަށް ދަމާ. އެހެންނޫނީ އަހަރެންވެސް މަންއަށް ރަނގަޅު ބޭހެއް ދީފާނަން" ތިއާ ބުންޏެވެ.

"ނޫނޭ. މާދަމާއަށް ރަނގަޅު ނުވިއްޔާ ދާނީ." ހެޑްބޯޑުގައި ލެގިލަމުން މަންޝާ ބުންޏެވެ. ދެން ލައިގެން އިން ޓީޝާޓްގެ ކޮނޑުގެ ދެފަރާތުގައި ހިފައި ތިރިއަށް ދަމާލުމަށްފަހު އުނގުމައްޗަށް ބާލީސް ލިއެވެ.

"ހިނގާބަލަ ކުޑަކޮށް އަނގަތަޅާލަން. ދެރޭ މިވީ ރަނގަޅަށް ވާހަކަދައްކާ ނުލެވޭތާ" ލޯޝަންފުޅި ހިފައިގެން އައިސް މަންޝާ ކައިރީގައި އިށިންނަމުން ތިއާ ބުންޏެވެ.

"ކޮންވާހަކައެއް ދައްކާނީ؟ ތިއާ ފަށާބަލަ ކޮންމެސް ވާހަކައެއް" މަންޝާ ބުންޏެވެ.

"އޯކޭ... ކޮބާ މަންގެ ބޯއީ. ފޮޓޯއެއް ނެތްތަ؟ ވަރަށް ބަލާހިތްވޭ" ތިއާ ބުންޏެވެ.

ވަގުތުން މަންޝާގެ ދެލޮލުގެ ކަރުނަ ވަޅަށް ކަރުނަތައް ބޮނޑިވެގަތެވެ. ތުންފަތުގައި ދަތްއަޅާލައި ކަރުނަތައް ހިންދާލަން މަސައްކަތް ކުރިއެވެ. އޭނާ ތިއާއަށް ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އެމީހަކީ ތިއާގެ ފިރިއެއްގެ މަގާމަށް އަންނަން އުޅޭ މީހާއޭ ބުނާނީ ކިހިނެއް ހެއްޔެވެ؟

"އޭނަ އަހަރެން ދޫކޮށްލައިފި. އޭނަ އަހަރެންނަށް އޮޅުވާލީތީ އޭނަގެ ވާހަކަދައްކަން އަހަރެން ބޭނުމެއް ނުވޭ. އަހަރެންގެ ފޯނުގައި އޭނަގެ ފޮޓޯއެއް ކީއްކުރަން މެސެޖެއްވެސް މިހާރު ނީންނާނެ" އެއްވެސް އަސަރެއް ނެތް ގޮތަކަށް މަންޝާ ވާހަކަދެއްކިއެވެ. ތިއާގެ މޫނަށް ވެރިވީ ހައިރާންކަމެވެ. މަންޝާއަށް މި ދެ ދުވަހު އެއައި ބަދަލު ތިއާއަށް ވިސްނިއްޖެއެވެ.

"ހުވާތަ؟ ކޮންތާކު އިބިލީހެއްތަ އެއީ؟ މަން އޭނަ އާ ބެހޭގޮތުން ދެއްކި ވާހަކަތަކުން އަހަރެންނަށް ހީވީ އެއީ ވަރަށް މާތް ކުއްޖެކޭ" ތިއާ ބުންޏެވެ. މަންޝާ ތިއާގެ މޫނަށް ބަލައިލިއެވެ. އެމީހަކީ ނަވާލްކަން އެނގޭނަމަ ތިއާގެ އަނގައިން އެބަސްތައް ނުކުންނާނެ ހެއްޔެވެ؟

"އަޅާނުލާ. އޭނަ ހީކުރަނީ ދޯ އޭނަ މަން ދޫކޮށްފަ ދިޔައިމަ ފަހަތުން އެލިގަނެގެން އާދޭސް ކުރަންދާނޭ.... ތި މީހަކު މަށަށް ދިމާވިއްޔާ ވަރުގަދަ ފިލާވަޅެއް ނަގައިދޭނަން" ތިއާ ދަތްކުނޑި ވިކާލަމުން ބުންޏެވެ.

މަންޝާ ހީލިއެވެ. ތިއާއަކީ އަބަދުވެސް އަނގައިން ވަރަށް ގަދަވެގެން ވާހަކަދައްކާ ކުއްޖެއްކަން މަންޝާއަށް އެނގެއެވެ. ހިތްދަތިވާ ކަހަލަ ކަމެއް ދިމާވިއްޔާ ތިއާ މަންޝާއަށް ވުރެ މާ ފިނޑިއެވެ.

"ތިއާ ވެސް ތިހާ ބޮޑު ކަމެއް ކުރިއިރު ނުބުނަމެއްނު. އެކަމު ބުނާނެ އަބަދުވެސް މަށަކީ ތިއާގެ ބެސްޓްފްރެންޑޭ" މަންޝާ ބުންޏެވެ. މަންޝާ އެދައްކަނީ ކާކުގެ ވާހަކަކަން އެނގުނު ހިނދު ތިއާގެ ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. އެމަންޒަރުތައް ތިއާގެ ހިޔާލަށް ފެނިއްޖެއެވެ. ތިއާގެ މޫނުމައްޗަށް ވެރިވި ކުލަވަރު ފެނި މަންޝާގެ ހިތުގައި ރިއްސައިލިއެވެ.

"ތިއާ ބޭނުންތަ އޭނަ؟ ކޮންނަމެކޭތަ ބުނީ.... ނަ.... ނަވާލް" ލަސްލަހުން މަންޝާ ބުންޏެވެ. ނަވާލްގެ ނަން ދުލުން ކިޔަންވެސް މަންޝާއަށް ތަކްލީފަކަށް ވެއްޖެއެވެ.

"އަސްލު ބުނަންތަ. ކުރިން ހިއެއް ނުކުރަން މިހެން ވެދާނެ ކަމަކަށް. އެންމެ ފުރަތަމަ އޭނަ ފެނުނީ އެއްކަލަ އެގެއަށް ޕާޓީއަށް ދިޔަ ރޭގަ" ތިއާ ލަދުން އިނދެ ބުންޏެވެ.

"ތި ދެމީހުން ދޭތެރޭގައި އެރޭ ވާހަކައެއް ދެކެވުނީތަ؟" މަންޝާ އޮޅުންފިލުވަން ބޭނުންވިއެވެ. ނަވާލްގެ ފަރާތުން އޮޅުންނުފިލި ކަންތައްތައް އޮޅުންފިލުވަން މަންޝާ ބޭނުންވީ ތިއާގެ ފަރާތުންނެވެ. ސުވާލަކަށްފަހު ސުވާލެއް ކުރަނީ އެހެންވެއެވެ.

"ނޫން.... އަހަރެމެން ދެމީހުން މެދުގައި ވަރަށް ބޮޑު ކަމެއް ހިނގީ. ހެހެހެ.... ނުކެރޭނެ ބުނާކަށް" ތިއާ އިނގިލީގައި ދަތް އަޅައިލިއެވެ.

ނަވާލް ހުރިގޮތް ހިޔާލަށް ފެނުނު ހިނދު ލަދުން މޫނުގައި އަތް އެޅިއެވެ. މަންޝާއަށް ހީވީ އޭނާގެ ހިތުގެ ވިންދު ކެނޑިގެން ދިޔަހެންނެވެ. ކަރުނަ ތިއްކެއް ކޯތާފަތުން ރޮނގެހެން ތިރިއަށް ދެމިގަތެވެ. ތިއާ މޫނުމަތިން އަތް ނަގަން ވާއިރަށް އަވަހަށް ދެލޯ ފޮހެލިއެވެ. ތިއާގެ ވާހަކަތަކުން މަންޝާއަށް ނެގުނީ މުޅިން އެހެން މާނައެކެވެ.

"ތިއާ އެކަހަލަ ކަންތައްވެސް ކުރަންތަ؟ މިހާރު ތީ ވާޖިން އެކޭވެސް ނުބުނާނެއްނު" މަންޝާ ބުންޏެވެ. މަންޝާގެ އެޖުމްލައިން ތިއާއަށް ހެވުނެވެ.

"އެއީ ހޭވަރުގެ ކަމެއް ނޫނޭ ތިއާ. ތިކުރީ ވަރަށް ގޯސްކަމެއް" މަންޝާ ބުންޏެވެ. ތިއާ ހޭންފެށުމުން މަންޝާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

"ސާބަހޭ. ވީކަމެއްވީ އެކްސިޑެންޓަކުން. ގަސްތަކު ނޫން. މިހާރު ދެރަވެސްވޭ. ލަދުވެސްގަނޭ" ތިއާ ބުންޏެވެ. މަންޝާއަށް ހިންދިރުވާލެވުނެވެ.

"ނަވާލް.... ނޭކެޑް... ހެހެހެ... އެރޭވެސް އެނގުނު ވަރަށް ލަދުންކަން ހުރީ. ވަރަށް މަޖާކޮށް ދިޔަކަމެއް އެއީ" ތިއާ ބުންޏެވެ.

މަންޝާގެ ދެލޯ ބޮޑުވިއެވެ. ނަވާލް އާއި ތިއާ އުޅެނީ ހާދަ ކުރީގައެވެ. އެންމެ ރެއަކުން ބައްދަލުވާއިރަށް އެހާ ހިސާބަށް ދާނީ ގައިމުން ދެމީހުންވެސް ރުހިގެންނެވެ. މާ މާތްމީހަކަށް ވެގެން ނަވާލް އުޅުނީ ކޮންކަމެއް ދުނިޔެއަށް ދައްކަން ހެއްޔެވެ؟ މަންޝާގެ ހިތް ރޮމުން ދިޔައެވެ.

"އެހެންވެގެންދޯ އެހާ އަވަހަށް މެރީކުރަން ތިއުޅެނީ؟ ތިއާ ތިކަމެއް ކުރިއިރު ވިސްނާވެސްނުލަންތަ ފަހުން ނުކުންނާނެ ނަތީޖާއަކާމެދު" މަންޝާ ބުންޏެވެ.

"ނޫނޭ. އަހަރެން ފަރުވާކުޑައީ. ކިޔާދެންތަ އެރޭ ވީގޮތް" ތިއާ ބުންޏެވެ. ވަގުތުން މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. އެވާހަކަތައް އަހާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

"ނޫން މިހާރަކު ނޫން. ވަރަށް ނިދި އައިއްސި. ގުޑްނައިޓް" މަންޝާ އަނެއް ފަރާތަށް އެނބުރިގެން ބާލީސް މަތީގައި ބޯއެޅިއެވެ.

ތިއާ ހީލިއެވެ. ދެން އޮށޯވެ ބެޑްލައިޓްގެ އަލި ފަނޑުކޮށްލިއެވެ. ނަވާލްގެ ތަފާތު ހިޔާލުތައްކޮށް ހިތް އުފާކުރަމުން ތިއާ ދިޔައިރު މަންޝާ ދިޔައީ ތިއާގެ ވާހަކަތަކުން ގިސްލާ ރޮމުންނެވެ. ގައި މަތީގައި އޮތް ރަޖާގަނޑު އަނގަ އާ ކައިރިކޮށްލައިގެން ދެއަތުން ބޮނޑިކޮށްގެން އޮތްއިރު އޭނާ ހީވަނީ ރޫޅިދާނެހެންނެވެ. ނަވާލް އެދިނީ މަންޝާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެފަދަ އަނިޔާއެކެވެ.

***************

ހަފުތާ ބަންދަށްފަހު ސަރުކާރު ހުޅުވުނު ފުރަތަމަ ދުވަހެވެ. ތިއާގެ ވަޒީފާގެ ފުރަތަމަ ދުވަސް ހޮސްޕިޓަލުގައި ނިންމާލުމަށްފަހު ނުކުންނަ ގޭޓް ކައިރީގައި މަޑުކޮށްގެން ހުއްޓެވެ. ލޮލުގައި އޮތް އަވިއައިނު ނަގާލީ ކައިރީގައި މަޑުކޮށްލި ސައިކަލުގައި އިން ނަވާލް ފެނިފައެވެ. ވަގުތުން ތިއާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަވާލް ބަލައިވެސް ނުލައެވެ.

"އަ....އަރަންވީތަ؟" ތިއާ ލަސްލަހުން އަހާލިއެވެ.

"އަހަންނަކީ އެއްވެސް އިރެއްގައި އަންހެން ކުދިން ސައިކަލް ފަހަތަށް އަރުވައިގެން ދުއްވާ މީހެއް ނޫން" ނަވާލް ބުންޏެވެ. ތިއާ ދެބުމަ ގޮށްޖަހާލިއެވެ.

"ބައްދަލުކޮށްލަން ބޭނުން. މިދަނީ ތިގޭ ކައިރިއަށް" ނަވާލް ބުންޏެވެ. އޭނާ ކުރިއަށް ދުއްވާލީ ތިއާ އެއްޗެއް ބުނަން އުޅެނިކޮށެވެ.

"އެޓިޓިއުޑް... ހުނ..... މި ހީވަނީ މީނަގެ ކައިވެންޏަށް އެދިގެން މަހެން ކުރިން ދިޔައީ. މަށެއް ނޫޅެން ކޮންމެހެން ތި ސައިކަލް ފަހަތަށް އަރާ ހިތަކުން" ނަވާލް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ ތިއާ ކުދި ކިޔާލިއެވެ. އޭނާ ސިހިގެން ދިޔައީ ދާދި ކައިރިން ބަރުގޮނެއްގެ އަޑު އިވުމުންނެވެ. ކައިރީގައި އައިސް ޖައްސާފައި އިން ޒަވީ ފެނި ތިއާއަށް އޭނާ ގެއަށްދާންވީ ވަގުތު ޖެހުނީކަން އެނގުނެވެ.

"ހާދަ ވަރަކަށް ހިޔާލީފޮލާ ތިކައްކަނީ" ހީލާފައި ޒަވީ ބުންޏެވެ.

"ޒަވީބެއަށް ނޭނގޭނެ. މިއުޅޭ ފިރިހެނުން ހާދަ ފޮންޏޭ" ތިއާ ބުންޏެވެ.

"އުޅެދާނެ ފޮނި މީހުންވެސް. އެކަމު އެންމެން އެއްގޮތް ނުވާނެ. ދެން ބުނެބަލަ ކިހިނެއްވަނީ ފުރަތަމަ ދުވަސް" ޒަވީ އެހިއެވެ.

"ހަމަ ވަރަށް ސަޅި. ވަރަށް އެކުވެރި ހުރިހާ ކުދިންވެސް" ތިއާ ބުންޏެވެ.

ވާހަކައިގައި ތިބެ ގެއާ ހަމައަށް އާދެވުމުން ތިއާ ފޭބިއެވެ. ޒަވީ ކުރިއަށް ދުއްވާލިއެވެ. ގޭޓުގެ އެއްފަރާތުން ޕޭވްމަންޓް މަތީގައި ތިއާ މަޑުކޮށްލިއެވެ. އިރުކޮޅަކާ ފޯނަށް ބަލައިލައެވެ. މާގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ނަވާލް އަންނަތަން ފެނިއްޖެއެވެ.

"މާދަމާ ހެކިވެރިން އަންނާނެ. ހަތް ދުވަސް ފަހުން ކައިވެނި. ތާރީހު ބަދަލެއް ނުކުރެވޭނެ" ކުރިމައްޗަށް ބަލަހައްޓައިގެން އިނދެ ނަވާލް ބުންޏެވެ. އައި ރުޅިން ތިއާގެ އަނގައަށް ގޮތެއް ހަދާލިއެވެ. ދެމީހުން ބައިވެރިވެގެން ކުރާ ކަމެއްގައި ގޮތް ނިންމަންވީ މީނަ ބޭނުން ގޮތަކަށް ހެއްޔެވެ؟

"އަހަރެން ބޭނުމެއް ނޫން ކައިވެނި ކުރާކަށް" ދަތްކުނޑި ވިކާލަމުން ތިއާ ބުންޏެވެ.

"ބޭނުންނުވިޔަސް ދެން ބަދަލެއް ނުކުރެވޭނެ" ނަވާލް ބުންޏެވެ. ދެން ބަހެއް ނުބުނެ އަނގަ ހުޅުވިފައި ހުރީ ކިޔާނެ އެއްޗެހި ގިނަކަމުންނެވެ. ފަށައިގަންނަންވީ ދިމާލެއް ނޭނގިފައެވެ. އޭނާ އެހެން ހުއްޓައި ނަވާލް ކުރިއަށް ދުއްވާލިއެވެ.

"ހިތްމޮޅު ފިރިހެނެއް. މަ ބުނެގެންތަ ކޮޓަރިއަށް ވަދެ އެއްޗެހި ބޭލީ. ވަރަށް ފޫހިވޭ" ތިއާ ބުންޏެވެ. އެހާ ހަރުކަށިވާންޖެހޭ ހެއްޔެވެ؟ ކައިވެންޏެއް ކުރަން މިއުޅެނީ އެކަކު އަނެކަކަށް ހަރުކަށިކަން ދައްކަން ހެއްޔެވެ؟

***************

ކެބިންއަށް ވަންގޮތަށް ނަވާލްއަށް އިނދެވުނީ ހުޅުވާފައި ހުރި ކުޑަދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކުޑަދޮރުން ވަރަށް ރީއްޗަށް އޮފީހަށް ވަންނަ މައި ގޭޓް ފެނެއެވެ. މިއަދު ނަވާލް އޮފީހަށް އެއައީ ވެސް އެހެން ދުވަސްތަކަށް ވުރެ އަވަހަށެވެ. އޭނާގެ ބޭނުމަކަށްވީ މަންޝާ ފަހު ފަހަރަށް ދެކިލުމަށެވެ. ކައިވެންޏަށްފަހު އަނބިމީހާއަށް ބޭވަފާތެރިވުމަކީ އޭނާ ނުކުރާނެ ކަމެކެވެ. ދޮރާ ދިމާލަށް ބަލަހައްޓައިގެން އިން ނަވާލް ކުއްލިއަކަށް ސިހުނީ ކެބިން ދޮރުހުޅުވުނު އަޑަށެވެ. އެތެރެއަށް ވަނީ މަންޝާއެވެ. އެއްވެސް އިހުތިޔާރަކާ ނުލައި މަންޝާއަށް ބަލަހައްޓައިގެން ނަވާލް އިނެވެ.

"މަންޝާ..." ނަވާލް ލަސްލަހުން ގޮވާލިއެވެ.

"މަންޝާ ބަހެއް ނުކިއިއެވެ. އޭނާގެ އަތުގައި ހުރި ކަރުދާސް ފޮށިގަނޑު ނަވާލް ކުރިމަތީގައި ބެހެއްޓިއެވެ.

"މިޔޯ... މި ކޯޗެއް" ނަވާލް އެހިއެވެ. މަންޝާ ނަވާލަށް ފުރަގަސްދިނެވެ.

"ތިއީ ލޯބީގެ ދަޅަ ދައްކާފައި އެކި ދުވަސްމަތިން ކަލޭ އަހަރެންނަށް ފޮނުވި ހަދިޔާތައް. އަހަރެންގެ ކުރިމަތީގައި ތިއެއްޗެހީގެ އެއްވެސް އަގެއް މިހާރަކު ނެތް" މަންޝާ އިއްވާލިއެވެ. މަންޝާގެ ބަހާއި ރާގު ހުރިގޮތުން ނަވާލް ދެރަވިއެވެ. އެއީ އެކަން ވާނެގޮތްކަން ނަވާލަށް އެނގުނެވެ.

"މި އަހަރެން ބޭނުމެއް ނޫން" ނަވާލް ބުންޏެވެ.

"ވަކި އަހަރެން ބޭނުންވާނެ ކަމަށްތަ ހީކުރީ؟ ނަވާލްގެ އެއްވެސް ހަނދާނެއް އަހަރެން ބޭނުމެއް ނޫން. މީގެ ފަހުން ނަވާލް ފެންނަ ހިސާބެއްގައި ހުންނަން ވެސް އަހަރެން ބޭނުމެއް ނޫން. އަދި އެއްވާހަކަ. ނަވާލް އާއި ތިއާއާ މެދު ހިނގި ކަންތައް އަހަރެންނަށް އެނގި ސާފުވެއްޖެ. އަހަރެންނަށް ވަފާތެރިވެ ތިދިން ހަދިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ނަވާލް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް މަންޝާ މަނާ ކުރިއެވެ. އޭނާ ނުކުމެގެން ދިޔުމުން ނަވާލް އިނީ އިސްޖެހިފައެވެ.

"އެކަން ކުރީ އަހަރެން ގަސްތަކު ނޫން. ނޭނގުނީ..." ދޮރުން ނުކުންނަން ދިޔަ މަންޝާއަށް ނަވާލްގެ އެޖުމްލަ އިވުނެވެ.

"އަހަރެންގެ އަތުން މަންޝާ ގެއްލިއްޖެ. ގެއްލިއްޖެ" ނަވާލް މޭޒުމަތީގައި ބޯއެޅިއެވެ.

ނަވާލްގެ ދެލޮލުން ކަރުނަތިއްކެއް ވެއްޓުނުކަން ކަށަވަރެވެ. އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. އެހާލުގައި އޭނާ އިންދާ އިތުރު މީހަކު ކެބިންއަށް ވަދެދާނެ ކަމަށް ތެދުވެގެން ގޮސް ކެބިން ތަޅުލިއެވެ. ދެން މޭޒުގެ ދެފަރާތުން ހިފަހައްޓާލައިގެން ކޮޅަށް ހުއްޓެވެ. ދާދި ދެންމެއަކު މަންޝާ ބުނި ކޮންމެ ޖުމްލައެއް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުއްޓެވެ. ކަރުނައިގެ ތެރެއިން ނަވާލްގެ ތުންފަތަށް އެއްވެސް އަސަރެއް ނެތް ހިނިތުންވުމެއް ވެރިވިއެވެ. ކުއްލިއަކަށް އޭނާ ހުއްޓުން އެރިއެވެ. އޭނާ އާއި ތިއާ ދެމެދު ވީކަންތައް މަންޝާއަށް ތިއާ ކިޔައިދިނީ ހެއްޔެވެ؟ މަންޝާ ހާދަ ދެރަވާނެއެވެ. ދެފަރާތަށް ބޯހޫރާލަމުން ނަވާލް އައިސް ގޮނޑިގައި އިށީނެވެ. އޭނާ މަންޝާ އާ ބައްދަލުކޮށް ކަންތައްތައް ވެގެންދިޔަގޮތް ކިޔައިދޭން ޖެހޭނެއެވެ. ކައިވެނީގެ ކުރިން މަންޝާގެ ހިތްހަލާލު ހޯދަން ޖެހޭނެއެވެ. އެކަކުގެ ހިތްހަލާކުކޮށްފައި ދިރިއުޅުމެއް ފެށިޔަސް ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން އެކަން އެމީހެއްގެ ދިރިއުޅުމުގައި ފެންނާނެއެވެ.

*********

ޓިޝޫ ކޮޅަކުން ދެލޯ ފޮހެމުން އަންހެންކުދިންގެ ފާހާނާއާ ދިމާލަށް ދިޔަ މަންޝާ ފެނި ސައިކޮޓަރި އާ ދިމާލަށް ދިޔަ ޝައިހާން ހުއްޓުނެވެ. ދެފަރާތް ބަލައިލުމަށްފަހު ޝައިހާން މިސްރާބުޖެހީ ފާހާނާއާ ދިމާލަށެވެ. ވަގުތަކީ ސައިގަޑިއަށް ވީތީ އޮފީސް ތެރެއިން މީހަކު ނުފެނެއެވެ. އެންމެން އެވަގުތު ވާނީ ސައިކޮޓަރީގައެވެ. ފާހާނާގެ ދޮރާ ހަމައަށް ދެވުމުން ޝައިހާން ދެފަރާތް ބަލައިލިއެވެ. އަވަސް އަވަހަށް ފާހާނާއަށް ދެމިގަނެ ފުންނޭވާއެއް ލިއެވެ. ލޯގަނޑު ކުރިމަތީގައި ހުރި މަންޝާއަށް ފަހަތުގައި ހުރި ޝައިހާން ފެނުމުން ފުރަތަމަ ސިކުންތުގައި ސިހުނެވެ. ނަމަވެސް އޭނާގެ ޒަހަމްވެފައިވާ ހިތަށް ކުޑަވެސް ބިރުވެރިކަމެއް ނުވަނެވެ. ޝައިހާނަށް އަޑުލައިގަންނާކަށްވެސް ނޫޅުނެވެ. ޝައިހާނަށް ނަޒަރެއްދީފައި އަނެއްކާ އެނބުރުނީ ލޯގަނޑާ ދިމާލަށެވެ.

"ޝައިހާނަށް ނޭނގޭތަ އަންހެންކުދިންގެ ފާހާނާއަށް ފިރިހެނަކު ވަނުމަކީ ކިހާ ވަރެއްގެ ކަމެއްކަން" ކުރެހިފައިވާ އަޑަކުން މަންޝާ ބުންޏެވެ.

މަންޝާގެ އަޑާއި މިލާފައިވާ މޫނު އަދި ދެލޯ ކައިރިން ކަރުނައިގެ ތެތްކަން ފެނި އޭނާ ކުރަން އުޅުނު ކަންތައް ހަނދާން ނެތުނެވެ. އެހާ އޯގާތެރިކަމާއެކު މަންޝާ ވާހަކަދެއްކީތީ އޭނާ ހައިރާންވެސްވިއެވެ.

"މަން.... މަން... ކިހިނެއްވީ؟ ކާކު ކީއްކުރީ؟ ކީއްވެ ތިރޮނީ؟" ވަގުތުން ޝައިހާންގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. މަންޝާ ޖަވާބެއް ނުދިނެވެ.

"ބުނެބަލަ؟" ދެވަނަ ފަހަރަށް ޝައިހާން އެހިއެވެ.

"މަންޝާ..." މިފަހަރު ޝައިހާނަށް ނުހުރެވުނެވެ. މަންޝާގެ އަތުގައި ހިފައި އޭނާ އާ ދިމާލަށް އަނބުރާލިއެވެ. މަންޝާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފާހާނާއިގެ ދޮރު ހުޅުވިގެން ދިޔައެވެ. މަންޝާގެ އަތުން ޝައިހާން ދޫކޮށްލީ ކުއްލިއަކަށެވެ. އެތެރެއަށް ވަން ދެ އަންހެންކުދިން ތިބީ ހުއްޓުން އަރާފައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟