ވާހަކަ

ދީވާނާ ހިތް - 04

2

"މަންމަ ފާހާނާއިގަ. އިށީނދޭ. ހާދަ ހީވެޔޭ ވާހަކައެއް ބުނަން އުޅޭހެން" އާމިރު އެނދުގައި އިށީނުމުން ނަވާލް އިށީނީ ޑްރެސިން ޓޭބަލް ކައިރީގައި ހުންނަ ގޮނޑީގައެވެ.

"ވާހަކައެއް ބުނަން މިއައީ. އެކަމު މަންމަ ވެސް ނުކުތީމަ" ހީލަމުން ނަވާލް ބުންޏެވެ.

*******

"ފިހާރައިގަ މިއުޅޭ ސުމޮން ސަރުކާރު ހުޅުވުނީމަ ގައުމަށް ފޮނުވާލުމުގެ ކަންތަކުގައި އުޅެދެއްޗެ" އާމިރު ވާހަކައެއް ފެށޭތޯ އުޅުނެވެ.

"ސުމޮން ކީއްކުރީ އަނެއްކާ. އަޅުގަނޑަށް ފެންނަ ފެނުމުގައި އޭނަގެ މަސައްކަތް ވަރަށް ރަނގަޅު. ކޮންމެ މަހަކު މުދާ ބަލާ އެދަނީވެސް ހަމަ އޭނައެއްނު" ނަވާލް ބުންޏެވެ.

"މިހާރަކަށް އައިސް އުޅެނީ ވަރަށް ބަލިވެ. މިކަހަލަ ދުވަސްކޮޅެއްގައި އާއިލާ ކައިރީގައި ހުންނަން އޭނަ ވެސް ބޭނުންވާނެއްނު" އާމިރު ބުންޏެވެ.

"ތިކަމާ އުޅެދޭނަން. އެކަމު އޭނަ ރަށަށް ފުރުވާލުމުގެ ކުރިން ރަނގަޅު ޑޮކްޓަރަކަށް ދައްކަންވާނެ. އެހެންނޫނީ މިއާއިލާ ވާނީ ވަރަށް ރަހުމެއްނެތް ބަޔަކަށް" ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ފާހާނާއިން ނުކުތް މާޝިތާ އައިސް ދެބަފައިން ދައްކަމުން ދިޔަ ވާހަކައިގައި ބައިވެރިވިއެވެ.

"ދަރިފުޅު ކޮންވާހަކައެއް ދައްކަން އަނެއްކާ" މާޝިތާ ބުންޏެވެ.

"މަންމާ! ބައްޕާ! އަޅު... އަޅުގަނޑު މީހަކާ އިންނަން ގަސްދުކޮށްފިން" ބުނަން ނުބުނަން ހުރެފައިވެސް ނަވާލް އޭނާ އައި ބޭނުން ހާމަކުރިއެވެ. މާޝިތާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

"ހަމަ ތެދެއް" މާޝިތާއަށް ބުނެވުނެވެ. ހަމަ އެހިނދުކޮޅުގެ ތެރޭގައި އާމިރަށް އަވަސް ނަޒަރެއް ބަދަލުކޮށްލައިފިއެވެ.

"ބައްޕަމެން ވަރަށް އުފާކޮށްފިން ތިކަހަލަ ހިޔާލެއް ދަރިފުޅު ކުރީތީވެސް. ބައްޕަމެންގެ އެންމެ ހަރުދަނާ ދަރިއަކީ ތީ. ދޮންބެ އެހުންނަނީ އަދިވެސް. ނޭނގެ މީހަކާ އިންނަން ހިތަށް އަރުވާ ކަމެއްވެސް" އާމިރު ވާހަކަދެއްކިއެވެ.

"އަދި ނުބުނަމެއްނު އެކުއްޖާއަށް ކިޔާ ނަމެއްވެސް" މާޝިތާ ބުންޏެވެ.

"ތި...ތިއާ" ވިސްނުމެއްގައި އިނދެ ނަވާލް ބުންޏެވެ. ތިއާގެ ނަން ނަވާލަށް އެނގުނީ މަންޝާގެ ފަރާތުންނެވެ. އެވަގުތު ނަން ހަނދާންވިކަންވެސް ނަސީބެކެވެ. އެހެން ނޫނީ މައިންބަފައިން ހީކުރާނެ އެއްޗެއްވެސް ނޭނގެއެވެ.

މާޝިތާ އާއި އާމިރު އެކަކު އަނެކަކަށް ދެވަނަ ނަޒަރު ބަދަލުކޮށްލީ ނަވާލްގެ މޫނުމަތިން ނުތަނަވަސް ކަމެއް ފެންނަން ހުރުމުންނެވެ.

"ކޮބާ ދަރިފުޅު ރާވަފައި އޮތްގޮތަކީ" މާޝިތާ އެހިއެވެ.

"އެގެއަށް ގޮސް ތިއާގެ މައިންބަފައިންނާ ވާހަކަދައްކާލަން" ނަވާލް ބުންޏެވެ.

އިތުރަށް މާޝިތާ އާއި އާމިރު އެއްޗެއް ނުކިޔައެވެ. އެދެމަފިރިން ތިބީ ނަވާލް އެފަދަ ވިސްނުމެއް ގެންގުޅުނީތީ އިންތިހާއަށް އުފާވެފައެވެ. އެކައިވެންޏަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ.

*******************

ދުވަހުގެ ހެނދުނު ވަގުތުގައި ތިއާގެ ދޮންތަ ރީމާ އާއި ފިރި ޒަހުރާން އަދި އެމީހުންގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު ޒެކް އައިސްގެން އުޅުނެވެ. ގެއަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ނަވާލްގެ ދުރުކަން އިހުސާސް ކުރަމުން ދިޔަ މަންޝާގެ މޫނުމަތިން މިހާރު ފެންނަމުން ދަނީ ހިނިތުންވުމެވެ. ހަފުތާ ބަންދަށްވުމާއެކު ހުރިހާ މީހުންވެސް ވަގުތު ހޭދަކުރީ ގޭތެރޭގައި އާއިލާ މީހުންނާ އެކީގައެވެ.

ސަކަރާތްޖަހަން އިނދެވެސް ދޭތެރެއަކުން މަންޝާ އޭނާގެ ފޯނަށް ބަލައިލައެވެ. ނަވާލްގެ މެސެޖެއްހާ ހިސާބުވެސް ލިބޭތޯއެވެ. ނަމަވެސް ކަރުއެލުވާލަން ޖެހެނީ އެއިން ކޮންމެ ފަހަރަކު އުންމީދުތައް ފުނޑުފުނޑުވެގެން ދާތީއެވެ. ކުއްލިއަކަށް ނަވާލަށް އައި ބަދަލެއް އޭނާއަށް ނޭނގުނެވެ. ދުރުވަމުން ދުރުވަމުން ގޮސް އެއްކޮށް ދުރުވެއްޖެއެވެ. އޭނާދެކެ ނަވާލް ވި ލޯތްބަކީ އެއީ ހެއްޔެވެ؟ ހަމްރާ ބުނީ ތެދެކެވެ. ލޯބިވީ މަންޝާއެވެ. ނަވާލެއް ނޫނެވެ. އެހެން ހިތަށް އަރާ ކޮންމެ ފަަހަރަކު މަންޝާގެ ހިތުގައި އިންތިހާއަށް ރިއްސާލައެވެ.

***********

ރޭގަނޑު އަށެއް ޖަހާލިހާއިރެވެ. އަންހެންވެރިން ކޮޓަރިތަކުގައި ނަމާދުކުރަން ތިބިއިރު ކަމެއް ނެތިފައި ތިއާ ސޯފާގައި އިނީ އޭނާއަށް ނަމާދު ޗުއްޓީ ދުވަސްކޮޅަށް ވީމައެވެ. މިސްކިތަށް ދިޔަ އެއްވެސް ފިރިހެނަކު އަދި ގެއަށް ނާދެއެވެ. ޓީވީގެ ޗެނަލްތައް ބަދަލުކުރަމުން ދަނިކޮށް ދޮރުގައި ބެލް އަޅައިލި އަޑު އިވިއްޖެއެވެ. ތިއާ ދޮރާ ދިމާލަށް ދިޔައިރު އެއް އަތުގައި ޓީވީ ރިމޯޓް އޮތެވެ. ދޮރުހުޅުވާލުމާއެކު ތިއާއަށް ފެނުނީ މެދު އުމުރުގެ އަންހެނަކާއި ފިރިހެނަކު ކުރިމަތީގައި ހިނިތުންވެފައި ހުއްޓައެވެ. އެއީ ކޮންބައެއް ކަމެއް އޭނައަށް ނޭނގުނެވެ. އެހެންނަމަވެސް އަންހެންމީހާ ކޮންމެސް ތަނަކުން ފެނުނުހެން ހީވިއެވެ. އޭނާ ހަނދާންވެއްޖެއެވެ. މަންޝާ ޕާޓީއަށް ދިޔަ ގެއިން ފެނުނު އަންހެންމީހާއެވެ. އެދެމީހުންގެ ތުންފަތްމަތީގައިވާ ހިނިތުންވުމުގެ ސަބަބުން ތިއާގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އިސާހިތަކު އެ ހިނިތުންވުން ފިލައިގެން ދިޔައީ އެދެމީހުންގެ ފަހަތުން ޖެކެޓް ކޮނޑުމައްޗަށް އެއްލައިގެން އިސްޖެހިފައި ހުރި ޒުވާނާ ފެނިފައެވެ. ނަވާލް ހުރީ އެހެން ދިމާލެއް ބަލަހައްޓައިގެންނެވެ. ދޮރުމަތީގައި ހުރީ ތިއާ ކަން އެނގި ތިއާއަށް ބަލައިލަން ނުކެރިފައެވެ. އުންމީދުނުކޮށް ހުއްޓައި ކުއްލިއަކަށް ކުރިމަތިން ނަވާލް ފެނުމުން ތިއާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. ހިތަށް އެރި އެއްޗަކުން އަތުގައި އޮތް ރިމޯޓް ދޫނުވީ ވެސް ކިރިޔާއެވެ. އެރޭ މަންޒަރުތައް ކުޑަހިނދުކޮޅަކަށް ލޯމަތީގައި ރޯލްވެލިއެވެ. އެހާ އަވަހަށް ނަވާލަށް ނަޒަރެއް ދިނެވެ. ހަމަ އެހިނދު ތިއާގެ ދިގު އެސްފިޔަތައް ތިރިކޮށްލި މަންޒަރު މާޝިތާއަށް ފެނުނެވެ.

"ވަންނަވާ އެތެރެއަށް" މެހުމާންދާރީ އަދާކުރަން ތިއާ ހަނދާންވީ އިރުކޮޅެއް ފަހުންނެވެ. ދޮރުފަތް ބޮޑަށް ހުޅުވާލާފައި ތިއާ އެއްފަރާތަކަށް ޖެހުނެވެ.

ވަދެގެން ދިޔަ އާމިރާއި މާޝިތާ އަދި ފަހަތުގައި ހުރި ނަވާލަށް އިށީނުމަށް ގޮނޑި ދެއްކުމަށްފަހު ތިއާ ދިލްޝާދަށް ގޮވަން ދިޔައީ ހުޅުވާފައި ހުރި ޓީވީގެ އަޑު މަޑުކޮށް މޭޒުމަތީގައި ރިމޯޓް ބާއްވައިފައެވެ.

އެ ހުރިހާއިރުވެސް ނަވާލް ތިއާއަށް ބަލައިނުލައެވެ. ދިލްޝާދުގެ ކޮޓަރި ދޮރުހުޅުވާލި އިރު އަދި މުސައްލަ މަތިން ނުފައިބައެވެ. އެހެންނަމަވެސް މީހަކު ދޮރުހުޅުވާލިކަން އެނގުމުން ފަހަތް ބަލައިލިއެވެ. ދޮރުމަތީގައި ހުރި ތިއާ ފެނުމުން ދެބުމަ އަރުވާލަމުން ކިހިނެއްވީތޯ އެހިއެވެ.

"ބޮޑުމަންމަ ހޯދަން ބަޔަކު އައިސް އެބަތިބި" ތިއާ ބުންޏެވެ.

ދެން ތިއާ ހިނގައިގަތީ ރީމާގެ ކޮޓަރި އާ ދިމާލަށެވެ. ދިލްޝާދު ނުކުމެގެން އައިސް މާޝިތާ އާއި އާމިރާއާ ސަލާންކޮށްލި ވަގުތު އެއީ މިހާދާއި ޒަހުރާން ވަދެގެން އައި ވަގުތެވެ. ރީމާވެސް އައިސް އިށީނުމާއެކު އެކަކު އަނެކަކަށް ތައާރަފުވެ ބޮޑެތި މީހުންގެ މެދުގައި ވާހަކަދެކެވެން ފެށުނެވެ. ކޮޓަރިން ނުކުތް މަންޝާއަށް ނަވާލާއި އޭނާގެ މައިންބަފައިން ފެނުމާއެކު ލިބުނީ ހައިރާން ކަމެކެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ހެވުނެވެ. ނަވާލަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ކައިވެނީގެ ވާހަކަދައްކަން ނަވާލް ނުބުނެ އައީތީ ހިތުގައި ޝަކުވާ އުފެދުނެވެ.

"ނުވެސްބުނެ އަހަރެން އެހާ ދެރަކޮށްލާފަ އައީ ކީއްވެ؟ އަދަބުދޭނަން" ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި އަމިއްލަ ނަފުސަށް އިވޭވަރަށް މަންޝާ ބުންޏެވެ. އެންމެ ފަހަރަކުވެސް ނަވާލް އިސްއުފުލާ މަންޝާއަށް ބަލައިނުލާކަން މަންޝާއަށް ފާހަގަވިއެވެ. އަނެއްކާވެސް މަންޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއީ ނަވާލްގެ މިޒާޖުކަން ހަނދާންވެފައެވެ. ކޮންމެ ގޮތެއްވިޔަސް ކައިވެނީގެ ވާހަކަދައްކަން ނަވާލް އައީތީ މަންޝާ އުފާކުރިއެވެ. ހަގީގަތް ނޭނގޭ ހާލު މަންޝާ ހިތާހިތުން އުފާކުރަމުން ދިޔައެވެ.

"އޭތް ކިހިނެއްވެފަ އާގަމަވެފަ" ފަހަތުން އިވުނީ ތިއާގެ އަޑެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. މަންޝާ އާއި ތިއާ ހުއްޓިގެން ތިބީ ސޯފާ ކައިރީގައި ކޮޅަށެވެ. ނަވާލް އިސް އުފުލާލައިފިނަމަ މަންޝާ ފެންނާނެއެވެ. ނަމަވެސް އޭނާގެ ސަމާލުކަން މަންޝާއަށް ނުދެއެވެ.

"އަޅުގަނޑުމެންނަށް އެނގޭ ފަހަރެއްގައި މިއީ މިކަހަލަ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ވަގުތަކަށް ނުވެދާނެކަން. އެކަމަކު ލަސްކުރެވޭކަށްވެސް ނެތް" ހިނިތުންވެލަމުން މާޝިތާ ވާހަކަދައްކަން ފެށިއެވެ.

މިހާދާއި ޒަހުރާންގެ އިތުރުން ރީމާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ވާން އުޅެނީ ކީއްކަން އެއްވެސް މީހެއްގެ ހިޔާލަކަށްވެސް ނާދޭއެވެ.

"އަވަހަށް ބުނުއްވާ. ދެން މިވަގުތު މިތިބީ ރަހުމަތްތެރިވެސް ވެވިފައި" ދިލްޝާދު ބުންޏެވެ.

"މީނީ އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅު ނަވާލް. މިގޭ އަންހެންކުއްޖާ ނަވާލަށް ވަރަށް ކަމުގޮސްފި. އޭނަ ބޭނުންވަނީ ކައިވެނިކުރަން. އަޅުގަނޑުމެން މިއައީ މިދަރިފުޅުގެ ކައިވެންޏަށް އެދެން. ދިލްޝާދާއި މިހާދު ހިތްހަމަނުޖެހޭ ކަމުގައިވާނަމަ މިއީ ނުދައްކާ ވާހަކައެއް" ދިލްޝާދާއި މިހާދު އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

"މަންމާ ޕްލީޒް.... ސޭ ޔެސް...." ހިތާހިތުން މަންޝާ ބުންޏެވެ. ހިތްއަވަސްވެފައި ހުރިވަރުން އޭނާގެ ހަތަރެސްފައި ގަނޑުފެންކޮޅަކަށް ވެއްޖެއެވެ.

މަންޝާގެ ދެފައި ބިންމަތީގައި ހަރުލަނީ ހަމަ ކިރިޔާއެވެ. ނަވާލަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. ކައިވެންޏަށް އެދެން އެގޮތަށް ސަޕްރައިޒެއް ދީފާނެ ކަމަކަށް މަންޝާ ހީކޮށްފައެއް ނެތެވެ.

"އަޅުގަނޑުމެންގެ ދަރިފުޅު......" ދިލްޝާދު ދެފަރާތް ބަލައިލީ މަންޝާ ފެންނަން ހުރިތޯއެވެ.

"ލައްބަ.... ތިއާ ކިޔަނީ. ފުރަތަމަ ފެނިލުމުންވެސް އަޅުގަނޑުމެންގެ ދެމަފިރިންނަށް ވެސް އެމަންޖެ ކަމުގޮސްފި" މާޝިތާ ބުންޏެވެ. މަންޝާއަށް ހީވީ ނޭފަތުންލަމުން ދިޔަ ނޭވާ ހުއްޓުމަކަށް އައިހެންނެވެ.

ފުރަތަމަ ހީކުރެވުނީ މަޝިތާއަށް އޮޅުނީ ކަމަށެވެ. އެކަން ދޮގުކުރަން ޖެހުނީ މާޝިތާ ތިއާއަށް ބަލަހައްޓައިގެން އިންގޮތުންނެވެ.

ތިއާގެ ދެލޯ ބޮޑުވި ވަގުތު ނަޒަރު ސީދާކޮށްލެވުނީ ކުރިމަތީގައި އޭނާއަށް ބަލަހައްޓައިގެން އިން ނަވާލާއެވެ. މިނޫނީ ނަވާލް އެހާ ފުންނަޒަރަކުން ތިއާއަށް ބަލާލަފައެއް ނެތެވެ. ކުރިން ނަޒަރު ވަކިކޮށްލީ ނަވާލެވެ. ދިލްޝާދާއި މިހާދުގެ އިތުރުން ރީމާގެ މޫނަށް ބަލައިލާފައި ތިއާ ފުންނޭވައެއް ލިއެވެ. ކުއްލިއަކަށް ބުނާނެ އެއްޗެއް ތިއާއަށް ނޭނގުނެވެ.

މަންޝާގެ ދެފައިން ވާގި ދޫވި ވަގުތު ހިމާޔަތްދިނީ ކައިރީގައި ހުރި ގޮނޑީގެ އަތްގަނޑެވެ. ސީދާ މަންޝާއަށް ނުބެލިއެއް ކަމަކު މަންޝާއަށް ވަމުންދާ ހުރިހާ ގޮތްތަކެއް ނަވާލަށް ލޮލުގެ އެއްއަރިމަތިން ފެންނަމުން ދިޔައެވެ. އެހެންނަމަވެސް އޭނާއަށް އެކަމުގައި ކުރެވޭނެ ކަމެއް ނެތެވެ. އެއީ އޭނާގެ ހިތް އޭނާއަށް މަޖޫބުރުކުރި ގޮތެވެ. ހާލަތު ނިޔާކުރާގޮތަށް އަބަދުވެސް ހިތް ރުއްސަން ޖެހޭނެއެވެ.

"ތި ދެމަފިރިން ތި އެދުނު ކަންތައް އަޅުގަނޑުމެންނަށް ކޮށްދެވެން އޮތީ ތިއާއާ ވެސް ވާހަކަ ދައްކާފައި. އެހެންވީމާ އަޅުގަނޑުމެން މިވަގުތު ޖަވާބެއް ނުދިނަސް މާދަމާ ކޮންމެސް ގަޑިއެއްގައި ޖަވާބެއްދޭނަން" ހުރިހާ އެންމެންގެ ފަރާތުން ވާހަކަދެއްކީ ދިލްޝާދެވެ. އެގޮތާ މާޝިތާ އާއި އާމިރު ރުހި ގަބޫލުވިއެވެ. އެގެއިން އެމީހުން ނުކުތީ ރަނގަޅު ޖަވާބެއް ލިބިދާނެ ކަމަށް އުންމީދު ކޮށްގެން ހުރެއެވެ.

*************

މާޝިތާ އާއި އާމިރު ކާރުގައި ގެއާ ދިމާލަށް ދުއްވާލުމުން ނަވާލް ހުރީ މަޑުކޮށްގެނެވެ. އޭނާ ބޭނުންވަނީ މިނިވަންކަމާއެކު ހިނގާލާފައި ގެއަށް ދާށެވެ. ހިތަށާއި ސިކުނޑިއަށް ހަމަޖެހުމެއް ހޯދާށެވެ. ކުއްލިއަކަށް ނަވާލްގެ އަތުގައި ހިފާ ލުއްކެއް ޖެހިއެވެ. އޭނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ރުޅިން ފޯވެފައި ހުރި މަންޝާ ފެނުމާއެކު ނަވާލްގެ ހިތުގައި ރިއްސާލިއެވެ. މަންޝާ ހުރިގޮތުން އެކަނިވެސް އެވަގުތު މަންޝާ ހުރީ ހަމަޔަކު ނޫންކަން ނަވާލަށް އެނގުނެވެ. އެހެންކަމުން ދެވަނަ ސިކުންތުގައި އޭނާ މަންޝާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. ހާލަތު ކޮންމެ ގޮތަކަށް އޮތަސް އަމިއްލަ ކުށް އޭނާއަށް އިހުސާސްވަމުން ދިޔައެވެ.

"ކީއްވެ؟ ކީއްވެ ނަވާލް؟ ބުނެބަލަ؟ ކޮބާ އަހަރެންގެ ކުށަކީ؟" މަންޝާއަށް ރޮވިއްޖެއެވެ. "ކީއްވެ އަހަރެންނަށް ތިހާ ބޮޑު ލަނޑެއް ތިދިނީ؟"

"މަންޝާ! މަށަށް މައާފު ކުރައްޗެ. މަންޝާގެ އެއްވެސް ކުށެއް ނެތް. ކުށް ކުރެވުނީ މަށަށް. ތި ހިތުގައި އަހަންނަށްޓަކައި ލޯތްބެއްވާނަމަ އެލޯތްބެއް ފިލުވާލާ" ނަވާލް ބުންޏެވެ.

"ހާދަ ފަސޭހައިން ތިހެން ތިބުނީ. އެނގޭތަ އެތެރޭގަ އެހޭދަވި ކުޑަވަގުތުކޮޅުގެ ތެރޭގަ އަހަރެން އެތައް އުންމީދެއް ކުރިކަން. އަހަރެން ދެކުނުހާ ހުވަފެންތަކާއި ކުރި އުންމީދުތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގަ ބިމާހަމަވެގެން އެދިޔައީ" މަންޝާ ބުންޏެވެ.

އެހާ އަވަހަށް ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ދެއަތުން ފޮހެލައިފިއެވެ. ނަވާލް ކުރިއަށް ހިނގައިގަތެވެ. ރޭގަނޑުގެ އެވަގުތުގައި އަންހެނަކާއެކު އެކަހެރިވެ ހުރުމަކީ އޭނާގެ އުސޫލެއް ނޫނެވެ. އޭނާ ހިނގައިގަތީ އެހެންވެއެވެ.

"މަޑުކުރޭ... ތިހެން ނުދެވޭނެ. އަހަރެންނަށް ބިޓްރޭ ތިވީ ކީއްވެ؟ ސަބަބެއް ބުނޭ" ދުވެފައި ގޮސް ނަވާލްގެ ކުރި ބައްދަމުން މަންޝާ ބުންޏެވެ.

ނަވާލް ލަދުންހުރެ މަގަށް ނަޒަރު ހުއްޓާލިއެވެ. މަގުމަތީގައި މީހުން މަދުނަމަވެސް ދެތިން މީހެއްގެ ލޮލުގައި އެމަންޒަރު އަޅައިގަނެއްޖެއެވެ. އެއްވެސް ޖަވާބެއްނުދީ ނަވާލްގެ ހިނގުން ބާރުކޮށްލީ އެވަގުތު މަންޝާ ހުރީ ހަމަޔަކު ނޫންކަން އެނގުމުންނެވެ. މަންޝާއަށް ޖަވާބުދޭން ޖެހޭނެކަން އެނގުނަސް މައާފަށް އެދުން ނޫނީ އިތުރުކަމެއް ނަވާލަށް ކުރެވެން ނެތެވެ.

*****************

ތިއާ ގެ އާބަސް ލިބުނީ އަނެއް ދުވަހު ހެނދުނު ސައިމޭޒު ކައިރީގައި އިން ވަގުތުގައެވެ. އެރޭ ހަތަރުދަމު ތިއާ ހޭދަކުރީ ކުއްލިއަކަށް އޭނާގެ ހަޔާތަށް އެ އައި ބަދަލާ މެދު ވިސްނުމުގައެވެ. އޭނާއަށް ވިސްނުނީ ރަނގަޅަށެވެ. ނަވާލް އޭނާއާ އިންނަން ބޭނުންވީ ކީއްވެގެންކަން ތިއާއަށް ވިސްނާލުމުން އެނގުނެވެ. ނަވާލާ މެދު ތިއާގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނެވެ. ކަންތައްތައްވެފައި އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ އެކައިވެންޏަށް ރުހުންކަން ތިއާއަށް އެނގުނެވެ. ނަވާލަށް ވުރެ ރަނގަޅު މީހަކު އޭނާގެ ހަޔާތަށް ނާންނާނޭ ހިތް ބުނީތީ އޭނާ ބޭނުންވަނީ އެކައިވެންޏަށް އާބަސް ބުނާށެވެ. ނަމަވެސް ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އޭނާގެ ހިތުގެ ކަނެއްގައި ސިފަނުވާ މީހަކު ކޮށްޓައިލިހެން ހީވިއެވެ. އޭނާ ހިތުން ފޮހެލަން މަސައްކަތްކުރާ މާޒީގެ ދުވަސްތަކެއް އޭނާގެ މުސްތަގު ބަލަށް އެޅޭ ހުރަހަކަށް ވެދާނެ ކަމުގެ ބިރުހީވިއެވެ.

*************

ހެނދުނުގެ ސައި ކުރިއަށްދިޔަ ވަގުތު ތިއާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން މަންޝާގެ ހިތް ފޫއަޅުވާލިއެވެ. ތިއާ ކައިރީގައި ކުރިން ނަވާލަކީ ކާކުކަން ބުނެވުނު ނަމައެވެ. މަންޝާގެ އަރުން އެތެރެއަށް ފެންފޮދެއްވެސް ނުދިޔައެވެ. އޯކަށްދެމިގަނެވުނީ އެހެންވެއެވެ. ހުރިހާ މީހުންގެ ނަޒަރު މަންޝާއަށް އަމާޒުވިއެވެ. މަންޝާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ހާލު ރަނގަޅު ނޫންކަން އެންމެންނަށް އަންގައިދިނެވެ. ދިލްޝާދު ކައިރިވެލި ވަގުތު މަންޝާ އަރިއަޅާލައިފިއެވެ. ވަގުތުން ޒަވީގެ އަތްމަތީގައި މަންޝާ ކޮޓަރިއަށް ގެންދިޔައެވެ. ދެފަހަރަކު މޫނުގައި ފެންފޮދެއް ހާކާލުމާއެކު މަންޝާ އެސްފިޔަ ތަޅުވާލުމަށްފަހު ދެލޯ ހުޅުވާލިއެވެ. ކައިރީގައި އިން ދިލްޝާދުގެ އުނގުގައި މަންޝާ ބޯއެޅިއެވެ. އޭނާއަށް ބާރަށް ރޮއެގަނެވިއްޖެއެވެ. ހީވީ ކުޑަކުއްޖެއް އަތުން ކުޅޭއެއްޗެއް އަތުލައިގެން ރޯހެންނެވެ. ދިލްޝާދުގެ މޫނުމަތިން ކަންބޮޑުވުމެއް ފެނުނެވެ.

"ކިހިނެއްވީ ދަރިފުޅާ؟ މަން ތިހާވަރަށް ރޯން ދަސްކުރީ ކޮންއިރަކު؟" ދިލްޝާދު މަންޝާގެ ބޮލުގައި ފިރުމަމުން އެހިއެވެ.

"މަންމާ! އަޅުގަނޑު ވަރަށް ބޮޑަށް ބޮލުގައި ރިއްސަނީ. ބޯ މޮޑެލަދީފާނަންތަ؟" ރުއިމުގެ ތެރެއިން މަންޝާ ބުންޏެވެ.

ކޮޓަރީގައި ތިބި އެހެން މީހުން ނުކުތީ މަންޝާ ހަމަޖެހިއްޖެކަން އެނގުމުންނެވެ. ދިލްޝާދު ހީލިއެވެ. ލޯތްބާއެކު މަންޝާގެ އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. މަންޝާ ހިތުގައި ޖެހިފައި ރޮމުން ދިޔައިރު ދިލްޝާދުގެ ހެދުން ތެރެއަށް ކަރުނަތައް ހިނދެމުން ދިޔައެވެ. ނަވާލްގެ ބޭވަފާތެރިކަން ހިނދަކަށްފަހު ހިނދެއް މަންޝާގެ ހިތް ތޮރުފަމުން ދިޔައެވެ. ދުވަހަކުވެސް ނަވާލަށްޓަކައި އޭނާގެ ހިތް ހެވެއް ނުވާނެއެވެ.

"ދެން ބުނެބަލަ ކޮބާ މައްސަލައަކީ....؟" ދިލްޝާދު އެހިއެވެ. ވަރަށް ބޮޑަށް ހިތުގައި ޖެހިގެން ނޫނީ މަންޝާ އަކީ އެއް އިރެއްގައި ވެސް ރޯކުއްޖެއް ނޫނެވެ. ވީއިރު މަންޝާ ހިތާމަ އެކުރާ ސަބަބެއް ދިލްޝާދު އިނީ އެނގެން ބޭނުންވެފައެވެ.

"މަންމާ!! އޭނަ... އޭނަ.... އަޅުގަނޑުދެކެ ލޯތްބެއް ނުވޭ.. އޭނަ ބުނެފި އެހެން. ތިއާގެ ކައިވެނި އިއުލާން ކުރެވިގެން ދިޔައިރު އަޅުގަނޑު ދެކެމުން އައި ހުވަފެންތައް އެދިޔައީ ފުނޑުފުނޑުވެގެން. މަންމާ! ކޮބާތަ އަޅުގަނޑުގެ ކުށަކީ؟" މަންޝާ ހިތުގައި ޖެހިފައި ދައްކަމުންދިޔަ ވާހަކަތަކުން ދިލްޝާދަށް ހައިރާންކަން ލިބެމުން ދިޔައެވެ. މަންޝާ ލޯބީގެ ގޮތުން ކުއްޖަކާ ގުޅިގެން އުޅޭ ކަމެއް ދިލްޝާދަށް ނޭނގެއެވެ.

"ކާކު؟ ކާކުގެ ވާހަކަތިދައްކަނީ؟" ދިލްޝާދު އަހާލިއެވެ.

"އޭނަގެ ވާހަކަ ދެން ނުދައްކާ މަންމާ. އަޅުގަނޑު ބޭނުންވަނީ އޭނަ މަތިން ހަނދާން ނައްތާލަން" މަންޝާ ބުންޏެވެ.

"ހިތްވަރުކުރޭ ދަރިފުޅޭ. އެއީ އަދި ދަރިފުޅުގެ ލަކީ ބޯއީއެއް ނޫން. ތިއާވެސް ގޭގަ އިންދާ އޭނާގެ ކައިވެންޏަށް އެދި ބަޔަކު އެއައީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދަރިފުޅުގެ ކައިވެންޏަށް އެދި ބަޔަކު އަންނާނެ" ދިލްޝާދު ނަސޭހަތްދިނެވެ. ދިލްޝާދުގެ ވާހަކަތަކުން މަންޝާގެ ކަރުނަތަކަށް ހުއްޓުމެއް އައިސްފައި ވިޔަސް އަދިވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ. އެދެލޯ މެރިފައިވާ އިރު މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.

***************

ސޯފާގައި އިން އާމިރު އަތަށް ކޮފީތަށި ދީފައި ޖެހިގެން އިން ގޮނޑީގައި މާޝިތާ އިށީނެވެ. އިރުކޮޅަކުން ކައިރީގައި އައިސް އިށީނީ ނާޔާއެވެ.

"އެބައާދޭ. ފާހާނާއިގަ އުޅުނީ" ނާޔާ ބުންޏެވެ. މާގިނަ އިރެއްނުވެ ނަވާލް އައެވެ.

"ދެންމެ އެގެއިން ގުޅައިފި. ކައިވެންޏަށް ތިއާ ރުހެޔޯ. ތިއާގެ އެއްބަނޑު އެއްބަފާ ހުންނަނީ އެންމެ އަންހެނެކޯ. އެމީހުން މިވަގުތު ޗުއްޓީއެއްގައި އައިސް ތިބި ވަގުތެކޯ. އެމީހުން ދިޔުމުގެ ކުރިން ކައިވެނި ކުރެއްވިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅޯ. ކީކޭ ދަރިފުޅު ބުނަނީ؟" މާޝިތާ ހުރިހާ ވާހަކަތަކެއް އެއްފަހަރާ އަމުނާލިއެވެ.

"މަންމަމެންގެ އެއްވެސް މައްސަލައެއް އެބޮތްތަ؟" ނަވާލް އެސުވާލު އަނބުރައިލީ މައިންބަފައިންނާ ދިމާލަށެވެ.

"މަންމަމެންގެ އެއްވެސް މައްސަލައެއް ނެތް. އެހެންވީމަ ތާރީހެއް ކަނޑައަޅާ ތިދެކުދިން. ދޯ އާމިރު!" މާޝިތާ ބުންޏެވެ.

"އެކަމު ދޮންބެވެސް ނެތެއްނު" ނަވާލް ބުންޏެވެ.

"ދޮންބެ ދިޔައީ ދިހަ ވަރަކަށް ދުވަހަށް. ދޮންބެ އަންނަ ދުވަހަށް ނިންމާނީ ދޯ" މާޝިތާ ބުންޏެވެ.

"އެންމެ ރަނގަޅު. އަޅުގަނޑު ތިއާ އާ ވާހަކަދައްކާލާފައި އަދި ޖަވާބެއް ދޭނަން" ނަވާލް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟