ވާހަކަ

ދީވާނާ ހިތް - 03

5

ކުރިއަށް ދިޔަ ތިއާގެ ފިޔަވަޅު ހުއްޓުނީ ފާހާނާއިގެ ދޮރުޖެހުނު އަޑަށެވެ. ފަހަތް ބަލައިލި އިރު ނަވާލެއް ނެތެވެ. މޭގައި އަތް އަޅާލައި ހަމަޖެހިލަމުން ތިއާ އެކޮޓަރިން ނުކުތެވެ. ދުވަހަކުވެސް އެހާ ބިރެއް ތިއާ ނުގަނެއެވެ. ސިޑިން ފައިބައިގެން ދިޔަ އިރުވެސް ރޯމަހެއް ތެޅޭހެން ތިއާގެ ހިތް ތެޅެމުން ދިޔައެވެ.

ތިއާއަށް އަދިވެސް ނަވާލްގެ އެސޫރަ ފެންނަ ކަހަލައެވެ. އޭނާގެ ހިތް ވަނީ އިންތިހާއަށް ބިރުގަނެފައެވެ. އެފަދަ މަންޒަރެއް އޭނާއަށް ހަޔާތުގައި އެފެނުނީ ފުރަތަމަ ފަހަރަށެވެ. އޭނާ އެކޮޓަރިއަށް ވެއްދީ ނާޔާ އެވެ. ސިޑީގެ ހަރުފަތްތައް މަތިން ކައްސާލައިގެން ބޮޑު އަނިޔާއެއް ނުވީ ކާކުގެ ނަސީބަކުން ކަމެއް ނޭނގެއެވެ. އެދިޔަ ބާރު މިނުގައި ތިއާ ލައިގަތީ އޭނާ ހޯދަމުން ސިޑި އާ ދިމާލަށް އައި މަންޝާގެ ގައިގައެވެ.

"ހިނގާ ގެއަށްދާން" ކައިރީގައި ހުރީ މަންޝާ ކަން އެނގުމުން ތިއާ ބުންޏެވެ. ތިއާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން މަންޝާއަށް އެނގުނެވެ. އެހެންކަމުން މަންޝާ ބޭނުންވީ ތިއާ އެދުނު ފަދައިން ކަންތައްތައް ކޮށްދޭށެވެ.

*************

ގެއަށް ދިޔުމަށް ކާރުގައި އިން ތިއާގެ ހިތް އަދިވެސް ހަމަޔަކަށް ނޭޅެއެވެ. އުޅެއުޅެ ނަވާލް ނޫން އެހެން މީހަކު އޭނައަށް ސިފަނުވިއެވެ. ދެފަރާތަށް ތިއާ ބޯހޫރާލިއެވެ.

ބެލްކަނީގައި ކޯކްތައްޓެއް ހިފައިގެން ހުއްޓައި ދަބަހުގައި އޮތް ފޯނު ރިންގްވާން ފެށުމުން ތިއާ އުޅުނީ ފޯނު ނަގާށެވެ. އެއްއަތުން ފޯނު ނަގަން އުޅުމުގެ ތެރޭގައި ކޯކްތަށި ގަޔަށް ބަންޑުންވީއެވެ. ހެދުން ދޮވެލަން ގޭތެރެއަށް ވަން ވަގުތު ތިއާއަށް އެންމެ ފުރަތަމަ ބައްދަލުވީ ނާޔާއެވެ. ސިޑިން އަރާއިރު އެންމެ ފުރަތަމަ ހުންނަނީ ނަވާލްގެ ކޮޓަރިއެވެ. އެކޮޓަރިއަށް ތިއާ ވައްދާފައި ނާޔާ އެތެރެއަށް ނުވަދެ ދިޔައީ ބަދިގެއިން މާޝިތާ ގޮވާލި އަޑު އިވިފައެވެ. ފާހާނާއަށް ވަދެ ގަމީސް ފެންކޮޅަކުން ދޮވެލުމަށްފަހު އެނދުގައި އަޅާލީ ކުޑަކޮށް ހިއްކާލުމަށެވެ. އަޑިން ލައިގެން ހުރި އަންނައުނުގައިވެސް ކޮންމެވެސް ވަރަކަށް ކޯކްގެ އަސަރު ހުރުމުން ބޭލީ އެތަންކޮޅު ދޮވެލުމަށެވެ. އަލުން ފާހާނާއަށް ވަނީ ކުޑަކަމުދާން ބޭނުންވެފައި ހުރުމުންނެވެ. އެހުރިހާ އިރު ދޮރު ތަޅުނުލެވޭ ކަމެއް ތިއާއަށް ނޭނގެއެވެ. އޭނާގެ ހަށިގަނޑުންވެސް ފެންނަން ނުޖެހޭ ހިސާބު ނުވެސް ދަންނަ ފިރިހެނަކަށް ފެނިއްޖެއެވެ. މިވީ ހާދަ ދެރަގޮތެކެވެ. ނަވާލް ދެން ކަންތައް ކުރާނީ ކިހިނެއްބާއެވެ؟

*******************

ގަޑިން ރޭގަނޑުގެ ބޮޑުބައެއް ވެއަތުވެގެން ހިނގައްޖެއެވެ. އެނދުގައި އޮތް ނަވާލް މޫނުމަތިން އަދިވެސް ބާލީސް ނުނަގައެވެ. އޭނާ އެކަނި ހުންނައިރު ވެސް އަމިއްލަ ނަފުސަށް މަލާމާތް ކުރެވެއެވެ. މީހެއްގެ ފިރިއަކަށް ވުމުގެ ކުރިން ނުދަންނަ އަންހެންކުއްޖެއްގެ ކުރިމަތީގައި އޭނާގެ ހަށިގަނޑު ކަޝްފުވެއްޖެއެވެ. އެ އަންހެންކުއްޖާގެ ވެސް ފެންނަން ނުވާ ތަނެއް ނަވާލަށް ފެނިއްޖެއެވެ. ހުރިހާކަމެއް އެހާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ހިނގައި ދިޔުމުން ނަވާލަށް ލިބުނީ ޝޮކެކެވެ. ނަވާލް އަމިއްލަ ނަފުސަށް އަޑުލާ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. އޭނާ ބޭނުންނުވިޔަސް އޭނާއަށް ފެނިއްޖެއެވެ. ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެއީ ހުވަފެނެއް ނޫނެވެ. ހަގީގަތެވެ. އެ އަންހެންކުއްޖާ ހީކުރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. ހުއްޓާނުލައި މަންޝާ މެސެޖު ކުރަމުން ދިޔައިރު އެންމެ ފަހަރަކު ވެސް ނަވާލް ބަލައި ނުލައެވެ. އެއަށްވުރެ ބޮޑަށް ނަވާލް އޮތީ ފިކުރު ބޮޑުވެފައެވެ.

***************

ނުނިދިފައި އެނދުގައި ފުރޮޅެން އޮތް ތިއާ އިރުކޮޅަކާ މޫނު ދެފަރާތަށް ތަޅުވާލައެވެ. އަދިވެސް ނަވާލް ހުރި ގޮތް އޭނާގެ ހިޔާލީ ލޯގަނޑަށް ސިފަވަމުން ދިޔައެވެ. ހިސާބަށްވުރެ ފަރުވާކުޑަވީމަ ވާންވީގޮތް އެވީއެވެ. ކުރާނެ ކަމެއް ނެތެވެ. އެންމެފަހުން ތިއާއަށް ހެވިއްޖެއެވެ. އެހާ އަވަހަށް ނަވާލް ފާހާނާއަށް ވަދެ ދޮރުލެއްޕިކަން ހަނދާންވެފައި ތިއާއަށް މަޖާވިއެވެ. ދިމާވި ހާދިސާގެ ގޮތުން އެވާހަކަ ކައިރީގައި އޮތް މަންޝާއަށް ކިޔައިދެވޭކަށް ވެސް ނެތެވެ. ފޯނާ ކުޅެން އޮތް މަންޝާއަށް ބަލާލާފައިވެސް އަޅާނުލީ އެހެންވެއެވެ.

"އެއްވެސް މަޖަލެއް ނޫން ތިއާ... ދޮރުތަޅުލަންވާނެއްނު. އެނގެން ޖެހޭނެއްނު އެއީ އަމިއްލަ ގެއެއް ނޫންކަން" އަމިއްލަ ނަފުސަށް ތިއާ ހަޅޭއްލެވިއެވެ.

******************

މޭޒުމަތީގައި ބޯއަޅައިގެން އޮތް ނަވާލް ބޯ އުފުލައިލީ ދޮރުހުޅުވުނު އަޑަށެވެ. ވަދެގެން އައި މަންޝާގެ މޫނު ހުރިގޮތުން ކަންތައްތައް ރަނގަޅުނޫންކަން ނަވާލަށް ވިސްނުނެވެ. ވާނީ ވެސް އެހެންކަން ނަވާލަށް އެނގެއެވެ. ރެއިން ފެށިގެން މަންޝާ ކުރި އެއްވެސް މެސެޖަކަށް ނަވާލް ޖަވާބެއް ނުދެއެވެ.

"ކީއްވެ އިގްނޯ ތިކުރަނީ؟ ކޮބާ މައްސަލައަކީ؟" މަންޝާ ހުއްޓުނީ ނަވާލާ ދާދި ކައިރީގައެވެ.

ނަވާލް މަންޝާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. މަންޝާއަށް ދޭނެ ޖަވާބެއް އޭނާއަށް ނޭނގުނެވެ. އަނެއްކާވެސް ހިތަށް ސިފަވީ ރޭގެ މަންޒަރުތަކެވެ. އެއާއެކު މަންޝާގެ މޫނުން އޭނާ ނަޒަރު ވަކިކޮށްލިއެވެ.

"ކީއްވެ ތިގޮތަށް ކަންތައް ކުރަނީ. ބަލީތަ؟ ބުނެބަލަ؟" މަންޝާއަށް ރޮވެން އުޅޭހެން ހީވުމުން ތުންފަތުގައި ދަތްއެޅިއެވެ. ނަވާލް ކޮޅަށް ތެދުވެ ދެއިނގިލީގެ ކުރިން މަންޝާގެ ދެލޯ ކައިރި ފޮހެލިއެވެ.

"ބޭނުމެއް ނޫން މަން ރޮއްވާކަށް. މިއުޅެނީ ވަރަށް ބޮޑު ކަމެއްވެގެން" ނަވާލް ބުންޏެވެ. މަންޝާ އިސްއުފުލާ ނަވާލަށް ބަލައިލިއެވެ.

"އެކަމަކު އަހަރެންނަށް ކިޔައެއް ނުދެވޭނެ" ނަވާލް ދުރު ބަލަން ފެށިއެވެ.

"ނާހާނަން. އެކަމު ރޭގަ ބުނީމެއްނު ވަރަށް އަވަހަށް މަންމަމެންނާ ބައްދަލުކޮށް ކައިވެނީގެ ވާހަކަދައްކާނަމޭ. ޕްލީޒް އެކަމާ އުޅެބަލަ" މަންޝާއަށް އަނެއްކާ ވެސް ރޮވެން އުޅުނެވެ.

"އިހަށް މިވަގުތު މަން މިތަނުންދޭ. މީހަކު ވަދެދާނެ. ވިސްނާލަން ބޭނުން" މަންޝާ ބަހެއް ނުކިޔާ ނުކުތެވެ.

ނަވާލް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ހަދާނެގޮތެއް އޭނާއަށް ނޭނގުނެވެ. ހަގީގަތް މަންޝާއަށް ކިޔާދޭނެ ހިތްވަރެއް ނެތެވެ. މަންޝާއަށް އެވާހަކަ ބުނެދޭނެ ގޮތެއް އޭނާއަށް ނުވިސްނެއެވެ. އެ އަންހެންކުއްޖާއަކީ މަންޝާގެ ދެބެންގެދެދަރި ކުއްޖެއްކަން ނަވާލަށް އެނގެއެވެ. ކުއްލިއަކަށް އެކަހަލަ ވާހަކައެއް މަންޝާ ކައިރީގައި ބުނެގެން މަސްލަހަތު ގޯސްވެދާނެއެވެ.

**************

އިތުރު ހަފުތާއެއް ފާއިތުވެގެން ދިޔައިރު މަންޝާގެ މުޅި ރޫހުގެއްލިފައިވި ކަހަލައެވެ. ފިކުރުކުރެވޭ ވަރުން އޭނާގެ ބޮލުގައި ނުފިލާ ތަދެއް ހަރުލައިފިއެވެ. އެތައް ގޮތަކުން ނަވާލަށް އައި ބަދަލެއް ހޯދަން އޭނާ މަސައްކަތް ކޮށްފިއެވެ. އިތުރަށް މާޔޫސްވުން ނޫން ކަމެއް ނުވިއެވެ. އެންމެފަހުން އޭނާ ހުއްޓާލައިފިއެވެ. އާދޭސް ކުރެވޭނީ ވަކިވަރަކަށެވެ.

އޮފީސް ނިންމާފައި ނުކުތްގޮތަށް މަންޝާ ގުޅީ ޒަވީއަށެވެ. އޭނާ ގެއަށް ދާނީ ލަހުން ކަމުގައި ބުންޏެވެ. ދެން ހިނގައިގަތީ އެ އޮފީހާ މާދުރު ނޫން ހިސާބެއްގައި ހުރި މަންޝާގެ އެކުވެރި ހަމްރާގެ ގެއަށް ދިޔުމަށެވެ. ރާއްޖެއިން ބޭރުން ބޭސްކޮށްގެން އައިފަހުން ހަމްރާއާ އަދި ބައްދަލުވެފައި ނެތީމައެވެ.

ގޯޅިގަނޑެއްގެ ތެރެއިން ވަދެ ގަދަ ނޫކުލައިގެ ދޮރާއްޓެއްލާފައި ހުރި ގެއަކަށް މަންޝާ ވަނެވެ. ކުޑަކުޑަ ސިޓިން ރޫމުން މަންޝާއަށް މަރުހަބާ ކިއީ ހަމްރާގެ މަންމަ އަގްލީމާއެވެ. މަންޝާ ފެނުމާއެކު ހަނޑޫ ހޮވަން އިން އަގްލީމާ ހީގަތެވެ.

"އެބައުޅޭ ކުޑަމީހާ ފެންވަރުވާން" މަންޝާ އެހުމުގެ ކުރިން އަގުލީމާ ބުންޏެވެ.

"އަގުލީމާއްތަ މިއަދު ވަޒީފާއަށް ނުދާ ދުވަހެއްތަ؟" މަންޝާ އެހިއެވެ.

އަގުލީމާ އާ ވާހަކަދައްކާނުލައި ދާން މަންޝާ ބޭނުންނުވީއެވެ. އަގްލީމާއަކީ ގޭގެއަށް ގޮސް ކުނިއުކައިދޭ ވަޒީފާއެއް އަދާކުރާ މީހަކަށްވާއިރު ހަމްރާ އުޅެނީ މަގުތައް ކުނިކަހާ ވަޒީފާއެއްގައެވެ. ކުޑައަގެއްގައި ދެމައިން މާލޭގައި ދިރިއުޅެނީ ހަމްރާގެ ދަރިފުޅަކީ ބަލި ކުއްޖަކަށްވީމައެވެ.

ހިނިތުންވެލާފައި މަންޝާ ހިނގައިގަތީ އެތެރެ ގެއާ ދިމާލަށެވެ. ހަމްރާގެ ކޮޓަރި ދޮރުމައްޗަށް ނާރަނީސް ހަމްރާގެ ސަކަރާތް ބޮޑު ތިން އަހަރުގެ ދަރިފުޅު ހާޒިންގެ އަޑު މަންޝާގެ ކަންފަތުގައި ޖެހިއްޖެއެވެ.

"އައްސަލާމަ އަލައިކުމް" ކޮޓަރި ދޮރުހުޅުވާލަމުން މަންޝާ ސަލާމްގޮވާލިއެވެ.

ހަމްރާ އެދުނުގޮތަށް ހާޒިން ހުންނަ ތަނަކަށް އައިސް ވާހަކަދެއްކުމުގެ ކުރިން މަންޝާ އަބަދުވެސް ސަލާން ގޮވައެވެ. އެއީ ތުއްތު ހާޒިންގެ ހިތުގައި އެކަމަށް ލޯބި ޖެއްސުމަށެވެ. ކަބަޑު ކައިރީގައި ހާޒިންގެ އަންނައުނު ނަގަން ހުރި ހަމްރާ އެނބުރި ބަލައިލިއެވެ. ހިނިތުންވެލާފައި ދޮރުމަތީގައި ހުރި މަންޝާ އާ ދިމާލަށް ހަމްރާ ދިޔައެވެ.

އެނދުގައި ހުސްގަޔާ އިން ހާޒިން ތުއްތު އަޑުން ސަލާން ބަލައިގަތެވެ. އެހެންކަމުން ދެމީހުންނަށް އެއްފަހަރާ ހެވުނެވެ.

"މީނައަށް އާދެވިއްޖެދޯ. އަދި ކިރިޔާ ލޮލަށް ފެންނަވަރު މިވީ" ދޮރުމަތީގައި ހުރި މަންޝާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ހަމްރާ ބުންޏެވެ.

"އާދެވުނީމަ މިއައީނު. ކިހިނެއްތަ ކަންތައްތައް؟" މަންޝާ ބުންޏެވެ. "އަނހަ މީނީ ކޮން ކުއްޖެއް" އެނދުގައި އިށީންނަމުން މަންޝާ ބުންޏެވެ. އެވަގުތު ހުސްގަޔާ އިން ހާޒިން ލަދުގަތެވެ. ބާލީސް ނަގާފައި ގައި ނިވާކޮށްލިއެވެ.

"މަންމީ. ޒިންކޮ އެއްޗެއް ނުލައި އިންދާ ގާލް ކުދިން ތިވައްދަނީ" ހާޒިން ބުންޏެވެ. މަންޝާއަށް ހެވުނެވެ.

"މަން މަޑުކޮށްލައްޗޭ. މިކުއްޖާ ރެޑީކޮށްލާފަ މަންމަ ކައިރިއަށް ފޮނުވާލަންދެން. ވަރަށް ވާހަކަ އެބަހުރި" ހަމްރާ ބުންޏެވެ.

ހަމްރާ ހުރިހާ ކަމެއް ކުރަންދެން މަންޝާ އިނެވެ. ފޯނު ނަގައިގެން އިނދެ ނަވާލްގެ ފޮޓޯތަކަށް އޭނާ ބަލަމުން ދިޔައެވެ. ނަވާލްގެ ފޮޓޯ ފެނުމުން އެހެންޏާ ލިބޭ ހިތްހަމަޖެހުން މަންޝާއަށް ނުލިބުނެވެ. އެހެންކަމުން ފޯނު ލޮކްކޮށްފައި ދަބަސް ތެރެއަށް ލިއެވެ.

"ކޮފީ ބޯން ހިނގާ" ހާޒިން ފޮނުވާލާފައި ހަމްރާ ބުންޏެވެ. މަންޝާ ބޯޖަހާލަމުން ހަމްރާ އަތްމަތި އަވަސްކޮށްލާފައި ހާޒިންގެ ރީތިވާ ސާމާނުތައް އެނދުމަތިން ނަގާފައި މަންޝާ ގޮވައިގެން ހިނގައިގަތެވެ.

މޭޒު ކައިރީގައި އިން މަންޝާއަށް ބަލަމުން ކޮފީ ގިރަމުން ހަމްރާ ދިޔައެވެ. ކަމެއްވެފައި އިންހެން ހީވެ ހަމްރާ މަންޝާގެ އަތުގައި ކޮށްޓާލާފައި ކޮފީތަށި ބެހެއްޓިއެވެ. މަންޝާ ބަލައިލުމާއެކު ހީލާފައި ހަމްރާވެސް އިށީނެވެ.

"މިއަދު ހާދަ ފާޑަކަށޭ ތިއިންނަނީ. ކަމެއްވީތަ؟" ހަމްރާ އެހިއެވެ. "ތިދެމީހުން މައްސަލައެއް ޖެހުނީތަ؟"

"މިހާރަކަށް އައިސް ނަވާލް އުޅެނީ ވަރަށް ފާޑަކަށް. އަހަރެން ހިތް ބިރުގަންނަނީ. އަނެއްކާ ނަވާލް އަހަރެންނަށް ގެއްލެނީތަ؟" މަންޝާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"މަށަށް އެނގޭ އޭރުވެސް ވާނީ ތިހެންކަން. އަހަރެން ބުނަމެއްނު ނަވާލްގެ ހުންނަ ގޮތް އަހަރެންނަށް އެހާ ކަމަކުނުދެއޭ. ކާކުތަ މިޒަމާނުގަ ލޯބިވެގެން އުޅޭ ކުއްޖާ ގޮވައިގެން ދުއްވާލަން ނުދާނީ. ގާލްފްރެންޑުގެ އަތުގައި ހިފާނުލާނީ. މަން ކިހާވަރެއް ތިވަނީ އޭނައާ ހެދި. މަން ތިއުޅޭ ގޮތަށް އޭނަ އެބައުޅޭތަ؟" ހަމްރާ ބުންޏެވެ.

"ޕްލީޒް ހަމް. ނަވާލް ގޯސްކޮށްފަ ވާހަކަނުދައްކަބަލަ. އޭނަ އަހަރެންދެކެ ލޯބިވޭ. އަހަރެން އެކަން ގަބޫލުކުރަން. އަހަރެން ހަމް ކައިރިއަށް މިއައީވެސް ބޯހަމަޖައްސާލަން" މަންޝާ ބުންޏެވެ. ދެން ކޮފީތަށިން ކޯވަރެއް ބޯލިއެވެ. މަންޝާގެ އަޑުގައި ރިހުމެއް ހުރިކަން އެނގުމުން ހަމްރާ ދެރަވެއްޖެއެވެ. މޭޒުމަތީގައި އޮތް މަންޝާގެ އަތުގައި އޭނާ ހިފާލިއެވެ.

"އަހަރެން އަބަދުވެސް އެދެނީ މަންއަށް ރަނގަޅުގޮތް ވުމަށް. އެހެންވެ ނަވާލް ރަނގަޅު ނޫން ވާހަކަ އަހަރެން ދައްކަނީ. ދެން އެކަމު އަޅާނުލާ. އަހަރެން ނަވާލާ ވާހަކަދައްކާލަންތަ؟" ހަމްރާ އެހިއެވެ.

"ނޫން ނޫން. އަހަރެން ބުނީމެއްނު ނަވާލް އެހާ ހިތްހަމައެއް ނުޖެހެއޭ މިގުޅުމުގެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނާކަށް" މަންޝާ ބުންޏެވެ.

"ތިއީ އަނެއްކާ އަނެއް ވާހަކަ. މީހަކަށް ތިގުޅުމުގެ ވާހަކަ އެނގުނިއްޔާ ކިހިނެއްވާތީ ނުދައްކާށޭ އެބުނަނީ. އަހަރެން ހަމަ ހައިރާންވެއްޖެ. ތިއީ އަށާރަ އަހަރު ނުފުރޭ ދެ ކުޑަކުދިންނެއް ނޫނޭ" ހަމްރާ ބުންޏެވެ.

"ދެން އަހަރެންގެ ވާހަކަ ބާއްވާފަ ހަމްގެ ވާހަކަ ކިޔާދީބަލަ. ޒިންކޮގެ ބައްޕަގެ ހަބަރެއްނުވޭތަ؟" ނަވާލްގެ ވާހަކަދައްކައިގެން ހަމްރާގެ ލޭހޫނުކުރަން ބޭނުންނުވާތީ މަންޝާ ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ.

"އަހަރެން ނޫޅެން އޭނަގެ ހަބަރެއް ނުވެގެން. ދެ ދަޅާއި ނަގުލެއް އޭނަގެ މަދުވަނީ" ހަމްރާ ބުންޏެވެ.

**************

ގެއަށް ވަދެގެން އައި ނަވާލް ކަރުގައި އޮތް ޓައީއަށް ދޫކުރަމުން އައިސް ސޯފާގައި އިށީނެވެ. ބަދިގެއިން ތަށިތަޅުވާ އަޑު އިވުމުން ތަންކޮޅެއް ބާރަށް ފެންތައްޓެއް ގެނެސްދިނުމަށް ބުންޏެވެ. ސޯފާގެ ލެގޭ ބައިގައި ބޯއަޅާލައިގެން ނަވާލް އިނީ ދެލޯ މެރިފައެވެ. އެއްއަތުގެ އިނގިލިތަކުން ނިތްމަތި މަސާޖުކުރަމުން ދިޔައިރު އޭނާ ބޮލުގައި ރިހެނީކަން އެނގެއެވެ. ސިހުނީ ނަވާލަށް ނަޒާން ގޮވާލުމުންނެވެ.

"ކީއްވެ ދޮންބެ ފެން ގެނައީ ތި. މަންމަ އާއި ނާޔާ ކޮބާ؟" ހަށިގަނޑު ސީދާކޮށްލަމުން ނަވާލް އަހާލިއެވެ.

"އޯޑަރު ދިނީމަ ގެންނަންތާ ޖެހޭނީ" ގޮނޑީގައި އިށީންނަމުން ނަޒާން ބުންޏެވެ.

"ނޭނގެނެއްނު ބަދިގޭގައި ދޮންބެ އުޅޭކަމެއް" ފެންފުޅި އަނގައާ ދިމާކޮށްލަމުން ނަވާލް ބުންޏެވެ.

"ކަމެއްވެފަތަ" ނަވާލްގެ މޫނަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ނަޒާން އަހާލިއެވެ. ނަވާލްގެ ނަޒަރު ބަދަލުކޮށްލީ ނަޒާންގެ ދެލޮލާއެވެ.

"ދޮންބޭ، ވާހަކައެއް އަހާލަންތަ...؟" ނަވާލް ބުންޏެވެ.

"އަހާބަލަ. މަޑުކުރޭ." ނަޒާން ގޮނޑީގައި ހަމަޖެހިލައި ނަވާލް ދައްކަން އުޅުނު ވާހަކައަށް ފުރިހަމައަށް ތައްޔާރުވެލިއެވެ. ދެން ކުޑަމޭޒުމަތީގައި ނަވާލް ބެހެއްޓި ފެންފުޅި އުފުލާލުމަށްފަހު އަނގައަށް ފެންކޯވަރެއް އެޅިއެވެ.

"މިސާލަކަށް ދޮންބެ ނޭކެޑްކޮށް ހުއްޓައި އަންހެންކުއްޖަކަށް ފެނިއްޖެނަމަ ދޮންބެ ކިހިނެއް ކަންތައް ކުރާނީ" ނަވާލް އަހާލި އެއްޗަކުން ނަޒާންގެ އަނގައިގައި ހުރި ފެންތައް ނަވާލްގެ މޫނަށާއި ލައިގެން އިން ގަމީހަށް އެއްކޮށް ބުރައިގެން ދިޔައެވެ. ހިނިގަނޑު އޭނާއަށް ނުހިފެހެއްޓުނެވެ. ނަވާލް މޫނުގައި އަތްހިންގާލަމުން ފުންމައިގެން ގޮސް ޖެހުނީ ނަޒާންގެ އުނގުތެރޭގައެވެ.

"ތީއޭ ދޮންބެ ކައިރީގައި އެއްވެސް ވާހަކައެއް ނުދެއްކޭ ސަބަބަކީ" ނަވާލް ވާހަކަދެއްކި އިރު ގުދަށް އޮވެ ނަޒާން ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ.

"ސޮރީ .... ސޮރީ.... " ނަޒާން ބުންޏެވެ. ފާޑަކަށް ކެއްސަމުން ނަޒާން ވާހަކަދެއްކި އިރު އަދިވެސް ރަނގަޅަށް އޭނާ ހަމަޔަކަށް ނޭޅެއެވެ.

"މިހާރު އޯކޭ.... ކިޔާބަލަ...." ހިންދެމިލި ނަޒާން އެވަރަށް ހުނުމުގެ ސަބަބުން ދެލޮލުން ވެސް ވަނީ ކަރުނަ ހިލިފައެވެ. ކުރިން އިންތަނުގައި ނަވާލް އިށީނދެފައި ނަޒާނަށް ބަލައިލިއެވެ. ދެވަނަ ފަހަރަށް އެ ޖުމްލަ ތަކުރާރުކުރަން އޭނާ ލަދުގެންފައި އިނަސް ނަޒާނާ ސުވާލުކުރިއެވެ.

"އާރ ޔޫ ސީރިޔަސް. ނަވާ އެގޮތަށް ހުއްޓާ ކުއްޖަކަށް ފެނުނީތަ؟ ކޮންއިރަކު؟" ނަޒާން އަހާލިއެވެ. ނަވާލް ބޯޖަހާލިއެވެ.

"އަދި އެގާލް ވެސް ހާފް ނޭކެޑްކޮށްހުއްޓައި އެދުވަހު ފެނުނީ. ގަސްދުގަވީ ކަމެއްނޫން. އެއީ އެކްސިޑެންޓެއް" ނަވާލް އިތުރަށް އޮޅުންފިލުވައިދިނެވެ. ނަވާލް ދައްކަމުންދިޔަ ވާހަކަ އަޑުއަހަން ހިމޭންކަމާއެކު ނަޒާން އިނެވެ. ނަވާލް އިނީ ނަޒާން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

"ތި ދެމީހުން އުޅެނީ ރައްޓެހިވެގެންތަ؟" ނަޒާން އެހިއެވެ. ނަވާލް ދެފަރާތަށް ބޯހޫރާލިއެވެ.

"އެންމެ ފުރަތަމަ ކަމަކީ ނަވާލް ތިއީ އުސޫލުތަކުގައި ހިފަހައްޓާ ކުއްޖެއް. ދެވަނަ ކަމަކީ ނަވާއަށް ތިފެނުނީ އެކުއްޖާ މިހާތަނަށް އެއްވެސް މީހަކަށް ހާމަކޮށްފައިނުވާ ހިސާބަކަށްވެދާނެ. އެކުއްޖާގެވެސް އިއްޒަތަކާއި އަބުރެއް އޮންނާނެ. ހަމަ އެގޮތަށް ނަވާގެވެސް ފެނުނީ. ކޮންމެގޮތެއްވިޔަސް އެއޮތީ އެކަންތައް އެގޮތަށްވެފަ. ދޮންބެ ބުނާނީ ހަޔާތުގެ ބައިވެރިއަކަށް އެކުއްޖާ ހަދަން އުޅޭށޭ. އޭގެކުރިން އެކުއްޖާ ދެކޭގޮތް ބަލައިލުންވެސް މުހިންމު" ނަޒާން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ނަވާލް އިނީ އިސްޖެހިފައެވެ.

އޭނާގެ ދެލޮލުން ކަރުނަތިއްކެއް ވެއްޓުނީ ދެލޯ ކުރިމަތީގައި ކުރަހާލި މަންޝާގެ ހިތްގައިމު ތަސްވީރު ފެނިފައެވެ. އޭނާގެ ވިސްނުމަކީވެސް އެއީއެވެ. ދެރަަވަނީ މަންޝާގެ ހިތްހަލާކުކޮށްލަން ޖެހޭތީއެވެ. ލޯބިވާ މީހާއާ ކައިވެނިކޮށްގެން ހަށިގަނޑު ފެނުނު އަންހެންކުއްޖެއް ކުރިމަތީގައި ދިރިއުޅުން އޭނާއަށް ވާނީ ތަކުލީފަކަށެވެ. އެވެސް މަންޝާގެ އާއިލާ ކުއްޖެއްގެ ކުރިމަތީގައެވެ.

"ކިހިނެއްވީ؟ ދޮންބެގެ ހިޔާލަކަށް ނަވާ އެދުނީތީ ދޮންބެގެ ވިސްނުން ހުރިގޮތް މިބުނީ. ނަވާގެ ލައިފް. ޑިސައިޑް ކުރާނީ ނަވާ. ދޮންބެ ދެން ގޮސްލީ. އެވަރަށް ނުވިސްނާތި" ނަވާލްގެ އިސްތަށިގަނޑުގައި އަތް ހިންގާލާފައި ނަޒާން ގޮސް އޭނާގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކުން އޭނާ އެނބުރި ފަހަތް ބަލައިލިއެވެ. އަދިވެސް ނަވާލް އިނީ ވިސްނުމަކަށް ގެއްލިފައި އިންކަހަލަ ގޮތަކަށެވެ.

"ދެންވެސް ކޮޓަރިއަށް ވަދެފަ އެނދުތަންދޮށާއި އަލަމާރި ފަހަތް ބަލާފަ ނޫނީ އެއްޗެހި ނުބާލާތި" ނަޒާން ބުންޏެވެ. ނަވާލަށް ހެވުނެވެ.

*****************

ދަންވަރު ބާރަޖަހަން ހުރީ އެންމެ މިނެޓެކެވެ. މަޑުމަޑުން ނަވާލްގެ ކޮޓަރި ދޮރު ހުޅުވުނެވެ. ނިދަންލާ ކުރުތާ އާއި ދޫ ހަރުވާޅުގައި ކޮޓަރިން އެނިކުތީ ނަވާލްއެވެ. އޭނާގެ މިސްރާބުހުރީ މައިންބަފައިންގެ ކޮޓަރިއާ ދިމާލަށެވެ. އެކޮޓަރީ ދޮރުމައްޗަށް އެރުމަށްފަހު ނަވާލް މަޑުކޮށްލިއެވެ. ކުރެވެން އުޅެނީ ރަނގަޅުކަމެއް ކަމެއް އޭނާއަށް ނޭނގެއެވެ. އެނގެނީ އެކަމުގައި ގޮތް ނިންމުމުގެ ކުރިން އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން އޭނާ އަމަލުކުރިކަމެވެ. ހުރިހާކަމެއް ދެނެވޮޑިގެންވަނީ އެހެންފަރާތަކުންނެވެ. ދެއަތް ޖޯޑުކޮށްލަމުން ކަނދުރާގައި އަޅުވާލީ ހަދާނެގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ފުން ނޭވައެއް ދޫކޮށްލި އިރު ހީވީ ހިތާއި ސިކުނޑި ތެރޭގައި ހައްޔަރުވެފައިވާ އުދާސްތައް ބޭރުކޮށްލިހެންނެވެ. މަޑުމަޑުން ކޮޓަރި ދޮރުގައި ދެފަހަރަކު ނަވާލް ޓަކި ޖަހާލިއެވެ. ހަމަ އެވަގުތު ދޮރުހުޅުވާލިއެވެ.

"ދަރިފުޅުތަ؟ ކަމަކުތަ؟ ވަދޭ" އާމިރު ބުންޏެވެ. ނަވާލް ހީލަމުން އެތެރެއަށް ވަނެވެ.

"މަންމަ ފާހާނާއިގަ. އިށީނދޭ. ހާދަ ހީވެޔޭ ވާހަކައެއް ބުނަން އުޅޭހެން" އާމިރު ބުންޏެވެ. ނަވާލް އިށީނީ ޑްރެސިން ޓޭބަލް ކައިރީގައި ހުރި ގޮނޑީގައެވެ.

"ވާހަކައެއް ބުނަން މިއައީ. އެކަމު މަންމަ ވެސް ނުކުތީމަ" ނަވާލް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟