ވާހަކަ

ދީވާނާ ހިތް - 02

"ނާޔާ މިއައީ ކަމަކުއޭ. މިތަން ކިޔާލައިދީބަލަ. ތިއްތި ކައިރިއަށް ދިޔައިރު ފާހާނާއިގަ އުޅެނީ" ނާޔާ ނަޒާނާ ކައިރިއަށް ޖެހިލިއެވެ.

"މަޑުކުރޭ. ދޮންބެ މިއަންނަނީ މަންމަ ކޮޓަރިއަށް މިލާފައި. އޭރުން މަންމައަށް އިސްތިރިކޮށްލެވޭނީ" ނަޒާން ކޮޓަރިން ނުކުތް ވަގުތު ނާޔާ މުޅި ކޮޓަރި ހޯދަން ފެށިއެވެ.

ފޮތް ހަރުގަނޑުގައި ހުރި ފޮތްތައް ހާވަން ފެށިއެވެ. ޑްރެސިންގްޓޭބަލް މަތީގައި ހުރި ނަޒާން ބޭނުންކުރާ ސެންޓްތައް ގަޔަށް ޖެހިއެވެ. ދެން ފެށީ މޭޒުމަތީގައި ހުރި ފައިލްތައް ހާވާށެވެ. އެނދުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕް ފެނުނީ ފޫހިވެގެން ދެކޮޅަށް އެނބުރެނިކޮށެވެ. ދެފައި ވަށްކޮށްގެން އެނދަށް އަރައި ލެޕްޓޮޕް ނަގައި ލީ އުނގަށެވެ. ވަގުތުން ލެޕްޓޮޕް ޑިސްޕްލޭ ދިއްލިގެން ދިޔުމާއެކު ނާޔާއަށް އަނގަމަތީގައި އަތް އެޅުނެވެ.

"]ތީ ކޮންކަމެއް...؟" ނާޔާ ސިހުނީ ކައިރިން އިވުނު ނަޒާންގެ އަޑުންނެވެ. ލެޕްޓޮޕް ނަގައި ދުރުގައި ބަހައްޓަމުން ނަޒާން އެނބުރުނީ އަނެއް ފަރާތަށެވެ. ދެން ލެޕްޓޮޕް ލައްޕާލާފައި އަލަމާރިއަށް ލިއެވެ.

"ވާއު ދޮންބޭ ގާލްފްރެންޑެއް ނެގީތަ...؟" އަނގަމަޑުންލައިގެން ނާޔާއަށް ނީނދެވުނެވެ.

"ކީކޭ ތިކިޔަނީ. އަންހެންކުއްޖަކު ފެނުނީމަ އޭގެ މާނައެއް ނޫނެއްނު އެއީ ދޮންބެގެ ގާލްއޭ" ނަޒާން ބުންޏެވެ.

"ދެން؟" ނާޔާ ބުންޏެވެ.

"ދޮންބެގެ ގާލްއަކީ ކާކުކަން ނާޔާ ބޭނުންތަ އެނގެން" ނަޒާން ނާޔާ ކައިރީގައި އިށީނދެ ނާޔާ ގެނައި ފޮތް ހުޅުވާލަމުން ބުންޏެވެ.

"ހޫމް... ބުނެބަލަ. ޕްރޮމިސް ނުބުނާނަން ތިއްތި ކައިރީގަ" ނާޔާ ބުންޏެވެ.

"ހެޔޮ ބުންޏަސް. އެ ގާލްއަކީ ނާއްކޮ" ނަޒާން ވަރުގަދަ ހިނިގަނޑަކާއެކު ބުންޏެވެ. ނާޔާ ތުން އަނބުރާލިއެވެ.

"ކޮން ގާރްފްރެންޑެއް ބޯއީފްރެންޑެއްތަ؟ ކިޔެވުމާ މެދު ނާޔާ ވިސްނަންވީ" ނާޔާގެ ބޮލުގައި ޖަހާލަމުން ނަޒާން ބުންޏެވެ. ނާޔާ ތުންދަމާލިއެވެ.

****************

އޮފީސް ނިންމާފައި ނަވާލަށް ނުކުމެވުނީ މަންޝާއަށް ވުރެ ކުރިންނެވެ. މަންޝާގެ ކޯލް ނަވާލަށް ލިބުނީ އޮފީސް ދޮރުމަތީގައި ސައިކަލް ޕާކް ކުރެވުނު ތަން ހަނދާން ކުރަން ހުއްޓައެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސިއްރުންނެވެ. އެހެންކަމުން އެކުގައި އޮފީސް ތެރޭގައި ނޫޅެއެވެ. މަންޝާގެ އެންމެ ގާތް އެކުވެރިޔާ ހަމްރާ ނޫން އެއްވެސް މީހަކަށް އެކަން ނޭނގެއެވެ.

"ކީކޭ މަން. އެތެރޭގަތަ؟" ކަންފަތުގައި ފޯނު ޖަހައިލަމުން ނަވާލް ބުންޏެވެ.

"މިފަރާތް ބަލާލަބަލަ" މަންޝާ ބުންޏެވެ. ނަވާލް ބަލައިލިއެވެ. ފެނުނީ ކުޑަ ތަންކޮޅެއް ދުރުގައި ހުރި މަންޝާއެވެ. ނަވާލަށް މަންޝާ އެއްލޯ މަރާލިއެވެ. އެއާއެކު ނަވާލް ހީލިއެވެ.

"ކޮންއިރަކުންތަ ނަވާގެ ސައިކު ފަހަތުގައި އަހަރެން ގެންދާނީ. ވަރަށް ބޭނުން އެކުގައި ދުއްވާލަންދާން" މަންޝާ ބުންޏެވެ.

"މެރީކޮށްފައެއްނު. އެނގޭނު އަހަރެން އެހާ ކައިރިވާހިތެއް ނުވާކަން ރައްޓެހިވެގެން އުޅޭއިރު" ނަވާލް ބުންޏެވެ.

"އެނގެޔޭ. ދެން އެހެންވިއްޔާ އުޅެބަލަ މެރީކުރަން" މަންޝާ ބުންޏެވެ.

"ވަރަށް އަވަހަށް އުޅޭނަން ތިކަމާ" ނަވާލް ބުންޏެވެ. މަންޝާ ހީލިއެވެ.

"އެންމެ ފަހަރަކު ބުނެބަލަ ނަވާލް ލޯބިވޭތަ؟" މަންޝާ އަހާލިއެވެ. ބައެއްފަހަރު ނަވާލް އުޅޭލެއް ދުރުކަމުން މަންޝާއަށް ގަބޫލުކުރަން ދަތިވެއެވެ. ގުޅާ ކޮންމެ ފަހަރަކު ނަވާލް ލޯބިވާ ވާހަކަ ނުބުނާތީ މަންޝާއަށް އެލޯތްބާމެދު ޝައްކުވެއެވެ.

"ލޯބިވޭ. ދެން ނާހައްޗެ. ހާދަވަރަކަށޭ މިހާރު ތިހެން ތިއަހަނީ" ނަވާލް ބުންޏެވެ. ބަދަލުގައި މަންޝާ ވެސް ލޯބިވާ ވާހަކަ ބުނެ ފޯނު ބޭއްވިއެވެ.

ސައިކަލުގައި އައި ޒަވީ މަންޝާ ކައިރިއަށް މަޑުކޮށްލީ ނަވާލަށް މަންޝާ ބަލަހައްޓައިގެން ހުއްޓައެވެ. ނަސީބަކުން ޒަވީގެ ސަމާލުކަން ނަވާލަށް ހުއްޓުމުގެ ކުރިން އޭނާ ސައިކަލް ދުއްވާލިއެވެ.

*************

ގެއަށް ވަދެގެން ދިޔަ މަންޝާއަށް ސިޓިން ރޫމުގައި ދިލްޝާދާއި ޒައިދުގެ މެދުގައި އިން އަންހެންކުއްޖާ ފެނިފައި އުދުއްސައިނުގަތީ ކިރިޔާއެވެ. މަންޝާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ކޮންއިރަކު ތިއާ އައީ؟" މަންޝާ ބުންޏެވެ. ދެން އެދިޔަބާރުމިނުގައި ގޮސް ތިއާގެ ގައިގައި މަންޝާ ބައްދާލިއެވެ. ދެ އަންހެންކުދިންގެ ހުނުމުގެ އަޑު ގޭތެރޭގައި ހިފާލިއެވެ. އެމަންޒަރު ބަލަން އާއިލާގެ މެންބަރުން ތިބީ ހެވިފައެވެ.

"މަން.....ހާދަ ހިއްކޭ...." މަންޝާއަށް ބަލައިލަމުން ތިއާ ބުންޏެވެ.

"މަށަށް އޭރުވެސް އެނގޭ މިދެމީހުން އެއްތަންވެއްޖިއްޔާ އުޅޭނީ މިހެންކަން. ބަލަ ދެން އާދޭ އިށީންނަން" ދިލްޝާދު ދެކުދިންގެ އަތުގައި ހިފައިގެން އައިސް ސޯފާ ގޮނޑީގައި ބޭންދިއެވެ.

"ދަރިފުޅާ. ތިއާ ހުންނާނީ ދެން މާލޭގަ. ދޮންތަމެންވެސް އަންނާނެ ހަވީރު. ދަރިފުޅުމެން ދެކިލާހިތުން އެ އަންނަނީ. ދެން މިހާރު ތިއާ އިންނާނީ ވަރަށް ވަރުބަލިވެފައެއްނު. ތިއާ ކޮޓަރިއަށް ފޮނުވާލާ އަވަހަށް" ޒައިދު ބުންޏެވެ. މަންޝާ ތިއާ ގޮވައިގެން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

ތިއާއަކީ ޒައިދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ހަދީޖާގެ އެންމެ ކުޑަ ދަރިއެވެ. ބޮޑަށް ހުންނަނީ ހުރިހާ ކުދިންގެ ދޮންތަ ރީމާއެވެ. ރީމާ އާއި ތިއާ ކުޑައިރު އެކުދިންގެ މަންމަ ހަދީޖާ ވަނީ ނިޔާވެފައެވެ. އެދެބެން މީހުންނަށް ހެދީ ޒައިދާއި ދިލްޝާދެވެ. ސްކޫލް ނިންމާލިތަނާ ރީމާގެ ނަސީބު އަތުގައި ހިފީ ރާއްޖެއިން ބޭރު މުއްސަނދި ވިޔަފާރިވެރިޔަކު ރީމާގެ ލޯތްބަށް އެދުނު ހިސާބުންނެވެ. ޒަހުރާންގެ އަންބަކަށްވެގެން ރީމާގެ ދިރިއުޅުން އޮސްޓްރޭލިޔާއަށް ބަދަލުކުރީ ތިއާވެސް ގޮވައިގެންނެވެ. މިފަހަރު ތިއާ އެއައީ އެނބުރި ނުދާ ގޮތަށެވެ. އޭނާ ބޭނުންވަނީ ދިވެހިންގެ ތެރޭގައި އުޅޭށެވެ. ރީމާ ފަދައިން ހަޔާތުގެ ބައިވެރިއަކަށް ބޭރު މީހަކު ގެންނަން ތިއާ ބޭނުމެއް ނުވެއެވެ.

ތިއާ އަކީ އިސްކޮޅާއި ރޫފަ އެއްވަރު ހުދު ދޮންކަމެއް ލިބިފައިވާ ރީތި ކުއްޖެކެވެ. މަންޝާ ފަދައިން ތިއާއަށް ވެސް ލިބިފައިވަނީ ބުޅި އިސްތަށިގަނޑެކެވެ. ތަފާތަކީ ތިއާގެ އިސްތަށިގަނޑު އުނަގަނޑުން ތިރިއާ ހަމައަށް އަރާކަމެވެ. ހެއްދެވި ފަރާތުގެ ފުރިހަމަ މިސާލެކެވެ. އޭނާގެ ހިތް ޒުވާނަކަށް ދިނެވެ. އެހެންނަމަވެސް ބަދަލުގައި އޭނާއަށް ބިރުވެރިކަމާއި ސިހުން ނޫނީ އެހެން އެއްވެސް އެއްޗެއް ނުލިބުނެވެ. ފަހުން އޭނާގެ ހުރިހާ ޝައުގުވެރިކަމެއް ހުސްކުރީ ކިޔެވުމަށެވެ. އެހެންކަމުން މިއަދު ތިއާ އަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެކެވެ.

*****************

ބެލްކަނީގައި އިންދާފައި ހުރި ގަސްތަކަށް ފެންދޭން އުޅުނު މާޝިތާ ސިހުނީ ދާދި ކައިރިން އިވުނު ނަވާލްގެ އަޑުންނެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. އެވަގުތު ގޭތެރެއިން މާޝިތާ ނޫން އެހެން މީހަކު ނުފެނެއެވެ.

"ދަރިފުޅުތަ؟ މަންމަ ހީކުރީ ކޮޓަރީގައި ގިނައިރުވީމަ ދަރިފުޅަށް ނިދުނީ ކަމަށް" ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ނުގެނެސް މާޝިތާ ވާހަކަދެއްކިއެވެ.

"ނޫން. ފޯނެއްގަ އޮތީ. ކޮބާ ނާޔާ؟ ދޮންބެ އާއި ބައްޕަވެސް ނުފެނޭ" ހުރިހާ ދިމާލަކަށް ކަޅި ހިންގައިލަމުން ނަވާލް އިށީނީ ބެލްކަނީގައި ހުރި ޖޯލިފަތީގައެވެ.

"ދޮންބެ ނަމާދުން އައިފަހުން އަދި ނުނިކުމޭ. ނިދިފަ ކަންނޭނގެ. މަންމަ ވެސް ބަލާނުލަން. ނާޔާ ގޮވައިގެން ކްލާސް ކުއްޖެއްގެ ގެއަށް ގޮއްސަވެއްޖެ ބައްޕަ" މާޝިތާ މަސައްކަތުގައި ހުރެ ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.

"މަންމާ! މިރޭ އޮފީސް ކުދިން އަންނާނެ ކެއުމަކަށް މިގެއަށް. ވަރަށް ވަގުތު ކުޑަތަންވެސްވެއްޖެދޯ. އެކަމު މިހާރު ހުރިހާ ކުދިންނަށް ދައުވަތު އެރުވިއްޖެ. ހަނދާންނެތުނީ މަންމަ ކައިރީގައި ބުނެލަން" ފޯނުން ނަޒަރު ވަކިކޮށް މާޝިތާއަށް ބަލައިލަމުން ނަވާލް ބުންޏެވެ.

"ތީ އެހާ ކަމެއްތަ. ވަގުތު އެބައޮތެއްނު. އިޝާވަގުތު ވާއިރަށް ނިންމާލެވޭނެ. ނާޔާ ވެސް އަންނާނެ އެހާ އިރަށް" މާޝިތާ ބުންޏެވެ.

"ނާޔާ ބަހައްޓާ. ހިނގާ އަޅުގަނޑާއެކު" މާޝިތާގެ އަތުގައި ހިފައިގެން ނަވާލް ވަނީ ބަދިގެއަށެވެ.

މާޝިތާ ހުރީ ހިނިއައިއްސައެވެ. ނަވާލް ނޫނީ ބަދިގޭ މަސައްކަތް ކުރަން އެނގޭ ދަރިއަކު ނެތެވެ. ފިޔާ އާއި ކެރެޓް ފަދަ އެއްޗެހި ކޮށާއިރު އެކަމަށް ހާއްސަކޮށްފައިވާ މީހެކޭ ތަފާތެއްވެސް ނެތެވެ. ނަވާލްގެ އެހީތެރިކަމާއެކު މާޝިތާ ކައްކަން ފަށައިގެން ބުނި ގަޑިއަށް ނިންމާލެވޭތޯ މަސައްކަތް ފެށިއެވެ. އޮފީހުން ނަވާލަށް ކުރިއެރުން ލިބުނީތީ މާޝިތާ ހުރީ ނުލާހިކު ހިތްހަމަޖެހިފައެވެ.

****************

ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި މަންޝާއަށް ބަލަހައްޓައިގެން ތިއާ އިނެވެ. ތުންފަތްމަތީގައި ވަނީ ހިނިތުންވުމެވެ.

"މި ހެދުން ރީތިތަ؟ އޭނަ ބުނި މިހެން ހެދުން އެޅީމަ ވަރަށް ރީއްޗޭ" މަންޝާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"އޭނަ؟ އޯވް..... ބޯއީފްރެންޑްދޯ.... އިންޓްރެސްޓިންގް" ތިއާ ބުންޏެވެ.

"ބާރަށް ނުކިޔައްޗެ. އެއްވެސް މީހަކަށް އަދި ނޭނގޭނެ" ފުންމައިގެން އައިސް ތިއާ އާ ޖެހިގެން އިށީންނަމުން މަންޝާ ބުންޏެވެ.

"އޯކޭ. ލޮކް އަޅުވައިފިން" އަނގަމަތީން އަތް ނުޖައްސައި ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ބޮޅެއްހެން ފިއްތާލާފައި އެއްކޮޅުން އަނެއްކޮޅަށް ދަމާލަމުން ތިއާ ބުންޏެވެ.

"އެކަމު ކިޔައިދީބަލަ" ދެފައި ވަށްކޮށްގެން އިނދެ ކުޝަން ނަގައި އުނގުމަތީގައި ބާއްވާފައި ތިއާ އެހިއެވެ. ތިއާ އިނީ މަންޝާ ރައްޓިހިވެގެން އުޅޭ ކުއްޖާގެ މައުލޫމާތު އެނގެން ބޭނުންވެފައެވެ.

"މަޑުކުރޭ. ވަރަށް ހޭންޑްސަމް ވާނެ އޭނަ. ނަމެއް ނުބުނާނަން އަދި. އެކަމު ވަރަށް އަވަހަށް ބައްދަލުކޮށްދޭނަން. އެނގޭތަ މިއުޅެނީ މެރީކުރަން. އޭނަ ބޭނުމެއް ނުވޭ ރައްޓެހިވެގެން އުޅޭކަށް. ވަރަށް ތަފާތު މީހެއް" މަންޝާ ވާހަކަދެއްކިއެވެ. ނަވާލްގެ ވާހަކަ ފެށުމާއެކު ކޮޓަރިތެރޭގައި މަންޝާގެ އަޑު މަޑުވެއްޖެއެވެ.

"އަސްލު. ވަރަށް ދެކިލާހިތްވެއްޖެ ތި ބޯއީ" ތިއާ ޝައުގުވެރިކަން ފާޅުކުރިއެވެ.

"އަދި މަޑުކުރޭ" މަންޝާ ބުންޏެވެ.

"އޯކޭ... އެކަމު އެހާ ގިނަ ދުވަހު އަނގަމަތީގައި ޓޭޕް އަޅައިގެން މަށަކަށް ނުހުރެވޭނެ" ތިއާ ބުންޏެވެ.

"އެކަމު އެނގޭތަ؟ ރައްޓެހިވެގެން އުޅޭތާ ދެމަސްވެގެން ދިޔައިރުވެސް އަހަރެން އޭނަގެ ސައިކަލު ފަހަތަށް ނާރުވާ. އަތުގަވެސް ހިފާނުލާ" މަންޝާ ބުންޏެވެ. ދެރަވެފައި ހުންނަ ގޮތަށް ދެ ތުންފަތް ބަނޑިކޮށްލަމުން މަންޝާ ބުންޏެވެ. ތިއާއަށް ހެވުނެވެ.

"ވަރަށް ރަނގަޅު ކުއްޖެއްތާ ތީ އެހެންވީމަ" ތިއާ ބުންޏެވެ. އެއްބައިވުމުގެ ގޮތުން މަންޝާ ބޯޖަހާލިއެވެ.

"ދެން ކިޔާބަލަ ތިއާގެ ވާހަކަ" މަންޝާ އެހިއެވެ. ދެން އިސްތަށިގަނޑު ރީތިކުރަމުން ގޮސް އަނެއްކާވެސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ.

އެނދުމަތީގައި އިން ތިއާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ސިހުމެއް ދެލޮލުން ފާޅުވިއެވެ. ނޭވާ އަވަސްވިކަން ވެސް އެނގެނީ ހަމައެކަނި ތިއާއަށެވެ. ހަނދާންކުރަން ބޭނުންނުވާ އިންސާނެއްގެ ސޫރަ ހީވީ ކުރިމަތިން ފެނުނުހެންނެވެ.

"އޭތް... ކިހިނެއްވީ އަނެއްކާ" ތިއާއަށް ވެފައި އިންގޮތް ފެނިފައި މަންޝާ އެހިއެވެ.

"އަހަރެން... އަހަރެންގެ ނުހުރޭ..." ތިއާ ބުންޏެވެ. ކަމެއް ސިއްރުކުރިކަން މަންޝާއަށް އެނގިދާނެތީ ތިއާ ބޭނުންވީ އަވަހަށް އެކޮޓަރިން ނުކުންނާށެވެ.

*************

ސަލާން ގޮވާލީ މަންޝާއެވެ. ސޯފާގައި އިން އާމިރު ޓީވީގެ އަޑުމަޑުކޮށްލާފައި ސަލާން ބަލައިގަތެވެ. ބެލްކަނީގައި ތިބި މާޝިތާ އާއި ނަވާލް އެތެރެއަށް ވަނީ އެއްކޮށް ކަހަލަ ގޮތަކަށެވެ. މަންޝާ ފެނުމާއެކު މާޝިތާގެ ފަހަތުގައި ހުރި ނަވާލް ހީލައިފިއެވެ. މަންޝާ ކައިރީގައި ހުރި ތިއާއަށް ވެސް ނަވާލް ހީލިއެވެ. ކެއުމަށް ދާއިރު އެކުގައި އާއިލާ ކުއްޖަކު ދާނެ ކަމަށް މާކުރިން މަންޝާ އޮތީ ނަވާލް ކައިރީގައި ބުނެފައެވެ. ނަވާލް ފެނުމުން ހިތަށް ލިބުނު އުފަލުގައި ކައިރީގައި ހުރި ތިއާގެ އަތަށް ފިތާލެވުނު އިރު ވެސް މަންޝާއަށް ނޭނގުނެވެ. ހޭވެރިކަމެއްވީ މަންޝާގެ އަތުގައި ތިއާ ހިފައި ތަޅުވާލުމުންނެވެ. ދެޖީބަށް އަތް ޖަހާލަމުން ނަވާލް އައިސް އާމިރާ ޖެހިގެން އިށީނެވެ.

އެންމެ ފުރަތަމަ އައި ދެކުދިންނަކީ މަންޝާ އާއި ތިއާއަށް ވީތީ ގޭތެރޭގައި ތިބި އާއިލާ މީހުން ދެކުދިންނަށް މާޝިތާ ތައާރަފުކޮށްދިނެވެ. އަދި އިށީންނަން އެދުނެވެ. އިރުކޮޅަކާ ނަވާލާއި މަންޝާ ސިއްރު ސިއްރުން އެކަކު އަނެކަކަށް ބަލައިލައެވެ. ތިއާގެ ނަޒަރު ސީދާވެފައި ވަނީ ކުރިމަތީގައި ހުޅުވާފައި ހުރި ޓީވީއަށެވެ.

އިސާހިތަކު ފަހަރަކު ގުރޫޕެއް ކަމަށް އައިސް ނަވާލްގެ ގެ އެއްކޮށް ފުރާލައިފިއެވެ. ކޮންމެ ކުއްޖެއްގެ ވެސް ގޭތެރެއަށް ވަންނަގޮތަށް ނޭފަތް އެތެރެއަށް ދަމާލައެވެ. ނަވާލްގެ އޮފީސް ކުދިންތައް ހަމަވުމާއެކު ކެއުން ފެށުނެވެ. އެ ކެއުމުގައި ނަޒާން ބައިވެރިނުވީތީ ނަވާލް ޝަކުވާ ކުރިއެވެ.

"ކޮންމެހެންވެސް ދޮންބެ ދާންޖެހުނީ" މާޝިތާ ބުންޏެވެ.

ހިތްހަމަނުޖެހިފައި ހުއްޓަސް ނަޒާންގެ އެ އުޒުރު ނަވާލު ގަބޫލުކުރިއެވެ. އެހެނީ ފުލުހުންނަކީ ސައުވީސް ގަޑީރު ރައްޔިތުންގެ ހިދުމަތުގައި ތިބެންޖެހޭ ބައެކެވެ. ހުކުރެއް ހޮނިހިރެއް އީދެއް ވަޅު އީދެއް އޮންނަ ބައެއް ނޫނެވެ.

ކައި ނިމިގެން ފުރިޖު ކައިރިއަށް މަންޝާ ޖެހިލީ އަތްގާތް ކުރަން ހުރި ނާޔާއަށް އެހީވެދިނުމަށެވެ. ކޯކްތައްޓެއް ހިފައިގެން ތިއާ ބެލްކަނީގައި ހުއްޓެވެ. މީހުން ތެރެއަށް ނުކުމެ އުޅެން އާދަވެފައި ނުވާތީ ތިއާ މަޑުކޮށްގެން ހުރީ ހިމޭން ތަނެއްގައެވެ. އެކުގައި ދިޔުމަށް މަންޝާ އެދުމުން ތިއާއަށް އިންކާރުކުރަން ނުކެރުނީއެވެ.

ތިއާ ހޯދަމުން ދިޔަ މަންޝާ ސިހުނީ ފަހަތުން އޭނާގެ އަތުގައި މީހަކު ހިފުމުންނެވެ. ބަލައިލި އިރު ނުލަފާ ޒާތަކަށް ހީގަނެގެން ހުރީ ޝައިހާނެވެ. މަންޝާގެ ދެލޮލުން ރުޅިވެރިކަން ފާޅުވެލިއެވެ. ޝައިހާންގެ އަތް ދުރަށް ފޮޅުވާލިއެވެ.

"މިރޭ ވަރަށް ލޯބި. އެކަމު ހެދުން ތަންކޮޅެއް ކުރުކޮށްލިއްޔާ މާރީތިވާނެ" އެމަންޒަރު ފެނުނު ނަވާލް އެދިމާލަށް ހިނގައިގަތެވެ. ނަވާލް ގޮސް ހިފެހެއްޓީ ޝައިހާންގެ އަތުގައެވެ. އެދިމާލަށް ގިނަ ބައެއްގެ ނަޒަރު ހުރީ ހުއްޓިފައެވެ.

"ކަލޭ ކިހިނެއް ތިއުޅެނީ. މީކީ އޮފީހެއް ނޫން. ތީ ވަރަށް ހަޑިގޮތެއް" ނަވާލް ބުންޏެވެ. ވަރަށް ފަސޭހައިން ޝައިހާން މަންޝާ އާ ދުރަށް ޖެހުނެވެ.

"ކަލޭ އިސްލާހުވާންވެއްޖެއްނު. ތަނަކުން ހަމަ އަންހެނަކު ފެނުނީމަ ނުހުރެވެނީތަ؟ ކަލޭ ޖެހޭނީ މަންޝާ ކައިރީގައި މައާފަށް އެދެން. އެހެން ނޫނީ އަނެއްކާ ކަލޭގެ މައްސަލަ ބޮސް އާ ހަމައަށް އަހަރެން ގެންދާނަން" ނަވާލް ބުންޏެވެ. މަޑުން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑުގައިވި އިންޒާރުގެ އަޑު ޝައިހާނަށް އިވުނެވެ.

ޝައިހާން ދަތްކުނޑި ވިކާލާފައި އެންމެންނާ ދިމާލަށް ބަލައިލިއެވެ. ފަހު މީހަކަށް މަންޝާއަށް ބަލައިލުމަށްފަހު މައާފަށް އެދުނެވެ. މަންޝާ ދޭނެ ޖަވާބަކަށް ބެލުމެއްނެތި ޝައިހާން ދުރަށް ދިޔައެވެ. ނަވާލް މަންޝާއަށް ހިނިތުންވުމެއް ދިނެވެ.

"ޝުކުރިއްޔާ" ހީލަމުން މަންޝާ ބުންޏެވެ.

އެވަގުތު ބަދިގެއިން ރިހަ ބޯތައްޓެއް ހިފައިގެން ނުކުތް ނާޔާ ނަވާލާ މުޑި އެރިއެވެ. ރިހައެތި އެކީގައި ނަވާލްގެ ގަމީހާއި ފަޓްލޫނުގެ އިތުރުން އަރައިގެން ހުރި ބޫޓްވެސް ހަރާބުވިއެވެ. ނަވާލް ރުޅި އައުމުގެ ކުރިން ނާޔާ މައާފަށް އެދިފައި މާޝިތާއާ ދިމާލަށް ދުއްވައިގަތެވެ. ރުޅި އައުމުގެ ބަދަލުގައި ނާޔާގެ އެ އަމަލުން ނަވާލަށް ހެވުނެއެވެ. ނަވާލް ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.

*********

ލައިގެން ހުރި އަންނައުނު ބަދަލުކުރުމަށް ނަވާލް ކޮޓަރިއަށް ވަނުމަށްފަހު ދޮރު ތަޅުލިއެވެ. ގަމީހުގެ ގޮއްތައް ނައްޓަން ފެށީ ދޮރު ކައިރީގައި ހުރެއެވެ. އިސާހިތަކު މުޅި ކޮޓަރިތެރޭގައި ރިހައިގެ ވަސް ހިފާލިއެވެ. ނަވާލް އަނގަ ހަދާލިއެވެ. ހުރިހާ އަންނައުނެއް ހަށިގަނޑާ ވަކިކޮށްލުމަށްފަހު ފަސް އިނގިލީގެ ކުރިން ބޭލި އެއްޗެހި ހިފައިގެން އޭނާ ހިނގައިގަތީ ފާހާނާއާ ދިމާލަށެވެ. ކުއްލިއަކަށް ވީނުވީއެއް ނަވާލަށް ނޭނގުނެވެ. ފާހާނާގެ ތަންޑު ނައްޓާލި އަޑު އިވުމާއެކު ނަވާލް ސިހުނެވެ. ތެޅިގަތްއިރު ހީވީ ހޫނުފެން އެއްޗެއްގެ ތެރެއަށް ވެއްޓުނުހެންނެވެ. ހަމަ އެސިކުންތުގައި ފާހާނަ ދޮރުމަތީގައި ހުރި އަންހެންކުއްޖާއާ ނަވާލްގެ ނަޒަރު ބަދަލުވެއްޖެއެވެ. ދެ ޒުވާނުންވެސް ގަނޑުވެފައި ތިބި ކަހަލައެވެ. ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމާއެކު އަތްމަތީގައި ހުރި އަންނައުނުތައް ދޫވިއެވެ އެއްވެސް ފޭރާމެއް ނެތް އަމިއްލަ ހަށިގަނޑަށް އޭނާ އަމިއްލައަށް ނަޒަރު ހިންގާލިއެވެ. ނޭވާ އަވަސްވެގެން ދިޔައިރު ހަށިގަނޑު ނިވާކުރާނެ ގޮތެއް އެވަގުތު ނަވާލްގެ ވިސްނުމަކަށް ނައެވެ. ފާހާނާ ދޮރުމަތީގައި ހުރި ތިއާ ހުރީ ހުއްޓުން އަރާފައެވެ. އެއީ ހަގީގަތްބާއޭ އެތައްފަހަރަކު އޭނާ ހިތަށް އަރައިފިއެވެ. ނަވާލް ފަދައިން އެވީ ސިކުންތުކޮޅުގައި ކަންތައް ކުރާނެ ގޮތެއް ތިއާއަށްވެސް ނޭނގުނެވެ. ނަވާލްގެ ހަށިގަނޑު ނޫން އެހެން ދިމާލަކަށް ތިއާއަށް ނުބެލެއެވެ. ހީވީ ރިމޯޓަށް މަސައްކަތްކުރާ ބުދެއްހެނެވެ. ފާހާނާގެ ތެރެއަށް ދެމިގަންނަންވީ ކަމެއް ހަށިގަނޑުން ކަޝްފުވެފައި ހުރި ހިސާބު ނިވާކުރަންވީ ކަމެއް ނޭނގުނެވެ. އޭނާގެ ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މަތިން ލާ އެއްވެސް އަންނައުނެއް ހުދު އޭނާގެވެސް ނެތްކަން ވިސްނާލެވުނީ މާފަހުންނެވެ. ނަވާލްގެ އެނދުމަތީގައި ހުރި މަތިން ލާ އެއްޗެހި ހިފައިގެން ތިއާ އެނބުރުނީ އަނެއްފަރާތަށެވެ. އެހާ އަވަހަށް ފާހާނާއަށް ވަދެ އެއްޗެހި ލިއެވެ. ގަމީސްކޮޅު ގޮށްއަޅުވާފައި އިނގިލީގައި ދަތްއަޅައިގެން އިރުކޮޅަކު ތިއާ ހުއްޓެވެ. އެންމެފަހުން ފާހާނާއިން ނުކުތީ ނަވާލް ދާނެހާ އިރުކޮށްފައެވެ. އެހެންނަމަވެސް ތިއާއަށް ލިބުނީ ސިހުމެވެ. އަދިވެސް ގަބުއަރާފައި ނަވާލް ހުއްޓެވެ. ވީގޮތުން ޝޮކެއްގައި ހުރި ކަހަލައެވެ. ކޮޓަރީ ދޮރާ ދިމާލަށް ދިޔައިރު ތިއާގެ ހިތް ހީވަނީ މޭފަޅާލާފައި ނުކުންނަން އުޅޭ ހެންނެވެ. ކުރިއަށް ދިޔަ ތިއާގެ ފިޔަވަޅު ހުއްޓުނީ ފާހާނާގެ ދޮރުޖެހުނު އަޑަށެވެ. ފަހަތް ބަލައިލި އިރު ނަވާލެއް ނެތެވެ. މޭގައި އަތް އަޅާލައި ހަމަޖެހިލަމުން ތިއާ އެކޮޓަރިން ނުކުތެވެ. ދުވަހަކުވެސް އެހާ ބިރެއް ތިއާ ނުގަނެއެވެ. ސިޑިން ފައިބައިގެން ދިޔައިރުވެސް ރޯމަހެއް ތެޅޭހެން ތިއާގެ ހިތް ތެޅެމުން ދިޔައެވެ.

(ނުނިމޭ)