ހާމިދު އަބްދުލް ޤަފޫރު

ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެއްވުމަކީ އިންސާފެއް ނޫން، ދީނީކަމެއް ވެސް ނޫން: ހާމިދު އަބްދުލް ގަފޫރު

އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެއްވުމަކީ އިންސާފެއް ނޫން ކަމަށާއި އެއީ ދީނީ ކަމެއް ވެސް ނޫން ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.

ހާމިދު މިހެން ވިދާޅުވީ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމް އިންޑިއާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓި މައްސަލައިގައި ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓާ ގުޅިގެން މީޑިއާތަކުން ކޮށްފައިވާ ޚަބަރު ޓެގްކުރައްވައިފަ އެވެ.

.

ޝެއިޚް ޝަމީމް ހިފެހެއްޓި މައްސަލައިގައި ޑރ. ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެ ހާދިސާ އިން ރަމްޒު ކޮށްދެނީ ކުރިޔަށް އޮތީ އިލްމުވެރީންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. "ވަކި ފެކްޝަނަށް ނިސްބަތްވާ މީހަކު ނަމަ އެމީހަކަށް ގެއްލުން ދިނުމަކީ ތި ގެންނަން އުޅޭ އިންސާފުގެ މަގުތޯ؟" ސުވާލު ކުރައްވައިފަ އެވެ.

ޑރ. ޝަހީމް އަށް ރައްދުދެއްވަައި ހާމިދު ގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ޑިމޮކްރެޓިކް ވެރިކަމަކީ ހަގީގީ ދީނީ އިލްމުވެރީންނަށް އިހުތިރާމް ކުރާ ވެރިކަމެއް ކަމަށެވެ. އިސްލާމް ދީން ގަބޫލުކުރާ ދިވެހި ވެރީންނާ ދެކޮޅަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެއްވުމަކީ އިންސާފެއް ނޫން ކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވި އެވެ.