އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޮރަޕްޝަން އިތުރުވެ ރައްޔިތުންގެ އިތުބާރު ގެއްލި ވެރިން ވަގުންނަށް ވެއްޖެ ކަމަށް ވެރިކަން ހިންގާ މައި ޕާޓީ، އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން ހިންމަފުށީ އައްސޭރި ޖަލުގެ ޑިރެކްޓަރު އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ ސަސްޕެންޑް ކޮށްފައިވާ ހަބަރު ރީޓުވީޓް ކުރައްވައި، ހާމިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ މެނޭޖްމެންޓާއި ޑިސިޕްލިން ވެސް ގެއްލިއްޖެ ކަމަށެވެ.
ވަގު ބްރޯ ބޭރު ކުރުމަށް ވެސް ހާމިދު ވަނީ ގޮވާލައްވައިފައެވެ.
"ސަރުކާރުގެ މެނޭޖްމެންޓާއި ޑިސިޕްލިން ގެއްލިއްޖެ. ކޮރަޕްޝަން އިތުރުވެ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ. މަތީގައި ތިބި ވެރިން ވަގުންނަށް ވެއްޖެ. ވަގު ބްރޯ ބޭރު ކުރޭ،" ހާމިދު ވިދާޅުވިއެވެ.
ހާމިދު މިހެން ވިދާޅުވި ނަމަވެސް ވަގު ބްރޯ އަކީ ކާކުކަމެއް ހާމިދު ވިދާޅުވެފައެއް ނުވެއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމު ވަކިކުރަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިގެން އުޅުއްވާ މަސައްކަތްތަކުގައި، އެއްފަހަރަކު ބްރޯގެ ނަމުން، ފައްޔާޒަށް ރައީސް ނަޝީދު މުހާތަބު ކުރައްވާފައި ވެއެވެ.
ރައީސް ނަޝީދު އިންޒާރެއްގެ ގޮތުގައި ފައްޔާޒަށް ނިސްބަތް ކުރައްވައި ވިދާޅުވެފައިވަނީ، ބްރޯވެގެން ނޫޅުމަށެވެ.
"ފަޔާ ވެސް ބްރޯ ވެގެން ނޫޅޭ. ނިޒާމުގެ ތެރޭގައި އުޅުއްވާ،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.