ޚަބަރު

މާލެއަކީ ރާއްޖޭގެ ޓުއަރިޒަމް ހަބް ކަމަށްވީ ނަމަވެސް މިވަގުތު މާލެ އަކީ ސްލަމް އެއް: ހާމިދު

މަރިޔަމް ޝަހުދާ

މާލެއަކީ ރާއްޖޭގެ ޓުއަރިޒަމް ހަބް ކަމަށްވީ ނަމަވެސް މި ވަގުތު މާލެ އަކީ ސްލަމް (ތޮއްޖެހިފައިވާ ސިޓީ)އެއް ކަމަށް އެމްޑީޕީގެ އިންޓްނޭޝަނަލް ތަރުޖަމާނު ހާމިދު އަބްދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.

ހާމިދު މިހެން ވިދާޅުވެފައި ވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކަލްޗަރަލް ޓޫރިޒަމް އިސްތިހާރު ކުރައްވަން އިންޑިއާއަށް ވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ހާމިދު ވަނީ ކަލްޗަރަލް ޓުއަރިޒަމް ކުރިއެރުވުމަށް ކައުންސިލްތަކުގެ ދައުރު ބޮޑުކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މާލެއަކީ މިހާރު ފަތުރުވެރިންގެ މައި ސަރަހައްދުނަމަވެސް 'ސްލަމް' ސަރަހައްދަކަށް ވެފައި ވާތީ، ސަރަހައްދުގެ ކެޕިޓަލް ސިޓީތަކާއި ވާދަކުރެވޭވަރުގެ ހިތްފަސޭހަ ސިޓީ އަކަށް މާލެ ބަދަލުކުރަން ޖެހޭ ކަމަށް ހާމިދު ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު މިނިސްޓަރު އަލީ ވަހީދު އިންޑިއާއަށް ކަލްޗަރަލް ޓޫރިޒަމް އިސްތިހާރު ކުރައްވަން ފުރާވަޑައިގަތުމަށް ނިންމަވައިފައިވާއިރު އެ ދަތުރުފުޅުގައި މިނިސްޓަރު ވަނީ މާލެ ސިޓީ، އައްޑު ސިޓީ އަދު ފުވައްމުލަކު ސިޓީގެ މޭޔަރުންގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ގެންދެވުމަށް ނިންމަވައިފައެވެ.