ޝަހީދާ އަބްދުﷲ ސައީދު
ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޗެލެންޖުކުރަން ޕޯޑިއަމަށް ވަޑައިގަންނަވަން ރައީސް ނަޝީދަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވުމުން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުއްޣަފޫރު ނާޒިމަށް ރައްދު ދީފިއެވެ.
ހާމިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޗެލެންޖަށް ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ ތައްޔާރުވެ ތިބޭތާ ހަ އަހަރުވެއްޖެ ކަމަށެވެ. އަދި މާބޮޑަށް ލަސްވެއްޖެ ކަމަށްވެސް ހާމިދުގެ ޓުވީޓުގައި ވެއެވެ.
ހާމިދު މިފަދައިން ވިދާޅުވެ ޓުވީޓުކުރައްވާފައި މިވަނީ "އަވަސް ހުކުރު" ޕްރޮގްރާމްގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، ހަތެއް ފެބްރުއަރީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
"އަވަސް ހުކުރު" ޕްރޮގްރާމްގައި ނާޒިމް ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމުގެ ހަގީގަތަކީ އެ ހާލަތުގައި އެކަން އެމަނިކުފާނަށް ކޮންޓްރޯލް ނުކުރެވުން ކަމަށެވެ. އެ ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އެ ބޭފުޅުން އަޅުގަނޑާ ޗެލެންޖް ކުރަން ވަޑައިގަންނަވާ ޕޯޑިއަމަށް، މިހާރު ވެސް ރައީސް ނަޝީދު ވަޑައިގަންނަވާ، މި ވާހަކަ ދައްކާލަން ރަނގަޅަށް، ކާކުތޯ މީގައި މައްސަލައަކީ، މި ހަތެއް ފެބުރުއަރީގެ ވާހަކަ ދައްކާލަމާތޯ ރަނގަޅަށް،" ނާޒިމް ވިދާޅުވި އެވެ.
އަދި ސިފައިންގެ ތެރެއަށް ވަތްއިރު އެތަނުން ރައީސް ނަޝީދު ނުފެންނަ ކަމަށާއި ނަޝީދާ ބައްދަލު ވެސް ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެކަމަށް ނަޝީދަށް އިތުރުފުޅު ހައްދަވަން ކެރިވަޑައެއް ނުގަންނަވާނެކަމަށް ވިދާޅުވި އެވެ.
ނާޒިމު މިފަދައިން ވިދާޅުވި އިރު ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމުގެ އެންމެ އިސް ސަފުގައި ހުންނެވީ ނާޒިމް ކަމަށް އެމްޑީޕއާއި ރައީސް ނަޝީދު ވަނީ ތުހުމަތުކޮށްފައެވެ.