ޚަބަރު

ޕޮލިސް ބޯޑަށް ހާމިދު އައްޔަން ކުރަން ކޮމެޓީން ރުހުންދީފި

މުއާވިޔަތު އަންވަރު

އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރު، ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

އާންމުންގެ ތެރެއިން ނަގާ ދެ މެންބަރުންގެ ތެރެއިން އެއް މެންބަރެއްގެ ގޮތުގައި ހާމިދުގެ ނަން ފާސްކޮށްފައިވަނީ މިއަދު އޮތް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

  • ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލެއްވި ފަސް ބޭފުޅުން:

1 ލަބީގު މުހައްމައު މާހިދު މ. މަނަދޫ ވިއު
2 ޒުބެއިރު އަހުމަދު މަނިކު ގ. މަލްވިނަ
3 ޒީނަތު އަލީ ދަފްތަރު 2616
4 އަލީ މުހަައްމަދު މަނިކު ދަފްތަރު 1851
5 ހާމިދު އަބްދުލް ޣަފޫރު ހ. ޝޭޑީކޯނަރު

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ބޯޑަށް ކުރިމަތިލެއްވި ފަސް ބޭފުޅުންނާ ވަނީ އިންޓަވިއު ކޮށްފަ އެވެ. ނަމަވެސް ހާމިދު ފިޔަވައި އެހެން އެއްވެސް ބޭފުޅެއްގެ ނަން ފާސްވާ ވަރަށް ވޯޓު ލިބިފައެއް ނުވެއެވެ. އެހެންކަމުން އަލުން އެ މަގާމަށް ކުރިމަތިލެއްވުމަށް އިއުލާނު ކުރާނެ އެވެ.

ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދަންޖެހޭ ބޯޑެކެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވަނީ، ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އެ ގާނޫނުގެ ދަށުން ލަފާ ދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމަށް "ޕޮލިސް ބޯޑު"ގެ ނަމުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ.

އެ ހަތް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ދެ މެންބަރުންނަަށް ވާން ވާނެ ކަމަަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. އެ ދެ މެންބަރުން އައްޔަން ކުރުމަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވެސް ބުނެފައިވެ އެވެ.