ޚަބަރު

އެފްއޭއެމް ރައީސްކަމަށް ޝައުގު އެބަހުރި، މަގާމު ލިބިޖެއްޔާ ސިޔާސީ ކަންތައް ދޫކޮށްލާނަން: ހާމިދު

4

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ޝައުގުވެރިވާ ކަމަށާއި އެމަގާމު ލިބިއްޖެނަމަ ސިޔާސީ ކަންކަން ދޫކޮށްލައި ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ވިސްނުމެއް ނެތް ކަމަށް، އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބުދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

ހާމިދު އަބުދުލް ޣަފޫރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަަވަމުންނެވެ.

"ޝައުގުވެރިކަން އެބަހުރި، އަޅުގަނޑު މިވަގުތު މިހިރީ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ކަމުގެމަގާމުގަ، ނަމަވެސް އެމަގާމުދެން އަޅުގަނޑު ދޫކޮށްލާނެތާ، އެއީ އަޅުގަނޑަކީ ޕާޓީ މީހެއް، އެހެންނަމަވެސް އަޅުގަނޑުގެ ޕާޓީ އިފިލިއޭޝަނެއް މިކަހަލަ ކަމެއްގައެއް ނުހުންނާނެ،" ހާމިދު ވިދާޅުވި އެވެ.

ހާމިދު ވިދާޅުވީ އެފްއޭއެމުން ކުރަނީ އިޖުތިމާއީ މަސައްކަތެއް ކަމަށާއި ނަމަވެސް އެތަނުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށެވެ.

"މިފަދަ ތަންތަނަށް ސިޔާސީ ކަންކަން ވަނީމަ، އިލެކްޝަނަކަށް ބޭނުންކުރާ ޓޫލަކަށް ހެދީމަ މީހުންގެ ކޮންފިޑެންޓް ގެއްލޭނެ،" ހާމިދު ވިދާޅުވި އެވެ.

ހާމިދު ވިދާޅުވީ އެފްއޭއެމަށް ސިޔާސީ ނުފޫޒު ފޯރުވާ މައްސަލަައިގައި ފީފާއިންވެސް ކަންބޮޑުވާ ކަމަށެވެ. އަދި އެފްއޭއެމް މެދިކޮށް ކްލަބްތަކަށް ފައިސާ ދެނީވެސް ކުލަބްތައް ކޮމިއުނިޓީ ކުލަބްތަކަކަށް ހަދަން ކަމަށާއި އެއީ ސިޔާސީ ޔުނިޓްތަކެއްނޫން ކަމަށެވެ. އަދި ސިޔާސީ ކަންކަމާ ކުޅިވަރު މުޅިން ވަކިކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ވެރިންނާ ދެކޮޅަށް ހާއްސަ ކޮންގްރެސް އެއް ބާއްވަން ބައެއް ކްލަބްތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްކުގައި ކުލަބްތަކާއެކު މަސައްކަތްކުރަމުންދާ ހާމިދު ވަނީ ކޮންގްރެސް ނުބޭއްވުމަށް އުޒުރު ދައްކާތީ އެފްއޭއެމްގެ އިސްބޭފުޅުންނަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟