ހޮސްޕިޓަލަށް ގޮސް އުޅެނިކޮށް ރައްޓެއްސަކާ ބައްދަލުވިއެވެ. ކީއްކުރަންތޯ އަހާލުމުން ބަނޑެއްގައި ރިއްސާތީ ދައްކަން އައީ ކަމަށާއި މިހާރު ވަރަށް ކަންތައް ގޯސްކަމަށްވެސް ބުންޏެވެ.
"މިހާރު މިހާކަށްހާ ވަރަށް ރަހިމު ތިރިއަށް ފައިބާ، ތަނެއްގަ އިށީނދެފަ ތެދުވާއިރުވެސް ޖެހެނީ އަމިއްލައަށް އެބައި އެތެރެއަށް ޖައްސަން." އެވާހަކައިން އަހަރެންވެސް ކަންބޮޑުވިއެވެ.
އެހެންކަމުން އެކުވެރިޔާއާއެކު އަހަރެންވެސް ޑޮކްޓަރުގެ ކޮޓަރިއަށް ވަނީމެވެ. ވެގެން އުޅޭ ގޮތް އަތުން އިޝާރާތުން ދައްކަމުން އިނގިރޭސިން ކިޔައިދިނީމެވެ.
"ކާވިކްސް ފައިބަނީ، ރަހިމެއް ނޫން. މިއަށް ކިޔަނީ "ޕްރޮލެޕްސްޑް ޔުޓަރަސް."
ޕްރޮލެޕްސްޑް ޔުޓަރަސް އަކީ ކޮބައި ހެއްޔެވެ؟ އާންމުކޮށް ޔުޓަރަސް (ނުވަތަ ރަހިމު) އުފެދިފައި ވަނީ، ޕެލްވިސްގެ ތެރޭގައި މަސްތަކާއި ޓިޝޫތަކާއި ލިގަމެންޓްތަކާއެކުގައެވެ. ބަލިވެ އިނުމާއި، ވިހެއުމާއި ނުވަތަ ވިހެއުމާއި ވިހެއުމަށް އުނދަގޫވުމުގެ ބައެއް ސަބަބުތަކާ ހެދި ބައެއް އަންހެނުންގެ މި މަސްތައް ބަލިކަށިވެއެވެ. އަންހެނަކު އުމުރުން ދުވަސްވުމުންނާއި ގުދުރަތީ ގޮތުން އެސްޓްރޮޖެން ހޯމޯން ހުއްޓުމާ ވިދިގެން ރަހިމު ޖިންސީ ގުނަވަނުގެ ތެރެއަށް ފައިބައި، ޕްރޮލެޕްސްޑް ޔުޓަރެސްގެ ނަމުން މަޝްހޫރު މިހާލަތު ތަހައްމަލު ކުރަން ޖެހިދެއެވެ.
މިއީ ދިވެހިންގެ ތެރޭގައި، ގިނައިން ވިހެއުމާއި ވިހެއުމަށްފަހު އަވަހަށް ތެދުވެ ބަރުތަކެތި އުފުލުމާއި ފައިދާ ހުރި ކާނާ ނުލިބުމާއި ބުރަކޮށް އުޅެމުންވެސް ވިހައި ކިރިޔާ ހަތަރުމަސްވެސް ނުވަނީސް، ހަށިގަނޑަށް ބެލުމެއް ނެތި އަނެއްކާ ބަލިވެ އިނުމަށް މަސައްކަތް ކުރަން ޖެހުން ފަދަ ކަންތައްތައް މިހާލަތަށް މީހާ ދިއުމަށް މަފުފަހި ކުރުވައެވެ. ބައެއްފަހަރު ގާތްގާތުގައި ބަލިވެ އިނުމާއެކު ގިނައިން އެބޯޝަން ހެއްދުން ނުވަތަ ބައިގެންދިއުންވެސް ހިމެނެއެވެ.
އަންހެނުންގެ ހާއްސަޑޮކްޓަރު އައިޝާ އަލީ ވިދާޅުވި ގޮތުގައި މިއީ ފަރުވާ ކުރެވިދާނެ، ވަގުތު ފާއިތުނުވަނީސް ފަރުވާ ދެވިދާނެ އަދި ރަނގަޅުވެސް ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް ފަރުވާ ދިނުމުގައި ފަރުވާ ކުޑަކުރެވިއްޖެނަމަ މިއީ ރަހިމު ކެންސަރަށް މަގުފެހިވެދާނެވެސް ކަމެކެވެ.