ހާމިދު އަބްދުލް ޤަފޫރު

ނަޝީދު ދޫކޮށްލަން ހުރަސް އަޅައި ގޮނޑިބެހުމުގެ ވާހަކަދެއްކޭ ވަރަށްވުރެ ޖޭޕީ މާކުޑަ: ހާމިދު އަބްދުލް ގަފޫރު

2

ރައީސް ނަޝީދު ދޫކޮށްލަން ހުރަސް އަޅައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބެހުމުގެ ވާހަކަދެއްކޭ ވަރަށް ވުރެ ޖޭޕީ މާ ކުޑަ ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އޭރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގު ރޭ ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ. ފުއާދު ގެ ޓްވީޓުގައި ވިދާޅުވީ އޭރު ޖޭޕީން ބޭނުންވީ ޕީޕީއެމް އަށް ވުރެ މޮޅުވާން ކަމަށާއި ޕީޕީއެމް އިން ބޭނުންވީ ކޮންމެ ބަހަނާއެއް ދައްކައިގެން ވިޔަސް އިންތިޚާބު ފަސްކޮށްގެން އެކަމުގެ ފައިދާ ނަގާށެވެ. "ޕީޕީއެމް އަށް އެމީހުންގެ މަގުސަދު ހާސިލުކުރެވުނު." ފުއާދުގެ ޓްވީޓް ނިންމަވައިލައްވަމުން ފުއާދު ވިދާޅުވެފައިވެ އެވެ.

އެ ޓްވީޓަށް ޖަވާބުދެއްވަމުން ހާމިދު ވިދާޅުވީ މިފަހަރު ޕީޕީއެމްގެ ލީޑަޝިޕުގައި ހުންނެވީ ސިޔާސީ ތަޖުރިބާކާރެއް ކަމަށާއި ރައީސް ޔާމީން ނޫން ކަމަށެވެ. ސިޔާސީ ތަޖުރިބާކާރެއްގެ ގޮތުގައި ހާމިދު އެމާނަ ކުރެއްވީ ރައީސް މައުމޫނު ކަމަށް ބެލެވެ އެވެ.

ހާމިދުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ މި ކޯލިޝަން ގައި ޖޭޕީގެ ސައިޒް މާ ކުޑަ ކަމަށެވެ.

ޖޭޕީ އަށް ނިސްބަތްކޮށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން މި ގޮތަށް ޓްވީޓް ކުރައްވައިފައިވާ އިރު މީގެ ދެތިން ދުވަހެއް ކުރީން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ނިސްބަތްކޮށް އޭނާ ކުރެއްވި ޓްވީޓެއްގެ މައްސަލަ ވެސް ވަނީ ހޫނު ވެފަ އެވެ.

އެފަހަރު އެމައްސަލަ ދިމާވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް ގާސިމް އިބްރާހީމް ރީޓުވީޓު ކުރެއްވުމާ ގުޅިގެންނެވެ. އަލްހާންގެ ޓްވީޓުގައި ޖުމުލަ ގޮތެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ކަމަށް ވިޔަސް ކަންކަން ނިންމަން ވާނީ އިންސާފުގެ މަގުން ކަމަށެވެ. އަދި ވެރިކަން ލިބުނު ނަމަވެސް އެނޫން ގޮތަކަށް ކަންކަން ކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އޭގެ ފަހުން ގާސިމް ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ތަނުން ހައްޔަރުކުރާ ތަން ދެކިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންސާފުގެ މަގުން ކަންކަން ގެންދެވުމަށް މައްސަލަ ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟