ސިއްހަތު

ބެލެނިވެރިންގެ ޝަކުވާފުންޏެއް: ކުލާސްތަކުން އެނބުރި އަންނައިރު އަނެއްކާވެސް އުކުނު އަޅާފައި

3

ސްކޫލުގެ މާހައުލަކީ ތަފާތު އެތައް ކަމެއް ދިމާވާ ތަނެކެވެ. ތަފާތު ވައްތަރުގެ، ތަފާތު މިޒާޖުތަކުގެ ކުދިން އެއްތަނަކުން ފެންނަ ތަންތަނުގެ ތެރޭގައި ސުކޫލު، ގުރުއާން ކުލާސް، އަދި ޓިއުޝަން ކުލާސްތައް ހިމެނެއެވެ. އެކި ކަހަލަ ކުދިން އެއްތަނަކަށް ޖަމާވާ ތަންތަނަށް ވުމުން މިފަދަ ތަންތަނުގެ ސާފުތާހިރުކަމާއި ރައްކާތެރިކަމާއި އަމާންކަން އެހެނިހެން އާއްމު ތަންތަނަށްވުރެ ރަނގަޅު ވާންޖެހެއެވެ. ކުއްޖަކު ބަލިވެއްޖެ ނަމަ ރަނގަޅުވަންދެން ސުކޫލަށް ނުވަތަ ކުލާހަށް ނުގެންގޮސް ގޭގައި ބެހެއްޓުމަށް މިފަދަ ހުރިހާ ތަނަކުންވެސް އޮންނަނީ އަންގައިފައެވެ.

މިހާރަކަށް އައިސް އެންމެ ގިނައިން ބެލެނިވެރިންގެ ފަރާތުން އިވޭ އެއް ޝަކުވާއަކީ ސުކޫލުން ނުވަތަ ކުލާހަކުން ކުދިންގެ ބޮލަށް އުކުނު އެރުމުގެ މައްސަލަ ދިމާވާތީ ކުރާ ޝަކުވާއެވެ. އުކުނު ނުވަތަ ލީގެ މައްސަލައަކީ އަބަދުވެސް ބެލެނިވެރިންގެ ހާސްވުމެއް އޮންނަ މައްސަލައެކެވެ. ކުދިންގެ ބޮލުގައި އުކުނު އެޅުމަކީ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ދެގުނަ ބުރަ މަސައްކަތަކަށް ވާ ކަމެކެވެ.

"އަމުދުން މިއީ ވިއްސާރަ މޫސުން ވީމަ ވަރަށް އަވަހަށް އާލާވެސް ވާނެ. ވާރޭވެހި ބޯ ތެމިއްޖެނަމަ ދޮވެފަ ހިއްކަން ވާނެ. ނުދޮވެ ވާރޭފެނަށް ހިކުނީމަ އުކުނު، ލީ ދިރޭލެއް އަވަސްވާނެ އަދި ގިނަވެސް ވާނެ." ހަމުގެ ހާއްސަ ޑޮކްޓަރެއްކަމަށްވާ، ޑރ.ޝާނީ އަލީ އުކުނު އެޅުމާ ބެހޭ ގޮތުން 'ވަން'އަށް މައުލޫމާތުކޮޅެއް ދެއްވަމުން ނަސޭހަތްތެރިވެވަޑައިގެންނެވީ ވީހާވެސް ރަނގަޅަށް ދޮވެ ހިއްކައި، ސްޕްރޭ ޖަހައިގެން އުކުނު ފިލުވުން ނޫން މާބޮޑު ފަރުވާއެއް ނޯންނާނެކަމަށެވެ.

"އުކުނު، ލީ އެޅުމަށް މާބޮޑު ހައްލެއް އިތުރު އާ ފަރުވާތަކެއް ނުހުރޭ، އުކުނު ޝޭމްޕޫން ރަނގަޅަށް ދޮވެފަ، ހިއްކުމަށްފަހު އުކުނު ސްޕްރޭ ޖަހައި، ދަތްކުދި ފުނާ އަޅައި ސާފުކޮށްލަން ޖެހޭނީ. ސްޕްރޭ ޖެހުމަށްފަހު ފޮތިގަނޑެއް އޮޅާފަ އޭގެ މަތިންވެސް ސްޕްރޭ ކޮށްފަ ބެހެއްޓުމުން ބޮލުގަ ހުރި އުކުނަކާއި ލީ އެއްފޮތިގަނޑަށް ފައިބައި ހުސްވާނެ."

ގިނަ ބެލެނިވެރިންނަށް، ކުދިންގެ ބޮލުގައި އުކުނުއެޅުމަކީ ޕްރީސްކޫލް އަދި ސްކޫލް އުމުރުގެ ކުދިންނަށް ކުޑައިރު އާންމުކޮށް ދިމާވާ އުނދަގުލެއް ކަމުގައި ވިޔަސް، މިއީ ބޮޑު ނުރައްކާތެރި ބައްޔެއް ނޫނެވެ. އަދި ބައްޔެއްހެން ފެތުރުމަށް މެދުވެރިވާކަމަކަށް ނުވިޔަސް މިއީ ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ދިމާވާ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ބެލެހެއްޓުންތެރިކަމެއް ނެތި ފަރުވާކުޑަކޮށް އަޅައިނުލައި ދޫކުރެވިއްޖެނަމަ، މިއީ ގައިންގަޔަށް އަރާ ނުބައި ބައްޔަކަށް ދޫނުކުރާވަރުގެ އުނދަގުލަކަށްވެސް ވެދާނެއެވެ.

ބޮލުގައި އަޅާ އުކުނަކީ ގާތްގަނޑަކަށް ވީފުކު ސައިޒުގެ ކުދިކުދި ސޫފިތަކެކެވެ. މިއަށް 'އުކުނު' ކިޔައި އުޅޭގޮތަށް ބައެއް މަޖާޒީ މިސާލުގައި މިއީ ބޮލުގައި އަޅާ ލޭބޯ ކުދިދޫނީގެ ނަމުން ނަން ދެވިފައިވެއެވެ. މިތަކެތި ކާނާ ހޯދަނީ ބޮލުގެ އިސްތަށިގަނޑުން، ބޮލުގެ ތަލައިން ކުޑަ މިންވަރަކަށް ލޭ ނަގައިގެން ކަމަށާއި، އުމުރަކީ 3 ހަފުތާއާއި 4 ހަފުތާއާ ދެމެދުގެ މުއްދަތެއްކަމަށް ވެއެވެ.

"މިދޭތެރޭ ލޮކްޑައުނައަށްފަހު ހަމަ އެއްވެސް ވަރަކަށް ކުދިންގެ ބޮލުގައި އުކުނު ނާޅައޭ ބުންޏަސް ދޮގަކަށް ނުވާނެ. އެއްވެސް ތިމާގެ މީހަކުވެސް ރައްޓެއްސަކުވެސް ދަރިފުޅުގެ ބޮލުގަ އުކުނު ހުރެގެން އެކަމާ ޝަކުވާއެއް ނުކުރޭ. އެކަމަކު މިހާރު އަނެއްކާވެސް ސުކޫލުން ނޫނީ ކުލާހުން އުކުނުގެ ކަންތައް ފެށިފަ މިއޮތީ، ކޮންމެ ހުކުރަކު ސާފުކޮށް ސްޕްރޭ ކޮށް، ހުރިހާ ފަރުވާއެއް ދީފަ ސުކޫލަށް މިފޮނުވަނީ. ކިތަންމެ ސާފުކޮށްފަ ފޮނުވިޔަސް އަނބުރާ އަންނައިރު މުޅިން ގޯސްވެފަ އޮންނަނީ."

ބެލެނިވެރިންގެ ހާސްވުމާއި ކަންބޮޑުވާންޖެހޭ ވަރަށް ކުދިންގެ ބޮލުގައި އުކުނު އެޅުން ވަނީ އާއްމުވެފައެވެ. ޕްރީސުކޫލެއްގެ ޓީޗަރަކު ބުނިގޮތުގައި ކުދިންގެ ބޮލުގައި އުކުނު ހުންނަނަމަ ކުއްޖާގެ ބޮލުން އުކުނު ފިލުވާފައި ނޫނީ ސުކޫލަށް ނުފޮނުވުމަށް އޮންނަނީ ބެލެނިވެރިންނަށްވެސް އަންގާފައެވެ. ސަބަބަކީ އެއީ އެހެންކުދިންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވާތީ އެގޮތަށް ކުދިންގެ ބޮލުގައި އުކުނު ހުރިކަން އެނގޭނަމަ ކުއްޖާގެ ބޮލުން އުކުނު ފިލުވައި، ސްޕްރޭ ކޮށްފައި ނޫނީ ސުކޫލަށް ނުފޮނުވަން ވާނީ އިލްތިމާސްކޮށްފައެވެ.

"ކިތަންމެ ސާފުކޮށްފަ ފޮނުވިޔަސް އެނބުރި އަންނައިރު އަންނާނީ ކަހާކަހާ ފާރުކޮށްލައިގެން. ބަލާއިރު ސަހަރޯ އަލުން ބަލުން ސާފުކޮށް ސްޕްރޭ ކުރަންޖެހިފަ އޮންނަނީ. ވަރަށް ރޯނެ. އެކަމާ ދެރަވެސްވޭ. ބުނާނެ ކުދިން ކިޔަނީއޯ ހަޑިގިއްލާއޭ."

"އަހަރެންގެ ފިރިހެންދަރިފުޅު ބޮލަށް އުކުނު އެރީމަ އެންމެ ކަންބޮޑުވީ. ކުލާހަށް ފޮނުވަނީ ތާކިހާވެސް އަޅާފަ. އެކަމަކު އެވަރުންވެސް ސަލާމަތެއްނުވި."

ހައަހަރުގެ ދަރިފުޅު ގުރުއާން ކުލާހުން ގެއަށް އައިސް ހުއްޓާނުލައި ބޯކަހާތީ، ވެގެން އުޅޭ ގޮތެއް ބަލާލިއިރު ބޮލުގައި އޮތީ އުކުނާއި އަޅައިފައެވެ. ބެލެނިވެރިޔާ ބުނި ގޮތުގައި ކުލާހަށް ދާން ފެށިތާ ވީ އެންމެ ހަފުތާއެއްހާ ދުވަހެވެ.

އުކުނު އެޅުމަކީ ސާފުތާހިރުކަމާ ގުޅުން ހުރިކަމަކަށް ނުވިޔަސް އުކުނު އެޅުމަށްފަހު، ބޮލުގައި އުކުނު އާލާވެ، އާއިލާ ހަދައި ބައިބޯ ބޮޑުކޮށް ދިރިއުޅޭ އާބާދީއެއް ބިނާ ކުރުމުން އެއީ ސާފުތާހިރުވުމާ ގުޅުން ހުރި ކަމެެއް ނޫނޭ ބުނެވޭކަށް ނޯވެއެވެ. އަމުދުން މިޒަމާނަކީ ނުހަނު ފަސޭހައިން މިފަދަ ކަންތައްތަކުން މިންޖުވެވި ރައްކާތެރިވެވިދާނެ ޒަމާނަކަށްވެފައި، އަގުހެޔޮކޮށް ފަސޭހައިން އުކުނު ނައްތާލާ ބޭސް ވެސް ލިބެން ހުރުމުން، ހަމަ ވަރަށް ކުޑަ މަސައްކަތަކުން މިއީ ހައްލު ކުރެވިދާނެ ކަމެއްކަން އެނގެން އެބައޮތެވެ. އެހެންނަމަވެސް ކަންނެތްކަމާއި ކަންފަސޭހަ ކޮށްލެވުމުގެ ސަބަބުން، ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން އުކުނު ގިނަވެ، އުދުހިގެން އަނެކުންގެ ބޮލަށް އަރާ ވަރަށް އުކުނުގެ އާބާދީ ބޮލެއްގައި ގިނަ ވެއްޖެނަމަ އެއަށް 'ތާހިރު' ނުވަތަ ސާފުކުރާ ފަރާތެކޭ ނުބުނެވޭނެއެވެ. ވީމާ، މިފަދަ 'ހަޑި' ލަގަބެއް ލިބުމުގެ ކުރިން އުކުނު އަޅާފަ ހުރިއްޔާ އަވަހަށް ސާފުކުރުމުގެ މަސައްކަތް ފަށާށެވެ. އުކުނު،ލީ އަކީ ދުނިޔެމަތީގެ ފުޅަކަމުގައި މީހުން ބުނެއުޅޭ ލަގަބު ލިބިނުގަންނާށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟