ސިއްހަތު

ބެކްނޭ އިން ރައްކާތެރި ވާނީ ކިހިނެއް؟

ބެކްނޭ ނުވަތަ ބުރަކަށީގައި ނަގާ ބިހީގެ މައްސަލަ އަކީ އާންމުކޮށް ފިރިހެނުންނަށް ދިމާވާކަމެކެވެ. މިއީ ކަހައި ހިރުވައި އެކި ކަހަލަ އުނދަގޫތައް ދިމާވާ ކަމެކެވެ. މި އާޓިކަލްގައި ބެކްނޭ އިން ރައްކާތެރި ވެވިދާނެ ބައެއް ގޮތްތަކަށް ބަލައިލާނަމެވެ.

ބުރަކަށިން ދާހިތްލާނަމަ އެއިން ސަލާމަތްވުން

އެންމެނަކީ ވެސް ދާހިތްލާ މީހުނެވެ. ދާ ހިތްލުމަކީ ސިއްހަތު ރަނގަޅު ކަމުގެ އަލާމާތެކެވެ. ނަމަވެސް ދާހިތްލުމުން އެދާތަކުން ސަލާމަތްނުވާކަމުގައި ވާނަމަ ދެން އޭގެ ބެކްޓީރިއާތަކުން ހަމުގެ ޕޯރސްތައް ބެދި ބިހިނެގުމަށް މަގުފަހިވެއެވެ. މީގެ ހައްލު ވަރަށް ފަސޭހައެވެ. ގަޔަށް ނުހިފާ ނުވަތަ ކޮޓަން ފޮތީގެ ހެދުން ނުވަތަ ގަމީސް ލުމަށް އާދަކުރާށެވެ. މިގޮތް އާންމު ދިރިއުޅުމުގައިވެސް ނުވަތަ ކަސްރަތު ކުރަން ދާއިރުވެސް އިހްތިޔާރު ކުރަން ރަނގަޅު ވާނެ އެވެ. ދާ ހިތްލުމުން ވީހާވެސް އަވަހަށް ފެންވަރާލުމަށް އާދަކުރާށެވެ.

ހެދުން ދޮވުން

ލާ ހެދުން ތަކަކީ ސާފު ހެދުންތައް ކަމުގައި ހަދާށެވެ. އެގޮތުން ހެދުން ދާ ވުމުން ދޮވެ އިސްތިރިކޮށްފައި ބެހެއްޓުމަކީ ބެކްނޭ އާއި މި ނޫންވެސް އިތުރު ހަމުގެ އެކި ކަހަލަ އުނދަގޫތަކަށް ފަރުވާ އެކެވެ. ހާއްސަކޮށް ކަސްރަތު ކުރަން ދާ ހެދުންތައް އެއްދުވަހު ލާފައި އަނެއްދުވަހު ލާނަމަ ދޮވެގެން ނޫނީ ނުލުން މުހިއްމެވެ. މީގެ އިތުރުން ބާލީސް، ތުވާލި، ބެޑްޝީޓް ކަހަލަ ކޮންމެ ދުވަހަކު ބުރަކަށީގައި ޖެހޭ އެކި ކަހަލަ ފޮތީގެ ބާވަތްތައްވެސް އެންމެ މަދުވެގެން ހަފްތާއަކު އެއްފަހަރު ދޮވުމަށް އާދަކުރާށެވެ.

ބުރަކަށި އެކްސްފޯލިއޭޓް ކުރުން

ހަފްތާއަކު އެއްފަހަރު ބުރަކަށި ސްކްރަބް ކުރަންވާނެއެވެ. ސްޕާރ އަކަށް ގޮސްގެން ނުވަތަ ގޭގައި ބައިވެރިޔާގެ އެހީގައި ނަމަވެސް މިކަން ކުރުމަކީ ބުރަކަށީގައި މަރުވެފައި ހުންނަ ހަންތައް ނައްތާލާނެ ކަމެކެވެ. އަދި ބުރަކަށީގެ ހަންގަނޑު އޮމާން ވާނެ ކަމެކެވެ. ސްކްރަބް ކުރާއިރު ބުރަކަށި އެކަނި ނުކޮށް މުޅި ހަށިގަނޑު ސްކްރަބް ކުރުމުން މުޅި ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ރީތިކަން ދަމަހައްޓައިދޭނެއެވެ.

ފެންވެރުމަށްފަހު މޮއިސްޗަރައިޒް ކުރުން

ބުރަކަށީގެ ހަން ބައެއް ފަހަރު މޫނުގެ ހަމަށްވުރެ ޑްރައި ނުވެދާނެއެވެ. ނަމަވެސް ބުރަކަށީގެ ހަންގަނޑުވެސް މޮއިސްޗަރައިޒް ކުރުމަކީ މުހިއްމު ކަމެކެވެ. ޖެލް ބޭސްޑް މޮއިސްޗަރައިޒަރެއް ބޭނުން ކުރާށެވެ. އަދި ބުރަކަށި އިރުގެ އައްޔަށް އެކްޕޯސްވާނަމަ މޮއިސްޗަރަޒިން އެސްޕީއެފެއް ބޭނުން ކުރާށެވެ.

ބޯ ރަނގަޅަށް ދޮވުން

ބޯ ގަވައިދުން ނުދޮންނަ ނަމަ އިސްތަށިގަނޑުގައި ހުންނަ ތެލާއި ގްރީސްގެ އަސަރު ބުރަކަށްޓަށް ކޮށް ބެކްނޭ އުފެދުން އެކަށީގެންވެއެވެ. އަދި އިސްތަށިގަނޑު ދިގު ނަމަ ކަސްރަތު ކުރަން ދާއިރު އިސްތަށިގަނޑު އައްސައިގެން ކަސްރަތު ކުރުމުން ބޮލުގައި އުފެދޭ ދާތައް ބުރަކަށްޓަށް ފޭބުމުން ރައްކާތެރިކޮށްދޭނެ އެވެ.

ރަނގަޅު ޕްރޮޑަކްޓްސް އިހްތިޔާރު ކުރުން

ބުރަކަށީގައި ބިހި ނަގާ ނަމަ ސެލިސިލިކް އެސިޑް ހިމެނޭ ބޮޑީ ވޮޝް އެއް ނުވަތަ ޝަވަރ ޖެލް އެއް އިހްތިޔާރު ކުރާށެވެ. ގަވައިދުން މި ބޮޑީ ވޮޝް ނުވަތަ ޝަވަރ ޖެލް ބޭނުން ކުރުމުން ބިހިތައް ފަނޑުވެގެން ދާނެއެވެ. މީގެ އިތުރުން މަރުވެފައި ހުންނަ ހަންތައް ނައްތާލުމަށް ނޫނީ ރަނގަޅަށް ސާފު ކުރުމުގެ ގޮތުން ބްރަޝްއެއް ނުވަތަ ސްޕޮންޖެއް ބޭނުން ކުރެވިދާނެއެވެ.