ކޮފީތަށި ހިފައިގެން ކޮޓަރިއަށް ވަން ޖޫލީ ދެކޮޅު ހޯދާ ބަލައިލިއެވެ. ލަކްޔަން ފެންނާކަށް ނެތެވެ. ހުޅުވާފައި ހުރި ބެލްކަނިން ލަކްޔަން ވާހަކަދައްކާ އަޑު އިވެމުން ދިޔައެވެ. ޖޫލީ ކައިރިވެލިއެވެ. ދެފައިތިލަ ބިންމަތީގައި ތަތްލެވީ ވާހަކަދައްކަމުން ދިޔަ ލަކްޔަންގެ އަޑުގައި ރިހުމެއްގެ އަސަރު ހުރިކަން އިހުސާސްވެފައެވެ. ވާހަކަދައްކަމުން ދިޔައީ ކާކާ ކަން ނޭނގުނު ނަމަވެސް ލަކްޔަން އެމީހަކުދެކެ ލޯބިވާ ވާހަކަ ބުނެފިއެވެ.
"މާޝް.... އަލްމާޝް...؟" ޖޫލީ ކިޔާލިއެވެ. ދެލޯ ފެންކަޅިވެގެން ދިޔަ ވަގުތު ޖޫލީ އެނބުރުނީ ކޮޓަރިން ނުކުންނާށެވެ. ލަކްޔަންގެ އެ އުފާވެރި ވަގުތުކޮޅަށް ހުރަސް ނާޅަންވެގެންނެވެ.
"ޖޫލީ" ދޮރާ ހަމައަށް ނުދެވެނީސް ލަކްޔަންގެ އަޑު އިވުނެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނުވަމުން ޖޫލީ އެނބުރުނެވެ.
"ކޮފީ ގެނައީ މަށަށްތަ؟" އިނގިރޭސި ބަހުން ލަކްޔަން އެހިއެވެ. ޖޫލީ ބޯޖަހާލިއެވެ.
"ދެން ކީއްވެ ނުދީ ތިދަނީ؟" ލަކްޔަން އެހިއެވެ.
"ލަކީ ބިޒީވީމަ" ޖޫލީ ބުންޏެވެ.
"ބިޒީއެއްނޫން. ކާކު ބުނީ؟" ޖޫލީ އަތުގައި ހުރި ކޮފީތަށީގައި ހިފަމުން ލަކްޔަން ބުންޏެވެ.
"އަލްމާޝްއަށް ގުޅައިގެން ހުރީ. އެހެންވެ" ޖޫލީ ބުންޏެވެ. ލަކްޔަންއަށް ވިސްނުނެވެ. އަލްމާޝްއަކީ ކާކުކަން ޖޫލީއަށް ލަކްޔަން ބުނެނުދެއެވެ. އެހެންނަމަވެސް އަލްމާޝް ލަކްޔަންއަށް މުހިންމުކަމާއި އަބަދުވެސް އަލްމާޝް ލަކްޔަންއަށް ހާއްސަކަން ޖޫލީގެ ވިސްނުން ތޫނު ސިކުނޑި ދެނެގަތްތާ ކިތަންމެ ދުވަހަކެވެ. ފެންނަ ހިސާބުގައި އަލްމާޝް ހުރެއްޖެނަމަ ލަކްޔަންގެ ހަރަކާތްތައް ހުންނަ ގޮތްތައް ޖޫލީއަށް ވަނީ ފެނިފައެވެ.
"އަހަރެންނަށް ޓްރަސްޓް ކުރަންތަ؟" ލަކްޔަން އެހިއެވެ. ވަގުތުން ޖޫލީ ބޯޖަހާލިއެވެ. ލަކްޔަން ހިފީ ޖޫލީގެ އަތްތިލައިގައެވެ. ދެން މަޑުމަޑުން ބެލްކަންޏަށް ނުކުންނަ ދޮރާ ދިމާލަށް ހިނގައިގަތެވެ. ޖޫލީއަށް ހައިރާންކަމާއެކު ބަލަހައްޓައިގެން ހުރެވުނީ ލަކްޔަންގެ ހިފައިގެން ހުރި އަތްތިލައަށެވެ.
"މާޝްއަކީ ކާކު ކަން ނުބުނެވޭ ދޯ. އެއީ މާޒީ. މިހާރު މާޝްއަކީ ސިޔާގެ މަންމަ. އަހަރެންނާއި މާޝް އާ މެދުގައި އޮތީ ހަމައެކަނި ސިޔާގެ ސަބަބުން އުފެދިފައިވާ ގުޅުމެއް" ލަކްޔަން ވާހަކަދެއްކިއެވެ. ލަކްޔަން ފާރުކައިރީގައި ހުރިއިރު ޖޫލީ މަޑުކޮށްލައިގެން ހުރީ ލަކްޔަންއަށް ވުރެ ތަންކޮޅެއް ފަހަތުގައެވެ.
"މިއަދު ޖޫލީ ހާދަ ރީއްޗޭ..." ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު ލަކްޔަން ބުންޏެވެ. ހަގީގަތު ލަކްޔަން ބޭނުންވީ ސީރިޔަސްކަން ވެރިވެފައިވި ޖޫލީގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނުވާށެވެ. ވީވެސް އެހެންނެވެ. ލަކްޔަންގެ އެފަދަ ތައުރީފަކަށް އެދިއެދި ހުރި ޖޫލީގެ ތުންފަތަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ.
**********
ތައްޔާރުވެގެން ނުކުތް ޝަހާނާއަށް ބަލަހައްޓައިގެން ސޯފާގައި އާނާ އިނެވެ. ފައިވާނުގެ މަޅިގަނޑު އަޅުވަމުން ދިޔަ ޝަހާނާ ގޭތެރޭގައި ގެންގުޅޭ ބޭރު އަންހެންކުއްޖާއަށް ގޮވާލިއެވެ. އަދި ކުޑަމީހާ ހޭލައިގެން ރޮއެހަދާނަމަ ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ދިނެވެ.
"ދޮންތާ،" އާނާގެ އަޑު އިވުމާއެކު ޝަހާނާ ބަލައިލިއެވެ.
ފަހަކަށް އައިސް އާނާގެ ފުށުން ރަނގަޅުވާން މަސައްކަތްކުރާ ކަހަލަ ނިޝާންތަކެއް ފެންނަން ފަށައިފިއެވެ. ކައުންސިލިން ހުއްޓާލީ އާނާ އަމިއްލައަށެވެ. ބަރާބަރަށް ނަމާދުކުރުމާއި ގުރުއާން ކިޔެވުމުގެ އިތުރުން އަބަދު އިންނަނީ ޒިކުރު ކުރުން މަތީގައެވެ. އަމިއްލަ ނަފްސުގެ ހަލާކު ކަމުގައިވާ 'ޑިޕްރެޝަނޭ' މިކިޔާ ނުރައްކާތެރި ބައްޔާ ދެކޮޅަށް އާނާ ހަނގުރާމަ ކުރާތާ އެތައް ދުވަހެކެވެ. ޝަހާނާ އާއި ޖިނާނުގެ އެތައް ނަސޭހަތަކަށްފަހުވެސް ބަލި ތަންމަތިން ބޯހިއްލާލަންވެސް އާނާ ބޭނުމެއް ނުވިއެވެ. އާނާގެ އުޅުމަށް ބަދަލު އައީ ދަރިފުޅު ލޮލަށް ފެނުނު ހިސާބުން ފެށިގެންނެވެ. އެއްވެސް މީހަކު ގަބޫލުނުކުރިޔަސް ދަރިފުޅު ދުނިޔޭގައި ހެޔޮހާލުގައި ހުރިކަން އާނާއަށް ކަށަވަރު ވެއްޖެއެވެ.
"އެގެއަށް ނާފް އަންނާނެތަ؟" އާނާ އެހިއެވެ. އެތައް ދުވަހަކަށްފަހު އާނާގެ ދުލުން ނާފްގެ ނަން ކިޔާލި އަޑުއަހާފައި ޝަހާނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ސައިކަލް ތަޅުދަނޑި ހިފައިގެން ނުކުތް ޖިނާނަށްވެސް ހުއްޓުމެއް އައެވެ.
"ކީކޭ؟ ކާކުގެ ނަމެއް ތިބުނީ؟" ޔަގީންނުވެފައި ޝަހާނާ ބުންޏެވެ.
"އިނގޭ ދޮންތައަށްވެސް ދޮންތަބެއަށް ވެސް ރަނގަޅަށް އަޑުއިވިއްޖެކަން" ތެދުވެގެން ދޮރާ ދިމާލަށް އަންނަމުން އާނާ ބުންޏެވެ.
"މިރޭ ޝެލީ ރަންކިޔަނީ. އަފޫ އަޔަސް ހިއެއްނުވޭ ނާފް އަންނާނެހެނެއް" ޝަހާނާ ބުންޏެވެ.
"ދާން ބޭނުންތަ؟" އާނާ ކަރުއެލުވާލިތަން ފެނުމުން ޝަހާނާ އެހިއެވެ.
"މިރެއަކު ނޫން. ކައިވެނި ކުރާ ރޭގަ ދާނީ" އާނާ ބުންޏެވެ.
***********
ސާހިލް އާއި ސަމީރާ ގެއަށް ވަނުމާއެކު ހިނިތުންވަމުން އަލްމާޝް މަރުހަބާ ކިއިއެވެ. މާގިނަ ބަޔަކު ސާހިލްގެ އާއިލާގައި ނެތްކަމުގައި ވިޔަސް އަލްމާޝް އެ އާއިލާއަށް ކެއުން ތައްޔާރުކުރިއެވެ. އެކަމުގައި އަފާފް އާއި ޝަހާނާގެ އިތުރުން ސިޔާ އާއި އީމާގެ އެހީތެރިކަން އަލްމާޝްއަށް ލިބުނެވެ.
ކޯޓުން އައި މީހުން ގޮވައިގެން އެތެރެއަށް ވަން ސާހިލް މިކާލަށް ބަލައިލިއެވެ. ލޮލުން އިޝާރާތެއް ކޮށްލީ 'ދޮންތަ ކޮބާހޭ' އަހާލާ ކަހަލަގެ ގޮތަކަށެވެ. މިކާލް ސިޑި ދައްކާލިއެވެ. ސާހިލް ބަލައިލި އިރު އީމާ އާއި ސިޔާއާއެކު ހުރި ޝެލީ ފެނުނެވެ. ސާހިލްއަށް އެހެން ދިމާލަކަށް ބަލައިވެސް ނުލެވުނެވެ. ރަތްކުލައިގެ ލޭސްފޮތީގެ ކަށިމައްޗާ ހަމައަށް އަންނަ ހެދުމުގައި ޝެލީ އިތުރަށް ހިކިކަމަށް ދައްކައެވެ. ޝެލީގެ ތުންފަތްމަތީގައިވި ހިނިތުންވުން އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
"ސާބަހޭ... ދޮންތަބޭ..." މިކާލް ސާހިލްގެ ކޮނޑުގައި ޖެހިގަތެވެ. ސާހިލްއަށް ހޭވެރިކަމެއްވީ ދެނެވެ. އަވަސްއަވަހަށް ޝެލީ އިން ނަޒަރު ވަކިކޮށް ކުރިމަތީގައި ތިބި މީހުންނަށް ހުއްޓާލިއެވެ.
"ކޮބާ؟ އާދޭ އަވަހަށް ދަރިފުޅު" ނިމާން ބުންޏެވެ. ޝެލީ އިށީނީ އަލްމާޝް އާއި ނިމާނާ ދެމެދުގައެވެ. ސާހިލް އިނީ ޝެލީގެ ކުރިމަތީގައެވެ. ތަނަށް ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރެއިން ފޯމު ފުރާ މީހުން ސާހިލް އާއި ޝެލީ އާ ސުވާލުކުރަމުން ދިޔައެވެ. ރަނުގެ އަދަދަކީ ކިހާ ވަރެއްތޯ އެހުމާއެކު ޝެލީ ބަލައިލީ އަލްމާޝްގެ މޫނަށެވެ.
"އަވަހަށް ބުނޭ" އަލްމާޝް ބުންޏެވެ.
"އެއްހާސް އެއްސަތޭކަ އެއްރުފިޔާ އެއްލާރި" ޝެލީ ބުންޏެވެ.
ރަންކިޔުމުގެ ހަފްލާ ނިމި ކެއުމަށް އިންސާފުރެވެމުން ދިޔަ ވަގުތު ޝަހާނާއަށް ހައިރާންކަމެއް ލިބުނީ ކުރިމަތީގައި ހުރި ޝެލީއާއެކު ހެމުން ސެލްފީ ނަގަމުން ދިޔަ ފިރިހެންކުއްޖާ ފެނިފައެވެ. ހަނދާނަށް އައީ ހޮސްޕިޓަލު ތެރެއިން ސާހިލް ފެނުނު ދުވަހު އާނާ އުޅުނު ގޮތެވެ. އާނާގެ އުޅުމަށް ހެޔޮ ބަދަލެއް އަންނަން ފެށީ އެދުވަހަށް ފަހުގައެވެ. ސާހިލްއަކީ އާނާގެ ދަރިފުޅުކަމަށް ވަރަށް ޔަގީންކަމާއެކު އާނާ ބުނެއެވެ. އޭގެފަހުން ސާހިލް ހޯދަން ޝަހާނާ އާއި ޖިނާން ވަރަށް މަސައްކަތް ކުރިއެވެ. އުޅޭވަކި ތަނެއް ނޭނގޭތީ ސާހިލް އެމީހުންނަށް ފެނިފައެއް ނުވެއެވެ.
ސާހިލްއަށް ބަލަމުން ޝަހާނާ ގޮސް ހުއްޓުނީ މޭޒުމަތިން ތަށިތައް ނަގަމުން ދިޔަ އަލްމާޝް ކައިރީގައެވެ.
"އެއީތަ ޝެލީގެ ބޯއީފްރެންޑަކީ" ޝަހާނާ އެހިއެވެ.
"ސާބަސް ޝަހާއަށް. އަދިވެސް ގަބޫލުނުކުރެވޭތަ؟ ދެންމެ ރަންކިއިރު ކުރިމަތީގައެއް ނޫންތަ ހުރީ؟" އަލްމާޝް ބުންޏެވެ.
"އަހަރެން ޓޮއިލެޓްގަ ހުރީ" ޝަހާނާ ބުންޏެެވެ. ދެން އަލްމާޝް ކައިރިން ދުރަށް ޖެހިލާފައި ވަށައިގެން ހޯދާލިއެވެ. ޖިނާން ފެނުނީ ބެލްކަނީގައި ފޯނެއްގައި ހުއްޓައެވެ. ދުމެއްޖަހާފައި ޝަހާނާ ދިޔައީ ޖިނާނާ ދިމާލަށެވެ.
"އެއީ އޭ އެކުއްޖަކީ؟" ޝަހާނާ ބުންޏެވެ. ޖިނާންގެ ޓީޝާޓުގައި ޝަހާނާ ހިފަހައްޓައިގެން ހުރިއިރު ކަޅި ހުރީ ސާހިލްއަށް ހުއްޓިފައެވެ.
"ކޮންކުއްޖެއް؟" ޖިނާން އެހިއެވެ.
"އާނާގެ ދަރިފުޅުކަމަށް ބުނާ ކުއްޖާ. އެކުއްޖާ ވާނީ ހަމަ އަހަރެންގެވެސް ދަރިއަކަށް ނޫންތަ؟" ޝަހާނާ ބުންޏެވެ. ޝަހާނާގެ އަތުގައި ހިފައިގެން ޖިނާން ކުރިއަށް ޖެހިލިއެވެ. ސާހިލް އާއި ޝެލީ ހުއްޓި ހުރި ހިސާބާ ކައިރިވެލާފައި ވަރަށް ރަނގަޅަށް ސާހިލްގެ މޫނަށް ބަލައިލިއެވެ. އާނާއާ ވައްތަރު އެއްވެސް ގޮތެއް ސާހިލްގެ ނެތެވެ. އެހެންނަމަވެސް ޖަމާލާ ވައްތަރު ގޮތެއް ސާހިލްގެ މޫނުމަތީގައި ހުއްޓެވެ.
"ޔަގީންތަ އެދުވަހު އާނާ ދެއްކީ މިސޮރުގެ ވާހަކަ ކަން" އަދިވެސް ޖިނާނަށް ޔަގީނެއް ނުވެއެވެ.
"ދޭބަލަ...." ޝަހާނާ ބުންޏެވެ.
"އަހަރެން ގޮސް ކީކޭ ބުނަންވީ؟" ޖިނާން އެހިއެވެ.
"އަހަރެން މިތާ ބެލްކަނީގައި މަޑުކޮށްލާނަން. ޖިނާ ގޮސް އެސޮރު ގޮވައިގެން އާދެބަލަ" ޝަހާނާ ބުންޏެވެ.
***********
"އަހަރެން ގުޅުމެއް ނުކަނޑަން. ގަބޫލުކުރަން އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސްފި. އަހަރެންނަކީ ސިރާ ކަހަލަ ބަފައެއް ނޫން. ދަރިން ކުރާ ގޯސްކަންތައްތައް އަހަރެން ނުފޮރުވާނަން. އަދި އެމީހުން ކުރާ ގޯސް ކަންތައްތަކަށް އެނގިހުރެ ދެލޮލުގައި އަތް އަޅައިގެންވެސް ނުހުންނާނަން. ކޮބާ މުސްލިމެއްގެ ގޮތުގަ އަހަރެމެން ތިބެންވީ ބޭނުމަކީ؟ ކޮބާ ބަފައެއްގެ މަގާމަކީ؟ ﷲ ގެ ހަޒްރަތުގައި މައިންބަފައިން ޖަވާބުދާރީވާންޖެހޭ. އަހަރެމެންނަށް ޖަވާބުދާރީވެވޭނީ މިއަދު މަސައްކަތްކޮށްގެން...." ލަކްޔަން ފޯނުގައި އިނީ މޭޒު ކައިރީގައެވެ. ކުރިމަތީގައި ހުރި ކޮފީތަށިން އާވިއަރަމުން ދިޔައެވެ. މުޅި ސަރަހައްދުގައި ހިފާލާފައިވަނީ ކޮފީގެ ހިތްގައިމު މީރު ވަހެވެ.
"އަހަރެން ނެތިން ނުދާކަށް. ދާނަން އިރުކޮޅެއްގެ ތެރޭގަ" ލަކްޔަން ބުންޏެވެ.
ސިރާޖްގެ ކޯލެއް ލަކްޔަންއަށް ލިބުނީ ދޮޅުއަހަރު ފަހުންނެވެ. އިކާން ޖަލަށްދާން ޖެހުނު ސަބަބުގައި ދެކެވުނު ވާހަކައެއްގެ ތެރެއިން ދެ އެކުވެރިން ދެމެދުގައި ކުރެވުނު ބަހުސް ހޫނުވެ އެންމެފަހުން ޒުވާބަކަށް ބަދަލުވީއެވެ. އެންމެފަހުން ސިރާޖާ ގުޅުން ކަނޑާލީ ލަކްޔަންއެވެ. ލަކްޔަންގެ ވިސްނުމާއި ސިރާޖްގެ ވިސްނުން އެއްގޮތަކަށްވެސް ނުގުޅެއެވެ. އިތުރަށް އެގުޅުން ކުރިއަށް ގެންގޮސްފިނަމަ އެކަކު އަނެކަކު ގަޔަށް އަތްލާންޖެހޭ ހިސާބަށްވެސް ނުދާނެކަމެއް ނޭނގެއެވެ.
ތައްޔާރުވެގެން ނުކުތް ލަކްޔަންއަށް ހައިރާންކަމެއް ލިބުނީ ބޭރުން ގެއަށް އައިސް ވަން މީހަކު ފެނިފައެވެ. މޫނުމައްޗަށް އަރައިގެންދިޔަ ކުލަވަރާއެކު ލަކްޔަންގެ އަތްފައި މުށްކެވިގެން ދިޔައެވެ. ލަކްޔަންއަށް ވީގޮތް ފެނި އިކާން ހަތަރެސްފައި ފިނިވިއެވެ. ބައްޕަގެ ހިތުގައި އަލުން އެ ލޯބި އުފަންވާނެ ދުވަހެއްވެސް ނޭނގެއެވެ. އިކާންގެ ސޫރަ ފެނުނަސް ލަކްޔަންގެ ލޭ ހޫނުކޮށްލައެވެ. އަމުދުން މިއަދު އެކުރެވުނީ ރަނގަޅުކަމެއް ނޫނެވެ. ލަކްޔަންގެ ރުޅިގަނޑަށް އިތުރު ބޮޅެއް އަމުނާލެވުނީއެވެ. ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި ވަނިކޮށް ބޭރަށްވެސް ނުކުމެވުނީއެވެ.
"ކާކު ކައިރީގަ އަހާފަތަ ކަލޭ ބޭރަށް ނުކުތީ؟ ކަލޭ ކައިރީގައި ނުބުނަންތަ މިގެއިން ބޭރަށް ގޮސްގެން ނުވާނޭ" ލަކްޔަން ބުންޏެވެ. ކޮޓަރިތަކުން މީހުން ނުކުތީ ލަކްޔަންގެ އަޑަށެވެ. އަސަލް ނިންދަވަން އިން އާޝިގާވެސް ނުކުމެ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. އެއްކޮށް ނުނިދި އޮތް އަސަލް ކޮނޑުމަތީގައި އޮތެވެ.
"ކިހިނެއްވީ...؟ އަނެއްކާ މީނަ ކޮންކަމެއް ކުރީ؟" ޝިއުރާ ބުންޏެވެ. ލަކްޔަން ފަދައިން ޝިއުރާގެ އަޑުގައިވެސް ވީ ހިތްހަމަނުޖެހުމެވެ.
"މީނަ ބޭރަށް ދާން ހުއްދަ ދިނީ ކާކުހޭ؟" ލަކްޔަން ސުވާލުކުރީ ގޭތެރޭގައި ތިބި މީހުންނާއެވެ.
"އަ...އަޅުގަނޑު....." އިކާނަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އިކާނުގެ މޫނާ ދިމާލަށް ލަކްޔަންގެ އަތް މަޅާލިއެވެ. އައްބާސް ލަކްޔަންގެ ކޮނޑުގައި ހިފެހެއްޓިއެވެ. އެހެންނަމަވެސް ލަކްޔަންއަށް އެ އަމަލު ނުހިންގުނީ އައްބާސްގެ ސަބަބުންނެއް ނޫނެވެ. ދެމެދަށް އައިސް ވަން އާޝިގާ ފެނިފައެވެ. ގޭތެރެ އަޑުގަދަވެ ނިދޭގޮތް ނުވުމުން އަސަލް ބޯހިއްލާލާފައި ރޯގޮތް ދައްކާލިއެވެ. އެހިނދު ޝިއުރާ އައިސް އާޝިގާ އަތުން އަސަލް ނަގައިފިއެވެ.
"މައާފްކުރައްވާ ބައްޕާ...." އާޝިގާ ބުންޏެވެ. އެގޭތެރެއިން އާޝިގާއަށް އެންމެ މަދުން ވާހަކަދެއްކިފައި ހުންނާނީ ލަކްޔަން އާއެވެ. ލަކްޔަން ކުރަން އުޅުނު ކަންތަކަށް އެގޮތަށް ހުރަސްއަޅަން ޖެހުމުން އާޝިގާ ޖެހިލުންވިއެވެ.
"
އަ...އަޅުގަނޑު އޭނަ ފޮނުވީ. ނަމާދަށް މިސްކިތަށް" ޖެހިލުންވެ ހުރެ އާޝިގާ ބުންޏެވެ. އެހިނދު ލަކްޔަންގެ ހަށިގަނޑުގައި އަނދަމުންދިޔަ އަލިފާނަށް ހީވީ ފެންއެއްޗެއް އޮށްސާލިހެންނެވެ. އިކާން ލައްވައި ނަމާދުކުރުވުމަކީ ލަކްޔަންއަށް ކުރެވިފައިވާ ކަމެއް ނޫނެވެ. އެވަރުގެ ކަމެއް އާޝިގާ ކުރީތީ ލަކްޔަންގެ ހިތަށް ހިތްހަމަޖެހުން ލިބުނެވެ.
"އޭނަ ނުދާން އުޅުނީ ބައްޕަގެ ހުއްދައެއްނެތި. އެކަމަކު އަޅުގަނޑު ބުނީ ﷲ ތައާލާގެ ގެކޮޅަށް އެކަލާނގެއަށް އަޅުކަން ކުރުމަށް ދިޔުމަށް އެއްވެސް މީހަކަށް ނުހުއްޓުވޭނޭ" އާޝިގާ ބުންޏެވެ. ތަންވަޅު ބަލާފައި އިކާން ކޮޓަރިއަށް ދެމިގަތެވެ.
ލަކްޔަންއަށް ކިޔާނެ ބަހެއް ނޭނގުނެވެ. އިތުރަށް ދެން ދައްކާނެ ވާހައެއް އެބައޮތް ހެއްޔެވެ؟ ނުކުމެގެން ދިޔައިރުވެސް އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ.
"ބައްޕަ ރުޅިއައިސްގެ ކަންނޭނގެ އެދިޔައީ. އެކަމަކު އަޅުގަނޑު އިކާން ނަމާދަށް ފޮނުވީ ކޮންމެހެން ބައްޕަގެ ބަހަށް ގޮންޖަހާފަ އަޅުގަނޑަށް ކަންކަން ކުރެވޭކަން ދައްކާކަށް ނޫން" އާޝިގާއަށް ރޮވުނެވެ.
"ނޫނޭ ދަރިފުޅާ. އިކާނަށް ތިފަދަ އަންބަކު ލިބުނީތީ ކާފަ އުފާކޮށްފިން. މާތްﷲ ދަރިފުޅަށް ހެޔޮ ރަހްމަތް ލައްވާށި..." އާޝިގާގެ ބޮލުގައި ފިރުމާލަމުން އައްބާސް ބުންޏެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލާފައި އާޝިގާ ހިނގައިގަތީ ޝިއުރާ އާ ދިމާލަށެވެ. އަސަލް ގޮވައިގެން ކޮޓަރިއަށް ވަނުމަށެވެ.
"ކުޑާ ކޮޓަރީގަ ބާއްވާލާނަން" ޝިއުރާ ބުންޏެވެ.
*************
ކާއެއްޗިއްސަށް ހޫނުކޮށްފައި ސްވިޗުތައް ނިއްވާފައި ކޮޓަރިއަށް ވަނުމުގެ ކުރިން ޝަހާނާ މިސްރާބުޖެހީ އާނާގެ ކޮޓަރި އާ ދިމާލަށެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ހުދު އަލީގެ ތެރެއިން ދިމާ ކުރިމަތީގައި ހުރި އެނދުގައި އާނާ ނިދާލާފައި އޮތެވެ. ޝަހާނާ ކުރިއަށް ޖެހިލާފައި އާނާގެ މޫނަށް ބަލައިލިއެވެ. ދެން އާނާގެ ބޮލުގައި ފިރުމާލާފައި ރަޖާގަނޑު ރީތިކޮށްލިއެވެ. އެކޮޓަރިން ނުކުތުމުގެ ކުރިން ލައިޓް ނިއްވާލަން އުޅެފައިވެސް ޝަހާނާ ނުކުތީ ހުރިގޮތަށް ބަހައްޓާފައެވެ. ހުރިހާކަމެއް ރަނގަޅުވަމުން އައިއިރު ކުރިއެރުމެއް ނުލިބިފައި ވަނީ ހަމައެކަނި އަނދިރިއަށެވެ. ކޮޓަރި ތެރެއިން ހުދު އަލި ފެންނަން ނެތްނަމަ އާނާއަށް ނުނިދެއެވެ. އަނދިރި އާއި އާނާއަކީ ދެ ދުޝްމިނުންނެވެ.
ޝަހާނާ ކޮޓަރިއަށް ވަންއިރު ޖިނާން އޮތީ އިންތިޒާރުގައެވެ. މާކުރިންވެސް ޝަހާނާ ވާހަކަދައްކަން ބޭނުންވާނެކަން ޖިނާނަށް އެނގެއެވެ.
"ހާދަ ލަސްވީ" ޝަހާނާ އެނދަށް އެރުމާއެކު ޖިނާން އެހިއެވެ.
"އިނގެއެއްނު އާނާކޮއްކޮގެ މޫނު ބަލާނުލައި އަހަރެންނަށް ނުނިދޭނެކަން" ޝަހާނާ ބުންޏެވެ.
"ދެން ކޮންގޮތަކަށް ތިވިސްނަނީ؟" ޖިނާން އެހިއެވެ.
"މާދަމާ އެގެއަށް ދާނީ. އާނާ ކައިރީގަ ބުނާނެކަމެއް ނެތެއްނު" ޝަހާނާ ބުންޏެވެ.
"އެސޮރު ބަލާލާފަ ހީވޭ ވަރަށް ރަނގަޅު ކުއްޖެއްހެން. ދެކުނިންތަ އޭނާ މަންމާއޭ ކިޔާފަ ގޮވާލި މީހާ" ޖިނާން އެހިއެވެ.
"އާނ... ދެން ނޭނގެ މާދަމާ އެގެއަށް ގޮސް އެމީހުންނާ ވާހަކަދައްކާލީމަ އިނގޭނެއްނު ވާގޮތެއް" ޝަހާނާ ބުންޏެވެ.
***********
އެންމެން ނިދައި ފިޔަވަޅުތައް އޮބިއްޖެއެވެ. ފެންވަރައިގެން ނުކުމެފައި ޝެލީ ނިދާ ހެދުމަށް ބަދަލުކޮށްލިއެވެ. އަޅިކުލައިގެ ކުދިބޮޅުތަކެއްޖެހި ހަރުވާޅާކާއެކު ހަމަ އެކުލައިގެ އަތްދިގު ޓީޝާޓެކެވެ. ނިދުމުގެ ކުރިން އާންމުކޮށް ބޭނުންކުރާ ކްރީމްތައް ބޭނުންކުރުމަށްފަހު ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން އައިސް އެނދަށް އެރިއެވެ.
ކައިވެނިކުރަން ރަންކިޔައިފިކަން ހަނދާންވާ ކޮންމެފަހަރަކު މާޒީ ހަނދާންވެ ޝެލީއަށް ރޮވެން އުޅޭކަހަލަ އިހުސާސެއް ކުރުވައެވެ. ސާޖިދު މަތިން ހަނދާންވަނީ މާބޮޑަށެވެ. މީގެކުރިންވެސް ޝެލީ ވަނީ ކައިވެންޏެއްކުރަން ރަންކިޔާފައެވެ. ހިތްބިރުގަނެފައި ހުރީ ސާޖިދަށް ދިމާވިފަދަ ގޮތެއް ސާހިލްއަށް ވެދާނޭ ހީވެފައެވެ. ފޯނު ރިންގުވާން ފެށުމާއެކު ޝެލީ ސިހިގެން ދިޔައެވެ. ފޯނަށް އަރާފައި އިން ސާހިލްގެ ފޮޓޯ ފެނުމާއެކު ޝެލީއަށް ހީލެވުނެވެ. އަޖައިބުވެސް ވިއެވެ. ގިނަފަހަރަށް ސާހިލްގެ ކޯލެއް ލިބޭނީ ޝެލީ މާޔޫސްވެ ދެރަވެފައި އިންނަ ވަގުތުތަކުގައެވެ. ޝެލީއަށް ހެވުނީ އެހެންވެއެވެ. ފޯނު ކަންފަތުގައި ޖަހާފައި ވާހަކަނުދެއްކެނިސް ސާހިލްގެ އަޑު އިވިއްޖެއެވެ.
"ހަމަ ކެތްނުވީމަ މިއައީ. ޕްލީޒް. އަހަރެން ވައްދަބަ އެތެރެއަށް" ސާހިލް ބުންޏެވެ.
"ސާހިލް، ގަޑި ބަލާބަ" ޝެލީ އެނދުން ފުންމައިގެން ތެދުވިއެވެ. ބެލްކަންޏަށް ނުކުމެވޭ ދޮރުގެ ފޮތިގަނޑު ކުޑަކޮށް ކަހާލާފައި ބޭރަށް ބަލައިލިއެވެ. ނަމަވެސް ޝެލީގެ ލޮލުގައި ސާހިލް އަޅައިގަންނަ ގޮތެއް ނުވިއެވެ.
"އެކެއްޖަހަނީ. ވަރަށް ވައިގަދަ. ވާރޭ ވެހެން އުޅޭހެން ހީވަނީ. މިހާވަރުން އަހަރެން އައިމަ ފޮނުވާލަނީތަ؟" ސާހިލް ބުންޏެވެ.
"ކީއްކުރަން މިގަޑީގަ އައީ؟ އަހަރެން އުޅުނީ ނިދުމުގެ ކުރިން ގުޅަންކަމަށް" ޝެލީ ބުންޏެވެ.
"ހަމަ ކިސްއެއް ކޮށްލާހިތުން" ސާހިލް ބުންޏެވެ. އެހިނދު ޝެލީ ހިމޭންވިހެން ސާހިލްއަށް ހީވިއެވެ. ޝެލީގެ މޫނަށް އަރާނެ ކުލަވަރު ފެނުމާއެކު ސާހިލްއަށް ހެވުނެވެ.
"މަޖާ އެއީ. ދެން އުޅެބަލަ އަހަރެން ވައްދަން. ސެކިޔުރިޓީ ބޭބެ ގޭޓުން އެތެރެއަށް ވައްދައިދީފި. ޖިންނި ޖިނާހެން ފާރުން މައްޗަށް އަރަންވީތަ؟" ސަމާސާ ރާގެއްގައި ސާހިލް ބުންޏެވެ.
"އެބަ ބަލަން" ޝެލީ ފޯނު ކަންފަތާ ދުރުކޮށްލާފައި މަޑުމަޑުން ދޮރުހުޅުވާލިއެެވެ. އެވަގުތަކީ އާންމުކޮށް އަލްމާޝް ކޮޓަރިން ބޭރުގައި އުޅޭ ވަގުތަކަށް ވާތީ ޝެލީ ހުރީ އެވަރު ވިސްނައިގެންނެވެ. އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ ބަލަން ހުރެފައި ނެތްކަން ޔަގީންވުމުން ޝެލީ ކޮޓަރިން ނުކުތެވެ. މައިދޮރާ ދިމާލަށް ދިޔުމުގެ ބަދަލުގައި ސިޑިން ފައިބައިގެން ދިޔައީ ބަދިގެ އާ ދިމާލަށެވެ. ތަން ނިއްވާލާފައި އޮތަސް ގޯތިތެރޭގައި ހުރި ހޮޅިބުރިތަކުގެ އަލި ގޭތެރެއަށް ފޯރާފައިވިއެވެ. ފަހަތް ބަލަމުން ވަގެއް އުޅޭހެން ގޮސް ޝެލީ ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ތަންޑު ނައްޓާލުމާއެކު ޝެލީގެ މޫނުމަތީގައި އައިސް ޖެހުނީ ވަޔާއެކު އެގޮތްމިގޮތަށް ވެހެމުންދިޔަ ވާރޭ ތިކިތަކެވެ. ކުޑަދޮރު ކުޑަކޮށް ލައްޕާލާފައި ސާހިލްއަށް ޝެލީ ގުޅިއެވެ.
"ބަދިގެ އާ ވީ ދިމާލަށް އާދޭ" ޝެލީ ބުންޏެވެ. ފޯނު ކަނޑާލީކަމެއް ނޭނގެއެވެ. ސާހިލް އައިސް ޖައްސައިފިއެވެ. އިސްކޮޅުން ދިގުކަމުން ކުޑަދޮރުން އެތެރެއަށް ވަންނަން ސާހިލްއަށް ވީ ދަތިކަމަކަށެވެ.
"އެއްކޮށް ތެމިފަ ދޯ" ޝެލީ ބުންޏެވެ.
ސާހިލްގެ އަތުގައި ހިފައިގެން ހިނގައިގަތް ޝެލީގެ ދެލޯބޮޑުވެގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ.
(ނުނިމޭ)