ދެފައިން ދޮރުފަތުގައި ޖެހިޖެހީނުން އެތެރެއިން އަޅުވާފައި ހުރި ތަންޑު ވިއްސައިގެން ގޮސް ޓައިލްސްތަކުގެ މަތީގައި ޖެހުނު އަޑު އިވުނެވެ. ސިހިގެން ދިޔަ އިކާން ޝެލީގެ ގައިން ދޫކޮށްލުމާއެކު އިކާންގެ އަތުތެރެއިން ޝެލީ ވީއްލިގަތެވެ. އެ އައި ގޮތަށް އައިސް ސާހިލްގެ ގައިގައި ޝެލީ ބައްދައިގަތެވެ.
*****
އެއް ތުންފަތުން ހީލާފައި އިކާންގެ ނަޒަރު ސާހިލްއާ އަމާޒުކޮށްލިއެވެ. ސާހިލްއަށް ހީވީ ލޯމަތިން އަލިފާން ކަނި ބުރައިގެން ދިޔަހެންނެވެ. ރޮމުންދިޔަ ޝެލީ ދުރަށް ޖައްސާލާފައި އިކާނާ ސާހިލް ކުރިމަތިލިއެވެ. ދެއަތް މުށްކެވިގެން ދިޔައީ ޝެލީއަށް އިކާން ބަލަހައްޓައިގެން ހުރިގޮތް ފެނިފައެވެ.
"ކަލެއަށް ތި ލިބުނީ އަހަރެން ބާކުރީމަ... ހެހެހެ..." އިކާން ބުންޏެވެ. އެއާއެކު އިކާންގެ އަނގަ މައްޗަށް އަރައިގެން ދިޔައީ ސާހިލްގެ ގޮށްމުށުގެ އެތިފަހަރެކެވެ. އިކާންގެ މަތީ ތުންފަތުގެ އެއް އަރިމަތިން ފަޅައިގެން ދިޔައެވެ. އަނގައިގައި ލި ލޭރަހައާއެކު ހުރި ދިމާލުން ތިރިއަށް އިކާން ރަތްކުޅެއް ޖެހިއެވެ. އިކާން ސާހިލްއާ ދިމާލަށް އައި ވަގުތު އެއީ ދުވެފައި އައި ރާވީ ފާހާނާގެ ދޮރަށް އެރި ވަގުތެވެ. އެހެންނަމަވެސް އިތުރު މީހަކަށް ސާހިލް ނުބަލައެވެ. އިކާންގެ ކަރުގައި ހިފި ގޮތަށް ފާރަށް ތަތްކޮށްލީ ފަހުން ނުކުންނާނެ އެއްވެސް ނަތީޖާއަކަށް ނުބަލައެވެ. ޝެލީގެ މުޅި ދިރިއުޅުން ބަންޑުންޖަހާލި ނުބައި ނުލަފާ ޖަނަވާރުކަން ސާހިލްއަށް އެނގުނީ އިކާން ބުނި ޖުމުލައިންނެވެ.
"އޭތް... ދޫކުރޭ... އޭނަ މަރުވަނީއޭ" ސާހިލް ދުރަށްލާން މަސައްކަތް ކުރަމުން ރާވީ ބުންޏެވެ. އެންމެފަހުން ރޮމުންދިޔަ ޝެލީ ކުރިއަށް ޖެހުނެވެ. ސާހިލް ގޯހެއް ހަދައިފާނެކަމުގެ ބިރުވެރިކަން ހިތުގައި ހިނގައިލުމާއެކު ސާހިލްގެ އަތުގައި ޝެލީ ހިފެހެއްޓިއެވެ.
"ހިނގާ ދާން.." ޝެލީ ބުނަމުން ދިޔައެވެ.
"ޕްލީޒް ހިނގާ ދާން" ޝެލީގެ އަޑު މިފަހަރު ގަދަވިއެވެ. ސާހިލް، ޝެލީގެ މޫނަށް ބަލައިލިއެވެ. ދެން އިކާންގެ ކަރުން ދޫކޮށްލާފައި ޝެލީގެ އަތުގައި ހިފިއެވެ. ޝެލީގެ ޝޯލްއިން ނެއްޓިފައި އޮތް ބައި ނަގާފައި ޝެލީގެ ކަރުގައި އޮޅާލިއެވެ. ދެން ޝެލީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
*****
"ހަމަޖެހިއްޖެ؟" ބަދިގޭގައި ހުރި ސަމީރާ ވާހަކަދެއްކީ މޭޒުކައިރީގައި އިން އާޝިގާއާއެވެ. ޑޮކްޓަރަކަށް ދައްކަން އާޝިގާ އެއްބަސްވީ ސަމީރާ އެތައް ފަހަރަކު ކިޔައިގެންނެވެ.
"މި ނިމުނީ... އެސޮރަށް އަނެއްކާވެސް ނިދުނީ ދޯ" އުނދުން މަތީގައި ހުރި ތެލީގައި މަތިޖަހާފައި އައިސް ސަމީރާ ހުއްޓުނީ އާޝިގާ ކައިރީގައެވެ.
"ދެން އެކަމާ ނުވިސްނާ. ސަމިއްތައަށް ހަމަ ޔަގީން ޝިއުރާ ވިސްނާނެކަން. އެކަން ގަބޫލުކުރަން ވަގުތު ނަގާނެއްނު" ސަމީރާ ބުންޏެވެ.
ދޮރުހުޅުވާލި އަޑަށް ސަމީރާ ބަލައިލިއެވެ. އޭރު ޝެލީގެ އަތުގައި ހިފައިގެން ސާހިލް އެތެރެއަށް ވަދެއްޖެއެވެ. ފުރަތަމަ ފެނިލުމާއެކުވެސް ޝެލީއަށް ބަދަލުތަކެއް އައިސްފައިވާކަން ސަމީރާއަށް އެނގިއްޖެއެވެ. ސުވާލު ނުކުރީ ސާހިލް ލޮލުން ސަމީރާއަށް ކޮށްލި އިޝާރާތަކުންނެވެ.
"މިވެސް ވަރެއްގެ ދެ ދަރިން" ސަމީރާ ބުނެލިއެވެ.
*****
ހަގީގަތް ހާމަވުމާއެކު ޝިއުރާ ފަދައިން އައްބާސްވެސް ވެއްޓިގެން ދިޔައީ ފިކުރުގެ ކަނޑެއްގެ ތެރެއަށެވެ. އެވަރުގެ ބޮޑު ކަމެއް އިކާން ސިއްރުކޮށްގެން އުޅުނީތީ ދެބަފައިން ތިބީވެސް ކިޔާނެ އެއްޗެއް ނޭނގިފައެވެ. ލަކްޔަން ބުނަނީ ތެދެއްކަން މިއަދު އެ ދެމީހުންނަށް އެނގި ހާމަވެއްޖެއެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލާފައި އޮތަސް ތެދެއް ނުވާނެއެވެ. އިކާން ރަނގަޅުވާނެ ހަމަ އެއްވެސްގޮތެއް ނެތެވެ.
"ބައްޕާ..،" ޝިއުރާ އައްބާސްއަށް ގޮވާލިއެވެ.
އައްބާސް ޝިއުރާއަށް ބަލައިލިއެވެ. އިކާންގެ އަލަމާރިން ބޭނުންވާ ހުރިހާ އެއްޗެއް ފެނިއްޖެއެވެ. އެކޮޓަރިން ނުކުމެގެން އައިސް މިހާރު ދެބަފައިން ތިބީ އައްބާސްގެ ކޮޓަރީގައެވެ. ޝިއުރާގެ އަތުގައި އިކާނާއި އާޝިގާގެ ކައިވެނީގެ ސެޓްފިކެޓާއި އާޝިގާއާއެކު ނަގާފައި ހުރި ބައެއް ފޮޓޯތައް ހުއްޓެވެ. އިކާން ހިތުން އެއްޗެހި ފޮރުވާފައި ހުރި ހިސާބެއް އެއްވެސް މީހަކު ނުބަލާނެއެވެ.
"ލަކްޔަން... ލަކީއާ މެދު ބައްޕައަށް ވިސްނެނީ" އައްބާސް ބުންޏެވެ.
"އަޅުގަނޑުވެސް. މިކަންކަން އެނގުނިއްޔާ އިކާން މަރާފައި ނޫނީ ދުލެއް ނުކުރާނެ. އަޅުގަނޑު ވަރަށް ބިރުގަނޭ އެބަ" ޝިއުރާ ބުންޏެވެ. އައްބާސްގެ ކޮނޑުގައި ޝިއުރާ ހިފަހައްޓާލި އިރު، ދެއަތުގައި ރޫރުއަޅަމުން ދިޔައެވެ. އެކަމުން އެކަނިވެސް ޝިއުރާ ކަންބޮޑުވެފައި އިންވަރު ހާމަވެއެވެ.
"އެކަމަކު މިކަން ލަކީއަށް ނާންގައެއްވެސް ނޫޅެވޭނެ. އަނެއްކޮޅުން އާޝިގާ މިހާރުވެސް އޭނީ އިކާންގެ ދަރިއަކަށް ބަލިވެ. ބައްޕައަށް އެނގޭތަ އެއީ ހާދަ ތަފާތު ކުއްޖެކޭ. ސަމީރާއްތަ އެހުރިހާ ވާހަކައެއް ކިޔައިދިނީ އާޝިގާ ބޭނުވެގެނެއް ނޫން. އެކުއްޖާ ބޭނުމެއް ނުވޭ އިކާން ބަދުނާމުވާކަށް" ޝިއުރާ ވާހަކަދެއްކިއެވެ.
"ދަރިފުޅު، އާޝިގާ ކުޑަމީހާއާއެކު މިގެއަށް ގެނޭ. އެއީ މިގޭ ކުދިން. އެއްވެސް މީހަކަށް އާޝިގާ މިގެއިން ނެރެން ނުކެރޭނެ. ބައްޕަ ލަކްޔަނާ ވާހަކަދައްކާނަން. މިފަހަރު އިކާން ސަލާމަތްކުރަން ބައްޕަ އެއްކަމެއްވެސް ނުކުރާނަން. ދަރިފުޅުވެސް ނުވާނެ އަނގައިން އެންމެ ބަހެއްވެސް ކިޔައިގެން" އައްބާސްގެ ރާގުގައި ހަރުކަށިކަމެއް ވިއެވެ. ޝިއުރާ އަނގައިން އެންމެ ބަހެއްވެސް ނުކިޔައެވެ.
*****
ޝިއުރާ ކޮޓަރިން ނުކުތީ އައްބާސް މާބޮޑަށް އެކަމާ ވިސްނައި ފިކުރުކޮށްފާނެތީ އައްބާސްއަށް ބޭސްދީފައެވެ. އަތުގައި ހުރި ލިޔުންތަކާއެކު ކޮޓަރިއަށް ވަންނަން އުޅުނު ޝިއުރާއަށް ބަލައިލެވުނީ ލަކްޔަންގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އޭރު ކޮޓަރި ދޮރުމަތީގައި ލަކްޔަންއާއި ޖޫލީ ހެވިފައި ތިއްބެވެ.
"ވަރަށް އުފާވެރި ހަބަރެއް ދައްތާ" ލަކްޔަން ކައިރިއަށް އަންނަން ފެށުމުން ލިޔުންތައް ހުރި އަތް ފުރަގަހަށް ލިއެވެ.
"ކިހިނެއްވީ އަނެއްކާ؟ ސިޔާގެ ހަބަރެއްވީތަ؟" ޝިއުރާ އެހިއެވެ.
"ކޮބާ ބައްޕަ؟ ބައްޕަވެސް ބައިންދައިގެން މި ހަބަރު ދޭން ބޭނުމީ" ލަކްޔަން ބުންޏެވެ. ފަހަކަށް އައިސް ލަކްޔަން އެހާ ހިތްހަމަޖެހިފައި ހުރިތަނެއް ޝިއުރާއަށް ނުފެނެއެވެ.
"ބައްޕައަށް ނުގޮވާ. ނިދިފަ އޮތީ. މިއަދު ބައްޕަ އެހާ ރަނގަޅު ދުވަހެއް ނޫން" ޝިއުރާ ބުންޏެވެ. ލަކްޔަން ދެރަވިއެވެ. ބައްޕައަކީ ބަލިމީހެއް ކަން އެނގޭއިރުވެސް ދުވަހު އެއްކޮށް ލަކްޔަންއަށް ބައްޕަގެ ހާލު ބަލައެއް ނުލެވެއެވެ. ތަންތަނުގެ ވެރިންނާއެކު އޮތް ބައްދަލުވުމެއް ލަކްޔަން އުޅުނީ ނުލާހިކު ބުރަކޮށެވެ.
"އެހެންވީމަ މިރޭ ކެއުން ކުރިއަށްދާ ގަޑީގަ ބުނާނީ. އެންމެން ތިބޭނެއްނު. ކޮބާ އިކާން؟" ލަކްޔަން އެހިއެވެ. ނޭނގެއޭ ބުނުމުގެ ގޮތުން ޝިއުރާ ދެކޮނޑު އަރުވާލިއެވެ.
*****
މޭޒުކައިރީގައި އިން ޝެލީގެ ދެއަތްތިލަ ވަނީ ސާހިލްގެ ދެއަތުގެ ތެރޭގައެވެ. ކައިރީގައި އާޝިގާއާއި ސަމީރާވެސް އިނެވެ. ޝެލީ ހަމަޔަކަށް އެޅުނީ ސާހިލް އެތައް މަސައްކަތެއް ކޮށްގެނެވެ. އެތައް ވާހަކައެއް ސާހިލް ދެއްކި ފަހުންނެވެ.
"ހާދަ ހަޔާތްކުޑަ މީހެކޭ. އަދިވެސް އެކަހަލަ މީހުން ހަމަ ގިނައީ ދޯ" އާޝިގާ ބުންޏެވެ. ދުލުން އެބަސްތައް ރައްދުވި ފަރާތަކީ ދަރިންގެ ބައްޕަކަން ނޭނގޭ ހާލު އާޝިގާ އިކާނަށް އެއްޗެހި ގޮވިއެވެ.
"ތެންކިޔު ސާހިލް. މިއަދު އެގަޑިއަށް...." ސާހިލްގެ ދެއަތްތިލައިގައި ހިފަމުން ޝެލީ ބުންޏެވެ.
"އަނެއްކާވެސް. މިހާރު އެ ޖުމުލަ ބުނި އަދަދެއްވެސް ނޭނގޭ... ދެން ނުބުނާތި.. ދެން ގުޅާބަ މަންމައަށް. ކިހާވަރަކަށް ގުޅައިފި" ސާހިލް ބުންޏެވެ. މޭޒުމަތީގައި އޮތް ފޯނަށް ޝެލީ ބަލައިލިއެވެ. އޭރުވެސް އަލްމާޝް ގުޅަމުން ދިޔައެވެ. ޝެލީ ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ. އިރުކޮޅަކުން ގެއަށް ދާނެކަމަށް ބުނެފައި ޝެލީ ފޯނު ކަނޑާލުމުން ސާހިލް ސުވާލުކުރިއެވެ.
"ކީއްވެ އެވާހަކަތައް ނުދެއްކީ" ސާހިލް ބުންޏެވެ.
"އެ ވާހަކަދައްކަން މިހާރު ބޭނުމެއް ނުވޭ. ކޮންމެގޮތެއްވިޔަސް އެއީ ސިޔާގެ ބޭބެ. ސިޔާ މިހާރު އެހެރީ އާއިލާ ކުއްޖަކަށްވެފަ. ސިޔާގެ ބޭބެ އެފަދަ އަމަލެއް އަނެއްކާ ހިންގަން އުޅުނުކަން އެނގުނިއްޔާ އެކުއްޖާ ވަރަށް ދެރަވާނެ" ޝެލީ ވާހަކަދެއްކިއެވެ. ޝެލީ ދެއްކި ވާހަކަތައް ދޮގުކުރެވެން ނެތުމުން ސާހިލް އިތުރަށް ބާރެއް ނާޅައެވެ.
"އެކަމަކު ކުޑަކޮށް ވިޔަސް މަންމަ ކައިރީގައި ނުބުނެ ނުހުރެވޭނެ"
"ސިޔާ އެއީ އެރޭ މެރީކުރި ކުއްޖާތަ؟ އެހެންވިއްޔާ ސިޔާގެ ބޭބެއަށް ވާނީ...؟" އާޝިގާ ބުންޏެވެ. ދެން ބަލައިލީ ކައިރީގައި އިން ސަމީރާގެ މޫނަށެވެ. ކުރެވުނު ޝައްކު ޔަގީންނުވުމަށް އެދި އާޝިގާ ހިތާހިތުން ދުއާކޮށްލިއެވެ.
"އާނ. އެއީ އެ އާއިލާގެ ހަލާކު. ނުބައި ބައްޔެއް. ދުނިޔެ އެފުށް މިފުށަށް ޖެހުނަސް ދުވަހަކުވެސް އިސްލާހުނުވާނެ. ނޭވާ ހޮޅިޔަށް އެޅިފައި އޮތަސް ޔަގީން ހެޔޮބަހެއް ނުބުނާނެކަން" ޝެލީ ބުންޏެވެ. އާޝިގާއަށް އިނދެވުނީ ޝެލީގެ މޫނަށް ބަލަހައްޓައިގެންނެވެ. ލޮލުން ވެއްޓެން ތައްޔާރުވެފައިވާ ކަރުނަގުޅަ ސަމީރާއަށް ރީތިކޮށް ފެނުނެވެ. އެހެންކަމުން ސަމީރާ، އާޝިގާއަށް ހަމްދަރުދީވެ އަތުގައި ހިފާލިއެވެ.
"އިކާން... އިކާންތަ އޭނައަށް ކިޔަނީ" އާޝިގާ އެހިއެވެ. ޝެލީ ބޯޖަހާލިއެވެ.
އެންމެ ފުރަތަމަ ޝެލީއާ އިކާން ބައްދަލުވެ ކުރެވުނު ޒުވާބާ ހަމައިން ފެށިގެން އެ ވަގުތާ ހަމައަށް ހުރިހާ ވާހަކައެއް އާޝިގާއަށް ކިޔައިދިނެވެ. އެ މައްސަލައިގައި އިކާން ޖަލަށްލި ވާހަކައާއި އެ މައްސަލައިގައި ސިޔާއާއި މިކާލްގެ ގުޅުން ނިމުމަކަށް އައި ވާހަކަވެސް ބުންޏެވެ. އެކަމުގެ ސަބަބުން ޝެލީ ނަފްސާނީގޮތުން ބަލިވީވަރު ކިޔައިދިނެވެ. އާޝިގާއަށް ހީވީ އުޑު ބޮލަށް ވެއްޓުނު ހެންނެވެ. ކަންފަތަށް ހޮނުގުގުރިއެއް އެޅިނަމަވެސް އެހާވަރަށް ނުސިހޭނެއެވެ. އިކާނަކީ އެހާ ނުބައި ނުލަފާ އިންސާނަކީ ހެއްޔެވެ؟ އާޝިގާއަށް ލޯބިވެވުނީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއް ދެކެ ހެއްޔެވެ؟ ގޮތް ބަލައިނުލާ އިނދެވުނު މޮޔައެވެ. އަމިއްލަ ނަފްސާ އާޝިގާ ވާހަކަދައްކަމުން ދިޔައިރު ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެ މަންޒަރު ފެނި ސާހިލްއާއި ޝެލީގެ ހިތުގައި ސުވާލު އުފެދުނެވެ.
"ކެތްތެރިވޭ ދަރިފުޅާ" އާޝިގާގެ ބުރަކަށީގައި ސަމީރާ ފިރުމާލިއެވެ. ސަމީރާގެ އޯގާތެރިކަން އިތުރަށް އާޝިގާ ރޮއްވާލިއެވެ. މޭޒުގައި ބޯއެޅިގޮތަށް އަޑުން އަޑުނަގާ އާޝިގާ ރޮމުން ދިޔައެވެ. ވޭނާއި ކެކުޅުން އެ އަޑުގައި ވިއެވެ. ވާނުވާ ނޭނގިފައި އިން ޝެލީވެސް ރޮއްވާލިއެވެ. އެންމެފަހުން އިންތަނުން ތެދުވެގެން އާޝިގާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ސާހިލްއާއި ޝެލީ ސުވާލުކުރާނެކަން އެނގޭތީ ސަމީރާ، އިކާނަކީ އާޝިގާގެ ކާކުކަން ބުނެދިނެވެ. ޝެލީއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އާޝިގާގެ ކުރިމަތީގައި އިކާނަށް އެހާ އެއްޗެހި ގޮވުނީތީ އަމިއްލަ ނަފްސު ޝެލީ ކުށްވެރިކުރިއެވެ.
*****
ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން ލަކްޔަން ސޯފާގައި އިނެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންގޮތަށް ޝިއުރާ ބޭރަށް ނުނިކުމެއެވެ. ހަވީރު ސަޔަށްވެސް މީހަކު ބޭރަށް ނުނިކުންނާތީ ލަކްޔަން އިނީ ކަންބޮޑުވެފައެވެ. ވަގުތަކީ ހަވީރުގެ ފަހުގެ ވަގުތެކެވެ. ބަނޑުހައިވާން ފެށުމުން އެންމެފަހުން ލަކްޔަން ތެދުވެގެން ގޮސް ބަދިގެއަށް ވަނެވެ. ކޮފީތައްޓެއް ހަދައިގެން އައިސް އަލުން ކުރިން އިންތަނުގައި އިށީނެވެ. މީހަކު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުން ލަކްޔަން ބަލައިލިއެވެ. ގޭތެރެއިން އެންމެ ފެންނަން ބޭނުން ނުވާ މީހާއަށް ފެނުމުން އިކާން ހާސްވިއެވެ. އަނގަމަތިން ފަޅައިގެން ގޮސް ދުޅަވެފައި ހުރިތަން ލަކްޔަންއަށް ފެނުމުގެ ކުރިން ކަހާލަން ކަމަށް ހަދާފައި އަތުން ނިވާކޮށްލިއެވެ. ދެން ބަހެއް ނުކިޔައި ކޮޓަރިއާ ދިމާލަށް ދިޔައެވެ.
"ކޮންތާކުން؟" ލަކްޔަންގެ ހަރުކަށި އަޑު އިވުނެވެ. އިކާނަށް ހީވީ ނުފެންނަ އަތަކުން ދެފައި ތިލައިގައި ހިފެހެއްޓި ހެންނެވެ. ޖަވާބެއް ނުދީ ކޮޓަރިއަށް ވަދެފިއްޔާ ލަކްޔަންގެ އުނދަގޫ މާބޮޑުވާނެއެވެ.
"އަހަރެން މި އަހަނީ ކޮންތާކު އުޅެފަހޭ ތިއައީ؟" ލަކްޔަން އެހިއެވެ.
"ކޮފީއަކުން" އިކާން ބުންޏެވެ. އިތުރު ސުވާލެއް ލަކްޔަން ނުކުރުމުން އިކާން ކޮޓަރިއަށް ދެމިގަތެވެ.
*****
މޫނު ދޮންނަ ތަށީގެ ދެފަރާތުގައި އަތް އަޅުވާލާފައި އަމިއްލަ ސޫރައަށް އިކާން ބަލައިލިއެވެ. ދެން އަނގަ ކައިރިން ފަޅައިގެން ގޮސްފައި ހުރި ތަން ފެނި އިކާނަށް ދެއަތްތިލަ މުށްކެވުނެވެ. ލޯމަތީގައި ސިފަވީ ނުވެސް ދަންނަ ފިރިހެނަކު އޭނާއަށް އަނިޔާވެރިވި ގޮތެވެ. ޝެލީގެ ހަގީގަތް ކިޔައިދިނުމުންވެސް އެ ފިރިހެނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ހީވާގޮތުން ޝެލީއާ ހެދި ހޭބަލިވެފައިވާ ފިރިހެނެކެވެ. ސާހިލް ހިފިތަނުގައި ކަރުގައިވެސް ފަނޑު ނިޝާނެއް ހުއްޓެވެ. އެ މަންޒަރު ހިތަށް ސިފަވުމާއެކު އިކާނަށް ހިންދިރުވާލެވުނެވެ. އެއީ ކޮންކަހަލަ މީހެއްބާއޭ ހިތަށް އެރިއެވެ. މިއަދު މަރުން ހަމަ ސަލާމަތްވީ ކިރިޔާއެވެ. އިސްކުރު ދޫކޮށްލި ގޮތަށް ދެއަތްތިލައިން މޫނަށް ފެންބުރުވަން ފެށިއެވެ. ފާހާނާތެރޭގައި ހުރި ތުވާލި ހަރުގަނޑުން ތުވާއްޔެއް ދަމައިގަނެފައި މޫނު ފޮހެމުން އައިސް އެނދުގައި އިށީނެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ބަލއިލީ މެސެޖެއް އައިހެން ހީވެފައެވެ.
"އަހަރެން ވަރިކުރޭ. ސުލްހަވެރިކަމާއެކު ވަރި ނުކުރަންޏާ އަހަރެން ކޯޓަށްވެސް ދާނަން. ތިގެއަށްވެސް ދާނަން" އާޝިގާގެ މެސެޖު ކިޔާލާފައި އިކާންގެ ދެބުމަ ގޮށްޖެހުނެވެ. ދުރަށް ފޯނު ހޫރާލިގޮތަށް ކޮޅަށް ތެދުވެއްޖެއެވެ. އެއްކަމަކުން ސަލާމަތްނުވެ އުޅެނިކޮށް އަނެއްކާ އަނެއް ކަންތަކެވެ. ބޮޑު މުސީބާތެކެވެ. ހުރިހާކަމެއް ކުރިމަތިވާންވީ އެއްކޮށް ހެއްޔެވެ؟ ދިގުވެފައި ހުރި އިސްތަށިގަނޑު ތެރޭގައި އިކާނަށް އަތް ހިންގާލެވުނެވެ. އާޝިގާއަށް ކޮންމެވެސް ޖަވާބެއް ދޭންޖެހޭނެތީ އެކަމާ ވިސްނަން ފެށިއެވެ.
*****
މޭޒުމައްޗަށް ކާން އަރުވާފައި ފަހަރަކު މީހަކަށް ޝިއުރާ ގޮވިއެވެ. އެންމެން ހަވަވުމާއެކު ކާން ފެށުމުގެ ކުރިން ލަކްޔަން އައްބާސްއަށް ގޮވާލިއެވެ.
"އަޅުގަނޑު މީހަކާ އިނުމަކީ ބައްޕައާ ދައްތަ ވަރަށް އެދޭކަމެއްނު. އަޅުގަނޑު މީހަކާ އިންނަން ނިންމައިފިން" ލަކްޔަން ބުންޏެވެ. އައްބާސްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލަކްޔަންގެ ފަރާތުން އެ ލިބުނު ހަބަރަކީ ދުވަހަކުވެސް ލިބިދާނެކަމަށް އައްބާސް އުންމީދުކޮށްގެން ހުރި ހަބަރެއް ނޫނެވެ.
"ބައްޕަ ވަރަށް އުފާވެއްޖެ. ބައްޕަގެ ހެޔޮ ދުއާ އަބަދުވެސް ތިދެކުދިންނާއެކު ވާނެ" އައްބާސް ބުންޏެވެ. ލަކްޔަން ބުނުމަކާ ނުލައި އައްބާސްއަށް އެ އަންހެންކުއްޖާއަކީ ޖޫލީ ކަން އެނގިއްޖެއެވެ. ޝިއުރާވެސް ހިނިތުންވެފައި ޖޫލީގެ ބޮލުގައި ފިރުމާލިއެވެ.
"އެކަމަކު ނިންމާނީ ސިޔާ އައީމަ" ލަކްޔަން ބުންޏެވެ.
ޝިއުރާގެ ހިނިތުންވުން ފަނޑުވީ އެންމެންގެ ތައްޓަށް ޖޫސްއަޅަމުން ގޮސް އިކާނާ ހަމަވުމުންނެވެ. އިކާނަށް ބަލައިލި ޝިއުރާގެ ދެލޮލުގައި އެއްވެސް އަސަރެއް ނެތެވެ. އެހެންޏާ ޝިއުރާގެ މޫނުމަތިން ފެންނަ އޯގާތެރިކަމެއް އިކާނަށް މިފަހަރު ނުފެނުނެވެ. ހިތުގައި ސުވާލުވެސް އުފެދުނެވެ. އެހެންނަމަވެސް އެންމެންގެ މެދުގައި ސުވާލުކުރާކަށް ނުކެރުނެވެ.
"މިއަދު ބައްޕައާ ދައްތަ ހާދަ ފާޑަކަށް ތިބި ދުވަހެއް. އަނެއްކާ ކަމެއްވީތަ؟" ލަކްޔަން އެހިއެވެ. އެހާ އުފާވެރި ހަބަރެއް ދިނުމުންވެސް ގޭތެރެއިން ފެންނަންޖެހޭ އުފާވެރިކަމެއް ނުފެނުނީތީ ލަކްޔަންގެ ހިތުގައި ސުވާލު އުފެދުނެވެ. އައްބާސްއާއި ޝިއުރާ އެކަކު އަނެކަކަށް ބަލައިލާފައި ހިމޭންވިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލާފައި ކާމޭޒާ ދިމާލަށް އައީ ފާރޫގެވެ. ފަހަތުން އައި ދެ އަންހެނުން ފެނިފައި ޝިއުރާގެ މޫނުމަތީގައި ހައިރާންކަމެއް ހިނގާލިއެވެ. އެފަދަ ވަގުތެއްގައި ޝެލީއާ އަލްމާޝް ގޭތެރެއިން ފެންނަންޖެހޭ ސަބަބެއް ނުވިސްނުނެވެ.
"މިއީ ލަކީއާ ބައްދަލުކުރަން އައި ދެކުދިން" ހުސްކޮށް ހުރި ގޮނޑީގައި އިށީންނަމުން ފާރޫގް ބުންޏެވެ. ލަކްޔަން ފަހަތް ބަލައިލިއެވެ. ކުރީގައި ޝެލީ ހުއްޓަސް އެންމެ ފުރަތަމަވެސް ލަކްޔަންގެ ލޮލުގައި އަޅައިގަތީ ފަހަތުގައި ހުރި އަލްމާޝްއެވެ. ހިތުގައި ރިއްސައިގަތީ އަލްމާޝްގެ ދެލޮލުގައި ވިދަމުންދާ ކަރުނަތައް ފެނިފައެވެ. އަލްމާޝްއާ ދިމާލަށް ލަކްޔަންއަށް ދެވުނީ ގަސްދަކާ ނުލައެވެ. އަންގައިވެސްނުލާ އެގެއަށް އަލްމާޝް އަންނަންޖެހުނު ސަބަބެއް އޮޅުންފިލުވަން ލަކްޔަން އުޅުނެވެ.
އިކާން މަޑުމަޑުން އައްބާސްގެ ފުރަގަހަށް ވަނެވެ. ކަންތައްތައް ދެން ވެގެންދާނެ ގޮތް މާ ރީއްޗަށްވެސް އިކާނަށް ސިފަވާން ފަށައިފިއެވެ. އެއް މަރަކުން ސަލާމްތްވީ ކިރިޔާއެވެ. ލަކްޔަންގެ ހަނގުރާމަ ފަށާކަށް ގިނައިރެއް ނެތެވެ.
"ލަކީ، އަހަރެންގެ ދަރިފުޅު ދިރިއުޅުނަ ދީ. އެކުއްޖާ އެކަންތަކުން އަރައިގަތީ ވަރަށް މަސައްކަތުން. ކޮބާ ޝެލީގެ ކުށަކީ؟ ޝެލީގެ ހަޔާތަށް ގެންނާނެ މީހަކު އެނގޭނީ ޝެލީއަށް. އެ ކައިވެނި އަހަރެން ކެންސަލްކުރީ އަހަރެން ބޭނުންވެގެން. އެއީ ކޮންމެހެން ޝެލީވެސް ކުރަން ބޭނުންވާ ކައިވެންޏަކަށް ނުވާތީ. އެކަމަކު... އިކާން.... އަނެއްކާ ޝެލީ އެ އަނދަވަޅަށް ވައްޓާލަން އެ މަސައްކަތްކުރަނީ. ސިޔާއަކީ އަހަރެންގެ ދަރިއަކަށްވާތީ ކެތްކޮށްގެން ހުންނަން ވަރަށް މަސައްކަތް ކޮށްފިން..." ލަކްޔަންގެ އަތުގައި ހިފާލައިގެން ހުރި އަލްމާޝް ކިޔަމުން ދިޔައެވެ. ލަކްޔަން ހުރީ ބަސްހުއްޓިފައެވެ. ކިޔަންވީ ކީކޭ ކަމެއް ނޭނގިފައެވެ. އިކާން އެފަދަ ކަމެއް އަލުން ކުރީތީ އިނތިހާއަށް ލަދުގަނެފައެވެ. ޝިއުރާ އައިސް އަލްމާޝްގެ ގައިގައި ހިފަހައްޓާލިއެވެ.
އަލްމާޝްގެ އަތުން ދޫކޮށްލާފައި ލަކްޔަން ކުރިމަތިލީ އައްބާސްގެ ފަހަތުގައި ހުރި އިކާނާއެވެ. ބިރުން ވިރިވިރި ހުރި އިކާންގެ އަތުގައި ހިފައިގެން އައިސް ބެހެއްޓީ ޝެލީގެ ކުރިމަތީގައެވެ. ޖެހިލުންވެފައި ހުރި ޝެލީ އެއްފިޔަވަޅު ފަހަތަށް އެޅިއެވެ. މީހުން ކައިރީގައި ތިއްބަސް ގަޔަށް އަތްނުލައި އިކާން ހުންނާނެކަމުގެ ޔަގީންކަމެއް ޝެލީއަށް ނެތް ކަހަލައެވެ.
"އޭނަ އުޅުނީ ޝެލީގެ ބުރުގާ ބާލުވަން. ކޮނޑާ ކަނދުރާގެ އެކި ދިމާލުން ޕިން އެޅި ލޭކޮށިފަ. ހަންގަނޑު ރަތްވެފަ. ކުރިން ދިން އަނިޔާ ކުޑައީތަ؟ އަންހެން ދަރިއަކަށް އެވަރު ކުރާއިރު އެމަންޒަރު ބަލަން އެއްވެސް މަޔަކަށް ކެތްވާނެތަ؟ މި އާއިލާ އިން މިކަމަށް ހައްލެއް ނުގެނެސްފިނަމަ އަހަރެންނަށް މަޖުބޫރުވާނެ އަލުން ފުލުހުންނަށް މި މައްސަލަ ހުށަހަޅައިގެން ބަލަން" އަލްމާޝް ވާހަކަދެއްކިއެވެ. ރޮވުނުވަރުން އަލްމާޝްއަށް ޝިއުރާގެ ކޮނޑުގައި ބޯއެޅުނެވެ.
ޝިއުރާ ހިންދިރުވާލިއެވެ. އިކާންގެ ސޯޓުބެލޭކަށް ގިނައިރެއް ނެތެވެ. ސަމީރާ، އާޝިގާއާއި އަސަލް ގޮވައިގެން ގެއަށް ނުވަންނަ ކަމެއްވެސް ނޭނގެއެވެ. ހިފަހައްޓަން އުނދަގޫވާނީ ލަކްޔަންއެވެ. ގޭތެރެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވާނެއެވެ. އެކަކު އަނެކަކުގެ މަރާ އެއްވެސް މީހަކު ހަވާލުނިވިއްޔާ ރަނގަޅެވެ. ހަށީފުރާ ނޭވައެއްލި ޝިއުރާއަށް ބަލައިލެވުނީ ބެލްއަޅާލި ދޮރާ ދިމާލަށެވެ.
(ނުނިމޭ)