"ޝިއުރާ... ވަރަށް ރަނގަޅު ވަގުތެއްގަ ތިއައީ" އާޝިގާއަށް ބަލައިލަމުން ސަމީރާ ބުންޏެވެ. އާޝިގާއަށް ހީވީ މޭގަނޑު އަނގައަށް އައިހެންނެވެ. ހެދޭ ކިތަންމެ ކުޑަކުޑަ ގޯހަކުންވެސް މުޅި އުމުރަށް އިކާނު ގެއްލެން އާޝިގާ ނޭދެއެވެ. އެވަގުތު ސަމީރާ ހުއްޓުވާނެ ގޮތެއްވެސް އާޝިގާގެ ވިސްނުމަކަށް ނައެވެ.
"މިތާ ކައިރި ހިސާބަކު ފިހާރައަކަށް އައިއްސަ ހިތަށް އެރީ މިގެއަށް ވަދެލާނަމޭ" ހިނިތުންވަމުން ޝިއުރާ ބުންޏެވެ. އެގެއަށް އައި ހަގީގީ ބޭނުން ހާމަކުރަން ޝިއުރާއަށް ނުކެރުނެވެ. އެކަން ސަމީރާއަށް އެނގުނެވެ.
"އާޝިގާ. ކިހިނެއްތަ؟ ކޮބާ ކުޑަމީހާ" ސޯފާގައި އިށީންނަމުން ޝިއުރާ އެހިއެވެ. އާޝިގާއަށް ހީލަންވެސް ނޭނގުނެވެ. ހަގީގަތް ހާމަވާހިނދު ޝިއުރާ ކަންތައްކުރާނެ ގޮތެއް ނޭނގިފައި އާގަމަވެފަ ބަލަހައްޓައިގެން ހުރެވުނީއެވެ.
"އެމަންޖެ ބަލިކޮށް އެ އުޅެނީ. ވަރަށް ހޮޑުލައި އެބަ" ސަމީރާ ބުންޏެވެ. ޝިއުރާ ސަމީރާއަށް ބަލައިލިއެވެ. އާޝިގާ ހޮޑުލާ ވާހަކަ ބުނުމުން އެމާނަ ނަގާނެގޮތެއް ޝިއުރާއަށް ނުވިސްނުނެވެ.
"މަންމާ، ޝެލީ ގުޅައިގެން އެގެއަށް މިދަނީ" ކޮޓަރިއަށް ވަދެފައި ނުކުތް ސާހިލް ބުންޏެވެ. އެހިނދު ޝިއުރާގެ ނަޒަރު ސާހިލްއަށް ހުއްޓުނެވެ. ސަމީރާގެ އެވަރުގެ ދަރިއަކު ހުންނަކަން އެނގުމުން ޝިއުރާ ހިނިތުންވެލިއެވެ. އެހެންނަމަވެސް ޝެލީގެ ނަން ބުނުމުން ހައިރާންކަމެއްވެސް ވެރިވިއެވެ. ޝެލީ ލޯބިވާ ޒުވާނަކީ އަނެއްކާ އެއީ ނޫންބާއެވެ؟
"އެކޮއި ދުރުގަ ނުހުރޭ. އާދޭ. ކޮންމެވެސް އެއްދުވަހަކުން ހަގީގަތާ ކުރިމަތިލާން ޖެހޭނެ" ސަމީރާ އާޝިގާއަށް ގޮވާލިއެވެ. ޝިއުރާ ބަލައިލުމާއެކު އާޝިގާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ކޮޓަރިން އަސަލްގެ ރުއިމުގެ އަޑު އިވުނީވެސް އެވަގުތުއެވެ.
"ސަމިއްތަ އެބަ އަންނަން އެސޮރު ގޮވައިގެން" ސަމީރާ ބުންޏެވެ.
އާޝިގާ އިނީ ދުރުގައި ހުރި ސޯފާގައެވެ. ކައިރިއަށް ދިޔައީ ޝިއުރާއެވެ. އާޝިގާއަށް ބަދަލެއް އައިސްފައިވާކަން ޝިއުރާއަށް ފާހަވެއްޖެއެވެ. އެހެންކަމުން ބަހެއް ނުކިޔާ އިން އާޝިގާގެ އަތުގައި ޝިއުރާ ހިފަހައްޓާލިއެވެ.
"ދައްތައަކަށް ނޭނގޭ މިވާގޮތެއް. ސަމީރާ އެދައްކާ ވާހަކަ އާޝިގާއަށް އެނގޭތަ؟" ޝިއުރާ ވާހަކަދެއްކިއެވެ. އާޝިގާ ޝިއުރާއަށް ބަލައިލިއެވެ. ޖަވާބުދޭން ކިތަންމެ ބޭނުންވިޔަސް ފަށާނީ ކިހިނެއް ހެއްޔެވެ؟ އިކާންގެ އަނބިމީހާއޭ ބުނުމުން އެއްވެސް ސުވާލަކާ ނުލައި ގަބޫލުކުރާނެބާއެވެ؟
އަސަލް ގޮވައިގެން އައި ސަމީރާ، އާޝިގާގެ އުނގުގައި އަސަލް ބޭންދިއެވެ. ދެން ސަމީރާ ވަނީ ބަދިގެއަށެވެ. ޝިއުރާއާ އާޝިގާ ވާހަކަދައްކާލަން ވަގުތުކޮޅެއްދީފައި ސަމީރާ އަވަސްވެލީ އަސަލްއަށް ޖޫސް ހަދާށެވެ. ދިހަވަރަކަށް މިނެޓްފަހުން ސަމީރާ އައިއިރު އާޝިގާ ރޮނީއެވެ. މާކުރިންވެސް އާޝިގާއަށް އެވާހަކަތައް ނުދެއްކޭނެކަން ސަމީރާއަށް އެނގެއެވެ.
"އަހަރެން ވަރަށް އެނގެން ބޭނުންވެއްޖެ. އަހަރެންނަށް ނޭނގޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި ކަންނޭނގެ" ޝިއުރާ ވާހަކަދެއްކިއެވެ.
"އަހަރެންނަށް އެނގޭ މި މަންޖެ އެއްވެސް ވާހަކައެއް ނުދައްކާނެކަން. ސަމީރާއްތަ ކިޔައިދެންތަ؟" އާޝިގާއާ ޖެހިގެން އިށީންނަމުން ސަމީރާ ބުންޏެވެ. އެވަގުތު ސަމީރާގެ އަތްމަތީގައި އާޝިގާ އަތް ބާއްވާލިއެވެ. އާޝިގާ ބަލަން އިން ގޮތުން އެވާހަކަތައް ޝިއުރާއަށް ކިޔައިނުދިނުމަށް އެދޭ ކަހަލައެވެ. އެހެންނަމަވެސް ސަމީރާ ހުރީ ދޫދޭގޮތަކަށް ނޫނެވެ.
"ވަރަށްފަހުން ދައްތަގެ ދަރިއަކު ނިޔާވެގެން އެކަމުގެ ހިތާމައިގައި ބޯ ހަމަޖައްސާލަން ތިމާގެ ބަޔަކު ދިރިއުޅޭ ރަށަކަށް ދިޔައިން. އަހަރެންނާ އާޝިގާއާ ބައްދަލުވީ އެރަށުން" ސަމީރާ ވާހަކަދައްކަމުން ދިޔައެވެ.
*****
ސާހިލް ފެނުމާއެކު އަލްމާޝް ހީލިއެވެ. އައީ ކައިގެންތޯ ސުވާލުކުރިއެވެ. ވަގުތުން ސާހިލް ބޯޖަހާލިއެވެ. އަލްމާޝްއަށް އިތުރު އެއްޗެއް އަހައިނުލެވިގެން އުޅެނިކޮށް ސާހިލް ޝެލީގެ ވާހަކަ އަހައިފިއެވެ. ޝެލީ ނުފެންނަތާ އަދި ސައުވީސް ގަޑިއިރު ނުވާއިރު މިހާރުވެސް ސާހިލް ހުރީ ޝެލީ ދެކިލާހިތުން ކެތްމަދުވެފައެވެ.
"ކޮޓަރީގަ ވެއްޖެ" އަލްމާޝް ބުންޏެވެ. އެހިސާބުން ސާހިލް ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.
ޝެލީގެ ކޮޓަރީގައި ސާހިލް ޓަކި ޖެހިއެވެ. ދޮރުހުޅުވީ ކުޑިއރުކޮޅެއް ފަހުންނެވެ. އެތެރެއަށް ވަދެފައި ކުރިމަތީގައި ހުރި ޝެލީއަށް ސާހިލް ބަލައިލިއެވެ. ރަތްކުލައިގެ ލޭސްފޮތީގެ ހެދުން ހުރީ ޝެލީގެ ކަކުލަށް ވުރެ ކުޑަތަންކޮޅެއް ތިރިއަށެވެ. ތިރިން ލާފައި ހުރީ ހުދުކުލައިގެ ސްކިނީއެވެ. ހެދުމުގެ އެތެރެއިން ބުޑު ނިވާވާރަށް ކަޅު ފޮތި ލާފައި ހުރުމުން ޝެލީގެ ގައިން އެއްވެސް ތަނެއް ހާމައެއް ނުވެއެވެ. އަޅައިގެން ހުރި ހުދާއި ރަތްކުލަ އެކުލެވޭ ޝޯލްގައި ޝެލީ ވަރަށް ފުރިހަމައެވެ. ސާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރަތްކުލައަކީ އަބަދުވެސް ސާހިލްއަށް އެންމެ ކަމުދާ ކުލައެވެ.
"ފޫހިވެދާނެ" ޝެލީ ބުންޏެވެ. ދެން ސާހިލްއަށް ފުރަގަސްދީފައި ގޮސް އެނދުމަތީގައި ހުރި ހެދުންތައް ނަގައި ކޮނޑުގައި އަޅުވަން ފެށިއެވެ. އެއީ ލާނެ ވަކި ހެދުމެއް ނޭނގިގެން އަލަމާރިން ނަގާފައި ހުރި ހެދުމެވެ.
"އަހަރެން. ނުވާނެ ދުވަހަކުވެސް" ޝެލީގެ ފަހަތުން ވަދެ އެނދުގައި އިށީންނަމުން ސާހިލް ބުންޏެވެ.
"އާދެބަލަ" އަލަމާރިއާ ދިމާލަށް ދިޔަ ޝެލީގެ އަތުގައި ސާހިލް ހިފެހެއްޓިއެވެ. އެހެން ދުވަސްތަކާ ޝެލީ ހިލާފުކަން ސާހިލްއަށް ފާހަގަވެއްޖެއެވެ. ސާހިލްއަށް ކުރިމަތިނުލާން ޝެލީ އުޅޭހެން ހީވެއްޖެއެވެ.
"ކިހިނެއްވީ؟ ޝެލީ މިއަދު މާ ލަދުން އުޅޭ ދުވަހެއް" ސާހިލް އެހިއެވެ. ވަގުތުން ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ.
"އުނހު... އެއީ މަންމަ ބުނި އެއްޗަކުން" ޝެލީ ބުންޏެވެ. ސާހިލްއާ ގުޅުވައިގެން އަލްމާޝް ދެއްކި ވާހަކަތައް ޝެލީގެ ހަނދާނަށް އައެވެ. ޝެލީގެ ހަޔާތުގެ ބައިވެރިއަކަށް ސާހިލް ހަދަން ޝެލީގެ މައިންބަފައިން ބޭނުންވެއެވެ. ޝެލީއަށް ނޭނގެނީ އެގޮތް ޝެލީ ބޭނުންވާކަމެއް ނުވަތަ ނޫންކަމެވެ.
"މަންމަ ކޯޗެއް ބުނީ" ސާހިލް އެހިއެވެ. ޝެލީއަށް ބުނަން ނުކެރުނެވެ.
"މަންމަ ބުނީ އަވަހަށް އަންނައްޗޭ. ފިހާރައަށް ދާންވެގެންނޭ ސާހިލް ގެނައީ" ސާހިލްގެ އަތް ނައްޓުވަލައި ދުރަށް ހިނގައިގަންނަމުން ޝެލީ ބުންޏެވެ. ސާހިލް ކައިރިއަށް ހިނިއައެވެ.
"ކީއްކުރަން ފިހާރައަށް ދަނީ. އިރުކޮޅަކުން ބަންދުކުރާނެއްނު" އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ސާހިލް ބުންޏެވެ.
"ހިނގާ ދާން. އެއްކަލަ މާ ވިއްކާ ފިހާރައަށް. އެ ފިހާރައިގައި ހުރޭ މިކަހަލަ މާ" އަރިމަތީ ކަބަޑުމަތީގައި ހުރި ވާސްގައި ހުރި މާތައް ނަގާފައި ޑަސްބިނަށް އަޅަމުން ޝެލީ ބުންޏެވެ.
"ރޯޒްމެލޯ.. ވާއު..." ސާހިލް ބުންޏެވެ.
"ދެން ހިނގާ. ހަނދާން އެބަވޭތަ މި މާ މަތިން" ޝެލީ އެހިއެވެ.
"އަހަރެން ކިހިނެއް ހަނދާންނެތޭނީ. ތިއީ އަހަރެން މޮޔަކޮށްލި މަލެއްނު" ސާހިލް ބުންޏެވެ. ދެން ދެކުދިިން އެކުގައި ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރާ ހަމައިން ސާހިލް ޝެލީގެ އަތުގައި ހިފިއެވެ. ދެކޮނޑުގައި ހިފާ ސާހިލްއާ ވީ ދިމާލަށް އަނބުރާލިއެވެ. ޝެލީ، ސާހިލްއާ ހަތަރުކަޅު ހަމަކޮށްލިއެވެ. އެ ނޫނީ އަދި ސާހިލް އައިފަހުން ޝެލީ، ސާހިލްއަށް ރީއްޗަށް ބަލައިނުލައެވެ.
"އަހަރެން ކަމެއްކޮށްފިއްޔާ ރުޅި އަންނާނަންތަ؟" ސާހިލް އެހިއެވެ. ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ.
ކޮޓަރިން ނުކުތުމުގެ ކުރިން ސާހިލްގެ ޝެލީގެ ކޯތާފަތަށް ބޮސްދިނެވެ. މިފަހަރު ސާހިލްގެ އެ އަމަލުން ޝެލީއަށް އުނދަގުލެއް ނުވިއެވެ. ޝެލީ، ސާހިލްއާ ބަދަލުކޮށްލީ މާނަފުން ހިނިތުންވުމެކެވެ.
*****
ސަމީރާ ހާމަކުރި ހަގީގަތް ގަބޫލުކުރަން ސަމީރާއަށް ދަތިވިއެވެ. އެވަރުގެ ބޮޑު ކަމެއް އިކާން ސިއްރުކޮށްފާނެ ކަމަކަށް ޝިއުރާ އެއްބަހެއް ނުވިއެވެ. ހެކި ދައްކަން އާޝިގާ ކައިރީގައި އެދުނީ އެހެންވެއެވެ. އާޝިގާގެ އުނގުގައި އިން އަސަލްގެ މޫނަށް ޝިއުރާ އެތައް ވަރަކަށް ބެލިއެވެ. އިކާނާ ވައްތަރު ގޮތެއް އެކުއްޖާގެ ނެތެވެ. އެހެންނަމަވެސް އަސަލް، ލޫހުއާ ވައްތަރުގޮތެއް ހުރިކަން ޝިއުރާއަށް ފާހަގަވިއެވެ.
ކައިވެނި ކުރިކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އާޝިގާ ބުންޏެވެ. އެހެންނަމަވެސް ކައިވެނި ކުރި ދުވަހު ކޯޓު ކައިރީގައި އިކާނާއެކު ނެގި ފޮޓޯ އާޝިގާ ދެއްކިއެވެ. އެވަރުންވެސް ޝިއުރާ ގަބޫލެއް ނުކުރިއެވެ. އެގެއިން ނުކުތްއިރު ޝިއުރާގެ ސިކުނޑި ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. ގެއަށް ދިއުމުގެ ވިސްނުން ދޫކޮށްލި ޝިއުރާގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ހުދު ޝިއުރާއަކަށްވެސް ނޭނގެއެވެ.
*****
ބޭނުންވާ ވަރަށް މާ ގަނެވުމުން ސާހިލްއާއި ޝެލީ ފިހާރައިން ނުކުމެ ސައިކަލަށް އެރިއެވެ. އެ މަންޒަރު ފެނުމުން ޝިއުރާ ފޫހިވިއެވެ. އިކާން ދެރަކޮށްފައި ވަކި ޝެލީއަށްވެސް އުފަލުގައި ނޫޅެވުމަށް އެދި ދުއާ ކުރިއެވެ. ޝެލީގެ ހިނިތުންވުން އެއްގޮތަކަށްވެސް ޝިއުރާއަށް ކަމުނުދިޔައެވެ. ސަމީރާ ދެކެވެސް ޝިއުރާ ހިތްހަމަނުޖެހުނެވެ. ސާހިލްއާ ޝެލީ ތަތްކުރުވަން ސަމީރާ ހަދައިގެން ދެއްކި ވާހަކަތަކެއް ކަމުގައި ޝިއުރާ ނިންމިއެވެ. އެހެންނަމަވެސް އާޝިގާގެ ދެލޮލުން ފޭބި ކަރުނަތައް ދޮގުކުރާނެ ގޮތެއް ޝިއުރާއަށް ނުވިސްނުނެވެ.
ރެސްޓޯރަންޓްގެ އެތެރެބަޔަށް ސާހިލްގެ އަތުގައި ހިފައިގެން ވަން ޝެލީ ފެނި އިކާން އިނީ ގަބޫލު ނުކުރެވިފައެވެ. އެ މަންޒަރު ރާވީއަށްވެސް ފެނުނެވެ. އިކާނަށް އައި ބަދަލުވެސް ރާވީއަށް ފާހަގަވިއެވެ.
"އެއީ އެގޮލާ މިހާރު ރައްޓެހިވެގެން އުޅޭ ސޮރު" ރާވީ ބުންޏެވެ. އިކާން އަދިވެސް އިނީ އެދިމާ ބަލަހައްޓައިގެންނެވެ.
"އެ ފިރިހެން ގޮލާއަށް ނޭނގޭ ކަންނޭނގެ އަހަރެން އެ މަންޖެ ޝެލީ ޔޫސްކޮށްފަ ހުރިކަމެއް. އެހެން ނޫނީ ނޫޅޭނެ" އިކާން ބުންޏެވެ. އިރުކޮޅަކުން ވެއިޓަރެއް ފަހަތުން ޝެލީ ނުކުތް ތަން ރާވީއަށް ފެނުނެވެ. އެ މަންޒަރު އިކާނަށް ރާވީ ދައްކާލިއެވެ. ފާހާނާ ބަރި ހުރި ދިމާލަށް ދިޔަ ޝެލީ ފަހަތުން އިކާން ހިނގައިގަތެވެ.
"އެ ފިރިހެން ގޮލާ މި ދިމާލަށް އަންނަންޏާ މަށަށް ރިންގެއް ދޭތި" އިކާން ބުންޏެވެ.
*****
ޝެލީ ފަހަތުން އިކާން ފާހާނާއަށް ވަތްކަމެއް ޝެލީއަށް ނޭނގެއެވެ. ފާހާނަ ކުރާ ބައިން ނުކުމެ މޫނުދޮންނަ ތަށި ކައިރިއަށް ހުއްޓުނު ޝެލީއަށް ލޯގަނޑުން އިކާން ފެނުމާއެކު ދެލޯ ބޮޑުވިއެވެ. ފަހަތަށް އެނބުރެން އުޅުނު ވަގުތު އިކާން، ޝެލީގެ ގައިގައި ފަހަތުން އައިސް ބައްދައިގަތެވެ. އަނގަ މަތީގައި އެއް އަތުން އަތްއަޅައި ހިފައި ބާރުކޮށްގެން ހުރީ ޝެލީއަށް ހިރިވެސް ނުލެވޭ ވަރަށެވެ. ރޯމަހެއް ތެޅޭގޮތަށް ތެޅެމުންދިޔަ ޝެލީގެ ޝޯލްގެ އެއްފަރާތަށް ވާންވެގެން ދިޔަ ވަގުތު ކޮނޑުމަތިން ހަރުކޮށްފައި އިން ޕިން އުފުރިގެން ދިޔައެވެ. އެކަން އެނގުމުން އިތުރަށް ޝެލީ ބިރުގަތެވެ. އެ ދިމާލުން އިކާން އަތްލައިފިއްޔާ އެއްވެސް ހުރަހެއް ނެތި ޖެހޭނީ ޝެލީގެ ކަރުގައެވެ.
"ތިހާ ވަރަށް ނުތެޅޭ. އަހަރެން މިއައީ ހަމައެކަނި ވާހަކަދައްކާލަން" އިކާން ބުންޏެވެ.
ބޮޑުވެފައި ހުރި ޝެލީގެ ދެލޮލުން ކަރުނައާއެކު ނަފްރަތާ ރުޅިވެރިކަން އިކާނަށް ފެންނަމުން ދިޔައެވެ. އެހެންވިޔަސް އޭނާ ހުރީ ޝެލީ ދޫކޮށްލާ ގޮތަކަށް ނޫނެވެ.
"އަހަރެން ބޭނުމެއް ނޫން ދެވަނަ ފަހަރަށް ގަދަކަމުން ޝެލީގެ ފަރާތުން އެއްވެސް އުފަލެއް ހޯދާކަށް. އެކަމަކު ތިހެން ގަދަ ހަދަންޏާ އަނެއްކާވެސް އަހަރެންނަށް ޖެހޭނީ....."
އިކާންގެ އެ ޖުމުލައާއެކު ޝެލީގެ ހަރަކާތްތައް ހުއްޓާލިއެވެ. އިކާން އެދުނު ފަދައިން މައިތިރިވިއެވެ. ވާހަކަދައްކަން އިކާނަށް ފުރުސަތުދިނެވެ. އެނޫންގޮތަކަށް އިކާންގެ އަތްދަށުން ޝެލީއަށް ސަލާމަތްވެވޭކަށް ނެތެވެ.
"ދޫކޮށްލަންވީތަ؟ ރީތިކޮށް ހުންނާނަންތަ؟" އިކާން އެހިއެވެ. ޝެލީ ނިކަން އަވަހަށް ބޯޖަހާލިއެވެ. ޝެލީގެ މައުސޫމުކަން ފެނި އިކާނަށް ހެވުނެވެ. އިކާން މަޑުމަޑުން ޝެލީގެ އަނގަމަތިން އަތް ނެގިއެވެ. ޝެލީގެ ގައިން ދޫކޮށްލާފައި އިކާން މަޑުކޮށްލީ ފާހާނައިން ނުކުންނަ ދޮރު ކުރިމަތީގައެވެ. ޝެލީ ދާން އުޅުނަސް ނުދެވޭނެހެންނެވެ. ފަހަތަށް ޖެހުނުގޮތަށް ޝެލީ މައިތިރިވީ ފާރުގައި ޖެހިފައެވެ. އެހާ ޖާގަ އޮތް ތަނެއްވެސް ނޫނެވެ. އިކާން އަތްދަމާލައިފިއްޔާ ޖެހޭނީ ޝެލީގެ ގައިގައެވެ.
"ހިނގާ މެރީކުރަން. ތިގޭ މީހުން ކައިރީގަ ބުނޭ. އަހަރެން ބައްޕަ އޯކޭ ކުރާނަން" އިކާން ބުންޏެވެ.
"ނުކުރާނަން. ކަލެއަކާ ދުވަހަކުވެސް ނުކުރާނަން" އިކާނަށް ޝެލީގެ އެ ޖުމުލަ ބަލައެއް ނުގަނެވުނެވެ. އަތްދަމާލީ ޝެލީގެ އަނގަމަތީގައި ޖަހާށެވެ. ސީދާ އިކާނަށް ދެކޮޅު ހެދީތީއެވެ. އެހެންނަމަވެސް އިކާންގެ އެ ހަމަލައިން ޝެލީ ރެކިގަތެވެ.
"ބޭނުންވަނީ ދޯ ކައިވެނިން ބޭރުން އަހަރެން ގާތްވަން. އެހެންވެ ދޯ ދެކޮޅު ތިހެދީ" އިކާން ރުޅިއައެވެ.
"އަހަރެން މިއުޅެނީ އިންނަން" ޝެލީ ބުންޏެވެ. އިކާން ޖަހާލީ ނުލަފާ ހިނިގަނޑެކެވެ.
"އެއްވެސް މީހަކަށް ޝެލީގެ ފަރާތުން އަހަރެން ކުރި މަޖަލެއް ނުކުރެވޭނެ. މިއަދު ދެވަނަ ފަހަރަށް އަހަރެން އެ މަޖާ ނަގާނަން" ޝެލީގެ އަތުގައި ހިފައި ކައިރިއަށް ދަމައިލަމުން އިކާން ބުންޏެވެ. އަނެއްކާވެސް ޝެލީ ތެޅެން ފެށިއެވެ. ކުރިއަށް ވުރެ މާބޮޑަށް ބިރުގަނެއްޖެއެވެ. ހަޅޭއްލަވައިގަތުމާއެކު އިކާން ޝެލީގެ އަނގަމަތީ އަތް އަޅައިފިއެވެ. ޝޯލް ނެއްޓިފައި އިން ތަނުން ދަމައިގަންނަން އިކާން މަސައްކަތް ކުރިއެވެ. ޝައިތާނާ ބޮލަށް ސަވާރުވެފައި އިންއިރު އެފަދަ ކުށެއްގައި އެއް އަހަރުދުވަހު ޖަލުގައި ހޭދަކުރަން ޖެހުނުކަން އިކާން ހަނދާނެއް ނެތެވެ.
ރެސްޓޯރަންޓަށް ވަން އަންހެން ގުރޫޕަކަށް ބަލަހައްޓައިގެން އިން ރާވީއަށް ބޭރަށް ނުކުތް ސާހިލް ނުފެނެއެވެ. ސާހިލް ބޭރަށް ނުކުތީ ޝެލީ ލަސްވެގެންނެވެ. ހުރިހާ ދިމާލެއް ބަލަމުން ކުރިއަށް އައި ސާހިލްއަށް ޝެލީ ގޮވައިގެން ނުކުތް ވެއިޓަރާ ބައްދަލުވިއެވެ. ސާހިލް އެމީހާއާ ވާހަކަތަކެއް ދެއްކިއެވެ. ފާހާނާއަށް ޝެލީ އައިފަހުން ތިރީސް މިނިޓަށް ވުރެ ގިނައިރު ވެއްޖެއެވެ. ފޯނަށް ގުޅައިގެންވެސް ޖަވާބެއް ނައެވެ.
ރާވީއަށް ބަލައިލެވުނުއިރު ސާހިލް ފާހާނާގެ ދޮރާ އަރައި ހަމަވެއްޖެއެވެ. އިކާނަށް ގުޅުމަށް ތެޅިގަތްވަރުން ފޯނު އަތުން ދޫވެ ތިރިއަށް ވެއްޓުނެވެ.
ޓައިލްސްތަކުގެ މަތީގައި ޝެލީ ބާއްވަން އުޅުނު އިކާނުގެ އަތް އެއްފަހަރު ޝެލީގެ އަނގަމަތިން ނައްޓައިގެން ދިޔަ ވަގުތެވެ. ރޮވެމުންދިޔަ ޝެލީގެ ދެ ތުންފަތް ދޭތެރެއިން ބޭރުވެގެން ދިޔައީ 'މަންމަ' މި ލަފްޒެވެ. އެހެނަސް ބާރަށެވެ. އެ އަޑުގައި ވޭނާއި ކެކުޅުން ވިއެވެ. އެހީއަށް އެދި ޝެލީ ދިޔައީ އަލްމާޝްއަށް ގޮވަމުންނެވެ. އެތަނަށް ޝެލީ އައީ ސާހިލްއާއެކު ކަމެއް ހަނދާނުގައި ނެތެވެ. އެހާވަރަށް ޝެލީ ވީ ބިރުގަނެފައެވެ.
*****
މިސްކިތުން އައިސް ވަން އައްބާސްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސޯފާގައި ބަސް މަދުވެފައި އިން ޝިއުރާއެވެ. ކުރިމަތީގައި ހުރި ޓީވީ ހުޅުވާފައި ހުއްޓަސް ޝިއުރާގެ ސަމާލުކަން ޓީވީއަށް ނެތްކަން ފުރަތަމަވެސް އައްބާސްއަށް އެނގުނެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އައްބާސް އިށީނީ ޝިއުރާ ކައިރީގައެވެ. ހަގީގަތުގައިވެސް ޝިއުރާ އިނީ ބޮޑު ފިކުރެއްގައިކަން އައްބާސްއަށް އެނގުނީ ޝިއުރާ އަތުން އަބަދުވެސް ލިބޭ ފެންތަށި މިފަހަރު ޖޫލީ އަތުން ލިބުމުންނެވެ. ހުސްތަށި ޖޫލީ އަތަށް ދީފައި އައްބާސް، ޝިއުރާގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެއާއެކު ޝިއުރާގެ ވިސްނުންތައް ވިއްސި ވިހާލިވެގެން ދިޔައެވެ.
"ޔާރައްބީ... ކޮން ވިސްނުމެއްގަ ދަރިފުޅާ" އައްބާސް އެހިއެވެ. ބަހެއް ނުބުނެ ޝިއުރާއަށް އިނދެވުނީ އައްބާސްގެ މޫނަށް ބަލަހައްޓައިގެންނެވެ.
"އިކާން އަނެއްކާވެސް ކަމެއްކުރީތަ؟" އައްބާސް އެހިއެވެ. ގޭތެރޭގައި ހިނގާ ކޮންމެ ހަމަނުޖެހުމަކާ ގުޅިފައިވާނީ އިކާނާ ކަން އެނގޭތީ އައްބާސް އެހިއެވެ.
އައްބާސްއަށް ދޮގު ހަދަން ބޭނުންނުވާތީ ޝިއުރާ ތެދަށް ހުރިހާ ވާހަކަތަކެއް އައްބާސްއަށް ކިޔައިދިނެވެ. ސަމީރާއާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކާ އާޝިގާ ރުއި ރުއިމުގެ ވާހަކައެވެ. ޝިއުރާ ފަދައިން ފުރަތަމަ އައްބާސްވެސް ހައިރާންވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ.
"މިހާތަނަށް އިކާން ކޮށްފައި ހުރި ކަންތައްތަކަށް ބަލާފަ ތިއީ ދޮގެކޭ ބައްޕަ ނުބުނާނަން" އައްބާސް ބުންޏެވެ.
"އެކަމަކު ބައްޕާ. އެއީ ތެދެއް ކަމަށްވަންޏާ އާޝިގާ އަތުގައި ހެއްކެއްވެސް އޮންނަންވާނެއްނު" ޝިއުރާ ބުންޏެވެ.
"ގޭތެރޭގަ އިތުރު މީހަކު އެބައުޅޭތަ؟" އައްބާސް އެހިއެވެ.
"ނެތް. ޖޫލީ އެކަނި އިތުރު މީހަކަށް އުޅެނީ" ޝިއުރާ ބުންޏެވެ.
"އެހެންވީމާ ހިނގާބަލަ އިކާންގެ ކޮޓަރިއަށް. ހަމަ ހުރެފައި ބަޔަކު ތިކަހަލަ ވާހަކައެއް ނުދައްކާނެ. އަމުދުން ސަމީރާ. އެއީ މީހުންގެ ބޮލުގައި އިލްޒާމު އަޅުވަމުން ދުވާނެ އަންހެނެއް ނޫން. ބައްޕައަށް ވަރަށް ރަނގަޅަށް އެނގޭތީ މިބުނީ" އައްބާސް ބުންޏެވެ. ދެން ދެބަފައިން އެއްކޮށް ހިނގައިގަތީ އިކާންގެ ކޮޓަރިއާ ދިމާލަށެވެ.
"އަވަސްކުރާތި. އިކާން ގެއަށް އައިސް ވަންނާނެ ވަގުތެއް ނޭނގޭ" އިކާންގެ އަލަމާރި ހުޅުވައިގެން ހުރި ޝިއުރާއަށް އައްބާސް ބުންޏެވެ.
*****
ފާހާނައިގެ ދޮރުފަތުގައި ޖަހާލަން އަތް ނެގި ސާހިލްއަށް ކެނޑެމުން ކެނޑެމުން އައި އަންހެނެއްގެ ވޭނީ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ވަގުތުން އެއީ ޝެލީކަން އެނގުނެވެ. އަތްފަޔަށް ފިނިގަނޑެއް އަރައި ވާންވެގެން ދިޔަވަގުތު ސާހިލްއަށް ބައެއްގެ މުދަލަށް ގެއްލުމެއް ދެވުނުކަން ހަނދާނެއް ނެތެވެ. ދެފައިން ދޮރުފަތުގައި ޖެހިޖެހީނުން އެތެރެއިން އަޅުވާފައި ހުރި ތަންޑު ވިއްސައިގެން ގޮސް ޓައިލްސްތަކުގެ މަތީގައި ޖެހުނު އަޑު އިވުނެވެ. ސިހިގެން ދިޔަ އިކާން، ޝެލީގެ ގައިން ދޫކޮށްލުމާއެކު އިކާންގެ އަތުތެރެއިން ޝެލީ ވީއްލިގަތެވެ. އެ އައި ގޮތަށް އައިސް ސާހިލްގެ ގައިގައި ޝެލީ ބައްދައިގަތެވެ.
(ނުނިމޭ)