"ދެންވެސް ތި ފޯނު ނަގާބަލަ" ޝިއުރާ ބުންޏެވެ.
ސިޔާއަށް ކަމެއްވީކަމަށް ހީކޮށް ލަކްޔަން ފޯނު ނެގިއެވެ.
"ކީކޭ...." ލަކްޔަން ބުންޏެވެ. ދެން ރުޅިން ފޯވެފައިވި ނަޒަރަކުން ކުރިމަތީގައި އިން އިކާނަށް ނަޒަރު ހުއްޓާލިއެވެ.
ލަކްޔަންއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. ފޯނު މޭޒުމައްޗަށް ޖެހިއިރު އަލްމާޝް އަދި ފޯނު ކަނޑާނުލައެވެ. ރުޅިވެރި ނަޒަރެއް ހަމައެކަނި އިކާނަށް ދީގެން ނުފުދުނެވެ. ތެދުވެގެން އައިގޮތަށް އިކާން ލައިގެން ހުރި ޓީޝާޓްގެ ކަރުވަޅުގައި ހިފާފައި ކޮޅަށް ނެގިއެވެ. ޝިއުރާއަށް ހީވީ ލޯކުރިމަތީގައި ބިރުވެރި މަންޒަރެއް ސިފަވެގެން ދިޔަހެންނެވެ. ލަކްޔަންގެ ފަރާތުން އެފަދަ މަންޒަރެއް އައްބާސަށް އެންމެފަހުން ފެނުނީ ރޭޕްގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް އިކާން ގެންދިޔަ ރޭގައެވެ.
"ކް...ކިހިނެއްވީ...؟ މަގޭ ދަރިފުޅާ" އެމަންޒަރު ހަމައެކަނި ބަލާލައިގެން މިފަހަރު އައްބާސަށް ފަރުނުޖެހުނެވެ. ހިތްބަރުގަތްވަރުން އައްބާސްގެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. ހީކުރެވުނީ އަނެއްކާވެސް އިކާން އެފަދަ އަމަލެއް ތަކުރާރުކުރީ ކަމަށެވެ.
"ދޫކޮށްލާ އޭނަ ގައިން. މިބުނީނު ދޫކޮށްލާށޭ" ޝިއުރާ ލަކްޔަންގެ އަތުގައި ހިފައި އިކާނާ ދުރުކުރަން އުޅުނެވެ. ލަކްޔަންގެ އަތް ނައްޓާނުލެވުމުން އެންމެފަހުން ޝިއުރާއަށް ރޮވިއްޖެއެވެ. ރޮމުން ދުރަށްޖެހުނު ވަގުތު ދެން ފެނުނު މަންޒަރަކުން ޝިއުރާއަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ކޮޅަށް ހުރި އައްބާސް އަރިއަޅާލައިފިއެވެ. ކައިރީގައި ފާރޫގް ހުރިނަމަވެސް ތިރީގައި އައްބާސް ޖެހުމުގެ ކުރިން ފާރޫގަށް ނުހިފެހެއްޓުނެވެ.
"ބައްޕާ..." ޝިއުރާ އެދިމާލަށް ދުއްވައިގަތެވެ. ލަކްޔަންއަށް ހަމަބިމަށް އާދެވުނީ އެވަގުތުއެވެ. އިކާން ގައިން ދޫކޮށްލާފައި އައްބާސް އާ ދިމާލަށް ލަކްޔަން ދިޔައެވެ.
"ކޮއްކޮ ދުރުގަހުރޭ" ލަކްޔަންގެ އަތް ދުރަށް ފޮޅާލަމުން ޝިއުރާ ބުންޏެވެ. ހަރުކަށިކަމާއެކުގައެވެ.
"އެމަންޒަރު ފެނުނީމަ ބައްޕަ މާބޮޑަށް ވިސްނާލީ ކަންނޭނގެ. ހިނގާ ބައްޕަ ގޮވައިގެން ކޮޓަރިއަށް" ޝިއުރާ ބުންޏެވެ. ފާރޫގް އައްބާސްގެ ހަށިގަނޑު އަތްމައްޗަށް އުފުލާލާފައި ހިނގައިގަތެވެ.
މުށިތަކުގެ މަތީގައި ކުރުކަކޫ މައްޗަށް އިން ލަކްޔަންއަށް ބަލަހައްޓައިގެން ކުށްވެރިއެއް ފަދައިން އިކާން ހުއްޓެވެ. ޝެލީ އާ ދިމާކުރިކަން ލަކްޔަންއަށް އެނގޭނެކަން މާކުރިންވެސް އިކާނަށް އެނގެއެވެ. އޭނާ ހުރީ އެކަމަށް ތައްޔާރުވެގެންނެވެ.
"ބައް...ބައްޕާ...." ލަސްލަހުން ފިޔަވަޅު އަޅަމުން އައި އިކާން ހުއްޓުނީ ލަކްޔަން އާ ކުޑަތަންކޮޅެއް ދުރުގައެވެ. ލަކްޔަންގެ ހަމަލައެއް އަޔަސް އަމާޒުނުވާނޭ ހިސާބުގައެވެ.
"ކޮން ބައްޕައެއް. ކަލޭ އަހަރެންނަށް ބައްޕަ ކިޔައިގެން ނުވާނެ. ކަލެއަކީ އަހަރެންގެ ދަރިއެއްނޫން. އަޑެއްނީވޭތަ؟ ޖަނަވާރު..." ލަކްޔަން ހަޅޭއްލަވައިގަތެވެ. އިކާން ސިހިފައި ފަހަތަށް ޖެހުނެވެ.
އެއްޗެއް ނުބުނެ ހުރި ޖޫލީއަށް އެހާލުގައި ލަކްޔަން އިންނަތަން ބަލަން ކެތެއް ނުވިއެވެ. ލަކްޔަން ކައިރީގައި އިށީންނަމުން އިކާނަށް ޖޫލީ ބަލައިލިއެވެ.
"ގޯ ޓު ޔުއާ ރޫމް" ވީގޮތެއް ނޭނގުނު ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އިކާންދެކެ ވަރަށް ބޮޑަށް ލަކްޔަން ރުޅިއައިސްފިކަން ޖޫލީއަށް އެނގުނެވެ. ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން ހުރެ އިކާން ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.
**********
އެނދުގައި ދެފައި ވަށްކޮށްގެން އިށީނދެގެން އިން ޝެލީގެ އުނގުތެރޭގައި ކުޝަނެއް އޮތެވެ. ކުރިމަތީގައި ލެޕްޓޮޕް ހުޅުވާފައި ހުއްޓަސް ޝެލީގެ ނަޒަރު އަމާޒުވެފައި ހުރީ ކޮޓަރި ދޮރުމަތީގައި ހުރި ސާހިލްއަށެވެ. އެހެން ދުވަސްދުވަހު ސާހިލްއަށް ނުބަލާ ވަރަށް ޝެލީ ސާހިލްއަށް ބަލަމުން ދިޔައެވެ. އުނގުގައި ބޯ އަޅައިގެން ނިދި ރޭގެ ފަހުން އަދި ޝެލީއަށް ސާހިލް ނުފެނެއެވެ. އެކަކު އަނެކަކަށް ނުވެސްގުޅައެވެ.
"ސާހިލް އާދޭ ސައިބޯން" ފަހަތުން އިވުނީ އަލްމާޝްގެ އަޑެވެ. އެތެރެއަށް ނުވަދެ އަލްމާޝް ފަހަތުން ސާހިލް ހިނގައިގަތެވެ.
"ޝެލީ ގޮވައިގެން އާދޭ. މިއަދު އަދި އެއްވެސް އެއްޗެއް ނުކައި އޭނީ" ޝެލީއަށް ނުފެންނާނޭހެން ފާރާ ނިވާވެފައި އަލްމާޝް ބުންޏެވެ. ސާހިލް ބޯޖަހާލާފައި އަލުން ޝެލީގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ހިތުގައި ސުވާލުވެސް އުފެދުނެވެ. އަލްމާޝް ޝެލީ ކައިރީގައި އެހެން ނުބުނީ ކީއްވެގެން ހެއްޔެވެ؟ ސާހިލް ލައްވާ ބުނުވަނީ ކީއްވެގެން ހެއްޔެވެ؟
"އަހަރެން ކައިރީގަ އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟" ސާހިލް ބުންޏެވެ. ޝެލީ އެނދުން ތެދުވިއެވެ. ދެން އައިސް ސާހިލް ކުރިމަތީގައި ހުއްޓުނެވެ.
"ވަދޭ އެތެރެއަށް" ޝެލީ ބުންޏެވެ.
ސާހިލް އެތެރެއަށް ވަދެގެން ގޮސް އެނދު ކައިރީގައި މަޑުކޮށްލިއެވެ.
"މިހާރު ކިހިނެއް؟" ސާހިލް އެހިއެވެ.
"ރަނގަޅެއްނޫން. ކިހިނެއް ރަނގަޅުވާނީ. ރޭގަ... ރޭގަ ކިރިޔާ ސަލާމަތްވީ. ހޭއެރީމަ ހީކުރީ އަނެއްކާ... އަނެއްކާ އޭނަ އަހަރެން..." ޝެލީ ވާހަކަދެއްކިއެވެ. އެރޭގެ މަންޒަރުތައް ސިފަވުމާއެކު ޝެލީގެ ދެލޮލަށް ތާޒާ ކަރުނަތައް ބޮނޑިވިއެވެ. ސާހިލް ޝެލީ އާ ގާތަށް ޖެހުނެވެ. ދެއަތުން ޝެލީގެ މޫނުގައި ހިފަހައްޓާލިއެވެ. ކުޑަކޮށް އުފުލާލުމަށްފަހު ޝެލީގެ ނިތުގައި ބޮސްދިނެވެ. އެސްފިޔަތައް އުފުލާލާފައި ޝެލީ ސާހިލްއަށް ބަލައިލިއެވެ.
"އެވަރުގެ މީހެއް ކައިރިއަށް ދާންތަ ޝެލީ އުޅުނީ. ކީއްވެ؟ ބަދަލުހިފަން ވިޔަސް އެއީ ކައިރިވާން ހެޔޮވާވަރުގެ އިންސާނެއްނޫން. އަހަރެންނަށް ފެނިއްޖިއްޔާ...." ސާހިލް ބުންޏެވެ.
"މިތާ އިށީނދެބަލަ" ޝެލީ ބުންޏެވެ.
"އެނގޭތަ ގޭތެރޭގައި ވަރަށް ކަންކަން ހިނގައިފި. މަންމަ އަދިވެސް އެހާ ރަނގަޅަކަށް ވާހަކަނުދައްކާ. އަހަރެން ކިހިނެއް ހަދަންވީ؟" ޝެލީ އެހިއެވެ. ހިތުގެ އިހުސާސްތައް ޝެލީ ސާހިލް އާ ހިއްސާކުރީތީ ސާހިލް ހިތްހަމަޖެހުނެވެ.
"އަހަރެން ބުނާގޮތަކަށް ކަންތައްކޮށްފާނަންތަ؟" ސާހިލް ބުންޏެވެ. ޝެލީ ބޯޖަހާލިއެވެ.
"އަހަރެން ހެޔޮތަ ސާހިލްގެ އުނގުގައި ބޯއަޅާލިޔަސް. ސާހިލް ދެރަވެގެން އައި ރޭގަ އަހަރެންވެސް އެ ފުރުސަތު ދިނީމެއްނު. ސާހިލް އަހަރެންނާ މެދު ކޮންމެ ގޮތަކަށް ދެކުނަސް އަދިވެސް ތިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ" ޝެލީގެ އެ ޖުމްލައިން ސަހިލްގެ ހިތުގައި ރިއްސާލިއެވެ. އެހެންނަމަވެސް އެގޮތްވެސް ސާހިލްއަށް އެންމެ ރަނގަޅެވެ.
"ދެން ބުނޭ. އަހަރެން މަންމަ ސެޓުކުރަންވީ ގޮތެއް" ސާހިލްގެ އުނގުގައި ބޯއަޅާލާފައި އެއް އަރިއަކަށް ޖެހިލަމުން ޝެލީ ބުންޏެވެ. ލައިގެން ހުރި މުށި ކުލައިގެ އަތްދިގު ޓީޝާޓާއި ހަމަ އެކުލައިގެ ޓައިޓުގައި އެހެން އޮންނައިރު ޝެލީ ހީވަނީ ކުޑަކުއްޖެއްހެންނެވެ. އެއް އަރިއަކަށް އޮތްއިރު ޝެލީ އަޅައިގެން ހުރި ބުރުގާ އެއްފަރާތަކަށް އައިސް ކޮނޑުމަތިން ހަންގަނޑުން ކުޑަތަންކޮޅެއް ފެންނަން ހުރުމުން ސާހިލް އެހެން ދިމާލަކަށް ބަލައިލިއެވެ. ދެން އެއްފަރާތުގައި އޮތް ކުއިލްޓް ނަގާފައި ޝެލީގެ ގައި ހަމައެކަނި މޫނު ފެންނަވަރަށް ފޮރުވިއެވެ.
"ސާހިލް..." އެއްޗެއް ނުބުނެ ސާހިލް ހުރުމުން ޝެލީ ގޮވާލިއެވެ.
"ކޮންމެ މަންމައެއް ނަމައީވެސް އެގޮތަށް ވުމުން ދެރަވާނެ. އަސްލު ޝެލީގެ މަންމަ މާބޮޑަށް ދެރަވީކަންނޭގެ. މަންމަ ކައިރީގަ ބުނިންތަ ސޮރީއޭ" ސާހިލް ބުންޏެވެ. ޝެލީ ދެފަރާށް ބޯހޫރާލިއެވެ.
"ނުބުނަން. ބުނެވޭނީވެސް މަންމަ ވާހަކަދައްކާނަމައެއްނު. ނުދައްކައޭ ވާހަކައެއް" ޝެލީ ބުންޏެވެ.
"ޝެލީ ޓްރައިކޮށްބަލަ" ސާހިލް ބުންޏެވެ. ޝެލީ ބޯޖަހާލިއެވެ.
*******
އެނދަށް އަލްމާޝް އެރުމާއެކު ލެޕްޓޮޕް ލައްޕާލާފައި ނިމާން އަލްމާޝް އާ ވީކޮޅަށް އެނބުރުނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ނޫކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން އަލްމާޝްގެ އަޖައިބެއް ފަދަ މޫނަށް ބަލަން ނިމާން އޮތީ އާޝޯހުވެފައެވެ. އުމުރުން ދުވަސްވާވަރަކަށް ނިމާންގެ ހިތުގައި އަނބިމީހާއަށްޓަކައި އޮތް ލޯބި ދަނީ ކުރިފަޅާ ވަރުގަދަވަމުނެވެ.
"ތި ހެދުމުގެ ޝޯނާ ހާދަ ރީއްޗޭ. މާޝާﷲ" ނިމާން ބުންޏެވެ.
"އެއްކަލަ މާން. އަހަރެން މިއުޅެނީ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން" އަލްމާޝް ބުންޏެވެ. ދެމަފިރިން ދޭތެރޭގައި އޮތް ކުޝަން ނަގައި ބޯދަށަށް ލައްވާލާފައި އިތުރަށް ބޯކޮޅު ނިމާން އުސްކޮށްލިއެވެ. ދެން އަލްމާޝް އާ އިތުރަށް ގާތްވެލިއެވެ.
"އަވަހަށް ބުނޭ. ތިވާހަކަ އަޑުނާހާ ދެން އެހެންކަމެއް ނުކުރެވޭނެ" ނިމާން ބުންޏެވެ.
"ސާހިލް އުޅޭގޮތުން މާންއަށް ފާހަގަވޭތަ އެހެންކަމެއް؟" އަލްމާޝް އެހިއެވެ.
"ނުވޭ... ތިބުނީ މިސާލަކަށް. އެއީ ޝެލީގެ އެންމެގާތް އެކުވެރިޔާއެއްނު" ނިމާން ބުންޏެވެ.
"ތިކަން އެނގެޔޭ. މިބުނީ ޝެލީއަށް ކެއާ ކުރާގޮތް" އަލްމާޝް ބުންޏެވެ.
"އިތުރުކަމެއް ފާހަގައެއް މަށަކަށްނުވޭ. އަބަދުވެސް ޝެލީއަށް ވަރަށް އިހުތިރާމްކުރާ ކުއްޖެއް އެއީ. އެހެންދޯ ވާނީވެސް. އެދެކުދިން މެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެއް ނޫނެއްނު. ސާހިލްއަކީ ސާޖިދުގެ ބޭބެވެސް މެ" ނިމާން ވާހަކަދެއްކިއެވެ.
"މިބޮލަކަށް އެކައްޗެއްވެސް ނުވިސްނޭނެ" ނިމާންގެ ބޮލުގައި އިނގިލިން ފިއްތާލަމުން އަލްމާޝް ބުންޏެވެ.
"ކޯޗެއް ވިސްނަންވީ. އޯކޭ.. ބުނެބަލަ ޝޯނާއަށް ކޯޗެއް ފާހަގަވެގެން ތިއުޅެނީ" ނިމާން ބުންޏެވެ.
"އަހަރެންނަށް ވަރަށް އެހެންކަހަލަ މަންޒަރެއް ފެނިއްޖެ. އަދި ނުބުނެވޭ އެވާހަކަ މާން ކައިރީގަ. އެ މަންޒަރު ފެނުނުފަހުން އަހަރެން ޝެލީ އާ ސުވާލުކުރީ. ޝެލީ އަހަރެންނަށް ހުރިހާ އެއްޗެއް ކިޔައިދިން. އެވާހަކަތައް އެނގުނު ފަހުން އަހަރެންނަށް މިހާރު ސާހިލްގެ ފަރާތުން އިތުރު ކަންތައްތައް މިފާހަގަވަނީ" އަލްމާޝް ވާހަކަދެއްކިއެވެ.
"މިހާރު ވަރަށް ޝައުގުވެރިވެއްޖެ. ނިކަން ކިޔައިދީބަލަ" ނިމާން ބުންޏެވެ
**********
ތިރީގައި އަޅާފައި އޮތް ކުނާ މަތީގައި ކުޅޭއެއްޗެހިތައް ހިފައިގެން އަސަލް ކުޅެން އިނެވެ. އެމަންޒަރު ބަލަހައްޓައިގެން އެނދުގައި އާޝިގާ އިނަސް އޭނާގެ ވިސްނުމާއި ފިކުރު ގުޅިފައިވަނީ މުޅިން އެހެންކަމަކާއެވެ. ކޮންމެކަމެއްވެސް ވެގެންދާނީ ތަގުދީރުގައި އެކަމެއް ވާންހުރި ގޮތަކަށެވެ. އެއީ އެއްވެސް މީހަކަށް ހިފެހެއްޓޭނެކަމެއް ނޫނެވެ. މިއަދު އާޝިގާއަށް ލިބުނު ހަބަރަކުން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގެއެވެ. އިނގެނީ ތުއްތު ފުރާނައިގެ އެއްވެސް ކުށެއްނެތް ކަމެވެ. އަދި އާޝިގާ ފާފައެއް ނުކުރާކަމެވެ. ދަރިންނަކީ އެއްވެސް މަހުލޫގެއްގެ ބާރުން އަންހެނާގެ ރަހިމުގައި ގަރުބަގަންނަ އެއްޗެއް ނޫނެވެ. އެއީ މަތިވެރި އިލާހުގެ ރަހްމަތުން މަޔަކަށް ދެއްވާ އެންމެ އަގުބޮޑު ނިއުމަތެވެ. ހެއްދެވިފަރާތުން މައިންބަފައިންނާ ހަވާލުކުރާ އަމާނާތެކެވެ.
އިންތަނުން ތެދުވެގެން ގޮސް އާޝިގާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ރަށުގައި ހުރި ވަރަށް ވުރެ ހަށިގަނޑުގެ ރޫފަ ރަނގަޅު ވެއްޖެކަން އާޝިގާއަށް ފާހަގަވިއެވެ. ދެއަތް ގެންގޮސް ބަނޑުމަތީގައި ޖައްސާލުމާއެކު އާޝިގާ ދެލޮލަށް ވެރިވީ އުފާވެރިކަމުގެ ކަރުނައެވެ. މިދުނިޔެއިން އާޝިގާ އެންމެ ލޯބިވި އިންސާނާއަކީ އިކާނެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އިކާނާ ކައިވެނިކުރީވެސް އިންތިހާއަށް ލޯބިވާތީއެވެ. އެހެންނަމަވެސް އެކައިވެނިން އާޝިގާއަށް ލިބުނު ފޮނިކަމެއް އަރާމެއްނެތެވެ. ބަދަލުގައި ވޭނާއި ކެކުޅުން ފިރިމީހާ ހަދިޔާކުރިއެވެ. ފިރިމީހާގެ ފަރާތުން ލިބުނު އެ ހަދިޔާތައް އާޝިގާ ގަބޫލުކުރީ ހިތުން ރުހުމުގައެވެ.
***********
ޝިއުރާ ކޮޓަރިއަށް ވަންއިރު ލަކްޔަން އެނދުގައި އިށީނދެގެން އިނެވެ. އިންގޮތުން ލަކްޔަން އިނީ ވިސްނނުމެއްގައިހެން ހީވިއެވެ. ދޮރުމަތީގައި ހުރި ޝިއުރާއަށް އެތެރެއަށް ވަންނާކަށްވެސް ލަކްޔަން ނުބުންޏެވެ. އެހެންނަމަވެސް ޝިއުރާ އެތެރެއަށް ވަނީ ފަހަތުގައި ހުރި އިކާންގެ އަތުގައި ހިފައިގެންނެވެ. ލަކްޔަން ފުންމައިގެން ތެދުވިއެވެ. އިކާން ފެނުމާއެކު ލަކްޔަންގެ އެތެރެހަށީގެ ލޭ ހޫނުވިއެވެ.
"ކިހިނެއްތިވަނީ؟ ރުޅިނައިސް އިކާނު ދައްކާ ވާހަކަ އަޑުއަހާބަލަ" ޝިއުރާ ބުންޏެވެ.
"ދައްތަ ކިހާ ދުވަހެއް ވަންދެން އޭނަ އާ އެއްކޮޅަށް ވާހަކަދައްކާނަންތަ؟ ޝެލީ އަނގައިންނޭ ހުރިހާ އެއްޗެއް ކިޔައިއެދިނީ. ދެފަރާތުގެ އާއިލާތެރޭގައި އެއްވެސް ކުންޏެއް ޖެހެން ބޭނުންނުވާތީ އެހުރިހާ ވާހަކައެއް މާޝް ކިޔައިދިނީ" ލަކްޔަން ވާހަކަދެއްކިއެވެ. އެއްފާރާތުގައި އިކާން މަޑުކޮށްލައިގެން ހުއްޓެވެ.
"ތިކަން އެނގޭ ކޮއްކޮ. އެކަމަކު އަސްލު އިކާންގެ ނިޔަތަކީ ކޮބާކަން ސާފުކޮށްބަލަ" ޝިއުރާ ބުންޏެވެ. ލަކްޔަން ބަހެއްނުކިޔައި ހުރުމުން ޝިއުރާ ފަހަތަށް ޖެހި އިކާންގެ އަތުގައި ހިފިއެވެ. އިކާން ބަލައިލުމާއެކު ވާހަކަދައްކާށޭ ބުންޏެވެ.
"އަ...އަޅުގަނޑު ޝެލީދެކެ ވަރަށް ލޯބިވޭ. ކައިވެނި ކެންސަލްކުރީމަ ވަރަށް ދެރަވެފަ ހުރީ. ޕާޓީތެރެއިން ބެލީ ޝެލީ އާ ވާހަކަދައްކާލެވޭތޯ. އަތުގައި ހިފުނީ ޝެލީ އެތަނުން ގޮސްދާނެތީވެ. އަޅުގަނޑު ޝެލީއަށް އެއްވެސް ގޯނާއެއް ނުކުރަން. އެކަހަލަ ކަމެއްކުރަން ނުވެސް ވިސްނަން. ބޭނުންވީ ހަމަ ރީތިކޮށް ވާހަކަދައްކާލަން. މާބޮޑަށް ބިރުންހުރީމަ ކަންނޭނގެ ޝެލީ އަނބުރައިގަތީ" އިކާން ތަފްސީލުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
"އަޑުއިވިއްޖެތަ؟ އެއީ ހަގީގަތަކީ" ޝިއުރާ ބުންޏެވެ.
"ކަލޭ އަހަރެން ކުރިމަތިން ދުރަށްދޭ" ލަކްޔަން ރުޅިއައިސްފައި ބުންޏެވެ.
އިކާން ނުކުތްތާ މާގިނައިރު ނުވަނީސް އެކޮޓަރިއަށް އައްބާސް ވަނެވެ. ކޮޓަރި މެދުގައި ހުރި ލަކްޔަންގެ ކޮނޑުގައި އައްބާސް އަތް ބޭއްވިއެވެ.
"ދަރިފުޅާ، ރުޅިއަކީ ނަރަކައިން އުފެދިގެން އަންނަ އެއްޗެއް. އެ އަންނަ އިރު އެކަނި އަޔަސް ދާއިރު އެދަނީ އެތައް އެއްޗެއް ހިފައިގެން. މީހާގެ އަސްލު ސިފަ އެހެން މީހުންނަށް އަންގައިދީފަ. އެހެންވީމަ ނިކަން ހަމަޖެހިލާފަ ތަންކޮޅެއް ރަނގަޅަށް ވިސްނާލަބަލަ. މިއަދު އިކާން ގޯހެއް ނަހަދައެއްނު. އިންނަން ރަންކިޔާފަ ވަގުތު ކުޑަތަންވީތަނާ ކައިވެނި ކެންސަލްކުރީ. އެކަމާ އިކާނު ޝެލީ އާ ވާހަކަދައްކަން އުޅުނީ. ކުރިން އިކާންގެ ފަރާތުން ބޮޑު އަނިޔާއަކާ ކުރިމަތިވެފައި ހުރީތީ ޝެލީއަށް އެހާވަރު އެވީ. ދަރިފުޅާ... މިފަހަރު އެކަނި އިކާނަށް ފުރުސަތުދީ. އެކުއްޖާ އުޅޭގޮތް ބަލަމާ ހިނގާ. ދަރިއަކު ދެކެ ތިހެން ހިތްހަމަނުޖެހިގެން އުމުރު ދުވަހު ކިހިނެއް ދިރިއުޅޭނީ؟ ބައްޕައަށްކަމަށްޓަކައި ތި ރުޅިގަނޑު ދޫކޮށްލާ. މިގޮތަށްވެސް ކުރިން ބައްޕަ ނުބުނަމެއްނު. ފަހު ފުރުސަތު އިކާނަށް ދީ. ދެން އިކާންގެ ފަރާތުން އާއިލާގެ އަގުވެއްޓޭފަދަ ކަމެއް ކުރިމަތިވެއްޖިއްޔާ ހަމަ ޔަގީނުންވެސް ބައްޕަ ޖެހޭނީ ދަރިފުޅުގެ ކޮޅަށް" އައްބާސް ވާހަކަދެއްކިއެވެ.
އައްބާސްގެ ވާހަކަތަކަށްފަހު ލަކްޔަންއަށް ހިސާބެއްގެ ފިނިކަމެއް ލިބުނެވެ. އެގޮތަށް ކަންތައްކުރަން ސިކުނޑި ދެކޮޅުވިޔަސް މިފަހަރު ލަކްޔަން ކަންތައްކުރީ ހިތް ބޭނުންވި ގޮތަށެވެ.
***********
އަލްމާޝްގެ ކޮޓަރީ އެނދުމަތީގައި އިން ޝެލީގެ ގައިގައި އަލްމާޝް ބައްދާލިއެވެ. ޝެލީގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަލްމާޝް ފޮހެދިނެވެ. ލޯތްބާއެކު ޝެލީގެ ކޯތާފަތުގައި ފިރުމާލާފައި ޝެލީއަށް މައާފުކުރާނީ ޝަރުތެއްގެ މަތިން ކަމަށް ބުންޏެވެ. ޝެލީ އަލްމާޝްގެ މޫނަށް ބަލައިލީ ހައިރާންވެފައެވެ.
"ޝަތުރު... ކޮން ޝަރުތެއް؟" ޝެލީ އެހިއެވެ. އަލްމާޝް ހީލިއެވެ.
"އެއީ ޝެލީއަށް ކުރަން މާބޮޑުކަމެއް ނޫން" އަލްމާޝް ބުންޏެވެ.
"ދެން ބުނެބަލަ. މަންމަ ބުނި ކަމެއް އަޅުގަނޑު ކުރާނަން" ޝެލީ ބުންޏެވެ.
"ދަރިފުޅާ، މަންމަވެސް ބައްޕަވެސް ކޮންމެ ކަމެއްވެސް ކުރާނީ ތިދެކުދިންނަށް ފައިދާވާނެ ގޮތަށް. ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގަވެސް ނުބައި ނިންމުމެއް އަހަރެމެންނަށް ނިންމިދާނެ. ކޮންމެ ފަހަރަކީ ހެޔޮވިސްނުން ވިސްނައިދޭން މައިންބަފައިން ކައިރީގަ ތިބޭނޭ ފަހަރެއް ނޫން. އެންމެފަހުން ހިނގާދިޔަ ކަންތަކުން ދަރިފުޅު އިބްރަތް ހާސިލުކޮށްބަލަ. ބަދަލެއް ފުރިހަމަކުރުމުގެ ބޭނުމުގަ އަމިއްލަ ދިރިއުޅުން ހަލާކުކޮށްލަން ދަރިފުޅު ހުރީ. މަންމައަށް ޝެލީ އާ ސުވާލުނުކުރެވުނުނަމަ ވާނީ ކިހިނެއް؟ އެހެންވެ މިބުނަނީ އަނެއްކާވެސް ގޯސް ނިންމުމެއް ނިންމިދާނެކަމުގެ ބިރަށް ހިނގާށޭ ރަނގަޅު ނިންމުމެއް ނިންމަން" އަލްމާޝް ވާހަކަދެއްކިއެވެ. ކަޅިޖަހާވެސްނުލައި އަލްމާޝްގެ މޫނަށް ބަލަހައްޓައިގެން ޝެލީ އިނެވެ. އަލްމާޝް ދެއްކި ވާހަކަތައް ފަހުމުނުވާ ފަދަ ބެލުމެކެވެ.
"ނުވިސްނުނު ދޯ. ދަރިފުޅު ކައިވެނިކުރަންވީނުން" އަލްމާޝް އެހިއެވެ. ޝެލީގެ ދެލޯ ބޮޑުވެގެން ދިޔަގޮތުން އަލްމާޝްއަށް ހެވުނެވެ.
"އަޅުގަނޑު ކާކާ.... ކާކާ އިންނަންވީ؟" ޝެލީ އެހިއެވެ.
"ތިމާ ލޯބިވާ މީހަކަށް ވުރެ ބޮޑަށް ރަނގަޅުވާނީ ތިމާދެކެ ލޯބިވާ މީހަކާ އިނިއްޔާ. އެމީހަކީ ކާކުކަން މަންމަ ނުބުންޏަސް މިހާރު ޝެލީއަށް އެނގޭނެ" އަލްމާޝް ބުންޏެވެ. ދެކޮޅަށް ޝެލީ އެއްޗެއް ނުބުނެއެވެ. އެހެންކަމުން އެކަމުގައި ޝެލީގެ ރުހުން ލިބިއްޖެ ކަމުގައި އަލްމާޝް ނިންމިއެވެ.
*********
ހުރިހާ މީހުން ކާމޭޒު ކައިރީގައި ތިބި ވަގުތެވެ. ގޮނޑި ދުރުކޮށްލާފައި ތެދުވިގޮތަށް އާޝިގާ ދުއްވައިގަތީ ޒިންކާ ދިމާލަށެވެ. އޯކަށްދެމެން ފެށިގޮތަށް އާޝިގާ ހުއްޓާވެސްނުލިއެވެ. އެންމެފަހުން ސަމީރާ ގޮސް އާޝިގާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.
"ބަލިވީތަ؟ އެހެނޭ ވާނީ ރަނގަޅަށް ކާއެއްޗެއް ކަނީކީ ނޫން" ސަމީރާ ބުންޏެވެ.
"ބަލިވީކީ ނޫން ސަމިއްތާ" ފެންފޮދަކުން މޫނު ސާފުކޮށްލާފައި ހިންދެމިލަމުން އާޝިގާ ބުންޏެވެ. ސަމީރާ އާޝިގާގެ މޫނަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.
"އަޅުގަނޑު ބަނޑުބޮޑު. މިއީ އަޅުގަނޑުގެ ފުރަތަމަ ކައިވެންޏަށް ލިބޭ ދެވަނަ ދަރިފުޅު" އާޝިގާ ބުންޏެވެ. އެ އަޑު މޭޒުކައިރީގައި އިން ސާހިލަށްވެސް އިވުނެވެ. އެހެންނަމަވެސް އެވާހަކަތަކަށް ސާހިލް އަނގަނުލައެވެ.
"އޭނައަށް އެނގޭތަ؟" ސަމީރާ އެހިއެވެ. އާޝިގާ ދެފަރާތަށް ބޯހޫރާލިއެވެ.
"ތައްޔާރުވޭ. ހިނގާ ދަމާ. ތިއީ ސިއްރުކުރާވަރުގެ ކަންކަމެއް ނޫން. ބަފައެއްގެ ޒިންމާތަކުން ވަރަށް ދުވަހު ރެކިގެން އޭނައަށް އުޅެވިއްޖެއްނު" ސަމީރާ ބުންޏެވެ.
ބެލްއަޅާލި އަޑު އިވުމާއެކު ސަމީރާ އާއި އާޝިގާއަށް ބަލައިލާފައި ދޮރާ ދިމާލަށް ސާހިލް ހިނގައިގަތެވެ. ދޮރުމަތީގައި ހުރި ނުދަންނަ އަންހެންމީހާ ސާހިލްއަށް ނޭނގުނެވެ. އެހެންނަމަވެސް އެތެރެއަށް ވަންނަން ދައުވަތުދިނެވެ.
"ޝިއުރާ... ވަރަށް ރަނގަޅު ވަގުތެއްގަ ތިއައީ" އާޝިގާއަށް ބަލައިލަމުން ސަމީރާ ބުންޏެވެ. އާޝިގާއަށް ހީވީ މޭގަނޑު އަނގައަށް އައިހެންނެވެ. ހެދޭ ކިތަންމެ ކުޑަކުޑަ ގޯހަކުންވެސް މުޅި އުމުރަށް އިކާނު ގެއްލެން އާޝިގާ ނޭދެއެވެ. އެވަގުތު ސަމީރާ ހުއްޓުވާނެ ގޮތެއްވެސް އާޝިގާގެ ވިސްނުމަކަށް ނައެވެ.
(ނުނިމޭ)