ވާހަކަ

މޮޔަކޮށްލި މާ - 51

2

ފުރުސަތަކަށް ބަލަބަލައި ހުރި އިކާން ޝެލީ ފަހަތުން ހިނގައިގަތެވެ. ޝެލީ ދިޔައީ ފޯނެއްގައި ހުރެ ޕާޓީ ކުރިއަށްދިޔަ ތަނާ ދުރަށެވެ. އެހިސާބަށް މިޔުޒިކްގެ އަޑު އިވެނީ މަޑުންނެވެ. އަނދިރިވެސް ހިސާބެކެވެ. މީހަކު އަތުގައި ހިފުމާއެކު ޝެލީ ދިޔައީ ސިހިގެންނެވެ. ކުރިމަތީގައި ހުރި އިކާން ފެނުމާއެކު ޝެލީއަށް ހީވީ މެއަށް ހޫނުފެން އެއްޗެއް އޮށްސާލިހެންނެވެ. އަޑުގަދަކޮށްލުމުގެ ކުރިން އިކާން ޝެލީގެ އަނގަމަތީގައި އަތް އަޅައިފިއެވެ.

"ބިރުނުގަނޭ ޝެލީ" ފަހަތުން ޝެލީގެ ކަންފަތާ ގާތްވެލާފައި އިކާން ބުންޏެވެ. އޭރުވެސް ޝެލީގެ ހިތުގެ ތެޅުމުގެ އަޑު އިކާނަށް އިވިއިވި ހުއްޓެވެ. ހަދާނެގޮތެއް ނޭނގި ޝެލީގެ މުޅިން ގައިން ދާހިއްލާލައިފިއެވެ. ދެވަނަ ފަހަރަށް ޖަނަވާރެއްގެ ވަކިތަކުގެ ދަށުވާކަށް ޝެލީ ބޭނުމެއް ނުވެއެވެ.

"އަހަރެން އެއްވެސްކަމެއް ނުކުރާނަން. ބޭނުމީ ހަމައެކަނި ވާހަކަދައްކާލަން" އަނެއްކާވެސް އިކާންގެ އަޑު އިވުނެވެ. ގަދަ ހަދަމުން ދިޔަ ޝެލީގެ ހަށިގަނޑު މައިތިރިވިކަން އެނގުމާއެކު އިކާން ޝެލީގެ ހަށިގަނޑަށް ލުޔެއްދިނެވެ. ހީވީ އިކާން ބޭނުންވި ފުރުސަތު ދޭން ޝެލީ އެއްބަސްވީހެން ހީވެ ދިން ލުޔެއް ހެންނެވެ. ޝެލީގެ އަނގަމަތިން އިކާން އަތް ނެގީ ޝެލީގެ ކުރިމަތީގައި ހުރެފައެވެ.

"ދުއްވައިނުގަންނައްޗޭ" އިކާން ބުންޏެވެ. ޝެލީ ފަހަތަށް ފަހަތަށް ދަނިކޮށް ފާރުގައި ހަރުކޮށްފައި ހުރި ހަރުގަނޑުގައި އަޅައިގަތެވެ. އެވަގުތު ޝެލީ ވެއްޓެން ދިޔައެވެ. އެހެންނަމަވެސް އިކާން ޝެލީގެ އުނގަނޑުގައި ހިފާ ގަޔާ ގާތަށް ދަމައިގަތެވެ. ދެން މަޑުމަޑުން ޝެލީގެ މޫނާ ގާތަށް އިކާން މޫނު ކައިރިކުރަމުން ދިޔައެވެ. އެއްވެސް ކަމެއް ނުކޮށް ހުންނަން ބޭނުންވިޔަސް ޝެލީގެ ރީތިކަމުގެ ޖާދޫގައި އިކާން ރަނގަޅަށް ޖެހުނެވެ. ބޭނުންވީ ޝެލީގެ ކޯތާފަތުގައި ބޮސްދޭށެވެ. އެހެންނަމަވެސް އެކަން އިކާނަށް ކާމިޔާބުނުވެ އުޅެނިކޮށް ބިރުންހުރި ވަރުން ޝެލީގެ ހެއަށް ގޮތްވާން ފެށިއެވެ.

"ދޫކުރޭ..." ހަޅޭއްލަވައިގަނެވުނުކަން ޝެލީއަށް އެނގުނެވެ. ދެންވީގޮތެއް ނޭނގުނެވެ.

*****

ހަބަރު ހުސްވެފައި އޮތް ޝެލީ ފެނުނީ ނުފެންނަތާ ގިނައިރުވެގެން ހޯދަމުން ދަނިކޮށެވެ. ލަކްޔަން އެދިމާލަށް ނިކުތީ އެތަނުގައި ޝެލީ އޮތް ކަމަކަށް ނޫނެވެ. ލަކްޔަންގެ ދުލުން ޝެލީގެ ނަން ކިޔާލި އަޑު އިވުމާއެކު އެދިމާލަށް ހުރިހާ މީހުން ދިޔައެވެ. ޝެލީ އަތްމައްޗަށް އުފުލާލީ ލަކްޔަންއެވެ. ލަކްޔަންގެ ފަހަތުން އަލްމާޝްއާއި ނިމާން ލިފްޓާ ދިމާލަށް ދިޔައެވެ. އާއިލާގައި ބާކީ ތިބި މީހުން ޕާޓީއަށް އައިސް ތިބި މީހުންނާއެކު މަޑުކޮށްގެން ތިއްބެވެ.

"ދަރިފުޅު.... ޝެލީ" ނިމާން ޝެލީގެ މޫނުގައި ފެންފޮދެއް ހާކާލާފައި ކޯތާފަތުގައި ކުޑަކޮށް ޖަހައިލިއެވެ. އެހިނދު އެސްފިޔަތައް ތަޅުވާލާފައި ޝެލީ ދެލޯ ހުޅުވާލިއެވެ. ވާނުވާ ރޭކާލާން ހިނދުކޮޅެއް ނެގިއެވެ. އެކި ދިމާލަށް ބަލައިލި ވަގުތު ފުރަތަމަވެސް ޝެލީގެ ލޮލުގައި އަޅައިގަތީ އެއްފަރާތުގައި ހުރި އިކާނެވެ. ޝެލީ ތެޅިގަތެވެ. އިހުސާސްކުރެވުނީ އިކާން ޝެލީ ގެނެސް ތަނެއްގައި ބާއްވާފައި އޮތްހެނެވެ. ގައިގައި އަންނައުނެއް ހުރިތޯވެސް ބެލިއެވެ.

"ދަރިފުޅު... ކިހިނެއް ތިވަނީ" ބޯއަޅައިގެން އޮވެވުނީ އަލްމާޝްގެ އުނގުގައި ކަން އެނގުނީ އަލްމާޝް ވާހަކަދެއްކުމުންނެވެ. ބޯ އުފުލާލި ގޮތަށް ޝެލީ ފުރަތަމަވެސް އަލްމާޝްގެ ގައިގައި ބައްދައިގަތެވެ.

"މަންމާ، ހިނގަ.... ހިނގާ ގެއަށް ދާން. މިއީ ރަނގަޅު ތަނެއް ނޫން" ޝެލީ ބުންޏެވެ. ހައިރާންވެފައި ޝެލީ ބަލައިލީ ކައިރީގައި ކޮޅަށް ހުރި ނިމާންގެ މޫނަށެވެ. ކޮންމެވެސްކަމެއް ޝެލީއަށް ދިމާވެއްޖެކަން ވަގުތުން އަލްމާޝްއަށް އެނގުނެވެ.

"މާޝް ދާންވީނުން ޝެލީ ގޮވައިގެން" ލަކްޔަން ބުންޏެވެ.

"އަން. ފެންތަށި ދީބަލަ" ޝެލީ ދެކެ ހިތްހަމަނުޖެހިފައި ހުއްޓަސް ޝިއުރާ ހުރީ ކަންބޮޑުވެފައެވެ.

"ނުބޯނަން. ހިނގާ ދާން. އަޅުގަނޑު ވަރަށް ބިރު އެބަގަނޭ. އަޅުގަނޑު ރަނގަޅަށްތަ މިހުރީ. އެއްވެސްކަމެއް ވިތަ؟" ޝެލީ ވާހަކަދައްކަމުން ދިޔައެވެ.

"ކީކޭ ތި ކިޔަނީ. ހިނގާ ދާން ދޯ" އަލްމާޝް ބުންޏެވެ. ޝެލީއާ ވާހަކަދެއްކޭނީ ގެއަށް ގޮސްކަން އެނގުމުން އަލްމާޝް ބުންޏެވެ.

ސަމަދާއި އަލްމާޝް އަދި ފަޒްނާއާއެކު ޝެލީ ގެއަށް ފޮނުވާލާފައި ނިމާން ޓެރަސްއަށް އެރިއެވެ. އޭރުވެސް ޕާޓީގައި މީހުން ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަމުން ދިޔައެވެ. ކަންބޮޑުވެފައި ހުރި މިކާލް އައިސް ނިމާންގެ އަތުގައި ހިފުމާއެކު ނިމާން ބަލައިލިއެވެ.

"ދޮންތަ ގޮވައިގެން ގެއަށް ހިނގައްޖެ. ބައްޕަ ދާނީ ތި ދެކުދިން ގޮވައިގެން" ނިމާން ބުންޏެވެ.

*****

ގެއިން ނިކުންނަން ހިނގައިގަތް އިކާނަށް ލަކްޔަން ގޮވާލިއެވެ. ބަދިގެއަށް ތަށި ލާފައި ނިކުތް ޝިއުރާ ހުއްޓި ލަކްޔަންއަށް ބަލައިލިއެވެ.

"ޝެލީއަށް ކީއްކުރީ" ލަކްޔަން އެހިއެވެ. އިކާނަށް އެއްޗެއް ނުބުނެވުނެވެ. އެހާ ފަސޭހައިން ލަކްޔަންއަށް ޝައްކުވީތީ އިކާން ހުރީ ހައިރާންވެފައެވެ.

"އަހަރެން މި އެހީ ޝެލީއަށް ކީއްހޭ ކުރީ" މިފަހަރު ލަކްޔަންގެ އަޑު ބާރެވެ.

"އަޅުގަނޑު.... އަޅުގަނޑު" އިކާނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޝިއުރާ އިކާންގެ ކުރި ބައްދައިފިއެވެ.

"ސާބަސް ކޮއްކޮއަށް. ޝެލީއަށް ވީކަމެއް ކިހިނެއް އިކާނަށް އެނގެނީ" ޝިއުރާ ބުންޏެވެ. ފުރުސަތުގެ ބޭނުން ހިފައި އިކާން ގެއިން ނިކުތެވެ.

"އިކާންގެ ފަރާތުން ޝެލީއަށް އެއްވެސް ގޯނާއެއް ކުރިމަތިވެއްޖިއްޔާ ހަނދާންކުރާތި މިގޭ ހުރިހާ މީހުން. މިފަހަރު އޭނާ ފުލުހުންނާ ހަވާލުކުރާނީ ސީދާ އަހަރެން" ލަކްޔަން ވަގުތުން ބުންޏެވެ. ޝިއުރާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ލަކްޔަން އެބައިން ނިކުތެވެ.

*****

ކޯކް ތައްޓެއް ހިފައިގެން ހުރި ސާހިލް ދެކޮޅު ހޯދައި ބަލަމުން ދިޔައެވެ. ޝެލީގެ އެއްވެސް ނިޝާނެއް ނެތެވެ. ޝެލީގެ ފިރިމީހާ ކޮބައި ހެއްޔެވެ؟ އެންމެފަހުން ތަންތަން ހޯދަމުން ގޮސް ސާހިލްއަށް އެރުނީ ނިމާންގެ ކުރިމައްޗަށެވެ.

"އެބަ އުޅެންދޯ. ނިމާންބެ ހީކުރީ ނުފެންނާތީ ނާންނަކަމަށް" ނިމާން ބުންޏެވެ.

"އަދި މި އާދެވުނީ. ކޮބާ... ކޮބާ ޝެލީ" ސާހިލް އެހިއެވެ.

"ޝެލީ ގެއަށް ގެންގޮސްފި" ނިމާން ބުންޏެވެ. ދެން ސާހިލްގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ އެއްފަރާތަކަށް ޖެހިލިއެވެ.

"މިތަނުން ޝެލީއަށް ކޮންމެވެސް ކަމެއްވެއްޖެ. އަނބުރައިގަނެފަ އޮއްވައި ފެނުނީ" ނިމާން ބުންޏެވެ.

"ކީކޭ... ކީއްވެ؟ ކޮބާ ޝެލީގެ ފިރި..." ސާހިލް ބުންޏެވެ. ވީގޮތެއް ނޭނގި ސާހިލްގެ ހިތް ހުރީ އަވަސްވެފައެވެ.

"ޝެލީ ނުބުނޭތަ. ޝެލީގެ ކައިވެނި ކެންސަލްކުރީ" ނިމާން ބުންޏެވެ. ސާހިލްއަށް ވާންވީގޮތެއް ނޭނގުނެވެ. ކައިރީގައި ހުރި މޭޒުމަތީގައި ކޯކް ތަށި ބަހައްޓާފައި ޓެރަސް އިން ފައިބަން ހިނގައިގަތެވެ.

*****

"މާޝާﷲ. ހާދަ ރީތި ކުއްޖެކޭ އެއީ. މިއީ އަޅުގަނޑު އެއްފަހަރު އައި ގެއެއް" މޭޒެއް ކައިރީގައި އިން އާޝިގާ ބުންޏެވެ. އުނގުގައި އަސަލް ނިދާލާފައި އޮތެވެ.

"މިގެއަށް އައީމޭ. ކޮންއިރަކު؟ މިއީ ކާކުގެ ގެއެއްކަން އެނގޭތަ؟ މިގެއަށް އައިފަހުން ސަމިއްތައަށްވެސް މި އެނގުނީ މިއީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އައްބާސްގެ ގެ ކަން" ސަމީރާ ބުންޏެވެ.

"މިއީ އަސަލްގެ ބައްޕަގެ ގެ. ތިބުނާ އައްބާސްބެ އެއީ އުމުރުން ދުވަސްވީ މީހެއްތަ؟ އެގޭ މީހުންނާ ބައްދަލުވެއްޖެ. ކުރީ ދުވަހު މިގޭ އަންހެން މީހެކޭ އަޅުގަނޑަށް އެހީވީ" އާޝިގާ ބުންޏެވެ.

"އެހެންތަ. ތިވީ މާ ރަނގަޅަކަށްނު. މިތާ އެސޮރު އުޅޭނެއްނު އެހެންވީމަ" ސަމީރާ ބުންޏެވެ. "އިއްތިފާގުންވެސް ތި ވަދެވުނީ ރަނގަޅު ތަނަށް. މިގެއަށް އަޝިގާއަށްވެސް ހައްގު އޮންނާނެ. ވަރިއެއް ނުކުރެއެއްނު އަދި"

"ބޭނުމެއް ނޫން. މިތަނުން އަވަހަށް ދާން ބޭނުމީ. މިހާރު ލަސްވެސްވެއްޖެ" ވާހަދެއްކި އާޝިގާގެ ނަޒަރު އޭރުވެސް އަމާޒުވެފައި ހުރީ ދުރުގައި ހުރި އިކާނަށެވެ. އެތަނުގައި އާޝިގާ އިންކަން ނޭނގި އިކާން ހުރީ ރާވީއާ ވާހަކަދައްކާށެވެ. ވަކިން ހުރި މޭޒެއްގައި ފޫހިވެފައި އިން ޝިދުނާ އާޝިގާއަށް ފެނުނީ އަދި ފަހުންނެވެ. ވަގުތުން ދަބަހުގައި އޮތް ފޯނު ނަގާފައި ޝިދުނާއަށް ގުޅިއެވެ. އަތުން ހަނާ އަޅާލުމާއެކު ޝިދުނާ އައިސް އާޝިގާ ކައިރީގައި އިށީނދެއްޖެއެވެ.

"އެއީ ދޯ އޭނައަކީ. އަޅެ އައުމުގެ ކުރިން ގުޅާލި ނަމައެއްނު" އާޝިގާ ބުންޏެވެ.

"އާނ އެ ސަންތި މަރިޔަނބު..." ޝިދުނާގެ އަތުގައި އާޝިގާ ހިފިއެވެ. ދެން ލޮލުގެ އިޝާރާތުން ކައިރީގައި އިން ސަމީރާ ދައްކާލިއެވެ.

*****

މީހުން މަދުވާން ފެށުމުން ގެއަށް ދިއުމަށް އާޝިގާއާއި ސަމީރާ ތެދުވިއެވެ. އަސަލް ކޮނޑުމަތީގައި ބާއްވައިގެން ނިކުންނަން ހިނގައިގަތް އާޝިގާ ފެނުނީ ފޯނެއްގައި ހުރެ ދޮރާ ދިމާލަށް ހިނގާފައި އައި ޝިއުރާއަށެވެ. ފޯނު ކުރުކޮށްލާފައި ޝިއުރާ އައިސް ހިފީ އާޝިގާގެ އަތުގައެވެ.

"ނުވެސް އިނގޭ ޕާޓީއަށް އައިކަމެއް. ކިހިނެއްތަ؟" އާޝިގާ ބަލައިލުމާއެކު ޝިއުރާ ބުންޏެވެ.

"ނުވެސް އިނގޭ ދައްތަމެންގެ ފެމެލީ ކުއްޖެއްގެ ވެޑިންކަމެއް. މިހާރު ދާން މިދަނީ" އާޝިގާ ބުންޏެވެ. ހަގީގަތް ހާމަކުރަން އާޝިގާ ބޭނުމެއް ނުވިއެވެ. ބޭނުންވީ އިކާނަށް ފެނުމުގެ ކުރިން އެތަނުން ނުކުންނާށެވެ.

"ވަރަށް ލަސްވެއްޖެއްނު. ކުޑަމީހާވެސް ނިދާފަ ދޯ. މިރޭ މިގޭގަ މަޑުކުރަންވީނުން" ޝިއުރާ ބުންޏެވެ. އާޝިގާ ކައިރީގައި ކޮޅަށް ހުރި ސަމީރާ، ޝިއުރާއަށް ނުފެނެއެވެ.

"އުނހު. އޭރުން ކަމަކު ނުދާނެ. އެހެން ފަހަރަކުން އަންނާނަން" ސަމީރާގެ މޫނަށް ބަލައިލާފައި އާޝިގާ ބުންޏެވެ. އިތުރަށް އެ ގޭގައި މަޑުކުރަން އާޝިގާއަށް ބާރުއަޅަން ޝިއުރާއަށް ނުކެރުނެވެ.

"ސާހިލްގެ ފޯނަކަށް ނުގުޅޭ. ހިނގާ އަހަރެމެން ދާން" އާޝިގާގެ އަތުގައި ހިފަމުން ސަމީރާ ބުންޏެވެ. ވަކި ހިސާބަކަށް ގޮސްފައި ސަމީރާ އާޝިގާއަށް ބަލައިލިއެވެ. ދެން ދޮރުކައިރީގައި މަޑުކޮށްލާފައި ފަހަތަށް ބަލައިލިއެވެ. އޭރުވެސް ޝިއުރާ ހުރީ ބަލަހައްޓައިގެންނެވެ. ސާހިލްގެ ފޯނެއް ސަމީރާއަށް އައީ އެވަގުތުއެވެ.

"މި ފައިބަނީ" ސަމީރާ ބުންޏެވެ.

ތިރިއަށް އާޝިގާ ފޮނުވާލާފައި ސަމީރާ ހިނގައިގަތީ ޝިއުރާއާ ދިމާލަށެވެ. އާޝިގާއަށް ހައްގު ހޯދައިދިނުމަށް ސަމީރާ ހުރީ ބޭނުންވެފައެވެ. އެހެންކަމުން ކޮންމެހެންވެސް ޝިއުރާއާ ވާހަކަދައްކަން އެބަޖެހެއެވެ.

"ތީ އައްބާސްގެ ދަރިއެއްތަ؟" ސަމީރާ އެހިއެވެ. ޝިއުރާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

"އަހަރެންނަށް ކިޔަނީ ސަމީރާ. އައްބާސް އެއީ އަހަރެންގެ ދުވަސްވީ ރަހުމަތްތެރިއެއް" އައްބާސް ދަންނަނީ ކިހިނެއްތޯ ޝިއުރާ ސުވާލުކުރާނެކަން އެނގި ސަމީރާ ބުންޏެވެ.

"އެއީ މިގެ އާ ވަރަށް ގާތްކުއްޖެއް. އެކުއްޖާގެ ހަގީގަތް ހޯދަން މަސައްކަތްކޮށްބަލަ" ސަމީރާ ބުންޏެވެ. ޝިއުރާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެކެވެ. ސަމީރާ އެބުނި އެއްޗެއްގެ މާނަ ޝިއުރާއަށް ނޭނގުނެވެ. ނުކުންނަން ހިނގައިގަތް ސަމީރާއަށް ޝިއުރާ ގޮވާލީ އެހެންވެއެވެ.

"މ. ޖަންބުގެ. އިމާރާތުގެ ކުރިމައްޗަށް އައިސްފަ ދައްތައަށް ގުޅާލާ. މީ ދައްތަގެ ނަންބަރަކީ" ސަމީރާ ބުންޏެވެ. ޝިއުރާ ސުވާލުކުރަން ބޭނުންވާނެކަން އެނގޭތީ ސަމީރާ ބުންޏެވެ.

ލޮލުގެ ކޮޅަށް ސަމީރާ ގެއްލެންދެން ޝިއުރާ ބަލަހައްޓައިގެން ހުއްޓެވެ. ސަމީރާ ބުނި އެއްޗަކާ މެދު ވިސްނާށެވެ. އާޝިގާ އެ އާއިލާއާ ގާތޭ ސަމީރާ އެބުނީ ކޮން މާނައެއްގައި ހެއްޔެވެ؟ ޝިއުރާއަށް ނުވިސްނުނެވެ. އެންމެފަހުން ޝިއުރާ ނިންމީ އައްބާސް ގާތުގައި އަހައިގެން އޮޅުންފިލުވާށެވެ.

އެނދުގައި އިށީނދެގެން އިން ސާހިލްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ޝެލީގެ ކައިވެނި ނުކުރެވޭކަން އެނގުމުންނެވެ. އެހެންނަމަވެސް ހިތުގައި ނުތަނަވަސްކަމެއް ހިނގާލީ ދެން ޝެލީ އަމަލުކުރާނެ ގޮތެއް ނޭނގޭތީއެވެ. ލޯބިވެރިއެއްގެ ދަރަޖަ ނުދިނަސް، ކުރީގެ ރަހުމަތްތެރިކަން ބޭއްވިޔަސް އެއީ ސާހިލްއަށް ވަރަށް ބޮޑުވަރެވެ.

"އެކަމަކު... އެތަނުން ކިހިނެއްވީބާ؟" ސާހިލް ހިތުގައި ސުވާލު އުފެދުނެވެ.

ޝެލީއާ ބައްދަލުކުރަން އެގެއަށް ދިޔަނަމަވެސް ސާހިލްއަށް ޝެލީއާ ބައްދަލުނުވިއެވެ. ލިބުނު ޝޮކާއެކު ޝެލީއަށް އޮތީ ނިދިފައެވެ. ޝެލީ ހޭލާތޯ އިރުކޮޅަކު ސާހިލް މަޑުކުރިއެވެ. އެހެންނަމަވެސް ސަމީރާއާއި އާޝިގާއަށް ސާހިލްގެ އެހީތެރިކަން ބޭނުންވާނެތީ ޝެލީ ހޭނުލަނީސް އެގެއިން ސާހިލްއަށް ނުކުންނަން ޖެހުނެވެ.

"ވަރަށް ފަތިހާ އަހަރެން ދާނަން. ޝެލީ، އެހާއިރަށް ހޭލާތި" ސާހިލް ވާހަކަދެއްކީ ފޯނުން ފެންނަން ހުރި ޝެލީގެ ފޮޓޯއާއެވެ.

*****

ދޮރުހުޅުވާލިއިރު ކުދިވެރިން ނޫން ހުރިހާ މީހުން ސިޓިން ރޫމުގައި ތިއްބެވެ. ނިމާންގެ ފަހަތުން ވަން ސިޔާ ހުރީ އާވެފައެވެ. މިކާލާއި ސިޔާގެ ދެއަތްތިލަ ވަނީ ގުޅިލާ މެހިފައެވެ. އެއްފަހަރާ އެހާ ބައިވަރު މީހުންގެ ތެރެއަށް ވަންނަން ޖެހުމުން ސިޔާ ހުރީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. އެކަން އެނގި އަލްމާޝް ތެދުވެގެން ގޮސް ސިޔާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. މިކާލްގެ އަތުން ސިޔާ ދޫކޮށްލީ އެވަގުތުއެވެ.

"މިއީ މިހާރު ދަރިފުޅުގެ ގެއަކީ" ސޯފާއާ ދިމާލަށް އަންނަމުން އަލްމާޝް ބުންޏެވެ. ސޯފާގައި ސިޔާ ބޭންދީ އަލްމާޝްއާއި ސަމަދުއާ ދެމެދުގައެވެ.

"ވަރަށް ލަދުރަކި ފަހަރިއެއް ދޯ" ސިޔާ ލަދުން އިންހެން ހީވެފައި އަޒްމާ އިން ގޮނޑީގެ އަތްގަނޑު މަތީގައި އިން ދިޔާ ބުނެލިއެވެ. ދިޔާއަށް އަލަށްވެސް ސިޔާ ފެނުނީ ކައިވެނީގެ ހަފްލާގެ ތެރެއިންނެވެ.

"މިހެން ވާހަކަދައްކަން ތިބެވޭކަށް ނެތެއްނު. ދެކުދިން ނުލާހިކު ހެނދުނާ ފުރާނެ. އެއްފަހަރާ ގޭތެރެއިން އެހާ މީހުން މަދުވީމަ ހާދަ ފަޅުވެދާނޭ ދޯ" އަލްމާޝް ބުންޏެވެ. ސިޔާގެ ހިތުގައި ސުވާލު އުފެދުނެވެ. އެއް މަސްދުވަހަށް މިކާލާއި ދެމީހުން ދަތުރެއް އޮތްކަން ސިޔާއަށް އެނގެއެވެ. އަނެއްކާ އެންމެން ދަނީ ހެއްޔެވެ؟

"އެންމެން ދަނީތަ؟" ސިޔާ އެހިއެވެ.

"ނޫނޭ. މަންމައާއި ބައްޕަ ދެން މާމައާއި ދޮންތަ ނޫނީ ބާކީ ތިބި ހުރިހާ މީހުން ދާނެ" ހީލަމުން އަލްމާޝް ބުންޏެވެ.

"އެންމެން އެކުގައި ދާއިރު ކިހާ މަޖާވާނެ. އެއް ދުވަހު ބޮޑުއްތަމެންނާއެކު އެކޮޅުގަ މަޑުކޮށްލާފަ އަސްލު މަންޒިލަށް ތިދެކުދިން ދާނީ" އަޒްމާ ބުންޏެވެ.

"މިއީ މަންމަ ސިޔާއަށް ދޭ ކައިވެނީގެ ހަދިޔާ" ކައިރީގައި ހުރި އޮރެންޖްކުލައިގެ މަހްމާ ފޮށްޓެއް ހުޅުވައިލަމުން އަލްމާޝް ބުންޏެވެ.

"މިއީ މިކީގެ ބައްޕަ ފަރާތު މާމަ، މަންމައާއި ބައްޕަގެ ކައިވެނީގެ އުފަލުގައި މަންމަ އަތުގައި އެޅުވި ދެ ތަނޑިގަނޑު. މީތި މަންމަ ފޮރުވީ މިކީގެ ކައިވެނިކުރެވޭ ކުއްޖަކު އަތުގައި އަޅުވަންވެގެން. މި ދެ ތަނޑި ދަރިފުޅުގެ އަތުން ނުނަގައްޗޭ" އަލްމާޝް ބުންޏެވެ. ދެން ލޯތްބާއެކު ސިޔާގެ ދެއަތުގައި ހުދު ރަނުގެ ދެ ތަނޑި އަޅުވައިދިނެވެ.

"ވަރަށް ހެޔޮވަރު ދޯ. އެހެންތާވާނީ. މާޝްއާއި ޝެލީ އަދި ސިޔާ މި ހުންނަނީ އެއް ތަތްގަނޑަކަށް ވިއްޔާ" ދީމާ، އަލްމާޝްއާ ދިމާކޮށްލިއެވެ.

"ޝެލީ..... ސޮރީ... ދޮންތަ ކޮބާ؟" ސިޔާ އެހިއެވެ. އެހިނދު އެންމެންނަށްވެސް ހެވުނެވެ.

"ދޮންތައަށް އަދި ވީގޮތެއް ނޭނގޭ. ނިދިފަ އޮތީ. މާދަމާ ހެނދުނު އަހާނީ. ދެން ދޭ އަވަހަށް ނިދަން" އަލްމާޝް ބުންޏެވެ.

ހުރިހާ މީހުން ކޮޓަރިތަކަށް ވަނުމުން ސިޓިނ ގރޫމުގައި މިކާލާއި ސިޔާ އެކަނިވިއެވެ. ސިޔާގެ އަތްތިލައިގައި ހިފަހައްޓާލިގޮތަށް މިކާލް ލާނެއް ސަމާސާއެއް ކޮށްލިއެވެ. އެވަގުތު ދެކުދިންވެސް ކުއްލިއަކަށް ދުރަށްޖެހުނީ މީހަކު ކަރުކެހިލި އަޑު އިވުމުންނެވެ. އަޑު އައި ދިމާލަށް ބަލައިލިއިރު ނުލަފާ ޒާތަކަށް ހީލައިގެން ފަޒްނާ ހުއްޓެވެ. އެއްއަތުން ލޮލުގައިވާ ނަންބަރު އައިނު ތިރިކޮށްލައިގެންނެވެ.

"މާމާ... އަދިވެސް ހުރީތަ؟ ދެން ދޭބަލަ ނިދަން" މިކާލް ބުންޏެވެ. ފަޒްނާ ގުޑާވެސްނުލިއެވެ. އެންމެފަހުން މިކާލަށް ޖެހުނީ ފަޒްނާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ ފަޒްނާ އެނދަށް އަރުވާށެވެ.

"މާމަ ސީކްރެޓެއް ބުނިން ކުޑަ ބުލޫމު ކައިރީގަ" ފަޒްނާ ބުންޏެވެ.

"މާމާ... ބްލޫމެއް ނޫނޭ... ބެލޫން. މާމަ ބުނީ ތިމަންނަ ސިޔާއަށް ކިޔާނީ ބެލޫން އޭ. ދެން ނުބުނާތި ބުލޫމޭ" ފަޒްނާގެ ކޮލުގައި މަޑުމަޑުން ހިފައިލަމުން މިކާލް ބުންޏެވެ.

"ޔާ އައި ނޯ އައި ނޯ...." ފަޒްނާ ބުނެލިއެވެ. މިކާލަށް ހެވުނެވެ. ފަހަކަށް އައިސް ފަޒްނާ އުޅެނީ ވަރަށް އިނގިރޭސި ވެގެންނެވެ. ރަނގަޅަށް ބަހެއް ކިޔެނީ ދިހަފަހަރުން އެއް ފަހަރުއެވެ.

"މާމާ... މިގަޑީގަ އެއްވެސް މަޖާކުރުމެއް ނޯންނާނެ. އަޅުގަނޑު މިދަނީ ކޮޓަރިއަށް. ސިޔާ ހުންނާނީ ލަސްވެފަ. ފަތިހު އަންނާނަން އިނގޭ" ފަޒްނާގެ ނިތަށް ބޮސްދީފައި ތެދުވަމުން މިކާލް ބުންޏެވެ.

"އަދި އެއްވާހަކަ. ފަތިހު އެހާ އަވަހަށް ނުގޮވާތި. މާމައަށް އެނގެއެއްނު އަޅުގަނޑުގެ ހާއްސަ ރެއެއްކަން. ލަހުންކަން ނިދޭނީ" ފަޒްނާގެ ކަންފަތް ދަށުގައި ސިއްރެއް ބުނެލާހެން މިކާލް ބުންޏެވެ. އެވަގުތު ފަޒްނާ މިކާލްގެ ކަންފަތުގައި ހިފިއެވެ. ދޮރުމަތީގައި ހުރި ސިޔާ ހުރީ ހިނިއައިސްފައެވެ.

އޮފީހަށް ދާން ތައްޔާރުވެގެން އައިސް ލަކްޔަން އިށީނީ ސައިމޭޒުދޮށުގައެވެ. ސިޔާ ފުރުވަން ދާން ޖެހުމުން އޮފީހަށްދާ ގަޑި ލަކްޔަން ލަސްކޮށްލީއެވެ. އިކާން އައިސް އިށީނުމާއެކު ހެނދުނުގެ ސައި ފެށިއްޖެއެވެ. ރޭގައި ސަމީރާ ދެއްކި ވާހަކަތައް ހަނދާންވެފައި ޝިއުރާ ބަލައިލީ އައްބާސްގެ މޫނަށެވެ. އެ ސުވާލު އައްބާސްއާ ނުކޮށް ޝިއުރާއަށް ކެތެއްނުވިއެވެ.

"ބައްޕާ، އެއްވެސް ސަމީރާ ކިޔާ މީހެއް ދަންނަންތަ؟" ޝިއުރާ އެހިއެވެ. އަނގައާ ދިމާލަށް ގެންދިޔަ ރޮށިކޮޅު އައްބާސް މަޑުޖައްސާލީ އިވުނު ނަމެއްގެ ސަބަބުންނެވެ.

"ސަމީރާއޭ" އައްބާސް ބުނެލިއެވެ. ހަނދާނަށް އައީ މާޒީގެ ތެރެއިން ދުވަސްވަރެކެވެ. އެއީ އައްބާސްގެ ހަޔާތަށް އެންމެ ފުރަތަމަ އައި އަންހެނާއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ކައިވެންޏަކާ ހަމައަށް ނުދެވި ދެމީހުން ޖެހުނީ ދުރުވާށެވެ. އެހެންނަމަވެސް އެކަން ދަރިންނަށް ކޮންމެހެން އެނގެންޖެހޭ ކަމަކަށް އައްބާސް ނުދެކުނެވެ.

"އެހެންކިޔާ ބައިވަރު މީހުން ދަންނަން. ކިހިނެއްވީ؟" އައްބާސް ބުންޏެވެ.

"ބައްޕަ ހަނދާންވޭތަ މިގެއަށް މިދޭތެރެއަކުން އައެއްނު އަންހެނަކާ ކުޑަކުއްޖަކު. އާޝިގާ. ރޭގައި ޕާޓީތެރެއިން އާޝިގާއާ ދިމާވި. މިބުނާ ސަމީރާ ކައިރީގަ ހުރީ. ސަމީރާ ބުނީ އާޝިގާއަކީ މި އާއިލާ ދުރުކުއްޖެއް ނޫނޭ. އެހެންވެ މި އަހާލީ" ޝިއުރާ ވާހަކަދެއްކިއެވެ. ކާން އިން އިކާނަށް ވީގޮތެއްވެސް ނޭނގުނެވެ. އަނގައަށް ލި މަސްކޮޅު ހަފާނުލައި ދިރުވާލެވުނީ ހާސްވީވަރުންނެވެ. ކަރުގައި އަޅައިގަނެގެން އިކާން ކެއްސަން ފެށިއެވެ.

"މާޝް... މިގަޑީގަ. އަނެއްކާ ސިޔާއަށް ކަމެއްވީތަ؟" އަތުގައި އޮތް ފޯނަށް ބަލައިލާފައި ލަކްޔަން ބުނެލިއެވެ. އިކާންގެ ބުރަކަށީގައި މަޑުމަޑުން ތަޅަމުން ދިޔަ ޝިއުރާއާއި އައްބާސްގެ ނަޒަރު ލަކްޔަންއަށް އަމާޒުވިއެވެ.

"ދެންވެސް ތި ފޯނު ނަގާބަލަ" ޝިއުރާ ބުންޏެވެ.

ސިޔާއަށް ކަމެއްވީކަމަށް ހީކޮށް ލަކްޔަން ފޯނު ނެގިއެވެ.

"ކީކޭ...." ލަކްޔަން ބުންޏެވެ. ދެން ރުޅިން ފޯވެފައިވި ނަޒަރަކުން ކުރިމަތީގައި އިން އިކާނަށް ނަޒަރު ހުއްޓާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟