ވާހަކަ

މޮޔަކޮށްލި މާ - 50

10

"މަޑުކޮށްބަލަ. މިއޮތީ އަހަރެމެންގެ ޝެލީގެ ޑްރެސް. މިއީ އަފޫދައްތަ އާ ޝަހާއްތަ ދިން ވެޑިންގ ގިފްޓް އިނގޭ" ޝަހާނާ ޝެލީއަށް ބަލައިލަމުން ބުންޏެވެ. އަލްމާޝް ހިތްހަމަނުޖެހުނެވެ. ޝަހާނާ ފަތުރާލި ހެދުމުގައި އަލްމާޝް ހިފިއެވެ. ދެން ދުރަށް ހޫރާލިއެވެ. އަލްމާޝްގެ އެ އަމަލުން ތަނުގައި ތިބި އެންމެންނަށް ލިބުނީ ހައިރާންކަމެކެވެ. ބެލްކަނީގައި މަސައްކަތެއްކުރަން ތިބެފައި އެތެރެއަށް ވަން ސަމަދަށާއި ނިމާނަށްވެސް އެމަންޒަރު ފެނުނެވެ.

"ޝެލީގެ ކައިވެނި ނުކުރެވޭނެ. އެ ކައިވެނި އަހަރެން ކެންސަލްކޮށްފިން" އަލްމާޝް ބުންޏެވެ.

ޝެލީއަށް ހުރެވުނީ ދެލޯ ބޮޑުކޮށްގެން އަލްމާޝްއަށް ބަލަހައްޓައިގެންނެވެ. ހިންދިރުވާލުމާއެކު ޝެލީގެ ދެލޮލުން އެއްވަރު އެއްވަރަށް ދެ ކަރުނަތިކި ފައިބައިގެން ދިޔައެވެ. ޝެލީ ސިހުނީ ކައިވެނި ކެންސަލް ކުރުމަކުން ނޫނެވެ. އަލްމާޝް އެހާ ހަރުކަށި ވިތަން ފެނިފައެވެ.

"މާޝް....." ޝެލީއަށް ބަލައިލުމަށްފަހު އަފާފް ޖެހުނީ އަލްމާޝްއާ ގާތަށެވެ. އެހިނދު ކޮނޑުމަތީގައި އޮތް އަފާފްގެ އަތް އަލްމާޝް ފޮޅުވާލިއެވެ.

"މިގޭތެރޭގަ މީގެ ފަހުން ދެކެވެން ޖެހޭނީ ހަމައެކަނި މިކާލްގެ ކައިވެނީގެ ވާހަކަ" އަލްމާޝް ބުންޏެވެ. ދެން ހަރުކޮށް ހިނގާފައި ސިޑިއާ ދިމާލަށް ދިޔައެވެ. އަލްމާޝް ފަހަތުން ދާން އުޅެފައިވެސް ނިމާން ހުއްޓުނެވެ. އަލްމާޝްގެ ދެ އެކުވެރިން ފަހަތުން ދިޔުމުންނެވެ. ނިމާން ބަލައިލީ ޝެލީގެ މޫނަށެވެ. އިސްޖަހައިގެން ހުރެ ޝެލީ ރޮމުން ދިޔައެވެ. ނިމާން ކައިރިވެލުމާއެކު ޝެލީ މޫނުގައި އަތް އެޅިއެވެ. ނިމާން ހިތުގައި އިންތިހާއަށް ރިއްސާލިއެވެ. ޝެލީގެ ބޮލުގައި ފިރުމާލަން އުޅެފައިވެސް އަތް ނުނެގިއެވެ. ނިމާން ހުރީ އަދިވެސް ގޮތުގައެވެ. ޝެލީގެ ދުލުން އަދިވެސް އެ ކައިވެނިކުރަން ބޭނުންނުވާ ވާހަކަ ނުބުނާތީއެވެ. ނިމާން ހިނގައިގަތީ މައިދޮރާ ދިމާލަށެވެ. ޝެލީ ރޯ ތަން ފެނުމުން ނިމާން މާބޮޑަށް ދެރަވެއްޖެއެވެ.

"ހުއްޓާލާ ދަރިފުޅާ..." ފަޒްނާ ތެދުވެ އަލްމާޝް އަތުގައި ހިފިއެވެ. އެހިނދު ޝެލީ ފަޒްނާގެ ގައިގައި ބައްދައިގަތެވެ. ކައިރިވެފައިވެސް ނިމާން އަޅައިނުލާ ދިޔުމުން ޝެލީއަށް އިތުރަށް ރޮވެމުން ދިޔައެވެ.

*****

އެނދުގައި އިން އަލްމާޝްގެ ދެފަރާތުން ޝަހާނާއާއި އަފާފް ތިއްބެވެ. އަލްމާޝް ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައެވެ. ޝެލީ އެފަދަ ކަމެއް ބަދަލުހިފުމުގެ ރޫހުގައި ކުރަން އުޅުނުކަން އެނގުމުން ހައިރާންވެފައެވެ. އެހެންނަމަވެސް ކައިވެނި ނުކުރެވެނީސް އަލްމާޝް އެކަން ހޯދުމުން ދެ އެކުވެރިން އުފާކުރިއެވެ.

"ދެން އެކަން ކެންސަލް ކުރީމަ އެ ނިމުނީނު. ޝެލީ ހުރީ ހާދަ ދެރަވެފައޭ" ޝަހާނާ ބުންޏެވެ.

"ހުރިހާ ފަހަރަކު ޝެލީ ބޭނުންވާ ގޮތަށް ކަންތައްތަކެއް ނުނިންމޭނެ ދޯ. މައިންނަކީ ހަރުކަށިވާންޖެހޭ ތަންތަނުގައި ހަރުކަށިވާންވެސް ޖެހޭ ބައެއް" އަލްމާޝް ބުންޏެވެ.

"މިހާރު ކޮބާތަ މައްސަލައަކީ؟ ޝެލީ ބުނީތަ ކައިވެނި ކުރާނަމޭ" އަފާފް އެހިއެވެ.

"އެހެނެއް ނުބުނޭ. ތިމަންނަ އެ ކައިވެނި ނުކުރާނަމެކޭވެސް ނުބުނޭ. އެކައިވެނި ނުބައި މަގުސަދެއްގައި ކުރަން އުޅެވުނީތީ މައާފަކަށްވެސް ނޭދޭ" އަސަރާއެކު އަލްމާޝް ބުންޏެވެ. އަލްމާޝްއަށް ރޮވެން ފެށުމުން އަފާފް އަލްމާޝްގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލުމަށްފަހު ކޮނޑުގައި ފިރުމަމުން ދިޔައެވެ.

*****

އަސުރު ނަމާދަށް ގޮވަން ކުޑައިރުކޮޅެއް ހުއްޓެވެ. އާއިލާ ހުރިހާ މެންބަރުން ސިޓިން ރޫމުގައި ތިއްބެވެ. ކޮޓަރިން ނުކުމެގެން އައި އިކާން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން އައިސް ވަކިން ހުރި ސޯފާ ކައިރީގައި ހުއްޓުނެވެ. ވެގެން އުޅޭ ގޮތެއް އިކާނަށް ނޭނގެއެވެ. ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއިރު ކޮންމެ މީހެއްގެ މޫނުމަތިން ސީރިއަސްކަން ފެންނަން ހުއްޓެވެ. ސިޔާ ފިޔަވައެވެ. ފޯނަށް ބަލަހައްޓައިގެން އިން ސިޔާ އިނީ ހިނި އައިސްފައެވެ.

"އިށީނދެބަލަ" އިކާން ކޮޅަށް ހުންނަން ފެށުމުން ލަކްޔަން ބުންޏެވެ. އިކާން އިށީނެވެ.

"އިކާންގެ ކައިވެނި ނުކުރެވޭނެ" ލަކްޔަން ބުންޏެވެ. އިކާންގެ މޫނުމަތީގައި ހައިރާންކަމެއް ވަށާލިއެވެ. އަޑު އިވުނު ގޮތްބާއޭ ހިތަށް އެރިއެވެ. އަތުކުރީގައި އޮތް ގަޑިއަށްވެސް ބަލައިލިއެވެ. ކައިވެނިކުރާ ވަގުތު ކުޑަތަންވެއްޖެއެވެ.

"ވަޓް...؟" އިކާން ބުންޏެވެ.

"އާނ. މި ކައިވެނި ޝެލީކުރަން އުޅުނީ ނުބައި ނިޔަތެއްގަ. އެހެންވެ އަހަރެމެން މި ކައިވެނި ނުކުރެވޭ ގޮތަށް ހަދައިފިން" ލަކްޔަން ބުންޏެވެ.

"ހެޔޮ ކޮންމެ ނިޔަތެއްގަ ކުރަން އުޅުނަސް. ކައިވެނިކުރީމަ ހުރިހާކަމެއް ރަނގަޅުވާނެ. ކޮންމެ ނިޔަތެއްގަ ކުރިޔަސް އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. ކައިވެނިކުރާނަން" އިކާން ބުންޏެވެ.

"އިކާނު ބޭނުންވިޔަކަސް ދެން ނުވާނެ" ލަކްޔަން ބުންޏެވެ.

"ކީއްވެ ނުވާނީ. ވާނެ. މި ކައިވެނި ކުރާނަން" އިކާން ބުންޏެވެ. އައިސްފައި ހުރި ރުޅީގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން މިދަނީ ލަކްޔަންއާ ކަމެއް އިކާން ހަނދާނެއް ނެތެވެ.

"މިބުނީނު ނުވާނޭ. އަޑެއް ނީވޭތަ" ލަކްޔަން ބުންޏެވެ. މިފަހަރު ބާރަށެވެ. އިކާން ފުންމައިގެން ތެދުވިއެވެ. އެއްވެސް މީހަކަށް ބެލުމެއްނެތި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި މާޓުކުރިވެސް އަތުންޖަހައި ދުރަށް ބުރުވާލިއެވެ. އެއަށްފަހު ކޮޓަރިއަށް ވަންގޮތަށް ބާރަށް ދޮރުލެއްޕިއެވެ.

"މަޑުކުރޭ ދައްތަ" ޝިއުރާ އިކާން ފަހަތުން ދާން އުޅުމުން ލަކްޔަން ބުންޏެވެ.

"އެއިން ކުއްޖެއްގެ ދެލޮލުން ކަރުނަ ދުށުމަކީ އަހަރެންނަށް ކުޅަދާނަކަމެއް ނޫން. އިކާން އެދިޔައީ ވަރަށް ދެރަވެގެން" ޝިއުރާ ބުންޏެވެ.

"މިގަޑީގަ އެންމެ ރަނގަޅުވާނީ އެކަނިވާން އޭނަ ދޫކޮށްލިއްޔާ. އޭރުން އަމިއްލައަށް ރަނގަޅު ގޮތް ވިސްނޭނެ" ލަކްޔަން ބުންޏެވެ.

"ތެދެއް ދަރިފުޅާ. އޭނަ އަދި ބަހައްޓާ" އައްބާސް ޝިއުރާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ރޮވިފައި ހުރި ޝިއުރާ އަލުން ސޯފާއަށް ވެއްޓިގަތެވެ. ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"ކުރެވުނު އެންމެ ކުށެއްގެ ޝަޒާ ހުރިހާ ފަރާތަކުން އެކުއްޖާއަށް ދެމުން އެދަނީ ކީއްވެ؟" ޝިއުރާ ބުންޏެވެ.

*****

އެނދުމަތީގައި އޮތް ޕަވަރ ބޭންކަށް ގުޅާފައި އޮތް ފޯނު ނެގިގޮތަށް ޝެލީގެ ނަންބަރަށް އިކާން ގުޅިއެވެ. ފޯނު ނިވާލާފައިވާ ކަމަށް ބުނުމުން އިކާންގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ. ޝެލީ ނަންބަރު ބަދަލުކޮށްފައިވާކަމެއް އިކާނަށް ނޭނގެއެވެ.

"އަހަރެންނާ އެހާ ގާތަށް އައިސްފައި ދުރުވާކަށް ލާހިކެއް ނޫން" އިކާން ބުންޏެވެ.

*****

ފެހިކުލައިގެ ދިގު މިޑީގައި ހިފަހައްޓާލައިގެން ނުކުތް އަލްމާޝް ޓަކިޖަހާލީ ފަޒްނާގެ ކޮޓަރީގައެވެ. ދޮރު ހުޅުވާލާފައި ފަޒްނާ ބަލައިލީ އަލްމާޝްގެ ފައިން ފެށިގެން ބޮލަށެވެ. ހީވީ ސޯޅަ ސަތާރަ އަހަރުގެ އަލްމާޝް ފެނުނު ހެންނެވެ. ފިރިހެން ދަރިފުޅުގެ ކައިވެންޏަށް އަލްމާޝް ހެދިލައިގެން ހުރިއިރު އަލްމާޝް ކިތަންމެހާވެސް ޗާލެވެ.

"މަންމާ އަވަސްކުރޭ. މިކީ ގުޅާފަ ބުނެފި އެގެއަށް ދާން ނައްޓާލި ވާހަކަ. މާންވެއްޖެ މިކީ ބަލާގޮސް" އަލްމާޝް ބުންޏެވެ. ފަޒްނާ ބޯޖަހާލާފައި އެތެރެއަށް ވަނުމުން އަލްމާޝް ދެން އުޅުނީ ޝެލީގެ ކޮޓަރިއަށް ވަންނާށެވެ. އެހެންނަމަވެސް ޝެލީ ތައްޔާރުވާނެކަން އެނގޭތީ އެކޮޓަރިއަށް ވަނުމުގެ ހިޔާލު ދޫކޮށްލާފައި ރޫހީއާ ޖޫލް ތައްޔާރުވިތޯ ބަލަން ދިޔައެވެ.

ހުރިހާ މީހުން ތިރިއަށް ފައިބައި ކާރުތަކަށް އަރަން ފެށިއެވެ. އަލްމާޝް މަޑުކޮށްލައިގެން ހުރީ ޝެލީގެ ހަބަރެއް ނުވާތީއެވެ. ފުރަތަމަ ކާރު ނައްޓާލުމާއެކު އަލްމާޝް ކަންބޮޑުވިއެވެ. ބޭރުން ޝެލީ ނުފެންނަކަން އަލްމާޝްއަށް ޔަގީނެވެ. އެންމެފަހުން ހިތަށް ކެތްނުވެގެން ފަހަތުގައި އޮތް ކާރުގެ ދޮރު ހުޅުވާލާފައި އެތެރޭގައި އިން ފަޒްނާއަށް ގޮވާލިއެވެ.

"މަންމާ، ޝެލީ ކޮބާ؟" އަލްމާޝް އެހިއެވެ.

"ކޮންމެވެސް އެއް ކާރެއްގަ ނެތްތަ؟ މަންމައަށް ހީވި ހުރިހެން" ފަޒްނާ ބުންޏެވެ.

"އެއީ ތެދެއް. އަޅުގަނޑު އަންނަމުން ބަލައިލިއިރު ކޮޓަރީގަ އުޅުނު ރެޑީވާން" ޖޫލް ބުންޏެވެ. އަލްމާޝް ހިތްހަމަޖެހުނެވެ. ކުރިން ދިޔަ ކާރުން ޝެލީ ދިޔަ ކަމުގައި އަލްމާޝް ނިންމިއެވެ. އިމާރާތަށް ބަލައިލިއިރު މަތީބުރީން ހުދު އައްޔެއް ފެންނަން ނެތުމުން ގެ އެއްކޮށް ހުސްވެފައި ހުރިކަން އަލްމާޝްއަށް އެނގުނެވެ.

"ދަރިފުޅު ކޮންއިރަކުން ދަނީ؟" ސަމަދު އެހިއެވެ.

"މިކީ އެގެއަށް ލާފަ މާން އަންނާނެ" އަލްމާޝް ބުންޏެވެ.

ހުރިހާ ކާރެއް ލޮލުގެ ކޮޅަށް އޮބާލަންދެން އަލްމާޝް ބަލަހައްޓައިގެން ހުއްޓެވެ. ނިމާނަށް ގުޅަމުން ގެއާ ދިމާލަށް ބަލައިލި ވަގުތު އަލްމާޝްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ކުރިން ނިއްވާލާފައި ހުރި ޝެލީގެ ކޮޓަރި މިހާރު ހުރީ ދިއްލައިފައެވެ. ޝެލީ ގޭގައި އުޅޭކަން އަލްމާޝްއަށް ވަގުތުން އެނގުނެވެ. ގެއަށް ވަންނަން ހިނގައިގަތް އަލްމާޝްގެ ފޯނަށް ނިމާން މެސެޖްކޮށްލި ވަގުތަކީވެސް އެވަގުތެވެ.

ހެޑްބޯޑުގައި ލެގިގެން ރޮވިފައި އިން ޝެލީ ސިހުނީ ކޮޓަރި ތަޅު އަނބުރާލި އަޑު އިވިފައެވެ. ދެއަތުން ދެލޯ ކައިރި ފޮހެލިޔަސް ކަރުނައިގެ ތެތްކަން ކޯތާފަތްމަތީގައި ހުއްޓެވެ. ދޮރުމަތީގައި އަލްމާޝް ހުރިތަން ފެނުމުން ޝެލީ އެހެން ދިމާލަކަށް ބަލައިލިއެވެ.

"ޝެލީ ނަޔަސް ގާޒީން މަޑެއް ނުކުރާނެ" އަލްމާޝް ބުންޏެވެ.

"މަންމަމެން ދޭ" ޝެލީ ބުންޏެވެ.

"ޝެލީ އެހާ ގޯސްވީ ކޮންއިރަކު؟ ގައިމު ތިއީ އަހަރެމެން ދަންނަ ޝެލީއެއް ނޫން" އަލްމާޝް ބުންޏެވެ. ޝެލީއަށް ރޮވެން ފެށުނެވެ.

"ކޮންމެހެން ނުދަންޏާ ނުދިޔަސް ހެޔޮ. އިނދޭ ގޭގަ އެކަނި" އަލްމާޝް ބުންޏެވެ. އަލްމާޝް ހުރީ އެހާ ފަސޭހައިން ޝެލީއަށް ދޫކުރާ ގޮތަކަށް ނޫނެވެ. ނިކުންނަން އެނބުރުނު ވަގުތު މޫނު ޖެހުނީ ނިމާންގެ މޭގައެވެ. އަލްމާޝްގެ ދެލޮލުން ކަރުނަ ނީރާލާފައިވީ ތަން ނިމާނަށް ފެނުނެވެ. ލޮލުގެ އިޝާރާތުން އެނދުގައި އިން ޝެލީ، ނިމާނަށް އަލްމާޝް ދައްކާލިއެވެ. އަލްމާޝް ކޮޓަރިން ބޭރަށް ހިނގައިގަތުމުން ނިމާން ވަނީ އެތެރެއަށެވެ.

"ނުދަނީތަ؟ ޝެލީ ނުދިޔައިމަ މިކީ ކިހާ ދެރަވާނެ" ނިމާން ބުންޏެވެ. ޝެލީ ފުންމައިގެން ތެދުވިއެވެ. ނިމާންގެ ކަރުގައި ދެއަތް އެޅުވުމަށްފަހު ރޯންފެށިއެވެ. އެވަގުތުކޮޅަށް އިންތިޒާރުކޮށްގެން ހުރި ނިމާން ޝެލީގެ ބުރަކަށީގައި ފިރުމާލިއެވެ.

"އޯކޭ ދެން.... ދެން މި ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލައިގެން ނުވާނެ" ޝެލީ ދުރުކޮށްލާފައި ދެލޯ ކައިރި ފޮހެލަމުން ނިމާން ބުންޏެވެ.

"ބައްޕާ، އަޅުގަނޑު... ސޮރީ.... ކޮންމެހެން މެރީކުރާކަށް ބޭނުމެއް ނޫން. ނޭނގެ ކިހިނެއް ވެގެންކަމެއް އެގޮތަށް ވިސްނުނީ" ޝެލީ ބުންޏެވެ.

"އެވަރުކަމެއް ނޫން. ދެން އެވާހަކަ ނުދައްކާ. އަވަހަށް ރެޑީވޭ ދަރިފުޅު" ނިމާން ބުންޏެވެ.

"މަންމަ... މަންމަ ކުއްލިއަކަށް ޝެލީ ދެކެ ވަރަށް ރުޅި އަންނަން ފަށައިފި" ކުޑަކުއްޖެއްހެން ދެތުންފަތް ފިއްތާލަމުން ޝެލީ ބުންޏެވެ. ދޮރުން ބޭރުގައި ހުރި އަލްމާޝްގެ ހިތަށް ޝެލީގެ އެ ޖުމްލައިން އިންތިހާއަށް ތަދުވިއެވެ.

"މަންމައެއްނު ތިކިޔަނި. މަންމަ ދަރިފުޅު ދެކެ ލޯބިވާތީ އެގޮތަށް ކަންތައްކުރީ. ދެން ހިނގާ ދާން. ޕާޓީ ނިންމާފަ ގެއަށް އައިސް ވާހަކަދައްކާނީ" ނިމާން ބުންޏެވެ. ޝެލީ ދެއަތުން މޫނުމަތި ފޮހެލިއެވެ. ދެން އަލަމާރި ކައިރިއަށް ގޮސް ކޮނޑުގައި އިން ދެ ޝޯލް ނަގާފައި ނިމާނަށް ދައްކާލިއެވެ.

"މި ކުލަތަ ނޫނީ މިކުލަތަ އަޅުގަނޑާ ގުޅެނީ" ޝެލީ އެހިއެވެ. ނިމާނަށް ބުނަން ނޭނގުނެވެ. އެހެންކަމުން ނިމާނަށް ހެވުނެވެ. ކޮންމެގޮތެއް ވިޔަސް ޝެލީ ކައިރީގައި ކޮންމެވެސް ކުލައެއް ބުނަންޖެހޭނެތީ ކުޑަ ވިދުމެއް ހުރި ގަދަ ފެހި ކުލައިގެ ޝޯލްއަށް ނިމާން އިޝާރަތްކުރިއެވެ.

"އޭރުވެސް އެނގުނު. މަންމަ ނަމަވެސް ބުނާނީ މިކުލައޭ" ޝެލީ ބުންޏެވެ.

"ބައްޕާ، މިތާ އިށީނދެބަލަ އަޅުގަނޑު ޝޯލް އަޅަންދެން" ޝެލީ ބުންޏެވެ. ދެން ނިމާންގެ އަތުގައި ހިފައި ގެނެސް އެނދުގައި ބޭންދިއެވެ.

"އަވަސްކުރައްޗޭ ދަރިފުޅު" ގަޑިއަށް ބަލައިލަމުން ނިމާން ބުންޏެވެ.

"ބައްޕާ، އަޅުގަނޑާ ގުޅޭނީ ކޮންކަހަލަ ލިޕްސްޓިކެއްތަ. މި ތަ؟ ނޫނީ މިތަ؟" ލޯގަނޑު ކުރިމަތީގައި ހުރި ޝެލީ ބުންޏެވެ. ނިމާނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ތަނަކަށް ދާން ތައްޔާރުވާއިރު އެއީ ހަމަ އަލްމާޝްވެސް އުޅޭގޮތެވެ. މަޔަކާ ދަރިއަކު އެއްގޮތް ކަންތައްތަކެއް ހުންނާނީ މިހާކަށްވަރަށެވެ. ދޮރުމަތީގައި ހުރި އަލްމާޝްއަށް ނިމާން ބަލައިލިއިރު އަލްމާޝް ކައިރިއަށްވެސް ހުރީ ހިނި އައިސްފައެވެ.

*****

ނިމާންގެ އަތުގައި ހިފައިގެން ޝެލީ ނިކުތްއިރު ހީވީ ޒުވާން ޖޯޑެއް ނިކުމެގެން އައި ހެންނެވެ. ބަފަޔަކާ ދަރިއެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ޝެލީ ލައިގެން ހުރީ އަލްމާޝް ފަދައިން ހަމަ އެކުލައިގެ ދިގު މިޑީއެކެވެ. ތަފާތަކީ ޝެލީގެ ހެދުން އަނދިރީގައި ވިދުމެވެ.

"ގުޅަންވީ ދޯ ބޮޑުބެއަށް. ކާރުގައެއްނު ދެވޭނީ" ދޮރުމަތީގައި ހުރި އަލްމާޝްއަށް ބަލައިލަމުން ނިމާން ބުންޏެވެ. އަލްމާޝް ބޯޖަހާލިއެވެ. ކްލަޗް ތެރޭގައި އޮތް ފޯނު ރިންގުވާން ފެށުމުން އަލްމާޝް ބަލައިލިއެވެ. ގުޅަނީ ފަޒްނާކަން އެނގުމުން އަލްމާޝް އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ.

"އާނ އެނގޭ މަންމާ. ގޮވައިގެން މިދަނީ" އަލްމާޝް ބުންޏެވެ.

ޝެލީ ނެތްކަން ފަޒްނާއަށް އެނގުނީ އެގެއަށް ދިޔަފަހުންނެވެ. އެހެންކަމުން ވަގުތުން އަލްމާޝްއަށް ގުޅާފައި އެ ހަބަރު ދިނެވެ.

*****

އެނދުގައި އިން ސާހިލް ސިހުނީ މީހަކު ދޮރުހުޅުވާލި އަޑަށެވެ. އޭރު ދޮރުމަތީގައި ސަމީރާ ބަލަހައްޓައިގެން ހުއްޓެވެ. ސަމީރާގެ މޫނުމަތި ވަނީ މިލާފައެވެ. މާކުރިންވެސް ސާހިލް ތައްޔާރު ނުވާނެކަން ސަމީރާއަށް އެނގެއެވެ.

"ދެން ހިނގާ ދާން" ސަމީރާ ބުންޏެވެ. ސާހިލް ބަހެއް ނުބުނެ ތެދުވިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިފައި ލައިގެން ހުރި ހުދުކުލައިގެ އަތްކުރު ގަމީހަށް ދަމާލިއެވެ.

"ތިލައިގެންތަ ދަނީ؟" އެތެރެއަށް ވަންނަމުން ސަމީރާ އެހިއެވެ. ސާހިލް ބޯޖަހާލިއެވެ.

"އެހެން ކަމަކުނުދާނެ. ޝެލީގެ ބައްޕަ ދަރިފުޅަށްވެސް އެމީހުން ލައިގެން ތިބި ކުލައިން ގަމީސް ފޮނުވިއެއްނު. އިންނާނެ އަލަމާރީގަ އިސްތިރިކޮށްފަ" ސަމީރާ ބުންޏެވެ.

ސާހިލް ފުންނޭވައެއް ދޫކޮށްލިއެވެ. އެކައިވެންޏަށް ދާން ސާހިލް ބޭނުމެއް ނުވެއެވެ. ކުރިމަތީގައި އެހެން މީހެއްގެ އަންބަކަށް ޝެލީ ވާތަން ބަލަން ހުންނާނީ ކިހިނެއް ހެއްޔެވެ؟ ނުގޮސްވެސް ވާކަށް ނެތެވެ. އެންމެފަހުން ބަހެއް ނުކިޔައި ސަމީރާ އެދުނު ފަދައިން ކަންތައްތައް ކުރިއެވެ. ތައްޔާރުވެގެން ކޮޓަރިން ނުކުންނަން އައި ވަގުތު ސަމީރާ ސާހިލްގެ އަތުގައި ހިފެހެއްޓިއެވެ. ސާހިލް ބަލައިލުމާއެކު ފެނުނީ ކަރުނަތަކުން ފުރިފައިވި ސަމީރާގެ ދެލޮލެވެ.

"މަންމަ ކީއްވެ ތިރޮނީ" ސާހިލް އެހިއެވެ. ދެން ދެ އަތުން ސަމީރާގެ ދެލޯ ފޮހެދިނެވެ.

"މަންމަ ހިތަށް އަރަނީ ދަރިފުޅުގެ ތި ހިތާމަތައް ދުރުކޮށްދޭން މަންމަ ކީއްބާއޭ ކޮށްދެވޭނީ" ސަމީރާ ބުންޏެވެ.

"މިއީ މައްސަލައެއް ނޫން މަންމާ. ޝެލީ އުފަލުގަ ހުރުން އެންމެ މުހިންމީ" ސާހިލް ބުންޏެވެ. އެޕާޓްމަންޓް ތަޅުލާފައި ހުރިހާ މީހުން ލިފްޓަށް އެރިއެވެ. ހިތުގައި އުފެދިފައިވި އުދާސްގަނޑު ފިލުވާލަން ސާހިލް މަސައްކަތްކުރަމުން ދިޔައެވެ. މޭތެރޭގައި އޮތް ހިތް ރޮމުންދާކަން އެއްވެސް މީހަކަށް އެނގެން ސާހިލް ބޭނުމެއް ނުވެއެވެ. އަމުދުން ޝެލީއަށެވެ.

"ގެނޭ މަގޭ އަތަށް" ސާހިލް ބުންޏެވެ. ދެން އާޝިގާގެ އަތްމަތީގައި އިން އަސަލް އުރާލާފައި ސަމާސާކޮށްލިއެވެ.

*****

ކައިވެނި އަޤްދުކޮށްދީ ނިމުމާއެކު ގާޒީ ތެދުވެ ބޮޑެތި މީހުންނާ ސަލާމްކުރިއެވެ. އަލަތު ކައިވެނިވި ދެމަފިރިންނަށް ތަހުނިޔާ ކިއެވެ. ހީލައިގެން ސިޔާގެ ދެލޮލުން ވެއްޓުނީ އުފާވެރިކަމުގެ ކަރުނަ ތިއްކެކެވެ. ސިޔާއަށް ބަލަހައްޓައިގެން ލަކްޔަން ހުރީ އޯގާތެރިކަމާއި ކުލުނުން ފުރިގެންވީ ބެލުމަކުންނެވެ. އާއިލާ ތެރޭގައި ހުރި ހަމައެކަނި އަންހެންކުއްޖާގެ ކައިވެނިވުމުން އައްބާސާއި ޝިއުރާއަށްވެސް ލިބިފައިވަނީ އުފާވެރި ކަމެކެވެ. ގޮނޑިން ތެދުވިގޮތަށް ސިޔާ ކުރިއަށް ދާން ފެށިއެވެ. އަލްމާޝްއަށް ކުރިއަށް އަތްދިއްކޮށްލެވުނީ ހުދުކުލައިގެ ބޮޑު ހެދުން ސިޔާ އުފުލާލައިގެން ހުރި ގޮތުންނެވެ. އެދިޔަގޮތަށް އެންމެ ފުރަތަމަވެސް ސިޔާ ބައްދައިގަތީ ފަޒްނާ ކައިރީގައި ހުރި ޝެލީގެ ގައިގައެވެ. އެމަންޒަރު ފެނުމުން ޝިއުރާ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. ޝެލީ ދެކެ ޝިއުރާ ހުރީ ފޫހިވެފައެވެ.

"ކޮންގްރާ ދެކުދިންނަށް" ސިޔާގެ ކޯތާފަތުގައި ފިރުމާލަމުން ޝެލީ ބުންޏެވެ. ދެލޯ ކުޑަކޮށް ހިނިތުންވެލާފައި ސިޔާ، ޝެލީގެ ކޯތާފަތަށް ބޮސްދިނެވެ. އެމަންޒަރު ފެނުމުން ލަކްޔަންގެ ދެލޯ ކަރުނުން ވިދައިގަތެވެ. އަލްމާޝްގެ ބެލުމުގެ ދަށުގައި ސިޔާ ހުންނާނީ އުފަލުންކަން ލަކްޔަންއަށް ޔަގީންވިއެވެ. އެގެއަށް ދެވެން އުޅޭކަމުގެ އުފާވެރިކަން މިހާރުވެސް ސިޔާގެ މޫނުމަތިން ފެންނަން ފަށައިފިއެވެ. ޝެލީ އާއި ސިޔާއާ އޮތް ގާތްކަން ފެނި ލަކްޔަންއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

ސިޔާގެ މޫނުން ނަޒަރު ވަކިކޮށްލާފައި ލަކްޔަންގެ ކަޅި މަޑުމަޑުން ދަތުރުކޮށްލީ ނިމާން ކައިރީގައި ހުރި އަލްމާޝްއަށެވެ. އެއްވެސް މީހަކަށް ނުފެންނާނޭ ފަދަ ސިއްރުވެރި ނަޒަރެކެވެ. އަލްމާޝްގެ ލޫޅާފަތިކަމާ ރީތިކަމަށް ލަކްޔަން ހިތާހިތުން ތައުރީފުކުރިއެވެ. މިދުނިޔެއިން ކީއްކުރަން ހެއްޔެވެ؟ ހުވަފެނަކުންވެސް އެފަދަ ފުރިހަމަކަމެއް ލަކްޔަންއަށް ފެނިފައެއް ނުވެއެވެ. ކައިރިން ފެނި ބައްދަލުވެ ވާހަކަދެކެވެން ފެށުމުން އަލްމާޝްގެ ލޯތްބަށް ލަކްޔަންއަށް މާބޮޑަށް އެދެވެން ފެށުނެވެ. ދައްކަމުންދިޔަ ވާހަކައިގެ ތެރެއިން ނިމާން، އަލްމާޝްގެ ކޯތާފަތުގައި ފިރުމާލިތަން ފެނުމުން ލަކްޔަންގެ ހިތަށް ބުނެދޭން ނޭނގޭ ތަދެއްވިއެވެ. އެތަދު ފޮރުވާލުމަށް ލަކްޔަން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަލްމާޝްއަށް ބަލަމުން ފަހަތަށް ފަހަތަށް ގޮސް ލަކްޔަން މަޑުކޮށްލީ ތަނަވަސް ޓެރަސްމަތީގެ ރެއިލިންގ ކައިރީގައެވެ. ތަނަށް ވެރިވެފައިވާ އޮރެންޖާއި ރީނދޫ ކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން ލަކްޔަންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އަލްމާޝްގެ މޫނުން ނުނެއްޓެއެވެ.

"ޔޫ ލުކް ސްމާޓް" ކައިރިން އިވުނު އަޑަށް ލަކްޔަންގެ ސަމާލުކަން ހުއްޓުނެވެ. ދާދި ކައިރީގައި ހުރީ ޖޫލީއެވެ. ލަކްޔަން ހިނިތުންވެލިއެވެ. ދެން ކުރިއަށް އަތްދިއްކޮށްލީ އެ އަތުގައި ހިފާށޭ ބުނާފަދަ ގޮތަކަށެވެ. އުފާވީވަރުން ޖޫލީއަށް އުދުއްސައިނުގަނެވުނީ ކިރިޔާއެވެ. ލަކްޔަންގެ އަތާ އަތްޖޯޑުކޮށްލީ ހެއްދެވިފަރާތަށް ހަމްދުކުރަމުންނެވެ. ދެން އެފަދަ ނަޒަރަކުން އަލްމާޝްއަށް ނުބެލުމަށް އަޒުމްކަނޑައެޅިއެވެ. ކޮންމެގޮތެއްވިޔަސް އެއީ ދުވަހަކުވެސް ލަކްޔަންއަށް ނުލިބޭނެ ލޯތްބެއްކަން ޔަގީންކޮށްފިއެވެ. އެހެންނަމަވެސް އަލްމާޝް ފެންނަ ކޮންމެ ހިނދަކު ހިތަށް އަނިޔާވާނެކަން ޔަގީނެވެ.

*****

ފުރުސަތަކަށް ބަލަބަލައި ހުރި އިކާން ޝެލީ ފަހަތުން ހިނގައިގަތެވެ. ޝެލީ ދިޔައީ ފޯނެއްގައި ހުރެ ޕާޓީ ކުރިއަށްދިޔަ ތަނާ ދުރަށެވެ. އެހިސާބަށް މިޔުޒިކްގެ އަޑު އިވެނީ މަޑުންނެވެ. އަނދިރިވެސް ހިސާބެކެވެ. މީހަކު އަތުގައި ހިފުމާއެކު ޝެލީ ދިޔައީ ސިހިގެންނެވެ. ކުރިމަތީގައި ހުރި އިކާން ފެނުމާއެކު ޝެލީއަށް ހީވީ މެއަށް ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. އަޑުގަދަކޮށްލުމުގެ ކުރިން އިކާން ޝެލީގެ އަނގަމަތީގައި އަތް އަޅައިފިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟