"މަންމަ ޝެލީއަށް ވަރަށް އިތުބާރުކުރަން. އެހެންވިޔަސް ތިމާގެ އަންހެންދަރިއަކު ހިލޭ ފިރިހެނަކާއެކު އެއްކޮޓަރިއެއްގަ އެއް އެނދެއްގަ ނިދާފަ އޮންނަތަން ބަލާކަށް އެއްވެސް މަޔަކަށް ކެތެއްނުވާނެ. މަންމަގެ ހިތަށް ހާދަ އުނދަގުވިއޭ. ހާދަ އެއްޗިއްސެއް ހިތަށް އެރިއޭ. ޝެލީ އާ ސާހިލް ދެމެދުގަ ގުޅުމެއް އޮތީތަ؟ އަދިވެސް މަންމައަށް ކިޔައިދޭކަށް ނުވޭތަ؟ އެރޭ.... އެރޭ ތިދެކުދިން ވިޔާނުދާ އަމަލެއް....." އަލްމާޝްއަށް ޖުމްލަ ފުރިހަމަކުރަންވެސް އުނދަގުވިއެވެ.
"މަންމާ... ކީކޭ ތިކިޔަނީ. ތިކަހަލަ ނުބައި ގޮތަކަށް މަންމަ ވިސްނީ ކީއްވެ؟ ދުވަހަކުވެސް މަންމަ ތިހީކުރާފަދަ ނުބައި އަމަލެއް އަޅުގަނޑު ނުހިންގާނަން" ޝެލީ ބުންޏެވެ. އަލްމާޝްއަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ.
"ދެން ކޮންކަހަލަ މަންޒަރެއް މަންމައަށް ފެނުނީ؟" އަލްމާޝް އެހިއެވެ.
"އެއީ... އެއީ ސާހިލް ބޭނުންވީ އަޅުގަނޑުގެ އުނގުގަ ނިދާލަން. އަޅުގަނޑަށް ދެކޮޅު ނުހެދުނީ" ޝެލީ ބުންޏެވެ. އަލްމާޝްގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ސާހިލް ޝެލީގެ އުނގުގައި ނިދަން ބޭނުންވި ސަބަބެއް އެނގެން އަލްމާޝް ބޭނުންވިއެވެ.
"ތިދެކުދިން އުޅެނީ..."
"ނޫން... އަދިވެސް އޮތީ އެކުވެރިކަން. އެކަމަކު... ސާހިލް..." ޝެލީ އެ ވާހަކަ ފަށަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެހިސާބުން އެ ވާހަކަ ދޫކޮށްލެވެންވެސް ނެތެވެ. އަލްމާޝްގެ ސުވާލުތަކުގެ ބޮޅު ފައްޗަށް އިތުރު ބޮޅެއް އެމުނޭނެއެވެ. އެންމެ ރަނގަޅު ގޮތަކީ ހުރިހާ ވާހަކައެއް އަލިފުން ޔާޔަށް އަލްމާޝްއަށް ކިޔައިދިނުންކަން ޝެލީއަށް ވިސްނުނެވެ. އެހެންކަމުން ހުރިހާ ވާހަކަތަކެއް އަލްމާޝްއަށް ކިޔައިދޭން ފެށިއެވެ.
"މަންމާ" ޝެލީ ފުންނޭވައެއް ދޫކޮށްލިއެވެ.
"ސާހިލް... ސާހިލް އަޅުގަނޑުދެކެ ވަރަށް ލޯބިވޭ" ޝެލީ ބުންޏެވެ. އަލްމާޝްގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ އެހެންވެދާނެ ކަމަށް ގަބޫލުކުރަން ދަތިވިއެވެ.
"އާނ މަންމާ... ވީގޮތަކީ...." ޝެލީ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ފެށިގެން ނިމެންދެކަށެވެ. ސާހިލް އާއި ޝެލީ އާ ދެމެދު ޖެހުނު މައްސަލަގަނޑުވެސް އޮޅުންފިލުވައިދިނެވެ. ޝެލީގެ ކުރިމަތީގައި ސާހިލް އަބަދު ރޯ ވާހަކަވެސް ބުންޏެވެ.
"އެކަމަކު..." އަލްމާޝް ފުންނޭވައެއް ދޫކޮށްލިއެވެ.
"ހުދު އަޅުގަނޑުވެސް މިހުންނަނީ ހަދާނެގޮތެއް ނޭނގިފަ މަންމާ. އެކުވެރިކަން ގެއްލެން އަޅުގަނޑު ބޭނުމެއްނޫން. ސާހިލް އެކުވެރިކަމެއް ބޭނުމެއްނުވޭ. އަޅުގަނޑު ބުނިން މީހުން ދެކޭނީ ކިހިނެއް ހެއްޔޭވެސް. އެއްވެސް ވާހަކައެއް ގަބޫލުކުރަން ސާހިލް ބޭނުމެއްނުވޭ" ޝެލީ ކިޔައިދިނެވެ.
"ސާހިލްގެ ވާހަކަ ބާއްވާ. ކުރަން ތިއުޅޭ ކައިވެނީގެ ހަގީގަތްވެސް ކިޔައިދީ. މިވަގުތުން މިވަގުތަށް ޝެލީ ގޮތެއް ނިންމާ" ހަރުކަށިކަމާއެކު އަލްމާޝް ބުންޏެވެ. ޝެލީއަށް އުނދަގުވީ އެ ސުވާލަށް ޖަވާބުދޭށެވެ. ހަގީގަތަށް ކިޔައިދީފިނަމަ އަލްމާޝް ޝެލީ ހުއްޓުވާނެކަން ޔަގީނެވެ. ދޮގެއް ހަދައިފިނަމަ ހިތަށް ވާނީ އިތުރު އުނދަގުލެކެވެ.
"ބުނޭ ޝެލީ" އަލްމާޝް ބުންޏެވެ.
"ބޭނުމެއްނޫން ކައިވެނި ކުރާކަށް. އެކަމަކު އެ ފިރިހެނާއަށް ދެރައެއްދޭން ބޭނުން. ކައިވެނިކުރަން ބޭނުންވީ އެހެންވެ. އަޅުގަނޑަށް ދިން ދެރައިގެ ބަދަލު. ޕްލީޒް މަންމާ ނުހިފަހައްޓައްޗޭ" ޝެލީ ބުންޏެވެ. އަލްމާޝްއަށް ކޮޅަށް ތެދުވެވުނެވެ. ހިތްހަމަނުޖެހިފައި ޝެލީގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ތިއުޅެނީ މަންމަ ދުނިޔޭގަ ހުރެގެން ދަރިފުޅަށް އުނދަގުވެގެންތަ؟" އަލްމާޝް ބުންޏެވެ. މިފަހަރު އަލްމާޝްގެ އަޑު ފުދޭވަރަކަށް ބާރުވިއެވެ. އެ އަޑަށް ސިޓިންރޫމުގައި ތިބި ނިމާނާއި ސަމަދުގެ އިތުރުން ފަޒްނާ އައިސް ވަނެވެ. އަލްމާޝްއަށް ބަލާލާފައި ނިމާންގެ ނަޒަރު ދެން ދަތުރުކޮށްލީ ކުށްވެރިއެއް ފަދައިން އިސްއޮބައިގެން ހުރި ޝެލީއަށެވެ. ކޮންމެސްކަމެއް ވެއްޖެކަން ވަގުތުން ނިމާނަށް އެނގުނެވެ.
"ކިހިނެއްމިވަނީ؟ ދެމައިން ކޮން ޒުވާބެއް؟" ނިމާން އެހިއެވެ. އެތަނަށް ބަޔަކު އައިކަންވެސް އަލްމާޝްއަށް ރޭކާލީ ދެނެވެ. އެންމެ ކުރީގައި ހުރި ނިމާން ފެނުމާއެކު އަލްމާޝް ގޮސް ވަނީ ނިމާންގެ އަތުތެރެއަށެވެ. ފަޒްނާ ގޮސް ހުއްޓުނީ ޝެލީ ކައިރީގައެވެ.
"މާން... މާން ބަލާލަބަލަ ޝެލީ ކުރަން އުޅުނުކަމެއް" އަލްމާޝްއަށް ރޮވިއްޖެއެވެ. އަޑުބެދިގެން ދިޔައިރު ދެލޮލުން ކަރުނަ އޮހިގަނެއްޖެއެވެ.
"ޝެލީ... ޝެލީ ކީއްކުރީ؟" ނިމާން އެހިއެވެ.
"ޝެލީ އިކާނުގެ ކިބައިން ބަދަލުހިފަންވެގެން ކައިވެނިކުރަން އުޅެނީ. އަހަރެމެންނާ މެދު އެންމެ ފަހަރަކުވެސް އެކުއްޖާ ވިސްނާނުލާ" އަލްމާޝް ވާހަކަދެއްކިއެވެ. ނިމާން ހައިރާންވެފައި ބަލައިލީ ޝެލީގެ މޫނަށެވެ. އެވާހަކަތަކުގެ ތެދުކަން ޝެލީގެ މޫނުމައްޗަށް ވެރިވެފައިވި ކުލަވަރުން ނިމާނަށް އެނގުނެވެ. އެހެންނަމަވެސް އަލްމާޝް ރޯކަން އެނގުމުން ނިމާނަށް އުނދަގުވިއެވެ. އަލްމާޝް ރޯތަން ބެލުމަކީ އެއްވެސް އިރެއްގައި ނިމާނަށް ފަސޭހަކަމެއް ނޫނެވެ. ޝެލީ އާ ވާހަކަދެއްކުމުގެ ބަދަލުގައި އަލްމާޝް ގޮވައިގެން ނިމާން ނުކުތީ ބަދިގެއިން ބޭރަށެވެ.
************
ވަޒީފާ ނިންމާފައި ސާހިލްއަށް ގެއަށް އާދެވުނީ ބާރަޖަހަން ގާތްވެފައި ވަނިކޮށެވެ. ސޯފާއަށް ވެއްޓުނުގޮތަށް ލައިގެން ހުރި ގަމީހުގެ މަތިން ދެތިން ގޮށް ނައްޓާލިއެވެ. ޖީބުގައި އޮތް ފޯނު ނެގީ ޝެލީއަށް ގުޅާލުމަށެވެ. އެހެންނަމަވެސް ހައިރާންކަމެއް ލިބުނީ ސަމީރާގެ ދެކޯލު މިސްވެފައި އޮތްތަން ފެނިފައެވެ. ބުރަކަމުން ރޭގަނޑުގެ ކެއުން ސާހިލްގެ ހަނދާނުން ކައްސާލީއެވެ. ސަމީރާ ގުޅާފައި އޮތީ ކާން ނާންނާތީކަން ސާހިލްއަށް އެނގުނެވެ. ރޭގަނޑުގެ އެވަގުތު ގޭތެރެއަށް ފެތުރިފައިވަނީ ހަމަހިމޭންކަމެކެވެ. ހުރިހާ މީހުންވެސް އެވަގުތު ތިބޭނީ ނިދާފައިކަން ސާހިލްއަށް އެނގެއެވެ.
ކަންނެތް ގޮތަކަށް ތެދުވެގެން ސާހިލް ހިނގައިގަތީ ކާމޭޒާ ދިމާލަށެވެ. ގޮހޮރަށް ކާއެއްޗެއްނުލައި ނުނިދޭނެއެވެ. ކޮޓަރިއަށް ވަދެފައި ބަނޑުހައިވެގެން ނުކުމެ އުޅުމަކީ ސާހިލް ކުރާހިއްވާކަމެއް ނޫނެވެ. ސާހިލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ ކާއެއްޗެހި ނަގާފައި ހުރުމުންނެވެ. ސާހިލްއަށް ހަމައެކަނި ޖެހުނީ އަވަނަށް ލާފައި ސްޕެގެޓީ ތައްޓަށް ހޫނުކޮށްލާށެވެ. ހަމަޖެހިގެން މޭޒު ކައިރީގައި ޖައްސާލިތަނާ ކޮޓަރިއެއްގެ ދޮރުހުޅުވުނު އަޑު އިވުނެވެ. ސާހިލް ބޯއަރިކޮށްލާފައި ބަލައިލިއިރު އާޝިގާ އެދިމާލަށް އަންނަތަން ފެނިއްޖެއެވެ. ހައިރާންކަމެއް ލިބުނީ އާޝިގާގެ ފަހަތުގައި ސަމީރާ ހުރިތަން ފެނުމުންނެވެ. ރޭގަނޑުގެ އެފަދަ ވަގުތެއްގައި ސަމީރާއަކީ އެއްގޮތަކަށްވެސް ހޭލާ އުޅޭ މީހެއް ނޫނެވެ. ނުވައެއްގެފަހުން ސަމީރާގެ ދެލޯ ހޯދުމަކީ އެއްވެސް މީހަކަށް ކުޅަދާނަކަމެއް ނޫނެވެ.
"މީނީ ސާހިލްވެސް. މާ ރަނގަޅެއްނު. އެކަންޏެއްނުވާނެއްނު" ސާހިލް ފެނުމާއެކު ސަމީރާ ބުންޏެވެ. މޭޒު ކައިރީގައި އާޝިގާ ބައިންދާފައި ކާއެއްޗެހިތަށި ސަމީރާ ގާތްކޮށްލިއެވެ.
"މަންމަ. މިގަޑީގަ. ކިހިނެއްވީ އަނެއްކާ" ސާހިލް އެހިއެވެ. އިޝާރާތުން ސަމީރާ އެދުނީ އެވާހަކަ އިހަށް ނުދެއްކުމަށެވެ. ސާހިލްގެ ނަޒަރު ގޮނޑީގައި އިށިން އާޝިގާއަށް އަމާޒުވީދެނެވެ. ދޮންދޮން މޫނުމަތި ވަނީ މާގިނައިން ރުއިމުގެ ސަބަބުން ދުޅަވެފައެވެ. ނޭފަތުކޮޅުގައި ހީވަނީ ރަތްކުލައިގެ ލިޕްސްޓިކް ފޭދިފައި ހުރިހެންނެވެ. އާޝިގާއަށް ކަމެއްވެއްޖެކަން ސާހިލްއަށް އެނގުނެވެ. އެހެންނަމަވެސް ސަމީރާ އެދުނު ފަދައިން އާޝިގާ ކަންދެން ސާހިލް ހިމޭނުން އިނެވެ.
"ދޭ ކޮޓަރިއަށް. ސަމިއްތަ އެބަދަން" ތަށި ހިފައިގެން ޒިންކާ ދިމާލަށް ދިޔަ އާޝިގާއަށް ސަމީރާ ބުންޏެވެ. ދޮވުނުތަށި ހަރުގަނޑަށްލާފައި އާޝިގާ ކޮޓަރިއަށް ވަންނަންދެން ސަމީރާ ބަލަހައްޓައިގެން އިނެވެ. ސާހިލް އާ ވީކޮޅަށް އެނބުރުނީ ދެނެވެ.
"އާޝިގާއަށް ކިހިނެއްވީ؟ ބަލީތަ؟ ކުޑަމީހާއަށް ކަމެއްވީތަ؟" ސާހިލް އެހިއެވެ.
"ރަށަށް ދާން ބޭނުންވަނީއޯ" ސަމީރާ ބުންޏެވެ.
"އެއީ؟ ވަޒީފާވެސް ހަމަޖެހުނީމަ" ސާހިލް ބުންޏެވެ.
"ދަރިފުޅާ. އެމަންޖެ އެހެން އުޅުނަސް ވަރަށް ހިތާމަކުރޭ. ނަމެއްގަ ކައިވެންޏެއްކޮށްގެން ދަރިއަކު އެކަނި ބަލާބޮޑުކުރުމަކީ ހާދަހާ ވޭންދެނިވި ކަމެކޭ. އަނެއްކާ އަސަލްގެ ބައްޕަ ބުނެފިއޯ އަސަލް އަތުލާނަމޭ" ސަމީރާ ބުންޏެވެ.
"އެއީ ކޮންކަހަލަ ފިރިހެނެއް؟" ސާހިލް ބުންޏެވެ.
"ކީކޭ ބުނާނީ. އެމީހާގެ އާއިލާ މީހަކަށްވެސް ނޭނގި ދޮގުހަދައިގެން ސިއްރުންނޯ ކައިވެނިކުރީ. އިތުރު މީހަކާ އިންނަންށޯ އުޅެނީ. މި މަންޖެ ކައިރީގައި ބުނީ އަންބެއްގެ ގޮތުގަ އިންނަން ބޭނުންވަންޏާ ދަރި ދީފަ ރަށަށް ދާށޭ" ސަމީރާ އިތުރަށް އޮޅުންފިލުވައިދިނެވެ.
"އެއީ ކާކުތަ؟ މާލޭގަ އުޅޭ މީހެއްތަ؟ މަންމަ ދަންނަންތަ އެމީހާ" ސާހިލް ވާހަކަދެއްކިއެވެ.
"މަންމައަށް ފޮޓޮއެއް ދެއްކި. ނޭނގުނު. ދަރިފުޅު އަޅެ އެމަންޖެ އާ ވާހަކަދައްކަބަލަ. މިހާރު އެމަންޖެއަކީ އަހަރެމެންގެ ޒިންމާއެއް. މަންމަ ނޭދެން ދިރިއުޅެވޭނެ ގޮތެއް ފެންނައިރަށް ފުރައިގެން ހުސްއަތާ ރަށަށް ދާކަށް" ސަމީރާ ބުންޏެވެ.
"އުޅޭނަން ތިކަމާ މާދަމާ. އެމީހަކު އެނގުނިއްޔާ އެގެއަށްވެސް ދާނަން" ސާހިލް ބުންޏެވެ.
***********
ހެޑްބޯޑުގައި ލެނގިލައިގެން ފިކުރުގެ ކަނޑަކަށް ގެއްލިފައި އިން އަލްމާޝްއަށް ފާހަނައިން ނުކުތް ނިމާން ބަލައިލިއެވެ. އޭގެފަހުން އަލްމާޝް ކޮޓަރިން ނުނިކުންނަކަން ނިމާނަށް އެނގެއެވެ. އަމުދުން ޝެލީ އާ ވާހަކަދައްކަން އަލްމާޝް އެއްބަހެއް ނުވިއެވެ. އެގޮތަށް އަލްމާޝް އިންތަން ފެނުމުން ނިމާންގެ ހިތަށް ތަދުވެލިއެވެ.
"ޝޯނާ..... ދެން ތިހެން ނީނދެބަލަ. އަދި ވަގުތު ފާއިތުނުވެޔޭ. އަހަރެމެންނަށް އަހަރެމެންގެ ދަރިފުޅު ސަލާމަތްކުރެވޭނެ" ނިމާން ބުންޏެވެ.
"ކިހިނެއް؟ މާދަމާ ރޭ ކައިވެނި. ޝެލީ އަމިއްލައަށް ބޮޑު ބޮނޑިއެއް ބޯން އެ އުޅެނީ. އަދިވެސް އެ ކައިވެނި ނުކުރާނަމެކޭ އެކުއްޖާ ނުބުނޭ. ކޮންކަހަލަ ނުބައި ވިސްނުމެއް އެގެންގުޅެނީ" އަލްމާޝް ބުންޏެވެ.
"އެއްވެސް މީހެއްގެ ފަރާތުން ބަދަލު ހޯދުމަކީ އަހަރެންގެ ދަރިންނަށް އަހަރެން ދަސްކޮށްދިން ކަންކަމެއް ނޫން. ދެން ޝެލީ ކީއްވެ؟ ތަރުބިއްޔަތު ކުރުމުގަ އަހަރެންނަށް ގޯހެއް ހެދުނީތަ؟" އަލްމާޝް އެހިއެވެ. މާބޮޑަށް ރޮވެން ފެށުމުން އަލްމާޝް ނިމާންގެ މޭގައި ލައްވެލިއެވެ.
"އަހަރެން ބޭނުން މިކައިވެނި ހުއްޓުވަން. އެކަހަލަ މީހެއްގެ އަތްދަށަށް ޝެލީ ދޫކޮށެއްނުލެވޭނެ" އަލްމާޝް ބުންޏެވެ. އަލްމާޝްގެ ޝަކުވާތައް އަޑުއަހަން ނިމާން އިނީ އެއް އަތުން އަލްމާޝްގެ އަތުގައި ފިރުމާލަ ފިރުމާލައެވެ.
"އަހަރެން ގޮތް ނިންމައިފިން. މާން، މާދަމާ ހެނދުނުން އަހަރެން ގޮވައިގެން އަހަރެން ބުނާ ތަނަކަށް ދެވޭނެތަ؟" ކުއްލިއަކަށް ނިމާންގެ މޫނަށް ބަލައިލަމުން އަލްމާޝް އެހިއެވެ. ކޮންތަނެއްތޯ އެހުމެއްނެތި ނިމާން ބޯޖަހާލިއެވެ.
*********
ނިދިފައި އޮތް ފަޒްނާގެ ގައިގައި ފަހަތުން ބައްދައިގެން ޝެލީ އޮތެވެ. އޭރުވެސް ލޮލުގެ އަރިމަތިން ކަރުނަ ފައިބަމުން ދިޔައެވެ. ފަޒްނާ ޝެލީއަށް ރަނގަޅު ގޮތް ވިސްނައިދިނެވެ. ބަދަލުހިފުމުގެ ރޫހު ހިތުން ނެރެލަން ނަސޭހަތްދިނެވެ. ބަދަލު ދެއްވަނީ އެހެން ފަރާތަކުންކަން ހަނދާންކޮށްދިނެވެ. އެހެންނަމަވެސް ދެން ގޮތެއް ނިންމަން މާލަސްވެއްޖެއެވެ. ޝެލީ ވިސްނާ ވިސްނާ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ. އަލްމާޝް ކައިރިއަށް ދާންވެސް ޝެލީ އޮތީ ބޭނުންވެފައެވެ. އަލްމާޝް ނިންމި ގޮތެއް އޮޅުންފިލުވަން ބޭނުންވެފައެވެ. ނިމާނަށްވެސް އެތައް ފަހަރަކު ގުޅައިފިއެވެ. އެވަރަށް މެސެޖުވެސް ކޮށްފިއެވެ. އެކަކުވެސް ޝެލީއަށް މުހިންމުކަމެއް ނުދިނެވެ. ޝެލީ އެންމެ ދެރަވަނީ ދުވަހަކުވެސް އޭނާދެކެ ރުޅިއައިސްފައިނުވާ މައިންބަފައިން ހިތްހަމަނުޖެހިފައި ތިބުމުންނެވެ.
ފަޒްނާ ދަމުނަމާދަށް ހޭލިއިރުވެސް ޝެލީ ނުނިދައެވެ. ރޮވިފައި ފަޒްނާއަށް ބަލަހައްޓައިގެން އޮތެވެ.
"އަދިވެސް ނުނިދާ. މާމަ ބުނީމެއްނު އެކަމާ ދެން އެހާ ވަރަށް ނުވިސްނާށޭ" ޝެލީގެ އިސްތަށިގަނޑުގައި ފިރުމާލަމުން ފަޒްނާ ބުންޏެވެ.
"މަންމަވެސް ބައްޕަވެސް ވާހަކަނުދައްކާ. މެސެޖުކުރީމަ އަޅައެއްވެސްނުލާ" ޝެލީ ބުންޏެވެ. ޝެލީ ހިތުގައިޖެހިގެން އުޅެނީ އެކަމާކަން ފަޒްނާއަށް އެނގުނީ ދެނެވެ.
"ޝެލީ އެގޮތަށް ކަންތައްކުރީމަ އެމީހުން މާބޮޑަށް ދެރަވީ. މާދަމާ ހުރިހާކަމެއް ރަނގަޅުވާނެ. ހިނގާ މާމައާއެކު ނަމާދަށް އަރާލަން. ﷲ ތައާލާއަށް ދުއާކޮށްލީމަ ހިތަށް ހިތްހަމަޖެހުން ލިބޭނެ" ޝެލީގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ފަޒްނާ ބުންޏެވެ.
************
ގޭތެރެއަށް ވަން ލަކްޔަންގެ ދެލޮލުން މާޔޫސްކަމެއް ފެންނަން ހުއްޓެވެ. ސޯފާގައި އިން އައްބާސް ލަކްޔަންއަށް ގޮވާލިއެވެ. ލަކްޔަންގެ ފަރުވާކުޑަކަން ފެނިފައެވެ. ރޭގަނޑު އޮތް ކައިވެންޏަށް ގޭތެރެ ތައްޔާރުކުރުމުގައި ޝިއުރާގެ ދެމަފިރިންނާއި ޖޫލީ އުޅޭއިރު އެކަމަށް ފާޑެއްވެސް ކިޔާނުލައި ލަކްޔަން ކޮޓަރި އާ ދިމާލަށް ދިޔުމުންނެވެ. އައްބާސް ކައިރީގައި އިށީނދެފައި ލަކްޔަން ބޮލުގައި އަތް ހިންގާލިއެވެ. ހީވީ ބޮލުގައި އެނބުރެމުންދާ ފިކުރުތައް އެއްފަރާތްކުރަން އުޅުނު ހެންނެވެ. ޖޫލީ ދިއްކޮށްލި ފިނި ފެންތަށި އެއްނޭވައިން ލަކްޔަން ދަމާލިއެވެ. ޝުކުރުއަދާކޮށްފައި ޖޫލީ އަތަށް ހުސްތަށި ދިނުމުން އަލުން ގޮސް ޝިއުރާ އާއެކު މަސައްކަތައިގެން އުޅުނެވެ.
"ބޯ އަނބުރަނީ ދޯ. އެހެންނޭ ވާނީ ހެނދުނު ސައިވެސް ނުބޮއެ ކޮންތާކަށް ދިޔައީ" ދޮރުފޮތި އަޅުވަން ހުރި ޝިއުރާ ބުންޏެވެ.
"މީހަކާ ބައްދަލުކޮށްލަން ދިޔައީ" ލަކްޔަން ބުންޏެވެ.
"ސައިހަދާފަ ހުންނާނީ" ޝިއުރާ ބުންޏެވެ.
"ދަރިފުޅު ދާންވީނުން ބައްޕަ ސައިބޮއެ ނިމެންދެން މޭޒު ކައިރީގައި މަޑުކޮށްލަން" ކޮަޓަރިން ނުކުތް ސިޔާއަށް ޝިއުރާ ބުންޏެވެ.
"ނޫން. މިގަޑީގަ ސައެއް ނުބޯނަން" ލަކްޔަން ބުންޏެވެ. ލަކްޔަންގެ މޫނަށް އައްބާސް އާއި ޝިއުރާ އެކުއެކީ ބަލައިލިއެވެ. ލަކްޔަންއަށް ކަމެއްވެފައި އިންހެން ދެމީހުންނަށްވެސް ހީވިއެވެ. އައްބާސް ކުރިއަށްޖެހިލައި ލަކްޔަންގެ ބުރަކަށީގައި ފިރުމާލިއެވެ.
"އިކާނުގެ ކައިވެންޏެއް ނުކުރެވޭނެ" ހިނދުކޮޅަކަށްފަހު ލަކްޔަން ބުންޏެވެ. އިންތަނުން ޝިއުރާއަށް ކޮޅަށްތެދުވެވުނެވެ. ކަމެއްވީހެން ހީވެ ވާނުވާ ނޭނގިފައި އިން ޖޫލީވެސް ތެދުވެ ޝިއުރާ ކައިރީގައި ހުއްޓުނެވެ.
"ކީކޭ ތިބުނީ؟ ކީއްވެ ނުވާންވީ. އިކާނު މިފަހަރު ކީއްކުރީ؟" ޝިއުރާ އެހިއެވެ.
"އިކާނު ކަމެއްކުރީކީ ނޫން. ޝެލީގެ މައިންބަފައިންނާ އަހަރެން ވާހަކަދައްކައިގެން މިކަން ކެންސަލްކުރީ. އެއީ ދެފަރާތަށްވެސް އެންމެ މޮޅުގޮތް ކަމަށްވާތީ" ލަކްޔަން ބުންޏެވެ. ޝިއުރާ ހިތްހަމަނުޖެހިފައި ބަލައިލީ އައްބާސްގެ މޫނަށެވެ. ކައިވެނިކުރަން ރަންކިޔައި ހުރިހާކަމެއް ނިމި ކައިވެނި އަގުދުކޮށްދޭ ގަޑި އައިސްޖެހުނުތަނާ ލަކްޔަން އެގޮތަށް ކަންތައްކުރުމުން ޝިއުރާ ހަމައިން ނެއްޓިއެވެ. ލަކްޔަންއަށް އިކާން ބައްޕަ ކިއި ކަމުގައި ވިޔަސް މިފަހަރު އިކާނަށް ދެރަލިބޭ ގޮތަކަށް އެއްވެސް ކަމެއްކުރަން ޝިއުރާ ތަނެއް ނުދޭނެއެވެ.
"ކޮއްކޮ ތިގޮތަށް ގޮތް ނިންމާއިރު މިތާ ދެންތިބި މީހުން ކައިރީގައިވެސް އަހާލުން ރަނގަޅު ކަންނޭނގެ" ޝިއުރާ ބުންޏެވެ.
"ކޮބާ އިކާނު؟ އޭނައަށް މިކަން އެނގޭތަ؟" އައްބާސް އެހިއެވެ.
"އިކާނަށްވެސް ޝެލީއަށްވެސް މިކަން އަދި ނޭނގޭނެ" ލަކްޔަން ބުންޏެވެ.
"ޔެސް. ސިޔާވެސް ބޭނުމެއްނޫން ދޮންބެ ޝެލީދައްތަ އާ މެރީކުރާކަށް" ސިޔާ ބުންޏެވެ. މިފަހަރު ނުރުހިފައި ޝިއުރާ ބަލައިލީ ސިޔާގެ މޫނަށެވެ.
"ކުކުޅަށް ވުރެ ބިސްދޮށި ވާން އުޅޭނެކަމެއްނެތް" ޝިއުރާ ބުންޏެވެ. ދެރަވީވަރުން ސިޔާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ފަހަތުން ޖޫލީވެސް ދިޔައެވެ.
ހިމޭންކަމާއެކު ލަކްޔަންގެ މޫނަށް ބަލަންއިން އައްބާސްގެ ސިކުނޑި ތެރޭގައި އެތައް ވާހަކައެއް ދެކެވެމުން ދިޔައެވެ. ބޮޑު ކަމެއް ނުވަނީސް އެކަހަލަ ނިންމުމެއް ލަކްޔަން ނުނިންމާނެކަން އައްބާސަށް އެނގެއެވެ. އެވެސް ވަގުތު މިހާ ކުޑަތަންވެފައި ވަނިކޮށެވެ. ލޯތްބާއި އޯގާތެރިކަން އެކުލެވޭ ބެލުމަކުން ލަކްޔަންއަށް ބަލަން އިނދެފައި އައްބާސް ލަކްޔަންގެ އަތުގައި ހިފިއެވެ.
"ތެދަށް ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދީ" އައްބާސް ބުންޏެވެ.
"ބައްޕައަށް އަދިވެސް ކޮއްކޮގެ ގޮތް ނޭނގޭތަ؟ އިކާނަށް އުފަލެއް ލިބެން ކޮއްކޮ ނޭދެނީ. އިކާނަށް ކުރެވުނީ ދުވަހަކުވެސް ނުފުއްސަވާވަރުގެ ބޮޑު ފާފައެއްތަ؟" ޝިއުރާ ވާހަކަދެއްކިއެވެ. ހިތްހަމަނުޖެހުމާ ރުޅިވެރިކަން ޝިއުރާގެ އަޑުގައި ވިއެވެ.
"އިކާނުދެކެ ލޯބިވާތީ މި ނިންމުން މިގޮތަށް ނިންމީ. ދެރައެއްލިބެން ނޭދޭތީ. ގަދަވެ ސަލާމަތުން ލޯމަތީގައި ބަހައްޓަން ބޭނުންވާތީ. އަހަރެން ނިންމައިފިން އިކާނު ގޮވައިގެން މިތަން ދޫކޮށް ދާން" ލަކްޔަން ބުންޏެވެ.
"ދަރިފުޅު ހުރެބަލަ މަޑުން. ބައްޕަ އެބަވާހަކަދައްކަމެއްނު" އައްބާސް ޝިއުރާއަށް ބުންޏެވެ. ހާލަތުގެ ގޮތުން ޝިއުރާއަށް ބަދަލުތަކެއް އައިސްފައި ވިޔަސް ޝިއުރާއަށް އަޑުލާން އައްބާސް ބޭނުމެއްނުވިއެވެ.
"ބައްޕާ، މިއައީ މާޝް އާ ނިމާނާ ބައްދަލުކޮށްފަ. ޝެލީ... ޝެލީ މި ކައިވެނިކުރަން އުޅުނީ ކޮންމެހެން އިކާނަށް މާފުކޮށްފަ ދިރިއުޅޭކަށް ނޫން. އެކުއްޖާ އުޅުނީ އިކާންގެ ފުށުން ބަދަލުހިފަން. އިކާނުގެ ސަބަބުން ޝެލީއަށް ލިބުނު ދެރައިގެ ބަދަލުގަ ވަރުގަދަ މަޅިއެއްގައި އިކާނު ޖައްސަން. ކައިވެނީގެ ކުރިން ޝެލީގެ ފަރާތުން އެނގުނުކަންވެސް ނަސީބެއްނު. މާޝް މާފަށްއެދުނު. އެއީ ނުބައި ބައެއްނަމަ ވަގުތުފާއިތުވެ ނުދަނީސް އެވާހަކައެއް ނުދެއްކީހެއްނު. ޝެލީގެ ފުށުން އެކަހަލަ ކަމެއް ވިޔަނުދިނުމަށް އަޅުގަނޑު ކައިރީގައި އެވާހަކަދެއްކީ. އަނެއްކޮޅުން ޝެލީގެ ފަރާތުން ލޯތްބާއި ހަމްދަރުދީ އިކާނަށް ނުލިބޭކަމަށްވަންޏާ އިކާނުގެ އަތުން ފައިންވެސް ހެދޭނީ ގޯހެއް. އަޅުގަނޑު ކަންތައް މިކުރީ ގޯސްކޮށްތަ؟" ލަކްޔަން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމާއެކު އައްބާސް ފުންނޭވައެއް ލިއެވެ.
"ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. ދެފަރާތުގެ އާއިލާ އިންވެސް ދަރިން ސަލާމަތްކުރީ. އެހެންވީމަ ތިކަމުގަ ގޯހެއް ބައްޕައަކަށް ނުފެނޭ" އައްބާސް ބުންޏެވެ.
"އަހަރެން ހީކުރިގޮތެއް ނޫން ޝެލީ. އަހަރެން ހީކުރީ އެއީ ބަސްމަދު ވަރަށް ސާދާ އަންހެންކުއްޖެއް ކަމަށް. ހިތްހެޔޮވާނެ ކަމަށް. މަޑުމޮޅި ހިތެއްގެ ވެރިއެއްކަމަށް" ޝިއުރާ ބުންޏެވެ. ހަގީގަތް އެނގުމުން ޝިއުރާގެ ނުރުހުން އަމާޒުވީ ޝެލީއަށެވެ.
"ރީތިކަމާ އެއްވަރަށް ފޮނިކަމާއި ބޮޑާކަން. އެހުރީ ތިމާއަށް ތިމާ ފެނިފަ. އޭނަ ނޫނަސް އަހަރެންގެ އިކާނަށް އަދި ކިތަންމެ އަންހެން ކުދިންނެއްވާނެ" ޝިއުރާ ބުންޏެވެ.
"އެއީ ދައްތަ ތިބުނާ ކަހަލަ ކުއްޖެއްނޫން. އެކަހަލަ ވިސްނުމެއް ޝެލީގެ ހުރީ ސަބަބަކާނުލައެއް ނޫނެއްނު" ލަކްޔަން ބުންޏެވެ.
ކުރަންހުރި ކަންކަން ހުއްޓާލާފައި ޝިއުރާ ގޮސް ވަނީ ކޮޓަރިއަށެވެ. އެތަން ފެނުމުން ލަކްޔަން ދެރަވިއެވެ. އައްބާސް ލަކްޔަންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
*************
ދުވަހުގެ މެންދުރުފަސްވީތަނާ މިކާލްގެ ހެދުން ހިފައިގެން ޝަހާނާ އާއި އަފާފް އައިސް ވަނެވެ. އޭރު އަލްމާޝް ބަދިގޭގައި އުޅުނެވެ. ސޯފާގައި އިން ފަޒްނާގެ އުނގުގައި ބޯއަޅައިގެން ޝެލީ އޮތީ ބަދިގެ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަލްމާޝް އެތެރޭގައި އުޅޭކަން އެނގިއެވެ. އަލްމާޝް އާއި ނިމާން ނޫން އެހެން މީހަކަށް ޝެލީގެ ކައިވެނި ކެންސަލްކޮށްފައިވާ ކަމެއް ނޭނގެއެވެ.
"އަނހަ މިއައީ ކޮންބައެއް؟" އަފާފް އާއި ޝަހާނާ ފެނުމުން ފަޒްނާ ބުންޏެވެ. ޝެލީ ބޯހިއްލާލާފައި ބަލައިލިއެވެ. ދެން ހީލިއެވެ.
"ހާދަ މީރުވަހެއް. މާޝް ކޯޗެއް ހަދަނީތަ؟" ޝަހާނާ ނިކަން ބާރަށް ބުންޏެވެ.
"ހަވީރުގެ ސައެއް ހަދަނީ" އެތެރޭން އަލްމާޝް ގޮވާލިއެވެ.
ބަދިގެއިން ނުކުމެގެން އަލްމާޝް އައިސް އަފާފް ކައިރީގައި ހުއްޓުނެވެ. ދެން އަފާފް އަތުގައި އޮތް ކޮތަޅުގައި ހިފިއެވެ.
"މި ދޮވެފަ އިސްތިރިކުރާކަށްނު އެންމެ ފުރަތަމަ ޖެހޭނީ. ކީއްކުރާނީ ހިކިކަމުން އެއްޗެއް ފެހިޔަސް ދެފަތި ޖެހިފަ ހުންނަން މިޖެހެނީ" އަލްމާޝް މިކާލަށް ނިސްބަތްކޮށް ބުނެލިއެވެ. މިކާލްގެ ކައިވެންޏަށް ތައްޔާރުކުރި ހެދުން ފަތިން ޖަހަން ޖެހިގެން އެކަން ހަވާލުކުރީ ޝަހާނާއާއެވެ.
"މަޑުކޮށްބަލަ. މިއޮތީ އަހަރެމެންގެ ޝެލީގެ ޑްރެސް. މިއީ އަފޫދައްތަ އާއި ޝަހާއްތަ ދިން ވެޑިން ގިފްޓް އިނގޭ" ޝަހާނާ ޝެލީއަށް ބަލައިލަމުން ބުންޏެވެ. އަލްމާޝް ހިތްހަމަނުޖެހުނެވެ. ޝަހާނާ ފަތުރާލި ހެދުމުގައި އަލްމާޝް ހިފިއެވެ. ދެން ދުރަށް ހޫރާލިއެވެ. އަލްމާޝްގެ އެ އަމަލުން ތަނުގައި ތިބި އެންމެންނަށް ލިބުނީ ހައިރާންކަމެކެވެ. ބެލްކަނީގައި މަސައްކަތެއްކުރަން ތިބެފައި އެތެރެއަށް ވަން ސަމަދަށާއި ނިމާނަށްވެސް އެމަންޒަރު ފެނުނެވެ.
"ޝެލީގެ ކައިވެނި ނުކުރެވޭނެ. އެ ކައިވެނި އަހަރެން ކެންސަލްކޮށްފިން" އަލްމާޝް ބުންޏެވެ.
(ނުނިމޭ)