އިސްކޮޅަށް ވުރެ ވެސް ބޮޑު އެ ފްރޭމްގެ މަތީގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލާފައި އަލްމާޝްގެ ދެލޯ ފެންކަޅިވިއެވެ. ލަކްޔަން އަލްމާޝްދެކެ ލޯބިވާކަން އަލްމާޝް ގަބޫލުކުރެއެވެ. ގަބޫލުކުރަން އުނދަގުވީ އެދަރަޖައަށް ލޯބިވެދާނެ ކަމެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރަމުން ދަނިކޮށް އަލްމާޝް ސިހުނީ ކޮނޑުމަތީގައި މީހަކު އަތް ބޭއްވުމުންނެވެ.
އަލްމާޝް ބަލައިލުމާއެކު އެހާ އަވަހަށް އަލްމާޝްގެ ކޮނޑުމަތިން ލަކްޔަން އަތް ނެގިއެވެ. އަލްމާޝް އިސްޖަހާލިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. އަލްމާޝްގެ ކުރިމަތިން އެއް ފިޔަވަޅު އަޅާފައި ބޭރަށް ނެރެފައި ހުރި ފްރޭމް ލަކްޔަން އަތުން އެތެރެއަށް ކޮށްޕާލިއެވެ. އަލްމާޝްއަށް ނަޒަރެއްދިނީ ދެނެވެ.
"ތި ވިސްނުން ދެން ދޫކޮށްލާ ލަކީ. ޒަމާން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ. އަހަރެމެން ދެމީހުންގެވެސް ދަރިން ބޮޑެތިވެއްޖެ" އަލްމާޝް ބުންޏެވެ. ލަކްޔަން ލުއިލުއިކޮށް ހީލިއެވެ.
"އެނގޭ. މާޝް އެކަމާ މާބޮޑަށް ނުވިސްނާ. އޯލްވޭސް ބީ ހެޕީ" ލަކްޔަން ބުންޏެވެ. ކިތަންމެ ހަމަޖެހިފައި ލަކްޔަން އެހެން ބުނި ނަމަވެސް އެ އަޑުގައި ފޮރުވިފައިވާ ރިހުން އަލްމާޝްއަށް ފާހަގަވިއެވެ.
"އަހަރެން... އަހަރެން ކަމަކު ބުނިއްޔާ އެކަމެއް ކޮށްދޭނަންތަ؟" ދޮރާ ދިމާލަށް ބަލަންހުރި އަލްމާޝް ބުންޏެވެ.
"ބުނޭ. އަމިއްލަ ފުރާނަދޭންވެސް ތައްޔާރު" ލަކްޔަން ބުންޏެވެ.
"ލަ ކީ......" ލަސްލަހުން އަލްމާޝް ކިޔާލިއެވެ.
"ސޮރީ.... އެއީ ހަގީގަތް ހަމަ" ލަކްޔަން ބުންޏެވެ.
"މިގޭގަ އެ އުޅޭ އަންހެންކުއްޖާއަކީ ކޮންކުއްޖެއްތަ؟" އަލްމާޝް އެހިއެވެ.
"އެއީ ޖޫލީ... ފްރެންޑެއް" ލަކްޔަން ބުންޏެވެ.
"ލަކީ އެހެންދެކެނީ. އެކަމަކު ޖޫލީ ދެކެނީ އެހެނެއްނޫން. ނޫންތަ؟" އަލްމާޝް ބުންޏެވެ.
"މާޝް ކީކޭ ކިޔަން ތިއުޅެނީ؟ އަދި އޮތީ ހަމައެކަނި އެކުވެރިކަން" ލަކްޔަން ބުންޏެވެ.
"އެނގޭ. އައި ޓްރަސްޓް ޔޫ ލަކީ. އެހެން މިބުނީ ޖޫލީ އަހަރެމެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުންނަތާ ވަރަށް އިރުވެއްޖެ. އޭނަގެ ހިތުގައި ލަކީ އާ މެދު ހަމައެކަނި ރައްޓެހިކަން އޮންނަނަމަ އެހެން ނުހުންނާނެ ދޯ. ބަލާބަ އެހެރީ ދޮރާ ނިވާވެގެން. ހިޔަނި އެބަފެނޭ" އަލްމާޝް ބުންޏެވެ. އަލްމާޝް ކައިރިން އަޅާފައި ލަކްޔަން ކުޑަކޮށް ކުރިއަށް ޖެހިލާފައި ބަލައިލިއެވެ. ތެދެކެވެ. ޖޫލީ ހިތުން ހުރީ ނިވާވެގެންނެވެ. އެހެންނަމަވެސް ހިޔަނި ފެންނަން ހުއްޓެވެ.
"ލަކީ އެއީ ރަނގަޅު ކުއްޖެއް ކަމަށްވަންޏާ އެކުއްޖާ ލައިފް ޕާޓްނާއެއްގެ ގޮތުގަ ގަބޫލުކުރޭ. އެއީ ލަކީއަށް އެންމެ ރަނގަޅުގޮތް" އަލްމާޝް ބުންޏެވެ.
"އައި ކާންޓް" ލަކްޔަން ބުންޏެވެ. އަލްމާޝް ލަކްޔަންއަށް ބަލައިލިއެވެ. ކައިރިއަށް ޖެހިލާފައި ލަކްޔަންގެ އަތުގައި ހިފަހައްޓާލަން ބޭނުންވިއެވެ. އެހެންނަމަވެސް އަލްމާޝް އެގޮތަށް ކަންތައް ނުކުރިއެވެ. ހިލޭ ފިރިހެނެއްގެ އަތުގައި އަތްލަން އަލްމާޝްގެ ޒަމީރު އެއްބަހެއް ނުވިއެވެ.
"ލުކް ލަކީ... މަރުވަންދެން އަހަރެންނަށްޓަކައި އުމުރު ގުރުބާންނުކުރޭ. ޖޫލީ އާ މެރީކުރޭ" އަލްމާޝް ބުންޏެވެ.
"ވައި؟ ވައި މާޝް. ކީއްވެ ތިކަމަށް ތިއެދެނީ. އަހަރެން އިތުރަށް ބަލިކަށި ކުރަންތަ؟ އަހަރެން މިހުރިހާ ދުވަހުވެސް އުޅުނީ. އަދިވެސް އުޅޭނަން" ލަކްޔަން ބުންޏެވެ.
"އަހަރެންނަށްޓަކައި. ޕްލީޒް..." އަލްމާޝް ބުންޏެވެ. އަތުގައި އޮތް ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއިރު ނިމާން 'ކޮބާ' ހޭ އަހާފައި އޮތެވެ. ގެއަށް ދާންވީ ވަގުތު ޖެހުނީކަން އަލްމާޝްއަށް އެނގުނެވެ.
ނުކުތުމުގެ ކުރިން އަލްމާޝް އެނބުރި ލަކްޔަންއަށް ބަލައިލިއެވެ. އިންސާނެއްގެ ހިތް ވިރިގެން ފައިބާފަދަ ހިތްދަތި ނަޒަރެއް ދީގެން ލަކްޔަން ހުއްޓެވެ. އަލްމާޝްގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިން ލަކްޔަން އާ އެންމެ ފަހުން ބައްދަލުވި ބައްދަލުވުމެވެ. އެދުވަހުވެސް ރޮވިފައިވާ ހާލު ލަކްޔަން ހުރީ އެކަހަލަ ނަޒަރެއްދީގެންނެވެ.
"އުފާވެރި ހަބަރެއްގެ އިންތިޒާރުގަ ހުރިން" ކޮޓަރިން ނުކުންނަމުން އަލްމާޝް ބުންޏެވެ.
***********
އީމާ ގެއަށް ވަންގޮތަށް އަލްމާޝް އާ ބައްދަލުކުރިއެވެ. ފަޒްނާގެ ގައިގައި ބައްދާލާފައި ސޯފާގައި ޕީއެސް ކުޅެން އިން މިކާލްގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ނިމާނަށް ހިނިތުންވުމެއްދީފައި ހިނގައިގަތީ ޝެލީގެ ކޮޓަރި އާ ދިމާލަށެވެ. ފޯނަށް ބަލަހައްޓައިގެން އެނދުގައި ދެފައި ވަށްކޮށްގެން އިން ޝެލީ ފެނިފައި އީމާ ދެފަރާތަށް ބޯހޫރާލިއެވެ. ޝެލީ އިންގޮތުން ހިނިވެސް އައެވެ. އެއްލި ކަޅިއަކުން ކޮޓަރީގައި ހުރި އީމާ ފެނުމާއެކު ޝެލީ ފުންމައިގެން ތެދުވެއްޖެއެވެ. އެދިޔަ ބާރުމިނުގައި އީމާގެ ގައިގައި ބައްދާލައިފިއެވެ.
"އީމް..... ރަނގަޅު ގަޑިއެއްގަ ތިއައީ. އަހަރެން މިއުޅެނީ ގޮތެއް ނުނިންމިގެން" ޝެލީ ބުންޏެވެ.
"ކޮންކަމަކަށް. ޝެލީ ތިއީ ކަމެއް ނިންމާއިރު އެހެން މީހުންގެ ހިޔާލަކަށް ބޭނުންވާ މީހެއް ހެނެއް ހިއެއްނުވޭ" އީމާ ބުންޏެވެ. ޝެލީ އީމާއަށް ބަލައިލިއެވެ. މާއިޒްގެ ފަރާތުން އީމާއަށް ހުރިހާ ކަމެއް އެނގުނީކަން ޝެލީއަށް އެނގުނެވެ.
"ޝެލީ ކީއްވެ އެނުލަފާ މީހާއާ. އެއީ ކާކު ކަން ނޭނގިގެންތަ ތިއުޅެނީ އެމީހާ އާ އިންނަން" އީމާ ބުންޏެވެ. ހަގީގަތުގައިވެސް އީމާ އިނީ ޝެލީ އާ މެދު ކަންބޮޑުވެފައެވެ.
"އެވާހަކައެއްނޫނޭ. އަހަރެންނާ ބޮޑަށް ގުޅެނީ ވައިޓް ތަ ނޫނީ ޕިންކް ތަ؟" ޝެލީ އެހިއެވެ.
"ކޮންކަމަކަށް. ވެޑިންއަށްތަ؟" އީމާ އެހިއެވެ. އީމާއަށް ބަލާލައިފައި ޝެލީ ބޯޖަހާލިއެވެ.
"އަހަރެން ތިކަމުގަ ބައިވެރިއެއްނުވާނަން. ސޮރީ. މިދުނިޔޭގަ ނުހުންނާނެ އެހާ ރުޅިއަރާ މީހެއް" އީމާ ބުންޏެވެ.
"އޯކާވާނެ އީމް ނަޔަސް. ސާހިލްވެސް ބޭނުމެއްނޫން. އަހަރެން އެކަނި އަހަރެންނަށް ފުދޭ" ޝެލީ ބުންޏެވެ.
"އަހަރެން ދަނީ" އީމާ ތެދުވެގެން ހިނގައިގަތެވެ.
ސާހިލް ފޮނުވައިގެން ޝެލީއަށް ވިސްނައިދިނުމަށް އީމާ އައީ އެހާވަރުވެފައި ޝެލީ ހުރި ކަމަކަށް ނޫނެވެ. ހަގީގަތުގައިވެސް ޝެލީ އެކައިވެނި ކުރަން ބޭނުންވެފައި ހުރިކަން އީމާއަށް އެނގިއްޖެއެވެ. އެއްވެސް މީހަކަށް ނޭނގުނީ ޝެލީގެ ސިކުނޑީގައި އެނބުރެމުންދާ ކަންކަމެވެ.
***********
އިކާނާއި ރާވީ ބައްދަލުކުރީ އެމީހުން އާންމުކޮށް ކޮފީ ބޯން އަންނަ ކެފޭއިންނެވެ. މާދުރުން ފެންނަން ހުރި ގޭ ބެލްކަންޏަށް ބަލައިލާފައި ރާވީ ހީލައިފިއެވެ. ލަކްޔަން ފެންނަން ނެތްކަން އެނގުމުން އެކަން އިކާނަށް އަންގާލަދިނެވެ.
"ބައްޕަ މިހާރު ހުންނަނީ ވަރަށް އޯކޭވެފަ" އިކާން ބުންޏެވެ.
ވެއިޓަރަކު އައިސް ކުރިމަތީގައި ކޮފީޖޯޑު ބެހެއްޓުމާއެކު އިކާން ކޯވަރެއް ބޯލިއެވެ. ދެން ރާވީއަށް ބަލައިލިއެވެ. ވިސްނުމެއްގައި ރާވީ އިންހެން އިކާނަށް ހީވިއެވެ.
"ނެތްތަ ބިޓެއްގެ ނަންބަރު. ހެޔޮ ވަން ނައިޓަށްވިޔަސް" ރާވީ ބުންޏެވެ.
"ވަޓް؟ އަނބި ކައިރިން ހިތްފުރޭވަރު ނުވަނީތަ؟" އިކާން އެހިއެވެ.
"އަންބެކޭ ބުނުމަށްވުރެ ރަނގަޅު ވާނީ އެއީ ވަލުޖަނަވާރެކޭ ބުނިއްޔާ. ފުރަތަމަ ރޭގަވެސް އަހަރެން ކައިރިވާން އުޅުނީމަ އަހަރެންގެ އަތް ކާލީ. ބަލާބަ އަދިވެސް ރަނގަޅުނުވޭ" ލައިގެން ހުރި އަތްދިގު ޓީޝާޓުގެ އަތުކުރިން ކުޑަކޮށް އޮޅާލާފައި ރަތްވެފައި ހުރި ތަންގަނޑެއް ދައްކައިލަމުން ރާވީ ބުންޏެވެ. އިކާން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. އެހާ ގަދަވެގެން އުޅުނު ފިރިހެނާ ޖެހުނު އަންހެނެއްގެ ސަބަބުން ކުޑަވެފައި އިންތަން ފެނުމުން އިކާނަށް ވީ މަޖާކަމަކަށެވެ.
"ސީރިޔަސްކޮށް. އަހަރެން މިއިނީ ވަރަށް ސިކުވެފަ. ބޯހަމަޖައްސާލެވޭނީ މަންޖެއެއް ކައިރިއަށް ދެވުނީމަ. ކައެ ބަލާބަ ރިއްޓެމެންނަށް ގުޅައިގެން ހަމަޖެހޭތޯ" ރާވީ ބުންޏެވެ. އިކާން ހެމުން ހެމުން މޭޒުމަތީގައި އޮތް ފޯނު ނަގާފައި ރިފާޒްގެ ނަންބަރު ހޯދާލާފައި ގުޅިއެވެ.
************
ނިދެމުން ދިޔަ ޝެލީ ސިހުނީ ބޯ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ބަލައިލިރު އަރާފައި އިން ސާހިލްގެ ފޮޓޯ ފެނިފައި ޝެލީގެ ނިދިވެސް ފިލައިދިޔަ ކަހަލައެވެ. ފުންމައިގެން ތެދުވިގޮތަށް ދެފައި ވަށްކޮށްފައި ބާލީސް ބޭއްވީ އުނގުތެރޭގައެވެ. ދެން ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ. އެކަކަށްވެސް ވާހަކައެއް ނުދައްކައެވެ. ކަނޑާލާކަށްވެސް ނޫޅެއެވެ. ސާހިލް ނޭފަތްދަމާލި އަޑު އިވުމުން ޝެލީއަށް ޔަގީންވެއްޖެއެވެ. ސާހިލް ރޮނީ ހެއްޔެވެ؟
"ސާހިލް... އައިމް ސޮރީ..." ޝެލީ ބުންޏެވެ.
"އަހަރެން އެތެރެއަށް ވައްދަބަލަ. މިހުރީ ގޭޓު ކައިރީގަ" ސާހިލް ބުންޏެވެ. ޝެލީ ދުވެފައި ގޮސް ބެލްކަނިން ބޭރު ބަލައިލިއެވެ. ތެދެކެވެ. ދެކޮޅަށް ހިނގަން ސާހިލް ހުއްޓެވެ. ޝެލީ ފޯނު ކަނޑާލާފައި އަލަމާރިން ނެގި ކުޑަ ބުރުގާކޮޅެއް އެޅިއެވެ. ފިޔާތޮށި ކުލައިގެ އަތްދިގު ކުރުތާ އާއި ހަރުވާޅު ބަދަލުނުކޮށް ޝެލީ ކޮޓަރިން ނުކުތެވެ. އާދައިގެ މަތިން މިފަހަރުވެސް ޝެލީއަށް އެރުނީ ބަދިގެއިން ނުކުމެގެން ސިޑި އާ ދިމާލަށް ދިޔަ އަލްމާޝް ކުރިމައްޗަށެވެ.
"ޝެލީ. މިގަޑީގަ ކޮންތާކަށް" އަލްމާޝް އެހިއެވެ. ޝެލީ މަޑުޖެހުނެވެ. މުހިންމު ކަމެއްގައި ސާހިލް އައިސްހުރި ވާހަކަ ބުންޏެވެ. އަލްމާޝް ބަހެއް ނުބުނުމުން ދޮރު ހުޅުވާލާފައި ކުރިއަށް ޝެލީ ހިނގައިގަތެވެ. ގޭޓު ހުޅުވާލުމާއެކު ސާހިލް އެތެރެއަށް ވަނެވެ. ކުރިމަތީގައި ހުރި ޝެލީގެ ގައިގައި ބައްދާލަން ސާހިލް ހިތްއެދުނު ވަގުތުކޮޅެކެވެ. އެހެންނަމަވެސް ދޮރުމަތީގައި ހުއްޓި ހުރި އަލްމާޝް ފެނުމުން އެގޮތަށް ކަންތައްކުރަން ސާހިލްއަށް ނުކެރުނެވެ.
"ކޮން ފާޑަކަށް ތިހުރީ. ތިމޫނު ފޮހެލާ. އެހެންނޫނީ މަންމަ ވަރަށް ސުވާލުކުރާނެ" ޝެލީ ބުންޏެވެ. ޝެލީގެ ފަހަތުން ހިނގައިގަންނަމުން ސާހިލް ދެއަތުން މޫނު ފޮހެލިއެވެ. އަލްމާޝްއަށް ނުފެންނާނެހެން ޝެލީގެ ނިވަލުގައި ހުރެއެވެ.
"ސާހިލް. ރަނގަޅުތަ؟ މަންމަ ރަނގަޅުތަ؟" ސާހިލް އަރާ ހަމަވުމާއެކު އަލްމާޝް އެހިއެވެ. ސާހިލް ހަމައެކަނި ހީލާފައި ބޯޖަހާލިއެވެ.
ސާހިލް ގޮވައިގެން ޝެލީ ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ބޮޑަށް ހުޅުވާލައިގެން ހުރި ޝެލީގެ ގައިގައި ސާހިލް ބައްދައިގަތެވެ. އެގޮތަށް ކުއްލި ހަރަކާތެއް ސާހިލް ގެނައުމުން ފުރަތަމަ ޝެލީ ބިރުހީވިއެވެ. ހަނދާނަށް އައީ ފިރިހެނަކު ގަދަކަމުން ޝެލީގެ ފަރާތުން އުފާތަކެއް ހޯދި ބިރުވެރި ރޭގެ މަތިންނެވެ. ސާހިލް ދުރުކޮށްލަން އުޅެފައިވެސް ޝެލީ ހުއްޓުންއެރީ ސާހިލް ރޯކަން އެނގުމުންނެވެ. ޝެލީ ހިތުގައިޖެހުނެވެ. ހަދާނެގޮތް ހުސްވިއެވެ. ފިރިހެނަކަށްވެ ހުރެ އަންހެނަކުގެ ކިބައިން ސާހިލް އެކުރަނީ ހާދަ އާދޭހެކެވެ. ހަމަ އެދަރަޖައަށް ސާހިލް ލޯބިވަނީ ހެއްޔެވެ؟
"ސާހިލް... " ސާހިލް ދުރުކޮށްލާފައި ޝެލީ ގޮވާލިއެވެ. ދެން ސާހިލް އަތުގައި ހިފައިގެން ގޮސް އެނދުގައި އިށީނެވެ.
"ތިއީ ފިރިހެނެކޭ. ތިހެން ނޫޅެބަލަ. ސާހިލްއަކާ ނުވެސް ގުޅޭ" ޝެލީ ބުންޏެވެ. އެތައް މަސައްކަތަކުން ސާހިލް ކަރުނަތައް ހިފެހެއްޓިއެވެ. ޝެލީ އާ ނަޒަރު ބަދަލުކޮށްލިއިރު ސާހިލްގެ ދެ ލޯ ވަނީ ރަތްވެފައެވެ.
"ޝެލީ އަހަރެންނަށް ކަމެއް ކޮށްދީފާނަން" ސާހިލް ބުންޏެވެ. ޝެލީ ބޯޖަހަލިއެވެ. ޝެލީ ނުވިސްނާ އިންދާ ސާހިލް ބޯއެޅީ ޝެލީގެ އުނގުގައެވެ. ޝެލީއަށް ލިބުނީ ހައިރާންކަމެވެ. ސުވާލު އުފެދިފައި ސާހިލްގެ މޫނަށް ޝެލީ ބަލައިލިއެވެ.
"އަހަރެން މިރޭ މިތާ ނިދާލަން ބޭނުން. އަހަރެންނަށް އުނދަގުނުކޮށްފާނަން" ސާހިލް ބުންޏެވެ. ޝެލީއަށް ޖަވާބެއް ނުދެވުނެވެ. ސާހިލް ދެލޯ މެރީވެސް ޝެލީ ބަލަހައްޓައިގެން އިންދައެވެ.
*********
ފަތިސް ނަމާދުގެ ފުރަތަމަ ކަލިމަ ކަންފަތުގައި ޖެހުނުއިރު އަލްމާޝް ހުރީ ކޮޓަރިން ބޭރުގައެވެ. މިސްކިތަށް ދިޔުމަށް ނިމާން ކޮޓަރިން ނުކުތްއިރު މިކާލްގެ ހަބަރެއް ނުވާތީ އަލްމާޝް ވަނީ މިކާލްގެ ކޮޓަރިއަށެވެ. މިކާލް ހޭއަރުވާފައި ޝެލީގެ ކޮޓަރިއަށް ދާން އުޅެފައިވެސް އެ ހިޔާލު ދޫކޮށްލިއެވެ. ޝެލީ އުޅޭނީ ހޭލާކަން އަލްމާޝްއަށް ޔަގީންވެއެވެ. އެހެންނަމަވެސް ރޭގައި ސާހިލް ގެއަށް ދިޔަ ގަޑިއެއް އޮޅުންފިލުވުމުގެ ބޭނުމުގައި ޝެލީގެ ކޮޓަރި އާ ދިމާލަށް އަލްމާޝް ހިނގައިގަތެވެ.
ދޮރުހުޅުވާލުމާއެކު އަލްމާޝްއަށް ލިބުނީ ހައިރާންކަމެކެވެ. ފެނުނު މަންޒަރުން އަވަހަށް ދޮރުލައްޕާލިއެވެ. ކޮޓަރި އާ ދިމާލަށް ބާރަށް ހިނގާފައި ދިޔައިރު ހިތުގައި އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ.
***********
ދޮރު ހުޅުވާލުމާއެކު ސޯފާގައި އިން ސަމީރާ ސިހުނެވެ. ކުރިމަތީގައި ހުރި ސާހިލް ފެނުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ރޭގައި ސާހިލް ނިދަން ނާންނަކަން ސަމީރާއަށް އެނގުނީ ހަބަރެއް ނުވެގެން ކޮޓަރި ބެލުމުންނެވެ. ސަމީރާ ބަލައިލި ގޮތުންވެސް ސުވާލުކުރަން ބޭނުންވެފައި ހުރިކަން ސާހިލްއަށް އެނގުނެވެ. އެހެންކަމުން ކޮށިގަނޑަށް ހާޒިރުކުރެވިފައިވާ ކުށްވެރިއެއް ފަދައިން ސާހިލް އައިސް ހުއްޓުނީ ސަމީރާގެ ކުރިމަތީގައެވެ.
"ޝެލީ ނުފެންނަތާ ގިނަ ދުވަސްތަކެއްވީމަ ރޭގަ އެގެއަށް ދިޔައީ. އެގޭގަ އޮއްވައި ނިދުނީ" ސަމީރާ އެހުމަކާނުލައި ސާހިލް ބުންޏެވެ.
"ނަމާދުކުރިންތަ؟" ސަމީރާ އެހިއެވެ. ސާހިލް ދެފަރާތަށް ބޯހޫރާލިއެވެ.
"ކޮޓަރިއަށް ގޮސް އެންމެ ފުރަތަމަ ނަމާދުކުރޭ. މިއަދު ހަވީރުތަ ޑިޔުޓީ އިނީ؟" ސަމީރާ އެހިއެވެ. މިފަހަރުވެސް ސާހިލް ބޯޖަހާލިއެވެ.
**********
އެނދުމަތީގައި އޮތް އިކާން އޮތީ ފޯނުން ޝެލީގެ ފޮޓޯއަކަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކާ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކޮށްލައެވެ. ފޮޓޯއިން ފެންނަން އިން ޝެލީގެ ތުންފަތުގައި އިނގިލިތަކުން ފިރުމާލާނެއެވެ. ތުންފަތްޖައްސައި ބޮސްދޭނެއެވެ.
"އަހަރެންނަށް ކިހިނެއް މިވަނީ؟" އަމިއްލަ ހިތާ އިކާން ސުވާލުކޮށްލިއެވެ.
ކައިވެންޏަށް އެއްދުވަހަށް ކުރުވެއްޖެކަން ހަނދާންވާ ކޮންމެ ފަހަރަކު އިކާންގެ ހިތް ތެޅިލައެވެ. އަމިއްލަ ހިތް ގަބޫލުކުރަން ބޭނުންނުވިޔަސް ހިތުން ޝެލީއަށް މަގާމެއް ހުސްކުރެވިއްޖެއެވެ. އެކަނިވެލާއިރަށް ޝެލީގެ ފޮޓޯއަށް ބެލެނީ އެހެންވެއެވެ.
ޝިއުރާ ކޮޓަރިއަށް ވަނުމާއެކު އިކާން ތެދުވެ އެނދުގައި އިށީނެވެ. އިކާންގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފެނި ޝިއުރާއަށް ހެވުނެވެ. އަމިއްލަ ދަރިން ފަދައިން ދެކޭ ދެ ދަރިންގެ ކައިވެނި އެއްދުވަހެއްގައި ކުރެވޭތީ ޝިއުރާ ހުރީ ނުހަނު އުފަލުންނެވެ.
"ކުޑާ ހުންނާނީ ހެދުން ތައްޔާރުކޮށްފަ ކޮނޑުގަ އަޅުވާފަ އިނގޭ" ޝިއުރާ ބުންޏެވެ. ދެން ކޮޓަރީގެ އެއް ކަނެއްގައި ހުރި ދާ ވަށިގަނޑުގައި ހުރި އެއްޗެހި ނެގިއެވެ.
"މިހާރު ކައިވެނީގެ ކުރިން ޝެލީ އާ ވާހަކަދައްކާލައިފިންތަ؟ ކައިވެންޏަށްފަހު ދެކުދިންގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރަންވާނެއްނު" އިކާންގެ މަގަތުން އިށީންނަމުން ޝިއުރާ ބުންޏެވެ.
"ނުދެއްކޭ. ހިތަށް އަރަނީ ޝެލީ ކައިރީގަ ބައްދަލުކޮށްލަން ބުނަންވީބާއޭ" އިކާން ބުންޏެވެ.
"ކުޑާ ބުނަންތަ ވާހަކައެއް؟ ތި އުޅުމަށް އަދިވެސް އެންމެ އެދެވޭ ބަދަލެއް ނާދޭ. ނިކަން ވަގުތު ނާޅައި ފަސްވަގުތު ނަމާދުކޮށްބަލަ. ރޯދަމަސް ނަޔަސް ސުންނަތް ރޯދަ ހިފާބަލަ. ހުސްވަގުތު ތިހެން ބޭކާރު ގޮތުގައި ދުއްވާނުލައި ގުރުއާން ނޫނީ ޒިކުރުކޮށްބަލަ. ދިރިއުޅުން އަމާންވާނީ އެއިރުން. ބައްޕަވެސް ކިހާ އުފާވާނެ. މިހާރުވެސް އިއްކު ޝެލީ އާ އިންނަން އުޅޭތީ ބައްޕަ އެހުންނަނީ ނުލާހިކު އުފަލުން" އިކާނަށް ޝިއުރާ ވިސްނައިދިނެވެ.
ދެން އިކާންގެ އިސްތަށިގަނޑުގައި ފިރުމާލާފައި ކޮޓަރިން ނުކުތެވެ. ދޮރުފަތްލެއްޕުމާއެކު އިކާންގެ ހަފަރާތުން ޝައިތާނާ ވަށާލައިފިއެވެ. ޝިއުރާ ދެއްކި ހުރިހާ ވާހަކަތަކެއް ސިކުނޑި އާ ހަމައަށް ނުދަނީސް ބޭރުކޮށްލައިފިއެވެ. ފޯނު ހުޅުވާލިގޮތަށް ގުޅީ ރާވީއަށެވެ. ރާވީއަށްޓަކައި އެއް ރެއަށް ހޯދި އަންހެންކުއްޖާ ތައްޔާރަށް ހުރި ވާހަކަ ގުޅާފައި ބުންޏެވެ.
********
ހުރިހާ މީހުން ކައިގެން މޭޒުކައިރިން ތެދުވި ވަގުތު އަލްމާޝް ޝެލީ ހުއްޓުވިއެވެ. މިކާން މަޑުކޮށްލުމާއެކު އަލްމާޝް އެއްޗެއް ބޭނުންވީތޯ އެހިއެވެ.
"މަންމަ ބޭނުމީ ދޮންތަ އާ ވަކިން ވާހަކަދައްކާލަން" އަލްމާޝް ބުންޏެވެ. ޝެލީ ހައިރާންވިއެވެ. މުޅި ދުވަހު އެއްކޮށް އަލްމާޝް ފާޑަކަށް ހުރިކަން ޝެލީއަށް ފާހަގަވީ ދެނެވެ. އަލްމާޝް ދައްކަން އުޅޭ ވާހަކައެއް ޝެލީގެ ހިތަށްވެސް ނުގެނެވެއެވެ. ގޮނޑީގައި އިށީންދެފައި އަލްމާޝް އިޝާރާތްކުރި ގޮނޑީގައި ޝެލީ އިށީނެވެ. އަލްމާޝް އާ ހަތަރުކަޅި ހަމަކޮށްލިއިރު ޝެލީގެ އުނގުމަތީގައި ގުޅުވާލާފައި އޮތް ޝެލީގެ ދެއަތްތިލަ ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. ކުރަން އުޅޭ ކައިވެންޏަކީ ހަމައެކަނި ނަމެއްގައި ކުރެވޭ ކައިވެންޏެއްކަން އަލްމާޝްއަށް އެނގުނީ ކަމަށް ޝެލީއަށް ހީވިއެވެ.
"ކިހިނެއްވީ މަންމާ؟ އަޅުގަނޑު ވަރަށް ހާސްވެއްޖެ" ޝެލީ ބުންޏެވެ.
"މަންމަ މީ ދުވަހަކުވެސް ޝެލީ ކުރަންއުޅޭ ކަމެއްގަ ފާޑެއް ކިއި މީހެއްނޫން. ހަގީގަގައި މަންމަ މީނީ ޝެލީދެކެ ވަރަށް ހިތްހަމަނުޖެހިފަ" އަލްމާޝް ވާހަކަދެއްކިއެވެ.
"ކިހިނެއްވީ މަންމާ؟ އަޅުގަނޑު ނުކުރަން ކުށެއް" ޝެލީ ބުންޏެވެ.
"މާދަމާ ޝެލީ މީހެއްގެ އަންބަކަށްވާނެ. ޝެލީއަށް ކައިވެންޏަކީ ކުޅޭ ކުޅިވަރެއްދޯ. ކައިވެނިކުރަން އެއްބަސްވީ ޝެލީ އަމިއްލައަށް. އެ ކައިވެންޏަކީ މި އާއިލާގެ އެއްވެސް މީހެއް ރުހޭ ކައިވެންޏެއް ނޫން. ޝެލީ އެކަން ކުރަން ހުރީތީ ޝެލީދެކެ ލޯބިވާވަރުން އެއްޗެއް ނުބުނެ ތިބެނީ. ޝެލީއަށް ނުފެނޭތަ ޝެލީގެ ބައްޕައަށް އައިސްފަހުރި ބަދަލެއް. ރަންކިޔާފަ ކައިވެންޏަށް އެއްދުވަހަށް ކުރުވުމުންތަ ޝެލީއަށް ތިގޮތަށް އުޅެން އެނގުނީ؟ ޝެލީއަށް މަންމަ ދިން ތަރުބިއްޔަތަކީ އެއީތަ؟ ދުވަހަކުވެސް މަންމަ އުންމީދެއް ނުކުރަން އެފަދަ ވިޔާނުދާ ކަމެއް ޝެލީކޮށްފާނެ ކަމަކަށް. އެމަންޒަރު ފެނުނު މީހަކީ މަންމަ ނޫން އެހެން މީހަކުނަމަ ވިސްނާނެ ގޮތެއްވެސް ނޭނގޭ" އަލްމާޝް ވާހަކަދެއްކިއެވެ. އަލްމާޝްގެ ވާހަތަކުގައި ހިތްހަމަނުޖެހުމެއް ހުރިކަން އެނގި ޝެލީ ދެރަވިއެވެ. ރާގުގައި ރުޅިވެރިކަން ހުރިކަން އިހުސާސްވެ ޝެލީއަށް ރޮވުނެވެ.
"މަންމައަށް ނޭނގެ ޝެލީ އާއި ސާހިލް އާ ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއް ކަމެއް. މަންމައަށް އެނގެނީ މާދަމާ ރޭ ޝެލީ މީހެއްގެ އަންބަކަށް ވާނެކަން. އެކަން ޝެލީ ހަނދާން ހުރިހެނެއް ހިއެއްނުވޭ. އެހެންވެގެންތާ ރޭގަނޑު އެއްކޮށް އެއްކޮޓަރީގަ ހިލޭ ފިރިހެނަކާއެކު....."
"ސްޓޮޕް އިޓް މަންމާ.... ޕްލީޒް....." ޝެލީއަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. އެމަންޒަރު ފެނި އަލްމާޝްގެ ހިތް މަޑުކަފަކޮޅަކަށް ވެގެން ދިޔައެވެ. ޝެލީ ރޯތަން ދުށުމަކީ އަލްމާޝްއަށް ބަލަން ކުޅަދާނަ މަންޒަރެއް ނޫނެވެ. އެހެންކަމުން ޝެލީގެ ދެއަތުގައި އަލްމާޝް ހިފިއެވެ.
"މަންމަ ޝެލީއަށް ވަރަށް އިތުބާރުކުރަން. އެހެންވިޔަސް ތިމާގެ އަންހެންދަރިއަކު ހިލޭ ފިރިހެނަކާއެކު އެއްކޮޓަރިއެއްގަ އެއް އެނދެއްގަ ނިދާފަ އޮންނަތަން ބަލާކަށް އެއްވެސް މަޔަކަށް ކެތެއްނުވާނެ. މަންމަގެ ހިތަށް ހާދަ އުނދަގޫވިއޭ. ހާދަ އެއްޗިއްސެއް ހިތަށް އެރިއޭ. ޝެލީ އާއި ސާހިލް ދެމެދުގަ ގުޅުމެއް އޮތީތަ؟ އަދިވެސް މަންމައަށް ކިޔައިދޭކަށް ނުވޭތަ؟ އެރޭ.... އެރޭ ތިދެކުދިން ވިޔާނުދާ އަމަލެއް....." އަލްމާޝްއަށް ޖުމްލަ ފުރިހަމަކުރަންވެސް އުނދަގޫވިއެވެ.
(ނުނިމޭ)