ވާހަކަ

މޮޔަކޮށްލި މާ - 47

1

"ކައިވެންޏަކީ ސަކަރާތެއްނޫން. އެއީ އުމުރު ދުވަހަށް ޖަހާލެވޭ ބާރުގަދަ ގޮށެއް. ކުރަން ތިއުޅޭ ކައިވެންޏާ ދަރިފުޅުގެ ހަމަ އެއްވެސް މައްސަލައެއްނެތްތަ؟ އިކާނުގެ އަންބަކަށްވާން ހަމަ ތައްޔާރުތަ؟" އަލްމާޝް އެހިއެވެ. ޝެލީއަށް އިނދެވުނީ އަލްމާޝްގެ މޫނަށް ބަލަހައްޓައިގެންނެވެ. ތެދަށް ބުނަންވީކަމެއް ނުވަތަ ނޫންކަމެއް ކަނޑައަޅަން ނޭނގިފައެވެ.

"މަންމައަށް ހަމަ ޔަގީންނުވަނީ؟ އެހެންނަމަ ރަންކިޔަން މީހުން ފޮނުވީމަ ލަސްކުރާކަށް ނުބުނާނެ" އަލްމާޝް ބުންޏެވެ.

"ދެންވެސް ޝެލީ އިނީ ހިމޭނުންނެވެ. ހޭވެރިކަމެއްވީ ޝެލީގެ ދަތްދޮޅީކޮޅުގައި ހިފައި އުފުލާލުމުންނެވެ.

"މަންމަ މިއަހަނީ ޝެލީ ކައިވެނިކުރާނަންހޭ" އަލްމާޝް އެހިއެވެ.

"ލައްބަ މަންމާ. ކައިވެނިކުރަންވާނެއްނު" ޝެލީ ބުންޏެވެ.

"ދެން ކީއްވެ ރަންކިޔުއްވަން އައި މީހުން ފޮނުވާލީ" އަލްމާޝް އެހިއެވެ.

"އެއީ އަދި ވަގުތުނުޖެހޭތީ. އެކަމަކު މިހާރު އެވަގުތު ޖެހިއްޖެ. އެމީހުން ދެން އަންނަ ފަހަރަކުން ކިޔާނަން" ޝެލީ ބުންޏެވެ.

"މަންމަ އެދެނީ ޝެލީ އުފަލުގަ ހުންނަން. ކޮބާތަ ސާހިލް؟ މިހާރު ނުވެސްފެނޭ. ކީއްވެތަ މިގެއަށް އެސޮރު ނާންނަނީ" އަލްމާޝް އެހިއެވެ.

ޝެލީއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ތެދުވެގެން ގޮސް ބަދިގެއިން ބޭރަށް ހުޅުވާލާފައި ހުރި ކުޑަދޮރު ކައިރީގައި ހުއްޓުނެވެ.

"މަންމާ. ސާހިލްގެ ވާހަކަނުދައްކާ. ސާހިލް ދެން މިގެއަށް ނާންނާނެ" ޝެލީ ބުންޏެވެ. އަލްމާޝްއަށް ލިބުނީ ހައިރާން ކަމެކެވެ. އެގެއަށް ސާހިލް ނާންނާނޭ ޝެލީ ބުނަން ޖެހުނު ސަބަބެއް އޮޅުންފިލުވަން އަލްމާޝް ބޭނުންވިއެވެ. އެކަމާ ގުޅުވައިގެން ދެވަނަ ފަހަރަށް ސުވާލުކުރީ އެހެންވެއެވެ.

"ކީއްވެ ނާންނަންވީ. ދެކުދިންގެ މެދުގައި މައްސަލައެއް ޖެހުނީތަ؟" އަލްމާޝް އެހިއެވެ.

"އަޅުގަނޑު ކައިރީގައި ނާހާ މަންމާ. ނިދަން މިދަނީ" ޝެލީ ހިނގައިގަތެވެ. އަލްމާޝް ޝެލީ ހިފަހައްޓަން މަސައްކަތެއް ނުކުރެއެވެ. ޝެލީ ދާން ފުރުސަތުދީގެން ބަލަހައްޓައިގެން އަލްމާޝް ހުއްޓެވެ. ކޮންމެސްއިރަކުން ދެކުދިންގެ މެދުގައި ވީކަމެއް ޝެލީ ކިޔައިދޭނެކަމުގެ ޔަގީންކަން އަލްމާޝްއަށް އޮތެވެ.

*********

ހޮޓާ ކުރިމައްޗަށް މަޑުކޮށްލި ޓެކްސީ އިން އާޝިގާ ފޭބިއެވެ. ފަރިތަކަމާއެކު އެތެރެއަށް ވަދެގެން ގޮސް އޭނާ ހުއްޓުނީ އިކާން ފޮނުވާފައިވާ މެސެޖުގައިވާ ނަންބަރު ޖަހާފައިވާ ކޮޓަރި ކުރިމަތީގައެވެ. ހިންދިރުވާލާފައި ޓަކިޖަހަން އަތް ހިއްލާލީވެސް ހިނދުކޮޅަކު މަޑުކޮށްގެން ހުރެފައެވެ. އެތެރެއަށް ހުޅުވިގެންދިޔަ ވަގުތު ކުރިމަތީގައި ހުރި އިކާން ފެނުމާއެކު އާޝިގާ ހީލަން މަސައްކަތްކުރިއެވެ. އާޝިގާގެ ފައިން ފެށިގެން ބޮލާ ހަމައަށް އިކާންގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއް ތުންފަތަށް ވެރިވި ހިނިތުންވުމަކާއެކު ކުރިއަށްޖެހިލާފައި އިކާން ހިފީ އާޝިގާގެ އަތްތިލައިގައެވެ. ގަބޫލުނުކުރެވިފައި އާޝިގާ އިސްއުފުލާލާފައި އިކާނަށް ބަލައިލިއެވެ.

އަންހެނެއްގެ ބީހުމަށް ފެންބޮވައިގަނެފައިވާ އިކާން އެންމެ ފުރަތަމަ ބޭނުންވީ ކަރުހިއްކުން ފިލުވާލާށެވެ. އާޝިގާ ގޮވައިގެން އައިސް އުނގުގައި ބައިންދާފައި ދެއަތުން އާޝިގާގެ ގައިގައި ވަށާލިއެވެ.

"އިކާން...." ފިރިމީހާގެ ބީހުންތަކާއި އޯގާތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ އާޝިގާއަށް މަޑަކުން ނީނދެވުނެވެ. އިކާންގެ ގައިގައި ބައްދާލިއިރު އާޝިގާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އިކާން ބަދަލުވީ ކަމުގައި އާޝިގާއަށް ހީކުރެވުނެވެ. އެހެންކަމުން އެ ހަށިގަނޑުން އިކާން އުފާ ހޯދާނެ ވަރަކަށް ހޯދަން ފުރުސަތު ދިނެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. އަނގައިން ބަހެއް އާޝިގާ ބުނީ އިކާން ދުރަށް ޖެހުމުންނެވެ. އިކާނާ ގާތަށް އާޝިގާ ޖެހުނީ އިކާން ފާޑަކަށް އޮތުމުންނެވެ. ބޭނުން ފުދުނީމާ އިކާނަށް އައި ބަދަލެއް ކަމެއް އާޝިގާއަށް ނޭނގެއެވެ.

"އަހަރެން" އިކާނާ ގާތަށް ޖެހިލާފައި އާޝިގާ އަތް ބާއްވާލީ އިކާންގެ މޭމަތީގައެވެ. ބުނަން އުޅުނު ޖުމްލަ އިކާން މެދުކަނޑާލުމުން އާޝިގާ އިކާނަށް ބަލައިލިއެވެ.

"އަހަރެން މިއުޅެނީ މީހަކާ އިންނަން" އިކާން ބުންޏެވެ. އާޝިގާއަށް ސިހުމެއް ލިބުނެވެ. ދެރަވެ ރޮވޭހެން ހީވުމުން އިކާނާ ދުރަށް ޖެހުނެވެ. މުށިތަކުގެ މަތީގައި ހުރި އަންނައުނުތައް ހިފައިގެން އާޝިގާ ވަނީ ފާހާނާއަށެވެ. ފެންވަރައިގެން ނުކުތްއިރު ހުސް ޖީންސުގައި އިކާން އެނދުގައި އިށީނދެގެން އިނެވެ.

"ދަނީތަ؟ އެއްޗެއް ނުބުނާނަންތަ؟" އަތްދަބަސް ހިފައިގެން އާޝިގާ ހިނގައިގަތްތަނާ އިކާން ބުންޏެވެ. އާޝިގާ ފަހަތް ބަލައިލިއެވެ. އެދެމެދުގައި ހިނގައިދިޔަ ކަންތަކަށްފަހު އިކާން އާޝިގާއަށް ބަލައިނުލާކަން އާޝިގާއަށް ފާހަގަވިއެވެ.

"އަހަރެން އެއްޗެއް ބުނިއްޔާ އިކާންގެ ތި ވިސްނުން ބަދަލުވާނެތަ؟" އާޝިގާ އެހިއެވެ.

"ހެހެހެ... އަހަރެންގެ ވިސްނުން ބަދަލުކުރެވޭނެވަރުގެ މީހަކާ އަދި ދިމާނުވޭ" އިކާން ބުންޏެވެ. އާޝިގާ ހިތްހަލާކުވާ ފަދަ ޖުމްލައެކެވެ.

"ކަލެއަށް އަދި ނުދެވޭނެ. އަހަރެން ދައްކަން އުޅުނު ވާހަކަ އަދި ނުދެއްކޭ. އާދޭ އިށީންނަން" އިކާން ބުންޏެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އާޝިގާ އައިސް އިކާންގެ ކައިރީގައި އިށީނެވެ. އާޝިގާ މޮޔަހީވިއެވެ. އާޝިގާއަކީ މުހިންމު މީހެއް ނޫންކަމުގައި މާކުރިން އިކާން ވަނީ ބުނެފައެވެ. އެހުރިހާ ކަމެއް އެނގި ހުރެ އާޝިގާއަށް އުންމީދު ކުރެވުނީ މާބޮޑާށެވެ.

"އަހަރެންގެ އަންބެއްގެ މަގާމުގައި އިންނަން ބޭނުންތަ؟" އިކާން އެހިއެވެ.

"ނޭނގިގެންތަ ތިއަހަނީ. މިހުރިހާ ދުވަހު މިއިނީ އިކާންގެ އަންބެއްގެ ގޮތުގަ. އަދިވެސް ބޭނުންވަނީ މިގޮތުގަ އިންނަން" އާޝިގާ ބުންޏެވެ.

"އެހެންވެއްޖިއްޔާ ރަށަށް ފުރަން ތައްޔާރުވޭ" އިކާން ބުންޏެވެ.

***********

ލެޕްޓޮޕް ހިފައިގެން އެނދުގައި އިން ޝެލީ ބަލައިލީ ދޮރުހުޅުވާލާފައި އެތެރެއަށް ވަން ރޫހީ ފެނިފައެވެ. ލޮލުގެ އިޝާރާތުން ޝެލީ ކަމެއްވީހޭ އަހައިލިއެވެ.

"މަންޖެގެ ވާންއުޅޭ ހަބީ ފޮނުވައިގެން ދެފިރިހެނުން އައިސް އެބަތިބި" ރޫހީ ބުންޏެވެ. ޝެލީއަށް ވަގުތުން ފަހުމްވިއެވެ. އިކާން ފޮނުވައިގެން ހެކިވެރިން އެގެއަށް އެ އައީ ތިންވަނަ ފަހަރަށެވެ. ލެޕްޓޮޕް ދުރުގައި ބަހައްޓާފައި ޝެލީ ތެދުވިއެވެ. މަޑުމަޑުން ހިނގާފައި ދޮރާ ހަމައަށް ގޮސްފައި ރޫހީއަށް ބަލައިލިއެވެ.

"މިފަހަރުވެސް އެމީހުން ފޮނުވާލާންތަ ތިދަނީ" ރޫހީ އެހިއެވެ. ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ.

ސިޓިންރޫމަށް ނުކުތްއިރު ގޭ ހުރިހާ މީހުން ގޮނޑިތަކަށް ޖަމާވެފައި ތިއްބެވެ. ވަކިން ހުރި ގޮނޑީގައި އިން ސަމަދު ފެނުމުން މިފަހަރު ޝެލީއަށް ހެކިވެރިންގެ ގޮތުގައި އައިސް ތިބި މީހުން ފޮނުވާލާކަށް ނުކެރުނެވެ. އެހެންކަމުން ރަނުގެ އަދަދަށް 'ދޮޅު ރުފިޔާ' ކަމުގައި ބުންޏެވެ.

"އައިސްބަލަ ދަރިފުޅު" ހެކިވެރިން ގެއިން ނުކުތުމާއެކު ޝެލީ ހިނގައިގަތީ ކޮޓަރި އާ ދިމާލަށެވެ. ސަމަދު ޝެލީއަށް ގޮވާލީ ރަންކިއި ވަގުތު ޝެލީގެ މޫނުމަތިން ހިތްހަމަޖެހުމެއް ނުފެންނާތީއެވެ.

"އާދެބަލަ މިތާ ބޮޑުބެ ކައިރިއަށް" ޝެލީ އިށީނީ ފަޒްނާ ކައިރީގައެވެ. ސަމަދު ބުނުމާއެކު ދެން ޝެލީ ގޮސް އިށީނީ ސަމަދު އިން ގޮނޑީގެ އަތްގަނޑު މަތީގައެވެ.

"އެކިޔުނީ ރަން. އަންނަ ހުކުރުވިލޭރަގަ އެ އޮތީ ކައިވެނި. ދަރިފުޅު އުފަލުންތަ ތިހުރީ" ސަމަދު އެހިއެވެ. އުފަލުން ހުރިކަމަށް ދުލުން އިގުރާރުވާން ޝެލީއަށް އުނދަގުވިއެވެ. އެހެންކަމުން ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

"ދަރިފުޅާ. އަދިވެސް ވަގުތު އެބައޮތް. ދަރިފުޅު އެދުނިއްޔާ ބޮޑުބެމެން އަދިވެސް މިތިބީ ތި ކައިވެނި ކެންސަލްކުރާ ގޮތަށް. އަދި ބޮޑުބެމެން ފުރާއިރު ބޭނުމިއްޔާ ދަރިފުޅު ގޮވައިގެން އެކޮޅަށް ދާގޮތަށް" ސަމަދު ވާހަކަދެއްކިއެވެ.

"ބޮޑުބެމެން ހާސްނުވެބަލަ. ހުރިހާކަމެއްވެސް ރަނގަޅުވާނެ" ޝެލީ ބުންޏެވެ. ޝެލީގެ އެ ޖުމްލައާއެކު ދެން އެކަކަށްވެސް އިތުރަށް ބަސްބުނަން ނުކެރުނެވެ. ބަސްމަދުވެފައި ޝެލީއަށް ބަލަހައްޓައިގެން އިނީ ނިމާނެވެ. ފަހުވަގުތު ޝެލީ ސަލަމާތްކުރަން ނިމާން ނުކުންނަން ތައްޔާރަށް އިން ކަހަލައެވެ.

***********

މަޑު ރަތް އައްޔެއް ފެތުރިފައިވާ ކޮޓަރި ތެރެއިން ގިސްލުމެއްގެ އަޑު އިވިއިވި ހުއްޓެވެ. ގަޑިން ދިހައެއްޖަހަން ގާތްވެފައި ހުއްޓެވެ. ނިދާފައި އޮތް އަސަލް ގައިގައި ބައްދައިގެން އޮތް އާޝިގާ ރޮމުން ދިޔައެވެ. ދިރިއުޅުން އާޝިގާ ގެނެސް އެ ބެހެއްޓީ ހަތަރު އަނގޮޅިއެއްގެ މެދުގައެވެ. ދާންވީ ކޮން ދިމާލަކަށް ކަމެއް އާޝިގާއަށް ނޭނގެއެވެ. އެއްކޮޅުން ފިރިމީހާއެވެ. އަނެއްކޮޅުން ދަރިފުޅެވެ. ކިތަންމެ ބޭނުންވިޔަސް އިކާން އެދުނު އެދުން އާޝިގާއަށް ފުރިހަމަކޮށެއް ނުދެވޭނެއެވެ. އަންބެއްގެ މަގާމުގައި އާޝިގާއަށް އިނދެވެން އޮތީ އުފަން ރަށަށް ބަދަލުވެގެންނެވެ. އުފަން ރަށަށް އާޝިގާ ދާންވީ ހުސްއަތާއެވެ. އިކާން ބޭނުންވީ ދަރިފުޅެވެ. މިއިން ދުވަހަކުވެސް ދުލުން 'ދަރިފުޅާއޭ' ގޮވާލާފައި ނުވާއިރު މިރޭ އެދަރިފުޅު ބޭނުންވެގެން އިކާން ތެޅިގަނެއްޖެއެވެ. އާ ކައިވެންޏަށްފަހު އިކާން ބޭނުންވީ ދަރިފުޅު ގޮވައިގެން ވަކިން ދިރިއުޅޭށެވެ. އިކާންގެ ހަޔާތުން ހަމައެކަނި އެއްފަރާތްކުރަން ބޭނުންވީ އާޝިގާއެވެ. އެއްވެސް ރަހުމެއްނެތި އިކާންގެ ދުލުން ކޮންމެ ލަފްޒެއް ބޭރުކުރިއިރު އާޝިގާ އިނީ ރޯލަރޯލައެވެ.

އެނދުން ފުންމައިގެން ތެދުވިގޮތަށް އާޝިގާ ނެގީ ފާރުކައިރީގައި ބަހައްޓާފައި ހުރި ފޮށްޓެވެ. ހުރިހާ ހެދުންތަކެއް ފޮށްޓަށް އަޅާފައި ފޯނު ހިފައިގެން އައިސް އެނދަށް އެރިއެވެ. ދެން އިކާންގެ ނަންބަރަށް ގުޅިއެވެ.

"އަހަރެން ބޭނުމީ ވަރިވާން. އަހަރެން ވަރިކުރޭ. އަހަރެންނަށް ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ މުހިންމީ ދަރިފުޅު. އިކާނަށް އެދަރިފުޅު އަހަރެން އަތުން އަތުލުމުގެ އެއްވެސް ހައްގެއް ނޯންނާނެ. ތިއީ މީހަކު އިނދެގެން އުޅެން ހެޔޮވާވަރުގެ އިންސާނެއްނޫން" ބުނަން ބޭނުންވި ހުރިހާ އެއްޗެއް އެއްފައްޗަކަށް އާޝިގާ އަމުނާލިއެވެ. އިކާން ބުނާނެ އެއްޗަކަށް ބެލުމެއްނެތި ފޯނު ކަނޑާލިއެވެ.

********

ކޮޓަރި ދޮރުހުޅުވާލާފައި އެތެރެއަށް ވަން ޝިދުނާގެ ހުދުކުލައިގެ ބޮޑު ހެދުމުގައި ހިފަހައްޓައިގެން ޒުމްރާ ހުއްޓެވެ. ކައިރީގައި ރާވީ ހުރީ ފުން ވިސްނުމެއްގައެވެ. އެންމެފަހަރަކުވެސް ކޮޓަރީގައި ތިބި ދެ އަންހެނުންނަށް ބަލައިނުލައެވެ.

"މިއީ ދަރިފުޅުގެ ކޮޓަރިއަކީ. ރީތި ތަ؟" ލަދުންހުރި ޝިދުނާގެ ދަތްދޮޅީގައި ހިފަހައްޓާލަމުން ޒުމްރާ އެހިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު ޝިދުނާ ބޯޖަހާލިއެވެ.

"ރާވީ. މަންމަ މިދަނީ ނިދަން" އެނދުގައި އިން ރާވީއަށް ގޮވާލާފައި ޒުމްރާ ބުންޏެވެ.

ޒުމްރާ ނުކުތުމާއެކު ރާވީ ދޮރު ތަޅުލިއެވެ. ދެން ފޫހިކަމާއެކު ކޮޓަރި މެދުގައި ކޮޅަށް ހުރި ޝިދުނާއަށް ބަލައިލިއެވެ. ދެން ހިނގައިގަތީ އަލަމާރި އާ ދިމާލަށެވެ. ނިދަން ލާނެ އެއްޗެއް ހިފައިގެން ފާހާނާއަށް ވަދެފައި ނުކުތްއިރު ޝިދުނާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. ބުރުގަލުގައި ޖަހާފައި ހުރި ޕިންތައް ނައްޓުވަން ޝިދުނާ މަސައްކަތް ކުރަމުން ދިޔައެވެ. ނުބަލަން ދެލޯ މަރައިގެން އޮތަސް ދޭތެރެއަކުން ޝިދުނާގެ ހަރަކާތްތަކަށް ރާވީ ބަލައިލައެވެ. ބުރުގާ ޝިދުނާގެ ބޮލާ ވަކިވެގެން ދިޔުމުން ރާވީއަށް އެހެން ދިމާލަކަށް ކަޅިޖަހާވެސް ނުލެވުނެވެ. އެހާ ބޮޑު އިސްތަށިގަނޑެއް ޝިދުނާގެ އޮންނަކަމެއް ކުރިން އެނގިފައެއް ނެތެވެ. ރާވީގެ ހުރިހާ ހިއްސުތަކެއް ހޭލައިގަތީ ޝިދުނާ ލައިގެން ހުރި ހެދުމުގެ ވަށައިގެން އަޅާފައިވާ ތުނުތުނި ލޭސްފޮތިގަނޑު ގަޔާ ވަކިކޮށްލުމުންނެވެ. ޝިދުނާގެ ހިމަ ހަށިގަނޑު ފެނުމާއެކު ޗާބީ ދީފައިވާ ބުދެއްހެން ރާވީ އެނދުން ތެދުވިއެވެ.

"ކީއްކުރަން ތިއަންނަނީ. ނާންނާތި އަހަރެން ކައިރިއަށް" ޝިދުނާ އިންޒާރުދިނެވެ.

"އަހަރެންގެ އަނބިމީހާ. ބޭނުން ކޮންމެ ކަމެއް އަހަރެންނަށް ކުރެވޭނެ" ރާވީ ބުންޏެވެ. ދެން ޝިދުނާ ނުވިސްނާ ހުއްޓައި އަތުގައި ހިފައި ދަމާފައި ގެނެސް އެނދުމައްޗަށް ޖަހައިފިއެވެ. ރީތި އަންހެންކުއްޖަކު ފެނިގެން މިވީހާތަނަށްވެސް ރާވީއަކީ ހިމޭނުން ހުރި މީހެއް ނޫނެވެ. ވީއިރު އަނބިމީހާ އާ ދުރުގައި ރާވީއަށް ވަކި ހުރެވޭނެ ހެއްޔެވެ؟

"އަހަރެންގެ ހަށިގަނޑުގައި ލޯބިން އަތްނުލެވެންޏާ އަތްނުލާތި. ތިއުޅެނީ އަހަރެންނަކީ ކިހާވަރެއްގެ މީހެއްކަން އަދި ނޭނގިގެން" ހެޑްބޯޑާ ދިމާލަށް ފަހަތަށް ފަހަތަށް ޖެހެމުން ޝިދުނާ ބުންޏެވެ. ރާވީގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ލައިގެން ހުރި ޓީޝާޓް ދަމައިގަތުމަށްފަހު ޝިދުނާގެ އެއް ފައިގައި ހިފާފައި ގާތަށް ދަމާލިއެވެ.

********

ގަޑިން މެންދަމު ދޭއްޖެހިއިރު ރާވީ އިނީ އެނދުގައި އައިސްޕެކް ހިފައިގެންނެވެ. އަތުގައި އައިސްޕެކް ޖައްސައިގެން އިންއިރު ބުޅާ މަސްގަނޑަށް ބަލާ އުސޫލުން އެނދުގައި އޮތް ޝިދުނާއަށް ބަލައިލައެވެ. އިރުކޮޅަކާ ޝިދުނާ ބަލައިލާތީ އަދިވެސް ޝިދުނާއަށް ނުނިދޭކަން ރާވީއަށް އެނގުނެވެ.

"އަހަރެންނަށް ހެޔޮ މިއެނދުގަ އޮތަސް. އެކަމަކު ބުނަން. މި ކުޝަންތައް ހުންނަންޖެހޭނީ ހަމަ މިގޮތަށް" ޝިދުނާ އިޝާރާތްކުރީ އެނދުގައި ދެފަޅި ވަކިކުރަން ޖަހާފައިވާ ކުޝަންތަކަށެވެ. ރާވީ ބަހެއް ނުބުންޏަސް ހިތާހިތުން ޝިދުނާއަށް އަޑުލިއެވެ. ރާވީ ހީކުރިގޮތާ ހިލާފަށް ޝިދުނާ ވީ މާބޮޑަށްވެސް ތަފާތު އަންހެންކުއްޖަކަށެވެ. ގަދަބާރުން ޝިދުނާގެ ފަރާތުން އެއްކަމެއްވެސް ރާވީއަށް ނުވިއެވެ. އަނިޔާވީ ރާވީގެ އަތަށެވެ. ޝިދުނާގެ ހެދުން ގަޔާ ވަކިކޮށްލަން ހިފާލި ވަގުތު ޝިދުނާ ކާލީ ރާވީގެ އަތެވެ. އެހިސާބުން ރާވީއަށް ޖެހުނީ ފަހަތަށް ޖެހޭށެވެ.

"އަދިވެސް ތަދުވޭތަ؟" ފާހާނާއަށް ދާން ތެދުވެފައި ޝިދުނާ އެހިއެވެ. ރާވީ ބަހެއް ނުކިޔައި ޝިދުނާއަށް ދެލޯ އަޅާލިއެވެ.

"އެހެންނޭވާނީ. ހީކުރަނީ ދޯ ތިއީ މާ ބާރުގަދަ މީކެހޭ. އަންހެނަކަށް ވިއްޔާ ތިމަންނައަށް ކޮންމެގޮތެއްވެސް ހެދޭނޭ. ބުނަންތަ ވާހަކައެއް. މި ޝިދުނާ އެކަހަލަ ކޮންމެ އަންހެނަކާ ތަފާތުވާނެކަން މިހާރު އެނގޭނެ. އަނބިމީހާ ކަމުގަ ވީއިރުވެސް ގަސްދުކުރީ ޖަނަވާރު އުސޫލުން ކަންކުރަން. ވަރަށް ތާހިރުވެއްޖެއްނު. އަހަރެންގެ ގައިގައި ލޯބިން އަތްނުޖެއްސެންޏާ ދުރުގަހުރޭ. އަހަރެންވެސް ގޮސް ކަލޭގެ ގަޔަށް ބޮލަކަށް ނާރާނަން. ހިތުން މާ ގައްޑާވެގެން..." ޝިދުނާ ވާހަކަދެއްކިއެވެ. ދެން ފާހާނާއަށް ވަދެ ދޮރުލައްޕާލިއެވެ. އައިސްޕެކް ދުރުގައި ބާއްވާފައި ބާލީހެއް ހިފައިގެން ގޮސް ރާވީ އެރީ ސޯފާއަށެވެ.

*******

މާއިޒް އާއި ސާހިލް ބައްދަލުކުރީ ހުޅުމާލޭގައެވެ. ކުރަންދިޔަ ކަންކަން ނިންމާފައި މާއިޒް މާލެ އައީ ދުވަހުގެ ހެނދުނު ވަގުތުގައެވެ.

"ޝެލީ އަހަރެންނާ އެއްކޮށް ދުރުވެއްޖެ. ބުނީ އަހަރެންގެ ލޯބި ގަބޫލުކުރެވެން ނެތްކަމަށް. އެނގޭތަ އެ އުޅެނީ އޭނަ ރޭޕްކުރި މީހާ އާ އިންނަން" ސާހިލް ބުންޏެވެ.

"ވަޓް؟؟ ދެން ތިހެން ހުންނަނީ. ބަލި ގަބޫލުކުރީ.؟" މާއިޒް އެހިއެވެ.

"އަހަރެން ވަރުބަލިވެއްޖެ. މިގޮތަށް ތެޅިތެޅި އަހަރެން މޮޔަވާން ކައިރިވެއްޖެ. އެތައް އާދޭހެއް ކުރެވިއްޖެ. ނިކަން ބުނެބަލަ ދެން އަހަރެން ހަދާނެގޮތެއް" ސާހިލް ބުންޏެވެ.

"ހިނގާ އެ ރޭޕިސްޓު ބިރުގަންނުވާލަން" މާއިޒް ބުންޏެވެ.

"ކިހިނެއް. އެއީ ޝެލީ އާ ހެދި ހޭބަލިވެފަ ހުންނަ މީހެއް" ސާހިލް ބުންޏެވެ.

"އެހެންވިޔަސް... ޝެލީ ހިފަހައްޓާ. މިއީ މުޅި ލައިފްޓައިމް އާ ގުޅިފައިވާ ކަމެއް. އެމީހާ އަތްދަށަށް ދިޔައިއްޔާ އެކުއްޖާ ނޮޅައި ކާނެ. ކޮންމެ ދުވަހަކު އެކުއްޖާ ކުރާ ހިތާމަ ތަކުރާރުވާނެ. ކަލެއަށް ކެތްވާނެތަ؟" މާއިޒް އެހިއެވެ.

ސާހިލް އިރުކޮޅަކު ވިސްނަން އިނެވެ. ދެން ދެފަރާތަށް ބޯހޫރާލާފައި މޭޒުގައި ބޯއެޅިއެވެ. އިތުރަށް ކުރެވޭނެ ކަމެއް އެބައޮތްހެއްޔޭ އަމިއްލަ ހިތާ ސުވާލުކުރާ ކަހަލައެވެ.

***********

ދޮރުހުޅުވާލިގޮތަށް ޝިއުރާ ހީލައިފިއެވެ. އަދި ބޮޑަށް ދޮރުހުޅުވާލާފައި އަލްމާޝްގެ ދެމަފިރިން އެތެރެއަށް ވަންނަން ދައުވަތު ދިނެވެ. ސޯފާގައި އިން އައްބާސް ތެދުވެފައި ނިމާނާ ސަލާންކޮށްލިއެވެ.

"ކޮބާ ރަނގަޅު؟" އައްބާސްގެ ބުރަކަށީގައި ކުޑަކޮށް ޖަހާލާފައި ނިމާން އެހިއެވެ.

"ބައްޕަ ކާމޭޒު ކައިރިއަށް ދުރުވަންވީނުން" ޝިއުރާ އެދުނެވެ. ސޯފާ އާ އެންމެ ކައިރީގައި ހުރި ޝިއުރާގެ ކޮޓަރިއަށް ވެފައި އެ ކޮޓަރީގައި މަސައްކަތެއްކުރާތީ އައްބާސަށް އުނދަގުވާނެތީ ޝިއުރާ ބުންޏެވެ.

"އެންމެ ރަނގަޅު. ހިނގާ ދޯ" އައްބާސް ބުންޏެވެ.

އަލްމާޝް އާއި ނިމާން އެގެއަށް އައީ އައްބާސްގެ އެދުމަކަށެވެ. އިކާންގެ ކައިވެނީގެ ކުރިން ކޮންމެހެން ބައްދަލުކޮށްލަން ބޭނުންވެގެންނެވެ. އިކާންގެ ސަބަބުން ދެ އާއިލާ މެދުގައި ޖެހުނު ބޮޑު ހައިޖާނުގަނޑު އެއްކޮށް ނައްތާލަން ބޭނުންވެގެންނެވެ.

"އަންނަ ހުކުރުވިލޭރޭ ދޯ" އައްބާސް ބުންޏެވެ. އަލްމާޝް ހީލާފައި ބޯޖަހާލިއެވެ.

"އެއީ ކޮން ކުއްޖެއް؟" ލަކްޔަންގެ ކޮޓަރިއަށް އިސްތިރިކޮށްފައި ހުރި އެއްޗެހިތަކެއް ހިފައިގެން ވަން ޖޫލީ ފެނިފައި އަލްމާޝް އެހިއެވެ.

"އެއީ ލަކީކޮއްކޮގެ އެކުވެރިއެއް. ބޭރުކުއްޖެއް" ޝިއުރާ ބުންޏެވެ. އަލްމާޝް ހީލާފައި ލަކްޔަންގެ ކޮޓަރި އާ ދިމާލަށް ބަލައިލިއެވެ. އެ އަންހެންކުއްޖާއަކީ ކޮންކަހަލަ އަންހެނެއްކުއްޖެއްކަން ވަގުތުން އަލްމާޝްއަށް އެނގިއްޖެއެވެ. އެކުއްޖާ އާ ބައްދަލުކޮށް ވާހަކަދައްކާލަން އަލްމާޝް ބޭނުންވީ ކީއްވެގެންކަމެއް ނޭނގުނެވެ.

"އެބަ އަންނަން އިނގޭ" އައްބާސް އާ ވާހަކައެއްގައި އިން ނިމާންގެ އަތުގައި ހިފައިލަމުން އަލްމާޝް ބުންޏެވެ.

"ލަކީ އެބައުޅޭތަ؟" އަލްމާޝް އެހިއެވެ. ޝިއުރާ ދެފަރާތަށް ބޯހޫރާލިއެވެ.

އަލްމާޝް އާއެކު ޝިއުރާވެސް ހިނގައިގަތެވެ. އަލްމާޝްގެ ބޭނުމަކީ ކޮބައިކަން ނޭނގުނު ނަމަވެސް އަލްމާޝް އާ މެދު ފުރިހަމަ އިތުބާރު ޝިއުރާގެ އޮތެވެ. ލަކްޔަންގެ ކޮޓަރިއަށް އަލްމާޝް ވަނުމުންވެސް އެއްޗެއް ނުބުނެ ޝިއުރާ ހުރީ އެހެންވެއެވެ.

ލަކްޔަންގެ ކޮޓަރިއަށް ވަން އަންހެންކުއްޖާ ފެންނަން ނެތުމުން އަލްމާޝް އުޅުނީ ކޮޓަރިން ނުކުންނާށެވެ. އެހެންނަމަވެސް ލޮލުގައި އަޅައިގަތް އެއްޗެއްގެ ސަބަބުން އަލްމާޝްއަށް މަޑުޖެހެވުނެވެ. ދެން އަލަމާރި އާ ދިމާލަށް ހިނގައިގަތެވެ. ފާރާއި އަލަމާރި އާ ދެމެދުން ބޭރަށް ފެންނަން އިން ފްރޭމް ބޭރަށް ދަމައިލުމާއެކު އަލްމާޝްގެ ދެލޯ މައްޗަށް އަރައިގެން ދިޔައެވެ. ކުރިމަތީގައި ހުރި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އަލްމާޝްއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އިސްކޮޅަށް ވުރެ ވެސް ބޮޑު އެ ފްރޭމްގެ މަތީގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލާފައި އަލްމާޝްގެ ދެލޯ ފެންކަޅިވިއެވެ. ލަކްޔަން އަލްމާޝްދެކެ ލޯބިވާކަން އަލްމާޝް ގަބޫލުކުރެއެވެ. ގަބޫލުކުރަން އުނދަގުވީ އެދަރަޖައަށް ލޯބިވެދާނެ ކަމެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރަމުން ދަނިކޮށް އަލްމާޝް ސިހުނީ ކޮނޑުމަތީގައި މީހަކު އަތް ބޭއްވުމުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟