ވާހަކަ

މޮޔަކޮށްލި މާ - 46

އުނގުތެރޭގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމާއެކު އާޝިގާގެ ވިސްނުންތައް އެއްފަރާތް ވެއްޖެއެވެ. އިކާންގެ މެސެޖެއްކަން އެނގުމާއެކު ހިތް އަވަސްވެލިއެވެ.

"އަހަރެން ބައްދަލުކުރަން ބޭނުން. މިރޭ ނުވައެއް ޖަހާއިރު. ތަން އަހަރެން ފަހުން މެސެޖުކުރާނަން"

*****

ކޮޓަރިއަށް ވަނުމުގެ ކުރިން އާޝިގާއަށް ސަމީރާގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ. އުނަދޫތަކެއް ވެފައި ހުއްޓަސް ސަމީރާއަށް އާޝިގާ ޖަވާބުދިނެވެ. ކޮޓަރިއަށް ވަނީ ބޮލުގައި ރިއްސާކަމަށް ބުނެއެވެ. ނިދިފައި އޮތް އަސަލް އެނދުގައި ބާއްވާފައި ކައިރީގައި އާޝިގާ އޮށޯތެވެ. ނިތްމައްޗަށް އެއް އަތް އެއްލުމާއެކު އާޝިގާގެ ލޮލުގެ އަރިމަތިން ކަރުނަ ތިއްކެއް ފައިބައިގެން ހިނގައްޖެއެވެ. މާޒީގެ ދުވަސްތައް ހަނދާންވެ އިތުރަށް ހިތް ރޮއްވާލިއެވެ.

އުމުރުން އަށާރަ އަހަރުވީތަނާ ކައިވެންޏެއް ކުރީ ދުވަހަކުވެސް ނުދެކޭ ޒުވާނަކަށް ހިތް ދެވިގެންނެވެ. ފަހުން ވެދާނެ ގޮތަކާމެދު މާބޮޑަށް ވިސްނާލުމެއްނެތިއެވެ. ހަމައެކަނި އަޑު ދެކެ ލޯބިވެގެންނެވެ. އެހެންނަމަވެސް ތަސްވީރަކުން ހިތަށް ހިތްހަމަޖެހުން ހޯދައިގެން ލޯބީގެ ގުޅުން ކުރިއަށް ގެންދިޔައީ އެންމެ ކައިރީގައި ހުރި އެކުވެރިޔާއަށް ވެސް ސިއްރުންނެވެ.

ފުންނޭވައެއް ދޫކޮށްލިގޮތަށް އާޝިގާ ހަމަޖެހިލިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމާއެކު ދެލޮލުގައި އަނެއްކާވެސް ބޮނޑިވެގަތީ ތާޒާ ކަރުނައެވެ. އިކާނާ ގުޅުން އުފެދިގެން އައި ގޮތް އާޝިގާގެ ހިތަށް ސިފަވާން ފެށިއެވެ.

އެއީ އިކާން ޖަލުގައި ހުރި އަހަރެވެ. ގޮޅީގައި އިކާނާ އެކު އިތުރު ތިން ފިރިހެނުން ތިއްބެވެ. ޖަލު އޮފިސަރުންނަށް ބޮޑެތި އަދަދުން ފައިސާދީގެން ފޯނާއި ސިމްކާޑުގެ އިތުރުން ޗާޖަރު ވައްދަނީ އިކާނުގެ ރައްޓެހިންނެވެ. އިކާނަށް ކުރަން ޖެހުނު ކަމަކީ އެކި ރައްޓެހިންނަށް ގުޅައިގެން ފޯނަށް ރުފިޔާ އެޅުމެވެ.

އެގޮތުން އެއް ދުވަހެވެ. ގުޅަން އުޅުނު ނަންބަރު އޮޅިގެން އިކާނަށް ގުޅުނީ ނުބައި ނަންބަރެކެވެ. ފޯނު ނެގީ އަންހެންކުއްޖެކެވެ. އަސްލު ގުޅަން އުޅުނު މީހާއަށް ނުވިޔަސް އެއީ އަންހެންކުއްޖަކަށް ވީތީ އިކާން ފޯނު ކަނޑާލަން ބޭނުމެއް ނުވިއެވެ. ހިތްހަމަނުޖެހިފައި ވާހަކަދައްކަމުން ދިޔަ އަންހެންކުއްޖާ އިތުރަށް ރުޅިއަރުވަން އެތައް ވަގުތުތަކެއް އޭނާ ހޭދަކުރިއެވެ. އޭގެފަހުން ދުވާލަކު އެތައް ފަހަރަކު އާޝިގާއަށް ގުޅައިގެން އިކާން ވާހަކަދައްކައެވެ. ދެމީހުންގެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުމެއް އުފެދިގެން އައީ ކިހިނެއްކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އާޝިގާ ބައްދަލުކުރަން އެދުމުން ޖަލުގައި ބަންދެއްގައި ހުރި ވާހަކަ އިކާން ބުންޏެވެ. އެހެންނަމަވެސް އެއީ އިކާން ކުށެއްކޮށްގެން ނޫންކަމަށް އާޝިގާއަށް ކިޔައިދިނެވެ. ހުރިހާ ގޮތަކުން އާޝިގާގެ ސަމާލުކަން ހޯދިއެވެ.

ޖަލުން ސަލާމަތްވެގެން ގޭބަންދަށް ދޫކޮށްލުމާއެކު އިކާން އެންމެ ފުރަތަމަވެސް ރަށުގައި ހުރި އާޝިގާއަށް ގުޅައިގެން މާލެ ގެނައެވެ. ގޭމީހުންނަށް ވަގަށް ބޭރުން އާޝިގާއާ ބައްދަލުކުރިއެވެ. އާޝިގާގެ ހިމަތޮޅި ހަށިގަނޑަށް އިކާން ހުރީ ފެންބޮވައިގެންފައެވެ. ގެސްޓްހައުސް ތެރޭގައި އާޝިގާގެ ގައިގައި ބައްދައިގެން އެތައް އިރަކު ހުއްޓެވެ. އިކާންގެ ފިރުމުންތައް ދިގުލައިގެން ގޮސް އެހެން ކަމެއް ވެދާނެހެން ހީވުމާއެކު އާޝިގާ ދުރަށް ޖެހުނެވެ. އެހެންނަމަވެސް އިކާން ހުރީ އެހާ ފަސޭހައިން އާޝިގާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. މަސްތުވެފައިވާ މީހަކު ފަދައިން އާޝިގާގެ ގައިގައި ހިފައިގަތުމާއެކު ފުރަތަމަ ފަހަރަށް އިކާންގެ ލޯތްބާމެދު އާޝިގާއަށް ޝައްކުކުރެވުނެވެ. އިކާން ދުރަށް ކޮށްޕާލާފައި އިންޒާރު ދިނެވެ. އިކާނަށް ވިސްނަންޖެހުނީ ދެނެވެ. ރޭޕްގެ މައްސަލައަކުން އަދި ސަލާމަތްވެފައި ނުވާއިރު އެކުށް ދެވަނަ ފަހަރަށް ތަކުރާރުކުރަން އިކާން ބޭނުމެއް ނުވިއެވެ. އެހެންކަމުން އާޝިގާ ދުރުކޮށްލާފައި އެނދުގައި އިށީނދެ ދެއަތް ތިލައިގެ ތެރޭގައި މޫނު ފޮރުވިއެވެ. ލޮލުން ކަރުނަ ގެނައީ ގަދަކަމުންނެވެ. ބޭނުންވީ ކުރެވުނު ކަންތަކާ ދެރަވީކަން އާޝިގާއަށް އަންގައިދިނުމެވެ. ވީވެސް އެހެންނެވެ. އިކާން ރޯމަންޒަރު ބަލަން އާޝިގާއަށް ކެތެއްނުވިއެވެ. އިކާންގެ ކުރިމަތީގައި އިށީނދެފައި ކައިވެނިކުރަން އާޝިގާ އެދުނެވެ. އިކާން އާޝިގާއަށް ބަލައިލީ ފާޑަކަށެވެ. ކައިވެންޏަށް އާޝިގާ އެދުމުން ދޭނެ ޖަވާބެއް އިކާނަށް ނޭނގުނެވެ. ރީތިހާ މަލަކުން ފޮނި ބޯން އޭނާ ބޭނުންވީ ކައިވެނިން ބޭރުގައެވެ. ކައިވެނި ފަދަ ހުރަގެއެއް ކަހަލަ ތަނެއްގައި ބެދޭކަށް ފަހަރެއްގައިވެސް އިކާނު ބޭނުމެއްނުވެއެވެ. ތަކުރާރުކޮށް އާޝިގާ ކައިވެންޏަށް އެދުމުން އެންމެފަހުން އިކާން އެކަމަށް ރުހުނެވެ. ކައިވެނިކޮށްގެން ނޫން ގޮތަކަށް އާޝިގާގެ ފަރާތުން އުފަލެއް ނުލިބޭނެކަން ޔަގީންވުމުން އެހެން ގޮތެއް ނެތުނީއެވެ. އެ މަލުގައި ބީހިނުލާ ދޫކޮށްލަން އިކާން ހިތް އެއްބަހެއް ނުވިއެވެ.

ހަތް ދުވަސްފަހުން އިކާން އާޝިގާއާ ކައިވެނި ކުރިއެވެ. ފުރަތަމަ ރޭ ދެމީހުން ހޭދަކުރީ އާންމުކޮށް ދެމީހުން ބައްދަލުކުރާ ގެސްޓަހައުސްގައެވެ. އެރޭވެސް އެންމެން ނިދާ ގޭތެރެ ހިމޭންވިފަހުން އިކާނު ގެއިން ނުކުތީ ވަގަށެވެ. ފުރަތަމަ ރެއިން އިކާން ބޭނުންވި ކަންތައް ހާސިލުވުމާއެކު އާޝިގާ ހޭލުމުގެ ކުރިން ގެސްޓްހައުސް އިން ނުކުތެވެ. އިތުރަށް އާޝިގާއާ ގުޅުމެއް ބާއްވަން އިކާން ބޭނުމެއް ނުވިއެވެ. މަލުގެ ފޮނިކޮޅު ބޯލާފައި މާ އެއްލާލިއެވެ. އަނެއްކާވެސް އިކާންގެ ލޯ ހޯދަން ފެށީ އާ މަލެކެވެ.

ލޯހުޅުވާލުމާއެކު އާޝިގާ މާޔޫސްވިއެވެ. ފިރިމީހާ އޮތް ޖާގަ ހުސްކޮށް އޮތްތަން ފެނިފައެވެ. ދެލޯ ހުޅުވާލާއިރަށް ފެންނަން ބޭނުންވީ ލޯބިވާ ފިރިމީހާގެ މޫނެވެ. އެހެންނަމަވެސް ކޮޓަރިތެރެއިން އިކާންގެ އެއްވެސް ހިލަމެއް ނުވިއެވެ. ފޯނު ނެގީ އިކާނަށް ގުޅުމަށެވެ. ފޯނަށް އިކާނު ފޮނުވާފައި އިން މެސެޖު ފެނުނީ ދެނެވެ. މެސެޖު ކިޔައި ނިމުނުއިރު އާޝިގާ ހަމައެކަނި ހޭހުރިކަމެވެ. މީހާ އެއްކޮށް ގަނޑުވިއެވެ. ދުވަހަކުވެސް މީހަކު އެކަހަލަ ލަނޑެއް އާޝިގާއަށް ދީފާނެކަމަށް އުންމީދެއް ނުކުރެއެވެ. އަމުދުން އާޝިގާ އެންމެ ލޯބިވި އިންސާނާގެ ފަރާތުންނެވެ. ގުޅުން ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އިކާން އެބުނީ ހާދަ ރަހުމެއް ނެތިއެވެ. ދުވަހަކުވެސް އާޝިގާ ދެކެ ލޯބިނުވާކަމަށް އިކާން ބުނެފައި އޮތްތަން ފެނުމުން އެ ޖުމުލަ ފެނުމުގެ ކުރިން ދެލޯ އަނދިރިނުވީ ކީއްވެހެއްޔޭ އާޝިގާގެ ހިތަށް އެރިއެވެ.

އިކާނަށް ގުޅައިގެން އެތައް އާދޭހެއް އާޝިގާ ކުރިއެވެ. ވަރި ނުކުރުމަށް އެދިއެވެ. އިކާންގެ ރަހުމެއް ނެތް ބަސްތަކުން އާޝިގާގެ ހިތް އިތުރަށް ހަލާކުވުން ނޫންކަމެއް ނުވިއެވެ. މާލޭގައި ބިކަ ހާލު ޖެހިފައި ހުރި ވާހަކަ އާޝިގާ ބުންޏެވެ. އެގޮތަށް އާޝިގާއާ މެދު ކަންތައް ކުރަންޖެހުނު ސަބަބު އޮޅުންފިލުވައި ދިނުމަށް އެދުނެވެ. އިކާންގެ ފަރާތުން ލިބޭ ހަމައެކަނި ޖަވާބަކީ އާޝިގާ ދެކެ ލޯބިނުވެވޭތީ ކަމުގައި ބުންޏެވެ. އަންބެއްގެ މަގާމު ދޭން ބޭނުންނުވިޔަސް އިންސާނަކަށް ވީތީ ރަށަށް ފޮނުވައިދިނުމަށް އާޝިގާ އެދުނީ އިތުރުގޮތެއް ނެތިގެންނެވެ. ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗަކަށް ނުވާތީއެވެ. އިކާން އެކަމަށް އެއްބަސްވީ އާޝިގާގެ އުނދަގުލުން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވިސްނައިފައެވެ.

*****

އެނދުގައި އޮތް އަސަލް ކުކުރާލުމާއެކު އާޝިގާގެ ހިޔާލުތައް ވިއްސި ވިހާލިވެގެން ދިޔައެވެ. ނިދިން އެއްކޮށް ނުހޭލެވި އޮތް އަސަލްގެ މޫނަށް ބަލަހައްޓައިގެން އޮވެފައި އެ ކުޑަ މޫނުގައި އާޝިގާ ބޮސްދިނެވެ. ދުނިޔެއިން އެންމެ ލޯބިވި މީހާ ނުލިބުނަސް މިއަދު އެ ލޯބީގެ ނިޝާނެއް އާޝިގާއަށް ލިބިއްޖެއެވެ. ކުރިމަތީގައި ދަރިފުޅު ފެންނަން ހުރިހާ ހިނދެއްގައި އާޝިގާ ހުންނާނީ އުފަލުންނެވެ.

ފޯނަށް އައި މެސެޖު ކިޔާލިގޮތަށް އާޝިގާއަށް ހެވިއްޖެއެވެ. ބައްދަލުކުރާ ތަނަށް އިކާން ފޮނުވާފައި އޮތީ ކައިވެނީގެ ފުރަތަމަ ރޭ ދެމީހުން ހޭދަކުރި ތަނެވެ. އާޝިގާއަށް ހިނިތުންވެވުނީ އެހެންވެއެވެ. ފޯނު ދުރުގައި ބާއްވާފައި އާޝިގާ އެނދުން ތެދުވެގެން ހިނގައިގަތެވެ. އަލަމާރި ހުޅުވާލާފައި ކޮނޑެއްގައި އިން ހުދުކުލައިގެ ދިގު މިޑީ ނެގިއެވެ. އެއީ ކައިވެނީގެ ފުރަތަމަ ދުވަހު އާޝިގާ ލި ހެދުމެވެ. އެ ހެދުމާއެކު ބޭނުންކުރި ހުރިހާ އަންނައުނެއް އާޝިގާ ރައްކާކޮށްފައި ބެހެއްޓިއެވެ. އެތައް ދުވަހަކަށްފަހު އިކާނާއެކު އެކަހެރި ބައްދަލުވުމަކަށް ދާއިރު އާޝިގާ ބޭނުންވީ ކައިވެންޏަށް ތައްޔާރުވި ފަދައިން ތައްޔާރުވެގެން ދާށެވެ.

*****

ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިން ޝެލީގެ ތުންފަތުގައި ހިނިތުންވުމެއް ނެތެވެ. އަމިއްލަ ދެލޮލުން ނުތަނަވަސްކަމެއް ފެންނަމުން ދިޔައީ ކީއްވެގެންކަމެއް ނޭނގެއެވެ. ކުރިމަތީގައި އޮތް ފޯނު ދިއްލޭއިރަށް ފޯނަށް ބަލައިލައެވެ. ސާހިލްގެ މެސެޖެއް ކަމަށް ނުވަތަ ކޯލެއް ކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް ސާހިލްގެ އެއްވެސް ހަބަރެއް ނުލިބޭނެކަން ޝެލީއަށް އެނގެއެވެ. އެދުވަހު އެގެއިން ޝެލީ ނުކުތީ ދުވަހަކުވެސް ޝެލީ ކުރިމައްޗަށް އަރަން ސާހިލްއަށް ނުކެރޭވަރު ކޮށްފައެވެ. އެހެންނަމަވެސް މިހާރު ޝެލީއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފަށައިފިއެވެ. އެގޮތަށް ސާހިލްއާ މެދު ކަންތައްކޮށްގެން ނުވާނެކަން އަމިއްލަ ނަފްސު ބުނަން ފަށައިފިއެވެ. އިސާހިތަކު ކޮޓަރި ތެރޭގައި ހިނގި ކަންތައްތައް ލޯމަތީގައި ސިފަވާން ފަށައިފިއެވެ.

"އައި ލަވް ޔޫ ޑޭމިޓް" ސާހިލް ބުންޏެވެ. އެއާއެކު ޝެލީގެ ދެލޯ މައްޗަށް އަރައިގެން ދިޔައެވެ. އިވުނީ ރަނގަޅު އެއްޗެއް ކަމާމެދު ޝައްކުވިއެވެ. އެހެންނަމަވެސް ސާހިލްގެ ދެލޮލުން ހުރިހާކަމެއް ޝެލީއަށް ސާފުވިއެވެ.

"ކީކޭ؟ ނޫން... ތިހެނެއް ނުވާނެ. ކޮން ސަމާސާއެއް ތިކުރަނީ" ޝެލީ ބުންޏެވެ.

"މީކީ ސަމާސާއެއް ނޫން. ހަގީގަތް" ސާހިލް ބުންޏެވެ.

"ތި ވާހަކަތައް އަޑުއަހަން އަހަރެން ބޭނުމެއް ނޫން. އަހަރެން ދިޔަދީ" ޝެލީގެ ދެ އަތުގައި ސާހިލް ހިފީ ވަރަށް ބާރަށެވެ. ދެން މަޑުމަޑުން ޝެލީގެ މޫނާ މޫނު ގާތްކުރަމުން އައިސް ކިރިޔާ ޖެހޭނުޖެހޭ ހިސާބުގައި މަޑުޖައްސާލިއެވެ. ސާހިލްގެ ހޫނު ނޭވާތައް ޝެލީއަށް އިހުސާސްވަމުން ދިޔައެވެ.

"ކީއްވެ އަހަރެން މޫނަށް ނުބަލަން ދެލޯ ތިމަރަނީ. ލޯ ހުޅުވަބަލަ. އަހަރެންގެ ދެލޮލަށް ބަލާލަބަލަ. ޝެލީއަށް ހުރިހާ ހަގީގަތެއް ފެންނާނެ" ސާހިލް ބުންޏެވެ. ޝެލީ ނުހުޅުވިއެވެ. އެންމެފަހުން ސާހިލްއަށް މަޖުބޫރުވީ ޝެލީގެ އަނގަ ހުޅުވާށެވެ. އިތުރަށް ކައިރިވެފައި ސާހިލް ކޮށްލި ކަމެއްގެ ސަބަބުން ޝެލީއަށް ދެލޯ ހުޅުވާލެވުނީ ހަމަ ކުއްލިއަކަށެވެ. ހިތްހަމަނުޖެހިފައި ސާހިލްގެ މޭގައި ދެއަތް އެޅިގޮތަށް ފަހަތަށް ކޮށްޕާލިއެވެ.

"ސޮރީ... ވަރަށް ބޮޑަށް ސޮރީ. އަހަރެންނަށް ކެތްނުވީ" ސާހިލް ބުންޏެވެ. ސާހިލްއަށް ދެލޯ އަޅައިގެން ހުރެފައި ނުކުންނަން ދޮރު ހުޅުވާލިތަނާ ސާހިލް އެއްލި އަތުން ޝެލީގެ އެއް އަތުގައި ހިފެހެއްޓިއެވެ. ދެން ވިސްނާނުލާ އެނދާ ދިމާލަށް ޝެލީ ހޫރާލިއެވެ.

"އަހަރެންނަށް އެނގޭ ތިދަނީ އެ ރޭޕިސްޓުގެ ކައިރިއަށްކަން. މިއަދު މިތަނުން ޝެލީއަށް ނުކުންނަން ލާހހިކެއް ނޫން" ސާހިލް ބުންޏެވެ. ސިކުންތަކަށްފަހު ސިކުންތަކާއެކު ސާހިލްގެ ބަދަލުވަމުންދާ މިޒާޖު ފެނި ޝެލީ ހިތްބިރުގަތެވެ. މީގެކުރިން އެގޮތަށް ރުޅިގަނޑު ކޮންޓްރޯލް ނުކުރެވިގެން ސާހިލް އުޅުނުތަނެއް ޝެލީ ނުދެކެއެވެ.

"މާކުރިން... މާކުރިން.... ޔުނިވާސިޓީގައި ޝެލީ ފައިތިލަ އެޅި ފުރަތަމަ ދުވަހުން ފެށިގެން އަހަރެންނަށް ޝެލީ ހާއްސަވި. ދުވަހަކުވެސް ތިނޫން އެހެން އަންހެނެއް ދެކެ އަހަރެން ލޯބިނުވަން. އަހަރެން ފިނޑިކަމުން އޭރު ޝެލީ ކައިރީގައި މީގެން އެއްވެސް ވާހަކައެއް ނުދެއްކުނު. ޔުނީވާސިޓީގައި ކުރިއަށް ދިޔަހާ އިވެންޓެއްގައި އަހަރެން އަބަދު ޝެލީގެ ޕާޓްނާއަށް ވަނީ ކީއްވެގެން އެނގޭނޭ ކަމަށް އަހަރެން ހީކުރިން. ކިޔެވުން ނިންމާފައި ޝެލީ އައިފަހުން އަހަރެންގެ ކޮއްކޮއާ ޝެލީ ދިމާވެ ތިދެމެދުގައި ލޯބި އުފެދުނީ. ސާޖިދު އިންނަން އުޅުނީ ޝެލީއާ ކަން އަހަރެންނަށް އެނގުނީ ކައިވެންޏަށް ހުރިހާކަމެއް ހަމަޖެހުނު ފަހުން. ވަރަށް ވަރަށް ދެރަވި. ވަރަށް ބަލިވެސްވި. ކާއެއްޗެއް ނުކެވި ތަންމައްޗަށް ދެމުނު. ޝެލީއާ މެދު އަހަރެންގެ ހިތުގައި އޮތް ލޯބި އިހުސާސްވެފައި ހުދު އަހަރެންވެސް ހައިރާންވި. އަލުން ޝެލީ ކުރިމައްޗަށް އައީ އަހަރެންގެ ފަހަރިއަކަށް ވާން ޝެލީ އުޅޭތީ ތި ލޯބިމަތިން ހަނދާން ނައްތާލަން ނިންމައިގެން. ތި ލޯބި އަހަރެން ހިތުގައި ކަފުންކޮށްފަ ވަޅުލަން ނިންމައިގެން. އެކަމަކު... އެކަމަކު ތަގުދީރު ކުޅުނީ އެހެން ކުޅިއެއް.... ހީވެސްނުކުރާ ފަދަ ގޮތަކަށް ހުރިހާކަމެއް ބަދަލުވީ. އަހަރެން މިހުންނަނީ ޝެލީގެ އިންތިޒާރުގަ. ތި ލޯބި ލިބޭނެކަމުގެ. އަހަރެންގެ އަންބަކަށް ވާނެކަމުގެ. ޕްލީޒް... އަހަރެންނަށް ތިހެންނަހަދާ. އަހަރެންގެ ހިތަކީ އެހާ ވަރުގަދަ ހިތެއް ނޫން... އަހަރެން ޝެލީ ދެކެ އިންތިހާއަށް ލޯބިވަން. މި ދުނިޔެއިން ދެން ޝެލީއަށް އަހަރެންނަށް ވުރެ ބޮޑަށް ލޯބިވާނެ ބައިވެރިޔަކު ނުލިބޭނެ" އެނދުގައި އިން ޝެލީގެ ދެ ކަކޫ މަތީގައި އަތް އަޅުވާލައިގެން ތިރީގައި ސާހިލް އިށީނެވެ. ޝެލީ އިނީ ހައިރާންވެފައެވެ. ކަންތައްކުރާނެ ގޮތެއް ނޭނގިފައެވެ. ހިތާއި ސިކުނޑި ދައްކަމުންދިޔަ ވާހަކައެއް ހުދު ޝެލީއަށްވެސް ނޭނގެއެވެ.

""އަހަރެންގެ ކުރިމަތީގައި އެހެން ފިރިހެނެއްގެ އަތުތެރެއަށް ޝެލީ ވަންނަތަން ބަލަން އަހަރެން ކިހިނެއް ކެތްކުރާނީ؟ އަހަރެން މަރުވެދާނެ... ޕްލީޒް ހެލްޕް މީ ޝެލީ. އައި ލަވް ޔޫ.... " ސާހިލް ބުންޏެވެ.

ޝެލީ އިންތަނުން ތެދުވިއެވެ. ދޮރާ ދިމާލަށް ހިނގައިގަތް ގޮތަށް ފަސްއެނބުރި ސާހިލްއަށް ބަލައިލިއެވެ.

"ސާހިލް މޮޔަވީތަ؟ އެބަ އެނގޭތަ ތިކިޔޭ އެއްޗެއް. އަހަރެން ލޯބިވަނީ ސާހިލްގެ ކޮއްކޮ ދެކެ. ކައިވެނި ނުކުރެވުނެއް ކަމަކު އަހަރެންނަކީ ސާހިލްގެ ފަހަރިއެއްގެ މަގާމުގައި ހުރި މީހެއް. އެއަށްވުރެ ބޮޑަށް ސާހިލްގެ އެންމެ ގާތް އެކުވެރިޔާ" ޝެލީ ބުންޏެވެ.

"އަހަރެން އެކުވެރިކަމެއް ބޭނުމެއް ނޫން" ސާހިލް ބުންޏެވެ.

"ކީކޭ...؟" ޝެލީ ބުންޏެވެ.

"އާނ... އަހަރެންގެ ޝެލީގެ އެކުވެރިކަމެއް ބޭނުމެއް ނޫން. އަހަރެން ލޯބިވޭ... ހިނގާ ކައިވެނިކުރަން.... ޝެލީއަށް އަހަރެން ދެކެ ލޯބިވެވެންދެން އަހަރެން އިންތިޒާރުކުރާނަން. ކައިވެންޏަށްފަހުވެސް އެހާތަނަށް އެކުވެރިއެއްގެ ގޮތުގަ ހުންނާނަން. އައި ޕްރޮމިސް" ޝެލީގެ ދެއަތުގެ އުނޅަބޮއްޓާ ހަމައިގައި ހިފަހައްޓާލައިގެން ހުރެ ސާހިލް ވާހަކަދެއްކިއެވެ. ސާހިލްގެ އަޑުގައިވަނީ އާދޭހެވެ. އެހެންނަމަވެސް ޝެލީ ހުރީ އެވާހަކަތައް ގަބޫލުކުރާ ދަރަޖައިގައެއް ނޫނެވެ. ޝެލީއަށް ލޯތްބަށް ވުރެ މުހިންމީ އެކުވެރިކަމެވެ. ޝެލީ ދެކެނީ ސާހިލްއަކީ އެކުވެރިއެއް ފަދައިންނެވެ. ޝެލީ ލޯބިވީ ހަމައެކަނި ސާޖިދު ދެކެއެވެ. ސާޖިދު ދުނިޔޭގައި ނެތް ނަމަވެސް އަދި ޝެލީގެ ހިތުން އެ ލޯބި ފިލައިގެން ނުދެއެވެ. ސާޖިދުގެ ބޭބެގެ މަގާމުގައި ހުރި ޝެލީގެ އެންމެ ގާތް އެކުވެރިޔާ އެފަދައިން ޝެލީގެ ކިބައިން ލޯތްބަށް އެދުމުން ހަގީގަތުގައިވެސް ޝެލީ ވަރަށް ދެރަވެއްޖެއެވެ. ސާޖިދުގެ ހަނދާންތައް ހިތަށް ގޯނާކުރަން ފެށުމާއެކު ޝެލީއަށް ރޮވިއްޖެއެވެ. އެއީ ވޭންދެނިވި ހަނދާންތަކެކެވެ. އެ ލޯބި ހަނދާން ނައްތާލަން ޝެލީ އެތައް މަސައްކަތެއް ކޮށްފިއެވެ. އާއިލާ މީހުންނާ އެންމެ ގާތް އެކުވެރިޔާގެ އެހީތެރިކަމާއެކު މިހާރުވެސް އެދަނީ ކުރަމުންނެވެ. އެހެންނަމަވެސް މިހާރު އެކުވެރިޔާ އެދަނީ ގެއްލެމުންނެވެ.

"އެއްޗެއް ބުނެބަލަ" ވިސްނުންތަކުން ޝެލީއަށް ދުރުވެވުނީ ސާހިލް ޝެލީގެ އަތުގައި ހިފައި ތަޅުވައިގަތުމުންނެވެ.

"އަހަރެން... އަހަރެން މީހަކާ އިންނަން ރަންކިޔައިފިން. ދެން ބަދަލެއްނުކުރެވޭނެ" ޝެލީ ބުންޏެވެ. އެހިނދު ސާހިލްގެ ދެލޮލުން އޮހިރިގަތް ކަރުނަތައް ފެނި ޝެލީ ފަހަތަށް ޖެހުނެވެ. ހުރި ތަނުގައި ސާހިލް ހުއްޓެވެ. ޝެލީގެ ހިތް ރުއްސަން ދެން އިތުރަށް ސާހިލް ކުރަންވީ ކޮންކަމެއް ހެއްޔެވެ؟

"އެހެންނޫނަސް ދެންމެ ސާހިލް ބުނެފީމެއްނު. އެކުވެރިއެއް ބޭނުމެއް ނޫނޭ" ޝެލީ ބުންޏެވެ. ކުރިއާ ހިލާފަށް ޝެލީގެ އަޑުގައިވެސް މަޑުމައިތިރިކަމެއް ވިއެވެ.

"އަހަރެން ސާހިލްގެ ފަރާތުން އެކުވެރިކަން ނޫން އެހެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އެކުވެރިއެއްގެ މަގާމުގައި ހުރެ ސާހިލް އަހަރެންނަށް ބޭވަފާތެރިތިވީ. ކީއްވެ އަހަރެން ކައިރި ނުވެސްބުނެ އަހަރެން ދެކެ ލޯބިވީ؟ ކީއްވެ އަހަރެން ފުރައިގެން އައުމުގެ ކުރިން އަހަރެން ކައިރީގައި ނުބުނީ؟ މިހުރިހާ ދުވަހު ނުބުނެ ލަސްކުރީ ކީއްވެ؟ އަހަރެންނަށް ސާހިލް ތިއެދޭ އެދުން ފުރިހަމަކޮށެއް ނުދެވޭނެ. ސާޖިދާ އިންނަން އުޅެފަ ސާޖިދު މަރުވެގެން ދިޔައިމަ އަހަރެން ވީ ސާޖިދުގެ ބޭބެ އާ އިންނަންތަ؟ މީހުން ކީކޭ ކިޔާނީ؟ އެހެންނޫނަސް ފިރިއަކަށް އަހަރެންނަށް ދެވޭނެ އެއްޗެއް ނެތް. އަހަރެންގެ އިތްފަތްތެރިކަން ވަނީ ގެއްލުވާލާފަ. އަހަރެން އިންނަން މިއުޅެނީ އެކަން ކުރި މީހާ އާ" ޝެލީ ވާހަކަދެއްކިއެވެ. ސާހިލް ހަމަ ބަހެއްވެސް ނުކިޔައި ކޮޓަރިތެރޭގައި ހިމޭނުން ހުއްޓެވެ.

"އަހަރެން މިދަނީ. ދެން ދުވަހަކުވެސް އަހަރެން މިގެއަށް ނާންނާނަން. ސާހިލް އަހަރެން ހޯދަން ނޫޅޭތި. ސާހިލް އެދޭފަދައިން އަހަރެންވެސް ތި އެކުވެރިޔާ ދޫކޮށްލައިފިން" ފަހަތަށް އެނބުރި ލަސްލަހުން ދޮރާ ދިމާލަށް ޝެލީ ހިނގައިގަތެވެ.

"ނުދޭ... ޕްލީޒް ޝެލީ ނުދޭ...." ކުރެހިފައިވާ އަޑަކުން ސާހިލް ބުންޏެވެ.

ދޮރާ ހަމައިން ހުއްޓިފައި ޝެލީ ފަހަތް ބަލައިލިއެވެ. އެހިނދު ކުރުކަކޫ މައްޗަށް ތިރިވެ އިން ސާހިލް ފެނި ޝެލީގެ ފިޔަވަޅުތަކަށް ހުއްޓުމެއް އަންނަން އުޅުނެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ކުރިއަށް ޝެލީ ހިނގައިގަތެވެ.

ލޯގަނޑުން ނަޒަރު ވަކިކޮށްލާފައި ޝެލީ ފުންނޭވައެއް ދޫކޮށްލިއެވެ. ދެން އަލުން ފޯނަށް ބަލާލައިފައި ގެލެރީގައި އިން ސާހިލްގެ ފޮޓޮއެއް ހުޅުވާލިއެވެ.

"ސޮރީ... ވަރަށް ބޮޑަށް ސޮރީ... އަހަރެންނަށް ތިއެކުވެރިކަން ވަރަށް މުހިންމު" ޝެލީ ބުންޏެވެ.

*****

ނިދަން އުޅުނު ޝެލީއަށް ނުނިދިގެން އެންމެފަހުން ތެދުވެއްޖެއެވެ. ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނިކުތްގޮތަށް ދިޔައީ ބަދިގެ އާ ދިމާލަށެވެ. ލައިޓްތައް ދިއްލާލާފައި ކޮފީތައްޓެއް ހަދައިގެން އައިސް މޭޒުކައިރީގައި އިށީނެވެ. ލަސްލަހުން ކޮފީބޮމުން ދިޔައިރު ޝެލީ ވިސްނަމުން ދިޔައީ ކޯޗެއްކަމެއް ނޭނގެއެވެ.

ބަދިގެތެރެއަށް ވަން އަލްމާޝްއަށް ހައިރާންކަމެއް ލިބުނެވެ. ވަގުތުން ބަލައިލެވުނީ ދިމާލަށް ފެންނަން ހުރި ގަޑިއަށެވެ. ދަންވަރު އެއްގަޑި ބައިވެ ބޮޑުވެއްޖެއެވެ. އަލްމާޝް ބަދިގެއަށް ވަންކަމެއް ޝެލީއަށް ނުވެސް އެނގެއެވެ. އަލްމާޝް އެންމެ ހައިރާންވީ އެކަމާއެވެ. އަލްމާޝް ބަދިގެއަށް އައީ ނިމާން ކަރުގައި ރިއްސާ ވަހަކަ ބުނުމުން ހޫނު ފެންފޮދެއް ބަލައެވެ. އެހެންނަމަވެސް ފިކުރުކުރަން އިން ޝެލީ ފެނިފައި ސުވާލުނުކޮށް އަލްމާޝްއަށް ކެތްނުވިއެވެ.

"ޝެލީ..." ޝެލީގެ ކޮނޑުގައި އަލްމާޝް އަތް ބޭއްވުމާއެކު ޝެލީ ދިޔައީ ސިހިގެންނެވެ.

"މަންމަ... " ޝެލީ ބުންޏެވެ. "މަންމަ މިގަޑީގަ މިތާ ކީއްކުރަނީ؟"

"މަންމައަށް ހީވަނީ ތި ސުވާލުކުރަން ޖެހެނީ މަންމަހެން" އަލްމާޝް ބުންޏެވެ. އަލްމާޝް އެހެން ބުނުމުން ޝެލީ ހީލިއެވެ. އެ ހިނިތުންވުމަކީ ނުތަވަސްކަން ފޮރުވާލަން ޝެލީ ބޭނުކޮށްލި ހަތިޔާރެއްކަން އަލްމާޝްއަށް އެނގުނެވެ.

މަންމަ ވާހަކައެއް އަހާލަންތަ؟" ގޮނޑި ދުރުކޮށްލާފައި އިށީންނަމުން އަލްމާޝް އެހިއެވެ.

"ކައިވެންޏަކީ ސަކަރާތެއް ނޫން. އެއީ އުމުރު ދުވަހަށް ޖަހާލެވޭ ބާރުގަދަ ގޮށެއް. ކުރަން ތިއުޅޭ ކައިވެންޏާ ދަރިފުޅުގެ ހަމަ އެއްވެސް މައްސަލައެއް ނެތްތަ؟ އިކާނުގެ އަންބަކަށްވާން ހަމަ ތައްޔާރުތަ؟" އަލްމާޝް އެހިއެވެ. ޝެލީއަށް އިނދެވުނީ އަލްމާޝްގެ މޫނަށް ބަލަހައްޓައިގެންނެވެ. ތެދަށް ބުނަންވީކަމެއް ނުވަތަ ނޫންކަމެއް ކަނޑައަޅަން ނޭނގިފައެވެ.

"މަންމައަށް ހަމަ ޔަގީންނުވަނީ؟ އެހެންނަމަ ރަންކިޔަން މީހުން ފޮނުވީމަ ލަސްކުރާކަށް ނުބުނާނެ" އަލްމާޝް ބުންޏެވެ.

(ނުނިމޭ)