ވާހަކަ

މޮޔަކޮށްލި މާ - 45

3

ޝެލީއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ސާހިލް އެ އައިގޮތަށް ހިފީ ޝެލީގެ ވައަތުގެ މުލައްދަނޑީގައެވެ. ފާރުގައި ޝެލީ ތަތްކޮށްލިގޮތަށް ދެފަރާތުން ފާރުގައި ދެއަތް ވިއްދާލައިފިއެވެ. ރަތްވެފައިވާ ސާހިލްގެ ދެލޯ އަމާޒުވެފައިވަނީ ޝެލީގެ މޫނަށެވެ. ވާނުވާ ނޭނގި ނޭވާ އަވަސްވެފައި ހުރި ޝެލީ ލަސްލަހުން ސާހިލްގެ މޫނަށް ބަލައިލިއެވެ. ދެން ސާހިލް ހިފި އަތުގައި އަނެއް އަތުން ފިރުމާލައިފިއެވެ.

"ވަރަށް ތަދުވެއްޖެ" ޝެލީ ބުންޏެވެ.

"އަހަރެންނަށްވެސް ތަދުވެޔޭ" ސާހިލް ބުންޏެވެ.

"އަހަރެން ސާހިލްއަށް އަނިޔާއެއް ނުކުރަން" ޝެލީ ބުންޏެވެ. "ފެނޭތަ. މިއީ އަނިޔާއަކީ. މިއީ ދެންމެ އަހަރެންގެ އަތުގައި ސާހިލް ހިފިތަން. މިހިރީ ރަތްވެފަ. ކޮންރުޅިއެއްތަ އައިސްގެން ތިއުޅެނީ؟"

"މީހުންނަށް އަނިޔާ ލިބެނީ ހަމައެކަނި ގައިގަ ޖެހީމައެއްނޫނޭ. ޝެލީ ހާދަ މޮޔައޭ" ސާހިލް ބުންޏެވެ.

"ހެޔޮ. ތަންދައްކާ. އަހަރެން ދާންވެއްޖެ" ޝެލީ އުޅުނީ ސާހިލްގެ މޭގައި އަތް އަޅާފައި ދުރަށް ކޮށްޕާލާށެވެ. އެހެންނަމަވެސް ސާހިލްގެ ހަށިގަނޑަށް ކުޑަވެސް ގުޑުމެއް ނައެވެ. ނުރައްކާތެރި ބެލުމަކުން ޝެލީގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ސާހިލްގެ މޫނަށް ނުބަލަން ޝެލީ ހުރީ ގަސްދުގައެވެ.

"ތިކައިވެނި ނުކޮށްފާނަންތަ؟" ސާހިލް ބުންޏެވެ.

"ވަޓް؟ އަހަރެން ރަންކިޔައިފިން" ޝެލީ ބުންޏެވެ. ސާހިލްއަށް ހީވީ މޭތެރޭގައި ހިތް ފިތުނު ހެންނެވެ. ވޭނީ ބެލުމަކުން ޝެލީ އާ ބަދަލުކޮށްލި ނަޒަރުން ޝެލީ ހައިރާންކޮށްލިއެވެ. ސާހިލް އެ ކައިވެންޏާ ދެކޮޅުވާ ސަބަބު ޝެލީއަށް ވިސްނިއްޖެއެވެ. އެމީހަކީ އިކާނަށް ވީމައެވެ.

"ހިނގާބަލަ ހަމަޖެހިގެން ވާހަކަދައްކާލަން. މިހާރު ސާހިލް ތިއުޅޭގޮތުން އަހަރެން ވަރަށް ބިރުގަނޭ. އަބަދު ރުޅިއައިސްފަ. ކިހިނެއް ތިވަނީ" ޝެލީ ހިފީ ސާހިލްގެ އަތުގައެވެ. އެހިނދު ސާހިލްއަށް ހީވީ ޝެލީގެ އަތުން ހިތުގައި ފިރުމާލަދިން ހެންނެވެ.

ދެކުދިން ހިނގާފައި ގޮސް އިށީނީ ސާހިލްގެ އެނދުގައެވެ.

"ކޮފީ ގެންނަންތަ؟" ޝެލީ އެހިއެވެ.

"ތިއުޅެނީ ކޮފީ ބަހަނާ ދައްކާފައި މިތަނުން ނުކުންނާނެ ގޮތެއް ނޭނގިނެއްނު" ސާހިލް ބުންޏެވެ. ކައިރީގައި އިން ޝެލީގެ މޫނަށް ސާހިލް ބަލަން އިނީ ޝައްކުގެ ނަޒަރަކުންނެވެ.

"އަހަރެން ނޫޅެން ދާން. ދެ ކޮފީ ހިފައިގެން މިއަންނަނީ. އޭރަށް ސާހިލް ފެންވަރައިގެން އާދޭ. މިހާރު ތިހުންނަނީ ކޮން ސިފައަކަށް" ޝެލީ ބުންޏެވެ. ދެން ސާހިލްގެ ހޭވިފައިވާ އިސްތަށިގަނޑު ޝެލީގެ އަތުން ރަނގަޅުކޮށްލަދިނެވެ. އެ އަތުގައި ސާހިލް ހިފެހެއްޓިއެވެ.

"ޕްރޮމިސް" ސާހިލް ބުންޏެވެ. ޝެލީ ހީލިއެވެ. ދެން ސާހިލްގެ އަތުގައި ހިފާފައި 'ޕްރޮމިސް' އޭ ބުނެލިއެވެ. ތެދުވެގެން ފާހާނާ އާ ދިމާލަށް ސާހިލް ހިނގައިގަތީ ވެސް ޝެލީއަށް ބަލަން ހުރެއެވެ.

"މަޑުކުރޭ. މިއޮތީ ތުވާލި" ފާހާނާއަށް ވަދެވަދެ ހުރި ސާހިލް މަޑުކޮށްލިއެވެ. އެވަގުތު ޝެލީ ސާހިލްގެ ކަރުގައި ތުވާލި އަޅުވާލިއެވެ.

ބަދިގެ އާ ދިމާލަށް ދިޔަ ޝެލީއަށް މަޑުޖެހެވުނީ ކޮޓަރިން ނުކުތް އާޝިގާ ފެނިފައެވެ. ދެކުދިންގެ މެދުގައި އެކުވެރިކަމެއް އުފެދިފައި ނެތަސް އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ކުރީގައި ހުރެ ޝެލީ ދިޔައީ އާޝިގާގެ ކިހިލީގައި އިން އަސަލްގެ ކޮލުގައި ކޮށްޓާލާފައެވެ.

ކަބަޑު ކައިރީގައި ހުއްޓުނު ޝެލީ ކޮފީހަދަން އުޅުނުއިރު އާޝިގާ އުޅުނީ އަސަލްއަށް ޔޯގަޓް ތައްޓެއް ކާންދޭން ވެގެންނެވެ. ބޮޑާހާކާފައި އިން އަސަލް އާޝިގާގެ އުރުން ފައިބަން ބޭނުމެއްނުވިއެވެ. އެހެންކަމުން ހުރިހާކަމެއް ކުރަން އާޝިގާއަށް ދަތިކަމަކަށް ވިއެވެ.

"ގެނޭ އަހަރެން އުރާލާނަން" ޝެލީ ބުންޏެވެ. އާޝިގާ ހީލިއެވެ.

"ހިއެއްނުވޭ ދާނެހެނެއް. ނިދާފަ ހޭލެވުނީމަ އަދި މޫޑެއްނާދޭ" ހިނިތުންވުމަކާއެކު އާޝިގާ ބުންޏެވެ. ޝެލީއަށް ފާހަގަކުރެވުނީ ވާހަކަދެއްކުމުގައި އާޝިގާގެ ހިތްހެޔޮކަމެވެ.

"އެހެންވީމަ އާޝިގާ މަޑުކޮށްލާ. އަހަރެން މިދަނީ ތިއެއްޗެހި ހިފައިގެން" ޝެލީ ބުންޏެވެ.

ދެކޮފީތަށި ހިފައިގެން ޝެލީ ކޮޓަރިއަށް ވަންއިރު ސާހިލް ހުރީ ލޯގަނޑު ކުރިމަތީގައެވެ. ޝެލީ ހިފައިގެން ވަން ކޮފީތަށީގައި ހިފާފައި ޝެލީގެ މޫނަށް ބަލައިލިއެވެ.

"އަހަރެން ވާހަކައެއްބުނަންތަ؟" ސާހިލް ކޮފީތަށީގައި ހިފީ ޝެލީގެ އަތްތިލަ އާ އެއްކޮށެވެ. ދެން އެނދާ ދިމާލަށް ޝެލީ ގެންގޮސް އެނދުގައި އިށީނެވެ. ޝެލީ ކިތަންމެ ހަމަޖެހިފައި ހުއްޓަސް ސާހިލް އަދިވެސް އިނީ ގޮތުގައެވެ. ޝެލީގެ އެ ވިސްނުން ބަދަލުނުކުރާހާ ހިނދެއްގައި ސާހިލްއަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

"އަހަރެން ކީއްކުރީމަ ތިކައިވެނި ނުކުރާނީ" ސާހިލް ބުންޏެވެ. ސާހިލްގެ މޫނަށް ބަލައިލާފައި ޝެލީ ފުން ނޭވައެއް ދޫކޮށްލިއެވެ. އަނެއްކާ އެމައުލޫއަށް ސާހިލް ވާހަކަދައްކަން ފެށުމުން ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ.

"އެ ކައިވެނި ކުރެވޭނެ ސާހިލް" ޝެލީ ބުންޏެވެ. "ދެފަރާތުގެ އާއިލާ ތައްޔާރުއެވަނީ. ރަންކިޔައިފިން. އަންނަ ހުކުރުވިލޭރޭ ކައިވެނި އޮތީ. ދެން އަހަރެން ބުނަންވީ ނުކުރާނަމޭތަ؟" ޝެލީ ބުންޏެވެ. ސާހިލްއަށް ރުޅިއިސްކުރެވުނީ ގަސްދުގައެއް ނޫނެވެ. އަތުގައި ހުރި ކޮފީތަށި ދުރަށް ހޫރާލައިފިއެވެ. ޝެލީ ދިޔައި ސިހިގެންނެވެ. ބިރުން ހުރިވަރުން ހަށިގަނޑުގައި ރޫރު އަޅައިގަތެވެ.

"ޝެލީ ތިއުޅެނީ އަހަރެން މޮޔަކޮށްލަންތަ؟ މަރާނުލެވިގެންތަ ތިއުޅެނީ" ސާހިލް ބުންޏެވެ.

"އަހަ... އަހަރެން ދަނީ" ޝެލީ ބުންޏެވެ. ދޮރާ ދިމާލަށް ހިނގައިގަތްތަނާ ސާހިލް ޝެލީގެ އަތުގައި ހިފެހެއްޓިއެވެ.

"ދޫކޮށްލާ. ތިއީ އަހަރެން ދަންނަ ސާހިލްއެއް ނޫން" ޝެލީ ބުންޏެވެ. ޝެލީގެ ދެލޮލުން ކަރުނަ ހިލުނީ ބިރުގަތްވަރުން ކަމެއް ނޫނީ ރުޅިއައިސްފައި ހުރިވަރުން ކަމެއް ނޭނގެއެވެ. އެނގޭ އެއްޗަކީ ޝެލީގެ ކަރުނަތިކި ފެނުމާއެކު ސާހިލްގެ ރުޅި ކޮންމެވެސް ވަރަކަށް މައިތިރިވެއްޖެ ކަމެވެ.

"ސޮރީ. އަހަރެންވެސް ބޭނުމެއްނޫނޭ މިހެން އުޅެން" ސާހިލް ބުންޏެވެ. ޝެލީ އެއްޗެއް ނުބުންޏެވެ.

"އަހަރެން ދިޔަދީ. އަހަރެން ކުރަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި" ޝެލީ ބުންޏެވެ.

"ޕްލީޒް މަޑުކޮށްލަދީ. ކުޑައިރުކޮޅަކު" ސާހިލް އެދުނެވެ.

"ދެން ނުވާނެ. މީހާ ހަމަޔަކަށް އެޅުނީމަ މަށަށް ގުޅާ" ޝެލީ ބުންޏެވެ. "އެހެންނޫނަސް މެރީކުރުމުގެ ކުރިން އަހަރެން ކުރަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި"

"ކައިވެނި.... ކައިވެނި.... އަހަރެން ދުނިޔޭގައި ހުއްޓައި ލާހިކެއްނޫން ތިކައިވެނި ކުރާކަށް" ސާހިލް ބުންޏެވެ. ޝެލީއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

"އަޑުއިވިއްޖެތަ؟ މިބުނީ ޝެލީއަށް ތިކައިވެނި ނުކުރެވޭނޭ. އަހަރެން ތިކަން ހުއްޓުވާނަން" ސާހިލް ބުންޏެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޝެލީ ހުއްޓެވެ. މީގެކުރިން ސާހިލްގެ ފުށުން ނުފެންނަ ކަންތައްތަކެއް ފެންނަމުންދާތީ ޝެލީ ހުރީ ހައިރާންވެފައެވެ.

"ކޮބާތަ ސާހިލްގެ މައްސަލައަކީ؟ އަހަރެން އިންނާނެ މީހަކު އިނގޭނީ އަހަރެންނަށް" ޝެލީ ބުންޏެވެ.

"ބޭކާރު ވާހަކަނުދައްކާ" ސާހިލް ޝެލީ އާ ގާތަށްޖެހުނެވެ. ދެތިން ފިޔަވަޅު ފަހަތަށް އަޅާފައި ލޯ ވަށްކޮށްފައި ސާހިލްގެ މޫނަށް ޝެލީ ބަލައިލިއެވެ.

"ސާހިލް ތިހުރީ މޮޔަވެފަ"

"ޝްޝްޝް..." ޝެލީގެ ތުންފަތުގައި އިނގިލި ޖައްސައިލަމުން ސާހިލް ބުންޏެވެ.

"ދުރަށްދޭ. އަހަރެން މިގެއިން ދާންވެއްޖެ. ދެން ދުވަހަކުވެސް ނާންނާނަން" ޝެލީ ބުންޏެވެ. ޝެލީގެ އެ ބަސްތައް ސާހިލްއަށް ހީވީ ކަންފަތްދަށުގައި ތަކުރާރުވި ހެންނެވެ. އެއީ އެއްގޮތަކަށް ވެސް ޝެލީގެ ދުލުން ބޭރުކޮށްގެންވާނޭ ބަސްތަކެއް ނޫނެވެ.

"ނުދެވޭނެ ޝެލީއަކަށް. ޝެލީ ތިއީ އަހަރެންގެ މީހެއް" ސާހިލް ބުންޏެވެ.

"ހަމަ ރަނގަޅަށްވެސް ތިހުރީ ހަންޑިއެއް އަވަލަވާފަ. އަހަރެން ބިރުގަންނަން ފަށައިފި" ދޮރު ކައިރިން ސާހިލް ދުރަށް ޖައްސަން މަސައްކަތް ކުރަމުން ޝެލީ ބުންޏެވެ.

"ތިގޮތަށް އަހަރެން ކޮޓަރީގައި ހިފަހައްޓަން ސާހިލް ތިއީ ކާކު؟ އަހަރެންނަކީ މީހަކާ އިންނަން ރަންކިޔާފަ ހުރި އަންހެނެއް. ސާހިލްއަކަށް ތިހެން ހެދުމުގެ އެއްވެސް ހައްގެއް ނޯންނާނެ" ޝެލީ ބުންޏެވެ.

ޝެލީގެ ކުރިމަތީގައި ހިތްހުޅުވާނުލުމަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުން ސާހިލް ދިޔައެވެ. ދުރުދުރުން ސާހިލް ބޭނުންވާގޮތް ޝެލީއަށް އަންގައިދިނުމަށް އެތައް މަސައްކަތެއް އޭނާ ކޮށްފިއެވެ.

"ކިހިނެއްވެގެންތަ ސާހިލް ތިއުޅެނީ. އަހަރެން މީހަކާ އިނިއްޔާ ސާހިލްއަށް ކީއްތަ؟ ކީއްވެ ތިހެން ތިއުޅެނީ؟" ޝެލީ ބުންޏެވެ.

"އައި ލަވް ޔޫ ޑޭމިޓް" އެންމެފަހުން ހިތަށް އުނދަގޫ ކުރަމުން އައި އިހުސާސް ސާހިލްއަށް ދުލުން ބޭރުކުރެވުނެވެ. ފަހުން ވާނެ ގޮތަކަށް ވިސްނާލުމެއް ނެތިއެވެ.

*********

ދޮރުހުޅުވާލާފައި އެތެރެއަށް ވަން ޝިއުރާ އާއި ސިޔާގެ ފަހަތުގައި ހުރި އަންހެންކުއްޖާ ފެނިފައި ސޯފާގައި ނޫސްބަލަން އިން އައްބާސް ތެދުވިއެވެ. ސުވާލު އުފެދިފައި ޝިއުރާއަށް ބަލައިލިތަނާ ހީލައިފިއެވެ.

"މިއީ އާޝިގާ. މަގުމަތިން އަޅުގަނޑުމެންނާ ދިމާވީ. އާޝިގާގެ ބޮލަށް އެނބުރުން އަރައިގަނެގެން ތަނެއްގައި ހިފަހައްޓައިގެން ހުއްޓަ ފެނުނީ. އެހެންވެ އަޅުގަނޑު އެތެރެއަށް މިވެއްދީ. އާޝިގާ އެތަނަށް ވެއްޓުނުނަމަ މިކުޑަ ކުއްޖާއަށް ބޮޑު އަނިޔާއެއް ވީހެއްނު" ޝިއުރާ ބުންޏެވެ. އޭރު ސިޔާ އާޝިގާގެ އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބައިންދައިފިއެވެ.

"ވަރަށް ރަނގަޅު ދަރިފުޅާ. މިހާރު ކިހިނެއްތަ؟" އާޝިގާއަށް އައްބާސް އެހިއެވެ.

"އަލްހަމްދުލިއްލާހް. ރަނގަޅު" އާޝިގާ ބުންޏެވެ.

"ހިނގާ ފިނި އެއްޗެއް ބޯލަންދާން. އޭރުން އަރާމުވާނެ. ގޭ މީހަކަށް ގުޅާނީ ދޯ. އެބައިންތަ ގޭ މީހެއްގެ ނަންބަރު" ޝިއުރާ ބުންޏެވެ. އާޝިގާގެ އަތުގައި އިން އަސަލް ސިޔާ އުރާލިއެވެ. ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާ ސިޔާ އަސަލް ގޮވައިގެން ވަނީ ކޮޓަރިއަށެވެ. އެނދުގައި އަސަލް ބައިންދާފައި ސިޔާގެ ފޯނުން ކުޑަކުދިންގެ ލަވައެއް އަޅުވާފައި އަސަލްއަށް ދިނެވެ. ނުދަންނަ ބައެއްގެ ތެރޭގައި ހުރެވުނުކަން އެނގި އަސަލް ރަކިވެފައި އިނަސް ލަވައިގެ އަޑު އިވުމާއެކު އަސަލް ޗާޖުވިއެވެ. އަތްޖަހަމުން ލަވަ އާ އެއްވަރަށް ތުއްތު އަޑުން ލަވަކިޔަމުން ދިޔައެވެ.

ދޮރުގައި ޓަކިޖަހާލި އަޑު އިވުނީ ސިޔާ އަސަލްއަށް ބަލަހައްޓައިގެން އިންދައެވެ. ސިޔާ ތެދުވެގެން ގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ އިކާނެވެ.

"ދޮންބެ ކޮޓަރީ ފާހަނަ ތަޅުލެވިފަ ހުރީ. މިކޮޓަރި ފާހާނާ ޔޫސްކޮށްލަންވެގެން" އިކާން ބުންޏެވެ. ސިޔާ ބަހެއް ނުބުނެ ދޮރު ބޮޑަށް ހުޅުވާލިއެވެ. އަދިވެސް ސިޔާ އިކާނާ ވާހަކައެއް ނުދައްކައެވެ. އިކާން ބަހެއް ކިއިޔަސް ގިނަ ފަހަރަށް ޖަވާބެއް ނުދެއެވެ.

ކޮޓަރިއަށް ވަނުމާއެކު އިކާންގެ ލޮލުގައި އަޅައިގަތީ އެނދުގައި އިން އަސަލްއެވެ. އެ މޫނުން ނަޒަރު ވަކިކޮށްލަން އުޅުނަސް އިކާނަށް އެކަން ނުވިއެވެ. ފާހާނާއަށް ދިމާލަށް ގޮސްގޮސް ހުރެފައި އަސަލް އާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ހީވީ ނުފެންނަ ބާރަކުން އެނދާ ގާތަށް އިކާން ގެންދާހެންނެވެ.

"މިއީ ކޮންކުއްޖެއް؟ ހާދަ ލޯބި ކުއްޖެކޭ" އެނދު ކައިރީގައި ހުއްޓިފައި އިކާން ބުންޏެވެ. އަސަލް އިކާނަށް ބަލައިލިއެވެ. ސާފު ހުދުކުލައިގެ ދެލޯ އިކާނަށް އަމާޒުކޮށްލި ގޮތަށް އެހެން ދިމާލަށް އަނބުރާވެސްނުލިއެވެ. ދެލޮލުން ބަފައެއްގެ ލޯބިހޯދާ ކަހަލައެވެ. އިކާނަށް އެނދުގައި އިށީނދެވުނެވެ. އަސަލް ކޮލުގައި ފިރުމާލިއެވެ.

"ކޮން ނަމެއް ކިޔަނީ؟" އިކާން އެހިއެވެ. ދެން އަސަލް ނަގާފައި އުނގަށްލިއެވެ. އިކާންގެ އެ ހަރަކާތުގައި އައިބުގޮތެއް ހުއްޓެވެ. ރަނގަޅަށް ކުޑަކުއްޖަކު އުރާލަންވެސް ނޭނގެއޭ ސިޔާގެ ހިތަށް އެރިއެވެ.

"އަސަލް ކިޔަނީ. ދެން ދޭ ތިކުރަން އައި ކަމެއް ކުރަން. އެއްޗެހި ބަދަލުނުކުރެވިފަ މިހެރީ" ސިޔާ ބުންޏެވެ.

އަސަލް އޭ ބުނުމާއެކު އިކާނަށް ހުއްޓުން އެރިއެވެ. އެއީ އޭނާއަށް އާ ނަމެއް ނޫނެވެ. އާޝިގާ އާ އިނުމުގެ ކުރިން ފޯނުން ގުޅައިގެން ލޯބީގެ މާތައް ފޮޅުވިއިރު ދަރިން ހޯދާފައި އެ ދަރިންނަށް ކިޔާނެ ނަންތަކެއް ލިސްޓު ކުރިއެވެ. އަސަލް އަކީ ދޮއްޓަށް ފިރިހެން ދަރިއަކު ލިބިއްޖިއްޔާ ކިޔަން ބުނި ނަމެވެ. އެ ނަން ކަމުދިޔައީވެސް އިކާނަށެވެ. އަސަލް އެނދުގައި ބައިންދާފައި އިކާން ފުންމައިގެން ތެދުވިއެވެ.

"އާޝިގާ ބަލައި އައިސްފި. ކުޑަމީހާ ކޮބާ؟" އެތެރެއަށް ވަން ޝިއުރާ ބުންޏެވެ.

އިކާން ފެނި ޖަޒުބާތީވެފައި އިން އަސަލްއަށް ޝިއުރާގެ ފުރަގަހުން އާޝިގާ ފެނުމާއެކު ރޮއެގަނެއްޖެއެވެ. އިކާނަށް ނަޒަރެއްދީފައި އާޝިގާއަށް ބަލައިލިއިރު ހީވީ މަންމަ ކައިރީގައި ބައްޕަގެ ޝަކުވާއެއްކޮށްލި ހެންނެވެ.

"އަނހަ ކީއްވެ ރޮވުނީ؟" ޝިއުރާ ބުންޏެވެ.

އެއިން އެއްވެސް މީހަކަށް ގަބުއަރާފައި ހުރި އިކާން ނުފެނެއެވެ. އިކާންގެ ނަޒަރު ހުއްޓިފައި ހުރީ ލައްޕާލާފައި ހުރި ދޮރުން އެތެރޭގައި ހުރި އާޝިގާއަށެވެ. އިކާނަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. އާޝިގާއަށް އެގެއަށް އަންނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ވާހަކައެއް ކިޔައިދިނީ ހެއްޔެވެ؟ ހުރިހާ ކަމެއް އެހަމަވީއެވެ. ސިއްރުކޮށްގެން އުޅުނު ކަންތައް އެންމެންނަށް ހާމަވީއެވެ. އިކާން ހާސްވީ ލަކްޔަން އަމަލުކުރާނެގޮތެއް ނޭނގިފައެވެ.

އެނދުގައި އިން އަސަލް އުރާލައިގެން އައިސް އާޝިގާ އަތަށް ދިއްކޮށްލިއިރު އާޝިގާގެ ނަޒަރު ހުއްޓިފައިވަނީ އިކާނަށެވެ. ޝިއުރާއަށް އެކަން އެނގުމާއެކު ބަލައިލިއެވެ. އިކާން ކޮޓަރީގައި ހުރިކަންވެސް ޝިއުރާއަށް ފަހުމްވީ އެހިސާބުންނެވެ.

"ވަރަށް ރޮއޭ އެބަ. ހުއްޓުވާ އަވަހަށް" ޝިއުރާ ބުންޏެވެ. އާޝިގާ އަސަލް އުރާލިއެވެ.

"އިކާންވެސް އެބައުޅެންތަ؟" ޝިއުރާ ބުންޏެވެ.

އިކާނާއި އާޝިގާއަށް ބަލަމުން އައި ސިޔާ ހުއްޓުނީ އާޝިގާގެ ކައިރީގައެވެ. ދެން އާޝިގާގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮތް އަސަލްގެ ބޮލުގައި ފިރުމާލިއެވެ. ވަށައިގެންވި މާހައުލުގައި ހިނގާ އެއްވެސް ކަމެއް އިހުސާސް ނުވެފައި ހުރި އާޝިގާ ސިހުނީ އަތުގައި އޮތް ފޯނު ވައިބްރޭޓްވުމުންނެވެ. ބަލައިލިރު ގުޅަނީ ސަމީރާއެވެ. ސާހިލް އެދެމައިން ބަލައި އައީކަން އާޝިގާއަށް އެނގުނެވެ.

"ދަނީ. ޝުކުރިއްޔާ ވަރަށް ބޮޑަށް" އިކާންގެ މޫނުން ނަޒަރު ވަކިކޮށްލާފައި އާޝިގާ ޝިއުރާއަށް ބުންޏެވެ.

"އަދި އަންނަންވާނެ އިނގޭ މިގެއަށް. މިހާރު ދެން ރައްޓެހިވެވުނީނު. މަޑުކޮށްބަލަ ދީބަލަ ފޯނު ނަންބަރު" ހިނގައިގަތް އާޝިގާގެ ފަހަތުން ނުކުތް ޝިއުރާ ބުންޏެވެ.

"ފޯނު ނަންބަރު ދީފާނަން. އެކަމަކު ދެން މިގެއަށް އަހަރެން އައުން އެހާ ރަނގަޅުވާނެހެނެއް ހިއެއްނުވޭ" އާޝިގާ ބުންޏެވެ. ދެން ޝިއުރާ ދިއްކޮށްލި ފޯނުގައި ނަންބަރު ޖެހިއެވެ.

"ކީއްވެ؟ ކީއްވެ ތިހެން ތިބުނީ؟" ޝިއުރާ އެހިއެވެ.

"ދަނީ" އާޝިގާ ބުންޏެވެ. ޝިއުރާ އިތުރު ސުވާލެއްނުކޮށް ދޮރުލައްޕާލާފައި ބަލައިލީ ސިޔާގެ ކޮޓަރި ދޮރުމަތީގައި ހުރި އިކާނަށެވެ. ޝިއުރާގެ އެ ބެލުމުން އިކާނަށް އުނދަގުވިއެވެ. އެހެންކަމުން ހަމަޖެހިލެވޭތޯ އިކާން މަސައްކަތްކުރިއެވެ.

"ޔަގީން އާޝިގާއްތަ މި ދޮންބެއަށް އެނގޭ. އާޝިގާއްތަ އެހެން އެބުނީ ދޮންބެގެ ސަބަބުން. ބޭބީވެސް ދޮންބެ ދެކެ ބިރުން ރުއީ" ސިޔާ ބުންޏެވެ. އެއީ ކޮޓަރިތަކުން އެންމެން ނުކުތް ވަގުތެވެ.

"ކުޑާއަށް ވެސް ފެނުނެއްނު އާޝިގާއްތަ ދޮންބެއަށް ބަލަންހުރި ގޮތް" ސިޔާ ބުންޏެވެ.

"ސިޔާ...." އިކާން ސިޔާއަށް ގޮވާލިއެވެ. ގޭމީހަކަށް އަދި ހަގީގަތް ނޭނގޭކަން އެނގުމުން އިކާން ހަމަޖެހުނެވެ.

"ކިހިނެއްވެގެން މިއުޅެނީ؟ ކާކު ވާހަކައެއް މިދެކެވެނީ؟" ލަކްޔަން އެހިއެވެ.

"މިގެއަށް ދެންމެ އައި އާޝިގާއްތަ. ދޮންބެއަށް ބެލީ ފާޑަކަށް. ދޮންބެ ކައިރިވީމަ އާޝިގާއްތަގެ ބޭބީވެސް ރުއީ" ސިޔާ ބުންޏެވެ.

"ކޮން އާޝިގާއެއް؟ ކީއްކުރަން އައި ކުއްޖެއް؟ ކާކު ގެނައި ކުއްޖެއް؟" ލަކްޔަން އެހިއެވެ.

ޝިއުރާ ލަކްޔަންއަށް ވީގޮތް ކިޔައިދިނެވެ. އެހިސާބުން ލަކްޔަންގެ ޝައްކުގެ ނަޒަރުވެސް އަމާޒުވީ އިކާނަށެވެ. އިކާންގެ ދެފަރާތުން އައްބާސް އާއި ޖޫލީ ހުއްޓުނުއިރު ހީވީ ލަކްޔަންގެ ހަމަލައަކުން އިކާން ސަލާމަތްކުރަން ކައިރިވި ހެންނެވެ.

"ތަނަކު އަންހެނަކު ހުރިއްޔާ އަޅުގަނޑަށް އެނގެންޖެހޭތަ؟ އަޅުގަނޑުވެސް އަދި އެކުއްޖާ އަލަ.... އަލަށް މިދެކުނީ. ސިޔާ ތިހާވަރަށް ދޮންބެ ދެކެ ރުޅިއަންނާކަށް ނުވާނެ" އިކާން ބުންޏެވެ. ދެން އެއްވެސް މީހަކަށް ބެލުމެއްނެތި ކޮޓަރިއަށް ވަނެވެ.

"އެސޮރުވެސް އެބުނީ ދޮގުވާހަކައެއް ނޫން. ކޮންމެ ކަމަކަށްވެސް ޙައްދެއް އޮންނަންވާނެ" އައްބާސް ބުންޏެވެ.

"ސިޔާ ދޭ ކޮޓަރިއަށް" ލަކްޔަން ބުންޏެވެ.

*******

ޓެކްސީގެ ކުރީ ޝީޓުގައި އިން ސާހިލްގެ ކޮނޑުމަތީގައި އަސަލް ނިދާފައި އޮތެވެ. ފަހަތުގައި އާޝިގާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. އެގޮތަށް އިކާންގެ ކުރިމައްޗަށް އަރަންޖެހިދާނެ ކަމަށް ދުވަހަކުވެސް އާޝިގާ ހިއެއް ނުކުރެއެވެ. އެވެސް ދަރިފުޅާ އެކުގައެވެ.

"މި ހިސާބަށް އައީ ކިހިނެއް؟ މިއީ ހާދަ ދުރު ހިސާބެކޭ" ސާހިލް އެހިއެވެ.

"ހިނގަމުން ހިނގަމުން އާދެވުނީ" އާޝިގާ ބުންޏެވެ.

ކޮންމެގޮތެއް ވިޔަސް ފުރަތަމަ ފަހަރަށް އިކާނަށް އަސަލް ފެނިއްޖެއެވެ. އެހެންނަމަވެސް ބަފާވަންތަ ކުލުނެއް އިކާންގެ މޫނުމަތިން ނުފެނެއެވެ. އިކާން ދެން ކަންތައްކުރާނެ ގޮތެއްވެސް ނޭނގެއެވެ. އަންނަ ރުޅީގައި ވަރިނުކޮށްފިއްޔާ ރަނގަޅެވެ. އެކިކަހަލަ ވަސްވާސްތަކުން އާޝިގާގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ.

އުނގުތެރޭގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމާއެކު އާޝިގާގެ ވިސްނުންތައް އެއްފަރާތް ވެއްޖެއެވެ. އިކާންގެ މެސެޖެއްކަން އެނގުމާއެކު ހިތް އަވަސްވެލިއެވެ.

"އަހަރެން ބައްދަލުކުރަން ބޭނުން. މިރޭ ނުވައެއް ޖަހާއިރު. ތަން އަހަރެން ފަހުން މެސެޖުކުރާނަން"

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟