"މަންމާ... މި ދުނިޔެއިން އަޅުގަނޑު ހަމައެކަނި ލޯބިވީ ޝެލީ ދެކެ... މާކުރިން.... ކޮއްކޮއަށް ވުރެވެސް ކުރިން...." ސާހިލް ބުންޏެވެ. އެހިނދު ސަމީރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދެލޮލުގައި ބޮނޑިވެގަތް ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހޮރިގަނެއްޖެއެވެ. ވާންވީ ދެރަކަމެއް ނުވަތަ އުފާކަމެއް ސަމީރާއަށް ނޭނގުނެވެ.
"އެކަމަކު... ތިއީ ކޮންއިރަކު؟" ސަމީރާ ބުންޏެވެ.
"ވަރަށް ކުރިން. ކިޔަވަން ތިބިއިރު. ޝެލީއަށް މިކަމެއް ނޭނގޭނެ" ސާހިލް ބުންޏެވެ. ސަމީރާ ހުއްޓުން އަރާފައި އިނެވެ. ޝެލީއާ ސާހިލް ގުޅެން ހިތުން އެދެވެން ފެށިއެވެ. އެހެންނަމަވެސް މިހާރު ޝެލީ އެވަނީ ގޮތް ނިންމައިފައެވެ. އެ ކައިވެނި ނުކުރާށޭ ބުނެ ޝެލީއާ ވާހަކަދައްކަންވެސް ސަމީރާ ލަދުވެތިވިއެވެ. އެއްކޮޅުން ސާހިލް އެއީ ސާޖިދުގެ އެއްބަފާ ކޮއްކޮއެވެ. އެކައިވެނި ކުރަން ސަމީރާ ބާރު އަޅައިފިނަމަ މީހުން ފާޑުފާޑުގެ ވާހަކަވެސް ދައްކާނެއެވެ. އަނެއްކޮޅުން އުފަން ލޭ ނޫނަސް ހުރި ހަމައެކަނި ދަރިއެވެ. އެހާ ހިތްދަތިކަމުގައި ދަރިފުޅުގެ ހިތް ހަލާކުވާތަން ދެކޭކަށް ސަމީރާއަކަށް ކެތެއް ނުވާނެއެވެ. ކޮންމެގޮތެއްވިޔަސް ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށެވެ.
"ދެރަނުވޭ ދަރިފުޅާ. ތިކަމުގައި ހެވެއްވާނަމަ އެކަލާނގެ ނިޔާ ކަނޑައަޅާނީ އެންމެ ރަނގަޅަށް. ހިތްވަރުކުރޭ" ސާހިލްގެ އިސްތަށިގަނޑުގައި ފިރުމަމުން ސަމީރާ ކިޔަމުން ދިޔައެވެ.
*****
ފޯނު ކަނޑާލާފައި އަލްމާޝް ބަލައިލީ އެނދުގައި އޮތް ނިމާނަށެވެ. ބޯދަށަށް އަތް ލައްވާލައިގެން އަދިވެސް ނިމާން އޮތީ ފިކުރެއްގައެވެ. އެހެން އޭނާ އޮންނަތާ ތިރީހަކަށް މިނެޓް ވެދާނެއެވެ. ނިމާންގެ މަގަތުގައި އިށީނުމަށްފަހު އަލްމާޝް ހިފީ ބޯދަށުގައި އޮތް ނިމާންގެ އަތުގައެވެ. ދެން ގަދަކަމުން ކަހަލަ ގޮތަކަށް ނިމާންގެ ސަމާލުކަން ހޯދައިފިއެވެ.
"ލަކީއަށް ޖަވާބު ދެވިއްޖެ" އަލްމާޝް ބުންޏެވެ.
"އަހަރެން ޝެލީއާ ވާހަކަދައްކާލަން ބޭނުން" ނިމާން ބުންޏެވެ.
"މާލަސްވެއްޖެ. އަހަރެންނަކަށް ހިއެއްނުވޭ އެކުއްޖާ އެ ހިޔާލު ދޫކޮށްލާނެހެނެއް" އަލްމާޝް ބުންޏެވެ.
"އަހަރެން ހާދަ ބިރެއް އެބަގަނެއޭ. ހީވަނީ ޝެލީ އެ އުޅެނީ އަނެއްކާވެސް ދަންތުރައެއްގައި ޖެހެންހެން" ނިމާން ބުންޏެވެ.
"ތިގޮތަށް ނުވިސްނަބަލަ. ހުރިހާކަމެއްވެސް ރަނގަޅުވާނެ. އެގުޅުމަށް ކޮންމެހެން އަހަރެން ރުހެނީކީ ނޫން. ލަކީ ބުނި އެސޮރުގެ ދިރިއުޅުމަށް ވަރަށް ބަދަލު އަތުވެއްޖޭ" އަލްމާޝް ބުންޏެވެ.
"އަހަރެންނަށް ހަމަ ނުރުހެވޭ. ހިތަށް އަރަނީ އަހަރެން އަތުން ވަޅުގަނޑަކަށް ޝެލީ ވައްޓާލެވެނީއޭ. އަހަރެންތާ ވަލީ ދޭނީ" ނިމާން ބުންޏެވެ. ނިމާންގެ އެ ކަންބޮޑުވުން އަލްމާޝްއަށް އިހުސާސް ކުރެވުނެވެ. ޝެލީ އިކާނާ އިންނަން ކިއި ހިސާބުން ފެށިގެން ނިމާންގެ މޫނުމަތިން އުޖާލާކަމެއް ނުފެނެއެވެ. ގޭގައި ހުރިއްޔާ އަބަދުވެސް ފެންނަނީ ނިމާންގެ ހަމަޖެހުން ގެއްލިފައިވާ މޫނެވެ. ޝެލީ ފެންނަ ހިސާބެއްގައި ހުރިއްޔާ އަބަދުވެސް ހުންނަނީ ޝެލީގެ މޫނަށް ބަލަހައްޓައިގެންނެވެ.
*****
އިކާނާ އިންނަން ޝެލީ ރުހުނުކަން އާއިލާއަށް ލަކްޔަން އިއްވީ ރޭގަނޑުގެ ކެއުން ކުރިއަށްދިޔަ ވަގުތުގައެވެ. އަނގައާ ދިމާލަށް ގެންދިޔަ އޫ ކާއެތިކޮޅާއެކު އިކާނަށް މަޑުޖައްސާލެވުނެވެ. ކަންފަތަށް އިވުނު ގޮތްބާއޭ ހިތަށް އެރިއެވެ. ހިނިވެސް އައެވެ. ޝެލީ ރުހުނިއްޔޭ ބުނީ އަނެއްކާ ލަކްޔަންއަށް އޮޅިގެން ހެއްޔެވެ؟ އަނެއްކާ މިއޮވެވުނީ ހުވަފެނެއްގައި ހެއްޔެވެ؟
"ކީކޭ ބައްޕާ" އިތުރަށް ޔަގީންކުރަން އިކާން ބޭނުންވިއެވެ.
"މިބުނީ ޝެލީ ރުހުނިއްޔޭ. ހަނދާންކުރާތި އަމިއްލައަށް ތި ކުރިމަތިލީ ކިހާވަރެއްގެ ކަމަކާ ކަން" އިންޒާރެއްދޭ ފަދައިން ލަކްޔަން ބުންޏެވެ. ލަކްޔަންގެ އަޑުގައިވި ހަރުކަށިކަން އިކާނަށް އަންދާޒާ ކުރެވުނެވެ.
"ޝެލީ ބޭނުންވަނީ މިކާލްގެ ކައިވެންޏާއެކު ނިންމަންށޯ މާޝް ބުނީ" ލަކްޔަން ބުންޏެވެ. ޝިއުރާގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. އައްބާސްގެ ތުންފަތުގައިވެސް ހިނިތުންވުމެއް ވިއެވެ. ވާނުވާ ނޭނގިފައި އިނީ ސިޔާގެ އެއްފާރާތުގައި އިން ޖޫލީއެވެ. ހިނިތުންވާން ނޭނގިފައި އިން ސިޔާގެ އަތުގައި ޖޫލީ ކޮށްޓާލިއެވެ. ސިޔާ ބަލައިލުމާއެކު އެންމެން ހިނިތުންވަނީ ކީއްވެގެންތޯ ޖޫލީ ސުވާލުކުރިއެވެ. ވެގެންއުޅޭ ގޮތް ސިޔާ ޖޫލީއަށް ސާފުކޮށްދިނެވެ. އެހިނދު ޖޫލީގެ ތުންފަތްމަތިން ވެސް ހިނިތުންވުމެއް ފާޅުވެލިއެވެ.
"ޝެލީގެ ހެދުންވެސް ދެން ނިންމާނުލެވޭނެ. ވަގުތެއްވެސް ނެތެއްނު" ޝިއުރާ ބުންޏެވެ. ޝިއުރާގެ އަޑުގައިވީ ކެތްތެރިކަން ކުޑަވެފައިވި އަސަރުތަކެވެ.
"އެ ހުރިހާކަމެއް ޝެލީ ބޭނުންވަނީ ޝެލީ އަމިއްލައަށް ހަމަޖައްސާށޯ. ޕާޓީއެއް ބާއްވަންވެސް ބޭނުމެއްނުވެޔޯ. ހަމައެކަނި ކޯޓަށް ގޮސް ކައިވެނިކުރަން ޝެލީ ބޭނުންވަނީ" ލަކްޔަން ބުންޏެވެ. ޝިއުރާގެ މޫނުމަތި މިލައިލިއެވެ. އިކާންގެ ފުރަތަމަ ކައިވެންޏަށް ވީތީ ފެންވަރުގެ ޕާޓީއެއް ބާއްވަން ޝިއުރާ ބޭނުންވިޔަސް އެކަން ނުވާނެކަން އެނގުމުން ދެރަވިއެވެ. ކަންތައްތައްވެފައި އޮތްގޮތުން ޝެލީގެ ނިންމުމަށް އިހުތިރާމްކުރުން ނޫންގޮތެއް ނެތެވެ.
އަ.... އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެބައޮތް" އިކާން ބުންޏެވެ. ލަކްޔަން އިކާނަށް ބަލައިލިއެވެ.
"ކޮންކަމެއް؟ ކައިވެންޏަށްފަހު ޝެލީ ބައިންދާނީ މިގޭގަ. ވަކިން ދިރިއުޅެން އަހަރެން ކަލެއަށް ފުރުސަތެއް ނުދޭނަން. ތެދަށް ބުނަންޏާ އަދިވެސް އަހަރެންނަށް މިއުޅެނީ ކަލެއަށް އިތުބާރު ނުކުރެވިގެން" ލަކްޔަން ބުންޏެވެ.
"ތިކަހަލަ އެދުމެއް ނޫން. ކޯޓަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކެއް ހުށަހަޅާނީ އަޅުގަނޑު. އެއީ އަޅުގަނޑު ވަރަށް ކުރަން ބޭނުންވާ ކަމެއް" ލަކްޔަން ބުންޏެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގީ ސަބަބު ހާމަކުރަން އިކާން ބޭނުންނުވިއެވެ. އާއިލާ މީހުންގެ ކުރިމަތީގައި އިކާންގެ އަނދިރި ފަރާތް ހާމަވާން ފަހަރެއްގައިވެސް އޭނާ ނޭދެއެވެ.
*****
ކޮޓަރިއަށް ވަންގޮތަށް އިކާން ގުޅީ ރާވީއަށެވެ. ކައިވެނި ހަމަޖެހުނު ވާހަކަ އިކާން ބުނުމާއެކު ފުރަތަމަ ރާވީއަށް ގަބޫލުނުކުރެވުނެވެ. އެހެންނަމަވެސް ފަހުވަގުތު ރާވީ ގަބޫލުކުރިއެވެ.
"ކަލޭ ލޯބިވަނީތަ އަނެއްކާ" ރާވީ އެހިއެވެ. ރާވީ އެހެން އެހީ އެ ވާހަކަދެއްކިއިރު އިކާންގެ އަޑުގައި އާދަޔާހިލާފު ޖޯޝެއް ވާހެން ހީވެގެންނެވެ.
"ކުރީ ދުވަހު ފެނުނު ފަހުން އަބަދު ދެކިލާ ހިތްވަނީ. މިއީ ލޯބިތަ؟ އަހަރެން ގަބޫލެއް ނުކުރާނަން" އިކާން ބުންޏެވެ.
"ތިއޮތީ ޖެހޭނެތާކު ޖެހިފަ. ކައިވެންޏަށްފަހު އަހަރެންނަށް ޔަގީން ކަލޭ ޝެލީ ބައިންދާނީ ދެލޮލުގެ އެސްފިޔަ މަތީގައިކަން" ރާވީ ބުންޏެވެ.
"ނޯޕް... އެހެނެއް ނުވާނެ. އަހަރެން ބޭނުންވަނީ އެމަލުން ފޮނި ބޯން. އެއީ ތަފާތު މަލެއް. އަހަރެން ނޫނީ އަދި އެހެން ފިރިހެނެއް ބީހިފަ ނުވާ މަލެއްކަން ޔަގީން. ދެން އިތުރު މީހަކަށް ލިބުނަ ނުވެސްދޭނަން. އެއީ މިހާރު އަހަރެންގެ ހައްގެއް" އިކާން ބުންޏެވެ.
"އެކަމަކު އަހަރެން ހިތަށް އަރާ އެހާ ފަސޭހައިން އޭނަ އެއްބަސްވީ ކީއްވެގެންބާއޭ؟ ނުބައެއް އެބައުޅޭ" ރާވީ ބުންޏެވެ. އެކަމާ އިކާނަށް ވިސްނާލެވުނީ ދެނެވެ. އެހެންނަމަވެސް ދެފަރާތަށް ބޯހޫރާލާފައި އިކާން ހީލައިފިއެވެ. ކައިވެންޏަށްފަހު ހިނގާނީ ފިރިމީހާގެ ބާރެވެ. ޝެލީއަށް ޖެހޭނީ ފިރިމީހާ ބުނިގޮތެއް ހަދައިގެން މައިތިރިވެގެން އިންނާށެވެ. ޝެލީ އެކައިވެންޏާ ރުހުނީ ކޮންމެ މަގުސަދެއްގައި ނަމަވެސް ކުޅިފަސް ލިބޭނީ ފިރިމީހާގެ ކޮޅަށެވެ. ޝެލީ ދެފިޔަގަނޑު ފަތުރާލައިގެން އުދުހެން ބޭނުންކަމަށްވާނަމަ ދޫނި ބިމަށް ތިރިކުރާނެ ކިތަންމެ ގޮތެއް ޝިކާރަވެރިޔާއަށް އެނގިގެންވެއެވެ.
*****
ދެ ދުވަސްފަހެވެ. ކާން ތައްޔާރުކޮށްފައި ހުރި މޭޒު ކައިރީގައި އާޝިގާއާއި ސަމީރާ އިށީނދެގެން ތިއްބެވެ. އިތުރު މީހަކު ގޭތެރޭގައި ނެތެވެ. އަސަލް ނިންދަވާފައި އާޝިގާ ބޭރަށް ނުކުމެލީ މުހިންމު ވާހަކައެއް ދައްކަންވެގެން ސަމީރާ އުޅުމުންނެވެ. އެހެންނަމަވެސް އެވާހަކަ ސަމީރާއަށް ނުބުނެވިގެން އުޅެނިކޮށް ގޭތެރެއަށް ވަން ސާހިލް ފެނުނެވެ. ސޯފާ އާ ހަމައިން ގަމީހުގެ ދަށަށް ޖަހާފައި ހުރި ބައި ސާހިލް ނައްޓާލިއެވެ. ކޮޓަރިއާ ދިމާލަށް ދަނިކޮށް ސަމީރާ ގޮވާލުމުން ސާހިލް މިސްރާބު ޖެހީ އެދިމާލަށެވެ.
"ކާންވީނުން" ސަމީރާ ބުންޏެވެ.
"ނެތް ކާހިތެއް" ސާހިލް ބުންޏެވެ. މާކުރިންވެސް ސާހިލްގެ ފަރާތުން ލިބޭނީ އެ ޖަވާބުކަން ސަމީރާއަށް އެނގެއެވެ. ރަނގަޅަށް ކާއެއްޗެއް ނުކާތާ ތިންދުވަސް ވެއްޖެއެވެ. ދަރިފުޅުގެ އެހާލަތު ފެނުމުން ސަމީރާ އިންތިހާއަށް ދެރަވެއެވެ. އެހެންނަމަވެސް ވަގުތާއެކު ކޮންމެ ކަމެއްވެސް ބަދަލުވާނެކަން ސަމީރާ ހަނދާނެއް ނުނެތެއެވެ.
"ނުކެޔަސް ޖޫސްތައްޓެއް ބޯލަންވީނުން" ސަމީރާ ބުންޏެވެ. ސާހިލް ބޯޖަހާލިއެވެ. ސަމީރާ އާޝިގާއަށް ބަލައިލުމާއެކު އާޝިގާ އަވަސްވެލީ ސާހިލްއަށް ޖޫސްތައްޓެއް ގެނެސްދިނުމަށެވެ.
"ކިހިނެއްވީ. ހަމަޖެހުނުތަ؟" ސަމީރާ އެހިއެވެ. ސާހިލް ބޯޖަހާލިއެވެ. ސަމީރާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ހެއްދެވިފަރާތަށް ހިތާހިތުން ހަމްދުކޮށްލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުން ދެލޮލާ ހަމައަށް ނުފޯރިއެވެ. އެހާ އުފާވެރި ހަބަރަކައިގެން އައިރުވެސް ސާހިލްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ.
"ތިހެން ނީނދެބަލަ ދަރިފުޅާ. ކިހާ އުފާވެރި ހަބަރަކައިގެން ތިއައީ. ދަރިފުޅަކީ މިހާރު ޑޮކްޓަރެއް. ކިތައް މީހުންނަށް ދަރިފުޅުގެ އަތުން ފަރުވާދޭން ތައްޔާރު ތިވަނީ. ކިހާ ބޮޑު ނިއުމަތެއް" ސަމީރާ ވާހަކަދެއްކިއެވެ. ސާހިލް ވަކި އެއްޗެއް ނުބުންޏެވެ. އެހިސާބުން އާޝިގާ ގެނައި ޖުސްތަށި ސަމީރާ ސާހިލް އަތަށް ދިނެވެ.
"ޝެލީގެ ހަބަރެއްވެސް ނުވޭ. މަންމަ ގުޅާބަލަ. އަހާބަލަ މިހާރު އިނީތޯ" އަސަރާއެކު ސާހިލް ވާހަކަދެއްކިއެވެ. ސާހިލް އިންގޮތް ފެނިފައި އާޝިގާގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ. ގޭތެރޭގައި ހިނގިކަމެއް އާޝިގާއަށް ނޭނގެއެވެ. އެނގެނީ ސާހިލްއަށް ކޮންމެވެސްކަމެއް ވެގެން އުޅޭކަމެވެ.
"މަންމަ ގުޅާލާނަން މިއަދު" ސަމީރާ ބުންޏެވެ.
"ދެން އެކަމާ ނުވިސްނާ. އާޝިގާގެ ކަންތަކުގައި ދަރިފުޅު އުޅުނިންތަ؟" ސަމީރާ އެހިއެވެ. އާޝިގާ ހައިރާންކަމާއެކު ސަމީރާއަށް ބަލައިލިއެވެ.
"އަހަރެން... އަހަރެންގެ ކޮންކަމެއް؟" އާޝިގާ އެހިއެވެ.
"އެކަން ނިމިއްޖެ. ގުޅާލާނެ އެތަނުން" ސާހިލް ބުންޏެވެ. ދެން އެއްނޭވައިން ޖޫސްތަށި ބޯލާފައި ހުސްތަށި މޭޒުމަތީގައި ބަހައްޓާފައި ތެދުވިއެވެ.
"ސަމިއްތަ ބުނީމެއްނު ރާޝިދާ ގުޅައިގެން ފޯނުން ދެއްކި ވާހަކަ. ރަށުގައިވެސް އެކޮއި ކުޑަކުދިންނަށް ކިޔަވައިދިނީމެއްނު. ކުޑަމީހާ ލިބުނީމައެއްނު އެކަން ހުއްޓާލީ. އަދިވެސް އެފުރުސަތު އެބައޮތް. ސްކޫލަކުން ވަޒީފާއެއް ހޯދައިދޭން މިއުޅެނީ" ސަމީރާ ވާހަކަދެއްކިއެވެ. އާޝިގާ ހިތްހަމަޖެހުނެވެ. ދުރުގައި ހުއްޓަސް ރާޝިދާ އާޝިގާއާ މެދު ވިސްނާކަން އެނގުމުން ހިތަށް ހިތްހަމަޖެހުން ލިބުނެވެ.
"ދާން ބޭނުން. އެކަމަކު އަސަލް..."
"ސަމިއްތަ މިހުރީނު. އެކަމާ ކަންބޮޑުނުވޭ. އަމިއްލަ ދިރިއުޅުން އާރާސްތުކުރަން މަސައްކަތްކުރޭ" ސަމީރާ ބުންޏެވެ. އާޝިގާއަށް ހީނލެވުނެވެ. ލެއްވި ރަހުމަތަށް ޝުކުރުވެރިވިއެވެ. މީހަކަށް ބަރޯސާވުމެއްނެތި އަމިއްލަ މަސައްކަތުން ދިރިއުޅުން އާބާދުކުރާނެ ގޮތެއް ހެއްދެވިފަރާތުން މިންވަރު ކޮށްދެއްވައިފިއެވެ. ސަމީރާ ކަހަލަ އިހުސާންތެރިއަކާ ބައްދަލުވިކަން އެއީ ލެއްވި ނަސީބެކެވެ.
*****
ފޯނަށް ބަލަހައްޓައިގެން ޝެލީ އިންނަތާ އިރުތަކެއް ވެއްޖެއެވެ. ދެހިޔާލެއްގައި އިނީ ކުރިން ސާހިލްއަށް ގުޅަންވީބާއޭ ނޫނީ ނޫންބާއޭ ހިތަށް އަރައިފައެވެ. ޝެލީ ހީކުރީ ސާހިލް އަންނާނެ ކަމަށެވެ. ހިޔާލު ބަދަލުކޮށް އެކަމާ ގުޅުވައިގެން ވާހަކަދައްކާނެ ކަމަށެވެ. އެހެންނަމަވެސް ސާހިލްގެ އެއްވެސް ހަބަރެއްނުވީތީ ޝެލީ ވަރަށް ދެރަވެއްޖެއެވެ. ކުއްލިއަކަށް ޝެލީ ސިހުނީ އަތުތެރޭގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ބަލައިލިއިރު ސަމީރާގެ ފޮޓޯއަކާއެކު އަރާފައި އިން ނަން ފެނުނެވެ. އަވަސް އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖެހީ ސާހިލްގެ ވާހަކައެއް އިވިދާނެ ކަމަށެވެ.
"ހަވީރުން ކުޑަ ޝޮޕިންއަކަށް ނިކުންނަން ކިޔައިގެން މިއުޅެނީ؟ މަންމާ، މިހާރު ދަންތަ؟" ޝެލީ ވާހަކަދެއްކިއެވެ. ސަމީރާ އެދުނީ ބައްދަލުކޮށްލަން އައިސް ދިނުމަށެވެ.
"އޯކޭ މަންމާ. އެގަޑީގަ ދާނަން" ޝެލީ ބުންޏެވެ. ސަމީރާ ފޯނު ކަނޑާލަން އުޅުނު ވަގުތު ޝެލީ ގޮވާލިއެވެ.
"ސާހިލް ކޮބާތަ މަންމާ؟ ގޭގަ އެބައުޅޭތަ؟" ސަމީރާގެ ފަރާތުން ޖަވާބެއް އަންނަން އިރުގަނޑެއް ނެގިކަން ޝެލީއަށް ފާހަގަވިއެވެ.
"މަންމަ މިގަޑީގަ ބިޒީވެއްޖެ ދަރިފުޅާ. ގަޑިއަށް ހަނދާންކޮށް އަންނައްޗޭ" ސަމީރާ ފޯނު ކަނޑާލިއެވެ. ޝެލީ ސާހިލްގެ ވާހަކަ އެހި ވަގުތު ސަމީރާ ބަލައިލީ ޖެހިގެން އިން ސާހިލްއަށެވެ. ވައި އަޑުން ސާހިލް އެދުނީ އޭނާ ގޭގައި ނެތް ވާހަކަ ޝެލީ ކައިރީ ބުނުމަށެވެ. އެހެންނަމަވެސް ދޮގެއް ހަދަން ބޭނުންނުވާތީ ސަމީރާ އަވަހަށް ފޯނު ކަނޑާލިއެވެ.
*****
އިންޓަވިއު އޮތް ގަޑިއަށް އާޝިގާ ސްކޫލަށް ގެންގޮސްދިނީ ސާހިލްއެވެ. ސްކޫލު ބޭރުގައި ސާހިލް މަޑުކޮށްލައިގެން އިނީ އާޝިގާ ބޭރަށް ނިކުންނަދެނެވެ. ފަހަތުން މާ އަޑުގަދަވާހެން ހީވާތީ ސާހިލް ބަލައިލިއެވެ. ސައިކަލުގައި ދިޔަ ދެފިރިހެނުން މަގުމަތިން ދިޔަ އަންހެނަކާ ފޮށިގަތް ވަގުތު އަންހެންކުއްޖާ ހަޅޭއްލަވައިގަތް އަޑެވެ. އެކުއްޖާއަށް ހިމާޔަތް ދިނުމަށް ސާހިލް އެދިމާލަށް ދިޔައެވެ. ދެފިރިހެނުން ސައިކަލް ކުރިއަށް ދުއްވާލީވެސް އެވަގުތުއެވެ. ފަހަތުގައި އިން ފިރިހެނާ އެނބުރުނު ވަގުތު އެމީހާގެ މޫނު ސާހިލްއަށް ވަރަށް ރަނގަޅަށް ފެނުނެވެ. ނުލަފާ ޒާތަކަށް ހިނިގަނޑެއް ޖަހާލިއިރު އެގޮތަށް އަންހެނުންނާ ފޮށުމަކީ އެމީހުންނަށް ލިބޭ އުފަލެއް ކަހަލައެވެ.
"ކަލޭ ކޯޗެއް ތިބަލަނީ ފާޑަކަށް. ކަލޭމެންނާ ހެދި އަންހެނަކަށް ނޯވެއޭ ހަމަޖެހިގެން މަގުމަތީގައި ހިނގާލެވޭކަށްވެސް" އަންހެންކުއްޖާ ހަޅޭއްލަވައިގަތީ ސާހިލްއަށެވެ. ސާހިލް އެނބުރި ސައިކަލާ ދިމާލަށް ދިޔައެވެ. އެ އަންހެންކުއްޖާ ހަޅޭއްލަވައިގަތަސް ސާހިލް ރުޅިއެއްނައެވެ. ކޮންމެ މީހެއް ނަމަވެސް އެއީ ވެދާނެ ގޮތެއްކަން ސާހިލްއަށް އެނގެއެވެ. އެންމެ މީހަކު ކުރާ ކަމެއްގެ ސަބަބުން ހުރިހާ މީހުންގެ އަގުވެއްޓޭ ފަހަރުވެސް އާދެއެވެ.
*****
ކެފޭއަށް ވަދެވަދެ ހުރި ރާވީގެ އަތުގައި އިކާން ހިފެހެއްޓިއެވެ. ރާވީ ހިތްހަމަނުޖެހިފައި ބަލައިލިއެވެ. އިކާން ބަލަހައްޓައިގެން ހުރި ދިމާ ރާވީ ބަލައިލިއެވެ. އަންހެނަކާއި ފިރިހެނަކު ފިހާރައެއް ކައިރީގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ދިމާލަށް ބަލަހައްޓައިގެން އިކާން ހުއްޓެވެ. ރާވީގެ ނަޒަރު ހުއްޓުނީ ފަހަތުގައި އިން އަންހެންކުއްޖާއަށެވެ. ކާކު ކަމެއް ނޭނގުނަސް އެކުއްޖާގެ ރީތިކަމަށް ރާވީ އަޅައިގަންނަ ކަހަލަ ގޮތެއް ވިއެވެ.
"ކިހިނެއްވީ؟ ތިނެއް ހަދަން ވިސްނަނީތަ؟" ޖެއްސުމުގެ ރާގަކަށް ރާވީ އެހިއެވެ.
"ނޫނެކޭ. އޭނދަ އަންހެން ގޮލާ އެބަފެނޭތަ؟" އިކާން އެހިއެވެ.
"އާނ މަށަށް އެބަފެނެއޭ. މަ އަނދިރިއެއް ނޫނޭ. ރީތި ކުއްޖެއް. ހިމަހިމަ އުނގަނޑެއް. އުރާލާ ކަހަލަ. ނޫންތަ؟ އެކަމަކު ކީއްކުރާނީ؟ އެކަހަލަ ކުދިންނަށް ބަލައިގެން ފިއްތާލައިގެން ހަމަ ހުންނަންޖެހޭނީ. ވަރުގަދަ މަޅިއެއްގަ ޖެހިފަ އަހަރެން މިހުންނަނީ. ދުވަހަކު ސަލާމަތްވުމެއް ނެތް" ރާވީ ބުންޏެވެ. އިކާންގެ މާބޮޑު ސަމާލުކަމެއް ނެތްކަން ރާވީއަށް ފާހަގަވިއެވެ. އެދިމާލަށް އިކާން އެބަލަނީ މާ ވަރަކަށެވެ.
"ކަލޭ ކޯޗެއް އެހާވަރަށް ތިބަލަނީ. މަޑުކޮށްބަލަ ދޭއް ހަމަވަންދެން. ކަލޭ ހީކުރީ މާލޭގަ އުޅޭ ހުރިހާ ރީތި އަންހެންކުދިން އެތިބީ ކަލޭ ލިބޭނެ ކަމަށްތަ؟" ރާވީ ބުންޏެވެ.
އެންމެފަހުން އިކާން އެތެރެއަށް ވަނީ ސައިކަލުގައި ތިބި މީހުން ކުރިއަށް ދުއްވާލީމައެވެ. ރާވީ ދެއްކި އެއްވެސް ވާހަކައަކަށް ޖަވާބުދިނުމެއްނެތި އެތެރެއަށް ވަދެގެން ގޮސް ހުސްކޮށް ހުރި މޭޒެއްގައި އިކާން އިށީނެވެ. ރާވީ ހައިރާންކަމާއެކު އިކާނަށް ބަލަހައްޓައިގެން އިނެވެ. އެ ކެފޭއަކީ އެމީހުން އާންމުކޮށް ކޮފީ ބޯން އަންނަ ތަނެކެވެ. ދުވަހަކުވެސް ތިރީގައި އިކާން ނީނދެއެވެ. އަބަދުވެސް އަރަނީ މައްޗަށެވެ. އެހެންނަމަވެސް އިކާން ތިރީގައި ހުރި ގޮނޑިއެއްގައި އިށީނުމުން އިތުރަށް ބަހުސްކުރަން ރާވީ ބޭނުމެއް ނުވިއެވެ. ގޮނޑީގައި އިށީނދެފައި ފާޑަކަށް އިން އިކާނަށް ބަލަން ފެށިއެވެ. ފަހަކަށް އައިސް ރާވީގެ މޫޑު ހުންނަނީ ހުރަސް ރޮނގަށް އަރައިފައެވެ. ގެއަށް ވަންނަ ހިތް ނުވެފައެވެ. އަމުދުން މައިންބަފައިން ކުރިމައްޗަށް އަރަން ރާވީ ބޭނުމެއް ނުވެއެވެ. ކުރަން އުޅޭ ކައިވެނީގެ ސަބަބުން ރާވީގެ މުޅި ޒިންދަގީ ހަވާދުލައިފިއެވެ. ހަމަޖެހުމެއް ހޯދަން އިކާނާއެކު ބޭރަށް ނިކުތަސް އިކާން ވެސް އެހުންނަނީ ލޯބީގެ ބައްޔެއް ޖެހިފައެވެ. އިކާންގެ ފަރާތުން ރާވީއަށް އަދި ނުފެންނަ ސިފަތަކެކެވެ.
"ކަލޭ ކިހިނެއްވެފަ ތިއިންނަނީ؟" ރާވީ އެހިއެވެ.
"ކަލޭ ދުށިންތަ އެ ސައިކަލުގައި ފަހަތުގައި އިން އަންހެންގޮލާ" އިކާން އެހިއެވެ.
"އާނ. މަ ބުނީމެއްނު މަ ކަނެއް ނޫނޭ" ރާވީ ބުންޏެވެ. ރާވީ ހުރީ އިކާން ދެކެ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް އިކާނަށް އެކަން ފާހަގަވާހެނެއް ހިއެއް ނުވެއެވެ.
"އަހަރެން މިހިތަށް އަރަނީ އެ ފިރިހެން ގޮލާއަކީ ކާކުބާއޭ" އިކާން ބުންޏެވެ.
"އަހަރެން މިހިތަށް އަރަނީ ކަލޭ މިއަދު ހަމަބާއޭ" ރާވީ ބުންޏެވެ.
"އަހަރެން މޮޔައެއްނޫނޭ. އިނގޭތަ އެއީ ކޮން އަންހެން ގޮލައެއްކަން" އިކާން ބުންޏެވެ.
"އާނ މިހާރު އެބަހީވޭ އިނގޭހެން. އެއީވެސް ކަލޭ ބެހުނު އަންހެން ގޮލައެއް ކަންނޭނގެ" ރާވީ ބުންޏެވެ.
"ތިބުނީ ތެދެއް. އެއީ އޭ އަހަރެންގެ އަނބިމީހާ ކަމަށް ދައުވާކުރާ ގޮލައަކީ. އެގޮލާ މާލެވެސް އައީތަ؟ އަހަރެން ކައިރިން ބަދަލުހިފަން ތޯއްޗެ. އެކަމަކު ފިރިހެނަކާއެކު" އިކާން ބުންޏެވެ. ރާވީ އިނީ ގަބޫލުނުކުރެވިފައެވެ. އެ އަންހެންކުއްޖާއަކީ އިކާންގެ އަނބިމީހާއޭ ބުނުމުން ރާވީ ބަސްހުއްޓުނެވެ. މީހަކު ފޫހިވެގެން ދުރުކޮށްލާނެ ކުއްޖެއް ނޫނޭ ރާވީ ހިތަށް އެރިއެވެ.
"ރީތިކުއްޖެއް. ބަދަލު ހިފަން އަންނާނެއްނު ބޭނުންކޮށްލާފަ އެއްލާލީމަ. ވަރިކޮށްލަންވީނުން" ރާވީ ބުންޏެވެ.
"މަގޭ ދަރިއަކު ހުރެއޭ. އެސޮރުވެސް ގޮވައިގެން ތޯއްޗެ" އިކާން ބުންޏެވެ.
އަމިއްލަ ދަރިއަކު ދުނިޔޭގައި ހުރިކަން އެނގޭއިރުވެސް އެ ހަގީގަތް ފޮރުވައިގެން އިކާން އުޅުނީ ދުވަހަކުވެސް އެހެން މީހަކަށް އެކަން އެނގުނަނުދީ އުޅެވޭނެ ކަމަށެވެ. އެހެންނަމަވެސް އިކާނު ހުރި ފަސްގަނޑުގައި ދަރިފުޅު ހުރިކަން އެނގުމާއެކު ދުވަހަކުވެސް ނުކުރެވޭ ކަހަލަ އިހުސާސެއް އިކާނަށް ކުރެވިއްޖެއެވެ.
*****
"ސާހިލްއަށް ވަޒީފާ ހަމަޖެހިއްޖެ. އެކަން އެނގޭތަ ދަރިފުޅަށް" ސަމީރާ ބުންޏެވެ. ސަމީރާ އެދުމުންވެސް ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޝެލީއަށް ސަމީރާ އާ ބައްދަލުކުރަން ނާދެވުނެވެ. އެހެންކަމުން ވަގުތުކޮޅެއް ހޯދައިގެން ސަމީރާ އާ ބައްދަލުކުރަން ޝެލީ އެގެއަށް އައިސް އިންނަތާ އެތައް އިރެއް ވެއްޖެއެވެ. ކޮޓަރީގައި ހުރި ސާހިލް ބޭރަށް ނިކުމޭތޯ ޝެލީ ވަރަށް އިންތިޒާރުކޮށްފިއެވެ.
"ނޭނގެ. ސާހިލް އަޅުގަނޑާ ދުރުވެއްޖެ. ވަރަށް ގޯސް" ޝެލީ ބުންޏެވެ.
"ދޭބަލަ ކޮޓަރިއަށް. އެބައުޅޭ. ގޮސް ދަރިފުޅު އަމިއްލައަށް ބުނޭ ރަންކިއި ވާހަކަ" ސަމީރާ ބުންޏެވެ.
ޝެލީ ސާހިލްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ޓަކިނުޖަހައި ތަޅުގައި ހިފާލާފައި އެތެރެއަށް ދޮރު ހުޅުވާލިއެވެ. މޫނުމަތީގައި ބާލީސް އަޅައިގެން އޮތް ސާހިލް ޝެލީއަށް ބަލައިލިއެވެ. ކަރުނަތައް ބަންޑުންވަމުން ދިޔަ ސާހިލްގެ ދެލޯ ފެނުމާއެކު ޝެލީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ހަތް ދުވަސްފަހުން އަހަރެން އޭނަގެ ވައިފްއަށް ވާނެ" ޝެލީ ބުންޏެވެ. "ތިއީ ވަރަށް ހެއްވާ މީހެއް. އަހަރެންގެ ބެސްޓްފްރެންޑް"
ޝެލީއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ސާހިލް އެ އައިގޮތަށް ހިފީ ޝެލީގެ ވައަތުގެ މުލައްދަނޑީގައެވެ. ފާރުގައި ޝެލީ ތަތްކޮށްލިގޮތަށް ދެފަރާތުން ފާރުގައި ދެއަތް ވިއްދާލައިފިއެވެ. ރަތްވެފައިވާ ސާހިލްގެ ދެލޯ އަމާޒުވެފައިވަނީ ޝެލީގެ މޫނަށެވެ. ވާނުވާ ނޭނގި ނޭވާ އަވަސްވެފައި ހުރި ޝެލީ ލަސްލަހުން ސާހިލްގެ މޫނަށް ބަލައިލިއެވެ.
(ނުނިމޭ)