"އަހަރެން މެރީކުރަން ނިންމައިފިން" ޝެލީ ބުންޏެވެ. ސާހިލްއަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަ ހެންނެވެ. ޝެލީއަށް ބަލައިލީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ.
"ވަޓް؟ ތިއީ ކޮންއިރަކު ނިންމި ނިންމުމެއްތަ؟ އަހަރެން ކައިރީގައި ބުނެވެސްނުލާ" ސާހިލް ބުންޏެވެ.
"މިގެއަށް މިއައީ ސާހިލް ކައިރީގައި އެވާހަކަ ބުނަން. އެވެސް އެނމެންނަށް ވުރެ ކުރިން" ޝެލީ ބުންޏެވެ.
"ނޫން... ސަމާސަކުރަނީ ދޯ. ބުނޭ ތިއީ ދޮގެކޭ" ސާހިލް އިށީނީ ޝެލީ އާ ޖެހިގެންނެވެ. ނުވިސްނާ އިން ސާހިލްގެ އަތުގައި ހިފިގޮތަށް މޭގައި ޖައްސާލައިފިއެވެ. ސާހިލްގެ އެ އަމަލުން ޝެލީއަށް ވިސްނަންވީ އެއްޗެއް ނޭނިފައި އިނެވެ.
"ސާހިލް. ކިހިނެއްތިވަނީ؟ އަހަރެންވެސް ކޮންމެސް ދުވަހަކުން މީހަކާ އިންނަންޖެހޭނެއެއްނު" ޝެލީ ބުންޏެވެ. އުޅެވުނު ގޮތާމެދު ސާހިލްއަށް ވިސްނާލެވުނީ ދެނެވެ.
"އަދި އަވަހެއްނޫންތަ؟ އަހަރެމެންނަށް އަދި އެކީގަ ވަގުތުވެސް ހޭދަކޮށްނުލެވޭ" ސާހިލް ބުންޏެވެ.
"ހުށަހެޅުން ލިބުނީމަ ދެން ލަސްކުރެވޭކަށްނެތް. މިކީ އާއެކު ނިންމަން މިއުޅެނީ" ޝެލީ ބުންޏެވެ. ސާހިލްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހިތުގައިޖެހި ޝެލީއަށް ބަލަހައްޓައިގެން އިނެވެ. ލޯބިވާ ވާހަކަ ހާމަކުރަންވީބާއޭ ހިތަށް އަރާފައި އިނެވެ. އެހެންނަމަވެސް ދުލުގައި ތަޅެއް ލެވިފައި އިން ކަހަލައެވެ.
"އަހަރެން މިއީ ވަރަށް ދުރު މީހެއްތަ؟ ރިލޭޝަންޝިޕެއްގަ އުޅުނުއިރު ނުވެސް ބުނޭ. ކީއްވެ ތިހެންހެދީ" ސާހލް ބުންޏެވެ. ޝެލީ ސާހިލްއަށް ބަލައިލިއެވެ. ސާހިލްގެ އަޑުގައި ރިހުމެއްގެ އަސަރުވާހެން ޝެލީއަށް ހީވިއެވެ.
"އެއީ އަހަރެންގެ ހަޔާތް އެފުއްމިފުށަށް ޖެހި އިންސާނާ. އޭނަ އަހަރެން ކައިރީގައި މައާފަށް އެދިއްޖެ. ކައިވެނިކުރަން ބޭނުންވާކަމަށް ބުނީ. ރޭހަތަރުދަމު އަހަރެން ވިސްނީ. އެންޑް ފައިނަލީ އަހަރެންގެ ހިތް ގޮތެއް ނިންމައިފި. އަހަރެން މެރީކުރާނަން. އަހަރެންގެ ރިވެންޖް ފުރިހަމަކުރަން ރަނގަޅު ޗާންސެއް ނޫންތަ؟" ޝެލީ ވާހަކަދެއްކިއެވެ.
ސާހިލްއަށް ބަހެއް ނުކިޔުނެވެ. ހިތްވަރުކޮށްގެން އިނަސް ހިތް ރޫޅިއްޖެއެވެ. ކެތްކުރަންދަތިވެ ސާހިލް އިންތަނުން ތެދުވެގެން ފާހާނާ އާ ދިމާލަށް ހިނގައިގަތެވެ. ބަހެއްވެސް ނުކިޔައި ފާހާނާގެ ދޮރުފަތް އެހާ ބާރަށް ޖެހުމުން ޝެލީ ދެރަވިއެވެ. މާކުރިންވެސް އެކަމާ ސާހިލް ނުރުހޭނެކަން ޝެލީއަށް އެނގެއެވެ. ޝެލީ ހިނގާލާފައި ގޮސް ފާހާނާ ދޮރުކައިރީގައި ހުއްޓުނެވެ.
"އުންމީދުކުރަން މިކަމާ ހިޔާލު ބަދަލުކޮށް ވާހަކަދައްކާލަން ސާހިލް ގެއަށް އަންނާނެ ކަމަށް" ޝެލީ ބުންޏެވެ. ދެން ނުކުމެގެން ހިނގައްޖެއެވެ. ސިޓިން ރޫމުން ސަމީރާ ދިމާވެގެން ޝެލީ މަޑުޖެހުނެވެ. ޝެލީގެ މޫނުމަތި މިލާފައިވާކަން ސަމީރާއަށް ފާހަގަވިއެވެ.
"ސާހިލް ހުރީ ރުޅިވެފަ. މަންމަ ސާހިލްއަށް ވިސްނައިދެއްޗެ. ބުނެދެއްޗޭ އަޅުގަނޑު ކުރަންމިއުޅޭ ކަންތަކަށް އެއްބާރުލުން ދެއްޗޭ" ސަމީރާގެ އަތުގައި ހިފައިލަމުން ޝެލީ ބުންޏެވެ. ސުވާލުގެ ނަޒަރަކުން ޝެލީއަށް ބަލަންހުރި ސަމީރާ ބޯޖަހާލިއެވެ.
*********
ބާރު ހިނގުމުގައި ޖިނާނާއި ނިމާން ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. ޝަހާނާގެ ކޯލު ޖިނާނަށް ލިބުނީ ނިމާނާއެކު ޑޮލްފިންގައި ކޮފީއެއްގައި އިންދައެވެ. އާނާ ގޯސްވެއްޖެކަމަށް ބުނުމާއެކު އިތުރަށް މަޑުކުރަން ޖިނާން ބޭނުމެއްނުވިއެވެ. އެކުވެރިޔާއަށް ދަތިކަމެއް ދިމާވި ގަޑީގައި ދުރުގައި ހުންނަން ބޭނުންނުވާތީ ނިމާންވެސް ޖިނާން ފަހަތުން އައެވެ.
އެމެޖެންސީރޫމަށް ޖިނާން ވަދެގެން ގޮސް އާނާ އޮތް އެނދާ ދިމާލަށް ދިޔައެވެ. ފަރުދާގަނޑު އެއްފަރާތްކޮށްލާފައި ޖިނާން އެތެރެއަށް ވަނުމާއެކު ގޮނޑީގައި އިން ޝަހާނާ ފުންމައިގެން ތެދުވެއްޖެއެވެ. އެއައި ގޮތަށް ޖިނާންގެ އަތުގެތެރެއަށް ވަދެއްޖެއެވެ.
އެވަގުތު އެއީ ނަރުހެއް ވަދެ މެމޯ ހައްދަންޖެހޭ ލިޔުންތައް ޝަހާނާ އާ ހަވާލުކުރި ވަގުތެވެ.
"ގެނޭ އައިޑީ ކާޑު. އަހަރެން ތިކަންތައް ކޮށްލާނަން" ނިމާން ބުންޏެވެ. ޝަހާނާ އަވަސް އަވަހަށް ދަބަހުގައި އޮތް އާނާގެ އައިޑީ ކާޑު ނަގާފައި ނިމާނަށް ދިއްކޮށްލިއެވެ.
"ކިހިނެއްވީ؟ ނުލާހިކު ރަނގަޅަށް ހުރެފަ" ޝަހާނާ ދުރުކޮށްލަމުން ޖިނާން ބުންޏެވެ. ދެން އެނދުގައި އޮތް އާނާ ކައިރީގައި ހުއްޓުމަށްފަހު ބޮލުގައި ފިރުމާލިއެވެ.
ސާހިލްގެ ވޮލެޓް ތެރެއިން ފެނުނު ފޮޓޯއެއްގެ ސަބަބުން އާނާގެ ސިކުނޑިއަށް އެއްފަހަރާ އެތައް ހަނދާނެއް ގޯނާކުރަން ފެށިއެވެ. އެހެން އެއްވެސް މީހަކު ގަބޫލުނުކުރި ނަމަވެސް ސާހިލްއަކީ ކާކުކަން އާނާއަށް ފަހުމްވެއްޖެއެވެ. އާނާ އަނބުރައިގަތީ ޝަހާނާ އެކަން ގަބޫލުނުކޮށްގެން އާނާ އިސްކުރެވުނު ރުޅިއެއްގެ ސަބަބުންނެވެ. އެންމެފަހުން އާނާ ހިފަހައްޓަން ޝަހާނާއަށް ޖެހުނީ އެހެންމީހުންގެ އެހީތެރިކަން ހޯދާށެވެ.
"ކާކާ ދިމާވީ؟ ޝަހާ ދަންނަންތަ އޭނަ" ޖިނާން އެހިއެވެ.
"ކޮންމެސްތަނަކުން ފެނުނު ހަނދާނެއްވޭ. ވަރަށް ހިތްހެޔޮ ޒުވާނެއް" ޝަހާނާ ބުންޏެވެ.
"އާނާ އެދައްކަނީ ތެދު ވާހަކައެއް ކަމަށްވެސް ވެދާނެއްނު. އޭނާގެ ދަރިފުޅަކީ ކާކުކަން ސާބިތުކޮށްދެވޭނީ ހަމަ އޭނައަށް. ކިތަންމެ ބޮޑުވެފައި ހުއްޓަސް މަޔަކަށް ދަރިއަކު ނޯޅޭނެ" ޖިނާން ބުންޏެވެ. އެވަގުތަކީ ނިމާން އައިސް ވަން ވަގުތެވެ.
"އަހަރެން ބޭރުގަ މަޑުކޮށްލާނަން" ނިމާން ބުންޏެވެ. ޖިނާން ބޯޖަހާލާފައި ނިމާނަށް ޝުކުރުއަދާކުރިއެވެ.
"އެކަމަކު އެހެންވާނީ ކިހިނެއް؟ ހަމަ ޓަސްލާފަ އެކުއްޖާ ފެނުނީ. ވަރަށް ހިތްހެޔޮ ކުއްޖެއް ވައްތަރުޖަހާ. އާނާ ބުނި އެކުއްޖާ ވޮލެޓުގަ އިން ފޮޓޮއެއްގެ ވާހަކަ. އެހާ ވަރުއަރާފަ ދެއްކި ހުރިހާ ވާހަކަތަކެއް އަހަރެންނަށް މާބޮޑަކަށް އޮޅުމެއްނުފިލާ" ޝަހާނާ ވާހަކަދެއްކިއެވެ.
"ތިއީ ވަރަށް ބޮޑު ކަމެއް. އެކުއްޖާ އެހެން ތަނަކުން ފެނިއްޖިއްޔާ ޝަހާއަށް ފާހަގަކުރަން އެނގޭނެތަ؟" ޖިނާން އެހިއެވެ. ޝަހާނާ ބޯޖަހާލިއެވެ.
"އަހަރެންގެ ހިތްބުނޭ އެކަމުގަ ކޮންމެވެސް ހަގީގަތެއްވެޔޭ. ފަހަރެއްގަ އާނާގެ އިންތިޒާރަށް ނިމުމެއްވެސް އައިސްދާނެއްނު" ޖިނާން ބުންޏެވެ.
"މިހާރު ހިތަށް މިއަރަނީ ހޭލެވޭއިރަށް އަނެއްކާ ތެޅިފޮޅި ނުގަންނާނެބާއޭ" އާނާއަށް ބަލައިލަމުން ޝަހާނާ ބުންޏެވެ.
"އަހަރެން ހުރިއްޔާ އެހާ ވަރުތަކެއް ނާރުވާނެ. އަދި އެއްވާހަކަ. އާނާގެ ދަރީގެ ބައްޕަ ފޮޓޯއަކުން ފެނިއްޖިއްޔާ ޝަހާއަށް އެނގޭނެތަ؟" މިފަހަރުވެސް ޝަހާނާ ބޯޖަހާލިއެވެ.
*******
ސާހިލްގެ ކޮޓަރިއަށް ސަމީރާ ވަނީ ރޭގަނޑުގެ ކެއުމަށް ސާހިލް ނުނިކުތުމުންނެވެ. އެނދުގައި އޮތް ސާހިލްގެ މުޅި ހަށިގަނޑު ވަނީ ކުއިލްޓުން ނިވާކޮށްފައެވެ. މޫނުމައްޗަށް ބައެއް އިސްތަށިތައް ފައިބާފައި ހުރުމުން މޫނުން ފެންނަނީ ކުޑަ ތަންކޮޅެކެވެ. ސަމީރާ އެނދާ ގާތަށް ޖެހިލާ ސާހިލްއަށް ގޮވާލިއެވެ. ދެ ނަމާދު އަޅާފައި ސާހިލް ނިދިކަން އެނގުމުން ސަމީރާ ހިތްހަމަނުޖެހުނެވެ.
"ތެދުވޭ... ކިހާ އިރެއްމިވީ ނިދާތާ" ސާހިލް ދެލޯ ހުޅުވާލުމާއެކު ސަމީރާ ބުންޏެވެ. ވަރުބަލިކަމާއެކު ސާހިލް އެސްފިޔަ ދެތިންފަހަރަށް ޖަހާލިއެވެ. ޝެލީ ދެއްކި ވާހަކަތައް ކުއްލިއަކަށް ހަނދާންވުމާއެކު ސާހިލް އަނެއްކާ ދެލޯ މެރިއެވެ. އެއްވެސް ކަމެއް ކުރުމުގެ ރޫހެއް ސާހިލްގެ ނެތެވެ.
"އަވަސްކުރޭ. ތެދުވޭ. ފެންވަރައިގެން ނަމާދުކޮށްގެން އާދޭ ބޭރަށް. ދަރިފުޅު އަންނަންދެން މަންމަ މީނީ ނުކައި" ސަމީރާ ބުންޏެވެ.
ސަމީރާ ނުކުތުމާއެކު ސާހިލް ފުންމައިގެން ތެދުވިއެވެ. ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެއް ސާހިލްގެ މޫނުމަތިން ފާޅުވާން ހުއްޓެވެ. ދެން ކުއްލިއަކަށް ފެނުނީ އެނދުގައި ހުރި ބާލީސްތަކާ ކުއިލްޓް ދަމައިގަތްގޮތަށް ހޫރާލައިފިއެވެ. ފުންނޭވާތަކެއް ލަމުން ދިޔައިރު ސާހިލްގެ ދެލޮލުން އެއްވަރު އެއްވަރަށް ކަރުނަ ފައިބަމުން ދިޔައެވެ. ހިތަށް ލިބިފައިވާ އަނިޔާއިން ކެތްކުރަން ދަތިވެގެން އުޅޭ ކަހަލައެވެ. އެވަރުންވެސް ނުފުދުނެވެ. އެނދުގައި އިށިންގޮތަށް ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިފިއެވެ. ދެން މަޑުމަޑުން ރޮވެން ފެށުނެވެ.
ޝެލީދެކެ ސާހިލްއަށް ވެވިފައިވަނީ ލޯބީގެ އިންތިހާއަށްކަން އިހުސާސްވީ ކައިވެންޏެއްގެ ވާހަކަ ޝެލީ ދެއްކި ހިސާބުންނެވެ. ސާހިލްއަށް އެންމެ އުނދަގުވީ ޝެލީ ކައިވެނިކުރަން އުޅޭ އިންސާނާގެ ސަބަބުންނެވެ. އެ އިފްރީތަށް ޝެލީ ހައްގެއް ނޫނެވެ. ޝެލީއަށް އެވަރު ނުވިސްނެނީ ހެއްޔެވެ؟ ނޫނީ ދުނިޔެއިން މީހުން ހުސްވީ ހެއްޔެވެ؟ މިހުރިހާ ދުވަހު ނަގަން ބޭނުންނުވި ރިވެންޖެއް މިހާރު ނަގަނީ ކީއްކުރަން ހެއްޔެވެ؟ ނުވިސްނާ އެގޮތަށް ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާވެސް ދިރިއުޅުން ތޫފާނަކަށް ބަދަލުވެދާނެކަން ޝެލީއަށް ނޭނގެނީ ހެއްޔެވެ؟ އެކި ގޮތްގޮތަށް ވިސްނާ ވިސްނާ ސާހިލްގެ ބޯފަޅައިގެންދާވަރު ވެއްޖެއެވެ. ސާހިލްގެ ކުރިމަތީގައި ޝެލީ އެހެން މީހެއްގެ ހައްގަކަށްވާ މަންޒަރު ބަލަން ކެތްވާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެސްގޮތެއް ހަދަން ވެއްޖެއެވެ. ފިނޑިއެއްހެން ގޭތެރޭގައި ރޯން އިނދެގެން އެއްކަމެއްވެސް ހާސިލެއް ނުވާނެއެވެ. ޝެލީ ލިބެންޖެހޭނީ ޝެލީދެކެ ލޯބިވާ މީހާއަށެވެ.
**********
އާޝިގާ އާއި ޝިދުނާ އެއްވަރު އެއްވަރަށް ހިނގާފައި މަޖީދީ މަގުން ދިޔައެވެ. ކައިވެނީގެ ކުރިން ޝިދުނާ ބައެއް އެއްޗެހި ގަންނަންވެފައި ހުރުމުގެ ސަބަބުންނެވެ. އުމުރުން ދުވަސްވެފައި އިން ސަމީރާއާ އަސަލް ހަވާލުކުރަންޖެހުމުން އާޝިގާ ލަދުވެސްގަތެވެ. އެހެންނަމަވެސް ސަމީރާ ހީލާފައި އެކަން ބަލައިގަތެވެ. މާލެ އައިފަހުން އެއްވެސް ވަރަކަށް އާޝިގާ ގެއިން ބޭރަށް ނުނިކުމެއެވެ. ކައިރީގައި ބަހައްޓަން ގެނައި ކުއްޖެއް ނަމަވެސް ބަންދުކޮށްގެން ކޮށްޓެއްގައި ބައިންދަން ސަމީރާ ބޭނުމެއްނުވިއެވެ.
"ހަމަވީތަ؟" ފިހާރައިން ނުކުތުމާއެކު އާޝިގާ އެހިއެވެ.
"އަދި ނުނިމޭ. އާދެބަލަ މި ފިހާރައަށް ވަންނަން" އާޝިގާގެ އަތުގައި ހިފައި ދަމަމުން މަގު ހުރަސްކޮށް ކުރިމަތީގައި ހުރި ކުޑަކުދިންގެ އަންނައުނު ވިއްކާ ފިހާރައަށް ޝިދުނާ ވަނެވެ. އެފިހާރައިން އަސަލްއަށް ޝިދުނާ އެއްޗެހި ގަތެވެ. ނުހިފަން ހުއްޓާވެސް ގަދަކަމުން އާޝިގާގެ އަތުތެރެއަށް ކޮތަޅު ލައިދިނެވެ.
"ދެން މިއީ ކީއްކުރަން. ޝިދޫއަށް އެހާ ބައިވަރު ލާރި ލިބުނީ ކިހިނެއް" އާޝިގާ އެހިއެވެ.
"ބޮޑުބެގެ ދޮށީދަރި ރިޒާބެ. ވަރަށް ލޯބިވާނެ ކަޒިން ކުދިންދެކެ. ބޮޑު ރިސޯޓެއްގެ އޯނަރެއް. ދެން ހިނގާ އެއްޗެއް ކާލަންދާން" ޝިދުނާ ބުންޏެވެ. ފިހާރައިން ނުކުތް އާޝިގާގެ ދެލޯ އަމާޒުވެފައި ހުރީ ކުރިމަތިން ސައިކަލެއްގައި ދިޔަ ފިރިހެނަކަށެވެ. އެހާ ދުވަސްކޮށްފައި ފެނުމުންވެސް އެމީހަކު އާޝިގާއަށް ފާހަގަވެއްޖެއެވެ. އުފާވެސްވިއެވެ. ނުފެންނަކަމަށް ހަދާފައި ދިޔުމުން ހިތަށް އެހާ ތަދުވެސް ވެއްޖެއެވެ.
"އޭތް ކިހިނެއްވެފަ ތިހުންނަނީ. މިއީ މަގުމައްޗޭ. މީހުން އެބަ ހިނގައޭ" ޝިދުނާ ބުންޏެވެ. ޖެހި ބުދެއްހެން ހުރި އާޝިގާގެ އަތުގައި ހިފައިގެން ޝިދުނާ ހިނގައިގަތެވެ.
ރެސްޓޯރަންޓަށް ވަދެފައިވެސް އާޝިގާ އިނީ ހިމޭންވެފައެވެ. އެކަން ޝިދުނާއަށް ފާހަގަވެފައި ދެލޯ ކުޑަކޮށްލިއެވެ. ދެން ހިތްހަމަނުޖެހިފައި އާޝިގާގެ އަތްމަތީގައި ކުޑަކޮށް ޖަހާލިއެވެ.
"އަސަލްގެ ބަފާ ފެނުނީތަ؟" ޝިދުނާ އެހިއެވެ. އާޝިގާ ހައިރާންކަމާއެކު ޝިދުނާގެ މޫނަށް ބަލައިލިއެވެ. އެހާ ފަސޭހައިން ޝިދުނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
"އެއިރުވެސް މަށަށް ހީވެއްޖޭ. ދެން މާލޭގަ އުޅޭ މީހަކު ފެންނާނެއްނު. އަނެއްކާ އަންހެނަކާއެކު ހުއްޓާތަ ފެނުނީ؟" ޝިދުނާ އެހިއެވެ. އާޝިގާ ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެންނަށް ތިފިރިހެނާގެ ފޮޓޮއެއް ދައްކަބަލަ. ނިކަން ކުޅިދައްކާލާނަން" ޝިދުނާ ބުންޏެވެ. ބަހެއްނުކިޔާ އިން އާޝިގާ ދަބަހުގައި އޮތް ފޯނު ނެގިއެވެ. ދެން ގެލެރީ ހުޅުވާލިގޮތަށް ޝިދުނާ އާ ދިމާލަށް ފޯނު އަނބުރާލިއެވެ.
"މިއީ އަސަލްގެ ބައްޕަ. އަހަރެންގެ ފިރިމީހާ. ތިއީ އަހަރެމެން ކައިވެނިކުރި ދުވަހު ކޯޓު ކައިރީގަ ނެގި ފޮޓޮއެއް. މަގުމަތިން ފެނިޖިއްޔާ ނިކަން ކުޅިދައްކާލާތި" އާޝިގާ ވާހަކަދެއްކިއެވެ.
"އަހަރެންނަށް މީނަ ފެނިއްޖެ. މިއީ އަހަރެން އިންނަން މިއުޅޭ ސަންތި މަރިޔަނބުގެ ރައްޓެއްސެއް. މިއީ ސަފަރުކަތްދަ. ހަމަ އެއް އުރައެއްގައި އޮތް ދެކަނޑި" ޝިދުނާ ބުންޏެވެ. އާޝިގާ ޝިދުނާއަށް ބަލަހައްޓައިގެން އިނީ ކުޑަކޮށް ހިނިއައިސްފައެވެ.
***********
ރޭގަނޑުގެ ކެއުން ކުރިއަށްދިޔަ ވަގުތު ޝެލީ ފެށި ވާހަކައަކުން މާހައުލު އެކީގައި ހަމަހިމޭން ވެލިއެވެ. ހައިރާންވެފައި އަލްމާޝް އާއި ނިމާން އެކަކު އަނެކަކަށް ބަލައިލިއެވެ. ކުރިން ޝެލީ އެވާހަކަ ފެށީތީ އެކަމުގައި ޝެލީގެ ވިސްނުން ހުރިގޮތް ބަލަން އަލްމާޝް ބޭނުންވިއެވެ.
"ހަމަ ޝެލީތަ ތިވާހަކަ ތިދައްކަނީ" އަލްމާޝް އެހިއެވެ.
"ލައްބަ. އަޅުގަނޑު. މަންމާ. ބުނެބަލަ އޭނައާ އަޅުގަނޑު ކައިވެނި ކުރުމަކުން އެއްވެސް މައްސަލައެއް އެބައޮތްތަ؟" ޝެލީ އެހިއެވެ.
"ދަރިފުޅު އެ އިންސާނާއަށް މައާފުކުރީތަ؟" އަލްމާޝް އެހިއެވެ.
"މައާފޭ. ދުވަހަކުވެސް ނުކުރާނަން. މިދުނިޔޭގައިވެސް ހުންނާނީ ނަފުރަތުކުރާ އެންމެ މީހެއް އެއީ އެ ޝައިތާނު. އަހަރެންވެސް މިއީ ނިކަން އަންހެނެއްކަން އޭނައަށް އަންގާލާނަން" އެހުރިހާ ބަސްތަކެއް ވީ ޝެލީގެ ހިތުގައެވެ.
"ބުނެބަލަ. މައާފުކުރީހޭ މަންމަ މިއަހަނީ" އަލްމާޝް އެހިއެވެ.
"ކައިވެންޏެއް ކުރަން މިވިސްނީ އޭނަ އާއެކު. އަނެއްހެން ބުނާނަމަ އެކަމުގައި ގޯހެއް ނެތެއްނު. އަޅުގަނޑުގެ ހަށިގަނޑަށް ހެދި ގޮތެއް ހެދީ އޭނައެއްނު. އެހެންވީމަ އެމީހާގެ އަންބަކަށް ވުމެއްނު އެންމެ ރަނގަޅުވާނީވެސް" ނޫންތަ މާމާ؟" ކައިރީގައި އިން ފަޒްނާއަށް ބަލައިލަމުން ޝެލީ އެހިއެވެ. އެހިނދު ޝެލީގެ މޫނުގައި ފިރުމާލަމުން ފަޒްނާ ބޯޖަހާލިއެވެ.
"މަންމަ އާއި ބައްޕަ މިކަމާ ނުރުހެންތޯ؟ އެހެންކަމަށްވާނަމަ ދެން އިތުރަށް މިކަމާ އަޅުގަނޑު ނޫޅޭނަން" ޝެލީ ބުންޏެވެ.
"އެހެނެއްނޫން. މަންމައަށް ޔަގީންނުވަނީ އަދިވެސް" އަލްމާޝް ބުންޏެވެ.
ދެން ފާއިތުވެގެންދިޔަ ވަގުތުގައި އެއްވެސް މީހަކު އަނގައިން ނުބުނެއެވެ. ޝެލީއަށް ޖަވާބެއްދޭން އެވަގުތު ނިމާންވެސް ބޭނުމެއްނުވިއެވެ. އިކާނާ ޝެލީ ގުޅެން ދުވަހަކުވެސް ނިމާނަށް ގާބޫލުވެވޭނެ ކަމެއް ނޭނގެއެވެ. ފާޅުގައި ޝެލީ ކުރިމަތީގައި އިންކާރު ނުކުރަންވެގެން އެއްޗެއް ނުބުނެ ނިމާން ހިޔާރުކުރީ ހިމޭންކަމެވެ. ދުވަހަކުވެސް ޝެލީގެ އެދުމަކަށް ނޫނެކޭ ބުނެފައި ނުވާތީއެވެ. ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ނިމާނަށް ޝެލީ މުހިންމެވެ.
"ބައްޕަ ގަބޫލެއްނޫންދޯ" ނިމާން މަޑުމަޑުން އިނުމުން ޝެލީ އެހިއެވެ. އެސުވާލު ކުރިއިރުވެސް ނިމާންގެ ހިޔާލު ހުރި ގޮތް ޝެލީއަށް އެނގެއެވެ. އަނގައިން ބޭރުނުވިއެއް ކަމަކު ނިމާންގެ މޫނުމަތިން ޝެލީއަށް ޖަވާބު ލިބިއްޖެއެވެ.
މައިންބަފައިންނަށް ހުދު ޝެލީވެސް އެކަމުގެ ފަހަތުގައި އޮތް ސަބަބު ފޮރުވިއެވެ. އެފަދަ ނުރައްކާތެރި ހަނގުރާމައަކަށް ޝެލީ ކުރިމަތިލާން އެމީހުން ދެކޮޅުވާނެތީއެވެ. ޝެލީ ބޭނުންވަނީ ދުވަހަކުވެސް ހަނދާނުން ފިލައިގެންނުދާނެވަރުގެ ހިތްދަތިކަމެއް އިކާނަށް ދޭށެވެ. ޝެލީ ފަދައިން އިކާންވެސް އުމުރަށް ހިތާމަކުރަން ޖެއްސުމެވެ.
"މަންމަ އޯކޭވިއްޔާ މިކީއާއެކު ނިންމަން އަޅުގަނޑު ބޭނުން" ޝެލީ ފަހުބަސް އިއްވާލިއެވެ.
*********
ރޭގެ ދިހައެއްޖަހާ ދިޔައިރުވެސް ސާހިލް ކޮޓަރިން ނުނިކުމެއެވެ. ޝެލީ އާ ދެކުދިންގެ މެދުގައި ވަރުގަދަ މައްސަލައެއް ޖެހިއްޖެހެން ސަމީރާއަށް ހީވިއެވެ. އެހެންނޫނީ އެގޮތަށް ކޮޓަރިން ނުނިކުމެ ސާހިލް ނޯންނާނެއެވެ. ސާހިލް ނުނިކުންނާނެކަން ޔަގީންވުމުން އެންމެފަހުން ސަމީރާ އެކަނިން އިނދެ ކެއެވެ. ސާހިލްއަށް ވީ ކާއެއްޗެހި ހިފައިގެން ކޮޓަރިއަށް ވަނެވެ. މޫނުމަތީގައި ބާލީސް އަޅައިގެން ސާހިލް އޮތްތަން ފެނުމުން ސަމީރާއަށް ކުޑަކޮށް ހެވުނެވެ. ކަމަކާ ދެރަވެގެން އުޅެންޏާ އެންމެ ކުޑައިރުވެސް ސާހިލް ފެންނާނީ އެހެން އޮއްވައެވެ.
"މަންމަ މިދަނީ ނިދަން. މިހެރީ ދަރިފުޅަށް ކާއެއްޗެހި ގެނެސްފަ. ބަނޑުހައިވެގެން ނޯންނާތި" ސަމީރާ އިށީނީ ސާހިލްގެ މަގަތުންނެވެ. ދެން ސާހިލްގެ އިސްތަށިގަނޑުގައި ފިރުމާލައިފިއެވެ. ތެދުވެގެން ހިނގައިގަތް ވަގުތު ސަމީރާ ސިހުނީ ލައިގެން ހުރި ހެދުމަށް ވާން ވުމުންނެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ސާހިލް އޮތީ ސަމީރާގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެންނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިންވެސް ސާހިލްގެ ދެލޮލުގައިވާ ކަރުނަ ސަމީރާއަށް ސިއްރުނުވިއެވެ.
"ކިހިނެއްވީ ދަރިއާ" ސަމީރާ އެހިއެވެ. ދެން އަނެއްކާވެސް ކުރިން އިން ތަނުގައި އިށީނެވެ.
"ތަނަކަށް ތަދުވަނީތަ؟" ސަމީރާ އެހިއެވެ. ސަމީރާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ސަމީރާގެ އުނގުގައި ސާހިލް ބޯއެޅުމުންނެވެ. ދެން ގިސްލާފައި ރޯން ފަށައިފިއެވެ. އަޑުވެސް ބޭރުވެއްޖެއެވެ. އިސާހިތަކު ސަމީރާއަށް ރޮވެން ފެށިއެވެ. ބޮޑުވެފައި ހުރި ފިރިހެން ދަރިއަކު އެގޮތަށް ރޯތަން ފެނުމުން ސަމީރާއަށް ކެތެއްނުވިއެވެ.
"މަންމާ... ޝެލީ ޝެލީ އެ އުޅެނީ މީހަކާ އިންނަން" ސާހިލް ބުންޏެވެ. ރޮވޭ ވަރުން ސާހިލްއަށް ވާހަކަވެސް ނުދެއްކެއެވެ.
"ކީކޭ؟ ކާކު ބުނީ؟" އެހަބަރުން ހުދު ސަމީރާއަށް ހައިރާންކަމެއް ލިބުނެވެ. ފާޑަކަށް ދެރަވެސްވިއެވެ.
"ޝެލީ ބުނީ. އެނގޭތަ ކާކާ އިންނަންކަން އެ އުޅެނީ؟" ސާހިލް ވާހަކަދެއްކިއެވެ.
"ކާކު؟ އެމަންޖެވެސް މީހަކާ އިންނަންވާނެތާ" އެހެން ބުނިއިރު ސަމީރާގެ އަޑު ބެދިއްޖެއެވެ. ސާޖިދު މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ.
"އެ ރޭޕިސްޓާ އިންނަން އެ އުޅެނީ. އެނޫނީ މީހަކު ނުލިބުނީތަ؟" ސާހިލް ބުންޏެވެ.
"ދަރިފުޅާ. އެއީ އެމަންޖެގެ ނިންމުން. އަހަރެމެން ޖެހޭނެ އެ ނިންމުމަށް ގަދަރުކުރަން" ސަމީރާ ބުންޏެވެ.
"ނޫން... ނޫން.... " ސާހިލް ބުންޏެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ސަމީރާ ސާހިލްގެ މޫނަށް ބަލައިލިއެވެ.
"އެކަމާ ދަރިފުޅު އެހާ ދެރަވަނީ ކީއްވެ؟" ސަމީރާ އެހިއެވެ.
"މަންމާ... މި ދުނިޔެއިން އަޅުގަނޑު ހަމައެކަނި ލޯބިވީ ޝެލީދެކެ... މާކުރިން.... ކޮއްކޮއަށް ވުރެވެސް ކުރިން...." ސާހިލް ބުންޏެވެ. އެހިނދު ސަމީރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދެލޮލުގައި ބޮނޑިވެގަތް ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހޮރިގަނެއްޖެއެވެ. ވާންވީ ދެރަކަމެއް ނުވަތަ އުފާކަމެއް ސަމީރާއަށް ނޭނގުނެވެ.
(ނުނިމޭ)