ވާހަކަ

މޮޔަކޮށްލި މާ - 42

3

ނުނިދޭނެކަން ޔަގީންވުމުން ޝެލީ ފޯނު ނެގިއެވެ. ސާހިލްގެ ނަންބަރަށް ގުޅާލިއެވެ. ފޯނެއް ނުނެގިއެވެ. ޝެލީ ޔަގީންކުރީ ސާހިލްއަށް ނިދުނީ ކަމުގައެވެ. އެހެންކަމުން ދެވަނަ ފަހަރަށް ގުޅަންނަހަދާ ބާލީސްމަތީގައި ބޯއަޅާލިއެވެ. ދެން ނިދޭތޯ ދެލޯ މަރާލިއެވެ.

ފަތިސްނަމާދަށް ހޭލިގޮތަށް ސާހިލް އެންމެ ފުރަތަމަވެސް ނެގީ ފޯނެވެ. ޝެލީ ގުޅާފައި އޮތްތަން ފެނުމާއެކު ސާހިލްގެ ދެލޮލުން ނިދިވެސް ފިލާދިޔަ ކަހަލައެވެ. ފޯނު ނުނެގުނީތީ އަމިއްލަ ނަފްސުދެކެ ރުޅިއައެވެ. ސާހިލްއަކީ އާންމުކޮށް އެހާ ކުރިން ނިދާ މީހެއް ނޫނެވެ. ބޮލެއްގައި ރިހޭވަރުން ބޭސްގުޅައެއް ކައިގެން އޮށޯތްތަނާ އޭނާއަށް ނިދުނީއެވެ.

މިސްކިތުން އައިގޮތަށް ސާހިލް ވަނީ ބަދިގެއަށެވެ. ސަމީރާ ސާހިލްގެ ކޮފީތަށި ހަދާފައި ހުއްޓެވެ. ބަދިގޭގައި ހުރި އާޝިގާ ސާހިލްއަށް ހިނިތުންވުމެއް ދިނެވެ. އެއް އަތްމަތީގައި އަސަލް ބައިންދައިގެން އާޝިގާއަށް ރަނގަޅށް އެއްކަމެއްވެސް ނުކުރެވޭނެތީ ސާހިލް ބަދިގެއިން ނިކުތީ ކޮފީތައްޓާއެކު އަސަލްވެސް އުރާލައިގެންނެވެ.

"މިއަދު ދަރިފުޅު ކަސްރަތަށް ނުދާ ދުވަހެއްތަ؟" ސާހިލްގެ ފަހަތުން ނިކުންނަމުން ސަމީރާ އެހިއެވެ.

"މޫޑެއްނެތް ދާކަށް" ސޯފާގައި އިށީންނަމުން ސާހިލް ބުންޏެވެ. ދެފަރާތަށް ބޯހޫރާލާފައި ސަމިރާ ހިނގައިގަތެވެ. ޖީބުން ނެގި ފޯނަށް ބަލަން އިނދެފައި ޝެލީއަށް ގުޅުމުގެ ހިޔާލު ދޫކޮށްލިއެވެ. ތަންކޮޅެއް ފަހުން ގުޅާނަމޭ ހިތާއެވެ.

ކުރިމަތީގައި ހުރި ބަނާނާ މިލްކުޝޭކް ތައްޓަށް ބަލަހައްޓައިގެން އަލްމާޝް އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. ފިކުރަކަށް ގެއްލިފައި އިންނަހެން އަލްމާޝް އިނެވެ. އެތަން އަފާފް ޝަހާނާއަށް ދައްކާލިއެވެ. ދުވަސްތަކަށްފަހު ތިން އެކުވެރިން ބައްދަލުކުރީ އަލްމާޝްގެ އެދުމަކަށެވެ. ގޮތް ނިންމަން ދަތި ހިސާބަކަށް ދިރިއުޅުން އޭނާ ގެނެސްފިނަމަ ދެ އެކުވެރިންގެ ހިޔާލު އަބަދުވެސް އަލްމާޝް ހޯދައެވެ.

"މާޝް، ސާބަހޭ. ތިހާވަރަށް ނުވިސްނަބަލަ" އެންމެ ކައިރީގައި އިން ޝަހާނާ އަލްމާޝްގެ އަތުގައި ކޮށްޓާލިއެވެ.

"ނުވިސްނަމޭ. މިހިތަށް އެރީ އަހަރެން ގޮތެއް ނުނިންމާނަމޭ. ގޮތް ނިންމާނީ ޝެލީ. ނޫންތަ؟" އަލްމާޝް ބުންޏެވެ.

"ރަނގަޅަށް ތިބުނީ. އެ ފިރިހެނާ ކުރި ކަންތަކަށް މަޢާފް ދެވިދާނެ. އެއީ ރަނގަޅުކަމެއް. އެކަމަކު ޝެލީ އާ އޭނަ ކައިވެނިކުރުން. އެއްގޮތަކުން ބަލާނަމަ ކައިވެންޏަކީ ގޯސްކަމެއް ނޫން. ދެން ނޭނގެ. ޝެލީ އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދެއްކިތަ؟" އަފާފް އެހިއެވެ.

"ނުދައްކާ. އެގެއިން ނިކުމެގެން އައީ ވަރަށް ރުޅިއައިސްފަ ހުރެ. ހެނދުނު މަށާ ބައްދަލުވިއިރު ވަރަށް ހަމަޖެހިފަ ހުރީ. އަހަރެން ހީކުރީ އެވާހަކަދައްކާނެ ކަމަށް. ޝެލީ ނުދައްކާތީ އަހަރެން އެ މައުލޫއަށް ނުދިޔައީ" އަލްމާޝް ވާހަކަދެއްކިއެވެ.

"ކީކޭ ނިމާން ބުނަނީ" ޝަހާނާ އެހިއެވެ.

"މާން ދޯ...." އަލްމާޝް ބުންޏެވެ. ފުން ނޭވައެއް ދޫކޮށްލާފައި ދެން ގޮނޑީގައި ހަމަޖެހިލިއެވެ. "މާން އެހާ ބޭނުންވާކަމެއް ނޫން އެއީ"

"ހިނގާބަލަ ބަލަން ތިބެމާ ޝެލީ އެވާހަކަދައްކާތޯ. ނުދައްކަންޏާ އެކަކުވެސް އަޅާނުލާނީ. އެ ފިރިހެނާގެ އާއިލާއަކުން ވެސް އެކަހަލަ ވާހަކައެއް ނުދައްކައެއްނު" އަފާފް ބުންޏެވެ.

"ނޫނެކޭ ލަކީ ގުޅި ވަރަށް ހެނދުނު" އަލްމާޝް ބުންޏެވެ. ޝަހަނާއާއި އަފާފް އެކަކު އަނެކަކަށް ބަލައިލިއެވެ. ލަކްޔަން ދެއްކީ ކޮންކަހަލަ ވަހަކައެއްތޯ އެހިއެވެ.

"ބުނީ އިކާން ދެއްކި ވާހަކަތަކަކީ އާއިލާ އެއްވެސް މީހެއް ބުނި ބުނުމަކަށް ދެއްކި ވާހަކައެއް ނޫނޯ. ލަދުވެސްގަނެޔޭ މިހެން ބުނަން. ޝެލީ ތިމަންނަގެ ދަރިއަކަށް ހަދަން ބޭނުމޭ. އެކަމަކު އެއްވެސް މަޖޫބޫރުކަމެއް ނެތޭ. ވިސްނާފަ އެންމެ ރަނގަޅު ގޮތަކަށް ނިންމައްޗޭ ބުނީ" އަލްމާޝް ވާހަކަދެއްކިއެވެ.

ހެނދުނު ހޭލިގޮތަށް ނިމާނާއި މިކާލް ވަޒީފާއަށް ދިޔުމުގެ ކުރިން ސައިހަދާފައި ދެބަފައިން އޮފީހަށް ފޮނުވާލާފައި އަލްމާޝް ދެން ބެލީ ފަޒްނާއަށް ހެނދުނުގެ ސައިދެވޭތޯއެވެ. އޭރު އަދި ޝެލީގެ ހަބަރެއް ނުވެއެވެ. ލަކްޔަންގެ ކޯލު އަލްމާޝްއަށް ލިބުނީ އެއްޗެހި ދޮންނަން އުޅެނިކޮށެވެ. ލަކްޔަން ގުޅި ހަގީގީ ސަބަބު ހާމަކުރެވުނީ ވަރަށް މަސައްކަތުންކަން އަލްމާޝްއަށް އިނގުނެވެ.

ޝިދުނާގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓަށް ރާވީގެ އާއިލާ ޖަމާވެފައި ތިއްބެވެ. ރާވީގެ މުޅި މޫނުމަތި ވަނީ މިލާފައެވެ. ހިތް ނެދުނަސް އޭނަ އާ އިންނަން މިރޭ ޝިދުނާ ރަންކިޔާނެއެވެ. ކަންތައްކުރާނެ މޮޅު ގޮތަކާމެދު ރާވީ ވިސްނަމުން ދިޔައެވެ.

ސޯފާގައި އިށިންއިރު ދިމާލަށް އިން ގޮނޑީގައި ޝިދުނާ އިނެވެ. ބަލާބެލުމަށް ވަރަށް ހަމަޖެހިފައެވެ. ޝިދުނާއަށް ބަލައިލަންވެސް ރާވީ ފޫހިވިއެވެ. ގަޔަށް ހިފާފައި ހުރި ނޫކުލައިގެ މިޑީއެއްގައި ޝިދުނާ ކިތަންމެ ރީތިކަމަށް ދެއްކިޔަސް ރާވީ ގަޔާނުވިއެވެ. އެންމެފަހުން އެވަގުތުގައި އިކާންގެ ފޯނު ކޯލެއް ލިބުމާއެކު ރާވީ ދުރަށް ޖެހުނެވެ.

"ވަރަށް މަސައްކަތުން ބައްޕަ އެއްބަސްވެއްޖެ ދާން. އެބަދަން އިނގޭ" އިކާން ބުންޏެވެ.

އާއިލާ ހުރިހާ މީހުން ހަމަވުމާއެކު ރަންކިޔުމުގެ ހަފްލާ ފެށިއްޖެއެވެ. ތަނަށް ވެރިވެފައިވި ހަމަހިމޭންކަމުގައި ޝިދުނާ ކައިރިން ރަނަށް ކިޔަނީ ކިހާވަރެއްތޯ ފޯމު ފުރަން އައިސްތިބި މީހުން އަހައިފިއެވެ. އެއްޗެއް ބުނަން އުޅެނިކޮށް ރާވީ ކެއްސާލައިފިއެވެ. ޒުމްރާ ރާވީއަށް ބަލައިލިއެވެ.

"ރަންކިޔުމުގެ ކުރިން އަޅުގަނޑު ޝިދުނާ އާ ވަކިން ވާހަކަދައްކާލަން ބޭނުން" ރާވީ ބުންޏެވެ. ޒުމްރާ ހިތްހަމަނުޖެހުނެވެ. ރާވީއަށް ބަލަހައްޓައިގެން އިންގޮތުން އެކަނިވެސް ރާވީއަށް ޒުމްރާ ފަޅައިގެންދާން ކައިތިވެފައި އިންކަން އިނގުނެވެ.

"ވާހަކަދައްކާނީ ފަހުން" ދެ ދަތްޕިލަޖައްސާ ބާރުކޮށްލައިގެން އިނދެ ޒުމްރާ ބުންޏެވެ.

"މިހާރު. އަޅުގަނޑުގެ ވާންއުޅޭ އަނބިމީހާ އާ ދައްކަންޖެހޭ ވާހަކައެއް އޮވެދާނެއްނު" ރާވީ ބުންޏެވެ.

"ރަނގަޅުވާނެ. ދޭ ދެކުދިން. ބެލްކަންޏަށް ނިކުމެލާ. އެކަމަކު އަވަސްކުރާތި. ކޯޓުން އައިސްތިބި ބޭފުޅުންނަށް އެހާ ގިނައިރު މަޑެއްނުކުރެވޭނެ" ހުއްދަ ދިނީ ޝިދުނާގެ މަންމަ ފަރާތު ބޮޑުބޭބެ ޒަރީރުއެވެ.

ޝިދުނާއާއި ރާވީ ބެލްކަންޏަށް ނިކުތެވެ. ރާވީ ޝިދުނާއަށް ބަލައިނުލިޔަސް ޝިދުނާ ހުރީ ރާވީއަށް ބަލަހައްޓައިގެންނެވެ.

"ކޮންވާހަކައެއް ދައްކަންވެގެންތަ؟ ހަނީމޫނަށް ދާނެ ތަނެއް ފައިނަލްވީތަ؟" ޝިދުނާ އެހިއެވެ. ރާވީ ޝިދުނާއަށް ބަލައިލީ ޝައުގުވެރިކަމެއްނެތް ބެލުމަކުންނެވެ.

"ލުކް. މިވާހަކަ ކޮންމެހެން އެތެރެއަށް ވަދެ ނުދެއްކިޔަސް ރަނގަޅުވާނެ. އައި ޑޯންޓް ލައިކް ޔޫ. މި ކައިވެނިކުރަން އަހަރެން ބޭނުމެއްނޫން. ކަލޭގެ ގައިގަ އަހަރެން ހިތްހަމަޖެހޭ އެއްވެސް ސިފައެއްނެތް. މަންމަ އަހަރެންނަށް ފޯސްކުރަނީ. އަހަރެން ފެނުނީމަ އެހެން ކަލެއަށް ހިއެއްނުވޭތަ؟ ޕްލީޒް... ބުނޭ ކައިވެނިކުރަން ބޭނުމެއްނޫނޭ. އަހަރެން ބުންޏަސް އެއްވެސް ކަމެއް ބަދަލެއްނުވާނެ. މިދުވަސްކޮޅު މަންމަ ހުންނަނީ އަހަރެންނާ ޖައްސާލާފަ" ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް އެއްނޭވައިން ރާވީ ނިންމާލިއެވެ. ޝިދުނާ ހުރީ ޒާތަކަށް ހިނިއައިސްފައެވެ. އެހާވަރަށް ބުނީމަވެސް އެ އަންހެންކުއްޖާގެ މޫނުމަތިން މޮޅިވެރިކަމެއް ނުފެނުނެވެ. ރާވީ ހިތްހަމަނުޖެހުނެވެ.

"ކަލޭ ހީކުރަނީ ކީކޭ ކަމަށްތަ؟ ތިމާއަކީ މާ ރީތި މީހެއް ކަމަށްތަ؟ އަހަރެން މިއުޅެނީ ދުނިޔެއިން ފިރިހެނުން ހުސްވެގެންކަމަށްތަ؟ އަހަރެންނަށް ކަލޭ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންނަށް އިނގުނު ތިއީ އެއްވެސް ހަރުދަނާ ކަމެއްނެތް އެބޯޅޭ މިބޯޅޭ މީހެއްކަން. އަހަރެން މި ކައިވެނި ނުކޮށް ދޫކޮށްލައިފިއްޔާ ދެން ނޭނގެ ކަލެ އާ އިންނާނެ މީހަކު ވާނެކަމެއްވެސް. ޝުކުރުކޮށްބަލަ ދެންވެސް" ޝިދުނާ ވާހަކަދެއްކިއެވެ. ލައިގެން ހުރި ފަޓްލޫނުގެ ދެޖީބަށް ޖަހާލާފައި ހުރި ރާވީގެ ދެއަތް މުށްކެވުނެވެ. ޝިދުނާގެ މޫނަށް ބަލަހައްޓައިގެން ހުރީ ބުޅާ މަސްގަނޑަށް ބަލައި އުސޫލުންނެވެ. ރޯވާން ގިނައިރެއް ނެތެވެ.

"ނިމުނީތަ؟ ހިނގާ ދާން" ޝިދުނާ ބުންޏެވެ.

"ކަލޭ ހާދަ ފުއްޕައޭ ދޯ. ކޮން ގަދައެއް ތިވަނީ. ކީކޭ ތިބުނީ؟ ކަލޭ ނޫނީ އަހަރެންނާ އިންނާނެ މީހަކު ނެތީއޭތަ. ބަލަން ހުރޭ. ތިކަން ދައްކާލާނަން. ކަލެއަށް އިނގޭތަ އަހަރެންނަށް ކަލޭގެ އެންމެ ކަމުނުދަނީ ކޯޗެއްކަން. ދަތްޕިލައިގަ ތިއިން ނަރުގަނޑު. ޗީޑި. ހޮޑުވެސްލަވާ" ރާވީ ބުންޏެވެ. ޝިދުނާ ހިނިގަނޑެއް ޖަހާލިއެވެ. ރާވީ އެކުރި މަލާމާތުން ޝިދުނާ ހިތްވަރުއެލޭގޮތްވި ނަމަވެސް ކުރިމަތީގައި ދޫކުރާން ބޭނުމެއްނުވިއެވެ. ޝިދުނާ ދެކޭގޮތުގައި އެގޮތަށް ކުޑަވެއްޖެނަމަ އެކަހަލަ ފިރިހެނުންގެ ފަރާތުން އިތުރު މަލާމާތާ ފުރައްސާރަ ކުރިމަތިވާނެއެވެ.

"ހެވެއްނު. ކައިވެންޏަށްފަހު ފިރިސޮރަށް ކޮންމެ ދުވަހަކު ހެނދުނު ގޮވާނީ މި ނަރުގަނޑުން. އެކަމަކު ބުނަން. މިހާރު އަހަރެން ފޫހިވެއްޖެ. ތިކަހަލަ ރަނޑު މީހަކާ އިންނަން އަހަރެންވެސް ބޭނުމެއްނޫން. އާނ އެހެންޏަ. އަންހެނަކާ ތިގޮތަށް ދިމާކޮށްލައިގެން ނޫޅޭނެ ރަނޑު ނޫން މީހަކު. އަހަރެން މިދަނީ ބުނަން ތިކަހަލަ މީހަކު ބޭނުމެއްނޫނޭ" ލައިގެން ހުރި ހެދުން ކޮށިކޮށްލަގެން ހުރެ ޝިދުނާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެއީ އެދިމާލަށް ޒުމްރާވެސް އައި ވަގުތެވެ. ޝިދުނާގެ ފަހަތުން ރާވީ ނުފެންނާތީ ޒުމްރާ އެދިމާލަށް ބަލައިލިއެވެ. ހެވިފައި ހުރި ރާވީ ފެނުމުން ޒުމްރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ކަމެއް ގޯސްވިނަމަ ރާވީގެ ތުންފަތްމަތިން އެ ހިނިތުންވުން ނުފެންނާއެވެ. ހެއްދެވިފަރާތަށް ޒުމްރާ ހިތާހިތުން ހަމްދުކުރިއެވެ.

ސޯފާގައި އިށީނދެފައި ރާވީ ޝިދުނާއަށް ބަލައިލިއެވެ. ކައިވެންޏާ ޝިދުނާ ދެކޮޅުހަދާނެކަން ރާވީއަށް ޔަގީންވެއްޖެއެވެ. އުފަލުން އިންވަރުން ރާވީގެ ހިނިތުންވުން ނުފިލައެވެ.

ވަދެގެން އައި އިކާން ފެނުމުން ރާވީ ތެދުވިއެވެ. އެދިޔަގޮތަށް ގޮސް އިކާންގެ ގައިގައި ބައްދާލައިފިއެވެ. އެމަންޒަރު ބަލަހައްޓައިގެން ތިބި ކޮންމެ މީހެއްގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ކައިވެންޏާ ރާވީ ނުހަނު ރުހެއޭ އެ އެންމެންނަށް ހީވިއެވެ.

"ނަސީބަކުން އަހަރެން ސަލާމަތްވެއްޖެ. އެ އަންހެން ގޮލާ ބުނެފި ރަން ނުކިޔާނަމޭ" ރާވީ އެވާހަކަ ބުނެލީ އިކާންގެ ކަންފަތް ކައިރީގައެވެ.

"ކޮބާ ދަރިއާ. އަވަހަށް ކިޔާ ކޮންމެސް އަދަދެއް" ރާވީ އައިސް ގޮނޑީގައި ހަމަޖެހިލުމާއެކު ޒުމްރާ ޝިދުނާގެ ބުރަކަށީގައި ފިރުމާލާފައި ބުންޏެވެ.

"ދެހާސް ބާވީސް ރުފިޔާ" ޝިދުނާ ބުންޏެވެ. ދެން ލަދުވެތި ބެލުމަކުން ރާވީގެ މޫނަށް ބަލައިލިއެވެ. ހިނިތުންވެފައިވާ ރާވީގެ މުނުމަތި މިލައިގެން ދިޔައެވެ. ހިތްހަމނުޖެހުމާ ރުޅިވެރިކަމުގެ ކުލަވަރު މުޅި މޫނުގައި ވަށާލައިފިއެވެ. ޝިދުނާއަށް ބަލަހައްޓައިގެން އިންއިރު ދެލޮލުން ނަފްރަތުގެ އަލިފާން ބުރަމުންދާ ކަހަލައެވެ. ދެއަތްތިލަ މުށްކެވިއްޖެއެވެ.

"އަދި އަޅުގަނޑު ބުނެލަން ބޭނުން މި ކައިވެންޏާ އަޅުގަނޑު ވަރަށް ބޮޑަށް ރުހެން" ޝިދުނާ ބުންޏެވެ.

ވަޒީފާގެ ކަންތަކުގައި ހޮސްޕިޓަލުގައި ސާހިލް އުޅުނެވެ. އޮފީސް ބައިން ނިކުމެގެން ނިކުންނަ ދޮރާ ދިމާލަށް އައީ ފޯނަށް ބަލހައްޓައިގެން ހުރެއެވެ. ކުއްލިއަކަށް މީހަކުގެ ގައިގައި ސާހިލް އަޅައިގަތެވެ. އަތުގައި އޮތް ފޯނާ ވޮލެޓް ތިރިއަށް ވެއްޓުނެވެ. އެތަކެތި ނަގަން އުޅުމުގެ ބަދަލުގައި ސާހިލް އުޅުނީ މުޑިއެރި އަންހެންމީހާއަށް އެހީވެދިނުމަށެވެ.

"ސޮރީ. އަޅުގަނޑަށް ބަލާނުލާ އާދެވުނީ" ސާހިލް ބުންޏެވެ. އާނާ އިން ގޮނޑީގެ ފަހަތުގައި ހުރި ޝަހާނާ ސާހިލްއަށް ބަލައިލިއެވެ. އެވަގުތު ޝަހާނާގެ ދެލޯ ކުޑަކޮށްލިއެވެ. ސާހިލްގެ ސޫރަ އޭނާއަށް ކޮންވެސް ތަނަކުން ފެނުނު ހަނދާނެއްވިއެވެ. އެހެންނަމަވެސް ނަގައިނުގަނެވުނެވެ.

"އެވަރުކަމެއްނޫން. އަޅުގަނޑުމެންނަށްވެސް މާ ބާރަށް ދެވުނީ. ދޯ އާނާ" ޝަހާނާ ބުންޏެވެ. އާނާގެ މާބޮޑު ސަމާލުކަމެއް ޝަހާނާއަށް ނުދެއެވެ. ތިރީގައި އޮތް ސާހިލްގެ ވޮލެޓަށް އާނާގެ ނަޒަރު ހުއްޓިފައި ވިއެވެ. ވޮލެޓް ހުޅުވިފައި އޮތްއިރު އާނާގެ ސަމާލުކަން ހުއްޓިފައިވަނީ ވޮލެޓް ތެރެއިން ފެންނަން އޮތް ފޮޓޯއަށެވެ.

"މަޑުކުރޭ" ވޮލެޓް ޖީބަށް ލައިގެން ހިނގައިގަތް ސާހިލް ސިހުނީ އާނާގެ އަޑުންނެވެ. ޝަހާނާއަށް ވެސް ސިހުމެއް ލިބުނެވެ. ދުވަހަކުވެސް އާނާ އެހާ ބާރަށް މީހަކާ ވާހަކަދައްކާފައެއް ނެތެވެ.

"އެއީ... އެއީ ކާކު؟ ވޮލެޓްގަ އިން ފޮޓޯގަ" އާނާ އެހިއެވެ. ސާހިލް ޖީބަށްލި ވޮލެޓް ނަގާފައި ހުޅުވާލިއެވެ. ދެން ހީލިއެވެ.

"އަޅުގަނޑުގެ މަންމައާއި ބައްޕަ. ދައްތަ ދަންނަ ބައެއްތަ؟" ސާހިލް ބުންޏެވެ.

"އުނހު ނުދަންނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ" ޝަހާނާ ބުންޏެވެ. ކޮންމެސްކަމެއް ގޯސްވާން އުޅެއޭ ޝަހާނާއަށް އެވަގުތު ހީވިއެވެ.

ސާހިލް ހިނގައިގަތެވެ. ސަމީރާއަށް ބޭސްދޭންޖެހޭ ގަޑި ކައިރިވާތީ ސާހިލް ދިޔައީ ވަރަށް ހިނގާފައެވެ. ފަހަތުން އަންހެނަކު ހަޅޭއްލަވައި އަޑު އިވެމުން ދިޔައެވެ. ސާހިލް ފަހަތަށް ބަލައިނުލައެވެ.

ދުވަހުގެ ހަވީރު ވަގުތެވެ. ރީތިވެގެން ޝެލީ ބޭރަށް ނިކުތެވެ. ސާހިލް އުޅޭ ގެއާ ދިމާލަށް ޝެލީ މިސްރާބުޖެހީ ފައި މަގުގައެވެ. ފޯނަށް ގުޅައިގެންވެސް ސާހިލްގެ ހަބަރެއް ނުވިއެވެ. އެހެންކަމުން ޝެލީ ބޭނުންވީ ސާހިލްގެ ކުރިމައްޗަށް އަރާށެވެ.

ބެލްއަޅާލި ދޮރު ހުޅުވީ ސަމީރާއެވެ. ދޮރުމަތީގައި ހުރި ސަމީރާގެ ތުންފަތަށް ފުޅާ ހިނިތުންވުމެކެވެ. ޝެލީގެ އަތުގައި ހިފައިގެން އައިސް ސޯފާ ކައިރީގައި ހުއްޓުނެވެ. ސޯފާގައި ތިބި ދެ އަންހެންކުދިން ޝެލީއަށް ހިނިތުންވުމެއް ދިނެވެ.

"މަންމަ ކިހިނެއްތަ؟" ޝެލީ އެހިއެވެ.

"އަލްހަމްދުލިއްލާހް. މަންމަ ރަނގަޅު. ދަރިފުޅު ރަނގަޅު ދޯ" ސަމީރާ ބުންޏެވެ. ޝެލީ ބޯޖަހާލިއެވެ.

"އެބައުޅޭ ކޮޓަރީގަ. މިހާރު އަބަދު އޮންނަނީ ކޮޓަރީގަ. ދޭބަލަ ބަލާލަން" ސަމީރާ ބުންޏެވެ.

ޝިދުނާ އާޝިގާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުނނެވެ. ޝެލީއަކީ ސަމީރާ އާ ކިހާ ގާތްގުޅުމެއް އޮންނަ މީހެއްތޯ ޝިދުނާ އެހިއެވެ.

"އެއީ ސާހިލްގެ ބެސްޓްފެރެންޑް. ރީތި ކުއްޖެއްދޯ" އާޝިގާ ބުންޏެވެ. ޝިދުނާ ބޯޖަހާލިއެވެ.

ކޮޓަރިއަށް ވަންނަން އުޅެފައިވެސް ޝެލީ މަޑުޖެހުނެވެ. ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަނުން އެހާ ރަނގަޅު ކަމަކަށް ނުވާނެތީއެވެ. ދެތިންފަހަރު ޓަކިޖަހާލާފައި ޝެލީ މަޑުކޮށްލިއެވެ. ސާހިލް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޝެލީ ފެނުމާއެކު ފުރަތަމަ ސާހިލްއަށް ހީވީ ހުވަފެނެއްގެ ތެރޭގައި އޮވެވުނު ހެންނެވެ. އެހެންނަމަވެސް ހަގީގަތެއްކަން އިނގުނީ އަތުން ސާހިލް އެއްފަރާތަކަށް ޖައްސާފައި ޝެލީ އެތެރެއަށް ވަނުމުންނެވެ.

"ޝެލީ...." ސާހިލް ބުންޏެވެ.

"އާނ އަހަރެން. ކިހިނެއްވީ؟ ފިލަން އުޅެނިކޮށްތަ މި އާދެވުނީ" ޝެލީ ބުންޏެވެ. ސާހިލް ބަހެއްނުކިޔާ އެނދުގައި ޝެލީ އާ ދުރުގައި އިށީނެވެ.

ކޮށްލި ހަރަކާތަކާއެކު ޝެލީއަށް އެނދުގެ ހެޑްބޯޑާ ދިމާލުން ބާލީސް ކައިރީގައި އޮތް ހިކިފައި އޮތް މަލެއް ލާފައި އޮތް ބިއްލޫރި ފުޅިއެއް ފެނުނެވެ. ޝެލީގެ ނިތަށް ރޫއަރައިގެން ދިޔައިރު ދުރު ހަނދާނެއްވިއެވެ. ފުޅި ކައިރީގައި އޮތް ނޯޓްފޮތް ޝެލީ ނެގިއެވެ. ގަލަމެއް ލާފައި އޮތް ހިސާބު ހުޅުވާލަން އުޅުނު ވަގުތު ސާހިލް ޝެލީ އަތުން ފޮތް ދަމައިގަތެވެ.

"އޯވް... ސޮރީ... ހާދަ ސިއްރުވެރިއޭ" ޝެލީ ބުންޏެވެ.

"ސޮރީ... މީގަ އޮތް އެއްޗެއް އަދި ޝެލީއަށް ފެންނާކަށް ބޭނުމެއްނޫން" ސާހިލް ބުންޏެވެ.

"އޯކޭ... ކީއްވެ ތިހެން ތިއުޅެނީ؟ އަހަރެން ގުޅީމަ ފޯނު ނަގަނީއެއްނޫން. މެސެޖަށް ރިޕްލައި ކުރަނީކީނޫން. ބައްދަލުކުރަނީކީ ނޫން" ޝެލީ ވާހަކަދެއްކިއެވެ.

"އަހަރެން ހީކުރީ ޝެލީ ހުންނާނީ ރުޅިއައިސްފަކަމަށް" ސާހިލް ބުންޏެވެ.

"އެހެންވެތަ ތިހެން ފިލައިގެން ތިއުޅެނީ؟" ޝެލީ އެހިއެވެ.

"އެރޭ... އަހަރެމެން ސޮރީ.... އަހަރެން ގަސްތަކުނޫން" ސާހިލް ބުންޏެވެ.

"އެރޭގެ ވާހަކނުދައްކާ. އެރޭ ކަމެއްވިތަ؟ އަހަރެން ނުދެނަހުރިން" ޝެލީ ބުންޏެވެ. ސާހިލައަށް އަނެއްފަރާތަށް

އެނބުރެވުނެވެ. ޝެލީއަށް އެހެން ބުނަން ހާދަ ފަސޭހައެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" ޝެލީ ބުންޏެވެ. ސާހިލް ބޯޖަހާލިއެވެ.

"އަހަރެންނަކީ ސާހިލްގެ ކާކު؟ އައި މީން އަހަރެންނާ މެދު ދެކެނީ ކިހިނެއް؟" ޝެލީ އެހިއެވެ. ސާހިލް ހައިރާންވިއެވެ. ޝެލީ ހާދަ ކެރެއެވެ. އެހާ ފާޅުކަންބޮޑު ގޮތެއްގައި ސާހިލް އާ ސުވާލުކުރަން ޝެލީއަށް ކެރުނީ ކިހިނެއް ހެއްޔެވެ؟

"އަހަރެންގެ ބެސްޓްފްރެންޑް. އަހަރެންގެ ސްނޯބޯލް... ރޯޒްމެލޯ"

"ޖަވާބުލިބިއްޖެ. އަހަރެން މިއަދު މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން. އަހަރެން އެންމެ ފުރަތަމަ އެވާހަކަ ހިއްސާކުރަން ބޭނުމީ އެންމެގާތް އެކުވެރިޔާ ކައިރީގަ" ޝެލީ ބުންޏެވެ.

"ކޮންވާހަކައެއް. ބުނޭ. އަހަރެން އަޑުއަހާނަން. އަހަރެން ކައިރީގައި އިނދެ ޝެލީ ކިތަންމެ ވަރަކަށް ވާހަކަދެއްކި ނަމަވެސް އަހަރެން އަޑުއަހާނަން" ސާހިލް ބުންޏެވެ. އެބަސްތަކުން ޝެލީއަށް ބުނެދޭން ނޭނގޭ އުނދަގުލެއްވިއެވެ.

"އަހަރެން މެރީކުރަން ނިންމައިފިން" ޝެލީ ބުންޏެވެ. ސާހިލްއަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަ ހެންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟