ކުއްލިއަކަށް އެވީ ގޮތެއް ޝެލީއަށް ވެސް ނޭނގުނެވެ. އެކުވެރިކަން ނޫން އެހެން ގުޅުމަކަށް ސާހިލް އެދެނީބާއޭވެ. ކޮންމެގޮތެއް ވިޔަސް ރޭގައި ފެނުނު ސާހިލް މުޅިން ތަފާތެވެ. ވިސްނާ ވިސްނާ ޝެލީ ބޯގޮވައިފިއެވެ. އެކަމުގައި ޝެލީއަށް ހަމައެކަނި ސާހިލް ކުށްވެރި ކުރެވޭކަށްވެސް ނެތެވެ. ހަދާނެގޮތެއް ޝެލީއަށް ނޭނގުނެވެ. ހިޔާލެއް ހޯދަން އެވާހަކަ ދައްކާނެ މީހަކުވެސް ނެތެވެ. ޝެލީގެ ބޮލުގައި އެންމެފަހުން ރިހުމެއް އުފެދިއްޖެއެވެ.
ސަމަދުގެ އާއިލާ ފެނުމާއެކު ޝެލީއަށް ދުރުގައި ނުހުރެވުނެވެ. ރޫހީ އަތުގައި އޮތް ތުއްތު ފުށްގަނޑެއް ކަހަލަ ދަރިފުޅު ނަގައި މެއާލާ ބޮނޑިކޮށްލިއެވެ. ޖޫލްގެ ދަރިފުޅުގެ ކޮލުގައި ހިފާލާފައި ބޮސްދިނެވެ. ސަމަދު ދުރަށް ނުގޮސް ހުރީ މިކާލް ކައިރިންނެވެ. އާއިލާއަށް އުފަންވި ހަމައެކަނި ފިރިހެން ދަރިފުޅަކީ މިކާލްއަށް ވީތީ އަޒްމާވެސް ހުރީ މިކާލް ކައިރީގައެވެ. ދީމާގެ ގައިގައި އަލްމާޝް ބައްދާލާފައި ކައިރީގައި ހުރި ޒުވާން އަންހެންކުއްޖާއަށް ބަލައިލިއެވެ. އަރަބި މޮޑެލްއަކާ ތަފާތެއްވެސް ނެތެވެ.
"ޒައިނަލް... މާޝާﷲ... ކީއްވެތަ ބައްޕަ ނުލައި ތިއައީ" އަލްމާޝް ޒައިނަލްގެ ގައިގައިވެސް ބައްދާލިއެވެ.
"ބައްޕަ ބިޒީވީ ދޯ ދަރިފުޅާ" ދީމާ ބުންޏެވެ. "އިނަލް ވަރަށް ލަދުގަންނާނެ"
ތެދެކެވެ. ޒައިނަލަށް މަންމަ ފަރާތު އާއިލާ މީހުންނަކީ އާ ބައެކެވެ. ދީމާގެ ފިރިމީހާ ޔޫސުފްއަކީ މިސްރު މީހަކަށްވާތީ ޒައިނަލް އުޅުނީ މިސްރުގައެވެ. ޒައިނަލް ވާހަކަދައްކައި ހަދަނީވެސް އަރަބި ބަހުންނާއި އިނގިރޭސި ބަހުންނެވެ.
"ކޮބާ ދިޔާ؟" އަލްމާޝް އެހިއެވެ.
"ދިޔާއަށް ރަންކިޔާ ހަފްލާއަކަށް ނާދެވޭނެ. އެކަމަކު ކައިވެނިކުރާ ރެއަށް އަންނާނެ ވާހަކަ ބުނި" އަޒްމާ ބުންޏެވެ. ދިޔާ ކިޔަވަން ހުރީ އޮސްޓްރޭލިޔާގައެވެ.
"ބަލާބަ މިކީ. ހާދަ ލަދުންނޭ އެ އުޅެނީ" ރޫހީ މަޖާވެފައި ބުންޏެވެ.
"އެހެން ދޯ ވާނީ. މާޝައްތަމެން އެންމެފަހުން އައިއިރުވެސް އެސޮރު ނުލާވިއްޔާ އައީ" ޖޫލް ބުންޏެވެ.
ހުރިހާ މީހުން ކާރާ ދިމާލަށް ހިނގައިގަތީ ފޮށިތައް ކާރަށް އަރުވާފައި ނިމާން ގޮވައިލުމުންނެވެ. ވަކި ހިސާބަކަށް ގޮސްފައި ޝެލީ ފަސްއެނބުރި ބަލައިލިއެވެ. މީހަކު ތަނބަކާ ނިވާވިހެން ހީވިއެވެ. އެއީ ސާހިލް ހެން ޝެލީއަށް ހީވިއެވެ. އެހެންނަމަވެސް ފަހުން އެ ވިސްނުން ޝެލީ ބަދަލުކުރިއެވެ. ފަހުން އެދިމާލުން އެއްވެސް މީހެއްގެ ހިލަމެއް ނުވީމައެވެ.
*****
"އެބަ އަންނަން" އެންމެން ކާރަށް އެރިތަނާ ޝެލީ ބުންޏެވެ.
"ކޮންތާކަށް. ގެއަށް ދާންވީއޭ ދެން" އަލްމާޝް ބުންޏެވެ.
"މަންމަމެންދޭ. އަޅުގަނޑު މިދަނީ" ޝެލީ ބުންޏެވެ. ބަހެއް ނުކިޔައި އަލްމާޝް ބަލައިލީ ނިމާނަށެވެ. ޝެލީ އެދޭ ފަދައިން ކަންތައްކޮށްދިނުމަށް އިޝާރާތުން ނިމާން ބުންޏެވެ.
"އަވަސްކުރައްޗެ އިނގޭ" އަލްމާޝް ބުންޏެވެ.
ޝެލީ ދުއްވައިގަތެވެ. ޗެކިން ކައުންޓަރާ ދިމާލަށް ދިޔަ އީމާއަށް ޝެލީ ގޮވާލިއެވެ. އެންމެފަހު ވަގުތު ޝެލީ އާ ދިމާވުމުން އީމާ ހިނިތުންވެލިއެވެ.
"ނަސީބެއް ދިމާވިކަން" އީމާގެ ގައިގައި ޝެލީ ބައްދާލިއެވެ. ގޮނޑީގައި އިން ޒުބޭދާގެ ގައިގައިވެސް ޝެލީ ބައްދާލިއެވެ.
"ގުޅައްޗޭ އިނގޭ އެކޮޅަށް ގޮސްފައި" ޝެލީ ބުންޏެވެ. ދުރުގައި ހުރި މާއިޒް އީމާއަށް ގޮވާލިއެވެ. ޝެލީއަށް މާއިޒް ފެނުމާއެކު އެކި ދިމާ ހޯދައިލެވުނެވެ. މާއިޒް ހުރި ތަނެއްގައި ސާހިލް ހުންނާނޭކަން ޝެލީއަށް އެނގެއެވެ. އެހެންނަމަވެސް ސާހިލް ޝެލީގެ ލޮލުގައި އަޅައިނުގަތެވެ.
"ޝެލީ ދޭ. އެހެންނޫނީ ލަސްވެދާނެ" މާއިޒް އަތަށް ޕާސްޕޯޓް ދީފައި ޝެލީ ކައިރިއަށް އަންނަމުން އީމާ ބުންޏެވެ.
*****
ބޯޑިންއަށް އަދި ކުޑަވަގުތުކޮޅެއް ހުރުމުން މާއިޒް މަޑުކޮށްލީ ކެފޭއެއްގައެވެ. ކައިރީގައި ބަސް މަދުވެފައި ސާހިލް އިނެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި މާއިޒް ސާހިލްއަށް ބަލައިލިއެވެ.
"ގޯހެއް ނޫން. މިހާރު ޝެލީއަށް ކޮންމެވެސް އެއްޗެއް ވިސްނޭނެ" މާއިޒް ބުންޏެވެ.
"އަހަރެން މިއުޅެނީ ޝެލީ ކުރިމައްޗަށް އަރަންވެސް ނުކެރިގެން. މިތަނަށް އައިސްވެސް ވަގެއް އުޅޭހެން އަހަރެން އުޅެން މިޖެހުނީ" ސާހިލް ބުންޏެވެ.
"އަހަރެން ކިހިނެއް ދެން ހަދާނީ؟ ފުރުމުގެ ކުރިން އަހަރެންނަށް ކޮންމެވެސް އައިޑިއާ އެއް ދީފަ ދޭ. ޝެލީ ކައިރިއަށް ނުގޮސް އަހަރެންނަށް ކެތެއްނުވާނެ" ސާހިލް ބުންޏެވެ.
ކަންތައްތައް ވީގޮތުން ކަންބޮޑުވުމެއްގައި ހުރީ ހަމައެކަނި ޝެލީއެއް ނޫނެވެ. ސާހިލްއަށް ވެސް ޝެލީއަށް ކުރެވޭ އިހުސާސް ސާހިލްއަށް ވެސް ކުރެވެއެވެ. ޝެލީ ނުވިސްނައި ހުއްޓައި އެފަދަ ކަމެއް ކުރެވުނީތީ ސާހިލް އަމިއްލަ ނަފްސު ދެކެ ހިތްހަމަނުޖެހިފައި ވެސް ހުއްޓެވެ. އެންމެ ކަންބޮޑުވަނީ ޝެލީ ވިސްނާނެ އެއްޗެއް ނޭނގޭތީއެވެ.
ޝެލީ އާ އެހާ ގާތަށް ގޮސްފައި ބުނި އެއްޗެއް ސާޙިލް ބުނީ ޝެލީގެ ކަންފަތް ދަށުގައެވެ. ޝެލީގެ ޝޯލްއިން ދުވި މީރުވަހުން ސާހިލްގެ މުޅި ހަށިގަނޑަށް މަސްތުކަން ގެނުވިއެވެ. އިހުސާސްތައް ހިފަހައްޓަން ސާހިލްއަށް އުނދަގޫވިއެވެ. ބޯއަރިކޮށްލާފައި ޝެލީގެ މޫނަށް ބަލައިލިއިރު ދިގު އެސްފިޔަތައް ލައްޕާލާފައި ހުރިތަން ފެނުމުން ސާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކައިރިވެލާފައި ޝެލީގެ ތުންފަތަށް ސާހިލް ފުމެލިއެވެ. އެސްފިޔަތައް ތަޅުވާލާފައިވެސް ޝެލީ ދެލޯ ހުޅުވާނުލުމުން ސާހިލްއަށް އިތުރަށް ދުރުގައި ނުހުރެވުނީއެވެ. އިސްނެގީ ސާހިލް ނަމަވެސް އެކަމަށް ޝެލީ އެއްބާރުލުން ދިނެވެ. ދެމީހުން އެކަކު އަނެކަކާ ދުރުވެލިއިރު ދެ ނަފްސަށްވެސް ވެރިވެފައިވަނީ ފުންމިން ނޭނގޭ ހަމަހިމޭން ކަމެކެވެ. އެކަކުވެސް އަނގައިން ނުބުނެއެވެ. އެގޮތުގައި ވަގުތުތަކެއް ފާއިތުވެގެންދިޔަ ފަހުން އެއްޗެއް ބުނީ ސާހިލްއެވެ. ނަސީބަކުން ގެއަށް ދާން ޝެލީ އެއްބަސްވިއެވެ.
*****
ސަލާން ބަލައިގަނެފައި ސަމީރާ ހީލައިފިއެވެ. ދޮރުމަތީގައި ހުރި އަންހެންކުއްޖާ ފެނުމާއެކު ސަމީރާއަށް އެނގިއްޖެއެވެ. ނަން ހަނދާންނުވުމުން ސަމިރާ އެ އަންހެންކުއްޖާއާ މުހާތަބުކުރީ 'ކޮއްކޮ' ކިޔައިފައެވެ. އަންހެންކުއްޖާ ގޮވައިގެން ގޮސް ސަމީރާ ވަނީ އާޝިގާ އުޅޭ ކޮޓަރިއަށެވެ.
ފާހާނައިން އަސަލް ފެންވަރުވައިގެން ނުކުތް އާޝިގާއަށް ދޮރުމަތީގައި ހުރި ޝިދުނާ ފެނުމާއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިފިއެވެ. ހުދު ކުލައިގެ ތުވާއްޔެއް ވަށާލާފައި އަސަލް އެނދުގައި ބައިންދާފައި އާޝިގާ އެދިޔަގޮތަށް ގޮސް ޝިދުނާގެ ގައިގައި ބައްދާލައިފިއެވެ.
"ދައްތަ އެބަ އަންނަން ފިނި އެއްޗެއް ހިފައިގެން" ސަމީރާ ކޮޓަރިން ނިކުތީ ދެ އެކުވެރިންނަށް ވަގުތުދީފައެވެ.
"ފެނުނުތަ؟ އެބައުޅޭ ކޮޓަރީގަ" އާޝިގާ ބުންޏެވެ. ދެން ޝިދުނާގެ އަތުގައި ހިފައިގެން އައިސް އެނދުގައި ބައިންދައިފިއެވެ. އާޝިގާ އެބުނީ ސާހިލްގެ ވާހަކަކަން ޝިދުނާއަށް އެނގުނެވެ.
"މެރީކުރަން މިއުޅެނީ" ޝިދުނާ ބުންޏެވެ. އަސަލްގެ އިސްތަށިކޮޅު ފެންފުހެމުން ދިޔަ އާޝިގާއަށް ހުއްޓުން އެރިއެވެ. ޝިދުނާ އެބުނި އެއްޗެއް ގަބޫލުނުކުރަމޭ ބުނާ ކަހަލަ ގޮތަކަށް ޝިދުނާ ހީލައިފިއެވެ.
"ސީރިއަސް އެއްޗެކޭ. ވަރަށް ކުއްލިގޮތަކަށް ހަމަޖެހުނީ" ޝިދުނާ ބުންޏެވެ. އާޝިގާ އެވާހަކަތަކަށް ޝައުގުވެރިވިއެވެ. ލޯޝަންފުޅި އާއެކު އަސަލް އުނގަށް ލައިގެން ޝިދުނާ އާ ޖެހިގެން އާޝިގާ އިށީނެވެ.
"ކާކު؟ ކީއްވެ؟ ވަފިއްޔާތަ މަޖުބޫރުކުރީތަ؟" އާޝިގާ އެހިއެވެ. އެކުވެރިޔާއަށް އާޝިގާ ހަމްދަރުދީވިއެވެ.
"މަންމަ މަޖުބޫރެއް ނުކުރޭ. އަހަރެން އެއްބަސްވީ. ސަޅި ބިޓެކޭ. އެކަމަކު ނަގުލަކާ ދަޅަކާ މަދީ" ޝިދުނާ ބުންޏެވެ.
*****
އާ ދުވަހަކަށް އިރު ފެނުން ތޮޅިލީ ސިޔާއާއި މިކާލްގެ އިންތިޒާރަށް ނިމުން ގެނުވަމުންނެވެ. ރަންކިޔުމުގެ ކަންކަން ހަމަޖެހިފައި އޮތީ ސިޔާގެ ގޭގައެވެ. ދެ ގޭގައިވެސް ކުރަންހުރި ކަންކަން ކުރަމުން ބޮޑެތި މީހުން ދިޔައެވެ. ސިޔާއަށް އޯޑަރުކޮށްގެން ރަންކިޔުމަށް ހާއްސަ ހެދުމެއް ގެނައީ ޖޫލީގެ ހަރަދުގައެވެ. ވާހަކަނުދެއްކިއެއްކަމަކު އެއްބަނޑު އެއްބަފާ ކޮއްކޮއަށްޓަކައި އިކާންވެސް ހުރީ ހިތްހަމަޖެހިފައެވެ. އެހާ ދުވަހަށްފަހު ގޭތެރެއިން ޝެލީ ފެންނާނެތީ އެކަމާ އިކާން ހުރީ ކަންބޮޑުވެފައެވެ. އޭނާ ފެނުމާއެކު ޝެލީ މަޑުން ހުންނާނެ ކަމެއްވެސް ނޭނގެއެވެ.
"ހެޔޮތަ ކެއުމަށް ރާވީ ގެނަޔަސް" އިކާން އެހިއެވެ.
"މިރޭގެ ކެއުމުގައި ބައިވެރިވަނީ ދެފަރާތުގެ އާއިލާ މީހުން" ލަކްޔަން ބުންޏެވެ.
އިތުރަށް އެއްޗެއް އިކާން ނުބުންޏެވެ. ލަކްޔަންގެ ހުއްދައަކާ ނުލައި އެގެއަށް ރާވީ ވައްދަން އިކާން ބޭނުމެއް ނުވިއެވެ. ހުއްދަ ނުލިބުމުން އިކާން ލަކްޔަން ދެކެ ހިސާބަކަށް ފޫހިވެސްވިއެވެ. ކުއްލިއަކަށް ލަކްޔަން ސިހުނީ އޭނާގެ ފައިގައި އިކާން ހިފެހެއްޓުމުންނެވެ.
"ބައްޕާ. ސޮރީ. ކިހާ ދުވަހެއް ވަންދެން އަޅުގަނޑަށް އަދަބުދޭނަންތަ؟ މިހާރު ދެއަހަރު މިވަނީ. މިހާ މުއްދަތުގެ ތެރޭގައި ޖަލުގައި އޮންނަ މީހާއަށްވެސް މައާފު ލިބޭ" އިކާން ބުންޏެވެ. ލަކްޔަންއަށް އުނދަގުވިއެވެ. ގަދަކަމުން ނަމަވެސް އެދަނޑިވަޅުގައި އިކާންގެ ލޮލުން ކަރުނަ ގެނައެވެ. ލަކްޔަންއަށް އުނދަގޫވީ އެހެންވެއެވެ.
"ސިޔާއަށް ލައިފެއް ލިބުނީ. އަޅުގަނޑުވެސް މެރީކުރަން ބޭނުންވޭ. ޝެލީ އާ" އިކާން ބުންޏެވެ. ލަކްޔަންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިކާން ދެކެ ރުޅިވެސްއައެވެ. ހަޅޭއްލަވައިގަންނަން އުޅެނިކޮށް މަޑުޖެހުނީ ދެން އިކާން ބުނި އެއްޗަކުންނެވެ.
"ޝެލީ ކައިރީގައިވެސް މައާފަށް އެދޭނަން. އެ އާއިލާ އެންމެންގެ ކިބައިން. އެންމެންގެ ތެރޭގަ. ޝެލީއަށް ހެޕީ ލައިފެއް ހޯދައިދެވޭނީ އަޅުގަނޑަށް"
ލަކްޔަން ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ. އެކަމުގައި އިކާނަށް އެއްބާރުލުން ދޭން ލަކްޔަން ބޭނުމެއް ނުވެއެވެ. ކުރިން ލަވައިގަންނަގޮތަށް އިކާނަށް ހަޅޭއްލަވައި ގަންނަންވެސް ބޭނުމެއް ނުވިއެވެ.
"މިކަމުގައި ބައްޕަގެ އެހީ ބޭނުން" އިކާން ބުންޏެވެ. ކުއްލިއަކަށް ލަކްޔަން ކޮޅަށް ތެދުވިއެވެ. ލައިގެން ހުރި ސޯޓުގެ ދެޖީބަށް އަތްކޮށްޕާލާފައި އިކާނާ ދުރަށް ޖެހުނެވެ.
"އެ އާއިލާ ތިކަމަށް ރުހިގެން ނޫނީ ތިކަމުގައި އިކާނަށް ކުރިއަކަށް ނުދެވޭނެ. އެންމެ ފުރަތަމަ އެމީހުންގެ ރުހުން ހޯދާ. އެއަށްފަހު އަހަރެން ކައިރިއަށް އާދޭ" އިކާން ބުންޏެވެ.
*****
"ކަލޭ މޮޔަވީތަ؟ ތިދައްކަނީ ޝެލީގެ ވާހަކަ. ކަލޭ ރޭޕްކޮށްލި އަންހެން ގޮލާ. ތިއުޅެނީ އަމިއްލަ ކަރަށް މަޅިގަނޑު މަހާނެ ގޮތެއް ނޭނގިގެންތަ؟" ރާވީ ބުންޏެވެ. ދެ އެކުވެރިން ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ.
"އެހެންގޮތެއް ނެތް. އަހަރެން ލޯބިވެގެނެއް ނޫން. ދިރިއުޅެން ފަސޭހައަށް. ބޭނުން އިރަކު ބޭނުންކަމެއް ކޮށްލާފަ ގޭގަ ބޭންދޭނެއްނު. އަނެއްކޮޅުން ބައްޕަ ނުލާހިކު އޯކޭވާނެ އަހަރެން ހަމަޖެހިގެން އުޅޭކަމަށް ދައްކައިގެން އުޅެންޏާ" އިކާން ބުންޏެވެ.
"ހަނދާން ނެތުނީތަ؟ އެކަކު އެބައިން" ރާވީ ބުންޏެވެ. އިކާނަށް އެބުނި އެއްޗެއްގެ މާނަ އެނގުނެވެ. އެހެންކަމުން އިރުކޮޅަކު ވިސްނާލަން އިނެވެ.
"އޯކާވާނެ. އެއީ ނެތް އެއްޗެއް. އެހެންނޫނަސް ބާކީ ތިން ސްލޮޓް އެބައިން" އިކާން ބުންޏެވެ.
"ކީއްވެ ދޫކޮށްލަން ނުކެރިގެން ތިއުޅެނީ" ރާވީ އެހިއެވެ. "ވަލީވެރިއެއް ހުރީމަތަ؟"
"އެހެންވެ. މިހާރުވެސް އަހަރެން މިހުންނަނީ އެކަން އެނގޭއިރުވެސް ނޭނގޭ ކަމަށް ހަދައިގެން. ދެކިލަން ދާހިއްވޭ ކަންނޭނގެ. އެކަމަކު އެ އަންހެން ގޮލާ ބޭނުމެއްނޫން" އިކާން ބުންޏެވެ.
*****
ގޭތެރެއަށް ހުރިހާ މީހުން ޖަމާވުމާއެކު ޝިއުރާގެ ބުނުމަކަށް ޖޫލީ ސިޔާ ބަލައި ކޮޓަރިއަށް ހިނގައްޖެއެވެ. އަލްމާޝްގެ ކައިރީގައި ރަތްކުލައިގެ މިޑީއެއްގައި އިން ޝެލީއަށް ނަޒަރު ހުއްޓާލައިގެން އިކާން އިނެވެ. ނުލަފާ ހިނިތުންވުމެއް އިކާންގެ ތުންފަތަށް ވެރިވިއެވެ. ޝެލީގެ ކަރުބުޑުގައި ހިތިރަހަ ލައްވާލި ރޭގެ މަންޒަރުތައް ލޯމަތީގައި ސިފަވާން ފެށިއެވެ. ނިވާކަމެއްނެތް ޝެލީގެ ހަށިގަނޑު ޝިކާރަކޮށްލި ގޮތް ފެނުމާއެކު އިކާނަށް ނުލަފާ ގޮތެއްވިއެވެ. ހިތުވިންދު އަވަސްވިއެވެ. މީގެކުރިން ޝެލީ ފެނުމުން އެފަދަ އިހުސާސެއް އިކާނަށް ނުކުރެވެއެވެ. ޝެލީ އާ ގާތްވެލުމުގެ ޝައުގުވެރިކަން އިކާންގެ ހިތުގައި ހިނގައިގަތެވެ. ކުރިއަށް ވުރެ މިހާރު މާ ރީއްޗެވެ. އިކާން ހީކުރީ އެހާ ދުވަހަށްފަހު ޝެލީގެ ތުންފަތުގައި ހިނިތުންވުމެއް ނުފެންނާނެ ކަމަށެވެ. އެހެންނަމަވެސް ޝެލީގެ ހިނިތުންވުން ފަޅި ސިކުންތަކަށްވެސް ފިލައިގެން ނުދެއެވެ.
ސިޔާ އާ ފުރަތަމަ ފަހަރަށް ބައްދަލުވުމުން މިކާލްގެ އާއިލާ ހުރިހާ މެންބަރުން ސިޔާ އާ ރައްޓެހިވިއެވެ. ކުޑަ ފަހަރިގެ ނަމުން ސިޔާއަށް ނަން ދިނެވެ. ކޮންމެ މީހަކު ވަކިވަކިން ސިޔާއަށް ހަދިޔާ ދިނެވެ. ރަންކިޔުމުގެ ކުރިން ސިޔާ އާއެކު ފޮޓޯ ނެގިއެވެ. ސިޔާ ހުރީ ހައިރާންވެފައެވެ. މިކާލްގެ އާއިލާއަކީ އެހާ ބޮޑު އާއިލާއެއް ކަމެއް މީގެކުރިން ސިޔާ ހީކޮށްފައެއް ނެތެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭވަރަށް މިކާލްގެ އާއިލާގައި މީހުން ތިބިކަން އެނގުމުން ސިޔާއަށް މަޖާވިއެވެ. އެތަނުން އެއްވެސް މީހެއްގެ ނަން އެއްދުވަހުން ދަސްނުވާނެކަން ޔަގީނެވެ. މުޅިންވެސް އަންހެނުންނެވެ. އެ އާއިލާގައި ފިރިހެނަކަށް ހުރީ ހަމައެކަނި މިކާލް ކަން އެނގުމުން މިކާލް ދެކެ އެމީހުން ލޯބިވާނެވަރު ސިޔާއަށް އަންދާޒާކޮށްލެވުނެވެ.
ރަނުގެ އަޑު ސިޔާ އިއްވާލުމާއެކު މުޅި ގޭތެރޭގައި އަތްތިލަބަޑީގެ އަޑުން ގުގުމާލިއެވެ. ލަދުގަނެފައި އިން ސިޔާ އިނގިލީގައި ދަތްއަޅާލިއެވެ. ލޯބިވާ ދަރިފުޅުގެ އެ ހަރަކާތްތަކަށް ބަލަހައްޓައިގެން ލަކްޔަން އިނެވެ. ދެން މަޑުމަޑުން ލަކްޔަންގެ ނަޒަރު ސިޔާގެ ކަނާތްފަރާތުގައި އިން އަލްމާޝްއަށް ހުއްޓުނެވެ. ކައިރި ކައިރީގައި ޝެލީއާއި އަލްމާޝް އިންއިރު ހީވަނީ އެއް އުމުރެއްގެ ދެ އެކުވެރިން ހެންނެވެ. އަލްމާޝްގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފެނުމާއެކު ލަކްޔަން ހިތަށް އަރާމުވެގެން ދިޔައެވެ. ހިނިތުންވެލައިގެން އިންއިރު އަލްމާޝްގެ ދެކޯތާފަތް ފުފިފައި އިން ގޮތް ފެނުމުން އެ ކޯތާފަތުގައި ލަކްޔަން ބޮސްދޭހިއްވިއެވެ. ކުރެވުނު މޮޔަ ހިޔާލަކުން ބޮލުގެ ފުށްކިބައިގައި ލަކްޔަން އަތުން ޖަހާލިއެވެ. ކައިރިގއި އިން އިކާން އިނީ ވާނުވާ ނޭނގިފައެވެ. ކުއްލިއަކަށް ބައްޕައަށް ހެވެނީ ކީއްވެގެންބާއޭ އިކާންގެ ހިތަށް އެރިއެވެ.
"ހިނގާ ކާން. ފުރަތަމަ ހުރިހާ ފިރިހެނުން" ޝިއުރާ ބުންޏެވެ.
"ކުޑާ... އަޅުގަނޑު އެއްޗެއް ބުނަން ބޭނުން" އިކާން ބުންޏެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލާފައި ހުރިހާ މީހުން ހިމޭންވިއެވެ. ޝެލީގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ކުޑަހިނދުކޮޅަކަށް ފާޅުވެލިއެވެ. އެހެންނަމަވެސް ސިޔާގެ މޫނަށް ބަލައިލާފައި ހީލައިފިއެވެ.
"ޝެ....ޝެލީ... އައިމް ސޮރީ" އިކާން ބުންޏެވެ. ޝެލީގެ ދެލޮލުން ނަފްރަތުގެ އަލިފާން ފެނިލި ކަހަލައެވެ. އުނގުގައި އޮތް ދެއަތްތިލަ މުށްކަވާލެވުނެވެ. "އަހަރެންނަށް އިނގޭ ސޮރީއެކޭ ބުންޏަސް އެއީ ނުވާ ކަމަކަށް ނުވާނެކަން. އެކަމަކު މިހާރު އަހަރެން ދެރަވޭ. ޕްލީޒް... އަހަރެންނަށް މައާފުކުރޭ"
ޝެލީ ޖަވާބެއްނުދިނެވެ. އިކާނަށް ޖަވާބެއް ދޭން ބޭނުންނުވިތާ އެދިމާލަށް ބަލައިލަންވެސް ޝެލީ ބޭނުމެއްނުވިއެވެ. ޝެލީގެ ޖަވާބަކަށް އެދޭ ފަދައިން ހުރިހާ މީހުންގެ ނަޒަރު ސީދާވެފައި ހުއްޓެވެ. ސިޔާ އިނީ އިކާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އަނެއްކާވެސް އިކާންގެ މޮޅު ރޭވުމަކުން ޝެލީގެ ދިރިއުޅުން ހަލާކުކޮށްލަން އުޅެނީ އޭ ޝެލީއަށް ހީވިއެވެ.
"ދޮންބޭ... ދިސްޓައިމް...." ޝިއުރާއަށް މާކުރިންވެސް ސިޔާ އިކާނަށް އެއްޗެއް ބުނާނޭކަން އެނގޭތީ ސިޔާ ހުއްޓުވިއެވެ. އެއީ ޝެލީގެ އާއިލާ ގޮތް ނިންމަންވީ ވަގުތޭ ޝިއުރާ ބުންޏެވެ.
"ޝެލީގެ މައިންބަފައިންގެ ފަރާތުންވެސް އަހަރެން މައާފަށް އެދެން އަޅުގަނޑު ބޭނުން. އަޅުގަނޑު ބޭނުންވަނީ ޝެލީ އާ ކައިވެނިކުރަން. އަޅުގަނޑުގެ އަތުން ހަލާކުވި ޝެލީގެ ދިރިއުޅުން އާބާދުކުރަން. އެކަން ކުރެވޭނީ އަޅުގަނޑަށް. އެހެންވީމާ އަޅުގަނޑު މިހުރީ ޝެލީ އާ އިންނަން......
"ހުއްޓާލާ. ކަލޭގެ ލަދެއް ހަޔާތެއްވެސް ނެތީތަ؟ އަހަރެންގެ އާއިލާއާ ސިޔާ ގުޅުމަކުން ފަހަރެއްގައިވެސް ހީނުކުރައްޗޭ އަހަރެމެން ކަލެ އާ ގުޅުން ބަދަހިކުރަން ބޭނުންވެގެން އުޅެއޭ" އެނބުރުނުގޮތަށް ޝެލީ އިކާނާ ދިމާއަށް އެއްޗެހި ކިޔަން ފެށިއެވެ. ވަގުތުން އިކާން އިސްޖަހައިފިއެވެ.
"ދަރިފުޅާ... " އަލްމާޝް ޝެލީ ހިފަހައްޓަން އުޅުނެވެ.
"ނޫން ޝެލީގެ މަންމާ. ޝެލީ ނުހިފަހައްޓާ. އެހުރިހާ އެއްޗެއް އަޅުގަނޑު ބަލައިގަނެފިން. ކުށްކުރީ އަޅުގަނޑު" އިކާން ބުންޏެވެ. އެންމެފަހުން ޝެލީ ތެދުވެގެން ހިނގައިގަތެވެ.
"އަހަރެންގެ ދަރިންނަކީ އެހާ ގޮތްބޮޑު ބައެއް ނޫން. އެކުށަށް އެސޮރު މައާފަށް އެދުނީތީ އަހަރެމެން މައާފުކޮށްފިން. ކައިވެންޏަށް ތިއެދުނު އެދުމަށް ޖަވާބުދޭނީ ޝެލީ. ޝެލީ މިކަމަށް ރުހިގެން ހުރިއްޔާ އަހަރެމެން ހުންނާނީ ރުހިގެން. ހަލާކުވީ އެ މަންޖެގެ ދިރިއުޅުން. އަހަރެމެންގެއެއް ނޫން. އެންމެ ބޮޑު ވޭނަކާ ތަކުލީފެއްވެސް އުފުލީ އެމަންޖެ. ކައިވެންޏަށްފަހު ދިރިއުޅޭނީވެސް އެމަންޖެ. އެހެންވީމާ އަހަރެމެންގެ އެއްވެސް ނުފޫޒެއް އެ މަންޖެގެ މައްޗަކަށް ނޯންނާނެ" ޝެލީގެ އާއިލާގެ ފަރާތުން އިކާން އެދުނު އެދުމަށް ޖަވާބުދިނީ ފަޒްނާއެވެ.
ރަންކިޔުމުގެ އުފާވެރި މާހައުލު އިކާންގެ ސަބަބުން ހަރާބުވީތީ ސިޔާ އިނީ ހިތްހަމަނުޖެހިފައެވެ. ބާކީ އޮތް ވަގުތުތަކުގައި ޝެލީ ބައިވެރިނުވިއެވެ. އެކަމާވެސް ސިޔާ ރުޅިއައީ އިކާން ދެކެއެވެ. ގޭތެރެއިން މީހުން މަދުވުމާއެކު ސިޔާގެ ބަހުގެ ހަމަލާތައް އިކާނަށް އަމާޒުވެއްޖެއެވެ.
"އަނެއްކާ ފެށުނީ. ތިމާއަށް ދިރިއުޅުމެއް ނުލިބުނީތީ ދޮންބެ ބޭނުންވަނީ އަހަރެންގެ އުފާވެރިކަން ގެއްލުވާލަންތަ؟ ހަމަ މިރޭތަ ތިހުރިހާ ވާހަކައެއްދައްކަން ދޮންބެއަށް ފެނުނީ" ސިޔާގެ އަޑު ބާރެވެ. ހިތްދަތިކަމެއްވެސް ސިޔާގެ އަޑުގައި ވިއެވެ. އިކާން އިނީ ސިޔާއަށް ބަލަހައްޓައިގެންނެވެ. މީގެކުރިން ސިޔާއަކީ އެގޮތަށް އިކާނާ ދިމާލަށް އެއްޗެހި ބުނާ ކުއްޖެއް ނޫނެވެ. އެންމެފަހުން އިންތަނުން ތެދުވެގެން އިކާން ކޮޓަރިއަށް ވަނެވެ.
*****
މޭދަށަށް ބާލީސް ލައްވާލައިގެން ބަންޑުން އޮތް ޝެލީ އޮތީ ވިސްނުމެއްގައެވެ. އިކާން ދެއްކި ވާހަކަތައް ޝެލީގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ ކަހަލައެވެ. އެވަގުތު ރުޅިއައިސްގެން އިކާނަށް އެއްޗެހި ގޮވާލެވުމުން ޝެލީ ހިތްހަމަޖެހުނެވެ. އެހެންނަމަވެސް މިފަހަރު ޒަމީރު ޝެލީއަށް ވިސްނައިދިނީ މުޅިން އެހެންކަމެކެވެ. އިކާނުގެ ކިބައިގެން ރަނގަޅު ބަދަލެއް ހިފާލުމަށް ޝެލީގެ ސިކުނޑިއަށް ވަސްވާސްލައިދެމުން ދިޔައެވެ. ޝެލީގެ ހިތް ބޮޑަށް ބުރަވީވެސް އެދިމާލަށެވެ. ޝެލީއަށް އެފަދަ ދެރައެއް އިކާންގެ ފަރާތުން ލިބުނީތީ އެކަމުގެ ބަދަލު ހިފާނެ ރަނގަޅު ފުރުސަތެއް ކަމަށް ޝެލީ ދެކުނެވެ. އެބަދަލު ހިފާނީ އިކާންގެ އަންބަކަށް ވެގެންނެވެ. އެނދުން ތެދުވެ ޝެލީ އިށީނެވެ. އެނިންމުމަށް ހިތް ދެކޮޅު ހަދަމުން ދިޔައެވެ. ކުއްލިއަކަށް ސާހިލް މަތިން ޝެލީ ހަނދާންވިއެވެ. ޝެލީ އާ ސާހިލް އާ ދެމެދު އެކަމެއް ހިނގިފަހުން ސާހިލްގެ ހަބަރެއް ނުވެއެވެ. މިކާލްގެ ހަޔާތުގަ އައި އެންމެ އުފާވެރި ރޭގައިވެސް ސާހިލްގެ ހަބަރެއް ނުވިއެވެ. އިކާނާ ކައިވެނިކުރުމުގެ ކުރިން ހިޔާލު ބަދަލުކޮށްލަން ހުރީވެސް ސާހިލްއެވެ. ދެމީހުންގެ މެދުގައި އޮތް ގުޅުމަށް އެކުވެރިކަން ނޫން އެހެން ނަމެއްދޭން ސާހިލް ބޭނުންވަނީތޯ ސުވާލުކުރަންވެސް ޝެލީ ހުރީ ބޭނުންވެފައެވެ. އެހެން ގުޅުމަކަށް ދާން ސާހިލް އެދޭކަމަށް ވަންޏާ އިކާނަށް ޝެލީގެ ފަރާތުން މައާފު ނޫނީ އެހެން އެއްޗެއް ނުލިބޭނެއެވެ.
(ނުނިމޭ)