ފެންވަރައިގެން ނިކުތް ޒުމްރާއަށް ބަލަހައްޓައިގެން އެނދުގައި ސިރާޖް އޮތެވެ. އެކަން އިނގޭއިރުވެސް ނޭނގޭކަމަށް ހަދައިގެން ނިދާ އެއްޗެހި ލައިގެން އައިސް ޒުމްރާ އެނދަށް އެރިއެވެ. ކަންނެޔޮގައި ބައްދާލިގޮތަށް ޒުމްރާ އެނބުރުނީ އަނެއް ފަރާތަށެވެ. ސިރާޖް ފުން ނޭވައެއް ލިއެވެ. ކޮންމެހެންވެސް ސިރާޖް ހުރީ ޒުމްރާ އާ ވާހަކަދައްކަން ބޭނުންވެފައެވެ.
ރާވީގެ ކައިވެނި ޒުމްރާ ހަމަޖެއްސި އަންހެންކުއްޖާ އާ މެދު ހުދު ސިރާޖްވެސް ހިތްހަމައެއްނުޖެހެއެވެ. ސިރާޖް ބޭނުންވަނީ ރާވީގެ ހަޔާތަށް ޒަމާނީ އަންހެންކުއްޖެއް ގެންނާށެވެ. އަންހެންކުއްޖާ އާ ބައްދަލުކޮށްފައި އައިފަހުން ރާވީ ސިރާޖްގެ ފޫބުޑުން ދުރަށް ނުދެއެވެ. ޒުމްރާގެ ސިކުނޑިން އެ ވިސްނުން ނެރުމުގެ މަސައްކަތް ރާވީ ހަވާލުކުރީ ސިރާޖާއެވެ. ހުރި ހަމައެކަނި ދަރިފުޅަށްޓަކައި ރާވީ އެދޭފަދައިން ކަންތައް ކޮށްދިނުމަށް ސިރާޖް އެންމެފަހުން ނިންމީއެވެ.
ކުއްލިއަކަށް ޒުމްރާ ސިހުނީ ބަނޑުމަތިން ސިރާޖްގެ އަތް ގެންގޮސް ގާތަށް ޒުމްރާ ދަމާލުމުންނެވެ. ފިރިމީހާގެ އެފަދަ ބީހުމަކަށް އެދިއެދި އޮތް ޒުމްރާ ދެލޯ މަރާލިއެވެ. ސިރާޖްގެ އަތްމަތީގައި އަތް އަޅުވާލިއެވެ. ޒުމްރާގެ އެ އަމަލުން އެވަގުތަށް ޒުމްރާ ހަމަޖެހިފައި އޮތްކަން ސިރާޖަށް އިނގުނެވެ.
"އެނބުރިބަލަ" ޒުމްރާގެ ކަންފަތް ދަށުގައި ސިރާޖް ބުންޏެވެ. ޒުމްރާ އެނބުރުނެވެ. ސިރާޖްގެ މޭގައި މޫނު ފޮރުވާލާފައި ބައްދާލިއެވެ.
"އަހަރެންނަށް މައާފްކުރީތަ؟" ސިރާޖް އެހިއެވެ. ޒުމްރާ ހޫމް އެއް ލައްވާލިއެވެ.
"އަހަރެން މިއޮތީ ވަރަށް އުފަލުން" ޒުމްރާ ބުންޏެވެ. ޒުމްރާގެ އަތުގައި އެއްވަރަކަށް ފިރުމަމުން ދިޔަ ސިރާޖް ބޭނުންވާ މިސްރާބަށް ވާހަ ގެންދެވޭތޯ ވިސްނަމުން ދިޔައެވެ.
"އަހަރެންގެ ދަރިފުޅުގެ ކައިވެނި ހަމަޖެހިއްޖެ. މާލެ ދާއިރު ދާނީ ވަފިއްޔާގެ އާއިލާ ގޮވައިގެން. ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން. ޝިދުނާ ކަހަލަ އަންހެންކުއްޖަކު ރާވީ ގެ ހަޔާތަށް އައުމަކީ އެސޮރަށް ހާދަ ހެޔޮ ބަދަލެއް އަންނާނޭ ކަމެކޭ" ޒުމްރާ ބުންޏެވެ.
"އަހަރެން... މިބުނީ ރާވީ އެހާ ހިތްހަމައެއްނުޖެހޭ" ސިރާޖަށް ރަނގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒުމްރާ ސިރާޖާ ދުރަށް ޖެހިލައިފިއެވެ. ހިތްހަމަނުޖެހުމުގެ ބެލުމަކުން ސިރާޖަށް ބަލަން ފެށިއެވެ.
"މިހާރު މަށަށް އިނގިއްޖެ. ރާވީގެ ފަރާތުން ވަކާލާތުކުރަން ދޯ ތިއުޅެނީ. އަހަރެންގެ ހިތް ރުއްސަން ދޯ އުޅުނީ. ބުނަން ވާހަކައެއް. އަހަރެންގެ މި ނިންމުން ބަދަލެއްނުވާނެ. ތިދެބަފައިންގެ ދިރިއުޅުމުގައި އަހަރެން ހިއްސާކުރަން ބޭނުންވާނަމަ އަހަރެންގެ މި ނިންމުން ބަދަލުކުރަން މަސައްކަތް ނުކުރާތި. މި ކައިވެންޏާ ސިރާޖް ނުރުހޭނަމަ އަހަރެން ދޫކޮށްލާފަ ރާވީ ގޮވައިގެންދޭ. ގޮސް އެކުއްޖާ ހަލާކުކުރޭ. އަހަރެން ހިތަށް އަރާ ކޮންކަހަލަ ބަފައެއް ބާއޭ ތީ" ޒުމްރާ ހަޅޭއްލަވަމުން ދިޔައިރު އެއްވެސް ބަހެއްނުކިޔާ ސިރާޖް އޮތެވެ. އަނބިމީހާ އެހާ ހަމަޖެހިފައި އޮށްވަ ވެސް މޫޑު ގޯސްކޮށްލެވުނީއެވެ. ހުރިހާ ކަމެއް އެވީ ރާވީގެ ސަބަބުންނެވެ.
އީމާ ފެނުމާއެކު ޝެލީ އެދިޔަގޮތަށް ގޮސް އީމާގެ ގައިގައި ބައްދާލިއެވެ. އެހާ އަވަހަށް އީމާ ދުރުކޮށްލާފައި މޫނުމަތިން ނުރުހުންވެފައި ހުރިކަން އަންގާލިއެވެ.
"އަހަރެން ރުޅި. އީމް އައިސް ހުރި ވާހަކަ ނުވެސްބުނޭ. ސާހިލް ނުބުނިނަމަ އަހަރެންނަށް ނުވެސް އިނގުނީސް" ޝެލީ ބުންޏެވެ. އީމާ ހީލިއެވެ. އޫ ކޮށްލައިގެން ޝެލީގެ ތުންކޮޅުގައި އީމާ ހިފާލިއެވެ. ޝެލީއަށް އައިސްފައިވާ ބަދަލު ފެނިފައި އީމާ އުފާވިއެވެ. ކުރީގެ ދިރިއުޅުމަށް ޝެލީ ރުޖޫއަވެފައިވާކަން ޝެލީ އުޅޭ އުޅުމުން ހާމަވާން ހުއްޓެވެ.
"އެހާ ގިނަ ދުވަސްކޮށްފަ ބައްދަލުވީމަވެސް ހުސް ޝަކުވާ" ޝެލީގެ އަތުގައި ހިފާލަމުން އީމާ ބުންޏެވެ.
"އާދެބަލަ މީހަކާ ބައްދަލުކޮށްދޭނަން" އީމާ ބުންޏެވެ. ދެން ސޯފާއިން ކޮޅަށް ތެދުވެފައި ޝެލީގެ އަތުގައި ހިފައިގެން ކޮޓަރިއަކާ ދިމާލަށް ދިޔައެވެ.
"އޭ މަޑުކޮށްބަ. ކާކުތަ؟ ބިޓުތަ؟ ކޮންމެ ކޮންމެ މީހަކާ ބައްދަލުކުރަން އަހަރެންނަށް ނުކެރޭނެ" ޝެލީ ބުންޏެވެ.
"އާނ އެއީ އަހަރެންގެ ބިޓު. ޝެލީ ޖެހޭނެ ކޮންމެހެންވެސް އޭނަ އާ ބައްދަލުކުރަން" ކޮޓަރި ދޮރުހުޅުވާލާފަ އެތެރެއަށް ވަންނަމުން އީމާ ބުންޏެވެ. ދެން ކޮޓަރިން ބޭރުގައި ހުރި ޝެލީގެ އަތުގައި ހިފައި އެތެރެއަށް ދަމައިގަތެވެ. އެނދެއްގައި އިށީނދެގެން އިން އިސްކޮޅުން ކުރު ހިކި އަންހެނެއް ފެނުމާއެކު ޝެލީގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ބަލާބެލުމަށް ފަންސާހުގެ އަހަރުތައް ގުނާނެއެވެ. ދޮން ކުލައިގެ ހަންގަނޑެއް ލިބިފައި ވިޔަސް ބޮލުގެ އިސްތަށިގަނޑު ހުރީ ތުނިކޮށް ކޮށާލާފައެވެ. އަނަރޫވެފައިވާ މީހަކަސް ޝެލީ ފެނުމާއެކު އެމީހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
"މަންމާ! މިއީ އޭ ޝެލީއަކީ" އީމާ ބުންޏެވެ. އެމީހާއަކީ އީމާގެ މަންމަ ކަން ޝެލީއަށް އިނގުނީ އެހިސާބުންނެވެ. ޝެލީ ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް އެ އަންހެންމީހާ ކައިރީގައި އިށީނެވެ. ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ. ބޭހަށް ފުރަންއުޅޭކަން އިނގުމާއެކު ޝެލީ ގުޅީ ނިމާނަށެވެ. ފައިސާގެ އެހީ ޝެލީގެ ފަރާތުން އެ އާއިލާއަށް ދިނެވެ.
ހެޑްފޯނު އަޅައިގެން އެނދުގައި އިން އިކާން ހޭއަޑު މާދުރަށް އިވިއިވި ހުއްޓެވެ. އޭނާ އިނީ ހުނުންގަނޑު ކޮންޓްރޯލް ނުކުރެވިފައެވެ. ފޯނަށް އަރާފައިވާ ނަމުން އޭނާ ވާހަކައެދައްކަނީ ރާވީ އާ ކަން އިނގުނެވެ. އިކާނަށް އެހާ ވަރަށް ހެވުނީ ރާވީ ދިން ހަބަރެއްގެ ސަބަބުންނެވެ. ކުއްލިއަކަށް ރާވީގެ ކައިވެނި ހަމަޖެހުނުކަން އިނގުމާއެކު އެންމެ ފުރަތަމަ އިކާނަށް ލިބުނީ ހައިރާންކަމެކެވެ. އެކަމަކު ކައިވެނި ކުރެވެނީ ކޮންކަހަލަ ކުއްޖެއްކަން އިނގުމާއެކު އިކާނަށް ނުހީ ނުހުރެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އެ ހަބަރު ރާވީ ދިނީ ނުލާހިކު ދެރަވެފައެވެ. އެއްވެސް ގޮތެއްނެތް މީހަކު ފަދައިންނެވެ. ރާވީގެ އަޑުން އެކަނިވެސް އެކައިވެންޏާ މެދު އޭނާ ހިތްހަމަނުޖެހިފައި ހުރިކަން އިކާނަށް އިނގުނެވެ.
"ކަލޭ އަދިވެސް ހިނި ގަޅަނީތަ؟" ރާވީ ބުންޏެވެ.
"ސޮރީ... ސޮރީ... ފޮޓޮއެއް ބަލާލަން ފޮނުވާށޭ ބުނަން ކުރިން އުޅުނީ. އެކަމަކު މިހާރަކު ނެތް ޝައުގެއް" އިކާން ބުންޏެވެ.
"މަންމަ އެނެގީ ވަރަށް ބޮޑު ރިވެންޖެއް. މިހާރު ދިރިއުޅެންވެސް ފޫހިވެއްޖެ" ރާވީ ބުންޏެވެ. އިކާން އިނީ ހިނި ފިއްތާލައިގެންނެވެ.
ސާހިލް ނިކުމެގެން ދިޔުމުން ޝެލީ ގޭތެރެއަށް ވަދެގެން ދިޔައެވެ. ފަހަތް ބަލައިލީ އަލްމާޝް ގޮވާލުމުންނެވެ. ޝެލި ހުއްޓުމާއެކު އަލްމާޝް އައިސް ކުރިމަތީގައި ހުއްޓިއްޖެއެވެ.
"ސާހިލް ދިޔައީތަ؟" އަލްމާޝް އެހިއެވެ.
"ލައްބަ. ފޯނު ގޭގަ ބާއްވާފަ އާދެވުނީމަ އެހާ އަވަހަށް އެދިޔައީ" ޝެލީ ބުންޏެވެ.
"މަންމަމެން މިއުޅެނީ ހެނދުނު ބޮޑުބެމެން ނަގަން އެއާޕޯޓަށް ދާން. ޝެލީ ނުދާނަންތަ؟" އަލްމާޝް އެހިއެވެ.
"އުނހު. އަޅުގަނޑު ނުގޮސް ނުހުންނާނެއްނު" ޝެލީ ބުންޏެވެ.
ސަމަދުގެ އާއިލާ އެހާ ދުވަހަށް ފަހު ރާއްޖެ އައުމަށް ނިންމީ މިކާލްގެ ކައިވެނީގައި ބައިވެރިވުމަށެވެ. މިކާލް އާ ދިމާނުވާތާ އަހަރުތަކެއް ވެފައިވާތީއާވެސް އެކުގައެވެ.
ފެންވަރައިގެން އައިސް ޝެލީއަށް އެނދަށް ނޭރެނީސް ފޯނު ރިންގުވާން ފަށައިފިއެވެ. ފޯނަށް އަރާފައި އިނީ ނުދަންނަ ނަންބަރެކެވެ. އެހެންކަމުން ފޯނު ނަގަން މާބޮޑު ސަމާލުކަމެއް ޝެލީ ނުދިނެވެ. އެއްފަހަރު ކޯލު މިސްވެފައި ދެވަނަބުރަށް ރިންގުވާން ފަށައިފިއެވެ. ދެލޯ ވަށްކޮގެން ފޯނަށް ބަލަން ހުރެފައި އެންމެފަހުން ފޯނު ނަގާފައި ކަންފަތުގައި ޖަހައިފިއެވެ.
އެކޮޅުން އިވުނީ ސާހިލްގެ އަޑެވެ. ޝެލީގެ މޫނުމަތިން ހައިރާންކަމެއް ފާޅުވެލިއެވެ.
"މިއީ ފިހާރައަކުން މިގުޅީ. މިއުޅެނީ ވަރަށް އެހެން ކަހަކަލަކަމެއް ވެގެން" ސާހިލް ބުންޏެވެ.
"ކިހިނެއްވީ؟ އަދިވެސް ގެއަށް ނުދެވޭތަ؟" ޝެލީ އެހިއެވެ. އިރުކޮޅެއްވީތަނާ ފެނުނީ ޝެލީގެ މޫނުމަތީގައިވާ ސީރިޔަސްކަން ކެނޑި ހިންޏެއް އަންނަން އުޅޭ ކަހަލަ އިޝާރާތެކެވެ.
"އެބަ ދަން" ޝެލީ ބުންޏެވެ.
ހެދުން ބަދަލުކޮށްގެން ޝެލީ ކޮޓަރިން ނިކުމެފައި އަލްމާޝްއަށް މެސެޖެއްކޮށްލިއެވެ. ސާހިލްއަށް ކަންތައް ދިމާވިގޮތުން އަދިވެސް ޝެލީ ހުރީ ހިނިއައިސްފައެވެ. ދެން މިކާލްގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. ހަބަރެއް ނުވުމުން އަލުން ކޮޓަރިއަށް ވަދެ ސައިކަލުގެ ތަޅުދަނޑި ހިފައިގެން ގެއިން ނިކުތެވެ.
ސައިކަލު ދުއްވަން ދަސްކުރިތާ އަހަރެއްފަހުން ޝެލީ ސައިކަލަށް އެރީ ކޮންމެހެންވެސް ސާހިލްއަށް އެހީވާން ބޭނުންވާތީއެވެ. ގޭޓުން ނިކުތްގޮތަށް މަޑުމަޑުން ކުރިއަށް ދުއްވާލިއެވެ. ސާހިލް ހުރި ހިސާބާ އަރާ ހަމަނުވަނީސް ޝެލީއަށް ފިހާރަ ދޮރުމަތީގައި ހުރި ސާހިލް ފެނިއްޖެއެވެ. ފެނުމާއެކު ޝެލީއަށް ހެވިއްޖެއެވެ.
"ޝެލީ އަރާ ފަހަތަށް" ޝެލީގެ ފަހަތުގައި އިންނަން ސާހިލް ބޭނުމެއް ނުވިއެވެ. ޝެލީ ފަހަތަށް ޖެހުމާއެކު ސާހިލް އެރީ ސައިކަލު ދުއްވާށެވެ.
"ދެންވެސް ގެއަށް ދާން އިނގޭނީ އަހަރެން ދުއްވަން އިނީމައެއްނު" ހިނިއައިސްފައި ޝެލީ ބުންޏެވެ.
"ދީބަލަ ފޯނު" ސާޙިލް ބުންޏެވެ. ދަބަހުގައި އޮތް ފޯނު ނަގާފައި ޝެލީ ދިނެވެ. ދާންވީ ތަން ބަލާލާފައި ސާހިލް ކުރިއަށް ސައިކަލް ދުއްވާލިއެވެ.
"ދެން ތިހާވަރަށް ނުހީބަލަ. އަހަރެންނަށް އަދި މާ ރަނގަޅަކަށް މަގުތަކެއް ނޭނގެއޭ" ލޯގަނޑުން ބަލައިލިރު ޝެލީ ހިނިއައިސްފައި އިންތަން ފެނުމުން ސާހިލް ބުންޏެވެ.
"އަހަރެން ކާރުގަ ދާށޭ ބުނީމަވެސް ތިމަންނައަށް ދާން އިނގޭނޭ ކިޔާފަ ނިކުތީނު. ދެން ސއިކަލް އެތަނުން ނަގަނީ ކޮންއިރކުން؟" ޝެލީ އެހިއެވެ.
"އެނަގާނަން މާދަމާ" ސާހިލް ބުންޏެވެ. "އަހަރެން ހަމަ ދަސްކުރިގޮތަށް ދުއްވާފަ އަންނަނިކޮށް މަގުއޮޅުނީ" ސާހިލް ބުންޏެވެ.
"ދެން ކީއްވެތަ މަ ފަހަތަށް ތިއެރުވީ. މަށަށްވެސް އިނގެޔޭ ސައިކަލް ދުއްވަން" ޝެލީ ބުންޏެވެ.
"އެއީ ޝެލީއަށް ރަނގަޅަކަށޭ. ދެން އެވަރަށް ވާހަކަނުދައްކަބަލަ. އެ ފިހާރައިގަ އިން އަންހެންމީހާއަށް އަހަރެންނަށް މަގު އޮޅިކަން އުޅޭކަން އިނގުނީމަ ވަރަށް މަލާމަތްކޮށްފި. އެހެންވެ ވަރަށް ރުޅިއައިސްފަ މީނީ" ސާހިލް ބުންޏެވެ. ނުހޭން އިނަސް އަނެއްކާވެސް ޝެލީއަށް ހެވިއްޖެއެވެ.
ސާހިލް ގެއަށް ވަނުމުން ޝެލީ ނިކުތީ ގެއަށް ދާށެވެ. އެހެންނަމަވެސް ލިފްޓުން ޝެލީ ފޭބިޔަނުދީ ސާހިލް ހިފެހެއްޓިއެވެ.
"ކިހިނެއްވީ؟ މިހިސާބުން އެޕާޓްމަންޓަށް ވަންނަންވެސް ނޭނގެނެތަ؟" ޝެލީ އެހިއެވެ. ސާހިލް ދެފަރާތަށް ބޯހޫރާލިއެވެ.
"ދެން؟ އެދިޔައީ ލިފްޓް. މިހެން ތިބީމަ ދާނެއްނު" ޝެލީ ބުންޏެވެ.
"ދެން މިގަޑީ ކޮން ސަމާސާއެއް ސާހިލް. މިއީ ދަންވަރޭ. ގެއަށް ދާންވާނެއްނު. ހެނދުނު ބޮޑުބެމެން ބަލާވެސް ދާންއެބަޖެހޭ. އަނެއްކޮޅުން އީމްވެސް މާދަމާ ފުރުމުގެ ކުރިން ބައްދަލުކޮށްލަން ބޭނުން" ޝެލީ ބުންޏެވެ.
"ބޭނުމެއްނޫން ޝެލީ ފޮނުވާލާކަށް" ސާހިލް ބުންޏެވެ.
"އޯކޭ. ހިނގާ ތިގެއަށް. އަހަރެން ނިދަން ކޮޓަރިއެއް ދޭންވާނެ" ޝެލީ ބުންޏެވެ.
"އެބަހުރި ކޮއްކޮގެ ކޮޓަރި" ސާހިލް ބުންޏެވެ. ވަގުތުން ޝެލީގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ސާޖިދު މަތިން ހަނދާންވުމާއެކު ހިތުގައި ރިހުމެއް އުފެދުނުކަން ޔަގީނެވެ.
"ސޮރީ... އަހަރެން ވާހަކައެއްބުނަން އުޅުނީ" ސާހިލް ބުންޏެވެ. ޝެލީ ހިމޭންވިތަން ފެނުމުން ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން ސާހިލްއަށް އިނގުނެވެ.
"ދެން ބުނަންވީނުން" ޝެލީ ބުންޏެވެ.
"އަހަރެން... އަހަރެން.. ޝެލީދެކެ..." ސާހިލް ލަސްލަހުން ކިޔަމުން ދިޔައެވެ.
"ނުބުނެވުނެއްނު" ޝެލީ ބުންޏެވެ.
"އަހަރެން... ބުނަން މިއުޅެނީ" ސާހިލް ބުންޏެވެ.
"ކޮންތާކު. ތިއީ ބޮޑު ފިނޑިއެއް. ލަންބޫ....."
"މަށަށް ލަންބޫ ނުކިޔައްޗޭ އިނގޭ" ސާހިލް ބުންޏެވެ.
"ކިޔާނަން. ތިއީ ހަމަ ލަންބޫ... ދެން... އަހަރެންނަށް ލަސްވޭއެބަ" ޝެލީ ބުންޏެވެ.
"ކީކޭ ދެންމެ ބުނީ. އަހަރެންނަކީ ފިނޑިއެކޭ..." ސާހިލް ބުންޏެވެ.
"އާނ. ތިއީ ހަމަ ފިނޑިއެއް. އެހެންވެއެއްނު ހަތަރެސްފައި ތިހިރަ ތުރުތުރު އަޅަނީ" ޝެލީ ބުންޏެވެ. ސާހިލްގެ ދެލޮލުން ސީރިޔަސްކަން ފާޅުވެލިއިރު ޝެލީ ހުރީ ހެވިފައެވެ. 'ލަންބޫ' އޭ ބުނެ ސާހިލް ރުޅިއަރުވާލެވުމުން ޝެލީއަށް މަޖާވެއްޖެއެވެ. ކުއްލިއަކަށް ޝެލީއަށް ސިހުމެއް ލިބުނީ ނުވިސްނާ ހުއްޓާ ސާހިލް ކޮށްލި ކަމަކުންނެވެ. ޝެލީގެ އުނަގަނޑުގައި އެއް އަތުން ވަށާލިގޮތަށް ގާތަށް ދަމާލިއެވެ. ޝެލީއަށް ދެއަތް ޖައްސާލެވުނީ ސާހިލް މޭގައެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ޝެލީ ސާހިލްއަށް ބަލައިލިއެވެ.
"ސާހިލް..." ކަޅިޖަހާވެސްނުލާ ސާހިލް ބަލަހައްޓައިގެން ހުރުމުން ޝެލީއަށް ލަސްލަހުން ސާހިލްއަށް ގޮވާލެވުނެވެ.
"ޝްޝްޝް..." އަނެއް އަތުން ޝެލީގެ ރަތްކުލައިގެ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލަމުން ސާހިލް ބުންޏެވެ. މީގެކުރިން ސާހިލްގެ ފަރާތުން ނުފެންނަ ފަރާތެއް ފެންނަމުންދާތީ ވިސްނަންވީ އެއްޗެއް ނޭނގިފައި ޝެލީ ހުއްޓެވެ. ހިމޭންކަން އެކުލެވިގެންވި ބަހުރުވައަކުން ސާހިލް ޝެލީ އާ ވާހަކަދައްކަމުން ދިޔައިރު ދެމީހުން ދެމެދުގައި އޮތް ކުޑަކުޑަ ދާއިރާ ހަނިވަމުން ދިޔަ ކަމެއް ޝެލީއަކަށް ނޭނގެއެވެ.
"ސާހިލް ކީއްތިކުރަނީ. ދިސް އިޒް ރޯންގް" ސާހިލްގެ ހޫނު ނޭވާތައް ޝެލީގެ މޫނަށް އިހުސާސްވާން ފެށުމާއެކު ބުންޏެވެ.
ޝެލީގެ ތުންފަތާ އިންޗިއެއްހާ ކައިރިވުމާއެކު ޝެލީ ދެލޯ މަރާލިއެވެ. މޫނު އެއްފަރާތަކަށް އަނބުރާލިއިރު ނޭނގޭ ބާރުމިނެއްގައި ހިތް ތެޅެމުން ދިޔައެވެ. ޝެލީ ހީކުރިގޮތާ ހިލާފަށް ސާހިލް ކައިރިވީ ޝެލީގެ ކަންފަތާއެވެ. ޝޯލްމަތިން ވިޔަސް ސާހިލްގެ ނޭވާ ކަންފަތްދަށަށް އިހުސާސްވުމާއެކު ޝެލީގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ވާން މިއުޅެނީ ކޮންކަމެއްބާއެވެ؟
"މިއީ ސާމާސާއެއް ނޫން.... ރޯޒްމެލޯ" ކަންފަތްދަށުން ސާހިލްގެ އަޑު އިވުމާއެކު ޝެލީ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ.
ފަތިހާ ހޭލި ގޮތަށް އަސަލްއަށް ބުށްފުޅި ގިރަން އުޅުނު އާޝިގާއަށް ސިހުމެއް ލިބުނީ އެހާ ފަތިހާ ޝިދުނާގެ ކޯލެއް ލިބުމުންނެވެ. އެނދުގައި އަސަލް ބާއްވާފައި ބުށްފުޅި ދިނުމާއެކު އެކުއްޖާ އަމިއްލައަށް ބޯންފެށިއެވެ. ފޯނު ހިފައިގެން އައިސް އާޝިގާ އިށީނީ އަސަލް އާ ޖެހިގެންނެވެ.
"ކިހިނެކޭވީ މަންޖޭ. އަހަރެން މަތިން ހަނދާންވީތަ. ނޫނީ ބިރުވެރި ހުވަފެނެއް ފެނުނީތަ؟" އާޝިގާ އެހިއެވެ.
"ސާބަހޭ. އަހަރެން ވާހަކަދައްކަންވެސް ވަގުތުކޮޅެއް ދީބަލަ. އަހަރެން މިހުރީ މާލޭގައޭ. އިއްޔެގަ އައީ" ޝިދުނާ ބުންޏެވެ.
"މިއީ ވާ ފިސާރި އަންހެނެއް. އެކަމަކު ބެސްޓްފްރެންޑޯ. މާލެ އައިއްސަ އަންގާޥެސްނުލާ" އާޝިގާ ބުންޏެވެ.
"އަޑުއަހާބަލަ. ކުއްލިއަކަށް އަހަރެންގެ ސްޓޯރީއަށް ޓްވިސްޓެއް އައިސްގެން މިއުޅެނީ. ބުނެބަލަ އަހަރެން ކިހިނެއް ބައްދަލުކުރާނީ ޝިގާ އާ" ޝިދުނާ އެހިއެވެ.
"ޓެކްސީއެއްގަ އާދޭ. އޯކޭވާނެ ޝިދޫއަށް ފަސޭހަ ގަޑިއެއްގަ އަޔަސް. އަހަރެން އެޑްރެސް މެސެޖްކޮށްލާނަން" އާޝިގާ ބުންޏެވެ.
"އޭތް އަދި މަޑުކޮށްބަލަ. ސާހިލް ގޭގަ އުޅޭ ގަޑިއެއްގަ އައިއްޔާ އެސޮރުގެ މޫނު ފެންނާނީ" އާޝިގާ ބުންޏެވެ.
"ދިރިއުޅުން ކުރިއަށް ގެންދެވޭކަށް ނެތް ސާހިލްގެ މޫނަށް ބަލަން ހުރެ. ދެން ބާއްވަނީ އިނގޭ" ޝިދުނާ ބުންޏެވެ.
"މަޑުކޮށްބަލަ ތިބުނީ" އާޝިގާ އެހިއެވެ.
"މިބުނި އެއްޗެއް އިނގޭނެ އަހަރެން ޝިގާ ކައިރިއަށް ދިޔައިމަ"
ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުނީ ލަކްޔަން ފެންވަރައިގެން ނިކުތްތަނާއެވެ. ދޮރުހުޅުވަން ހިނގައިގަތްވަގުތު އެތެރެއަށް ދޮރުހުޅުވިގެން ދިޔައެވެ. ލަކްޔަންއަށް ހުއްޓުމެއް އައީ ކުރިމަތީގައި ހުރި ޖޫލީ ފެނުމުންނެވެ. ތިރިން ތުވާލި އަނދެގެން ހުއްޓާ ޖޫލީއަށް ފެނުމުން ލަކްޔަންއަށް ލަދުވެތިކަމެއް އިހުސާސްވިއެވެ.
"ސޮރީ" ޖޫލީ އަނެއްފަރާތަށް އެނބުރުނެވެ. އެތެރެއަށް ދެމިގަތްގޮތަށް އެނދުމަތީގައި ނަގާފައި ހުރި އަންނައުނު ލަކްޔަން ލާން ފެށިއެވެ. ޖިންސޫގެ ގޮށްތައް އަޅޫވާލާފައި ތުވާލި ނައްޓާލިގޮތަށް ލަކްޔަން ހަމަޖެހިލިއެވެ.
"ކަމަކުތަ؟" ލަކްޔަން އެހިއެވެ.
"ލަކީގެ ބައްޕަ ބުނި ސައިބޯން އަންނާށޭ" ޖޫލީ ބުންޏެވެ.
"އާނ.. އާނ.. ދާންވެގެންނޭ އުޅުނީ. މިދަނީ. ޖޫލީ ދޭ" ލަކްޔަން ބުންޏެވެ. ޖޫލީ ހިނގައިގަތެވެ.
"ވެއިޓް ޖޫލީ" ލަކްޔަން ބުންޏެވެ. ޖޫލީ ހުއްޓުނެވެ.
"އެކަކު ކައިރީގަވެސް ނުބުނައްޗޭ" ލަކްޔަން ބުންޏެވެ.
"ކޮންވާހަކައެއް؟ ލަކީ ހުރީ އެއްޗެއް ނުލައެއް ނޫނެއްނު. އެހާވަރުގެ ކަމަކާތަ ތި ލަދުގަންނަނީ. ތިއީ އަދި މީހަކާ ނީނދެ އުޅޭތީ ވާގޮތެއް" ޖޫލީ ބުންޏެވެ. ލަކްޔަން ހުރީ ހުޅުވުނު އަނގަ ލައްޕާލަންވެސް ނޭނގިފައެވެ. ކުރިން އެފަދަ މޭރުމަކުން ޖޫލީ ލަކްޔަން އާ ވާހަކަދައްކާފައެއް ނެތެވެ.
"ދެން އާދޭ ލަސްނުކޮށް. ބައްޕަ ޑައިނިނިންގ ޓޭބަލްގަ އެބަ އިންތިޒާރުކުރޭ" ހީލާފައި ޖޫލީ ދިޔައެވެ. ތުވާލީގަ ހިފަހައްޓައިގެން ލަކްޔަންއަށް ހުރެވުނީ ޖޫލީ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ.
ކާރު ދުއްވަންމުން ދިޔަ ނިމާން އިރުކޮޅަކާ ޖެހިގެން އިން ޝެލީއަށް ބަލައިލިއެވެ. އެހެން ދުވަސްތަކާ ހިލާފަށް ޝެލީ ބަސްމަދެވެ. ފަހަތުގައި ޝީޓުގައި އިން އަލްމާޝް ދެތިން ފަހަރު ޝެލީއަށް ގޮވައިވެސް ލައިފިއެވެ. ލައްބަ އޭ ބުނެފައިވެސް ޝެލީގެ އަޑެއް ނީވެއެވެ. ރޭގައި ސާހިލް އާ ޝެލީ އާ ދެމެދު ހިނގާ ދިޔަ ކަންތަކުން ޝޭލީ އިނީ ކަންބޮޑުވެފައެވެ. ކުއްލިއަކަށް އެވީ ގޮތެއް ޝެލީއަށް ވެސް ނޭނގުނެވެ. އެކުވެރިކަން ނޫން އެހެން ގުޅުމަކަށް ސާހިލް އެދެނީބާއޭވެ.
ކޮންމެގޮތެއް ވިޔަސް ރޭގައި ފެނުނު ސާހިލް މުޅިން ތަފާތެވެ. ވިސްނާ ވިސްނާ ޝެލީ ބޯގޮވައިފިއެވެ. އެކަމުގައި ޝެލީއަށް ހަމައެކަނި ސާހިލް ކުށްވެރި ކުރެވޭކަށްވެސް ނެތެވެ. ހަދާނެގޮތެއް ޝެލީއަށް ނޭނގުނެވެ. ހިޔާލެއް ހޯދަން އެވާހަކަ ދައްކާނެ މީހަކުވެސް ނެތެވެ. ޝެލީގެ ބޮލުގައި އެންމެފަހުން ރިހުމެއް އުފެދިއްޖެއެވެ.