ވާހަކަ

މޮޔަކޮށްލި މާ - 39

2

ތިރީސްނުވަވަނަ ބައި

ފަތިސް ނަމާދުކޮށް ނިމިގެން ސަމީރާ ބަދިގެއަށް ވަންއިރު އުނދުން ކައިރީގައި އާޝިގާ ހުއްޓެވެ. ސަމީރާއަށް ހިނިތުންވެވުނެވެ. އެދަތުރުގައި ސަމީރާ އައިއިރު އެކުގައި އާޝިގާ ގެނައެވެ. ރާޝިދާގެވެސް ރުހުމާ އެކުގައި އާޝިގާ އައީ ސަމީރާގެ އެދުމަކަށެވެ. މާލެއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެފައި ހުރި އާޝިގާ އެ ފުރުސަތު ނަގާލަން ބޭނުމެއް ނުވިއެވެ. އަސަލްގެ ބައްޕައާ ބައްދަލުކޮށް ކައިވެނި ދެމެހެއްޓުމާމެދު ގޮތެއް ނިންމަން އޭނާ ހުރީ ބޭނުންވެފައެވެ.

"ސަމިއްތަ ހީކުރީ ކުޑަމީހާ ހޭލާ އުޅުނީމަ ޝިގާއަށް ނުނިކުމެވޭނެ ކަމަށް. ދަންވަރު އިވުނު ވިއްޔާ ރޯ އަޑު" ސަމީރާ ބުންޏެވެ.

"ދަންވަރަށް އަބަދުވެސް ހޭލާ އުޅޭ ކުއްޖެއް އެއީ. މިހާރު ނިދާފަ އޮތީ" އާޝިގާ ބުންޏެވެ. ދެން މޮޑެމުން ދިޔަ ފުށްތަށި ހިފައިގެން ގޮސް މޭޒުމަތީގައި ބެހެއްޓިއެވެ.

"ދައްތަ މިއަންނަނީ ސާހިލް ކޮބާތޯ ބަލާލާފަ. މިއަދު ވަޒީފާގެ ކަންތަކުގަ އުޅޭނަމޭ ކިޔާފަ ހެދި ގޮތެއްވެސް ނޭނގޭ" ސަމީރާ ބުންޏެވެ.

"ހީވަނީ ވަރަށް ލަހުން ހެން ގެއަށް އައީ" އާޝިގާ ބުންޏެވެ.

***********

ތަނަވަސް ބޮޑު އެޕާޓްމަންޓުގައި ފަސް ކޮޓަރި ހުއްޓެވެ. އެއީ ޖަމާލްގެ ގެއިން ކުއްޔަށް ދީފައި ހުންނަ ބައިގައި ސާހިލް އާއި ސާޖިދަށް ހާއްސަކޮށްފައި ހުންނަ އެޕާޓްމަންޓެވެ. ސާޖިދުގެ މަރަށްފަހު ކުރީގެ ބައިގައި ސަމީރާ ބަހައްޓަން ސާހިލް ބޭނުމެއް ނުވިއެވެ. ފިރިމީހާ އާއެކު އުޅުނު ތަން މަރުދުވަހާ ހަމައަށްވެސް ދޫކޮށްލަން ސަމީރާ ބޭނުންނުވިޔަސް ސާހިލް އެގޮތަށް އެދުނީތީ ދެކޮޅުހަދަން ސަމީރާ ބޭނުންނުވީއެވެ. މިއަދު ސާހިލް ނޫނީ ސަމީރާގެ އެއްވެސް މީހަކު ނެތުމާވެސް އެކުގައެވެ. ހަތްވަނަ ފަންގިފިލާގެ ބެލްކަނީ ދޮރު ހުޅުވާލާފައި ސަމީރާ ބޭރު ބަލައިލިއެވެ. ދުނިޔެ މައްޗަށް ކިރިޔާ އަލިވާން ފަށާފައި ހުރި ކަމެވެ. ކުއްލިއަކަށް ސަމީރާގެ ލޮލުގައި އަޅައިގަތީ އުމުރު ހޭދަކުރެވުނު ގޯއްޗެވެ. ސާޖިދުގެ ތަސްވީރު ހިތަށް އައިސްވަނީ ހަމަ ކުއްލިއަކަށެވެ. މެއަށް ވީތަދާއެކު ސަމީރާއަށް މޭގައި އަތް އެޅުނެވެ. ގެ ހަދަން ފަށާފައި ހުރިއިރު އެއްފަރާތުގައި ސިމެންތި ބަސްތާތައް ލައްކޮށްފައި ހުއްޓެވެ. ސަމީރާ އެތައް މަސައްކަތުން ހެއްދި އެންމެ ގަހެއްވެސް ފެންނަން ނެތެވެ. އެގެއަށް ބެލި ވަރަކަށް ހިތުގެ ރިހުން ގަދަވާނެތީ ސަމީރާ އެތެރެއަށް ވަންނަ ހިޔާލު ކުރިއެވެ. ސިޓިންރޫމަށް ނުކުތްތަނާ މައި ދޮރު ހުޅުވާލި އަޑު އިވުނެވެ. އިރުކޮޅަކުން ސާހިލް ވަދެގެން އައިސް ސޯފާއަށް ވެއްޓިގަތެވެ. ސާހިލް އެ އައީ މިސްކިތުންކަން ސަމީރާއަށް އެނގުނެވެ. ސަމީރާ ދިޔަ ގޮތަށް ވަނީ ބަދިގެއަށެވެ. ކޮފީތައްޓެއް ހިފައިގެން އައިރު ސާހިލްއަށް އޮތީ ނިދިފައެވެ. މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި ސަމީރާ ދެފަރާތަށް ބޯހޫރާލިއެވެ.

"ރޭގަ މި ދަރި ނުނިދަނީ ތޯއްޗެ" ތިރިއަށް އެލިފައި އޮތް ސާހިލްގެ އެއް ފައި އުފުލާލަފައި ސޯފާއަށް އަރުވަމުން ސަމީރާ ބުންޏެވެ.

***********

ޒުމްރާގެ ފަހަތުން ރާވީ ދިޔައިރު ބަހެއް ނުކިޔައެވެ. މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ދުވަހަކުވެސް އަތޮޅުތެރެއަށް އަންނަން ބޭނުންނުވާ މީހާ ގޮވައިގެން ޒުމްރާ އަތޮޅުތެރެ ރަށަކަށް އައުމުން ރާވީ ހުރީ މުޅިން ފޫހިކޮށްލާފައެވެ. ކައިރީގައި ހުރި ސިރާޖްގެ މޫނަށް އިރުކޮޅަކާ ބަލާލާފައި އެއްޗެއް ބުނާށޭ ބުންޏެވެ. ޒުމްރާގެ ހިޔާލު ބަދަލުކުރަން ސިރާޖްގެ އެހީތެރިކަމަށް ރާވީ ހުރީ ބޭނުންވެފައެވެ.

"ނޫނެކޭ ދަރިފުޅާ. މަންމަގެ ކުރިމަތީގައި އަހަރެމެންގެ ދެބަފައިންނަކީވެސް ކުށްވެރިން" ރާވީއަށް އެކަނި އިވޭ ވަރަށް ސިރާޖް ބުންޏެވެ. ރާވީ ޗުސްތަޅާލިއެވެ. ހިތްހަމަނުޖެހިފައި ފައިދަށުން ބިމުގެ ވެލިގަނޑު ބުރުވާލިއެވެ. އެމަންޒަރު ފެނުމުން ސިރާޖް ދެފަރާތަށް ބޯހޫރާލިއެވެ.

ކައިވެންޏެއް ކުރަން އެއްބަސްވިއިރު ހަޔާތަށް އަންނަން އުޅޭ އަންހެންކުއްޖާ ހުރީ އަތޮޅުތެރޭ ރަށެއްގައި ކަމެއް ރާވީއަށް ނޭނގެއެވެ. އެކަން އެނގުނީ ފުރަން ފްލައިޓަށް ވެސް އެރިފަހުންނެވެ. ހިތްހަމަނުޖެހުނަސް އެއްޗެއް ބުނަން އުޅެފައިވެސް އެކަން ހިންދާލީއެވެ.

ގޭދޮރުމަތީގައި ރާޝިދާއާ ވާހަކަދައްކަން ހުރެފައި ފަހަތް ބަލައިލި ވަފިއްޔާއަށް ހީނލެވުނީ ގޭދޮރާ ތަންކޮޅެއް ދުރަށް މަޑުކޮށްލި ކާރުން ފޭބި އާއިލާ ފެނިފައެވެ.

"އަސްތާ. އަހަރެން އުންމީދުކުރި ގަޑިއަށް ވުރެ ކުރިންތަ ފްލައިޓް ޖެއްސީ. އަހަރެން ހުރީ ޖަމީލު ބަނދަރަށް ފޮނުވަން" ޒުމްރާއާ ދިމާލަށް ދަމުން ވަފިއްޔާ ވާހަކަދެއްކިއެވެ.

"އެއީ ކުރިން މައުލޫމާތު ދީފަ އިނީ ޓްރާންސިޓްކޮށޭ ފްލައިޓް އިނީ. އެކަމު ފަހުން އަންގައިފި ޑައިރެކްޓް ފްލައިޓެކޭ. އެވަރު ކަމެއް ނޫނެއްނު. މިއާދެވުނީތާ" ވަފިއްޔާގެ ބުރަކަށީގައި ފިރުމާލަމުން ޒުމްރާ ބުންޏެވެ. ޒުމްރާ އާއި ވަފިއްޔާ އަކީ ކުޑައިރުގެ ދެ ރަހުމަތްތެރިންނެވެ. ކައިވެނީގެ ވާހަކަދެކެވުނުތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.

"ވަރަށް ވަރުބަލިވެފައެއްނު މިހާރު ތިބޭނީ. ހިނގާ ގޭތެރެއަށް ވަންނަމާ" ވަފިއްޔާ ބުންޏެވެ.

"މިއީ އޭ އެސޮރަކީ" ގޭތެރެއަށް ވަންނަމުން ޒުމްރާ ބުންޏެވެ. ސިރާޖާ އެއްހަމައެއްގައި ފަހަތުގައި ހުރި ރާވީ އަތުގައި ހިފައި ގާތަށް ދަމާލަމުން ޒުމްރާ ހީލިއެވެ. ރާވީގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުނަސް ޒުމްރާ މާބޮޑު ކަމަކަށް ނެހެދިއެވެ.

"ދަރިފުޅާ... ޝިދުނާ..." ޒުމްރާގެ އާއިލާ ޖަނބުރޯލު ގަސްދޮށުގައި ހުރި ޖޯލިފަތީގައި އިށީނުމުން ޝިދުނާއަށް ގޮވަމުން ވަފިއްޔާ އެތެރެއަށް ވަނެވެ.

************

ލޯގަނޑު ކުރިމަތީގައި ތައްޔާރުވާން ހުރި އަލްމާޝްގެ ހަރަކާތްތަކުގައި ލަސްކަމެއް ވިއެވެ. ސޯފާ ގޮނޑީގައި އަލްމާޝްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ނިމާން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ދެން ހީލާފައި ތެދުވެގެން ގޮސް އަލްމާޝްގެ ފަހަތުން ހުއްޓިއްޖެއެވެ. މަޑުމަޑުން އަލްމާޝްގެ ފަހަތުން ނިމާން ބައްދާލިއެވެ. އަލްމާޝް އަޅާފައި ހުރި ޝޯލްމަތިން ކަރުގައި ބޮސްދިނެވެ.

"އެހާ ވަރަށް ހަމަ ވިސްނަންޖެހޭކަމެއްތަ އެއީ" ނިމާން ބުންޏެވެ. އަލްމާޝް ހީލިއެވެ.

"މާންއަށް ހަމަ އޯކޭތަ އަހަރެން ލަކީ އާ ބައްދަލުކުރިޔަސް" އަލްމާޝް އެހިއެވެ.

"ދެ އާއިލާ މިހާރު އޮތީ އާއިލީ ގޮތުން ގުޅެން ތައްޔާރުވެފަ. އަހަރެމެންގެ ދަރިއަކު އެ އުޅެނީ ލަކީ ގެ ދަރިއަކާ އިންނަން. އެހެންވީމަ ކޮންމެހެނެއްވެސް ދެ އާއިލާ މެދުގައި އޮތް ދުރުކަން ކަނޑުވާލަން އެބަޖެހެއެއްނު" ނިމާން ބުންޏެވެ.

"އެކަމަކު... ތިބުނީވެސް ތެދެއް. ހިނގާ ދަމާ" އަލްމާޝް ބުންޏެވެ.

އެހެންފަހަރުތަކާ ހިލާފަށް ލަކްޔަންގެ ކޯލު މިފަހަރު ލިބުނީ ސީދާ އަލްމާޝްގެ ފޯނަށެވެ. ލަކްޔަން ކަން އެނގުމުން އަލްމާޝްއަށް ވާހަކަދައްކަން އުނދަގުވިއެވެ. އެހެންނަމަވެސް ބައްދަލުކޮށްލަން ބޭނުންވާކަމަށް ލަކްޔަން އެދުމުން އަލްމާޝް އެއްބަސްވިއެވެ. ބައްދަލުކުރަން ހަމަޖެހުނު ތަން ލަކްޔަން މެސެޖަކުން ފޮނުވާލީ ވަކިންނެވެ. އަލްމާޝް ވަގުތުން ނިމާނަށް ގުޅިއެވެ. ލަކްޔަންގެ ކޯލެއް ލިބުނު ކަމަށާއި ލަކްޔަންގެ ބޭނުން ނިމާނަށް ބުނެދިނެވެ. އަލްމާޝްއަކީ ނިމާނަށް އެއްވެސް ކަމެއް ސިއްރުކުރާ މީހެއް ނޫނެވެ. އެދެމެދުގައި އުފެދިފައިވާ ލޯބި އެހާ ފުންވެފައި ސާދާއީ އެސަބަބަށްޓަކައި ކަމަށްވެސް ވެދާނެއެވެ.

ރެސްޓޯރަންޓަން ވަދެގެން ވަކި ހިސާބަކަށް ނުދެވެނީސް އަލްމާޝްއަށް ވަކިން ހުރި މޭޒެއްގައި އިން ލަކްޔަން ފެނިއްޖެއެވެ. ނިމާންގެ އަތުގައި ހިފައިގެން ހުރި އަލްމާޝް ފެނުމާއެކު ލަކްޔަން ކޮޅަށް ތެދުވިއެވެ. ނިމާނާއި އަލްމާޝްގެ އިނގިލިތައް ގުޅިލާމެހިފައި ވާތަން ފެނި ލަކްޔަންގެ ހިތުގައި ރިއްސާލިކަން ޔަގީނެވެ. ކުރިމަތީގައި ހުރި ފެންތަށިން ކޯވަރެއް ބޯލާފައި ކަރުތެރެ ތެންމާލިއެވެ.

"އަހަރެން މިތަނުގަ މަޑުކޮށްލާނަން. ޝޯނާ ގޮސް ލަކީ ދައްކާ ވާހަކަ އަޑުއަހާލާފަ އާދޭ" ނިމާން ބުންޏެވެ.

"އުނހު. އެހެން ކަމަކުނުދާނެ. މާން ވެސް ހިނގާ. މާންއަށް ވެސް އެތަނުގައި އިނދެވިދާނެއްނު" އަލްމާޝް ބުންޏެވެ.

"އޭރުން ލަކީއަށް ދައްކަން އެ އުޅޭ ވާހަކަ ފަހަރަކު ނުދެއްކިދާނެ. އަހަރެން މީނީ ޖެހިގެން ހުރި މޭޒުގަ. ދޭ" ނިމާން ބުންޏެވެ. އެންމެފަހުން އަލްމާޝް ހިނގައިގަތެވެ. އަލްމާޝް އަރައި ހަމަވުމާއެކު ލަކްޔަން ތެދުވިއެވެ. އަލްމާޝްއަށް ގޮނޑި ނެރެލަދިނެވެ. ގޮނޑީގައި އިށީނުމުގެ ކުރިން އަލްމާޝް އެނބުރި ފަހަތަށް ބަލައިލިއެވެ. ނިމާން ހީލާފައި ބޯޖަހާލުމާއެކު އަލްމާޝް ގޮނޑީގައި އިށީނެވެ.

"މާޝް ކިހިނެއްތަ؟" ލަކްޔަން އެހިއެވެ.

"ރަނގަޅު" އަލްމާޝް ބުންޏެވެ.

"ނިމާނާއި ދެކުދިން ހެޕީ ލައިފެއް އުޅޭތީ ވަރަށް އުފާވޭ" ލަކްޔަން ބުންޏެވެ.

"ޝުކުރިއްޔާ. ލަ...ލަކީ ކިހިނެއްތަ؟" އަލްމާޝް އެހިއެވެ.

"އެކަހަލަ ގޮތެއް" ލަކްޔަން ބުންޏެވެ. އަލްމާޝް އިސްއުފުލާ އެންމެފަހަރަކުވެސް ބަލައިނުލައެވެ. އެހެންނަމަވެސް ރެސްޓޯރަންޓުން އަލްމާޝް ފެނުނުފަހުން ލަކްޔަންގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުވެސްކޮށްނުލައެވެ.

"ޝެލީ އެންޑް މިކީ ކިހިނެއް؟" ލަކްޔަން އެހިއެވެ.

"އެންމެންވެސް ރަނގަޅު. الحمدلله" އަލްމާޝް ބުންޏެވެ. "އަސްލު ކޮންވާހަކައެއް ބުނަންވެގެން ބައްދަލުކޮށްލަން ބުނީ" އަލްމާޝް އެހިއެވެ.

"އެއީ އަހަރެން މާޝްގެ ފަރާތުން ހިތްހެޔޮކަން ބޭނުންވާތީ. ހިތްހެޔޮކަމެއް ދެވޭނީ އެންމެ ފުރަތަމަ މާފުކުރެވިގެންތާ. ވަރަށް ބޮޑަށް ސޮރީ މާޝް" ލަކްޔަން ބުންޏެވެ.

"އެއީ އެހާވަރުގެ ކަމެއް ނޫން. ވީކަމެއް ވީއެއްނު. އެއީ ލަކީގެ ކުށެއްނޫން" އަލްމާޝް ބުންޏެވެ. ލަކްޔަން ހީލިއެވެ. އަލްމާޝްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އެއްޗެއް ނުބުނެ ލަކްޔަން އިނެވެ. އެ އޮމާން މޫނުގައި އިނގިލިތަކުން ފިރުމާލަން ލަކްޔަންގެ ހިތް އެދުނެވެ. މޭޒުމަތީގައި އޮތް އަލްމާޝްގެ ދެއަތް ތިލައިގައި ހިފާލާހިތުން ލަކްޔަންގެ ހިތް ތެޅިފޮޅެމުން ދިޔައެވެ. މިނޫނީ އެހާ ދުވަހަށްފަހު ހިތް ފުރެންދެން އަލްމާޝްގެ މޫނަށް ބަލާލާނެ ފުރުސަތެއް ލަކްޔަންއަށް ނުލިބެއެވެ. އެ އަންހެންކުއްޖާދެކެ އަދިވެސް ހިތާއި ފުރާނައިން ލޯބިވެވޭކަމަށް ލަކްޔަންގެ ހިތް އެއްބަސްވިއެވެ.

"ސިޔާ ރަނގަޅުތަ؟" ހިމޭން ވަގުތުކޮޅަކަށްފަހު އަލްމާޝް އެހިއެވެ.

"ހޫމް...." ނިމާން ބުންޏެވެ. ލަކްޔަން ނިމާން އިން ދިމާލަށް ބަލައިލިއެވެ. ނިމާންގެ ނަޒަރު އެދިމާލަށް ހުއްޓިފައި ހުރުމުން ލަކްޔަން ކައިރިއަށް ހިނިއައެވެ.

"ނިމާން އަސްލުވެސް މާޝްދެކެ ވަރަށް ލޯބިވޭ" ލަކްޔަން ބުންޏެވެ.

"އާނ. އަހަރެންވެސް ލޯބިވޭ. އެއީ އަހަރެންގެ ދަރިންގެ ބައްޕައެއްނު" އަލްމާޝް ބުންޏެވެ.

"އާނ... އަހަރެންވެސް..." އެހެން ލަކްޔަންއަށް ބުނެވުނީ ނޭނގިއެވެ.

"ވަޓް؟ ތިބުނީ؟" އަލްމާޝްގެ ބުންޏެވެ.

"މިބުނީ އަހަރެންގެ ދެ ދަރިން ދެކެ ވަރަށް ލޯބިވެޔޭ" ލަކްޔަން ބުންޏެވެ. "ވާހަކައެއް އަހަންތަ؟"

"އަހާބަލަ"

"ފަހުން" ބުނަން އުޅުނު އެއްޗެހި ލަކްޔަންއަށް ނުބުނެވުނެވެ. އަލްމާޝް ހިތްހަމަނުޖެހިދާނެތީއެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" އަލްމާޝް އެހިއެވެ. ލަކްޔަން 'ހޫމް' އެއް އަޅުވާލިއެވެ. އަލްމާޝް އަހަން އުޅޭ އެއްޗެއް ނޭނގިފައި ހިތް ތެޅިލިއެވެ.

"ކޮބާ ކުދިންގެ މަންމަ. ރަނގަޅުތަ؟ ލަކީ ކީއްވެ އޭނަ ނުލާ އައީ. ގޮވައިގެން އައިނަމަ އަހަރެންނާ ބައްދަލުވީހެއްނު" އަލްމާޝް ބުންޏެވެ. ވަގުތުން ލަކްޔަން ހިމޭންވިއެވެ. އަލްމާޝް އެ އެހީ އޭނާ ހިތަށްވެސް އެރި ސުވާލެއް ނޫނެވެ. އެހެންކަމުން ލަކްޔަންއަށް ޖަވާބުދޭން އުނދަގުވިއެވެ.

"ކިހިނެއްވީ އެއްޗެއް ނުބުނީ؟" އަލްމާޝް އެހިއެވެ.

"ދަރިންގެ މަންމަ ދުނިޔޭގައި ނެތް" ލަކްޔަން ބުންޏެވެ. އަލްމާޝްއަށް ލަކްޔަންގެ މޫނަށް ބަލައިލެވުނެވެ. ދެން އިސްޖަހާލިއެވެ.

"ސޮރީ" އަލްމާޝް ބުންޏެވެ.

"މާޝްއަށް އިނގޭތަ! އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ދެ ދަރިން. އަހަރެންގެ ހަޔާތަށް އަދި އަންހެނެއް ނާދޭ. އަހަރެން ކުރީ ވަރަށް ދިގު އިންތިޒާރެއް. ހިތުގައި ވަނީ އެންމެ ނަމެއް. އަދިވެސް އެދެނީ އެންމެ ކުއްޖަކަށް. އެކުއްޖާ ކައިރީގައި ބުނެވުނު ހަނދާނެއްވޭ ސާޅީސް ދަރިން ތިބި ކަމުގައި ވިޔަސް އަހަރެންނަށް ހެވޭ. އެކަމަކު މިއަދު އެކަން ވާކަށް ނެތް. ހުރިހާ ކަމެއް ހަނދާންނައްތާލާފައި ކުރިއަށް ފިޔަވަޅު އެޅުން ނޫން ގޮތެއް އަހަރެންނަށް ނެތް" ލަކްޔަން ދެއްކި ވާހަކަތައް އަހަން އިން އަލްމާޝްގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. އެ އަޑުއަހަން އުނދަގުވެސް ވިއެވެ.

*****

ނުނިދިފައި އޮތް އަލްމާޝް އަނެއް ފަރާތަށް އެނބުރިފައި ބާލީސް ކައިރީގައި އޮތް ފޯނު ނަގާފައި ގަޑިން ވީ އިރެއް ބަލައިލިއެވެ. އެކެއްޖަހައި ބޮޑުވެއްޖެއެވެ. ނިމާން އަރާމު ނިދީގައި އޮތްއިރު އަލްމާޝް އަދިވެސް އޮތީ ލަކްޔަން ދެއްކި ވާހަކަތަކާމެދު ވިސްނާށެވެ. ސިޔާ އާއި އިކާނަކީ ކޮއްކޮގެ ދަރިންނޭ ބުނުމުން ފުރަތަމަ އެކަން ގަބޫލުކުރަން އަލްމާޝްއަށް ދަތިވިއެވެ. އެހެންނަމަވެސް ލަކްޔަންގެ ދެލޮލުން ހާމަވާން ހުރި ހަގީގަތް އަލްމާޝްއަށް އެކަން ގަބޫލުކުރަން މަޖޫބުރުވީއެވެ. އެންމެފަހުން ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. އެވާހަކަތަކުން އަލްމާޝްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށީ ކީއްވެ ކަމެއް ނޭގެއެވެ. ހަނދާނަށް އައީ މީގެ އެތަކެއް އަހަރުކުރިން ލަކްޔަން އާ އެންމެފަހުން ބައްދަލުކުރި ރޭގައި ލަކްޔަން ދެއްކި ވާހަކަތަކެވެ.

"މާޝް. މިއަންނަ މަހު ބާވީހުގައި މަށަށް ތާޓީ ވާނެ. އަހަރެން ބޮޑުވެ ފުރާވަރަށް އެރިއްސުރެ މާތްﷲ އަހަރެން ހިތުގައި ލޯބި ލެއްވި ހަމައެކަނި އަންހެންކުއްޖަކީ ތީ. މާޝް އަހަރެން މޮޔަކޮށްލައިފި. މިދުނިޔެއަށް މާޝް ނުލާ އެންމެ ނޭވައެއް ލުމަކީވެސް މަށަށް ދަތިކަމެއް. ފަހަރެއްގައި ވެސް ހީނުކުރައްޗެ އަހަރެން މިއުޅެނީ މާޝް އާއި ނިމާނާ ދެމެދަށް ވަންނާށޭ. އަހަރެން އެހާ ނުލަފާ ނުވާނަން. އެނގޭ ލޯބިވުމަކީ ހާސިލުކުރުމެއް ނޫންކަން. ތި ދެމަފިރިންގެ ލޯބީގައި މާތްﷲ ބަރަކާތް ލައްވާށި. އެކަމަކު ދުވަހަކުވެސް ނިމާން މާޝް ދޫކޮށްލައިފިއްޔާ ހަބަރެއް ވެލައްޗެ. މާޝްގެ ސާޅީސް ދަރިން ތިބި ކަމުގައި ވިޔަސް ދުލެއްނުކުރާނަން. މި ދުނިޔެއިން އަހަރެންގެ ހިތް ހަމައެކަނި އެދުނު މީހަކީ ތިއީ. ދުވަހަކުވެސް މިހަޔާތަށް ދިވެހި އަންހެންކުއްޖަކު ނުގެންނާނަން. މީހަކާ ނީންނާނަމެކޭ ނުބުނާނަން. އެކަމަކު ތި ލޯބި މިހިތަކުން ފަނޑެއް ނުވާނެ. މާޝްދެކެ ވަރަށް ލޯބިވޭ. އަބަދުވެސް ލޯބިވާނަން" ކުއްލިއަކަށް އަލްމާޝްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އަލްމާޝްގެ ޒަމީރު ވިސްނައިދިނީ އެންމެ ރަނގަޅަށެވެ. އެއީ މިހާރު އަލްމާޝް ވިސްނަންވީ ކަމެއް ނޫނޭ ބުނެލިއެވެ. ތަގުދީރުގައި ހުރި ކަންތައްތަކަކީ ބަދަލުވާނެ ކަންކަމެއް ނޫނެވެ. ލަކްޔަންގެ މީހަކަށް ނުވެވުނީތީ މިއަދު އަލްމާޝް ދެރަވާކަށް ނުޖެހެއެވެ. އެއިރުވެސް މިހާރުވެސް އަލްމާޝްގެ ހިތުގެ މިލްކުވެރިޔަކީ ނިމާނެވެ. ލަކީ އެދުނު ފަދައިން އަދިވެސް އެ ހަޔާތަށް އިތުރު މީހަކު ނުގެންނަކަން އެނގުމުން އަލްމާޝް މުޅިން މާޔޫސްވެއްޖެއެވެ. މީހެއްގެ ދިރިއުޅުމުގެ ބޮޑު ބައި އެކަނިވެރިކަމުގައި ހޭދައެކުރީ އެންމެ އަންހެންކުއްޖެއްގެ އިންތިޒާރުގައެވެ.

"ސޮރީ ލަކީ. އަހަރެންނަށް ދުވަހަކުވެސް، ދުވަހަކުވެސް ލަކީގެ މީހަކަށް ނުވެވޭނެ. އެކަމަކު ލަކީ ބޭނުންނަމަ އެކުވެރިއަކަށް ވެވިދާނެ" މަޑުމަޑުން އަލްމާޝް ބުނެލިއެވެ.

**********

ޖޫލީ އާ އެއްތަނެއް އުޅެން ޖެހުމުން ސިޔާގެ އުފާވެރިކަން ދެގުނަވެފައި ވިއެވެ. މައެއް ފަދައިން ޖޫލީ ވެސް ސިޔާދެކެ ލޯބިވެއެވެ. ލަކްޔަން ފިޔަވައި މީހަކަށް އިހުތިރާމް ކުރާނަމަ އިކާންވެސް އިހުތިރާމް ކުރަނީ ޖޫލީ އަށެވެ. ޖޫލީ ލަކްޔަންދެކެ ލޯބިވާކަން ސިޔާއަށް ވެސް އަދި އިކާނަށްވެސް އެނގެއެވެ. އެދެކުދިންނަށް މިހާ ދުވަސްވިއިރުވެސް ނޭނގި އޮތް ކަމަކީ ލަކްޔަންގެ ހިތުގައި އޮތް އެއްޗެކެވެ. ކައިވެންޏެއް ކުރަން ލަކްޔަން ބޭނުންނުވާ ސަބަބެވެ.

*********

މާ ވިއްކާ ފިހާރައަކުން ނުކުތްގޮތަށް ޝެލީ ދެފަރާތަށް ބަލައިލިއެވެ. މާގިނަ އިރެއްނުވެ ސާހިލް ސައިކަލުގައި އައިސް މަޑުކޮށްލިއެވެ. ހިނިތުންވެލާފައި ޝެލީ ސައިކަލް ފަހަތަށް އެރިއެވެ.

"ކިހިނެއް ޝެޑިޔުލް އޮތީ؟" ކުރިއަށް ސައިކަލް ދުއްވާލާފައި ސާހިލް އެހިއެވެ.

"ފުރަތަމަ ދާނީ ތިގެއަށް މަންމަ ދެކިލަން. ދެން ސައިބޯން ދާނީ ވަރަށް ބަނޑުހައި" ޝެލީ ބުންޏެވެ.

"ހެދިކާ ގަނެގެން ގެއަށް ގޮސް ސައިބޯންވީނުން. މަންމަވެސް އުފާވާނެ އޭރުން. އެގޭގަ އުޅޭނެ ވަރަށް ރަނގަޅު އަންހެންކުއްޖެއް. ޝެލީ ވާނެ އެކުއްޖާ އާ ފްރެންޑްވާން" ސާހިލް އެދުނެވެ.

"އެރަށުން ކުއްޖެއްވެސް ހޯދައިގެންތަ ތިއައީ. ނުވެސް ބުނަމެއްނު" ޝެލީ ބުންޏެވެ.

"އެއީ އަދި އަހަރެންގެ ގާލްފްރެންޑެއް ނޫން. އެކުއްޖާ އަދި ހުރީ ތަންކޮޅެއް ދުރުގަ" ސާހިލް ބުންޏެވެ.

"ހިނގާބަލަ. ތިބުނާ ކުއްޖާވެސް ފެންނާނެއްނު" ޝެލީ ބުންޏެވެ.

"އަދި ހަނދާންނެތިފައޭ މިހުރީ. ހުޅުމާލެއަށް ދިޔަ ރޭގަ ބުނީމެއްނު ސީކްރެޓެއްގެ ވާހަކަ" ޝެލީ ބުންޏެވެ.

"އާނ އެއީ އީމްގެ ވާހަކަ. އެނގޭތަ އީމް އެބަހުރި ހުޅުމާލޭގަ" ސާހިލް ބުންޏެވެ.

"ސީރިޔަސްކޮށް. އީމް ނުވެސްބުނޭ. ބޭނުން ދާން" ޝެލީ ބުންޏެވެ.

ޝެލީ ފެނުމާއެކު ސަމީރާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ޝެލީ ބައްދާލާފައި ގެންގޮސް ސޯފާގައި ބޭންދިއެވެ. ޝެލީގެ އަތުގައި ހިފެހެއްޓިގޮތަށް ދޫވެސް ނުކުރިއެވެ. ހިނިއައިސްފައި ސާހިލް ވަކިން ހުރި ސޯފާގައި އިނެވެ.

"ކޮބާ އާޝިގާ" ސާހިލް އެހިއެވެ.

"ކުޑަމީހާ ހޭލައިގެން ކޮޓަރިއަށް ވަނީ" ސަމީރާ ބުންޏެވެ.

"އަޅުގަނޑު އަންނާނަން ސައިހަދާފަ" ޝެލީ ބުންޏެވެ.

ބަދިގޭގައި ޝެލީގެ ފަސްފަހަތުގައި ސާހިލް އުޅުނެވެ. ކޮފީ ހަދަން ޝެލީ އުޅުނުއިރު ގެނައި ހެދިކާތައް ތައްޓަށް އެޅުމުގައި ސާހިލް އުޅޭތަން ފެނުމުން ދުރުގައި ހުރި ސަމީރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"އެއީ ކޮން ކުއްޖެއް؟" ކައިރީގައި ހުއްޓުނު އާޝިގާ އެހިއެވެ.

"އެއީ އެ މަންޖެއަކީ. ސަމިއްތަ ކިޔައިދިނީމެއްނު" ސަމީރާ ބުންޏެވެ.

"މިއަންނަނީ މަންމަ ގޮވައިގެން" މޭޒުމަތި އަތުރާލާފައި ޝެލީ ހިނގައިގަތެވެ. އެހިނދު ޝެލީއަށް ހުއްޓެން މަޖުބޫރުވީ ސާހިލް ޝެލީގެ އަތުގައި ހިފެހެއްޓުމުންނެވެ. ފަހަތަށް އެނބުރުނު ޝެލީއަށް ހައިރާންކަމެއް ލިބުނީ ސާހިލްގެ ދެލޯ ފެނިފައެވެ. ސާހިލްގެ ދެލޮލުން މީގެކުރިން އެފަދަ އަސަރެއް ޝެލީއަށް ފެނިފައި ނެތެވެ. އެހެންކަމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޝެލީގެ މޫނަށް ސީރިޔަސްކަން ވެރިވެއްޖެއެވެ.

"ކިހިނެއްވީ؟" ޝެލީ އެހިއެވެ. ސާހިލް ޝެލީ އަތުން ދޫކޮށްލިއެވެ. ދެން ދެފަރާތަށް ބޯހޫރާލާފައި އެހާ އަވަހަށް ޝެލީއަށް ފުރަގަސްދީފިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ހުއްޓުނީ އައިސްއަލަމާރި ކައިރީގައެވެ. ފިނި ފެންފުޅިއެއް ހިފައިގެން މޭޒާ ދިމާލަށް ދިޔަ ސާހިލްއަށް ބަލަހައްޓައިގެން ހުރި ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ.

"މޮޔަ" ހިތާހިތުން ޝެލީ ބުންޏެވެ. ދެން ހީލާފައި ބަދިގެއިން ނުކުތެވެ. ގޮނޑި ދުރުކޮށްލާފައި ސާހިލް އިށީނެވެ. ދެއަތުން މޭޒުމަތީގައި އަތް އެޅިގޮތަށް ޝެލީ ދިޔަ ދިމާލަށް ބަލައިލިއެވެ.

"ޝިޓް.... ޝިޓް...." ސާހިލް ބުންޏެވެ. "ކިހިނެއްތަ މިވީ މަށަށް... ޝެލީއަށް ޕްރޮޕޯސްކުރަން އަދި މާ އަވަސް. އަހަރެންނަށް ކޮންޓްރޯލް ނުކުރެވުނީ ކީއްވެ؟ ޝެލީ ހިތަށް އަރާނީ ކީކޭ؟" ސާހިލް އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟