ވާހަކަ

މޮޔަކޮށްލި މާ - 38

2

ތިރީސްއަށްވަނަ ބައި

އެތެރެއަށް ހުޅުވުނު ދޮރުން ބޭރުގައި ހުރި މީހަކު ފެނިފައި ލަކްޔަންގެ ދެ ބުމަ ގޮށްޖެހުނެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. ދުވަހަކުވެސް ލަކްޔަން ހުރި ހިސާބަކަށް އަންނާނެ ކަމަށް އުންމީދުކޮށްފައިނުވާ މީހަކު ކުރިމަތީގައި އައިސް ހުއްޓުމުން ވާހަކަދައްކަން ވެސް ލަކްޔަން ހަނދާންނެތުނެވެ.

***********

ޝެލީ ނިދަން އުޅެ އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. އެންމެފަހުން އެނދުން ތެދުވެއްޖެއެވެ. ލައިގެން ހުރި ޕެޓީކޮޅު މަތިން އަލަމާރިން ނެގި ޖެކެޓެއް ލައިގެން ބެލްކަންޏަށް ނުކުމެލިއެވެ. މޫނުގައި ބީހިލި ފިނި ވައިރޯޅިން ޝެލީގެ ސިކުނޑި ތާޒާ ކުރުވިއެވެ. ރެއިލިންގައި ހިފަހައްޓާލާފައި ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ކުއްލިއަކަށް ޝެލީގެ ލޮލުގައި އަޅައިގަތީ ބަގީޗާގެ ތެރެއިން ފެންނަން ހުރި ހިލަތަކެވެ. ސާޖިދުގެ ތަސްވީރު ޝެލީގެ ހިތުގައި ކުރަހާލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ދެލޮލަށް ކަރުނަ ޖަމާވެގަތީ އެއްވެސް އިހުތިޔާރަކާނުލައެވެ.

"އައި މިސް ޔޫ ސޯ މަޗް ޖޭޑީ" އިސްޖަހާލަމުން ޝެލީ ކިޔާލިއެވެ.

ކުއްލިއަކަށް ކޮޓަރިއަށް ވަތްގޮތަށް ބެލްކަނީގެ ފޮތިގަނޑުވެސް ޝެލީ ދަމާލިއެވެ. އެތަނުގައި އެހާ ގިނައިރު ހުންނަން ޝެލީއަށް ކެތްނުވިއެވެ. ސާޖިދުގެ ހަނދާންތަކަކީ ވޭންދެނިވި ހަނދާންތަކެކެވެ. ސާޖިދު ދުނިޔޭގައި ހުރިއިރު ނުފެނި ގިނައިރުވުމުން ވާ ހަނދާނާއި ދުނިޔޭގައި ނެތްކަން އެނގި ދުވަހަކުވެސް ދެން ނުފެންނާނެކަން އިހުސާސްވާ ކޮންމެ ހިނދެއްގައި ހިތުގައި އަޅާ ވޭން ތަފާތެވެ. މެއަށް އަރައިގެންދާ ތޫނު ތަދުގެ އަސަރު ކެނޑޭއިރު ދެފައިގައި ކޮޅަށް ހުންނާނެހާ ބާރެއް ނުހުރެއެވެ. ރޮވި ގިސްލެވޭއިރު ހިތުގައި ބުރި ނުވާ އެންމެ ނާރެއްވެސް ނުވާހެން ހީވެއެވެ. ސާޖިދުގެ ހަނދާންތަކަކީ ޝެލީއަށް ކެތްކުރަންދަތި ވޭނެކެވެ. މީގެ ދުވަސްތަކެއް ކުރިން ސާޖިދުގެ ހުރިހާ ހަނދާނެއް ރައްކާކުރި ފޮށި ހުޅުވައިގެން އޭގައި ހުރި ހުރިހާ އެއްޗެހި ނަގަން ޝެލީ ހިތަށް އެރިއެވެ. ފޮށީގައި ހުރި ހުރިހާ އެއްޗެހި ނަގައި އެ އެއްޗެހީގައި ވަކިވަކިން ބޮސްދޭން ޝެލީގެ ހިތް އެދުނެވެ. އަލަމާރި ހުޅުވާފައި ފޮށި ނަގަން އުޅުނު ވަގުތު ސިހުމެއް ލިބުނީ އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށެވެ. ފޯނާ ހަމައަށް ނާދެވެނީސް ގުޅަނީ ސާހިލް ކަން ޝެލީއަށް އެނގުނެވެ. އާއިލާ މީހުން ފިޔަވައި ޝެލީގެ ނަންބަރު އެނގޭ ހަމައެކަނި ފިރިހެނަކީ ސާހިލްއެވެ.

"ކީއްކުރަން ތިއުޅުނީ" ޝެލީ ފޯނު ނެގުމާއެކު ސާހިލް ބުންޏެވެ. ޝެލީއަށް ހައިރާންކަމެއް ލިބުނެވެ. ކަމެއް ކުރަން އުޅުނުކަން ސާހިލްއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

"ހަނދާންވަނީ... ވަރަށް ބޮޑަށް" މަޑުމަޑުން ޝެލީ ބުންޏެވެ.

އެއްޗެއް ނުބުނެ އިރުކޮޅަކު ސާހިލް ހިމޭނުން ހުއްޓެވެ.

"ބޭރަށް ނުކުމެވޭނެތަ؟" ސާހިލް އެހިއެވެ.

"ކީއްކުރަން. ބިރުގަނޭ" ޝެލީ ބުންޏެވެ. ދެން ކުޑަދޮރު ކައިރީގައި ހުރި ކައުޗްގައި ދެފައި ދަމާލައިގެން އިށީނެވެ.

"އަހަރެން ހުއްޓައި ސްނޯބޯލް ބިރުގަންނާކަށް ނުޖެހޭނެ" ސާހިލް ބުންޏެވެ.

"އައީތަ؟ ކޮންއިރަކު؟ ނުވެސް ބުނަމެއްނު" ޝެލީ ބުންޏެވެ.

"މިބުނީނު. މިދަނީ އިނގޭ ތިގޭ ކައިރިއަށް" ސާހިލް ބުންޏެވެ. ޝެލީގެ ތުންފަތް ދެފަރާތަށް ދެމިލައިފިއެވެ.

"އެކެއްޖަހަނީ" ޝެލީ ބުންޏެވެ.

"ދޭއްވެސް ޖަހާނެ. އަހަރެމެންނަށް ނުހިފެހެއްޓޭނެ. އަވަސްކުރޭ އިނގޭ" ސާހިލް ބުންޏެވެ.

"މަޑުކޮށްބަލަ. މަންމަ އެކަންޏެއްނު" ޝެލީގެ އަޑު އިވުނެވެ.

"މަންމަ އެކަންޏެއްނޫން. މަންމައަށް އަންހެންކުއްޖަކު ހޯދައިދީފިން" ސާހިލް ބުންޏެވެ.

"ވަޓް؟"

"ދެން އަވަސްކުރޭ އިނގޭ. ދެން ނުބުނާތި މަޑުކުރަން. މިދަނީ" ޝެލީއަށް އިތުރަށް ވާހަކަދައްކާނެ ފުރުސަތެއްނުދީ ސާހިލް ފޯނު ކަނޑާލައިފިއެވެ. ހީލާފައި ޝެލީ ގޮނޑިން ތެދުވިއެވެ. އެނދު މައްޗަށް ފޯނު އެއްލާފައި އަލަމާރި ކައިރީގައި ހުއްޓިފައި ލައިގެން ހުރި ނިދާ ހެދުން ބަދަލުކޮށްލިއެވެ. ކަކުލުން ތިރިއަށް ހުރި މުށި ކުލައިގެ ހެދުމަކާއެކު ތިރިން ކަޅު ކުލައިގެ ލެގިންސްއެއް ލިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ޝޯލް އަޅާލާފައި ތުންފަތުގައި ލިޕްގްލޮސްއެއް ހަކާލިއެވެ. ދެން ހުރަހަށް ދަބަސް އަޅުވާލައިގެން ދޮރާ ދިމާލަށް ނުކުންނަން އައެވެ. ފޯނު ނެތް ކަން އެނގުމުން އަލުން ގޮސް އެނދު ކައިރީގައި ހުއްޓިފައި ފޯނު ނެގިއެވެ. ކުއްލިއަކަށް ޝެލީ ސިހުނީ ކުރިމަތީގައި ހުރި އަލްމާޝް ފެނިފައެވެ.

***********

"އެގޮތަށް އައިމަ އެހާ ބީރައްޓެހި ކުރާކަށް ނުވާނެ. މިހާ ދަންގަޑިއެއްގައި ކޮއްކޮ އުޅޭ ތަނެއް ހޯދައިގެން އަންނާނީ ކޮއްކޮ ނޫނީ އޭނާގެ ގާތް މީހެއް ނެތީމައެއްނު" ކޮޓަރީގައި ހުރި ލަކްޔަންއަށް ކައިރީގައި ހުރި ޝިއުރާ ވިސްނައިދިނެވެ.

"އެކަމަކު އަހަރެން ކައިރީގައި ބުނެވެސްނުލާ. ވަރަށް ޖެހިލުންވޭ. މާދަމާ ކަންނޭނގެ އޭނަގެ މައިންބަފައިން ބަޅު ވަޅިއެއް ހިފައިގެން އަންނާނީ. ހިތަށް ނާރާވަރުގެ ކަމެއް ހިނގައިފިއްޔާ އަހަރެން ކިހިނެއް މި އާއިލާ ހިމާޔަތްކުރާނީ؟" ލަކްޔަން ވާހަކަދެއްކިއެވެ.

"އެގޮތަށް އޭނާ އެ އައި ސަބަބެއްވެސް އެނގޭނީ އެހީމައެއްނު. ސިޓިންރޫމުގައި އެކަނި އެ އިންނަނީ. ހިނގާ ބޭރަށް. ގޮސް ވާހަކަދައްކާލާ. ދައްތައަކީ މާ ފަރިތަކޮށް އިނގިރޭސި ބަހުން ވާހަކަދެއްކޭ މީހެއް ނޫން" ޝިއުރާ ބުންޏެވެ. ލަކްޔަން ބޯޖަހާލިއެވެ.

ހަގީގަތުގައި ލަކްޔަން ރުޅިއައީއެއް ނޫނެވެ. ހާސްވެ ކަންބޮޑުވީއެވެ. ރާއްޖެ އައިފަހުން ފޯނަކުން ބައްދަލުވީވެސް އެންމެ ފަހަރަކުއެވެ. އެދުވަހުވެސް ރާއްޖެ އަންނަ އުޅޭ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ކޮންމެސް ބޮޑުކަމެއް ވެއްޖެއެވެ. އެހެންނޫނަމަ މީހާ އެއްކޮށް ބަދަލުވެފައި ނުހުންނާނެއެވެ. ކަޅު ބޮޑު ހެދުމަކާއެކު ބޮޑު ބުރުގާ އަޅާފައި ހުރިއިރު ފެންނަން ހުރީ ދެ އަތްތިލަ އާއި މޫނު ކޮޅެވެ.

ލަކްޔަންގެ ކޮޓަރިން ޝިއުރާ ނުކުތުމާއެކު ސޯފާގައި އިން ޖޫލީ ތެދުވެއްޖެއެވެ. ރަކިވެފައި ހުރި ކަހަލަ ގޮތަކަށް ޝިއުރާގެ މޫނަށް ބަލާލައިފައި ހީލެވޭތޯ ޖޫލީ މަސައްކަތް ކުރިއެވެ.

"ލަ ކީ...." ޖޫލީ ބުންޏެވެ. އޮމާން ތުނިތުނި އަޑެކެވެ. ސިޔާގެ އަޑަށް ވުރެ ވެސް ޅަ ކަމެއް އެ އަޑުގައި ހުއްޓެވެ. ޖޫލީ ހުރިގޮތް ފެނިފައިވެސް ޝިއުރާގެ ހިތް ލޯބިން ފުރުނެވެ. ޝިއުރާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ކޮޓަރިން ލަކްޔަން ނުކުމެއްޖެއެވެ.

"ދައްތަ އަންނާނަން ދެކުދިންނަށް ކޮފީ ހަދާފަ. އިރުކޮޅަކުން އޭނަ ގޮވައިގެން އާދޭ" ޝިއުރާ ބުންޏެވެ.

ލަކްޔަން މަޑުމަޑުން ހިނގާފައި ގޮސް ހުއްޓުނީ ޖޫލީގެ ކުރިމަތީގައެވެ. ލަކްޔަންއަށް އަންގާވެސްނުލައި އެގޮތަށް އާދެވުނީތީ ކުށްވެރިއެއް ފަދައިން ޖޫލީ އިސްޖަހާލިއެވެ.

"ތިއީ ކޮންކަމެއް ޖޫލީ؟" އިނގިރޭސި ބަހުން ލަކްޔަން ވާހަކަދެއްކިއެވެ.

"ޖޫލީއެއް ނޫން. އަހަރެންގެ ނަމަކީ އާއިޝާ" ޖޫލީ ބުންޏެވެ. ލަކްޔަން ގަބޫލުނުކުރެވިފައި ޖޫލީއަށް ބަލަހައްޓައިގެން ހުއްޓެވެ.

"އަހަރެންނަކީ މުސްލިމް އަންހެންކުއްޖެއް" އިތުރަށް ޖޫލީ ބުންޏެވެ. ޖޫލީގެ ދެލޮލުން ތަފާތު ވިދުމެއް ލަކްޔަންއަށް ފެނުނެވެ.

*********

ސައިކަލުގައި ސާހިލް އައިއިރު ގޭޓު ކައިރީގައި އަލްމާޝް އަދި ޝެލީ މަޑުކޮށްލައިގެން ހުއްޓެވެ. އެހާ ދުވަހަށްފަހު އެފަދަ ގަޑިއެއްގައި ޝެލީ ބޭރަށް ނުކުތުމުން އަލްމާޝް ހުރީ އިންތިހާއަށް ހާސްވެފައެވެ. ސައިކަލުން ފައިބައިގެން ސާހިލް އައިސް ޝެލީގެ ކުރިމަތީގައި ހުއްޓުނެވެ.

"މަންމައަކީ ޖެހޭ ކޮންމެ ފިރިހެނަކާއެކު ޝެލީ ބޭރަށް ދޫކޮށްލާނެ މީހެއްނޫން. މަންމަ ސާހިލްއަށް ވަރަށް އިތުބާރުކުރަން" އަލްމާޝް ބުންޏެވެ.

ޝެލީ ފަހަތަށް އަރުވައިގެން ސައިކަލް ކުރިއަށް ދުއްވާލަންދެން އަލްމާޝް ގޭޓު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ގޭތެރެއަށް ވަދެފައި ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އަލްމާޝް އިށީނީ ސޯފާގައެވެ. ދަންވަރުގެ ވަގުތުގައި އަންހެން ދަރިފުޅު ހިލޭ ފިރިހެނެއްގެ އަތަށް ދޫކޮށްލާފައި އަންނަން ޖެހުމުން އަލްމާޝްގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އެހެންނަމަވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް ޝެލީގެ ދެލޯ ހުޅުވުމަށްޓަކައި ޝެލީއަށް ދޫތަކެއް ދޭން އެބަޖެހެއެވެ. ސާހިލްގެ ކޯލު އަލްމާޝްއަށް ލިބުނީ ކުޑަކޮށް ނިދިޖެހިފައި އޮވެފައި ފާހާނާއަށް ދާން ތެދުވި ގަޑީގައެވެ. ޝެލީ އާ ދެކެވުނު ވާހަކަ ސާހިލް އަލްމާޝްއަށް ކިޔައިދިނެވެ. ޝެލީއަށް ވުރެ ކުރިން ސާހިލް އަލްމާޝްގެ ހުއްދަ ހޯދިއެވެ. ޝެލީއަށް ނޭނގުނަސް ނިމާނަށް ގުޅައިގެން ސާހިލް ހާލު ބަލައެވެ.

**********

މޭޒު ކައިރީގައި ލަކްޔަން އާއި ޖޫލީ އިށީނުމާއެކު ޝިއުރާ ހޫނު ދެ ކޮފީތަށި ގެނެސްދިނެވެ. ޖޫލީ ޝިއުރާއަށް ބަލައިލުމަށްފަހު ހިނިތުންވުމެއް ދިނެވެ. ލަކްޔަންގެ އާއިލާ އިން ޖޫލީ އާ ހަމައެކަނި ބައްދަލުނުވަނީ ޝިއުރާއާއެވެ.

"ދައްތަ މިދަނީ ސިޔާ ކޮޓަރިއަށް. އެމަންޖެއަށް ނިދޭނެ ގޮތް ހަމަޖައްސަންވާނެއްނު" ހީލަމުން ޝިއުރާ ބުންޏެވެ. ދެން ހިނގައިގަނެފިއެވެ. އެވަގުތު ލަކްޔަން ޝިއުރާއަށް ގޮވާލިއެވެ.

"ސިޔާއަށް ނުގޮވައްޗެ ޖޫލީ އައިސް އިން ވާހަކަބުނަން" ލަކްޔަން އެދުނެވެ.

ޝިއުރާ ދިޔުމުން ލަކްޔަން ކުރިމަތީގައި އިން ޖޫލީއަށް ބަލައިލިއެވެ. ބަހެއް ނުބުނި ކަމުގައި ވިޔަސް ލަކްޔަންގެ ދެލޮލުން ޖޫލީއަށް ކަންބޮޑުވުން ފެންނަމުން ދިޔައެވެ.

"ކީއްވެ އެހާ ކަންބޮޑުތިވަނީ؟ މަންމަވެސް ބައްޕަވެސް ނާންނާނެ އަހަރެން ހޯދާކަށް" ޖޫލީ ބުންޏެވެ. ލަކްޔަން ޖެހިލުންވާނީ ބައްޕައަށް ވުރެ ވެސް ބޮޑަށް މަންމަ ދެކެ ކަން ޖޫލީއަށް އެނގެއެވެ.

"ޔަގީނެއްނުވޭ އަހަރެންނަށް. ބައި ދަ ވޭ. ޖޫލީއަށް ކާކު މިތަން ދެއްކީ" ލަކްޔަން ބުންޏެވެ.

"ބޭބެ. ޝެރަފްބެއަށް އެނގޭ ލަކީ ގެ އޮފީސް ހުންނަތަން ވެސް" ޖޫލީ ވާހަކަދެއްކިއެވެ.

"ޝެރަފް އައިތަ؟ ޖޮބު ހަމަޖެހުނީތަ؟" ލަކްޔަން ކުޑަކޮށް ހީލިއެވެ. ޖޫލީ ބޯޖަހާލުމާއެކު ލަކްޔަންގެ ހިނިތުންވުން ފުޅާވިއެވެ. ޝެރަފްއަކީ ލަކްޔަންގެ ގާތް ރަހުމަތެރިއެކެވެ. ސިންގަޕޯރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި މުޅިން އަލަށް ހުޅުވާ ހަތް ތަރީގެ ރިސޯޓެއްގެ ވާހަކަ ވަރަށް ފަހުންވެސް ޝެރަފް ވަނީ ސޯޝަލް މީޑީޔާ މެދުވެރިކޮށް ލަކްޔަން ކައިރީގައި ދައްކާފައެވެ.

"އަހަރެން މިގޭ ކައިރިއަށް ބާލާފައި ބޭބެ ދިޔައީ. ބުނި ލަކީ އާ ބައްދަލުކުރާނަމޭ ފަހުން. ރިސޯޓަށް އެދިޔައީ" ޖޫލީ ބުންޏެވެ.

********

ސައިކަލް ފަހަތުގައި އިން ޝެލީއަށް ހައިރާންކަމެއް ލިބުނީ ސާހިލްގެ ދުއްވަމުން ދިޔަ ސައިކަލްގެ މިސްރާބު ސިނަމާލެ ބްރިޖާ ދިމާލަށް އަނބުރާލުމުންނެވެ. ދަންވަރުގެ ވަގުތަކަށް ވުމުން މަގުތަކުގައި މީހުން މަދެވެ. ޓްރެފިކް ލައިޓަށް ސައިކަލް މަޑުކޮށްލުމާއެކު ޝެލީ ސާހިލް އާ ސުވާލު ކުރިއެވެ.

"ހުޅުމާލެއަށްތަ މިދަނީ؟"

"މިދަނީ ނޭފަތުގެ ކުރި ހުރި ދިމާލަށް" ހީލަމުން ސާހިލް ބުންޏެވެ.

"ދެން ބުނެބަލަ"

"ބަސްއަހައިގެން އިނދެބަލަ މިދާ ތަނަކަށް ދެވެންދެން"

ދެން ސައިކަލުން ފައިބާފައި މަޑިދަށުން ނެގިި ބޭބީ ޕިންކް ކުލައިގެ ހެލްމެޓެއް ޝެލީގެ ބޮލުގައި އަޅުވައިދިނެވެ. ސާހިލް ހެލްމެޓް އެޅީ އޭގެ ފަހުންނެވެ.

ބުރިޖު ހުރަސްކޮށް ހައިވޭއަށް ފޭބި ހިސާބުން ސާހިލްގެ ސައިކަލްގެ ދުވެލި ކުރިއަށް ވުރެ ބާރުކޮށްލިއެވެ. ދެކަންފަތްދަށުން ބޫން އަޅުވާފައި އިވޭ ވައި އަޑާއެކު ޝެލީ އިނީ މަޖާވެފައެވެ. ދެލޮލަށް ވައި ވަދެ ފެން އަންނަމުން ދިޔައިރުވެސް ޝެލީގެ ޖެހިލުންވުމެއް ނެތެވެ. ހުޅުމާލެއަށް އެރި ހިސާބުން ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ.

"ގައިގަ އެނާޖީއެއް އެބަހުރިތަ؟" ސާހިލް އެހިއެވެ.

"ކީއްވެ ކުރި ސުވާލެއް. ފައިޓަކަށްތަ މިދަނީ؟" ޝެލީ އެހިއެވެ.

"އެހެން ހީކޮށްލާ" ސާހިލް ބުންޏެވެ.

ބޮޑު އިމާރާތެއްގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ސާހިލް އަތުގައި އޮތް ފޯނު ޖީބަށް ކޮށްޕާލިއެވެ. ޝެލީ ސައިކަލުން ފައިބައިންދެން ސައިކަލް ބެލެންސްކޮށްގެން އިނެވެ. ޕާކިން ޒޯންގައި ސައިކަލް ޕާކު ކޮށްފައި ސާހިލް އައިސް ޝެލީ ކައިރީގައި ހުއްޓުނެވެ.

"މިތަނަށްތަ އަހަރެމެން މިއައީ" ކުރިމަތީގައި ހުރި އިމާރާތަށް ނަޒަރު ހިންގާލަމުން ޝެލީ ބުންޏެވެ.

"ޔެސް. ހިނގާ އެތެރެއަށް" ސާހިލް ބުންޏެވެ. ސާހިލްގެ ކުރީގައި ހުރެ ޝެލީ ހިނގައިގަތުމާއެކު ޝެލީއަށް ހުއްޓެން މަޖުބޫރުވީ ސާހިލް ކުރި ކަމަކުންނެވެ.

"މަޑުކޮށްބަލަ" ޝެލީ ބަލައިލުމާއެކު ސާހިލް ބުންޏެވެ. ދެން ޝެލީގެ ކުރިމަތީގައި ހުއްޓުމާއެކު ހެލްމެޓްގެ ސަބަބުން ޝެލީގެ ޝޯލްގެ ނިތްމަތިން އޮޅިފައި ހުރި ތަންކޮޅެއް ސާހިލް ރަނގަޅުކޮށްދިނެވެ. ކަޅިޖަހާނުލައި ޝެލީ ހުރީ ސާހިލްގެ މޫނަށް ބަލަހައްޓައިގެންނެވެ.

"އަދި މަޑުކޮށްބަލަ" ޝެލީ ހިނގައިގަތުމާއެކު އަނެއްކާވެސް ސާހިލް ބުންޏެވެ. ޝެލީ އެނބުރުނުއިރު ހުރީ ހިނިއައިސްފައެވެ. ޝެލީގެ ދެލޮލަށް ސާހިލްގެ ނަޒަރު ހުއްޓިފައި ވިއެވެ. ކުރިއަށް ވުރެ ވެސް ޝެލީ އާ ގާތަށް ސާހިލް ޖެހިލިއެވެ. ޝެލީގެ މޫނާ ދިމާލަށް މަޑުމަޑުން ސާހިލްގެ އަތް އުފުލާލިއެވެ. ޝެލީގެ ހިނިތުންވުން ފިލައި ދެލޮލުން ހައިރާންކަމެއް ފާޅުވެލީ ސާހިލް ކުރަންއުޅޭ ކަމެއް ނޭނގިފައެވެ.

އިރުކޮޅަކުން ޝެލީގެ ވައަތު ލޮލުގެ ކުޑަ ތަންކޮޅެއް ތިރިން ސާހިލްގެ އިނގިލި ޖެހުނުހެން ހީވިއެވެ. ޝެލީ ބަލައިލިރު ސާހިލްގެ އަނެއް އަތްތިލަ މަތީގައި ޝެލީގެ ލޮލުގެ އެސްފިޔައެއް އޮތެވެ.

"ކީއްވެތަ މި އެއްލާލަން ތިއުޅެނީ" ޝެލީ ބަލައިލުމާއެކު ސާހިލް ބުންޏެވެ.

ޝެލީ ކައިރިއަށް އައީ ހިންޏެވެ. ޝެލީގެ ދެލޯ ކައިރިން އެސްފިޔަ ހޮވުމަކީ ސާހިލް އަބަދުވެސް ކުރާ ކަމެކެވެ.

"މޮޔަ ސާހިލް" ޝެލީ ބުންޏެވެ. ދެން އިމާރާތުގެ ދޮރާ ދިމާލަށް ހިނގައިގަތެވެ.

"ޔެސް. އަހަރެން މޮޔަ. އަހަރެން މޮޔަވީ ޝެލީ އާ ހެދި. މައި ސްނޯބޯލް. އައި ލަވް ޔޫ ރޯޒްމެލޯ" ސާހިލް ހިތުން ކިޔާލިއެވެ. ފޯނު ނެގުމަށްފަހު ކަވަރު ނައްޓާލާފައި އެސްފިޔަ ކަވަރު ތެރެއަށް ލިއެވެ. ޝެލީގެ ހަށިގަނޑުން ވަކިވި އެއްޗެއް ކަމުގައި އެސްފިޔަ ވީތީ އެ އެއްލާލަން ސާހިލްގެ ހިތް ނުރުހުނެވެ. ޝެލީގެ އިނގިލިން ވަކިކޮށްލާ ނިޔަފައްޗަކީވެސް އެތައް ބިލިޔަން ފައިސާއަށް ވުރެ ސާހިލްއަށް އަގުބޮޑު އެއްޗެކެވެ.

ތިންވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓާލުމާއެކު ސާހިލްގެ ފަހަތުގައި ހުރެގެން ޝެލީ ފޭބިއެވެ. ހިމަ ކޮރިޑޯ އިން ލާފައި ކުރިއަށް ދިޔައިރު ދެފަރާތުގައި ވެސް ހުރީ އެޕާޓްމަންޓްތަކެވެ. ސާހިލް މަޑުކޮށްލީ ފަސްވަނައަށް ހުރި ދޮރު ކައިރީގައެވެ. ފާރުގައި ހަރުކޮށްފައި ހުރި ބެލް އަޅާލުމާއެކު އެތެރެއިން ދޮރުހުޅުވާލައިފިއެވެ.

"ތިއައީތަ؟ އާދޭ އެތެރެއަށް" ކުރިމަތީގައި ހުރި ސާހިލް ފެނުމާއެކު މާއިޒް ބުންޏެވެ. ސާހިލް އާއި ޝެލީ އެތެރެއަށް ވަނެވެ.

"ޝެލީ.. ލޯންގް ޓައިމް ނޯ ސީ" އެކުވެރި ރާގެއްގައި މާއިޒް ބުންޏެވެ. "ރަނގަޅުތަ ހުރިހާ ކަމެއް"

"ރަނގަޅު. މާއިޒް ކިހިނެއް؟" ޝެލީ ބުންޏެވެ.

"އެކަނިތަ؟ ނޫރައްތަ ނިދާފަތަ؟" ސާހިލް އެހިއެވެ.

"ނުނިދާ އެބައުޅޭ. ދެންމެ އެ އައީ ޑިއުޓީ ނިންމާފަ" މާއިޒް ބުންޏެވެ.

ސޯފާގައި އިން ޝެލީ ހުރިހާ ދިމާލެއް ބަލަމުން ދިޔައެވެ. ބޮޑު އެޕާޓްމަންޓެކެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. މިފަދަ ގަޑިއެއްގައި ސާހިލް މިގެއަށް އައީ ކީއްކުރަން ހެއްޔެވެ؟ ދަބަހުގައި އޮތް ފޯނު ނާގަފައި ޝެލީ އަލްމާޝްއަށް މެސެޖެއްކޮށްލިއެވެ. ސާހިލް އާއެކު ހުޅުމާލޭގައި ހުރިކަމަށް ބުންޏެވެ. ޝެލީ ރަނގަޅު ކަމަށް ބުންޏެވެ. އަލްމާޝް ހިތްހަމަޖައްސައިދިނުމުގެ ގޮތުން ސެލްފީއެއްވެސް ފޮނުވިއެވެ.

"ކޮފީ... ދޮންތަ ގޮވައިގެން އެބަ އަންނަން" ދެ ކޮފީތަށި ސާހިލް އާއި ޝެލީ އަތަށް ދެމުން މާއިޒް ބުންޏެވެ.

"ކޮފީތަށި ބޮއެގެން ހިނގާ އަވަހަށް ނުކުންނަމާ" ސާހިލް ބުންޏެވެ. ޝެލީ ދެލޯ ވަށްކޮށްލާފައި ސާހިލްގެ މޫނަށް ބަލައިލިއެވެ. މިގެއިން އަނެއްކާ އެހެން ތަނަކަށް ދާންވީ ހެއްޔެވެ؟

"ގެއަށްދަމުން ސީކްރެޓެއް ބުނާނަން އިނގޭ" ސާހިލް ބުންޏެވެ.

ނޫރައިން ނުކުމެ ޝެލީއަށް ހިނިތުންވުމެއް ދިނެވެ. އެހުމަކާނުލައި ޝެލީއަށް ތައާރަފްވެލިއެވެ. މާބޮޑަށް ދަންވެފައި ހުރުމުން ގެއަށް ނުގޮސް އެގޭގައި މަޑުކުރުމަށް އެދުނެވެ. އާއެނކޭ ބުނަން ނުކެރިގެން ޝެލީ ބަލައިލީ ސާހިލްގެ މޫނަށެވެ.

"އިޓްސް އަޕް ޓު ޔޫ" ސާހިލް ބުންޏެވެ.

"މާޒް ނުބުނޭތަ މާދަމާ އެބައާދޭ މާޒްގެ ގާލް ފްރެންޑް. އެކުއްޖާ މަންމަ ގޮވައިގެން. އެމީހުންނާއެކު މަންމަވެސް އަންނަނީ" ނޫރައިން ވާހަކަދެއްކިއެވެ.

"މާޒް ނުބުނޭ" ސާހިލް ބުންޏެވެ.

"ސާހިލްއާއެކު އެ އައީވެސް އެޕާޓްމަންޓް ތައްޔާރުކުރަންވެގެން. ހީވޭ ވާން އުޅޭ މައިދައިތަ ގޮވައިގެން ބޭހަށް ވަރަށް އަވަހަށް ފުރާނެހެން" ނޫރައިން ވާހަކަދެއްކިއެވެ.

ސާހިލްގެ އެދުމަށް ނޫރައިން ކޮޓަރިއަށް ވަނީ ޝެލީ ގޮވައިގެންނެވެ. އެނދުމަތީގައި ކުޅިވަރު ކުޅޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ޖާޒީ އާއި ދިގު ޓްރެކްޝޫޓް ނޫރައިން ޝެލީ އަތަށް ދިނެވެ. ޝެލީއަށް ވާނުވާ ނޭނގިފައި ބަލަހައްޓައިގެން ހުއްޓެވެ.

"ސާހިލް ނުބުނޭތަ؟ މެޗެއް އޮތީ އޯ މިރޭ. ޝެލީ ވަރަށް މޮޅުވާނެޔޯ" ނޫރައިން ބުންޏެވެ. ޝެލީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޔުނީވާސިޓީގައި އުޅުނުއިރު ސާހިލް އާ އެކު ހުސްވަގުތެއް ލިބޭއިރަށް ކުޅެނީ ބެޑްމިންޓަނެވެ. މުޅި ޔުނިވާސިޓީން ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ދީފައިވަނީ ޝެލީއަށެވެ. އެއީ ޝެލީ އެންމެ ކުޅޭހިއްވާ ކުޅިވަރު ކަން ސާހިލް ހަނދާން ހުއްޓެވެ. މާލެ ބަދަލުވިފަހުން ޝެލީއަށް ކުޅިވަރު ކުޅުމުގައި އުޅެވިފައެއް ނެތެވެ.

"އޭތް ކޮން ހިޔާލެއްގަ ފާޑަކަށް ހިނިއައިއްސަ" ޝެލީ ހުރިގޮތުން ނޫރައިން ބުންޏެވެ.

"ކަމެއްނުވޭ. ކުޑަ ބުރުގާކޮޅެއް ނެތްތަ؟" ޝެލީ އެހިއެވެ.

"ސްޕޯޓްސް އާ ގުޅޭ ހުރިހާ އެއްޗެއް އެބަހުރި. މަޑުކޮށްލާ" ނޫރައިން ބުންޏެވެ.

ޝެލީ ގޮވައިގެން ލިފްޓަށް އެރީ ނޫރައިނެވެ. ހަ ވަނަ ފަންގިފިލާއަށް އަރާފައި ޝެލީ ވަށައިގެން ހޯދާލިއެވެ. ކުޅިވަރު ކުޅެވޭ ގޮތަށް ހުރި ކޯޓުތެރެއަށް ޝެލީ ނަޒަރު ހިންގާލިއެވެ. އެއްފަރާތުގައި ހުރި ބެންޗެއްގައި ސާހިލް އިނެވެ. ޝެލީ ދުވެލާފައި ގޮސް ސާހިލް ކައިރީގައި އިށީނެވެ.

"ތި ހެދުމުގަ ޝެލީ މިހާރު ހާދަ ތަފާތޭ" ސާހިލް ބުންޏެވެ.

"މިއީ މީހުން ކުޅިވަރު ކުޅޭ ގަޑިތަ؟" ޝެލީ އެހިއެވެ.

"މައްސަލައެއް ނޫނެއްނު. ތިނެއްޖަހަން ވާއިރަށް ނިންމާލާފަ ގެއަށް ދާނީ. އަހަރެން މިހާރު ވަރަށް މޮޅުވާނެ" ސާހިލް ބުންޏެވެ.

"މޮޅުވިއްޔާ އެއްޗެއް ލިބޭގޮތަށް ކުޅޭނީ" ޝެލީ ބުންޏެވެ.

"ކިސް އެއް. ޔަގީން ހަމަ" ސާހިލް ބުންޏެވެ. ޝެލީ ހީލިއެވެ.

"ނޮޓް ފަނީ. އެހެން އެއްޗެއް ބުނޭ. މަށެއް ބޭނުމެއްނޫން ކިސްއެއް" ޝެލީ ބުންޏެވެ.

"އޯކޭ. މޮޅުވިއްޔާތާ. ލާހިކެއްނޫން މޮޅުވާކަށް. ޝެލީ އައިފަހުން އެކޮޅުގަ އަހަރެން ވަރަށް ޕްރެކްޓިސް ކުރިން" ސާހިލް ބުންޏެވެ.

"އެނގިދާނެތާ. ލެޓްސް ސްޓާޓް" ޝެލީ ބުންޏެވެ.

ޝެލީ އާއި ސާހިލް ކުޅެމުން ދިޔައިރު ސާހިލްގެ އެދުމުގެ މަތިން ނޫރައިން ސާހިލްގެ ފޯނުން އެމަންޒަރުތައް ވީޑިޔޯ ކުރިއެވެ. ޝެލީއަށް ވަރަށް ފުން ނަޒަރަކުން ނޫރައިން ބަލަމުން ދިޔައެވެ. ރީތި ކުއްޖެކެވެ. އެކަމަކު ހަޔާތުގައި ތަކުލީފްތަކެއް ތަހައްމަލު ކުރަމުންދާ ކުއްޖެކޭ ޝެލީ ފެންނަ އެއްވެސް މީހަކު ނުބުނާއެވެ. ހިތްހެޔޮކަމާއި އެއްވަރަށް ޝެލީގެ އުޅުމުގައި ވަނީ ސާދާކަމެވެ.

"ޔޭ...." ސާހިލް އަތުން ކާމިޔާބުލިބުމާއެކު ކުޑަކުއްޖެއްހެން ޝެލީ ކޯޓުގައި ފުންމަން ފެށިއެވެ. ތިރީގައި އިށީނދެގެން އިން ސާހިލް ޝެލީއަށް ބަލަހައްޓައިގެން އިނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ޝެލީގެ ތުންފަތްމައްޗަށް އެފަދަ ހިނިތުންވުމެއް ގެނުވި މީހަކަށް ވެވުމުން ސާހިލްގެ ހިތަށް އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުން ލިބިފައި ވިއެވެ.

ފެންވަރަށް ޝެލީ ވަތް ވަގުތު ސާހިލް އެހުރިހާ މަންޒަރެއްގެ ވީޑިއޯ އަލްމާޝްގެ ފޯނަށް ފޮނުވިއެވެ. އެހާ އުފަލުން ޝެލީ އުޅުނުކަން އެނގުމުން ޔަގީނުންވެސް އަލްމާޝްގެ ދެމަފިރިން އުފާވާނެކަން ސާހިލްއަށް އެނގެއެވެ.

ސާހިލް ގެއަށް ދިޔައީ ޝެލީ އަލްމާޝް އާ ހަވާލުކޮށްފައެވެ. އަލްމާޝް ގޭތެރެ ދޮރުލައްޕާލީ ސާހިލް ގޭޓުން ނުކުތުމުންނެވެ. ފަހަތަށް އެނބުރި އަލްމާޝް ޝެލީއަށް ބަލައިލިއެވެ. މިފަހުން ނުފެންނަ ހިނިތުންވުމެއް އަލްމާޝްއަށް ޝެލީގެ ތުންފަތްމަތިން ފެނުނެވެ.

"ވަރަށް މަޖާ. ސާހިލް ބަލިވީއެއްނު. މަންމައަށް އެނގޭތަ ވަރަށް ވަގުހަދަން އުޅުނު" ޝެލީ ބުންޏެވެ.

"ޝެލީ އުފަލުންތަ ތިހުރީ" ޝެލީގެ ކޮލުގައި ފިރުމާލަމުން އަލްމާޝް އެހިއެވެ.

"ވަރަށް ބޮޑަށް" ހީލަމުން ޝެލީ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟