ވާހަކަ

މޮޔަކޮށްލި މާ - 37

2

ތިރީސްހަތްވަނަ ބައި

"ރޯޒްމެލޯ... އައި ލަވް ޔޫ" އަތުގައި އޮތް ބިއްލޫރި ފުޅިއަށް ބަލައިލަމުން ސާހިލް ބުންޏެވެ. ސާފު ހުދު ބިއްލޫރިި ފުޅި ތެރެއިން ފެންނަން އިނީ ހިކިފައިވާ މަލެކެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އަންހެންކުއްޖަކު ސާހިލްއަށް ދިން އަގުބޮޑު ހަދިޔާއެކެވެ. ސާހިލްގެ ހިތް މޮޔަކޮށްލި މަލެވެ.

ކައިރިއަށް އައިސް ހުއްޓުނު ސަމީރާ ސާހިލްއަށް ބަލައިލީ ނިކަން ފާޑަކަށެވެ. ފުޅިއަށް ބަލަހައްޓައިގެން އިން ސާހިލްއަށް އެއްވެސް ހިލަމެއް ނުވެއެވެ. ސަމީރާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ އެހާ އަވަހަށެވެ. ކޮންމެވެސް އަންހެންކުއްޖެއް ދެކެ ސާހިލްއަށް ލޯބިވެވިއްޖެކަން ސަމީރާ ޔަގީން ކުރިއެވެ.

"ކޮންނަމެއް އެމަންޖެއަށް ކިޔަނީ؟" ދާދި ކައިރިން އިވުނު ސަމީރާގެ އަޑުން ސާހިލް ސިހުނެވެ. އަތުގައި އޮތް ފުޅި ފުރަގަހަށް ގެންދެވުނީ ނޭނގިއެވެ.

"މަންމައަށް ފެނިއްޖެ" ސަމީރާ ބުންޏެވެ. ލުއިލުއިކޮށް ހީލަމުން ފުރަގަހަށް ލި ފުޅި ސާހިލް ކުރިމައްޗަށް ގެނެސް ދެއަތް ތިލައިގެ ތެރޭގައި ފޮރުވިއެވެ.

"ރޯޒް... ބޭރު ކުއްޖެއްތަ؟" ސަމީރާ ބުންޏެވެ. ސާހިލް ކައިރިއަށް ހިނިއައެވެ. 'ރޯޒްމެލޯ' އޭ ސާހިލް ބުނި އަޑު ސަމީރާއަށް އިވުނީކަން ސާހިލްއަށް އެނގުނެވެ.

"އެއީ ހާއްސަ ކުއްޖެއް މަންމާ. މަންމަ ދުއާކުރޭ އެކުއްޖާ އަޅުގަނޑުގެ އަންބަކަށްވޭތޯ" ސާހިލް ބުންޏެވެ.

"މަންމަގެ ހެޔޮ ދުއާވަނީ އަބަދުވެސް ދަރިފުޅާއެކު" ސާހިލްގެ ބޮލުގައި ފިރުމައިލަމުން ސާހިލް ބުންޏެވެ.

*****

ސިޓިންގްރޫމަށް ހުރިހާ މީހުން ޖަމާވެފައި ތިއްބެވެ. މަދުމަދުން އާއިލާތެރޭގައި ކުރާ ކަންތައްތަކާ އިކާންވެސް ބައިވަރިވަމުން ދާތީ އެވަގުތު އެ މަޖިލީހުގައި އޭނާވެސް އިނެވެ. އައްބާސް ކައިރީގައި އިން ސިޔާ އެއް އަތްތިލައިގެ ތެރޭގައި އަނެއް އަތްތިލަ ފޮރުވައިގެން ހިތް އަވަސްވެފައި އިނެވެ.

"ދެން އިތުރު މީހަކު ހިއެއްނުވޭ އަންނާނެހެނެއް. ދަރިފުޅު ބުނަން އުޅޭ ވާހަކައެއް ދެން ބުނަންވީނުން" އައްބާސް ބުންޏެވެ. ދެއަތްތިލަ ގުޅުވާލައިގެން ގެންގޮސް އަނގައާ ހަމައިގައި ޖައްސާލައިގެން ސޯފާގައި ކުރިމައްޗަށް ކުޑަކޮށް ގުދަށް ކަހަލަ ގޮތަކަށް ސިޔާއަށް ބަލަހައްޓައިގެން އިން ލަކްޔަންގެ ފައިގައި ޝިއުރާ ކޮށްޓާލިއެވެ. ސިޔާ ދައްކަން ބޭނުންވެގެން އުޅޭ ވާހަކަ ގާތްގަނޑަކަށް އެ އާއިލާއަށް އަންދާޒާ ކުރެވިއްޖެއެވެ.

"ސިޔާ" ސިޔާ ބަހެއްނުކިޔައި އިނުމުން ޝިއުރާ ގޮވާލިއެވެ.

"މެރީކުރަންވީތަ؟" ކިތަންމެ އިރެއް ވިޔަސް ސިޔާ އަނގައިން ނުބުނާނެކަން އެނގޭތީ ޝިއުރާ ބުންޏެވެ. ދެލޯ ބޮޑުކޮށްލާފައި ސިޔާ، ޝިއުރާއަށް ބަލައިލިއެވެ. އެހާ ސީދާކޮށް ކުޑާ ދިމާކުރީތީ ސިޔާ ހައިރާންވިއެވެ.

"ތެދެއްތަ ދަރިފުޅު. ކާފަގެ ދަރިފުޅު ބޮޑުވީތަ؟" ސިޔާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލާފައި އައްބާސް ބުންޏެވެ.

"މިކީތަ؟" ލަކްޔަން ބުންޏެވެ. ސިޔާ ބޯޖަހާލިއެވެ.

"މިކީއޭ. ކޮން މިކީއެއް" އައްބާސް އެހިއެވެ.

"އެއީ ފަޒްނާއްތަ އަށް މާމަކިޔާ ކުއްޖެއް ބައްޕާ. ޝެލީގެ އެއްބަނޑު އެއްބަފާ ކޮއްކޮ" ޝިއުރާ ބުންޏެވެ. އެހިނދު ޝިއުރާގެ ނަޒަރު އަމާޒުވީ ސޯފާގައި އިން އިކާނަށެވެ. އިކާން ލަދުން އިސްއޮބާލި މަންޒަރު ފެނުމުން ޝިއުރާ ދެފަރާތަށް ބޯހޫރާލިއެވެ.

"ހަމަ ރަނގަޅަށް. އެހެންވީމަ ކީއްކުރަން ލަސްކުރަންވީ. ގުޅަންވީ ދޯ ފަޒްނާއަށް. ދެ އާއިލާ ބައްދަލުވެ މަޝްވަރާ ކުރަންވެސް ޖެހޭނެއްނު" އައްބާސް ބުންޏެވެ. އައްބާސްގެ ކޮނޑުގައި ބޯއަޅައިގެން ސިޔާ ލަދުގަނެފައި އިނެވެ.

"ދަރިފުޅު ކިހިނެއްވެފަ ތި އިންނަނީ. އެހާ ކަންބޮޑުނުވެބަލަ" ހިމޭނުން އިން ލަކްޔަންއަށް ބަލައިލަމުން އައްބާސް ބުންޏެވެ.

"ނުވޭ ކަންބޮޑެއް. ސިޔާގެ އެއްވެސް އުފަލަކަށް އަޅުގަނޑު ހުރަހެއް ނާޅާނަން. ދިރިއުޅުމުގައި ސިޔާ ގިރާކުރަންޖެހުނު ކޮންމެ ހަރުފަތެއްގައިވެސް އަތުގައި ހިފައިގެން އެންމެ ކައިރީގައި ބައްޕަ ހުންނާނަން. ދަރިފުޅަށްޓަކައި މާޝް ކައިރިއަށް ބައްޕަ ދާނަން. މި ކައިވެނީގެ ކުރިން އަހަރެންނާ މާޝް އާ ދެމެދުގައިވާ ދުރުކަން ނައްތާލާނަން. އެކުވެރިކަމުގެ ފާލަމެއް ބިނާކުރާނަން" ލަކްޔަން ބުންޏެވެ. އެކަމަކު ދުލުން ބުނާހާ ފަސޭހައިން އެކަން ނުވާނެކަމުގެ ކަންބޮޑުވުން ލަކްޔަންގެ ހިތުގައި ވިއެވެ.

"އެކަމަކު އެންމެކުރިން ބައްޕަ ބޭނުން މިކީ އާ ވާހަކަދައްކާލަން" ލަކްޔަން ބުންޏެވެ.

*****

ރޭގަނޑު ދިހައެއްޖަހަން ގާތްވެފައި ވަނިކޮށް އާޝިގާ ދޮރާށި ދޮށަށް ނިކުތެވެ. އެހިސާބަކީ އަތިރިމަތީ ގަސްތަކާ އެންމެ ކައިރީގައި ހުންނަ ގެއެއް ކަމުން ރަށުގެ އެހެން ހިސާބުތަކަށް ވުރެ ބޮޑަށް އެސަރަހައްދު އަނދިރިކަމަށް ދައްކައެވެ. އެހެންވެ ނިކުންނަން ނުކެރިފައި ދޮރާށީގެ އެތެރޭގައި އާޝިގާ މަޑުކޮށްގެން ހުއްޓެވެ. ބުނި ގަޑިއަށް ޝިދުނާ ނުނިކުންނާތީ އާޝިގާ މޫނުމައްޗަށް ފޫހިކަން ވެރިވެގަތެވެ.

"ދުވަހަކު ބުނާ ގަޑިއަކަށް ނާދެވޭ. ތަތްބޮނޑި" ޖީބުގައި އޮތް ފޯނު ނަގަމުން އާޝިގާ ބުންޏެވެ.

މާގިނަ އިރެއްނުވަނީސް ޖެހިގެން ހުރި ގެއިން ޝިދުނާ ނިކުމެއްޖެއެވެ. ގޭ ކައިރީގައި ހުރި ޖޯލީގައި ދެކުދިން އެކީގައި ގޮސް އިށީނެވެ.

"ރޭގަނޑުވީމަ މި ސަރަހައްދު މި އޮންނަނީ ހާދަ ބިރުވެރިކޮށޭ ދޯ" އާޝިގާ ބުންޏެވެ.

"އާނ. ކޮބާތަ އަހަރެންގެ ހިތުގެ ވިންދު. ނިދީތަ؟ ހަވީރު ފެނުނު ގޮތަށް އަދި ދައްކައެއްނުލާ" ޝިދުނާ ބުންޏެވެ.

"ކޮން ހިތުގެ ވިންދެކޭ ކިޔާކަށްތަ. ދެދުވަސްފަހު އެމީހުން އުޅެނީ މާލެދާން ފުރަން. ޝިދޫއަކަށް ކަމެއް ނުވިއެއްނު" އާޝިގާ ބުންޏެވެ.

"ސީރިޔަސްކޮށްތަ. ބުނަންވީނުން އަދި ނުދާށޭ. ބުނޭ މަޑުކުރާށޭ. އަދި އަހަރެންނަށް ހިތް ފުރެންދެން ބަލައިވެސްނުލެވޭ" ޝިދުނާ ބުންޏެވެ.

"މަށަކަށް ވާ ލާހިކެއް ނޫން. އެއްގޭތެރޭގައި އުޅޭއިރު އަހަރެންނަށް ނުކެރޭ އޭނައަށް އިސްއުފުލާ ބަލައިލަންވެސް. ޝިދޫ ބުނަންވީނުން. އެހެންނޫނީ މުޅި އުމުރަށް ގެއްލިދާނެ. އެހެރަގޭ ހާދީބޭގެ މަޖިލިސް ގޮނޑި ގެއްލުނު ގޮތަށް މަންޖެގެ ހިތުގެ ވިންދުވެސް ގެއްލިދާނެ" އާޝިގާ ބުންޏެވެ.

"އަހަރެންނަށް ނުކެރޭނެ. އޭނަ ކީއްތަވާނީ ބުނިއްޔާ. ދެން އަންހެންކުދިން ކުރިން ރައްޓެހިވާކަށް ނާހާނެ ދޯ" ޝިދުނާ ބުންޏެވެ.

"ނޭނގެ މަށަކަށް. ސަމިއްތަގެ ފަރާތުން މަށަށް ލިބުނު މައުލޫމާތުކޮޅެއް މަ މިދިނީ. އެކަމު ފޯނު ނަންބަރު ހޯދައިދޭނަން އިނގޭ" އާޝިގާ ބުންޏެވެ.

*****

އެނދުގައި އިނގިރޭސި ވާހަކަފޮތެއް ހިފައިގެން އޮތް ޒުމްރާ ބަލައިލީ ކޮޓަރި ދޮރު ހުޅުވުނުހެން ހީވެފައެވެ. ބަލައިލިއިރު ދޮރުމަތީގައި ރާވީ ހުރިތަން ފެނުނެވެ. ޒުމްރާ ފެންނަ ކަމަށް ނަހަދައި ކުރިން އޮތް ގޮތަށް އޮތެވެ. ދެން ބަލައިލިއިރު ރާވީ ހުރީ ދާދި ކައިރީގައެވެ.

"ކިހިނެއްވީ؟ ކީއްކުރަން މިތަނަށް ތިވަނީ؟" ރުންކުރުވެފައި ޒުމްރާ ބުންޏެވެ.

"މަންމާ. އަޅެ ސޮރީ އޭ. މަންމަ އަދިވެސް ހާދަ ޗައިލްޑިޝްއޭ" ރާވީ ބުންޏެވެ.

"ބޭކާރު ވާހަކަދައްކާނެ ކަމެއް ނެތް. ނިކުމޭ މިތަނުން" ޒުމްރާ ބުންޏެވެ. ރާވީގެ މޫނުމަތިން މާޔޫސީ ކުލަވަރު ފެނިލިއެވެ. ގަރުދިޔަ އާ ބަތާ ކާންޖެހޭނީ އަދި ކިހާ ދުވަހަކުބާއޭ ހިތަށް އެރިއެވެ. މަންމަ ރުއްސުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ދެލޮލުން ކަރުނަ ފެނިލާއިރަށް ލޯބިން ބައްދާލާނެ މަންމައެއް ނޫންކަން އެނގުމުން ރާވީ ކަރު އެލުވާލިއެވެ.

"ކޯޗެއް ބަލަހައްޓައިގެން ތިހުންނަނީ. ދޭ މިތަނުން. ގޮސް ކަލޭގެ ބަފާ ކައިރީގައި ހުރޭ" ޒުމްރާ ބުންޏެވެ.

"ސީރިޔަސްލީ މަންމާ. އަބަދު ތިހެންތަ އުޅޭނީ. އަހަރެންނަށް ދެން ކުރީގެ މަންމަ ނުލިބޭނެތަ؟" ރާވީ ބުންޏެވެ.

"އަހަރެންނަށް ތިނޫން ދަރިއެއް ފެންނާނެތަ؟ ދުނިޔޭގަ އޮތްހާ ނުބައި ކަމެއް ކުރޭ. ހަކުރު ނުބޯ ކަމެއްވެސް ނޭނގޭ. އަހަރެން މިއީ ރާވީގެ ކުރިމަތީގައި މީހެއްތަ؟ މީހެއްނަމަ ހަޔާތުން ބޭކާރުވެގެން އަހަރެއް ނުދިޔައީސް. ޖަލަށް ވަންނަން ނުޖެހުނީސް" ޒުމްރާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއިރު ރާވީ އިސްޖަހައިގެން ހުއްޓެވެ.

"އިންސާނުންނަށޭ ކުށް ކުރެވޭނީ. ސޮރީ އޭ މިބުނީނު" ރާވީ ބުންޏެވެ.

"ހަގީގަތުގައިވެސް ރާވީ އަހަރެންގެ މައާފު ބޭނުންތަ؟" ޒުމްރާ ބުންޏެވެ.

އެހިނދު ރާވީގެ ދެލޮލުން އުންމީދުގެ އަލިކަމެއް ފެނުނެވެ. އަވަސް އަވަހަށް ޒުމްރާ ކުރިމަތީގައި ހުއްޓިފައި ބޯޖަހާލިއެވެ.

"އެހެންވިއްޔާ ރާވީގެ ދިރިއުޅުން ބަދަލުކުރަންވީ ވަގުތު ޖެހިއްޖެ" ޒުމްރާ ބުންޏެވެ. އެބުނި އެއްޗެއްގެ މާނަ ރާވީއަކަށް ނޭނގުނެވެ. "އަހަރެންނަށް ކޮން ޔަގީންކަމެއް އޮތީ ރާވީ ހުރިހާކަމެއް ރަނގަޅުކުރަން ބޭނުންވާކަމުގެ" ޒުމްރާ ބުންޏެވެ. ހީވާގޮތުން އިތުރަށް ރާވީގެ ފަރާތުން ޔަގީންކަން ބޭނުންވަނީއެވެ.

"ދެން ނުތަޅުވާ ބުނެބަލަ. މަންމަ ބުނި ކޮންމެ ކަމެއް ކުރާނަމޭ" ރާވީ ބުންޏެވެ.

"ވައުދުވޭ" ޒުމްރާ ދިއްކޮށްގެން ހުރި އަތްތިލަ މަތީގައި ރާވީ އަތް ބޭއްވީ ޖެހިލުންވެފައި ހުރެއެވެ. ރާވީ ލައްވައި ކުރުވަން އުޅޭ ކަމެއް އެނގެނީއެއްވެސް ނޫނެވެ.

"އެހެންވިއްޔާ މީހަކާ އިންނަން ތައްޔާރުވޭ. އަހަރެން ހުންނާނީ އަންހެންކުއްޖާ ހޯދާފަ"

*****

މޭޒުމަތި ތައްޔާރުކޮށްލާފައި ޝިއުރާ ސިޓިންރޫމަށް ނިކުތްއިރު ސޯފާގައި ސިޔާ ނޫން އެހެން އެންމެން ތިއްބެވެ. ޝިއުރާ އިށީނީ ފާރޫގް އިން ސޯފާގެ އަތްގަނޑު މަތީގައެވެ.

"އިކާން ދޭ ކޮޓަރިއަށް" ލަކްޔަން ބުންޏެވެ. ހައިރާންވެފައި އިކާން، ލަކްޔަންގެ މޫނަށް ބަލައިލިއެވެ.

"އެއީ ކީއްވެ؟" އިކާން ތެދުވިތަނާ އައްބާސް ބުންޏެވެ.

"އެއީ މިކާލް އަންނައިރު އިކާން އިނުމުން ރަނގަޅު ނުވާނެތީ" ލަކްޔަން ބުންޏެވެ.

"އުނހު. އެހެން ކަމަކު ނުދާނެ. އިކާންވެސް މިތަނުގައި އިންނަންޖެހޭނެ. ކިހާ ދުވަހެއް ވަންދެން އޭނަ ބާކީ ކުރާނަން" ފަހު ވަގުތުގައި އައްބާސް ހިތްހަމަނުޖެހުނީ ލަކްޔަން ދެކެއެވެ. ފަހުން ލަކްޔަން އެއްވެސް ބަހެއް ނުކިޔައެވެ. އިކާން ކުރިމަތީގައި ބައިންދައިގެން އިކާނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކީތީ ލަކްޔަން އިނީ ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް ބައްޕަ ކުރިމަތީގައި ޒުވާބަކަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގަން ބޭނުންނުވެފައި އިނެވެ.

ކޮޓަރި ދޮރުހުޅުވާލާފައި ސިޔާ ނިކުތީ އެވަގުތުގައެވެ. ހުރިހާ މީހުން އެއްފަހަރާ ސިޔާއަށް ބަލައިލިއެވެ. ތައްޔާރުވެގެން ހުރި ސިޔާ މަޑުމަޑުން ކޮޓަރި ދޮރުލައްޕާލާފައި ކަންފަތާ ފޯނު ދުރުކޮށްލިއެވެ.

"މިކީ އަތުވެއްޖެ" ސިޔާ ބުންޏެވެ.

މާގިނަ އިރެއް ނުވެ ބޭރަށް ނުކުތް ސިޔާ އައިސް ވަނެވެ. ފަހަތުގައި މިކާލް ހުއްޓެވެ. އެންމެ ފުރަތަމަވެސް މިކާލްގެ ލޮލުގައި އަޅައިގަތީ ދިމާލަށް އިން އިކާނެވެ. ވަގުތުން މިކާލްގެ ދެއަތްތިލަ މުށްކެވުނެވެ. އެމަންޒަރު ސިޔާއަށް ފެނުމާއެކު މިކާލް ކައިރީގައި ހުއްޓިފައި މިކާލްގެ މަޅާލެވިފައިވާ އިނގިލިތަކުގެ ތެރެއަށް އަތްތިލަ މަހާލިއެވެ. ސިޔާގެ އެ އަމަލުން މިކާލްގެ ހިތް ފިނިވެގެން ދިޔައެވެ.

މިކާލް ކައިރިވެލާފައި ހުރިހާ މީހުންނަށް ސަލާމް ގޮވާލިއެވެ. ހާލު އަހުވާލު އޮޅުންފިލުވިއެވެ. ގެއިން ނިކުތްއިރު ފަޒްނާ ދިން ނަސޭހަތްތަކާ އެއްގޮތަށް މިކާލް އަމަލުކުރިއެވެ.

"މިކީ... މައި ސަން. ކިހިނެއްތަ؟" ހިނދުކޮޅަކަށް ލަކްޔަންއަށް ހީވީ އޭނާގެ ކުރިމަތިން ދެއަހަރުގެ މިކާލް ފެނުނު ހެންނެވެ. އެ އުމުރުގައި ލަކްޔަން ވަނީ މިކާލާ އެކު ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. މިކާލްއަށް ކުޑައިރު ކާންދިން ހަނދާންތަކާއި ފެންވަރުވާ ނެޕީ ބަދަލުކުރުވި ހަނދާންވެސް ލަކްޔަން ހުއްޓެވެ. އެހެންކަމުން ލަކްޔަންގެ ހިތުގައި އޭރު އޮތް ލޯބި އުފަންވެގަތެވެ.

"ބައްޕަ ހިއެއްވެސް ނުކުރަން ސިޔާގެ ލައިފްއަށް އަންނާނެ މީހަކީ މިކީއަށް ވެދާނެ ކަމަކަށް" މިކާލްގެ ގައިގައި ބައްދާލާފައި ބުރަކަށީގައި ޖަހާލަމުން ލަކްޔަން ބުންޏެވެ.

"ދަރިފުޅު ރަނގަޅުތަ؟" އައްބާސް ވާހަކަދެއްކިއެވެ. ދެން ލަކްޔަން އަމަލުކުރި ފަދައިން ކަންތައް ކުރިއެވެ. މިކާލް ހުރިހާ މީހުންނަށް ހިނިތުންވުމަކާއެކު ސަލާންކުރިއެވެ. އިކާން އެއީ އިން މީހެއް ކަމަށްވެސް މިކާލް ނުބެލިއެވެ. އެންމެންނަށްވެސް އެކަން ފާހަގަވިއެވެ. އެއީ ކަންތައްތައް ވާނެ ގޮތް ކަން އެނގޭތީ އެއްވެސް މީހަކު އެކަން މާބޮޑު ކަމަކަށް ނުހެދިއެވެ.

"ހިނގާ ކާން" ޝިއުރާ ބުންޏެވެ. ހުރިހާ މީހުން މޭޒު ކައިރިއަށް ޖަމާވިއެވެ. އައްބާސްގެ އެދުމުގެ މަތިން ކާމޭޒު ދޮށުގައި އެއްވެސް މީހަކު މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ކައި ނިމިގެން އަނެއްކާވެސް މަޑުކޮށްލީ ސިޓިންރޫމުގައެވެ.

"ދުފާނަން ދޯ" ޝިއުރާ އެހިއެވެ. ފާރޫގް އަތުގައި ހުރި ފޯއް ތަބައް ނަގައިގެން ޝިއުރާ އައީ މިކާލްއާ ދިމާލަށެވެ.

"މިކީ ނުދުފާނެ" ސިޔާ ބުންޏެވެ.

"އެހެންތަ ނޭނގޭނެއްނު ކުޑާއަކަށް. ސިޔާއަށް މިހާރު އެނގޭ ދޯ މިކީގެ ހުރިހާ ކަމެއް" ސިޔާއާ ދިމާކޮށްލާ ފަދައިން ޝިއުރާ ބުންޏެވެ. އެހިނދު ސިޔާ ލަދުން އިނދެ ހީލިއެވެ.

"ދެކުދިން ދެ އާއިލާއާ ވެސް ބައްދަލުވެއްޖައިން ދޯ. ދެން ރަން ކިޔާނެ ދުވަހަކާ ކައިވެނި ކުރާނެ ދުވަސް ދެކުދިންވެގެން ކަނޑއަޅަންވީނުން" އައްބާސް ބުންޏެވެ.

"އެއީ ތެދެއް. ކައިވެނިކުރާނެ ގޮތަކާ ހުރިހާ ކަމެއް ނިންމާނީ ތިދެކުދިން" ޝިއުރާ ބުންޏެވެ.

"ބައްޕާ، އޭގެކުރިން އަޅުގަނޑު މާޝް އާއި ނިމާނާ ބައްދަލުކުރަން ބޭނުން" ލަކްޔަން ބުންޏެވެ.

"މައްސަލައެއް ނެތް. ބައްޕަ ފަޒްނާއަށް ގުޅާފަ ބުނާނަން" އައްބާސް ބުންޏެވެ.

"ބައްޕާ، މިކީ ދާން ބޭނުންވެފަ އޭނީ. މާދަމާ ހެނދުނާ ސާޖަރީތަކެއް އޮތީމަ. އޭގެކުރިން މުހިންމު ކަމެއްގަ ބޭރަށް ނިކުންނަންޖެހޭތީ" ސިޔާ ބުންޏެވެ. ލަކްޔަން ހިނި އައިސްފައި މިކާލްއަށް ބަލައިލިއެވެ. ލަދުގަނެފައި މިކާލް އިނީތީ ލަކްޔަންއަށް މަޖާވިއެވެ. ހަނދާނަށް އައީ ކުޑައިރުވެސް ބައެއް ކަންތައްތަކާ މިކާލް ލަދުން އުޅޭގޮތެވެ.

"ދަރިފުޅަށް އެނގޭތަ ސިޔާގެ ބައްޕައަކީ މިކީ ގޮވައިގެން ކުޑައިރު އުޅުނު މީހެކޭ" އައްބާސް ބުންޏެވެ. އެހިނދު މިކާލްއާއި ސިޔާ އެއްފަހަރާ ލަކްޔަންއަށް ބަލައިލިއެވެ. އެއީ މީގެކުރިން ދެކުދިންނަށްވެސް އެނގިފައިވާ ކަމެއް ނޫނެވެ.

ފަތިސްނަމާދުކޮށްގެން އަލްމާޝް ކޮޓަރިން ނިކުތްއިރު ދުނިޔެމައްޗަށް ރަނގަޅަށް އަލި ނުވެއެވެ. ކުދިން ހޭލާ އުޅޭނެކަން އެނގޭތީ އެއްވެސް ކުއްޖަކަށް ގޮވަން އަލްމާޝް ނުދިޔައެވެ. ބަދިގެއަށް ވަދެ ހެނދުނުގެ ސައި ތައްޔާރުކުރުމަށް ބޭނުންވާ އެއްޗެހީގެ ތެރެއިން ފިނި ފިލުވަންޖެހޭ އެއްޗެހި ނަގާފައި މޭޒު މަތީގައި ބެހެއްޓިއެވެ. ދެން ފެން ހޫނުކުރަން ޖައްސާފައި ކޮފީ ފުޅި ނަގަން މަތީގައި ހުރި ކަބަޑެއް ހުޅުވާލިތަނާ ދޮރެއް ލެއްޕުނު އަޑެއް އިވިގެން ބަލައިލިއެވެ. އޭރު ނިމާނާ މިކާލް ވަދެގެން އާދެއެވެ.

"އާދެބަލަ ދަރިފުޅު" ސިޑިއާ ދިމާލަށް ދިޔަ މިކާލްއަށް ބަދިގޭ ދޮރުމަތީގައި ހުރި އަލްމާޝް ގޮވާލިއެވެ. ވަގުތުން އަލްމާޝްއާ ދިމާލަށް މިކާލް މިސްރާބު ޖެހިއެވެ. މިކާލްގެ ދެލޮލުގައި ނިދީގެ އަސަރުވިއެވެ.

"ވަރަށް ނިދި އަންނަ ދުވަހެކޯ" މޭޒު ކައިރީގައި އިށީންނަމުން ނިމާން ބުންޏެވެ. ނިމާންގެ ކޮފީތަށި ހިފައިގެން އަލްމާޝް މޭޒު ކައިރިއަށް އައުމުގެ ކުރިން މިކާލް އައިސް އިށީނދެއްޖެއެވެ.

"ރޭގައި ނުނިދަންތަ؟" މިކާލްއަށް ބަލާލައިފައި އަލްމާޝް އެހިއެވެ.

"ނިދިން. އެކަމަކު ލަހުން ނިދުނީ" މިކާލް ބުންޏެވެ.

"ފޯނުގައި ދޯ އޮތީ" އަލްމާޝް އެހިއެވެ. ދެން މިކާލްއަށް ވެސް ކޮފީތައްޓެއް ހަދައިގެން ގެނެސްދިނެވެ.

އަލްމާޝްއަށް ބަލައިލާފައި މިކާލް ހީލިއެވެ. މިކާލް އެއްޗެއް އަހަން އުޅެއޭ އަލްމާޝްއަށް ހީވިއެވެ. އެ ފުރުސަތު އަލްމާޝް މިކާލްއަށް ދިނެވެ.

"މަންމަ ސިޔާގެ ބައްޕަ ކުރިން ދަންނަންތަ؟" މިކާލް އެހިއެވެ. ވަގުތުން އަލްމާޝްގެ ތުންފަތުގައިވި ހިނިތުންވުން ފިލިއެވެ. އެހާ އަވަހަށް ކުރިމަތީގައި އިން ނިމާނާ ނަޒަރު ބަދަލުކޮށްލިއެވެ.

"މަންމަގެ އެކުވެރިއެއް ކުރިން. ސިޔާގެ ބައްޕައަކީ ކާފަގެ އޮފީހުގައި މަސައްކަތްކުރި މީހެއް" އަލްމާޝް ބުންޏެވެ. ނަސީބަކުން އިތުރު ސުވާލެއް މިކާލް ނާހައެވެ.

ލަކްޔަން އާއި އަލްމާޝްއާ ކުރިން އޮތީ ކޮންކަހަލަ ގުޅުމެއްކަން ދަރިންނަށް އަންގަން އަލްމާޝް ބޭނުމެއް ނުވެއެވެ. މިކާލްއަށް އިތުރަށް އޮޅުންފިލުވައިނުދިނީ އެހެންވެއެވެ. އެގުޅުމަކީ މިހާރު ނިމިފައިވާ ގުޅުމަކަށް ވާތީއެވެ. އޭރުގައި އޮތް އެކުވެރިކަންވެސް މިހާރު އެ ދެމެދުގައި ނެތެވެ. އެހެންނަމަވެސް މިކާލް އެ ސުވާލު ކުރަންޖެހުނު ސަބަބެއް އަލްމާޝް އޮޅުންފިލުވަން ބޭނުންވިއެވެ.

"މިކީ ކީއްވެ މަންމައާ ތި ސުވާލު ކުރީ؟" އަލްމާޝް އެހިއެވެ.

"ސިޔާގެ ކާފަ ބުނީ އަޅުގަނޑުމެން ކުޑައިރު ސިޔާގެ ބައްޕަ އަޅުގަނޑުމެން ގޮވައިގެން އުޅުނު ކަމަށް" މިކާލް ބުންޏެވެ.

"އެއީ ތެދެކޭ. އޭރުގަ ސިޔާގެ ބައްޕަ ވަރަށް ގިނައިން އަންނާނެ މިގެއަށް" އަލްމާޝް ބުންޏެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލައިފައި ލަކްޔަން ބެލްކަންޏަށް ނިކުމެލިއެވެ. އަނދިރިކަން ފެތުރިފައިވާ އުޑަށް ލަކްޔަން ނަޒަރު ހުއްޓާލިއެވެ. އެންމެ ތަރިއެއްވެސް އުޑުމަތިން ފެންނަން ނެތެވެ. ރޭގަނޑުގެ ރާނީ ނެތްކަމުގެ އިހުސާސް މުޅި ދުނިޔެ ކުރަމުން ދިޔައެވެ. ވައިރޯޅިއެއްގެ ހިލަމެއްވެސް ނުވެއެވެ. މަގުމަތިން ކޮންމެސް ވަރަކަށް ދުއްވާ އެއްޗެހި ފެނެއެވެ. ދަންވާވަރަކަށް މަގުތަކުން މީހުން މަދުވާން ފަށައިފިއެވެ. ކުއްލިއަކަށް ލަކްޔަންގެ ނަޒަރު ހުއްޓުނީ އިމާރާތް ކުރިމައްޗަށް ކާރެއް ހުއްޓާލި ތަން ފެނިފައެވެ. އިތުރަށް ގުދުވެފައިވެސް ލަކްޔަން ބެލިއެވެ. ކާރުން އަންހެނަކު ފޭބިކަން އެނގުނެވެ. ނުވަ ވަނަ ފަންގިފިލާގައި ހުރުމުން އެހާ ބޮޑަށް މީހާގެ މޫނު ސާފެއް ނޫނެވެ. އިރުކޮޅަކުން ޑްރައިވަރު ގެނެސްދިން ފޮށި ދަމަމުން އެމީހަކު އިމާރާތުގެ ތެރެއަށް ވަތްތަން ފެނުނެވެ. ލަކްޔަން އަޅައިނުލައެވެ. އިމާރާތަކީ ހަމައެކަނި ލަކްޔަން ދަންނަ މީހުން އުޅޭ އިމާރާތެއް ނޫނެވެ. އެތަނުގައި އޭނާ ނުދަންނަ އެތައް ބައިވަރު މީހުންނެއް ދިރިއުޅެއެވެ. އެވާނީ އިމާރާތުގައި އުޅޭ ކޮންމެވެސް މީހެއްގެ ގާތް މީހަކަށެވެ.

ދޮރުގައި ބެލް އަޅާލި އަޑު އިވުނީ ލަކްޔަން އެގޮތުގައި އުޑަށް ބަލަހައްޓައިގެން ހުއްޓައެވެ. މިގަޑީގައި ގެއަށް އައީ ކާކު ހެއްޔެވެ؟ ބާރަޖަހައި ބޮޑުވީ ވިއްޔާއެވެ. ހުރިހާ މީހުން ތިބޭނީ ނިދައިފައެވެ. ލަކްޔަން ކޮޓަރިން ނިކުތެވެ. މައި ދޮރާ ހަމައަށް ނުދެވެނީސް ޝިއުރާގެ ކޮޓަރި ދޮރުހުޅުވާލި އަޑު އިވިއްޖެއެވެ.

"މިގަޑީގަ ކާކުބާ؟" ޝިއުރާ ބުންޏެވެ.

"ބެލް އަޅާ އަޑަށް ހޭލެވުނީ ދޯ. ނޭނގެ ކާކު ކަމެއް" ލަކްޔަން ބުންޏެވެ.

އެތެރެއަށް ހުޅުވުނު ދޮރުން ބޭރުގައި ހުރި މީހަކު ފެނިފައި ލަކްޔަންގެ ދެ ބުމަ ގޮށްޖެހުނެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. ދުވަހަކުވެސް ލަކްޔަން ހުރި ހިސާބަކަށް އަންނާނެ ކަމަށް އުންމީދުކޮށްފައިނުވާ މީހަކު ކުރިމަތީގައި އައިސް ހުއްޓުމުން ވާހަކަދައްކަން ވެސް ލަކްޔަން ހަނދާން ނެތުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟