ވާހަކަ

މޮޔަކޮށްލި މާ - 36

2

ދޮރާށި ހުޅުވާލާފައިވެސް އީމާ އެތައް އިރަކު ހުއްޓެވެ. ބޭރަށް ނުކުންނަން ފަސްޖެހެވެނީއެވެ. މާއިޒްއާ ބައްދަލުކުރަން ހުދު އީމާގެ ހިތްވެސް އެދެއެވެ. ހާލަތު ހުރިގޮތުން ހިތް ބޭނުންވާ މިސްރާބަށް ދިރިއުޅުން އަނބުރާލަން ބޭނުންނުވަނީއެވެ. އެހެންވިޔަސް މިރޭ މާއިޒްއާ ބައްދަލުނުކޮށްފިނަމަ މާދަމާ ކަންތައްކުރާނެ ގޮތެއްވެސް ނޭނގެއެވެ. އެންމެފަހުން އީމާ ބޭރަށް ބޯދިއްކޮށްލިއެވެ. އެ ޖޯލީގައި މާއިޒް އިނެވެ. އީމާ ވިސްނާލިއެވެ. އާޝިގާ ބުނިހެން މާއިޒްގެ ހިތުގައި އީމާއަށްޓަކައި އެއްވެސް އިހުސާސެއް ނެތްނަމަ އެގޮތަށް އުޅެންވީ އެއްވެސް ސަބަބެއް ނެތެވެ. އެތައް އިރަކު ވިސްނަން ހުރެފައި އީމާ ހިނގައިގަތެވެ.

"އައްސަލާމް އަލައިކުން" މާއިޒް ކައިރީގައި ހުއްޓިފައި އީމާ ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަނެފައި އީމާ އިށީންނަން މާއިޒް ޖޯލި ދެއްކިއެވެ. ޖެހިގެން އޮތް ޖޯލީގައި ސާހިލް އޮތްކަން އީމާއަށް އެނގުނީ މާފަހުންނެވެ. ލަދުވެސްގަތެވެ. މިހާރުވެސް ޝެލީއަށް ސާހިލް އެހުރިހާ ވާހަކަތަކެއް ކިޔައިނުދޭކަމެއްވެސް ނޭނގެއެވެ.

"އަހަރެން ކެނޑީ އިނގޭ" ސާހިލް ބުންޏެވެ.

ސާހިލް ތެދުވެގެން ދިޔުމުން އީމާއަށް މާއިޒް ބަލައިލިއެވެ. ވާހަކަދައްކަން ފާށާނެ ކޮޅެއް ނޭނގިފައި މާއިޒް އިރުކޮޅަކު އިނެވެ.

"އަހަރެން ހުތުރީތަ؟ ނޫނީ އަހަރެންގެ އުޅުން ކަމުނުދަނީތަ؟ ކީއްވެ އީމް އަހަރެންނާ ދުރުން އުޅެނީ؟" ފުރތަމަވެސް އީމާއަށް އިވުނީ މާއިޒްގެ ޝަކުވާތަކުގެ އަޑެވެ.

"އެއްޗެއް ބުނެބަލަ. ހަ އަހަރު. ދުލުން ކިއިދާނެ. އެއީ ވަރަށް ގިނަދުވަސް. އަހަރެން ކިޔަވަން ދިޔުމުގެ ކުރިންވެސް ދުވުނީ ހަމަ އީމްގެ ފަހަތުން. ނިންމާފަ އައިސްވެސް މިދުވަނީ އީމްގެ ފަހަތުން. ކިޔަވަން ހުރިއިރުވެސް އަހަރެން އީމްގެ ހާލު ބެލީމެއްނު. ސީރިއަސްކޮށް އަހަރެން ވަރަށް ލޯބިވޭ" މާއިޒް ބުންޏެވެ. އީމާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"އަހަރެންނަށް އެންމެ މުހިންމު މީހަކީ މަންމަ. މަންމަގެ ބައްޔަށް ދާއިމީ ފަރުވާއެއް ނުލިބެނީސް އަހަރެންނަށް އެހެން ކަމަކާ ވިސްނޭކަށް ނެތް" އީމާ ބުންޏެވެ.

"އަހަރެން ފަހުރުވެރިވޭ އީމްއާ މެދު. މި ޒަމާނުގައި ތިފަދަ ދަރިއަކު ހުރެދާނެތަ؟" މާއިޒް ބުންޏެވެ. އެހިނދު އަސަރާއެކު އީމާ މާއިޒްއަށް ބަލައިލިއެވެ. އީމާގެ ދެލޮލުގެ ތެރޭގައި ވިދަމުން ދިޔަ ކަރުނަތައް ފެނުމާއެކު މާއިޒް ހިތުގައި ރިއްސާލިއެވެ.

"މެރީ މީ އީމް. ކައިވެންޏަށްފަހު މަންމައަކީ އަހަރެންގެ ޒިންމާއެއް. އަހަރެންނަށް ތި ދެމައިން ބެލެހެއްޓޭނެ. ދުނިޔޭގައި ކޮންމެ ކަމަކާ ދިމާވި ނަމަވެސް ކުރިމަތިލާނީ އަހަރެމެން ދެމީހުން އެކުގައި" މާއިޒް ބުންޏެވެ.

"އެކަމަކު އަހަރެން....."

"އިނގޭ އީމްއަށް ވަގުތު ބޭނުންވާކަން. ވިސްނާ އިނގޭ. އީމް ބޭނުން ކޮންމެ ދުވަހެއްގައި ވެސް އަހަރެންނަށް ޖަވާބެއް ދެވިދާނެ. އެކަމަކު އެހާ ގިނަ ދުވަސް ނުނަގައްޗޭ. އަހަރެންނަކީ އެހާ ކެތްތެރި މީހެއް ނޫން" މާއިޒް ބުންޏެވެ. މާއިޒްގެ އެ ޖުމްލައާއެކު ކަރުނައިގެ ތެރެއިން އީމާއަށް ހިނިތުންވެވުނެވެ.

*****

ހަވީރުގެ ވަގުތެވެ. ގޭތެރޭގައި ސައްލާ ކުރެވެމުންދަނީ ކައިވެންޏެއްކުރަން ބޭނުންވާ ކަމަށް ސިޔާ ބުނުމާއެކު އެކަމާއެވެ. ވިސްނައި ވިސްނާ ބޮލުގައި ރިއްސާފައި އިނީ ލަކްޔަންއެވެ. އަނެއްކާވެސް އަލްމާޝްގެ ކުރިމައްޗަށް އަރަންޖެހޭތީ ލަކްޔަން އިނީ ކަންތައް ބޮޑުވެފައެވެ. އަންހެން ދަރިފުޅުގެ ލޯތްބަށްޓަކައި ލަކްޔަން ކަޑައްތުކުރަން މި ޖެހެނީ ހާދަހާ އުނދަގޫ ރާސްތާއެކެވެ.

"އަންހެންދަރިއަކު ކައިވެންޏެއް ކުރަން ބޭނުންވާ ވާހަކަ ބުނާ ހިސާބުން އަހަރެމެން ބޮޑެތިމީހުން އެކަމަށް ހުރަހަކަށް ވެގެން ނުވާނެ" އައްބާސް ބުންޏެވެ.

"ބައްޕަ އެބުނީ ތެދެއް ކޮއްކޯ. ހިނގާ މިފަހަރު ދެން އަލްމާޝްގެ ދެމަފިރިންނާ ބައްދަލުކުރަން. ބައްޕަވެސް ގޮވައިގެން ދާނީ. ލަދަކާ ހުރެ ތަދެއް ނުފިލާނެ" ޔާލަކަށް ގެއްލިފައި އިން ލަކްޔަންގެ އަތުގައި ހިފަހައްޓާލަމުން ޝިއުރާ ބުންޏެވެ.

"މާޝް މިކަމާ ނުރުހުނިއްޔާ ސިޔާގެ ހިތް ހަލާކުވާނީ" ލަކްޔަން ބުންޏެވެ.

"ނުރުހުމަކީ އެކަށީގެންވާ ކަމެއް. އެކަމަކުވެސް ގޮސް ވާހަކަދައްކާލީމަ ދެން ވާގޮތެއް އެނގިދާނެތާ" ޝިއުރާ ބުންޏެވެ.

"ބައްޕަގެ އެބައޮތް ހިޔާލެއް. ހިނގާބަލަ އެސޮރު މިގެއަށް ގެނެސް ހިޔާލު ހުރި ގޮތެއް ބަލައިލަން" އައްބާސް ބުންޏެވެ. އައްބާސް އެދައްކަނީ ސިޔާ މެދުވެރިކޮށް މިކާލް ގެއަށް ގެނެސްގެން ވާހަކަދައްކަން ކަން އެނގުމުން ލަކްޔަން ބޯޖަހާލިއެވެ.

*****

ގޯތިތެރޭގައި އަސަލްއަށް ކާންދޭން އިން އާޝިގާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ސަމީރާ އިނެވެ. މަޣްރިބް ނަމާދަށްފަހު ގުރުއާން ކިޔަވާލާފައި ސަމީރާ ބޭރަށް ނިކުމެލީ ވަކި ކަމަކުއެއް ނޫނެވެ. ކޮށީގައި އިން ދަރިއަށް ކާންދޭން އާޝިގާ ކުރަމުންދިޔަ މަސައްކަތްތައް ފެނުމުން ސަމީރާ އިރުކޮޅަކު އެތަނުގައި މަޑުކޮށްލިއެވެ. ސަމީރާ އިށީނުމުން ހިތްހެޔޮކަމާއެކު އާޝިގާ ހިނިތުންވެލިއެވެ.

"ސަމީރާއްތަމެން ފުރަން އުޅޭ ވާހަކަ އަޑުއެހިން" އާޝިގާ ބުންޏެވެ.

"އާނ ދެން އެސޮރު ފުރަންވީމަ ފުރަންވީ. މިހާރު ސަމީރާއްތަގެ ކޮންމެ ކަމަކާ ހަވާލުވެގެން އެކުއްޖާ ވިއްޔާ އެހުންނަނީ" ސަމީރާ ބުންޏެވެ.

"މިސޮރުގެ ބައްޕަގެ ހަބަރެއް ނުވޭތަ؟" ސަމީރާ އެހިއެވެ. އެހިނދު އާޝިގާގެ މޫނުމަތި މިލައިގެން ދިޔައެވެ. އެ މަންޒަރު ސަމީރާއަށް ފެނުނުނަމަ ވަގުތުން އެ މައުލޫއު ބަދަލުކުރީހެވެ.

"ކުރިން އަޅައެއްނުލާ. މިހާރު ހަރަދުފޮނުވާ ބަރާބަރަށް" އާޝިގާ ބުންޏެވެ.

"އެކޮއި، ސަމީރާއްތަ ބުނަންތަ ވާހަކައެއް. ބޮޑުދައިތަ ކިޔާ އެއްޗެއް ކިޔަނީ ހަގީގަތުގައި މަންޖެ ދެކެ ލޯބިވާތީ. ރަނގަޅު ގޮތް ވާން އެދޭތީ. އެއްގޮތަކަށްވެސް ބޮޑުދައިތައަށް ހިތްބުރަ ނުކުރައްޗޭ" ސަމީރާ ލޯތްބާއެކު ވާހަކަދެއްކިއެވެ. އެ ވާހަކަތައް އާޝިގާ ގަބޫލުކުރިއެވެ. ބައެއްފަހަރު ރާޝިދާ އެއްޗެއް ބުނި ނަމަވެސް އާޝިގާއަށް އަޅައިލައެވެ. އެކަން އާޝިގާ ހަނދާނުގައި ހުއްޓެވެ.

"ކާން ހެދިފަ ހުރީ" ކޮޓަރިން ނިކުތް ސިރާޖް ފެނުމާއެކު ސޯފާގައި އޮތް ޒުމްރާ ބުންޏެވެ. ސިރާޖް އައިސް ކައިރީގައި އިށީނުމާއެކު ޒުމްރާ ތެދުވެއްޖެއެވެ. ހިނގައިގަތްތަނާ ސިރާޖް އުޅުނީ ޒުމްރާގެ އަތުގައި ހިފާށެވެ. އެހެންނަމަވެސް ޒުމްރާ މަނާވެގަތެވެ. އެދިޔަގޮތަށް ޒުމްރާ ޓަކި ޖެހީ ރާވީ އޮތް ކޮޓަރީގައެވެ.

"ކާން ހަދާފަ އެހެރީ" ޒުމްރާ ބުންޏެވެ.

"ކޯޗެއް ކާންހުރީ" ރާވީ އެހިއެވެ.

"ގޮސް ބެލީމައެއްނު އިނގޭނީ" ރާވީއަށް ވެސް ޒުމްރާ ދިނީ ރުންކުރު ޖަވާބެކެވެ.

*****

މޭޒު ކައިރީގައި އިށިންގޮތަށް ކާން ހަދާފައި ހުރި އެއްޗެއްސަށް ރާވީ ބަލައިލިއެވެ. ގަރުދިޔަ ބަތާ ފެނުމުން ރާވީ އަނގަ ހަދާލިއެވެ. އެ ކެއުމަކީ ސިރާޖަށްވެސް މާ ކަމުދާ ކެއުމެއް ނޫނެވެ. އެހެންނަމަވެސް އެހެން ގޮތެއް ނެތިގެން ކިރިޔާ ބަނޑަށް އެނގޭވަރަށް ކެއެވެ.

"ދެން މިހެންތަ އުޅެނީ ބައްޕާ" ރާވީއަށް ޝަކުވާނުކޮށް ނީނދެވުނެވެ. ސިރާޖް ކެއި ވަރަށްވެސް ރާވީ ނުކައެވެ.

"އަދި ކެތްކޮށްލާ. މަންމަ ހަމަޔަކަށް އެޅުނީމަ މީރު އެއްޗެއް ކާން ލިބޭނީ" ސިރާޖް ބުންޏެވެ.

"ބައްޕައަށް މަންމަ ނުރުއްސުނެއްނު. އަހަރުވީއިރު ބައްޕަ ކީއް ތިކުރީ" ރާވީ ބުންޏެވެ.

"މަންމަ ހުރީ ވަރަށް ބޮޑަށް ހާޓް ވެފަ. ބައްޕައަށް ވުރެ ބޮޑަށް މަންމަ އޯކޭ ކުރެވޭނީ ރާވީއަށް. ހިނގާބަލަ ކޮންމެސް މޮޅު ކަމެއް ރާވާން" ސިރާޖް ބުންޏެވެ.

"އާނ ތިކަމާ އުޅެންވީ. އަބަދު ގަރުދިޔަ ފެންގަނޑަކަށް އެރިގެން މަށަކަށް ނޫޅެވޭނެ" ރާވީ ބުންޏެވެ.

*****

ކާރުން ފޭބިގޮތަށް ކުރިއަށް ހިނގައިގަނެފައިވެސް ސިޔާ ހުއްޓުނެވެ. ހަވޭލީއަށް އެންމެ ފުރަތަމަ އައި ދުވަހު ކަންތައްތައް ވީގޮތް ސިޔާގެ ލޮލުގެ ކުރިމަތީގައި ތަމްސީލުވެލިއެވެ. ކުރިއަށް ފިޔަވަޅު އަޅަން ފަސްޖެހުނީ އެހެންވެއެވެ. ސިޔާގެ ހަބަރެއް ނުވުމުން ގޭޓާ ހަމައަށް ގޮސްފައި މިކާލް ބަލައިލިއެވެ. ސިޔާ ޖެހިލުންވެފައި ހުއްޓައި ފެނުމުން މިކާލް ކަންބޮޑުވިއެވެ. މާކުރިންވެސް ސިޔާއަށް އެ ބަދަލު އަންނާނެކަން މިކާލްއަށް އެނގުނެވެ. އެހެންކަމުން އަލުން ގޮސް ސިޔާއާއި އެއް ހަމައެއްގައި ހުއްޓިފައި ސިޔާގެ އަތްތިލައިގެ ތެރެއަށް އަތް ލައްވާލިއެވެ.

"ޓްރަސްޓްމީ ބޭބީ" މިކާލް ބުންޏެވެ. ސިޔާ މިކާލަށް ބަލައިލިއެވެ. ދެން ހިނިތުންވެލާފައި މިކާލާ އެއްވަރަށް ހިނގަމުން ދިޔައެވެ.

ދޮރުން ވަންއިރު މިކާލްގެ އަތު ތެރޭގައި ސިޔާގެ އަތް އޮތްނަމަވެސް ކުރިމަތީގައި ތިބި މިކާލްގެ އާއިލާ ފެނުމާއެކު މިކާލްގެ އަތުތެރެއިން ސިޔާގެ އަތް މިނިވަންކޮށްލިއެވެ. އެ މަންޒަރު ފެނުމުން އަލްމާޝްއާއި ނިމާން ހީލިއެވެ. ހުރިހާ މީހުންނަށް ވުރެ ކުރިން ސިޔާއަށް ޝެލީ ފެނިއްޖެއެވެ. ކުރިއަށް ދިޔަ ގޮތަށް ސިޔާ ވަނީ ޝެލީގެ އަތުގެ ތެރެއަށެވެ. މިކާލްއާ ދިމާވުމުގެ މާކުރިންވެސް އެއްބަނޑު އެއްބަފާ ދައްތައެއް ފަދައިން ސިޔާ، ޝެލީ ދެކުނެވެ. ޝެލީ އާ މެދު ސިޔާގެ ހިތުގައި އުފެދިފައިވަނީ މާތް ލޯތްބެކެވެ.

"އޭތް.... ހެހެހެ. ލަދުގަތީތަ؟" ކޮނޑުގައި ބޯއެޅިގޮތަށް ހިއްލާނުލައި އޮތުމުން ޝެލީ ބުންޏެވެ. ހިނިތުންވެލައިގެން އެ މަންޒަރު ބަލަން ހުރި މިކާލް ގޮސް ފަޒްނާގެ ފަހަތުން ބައްދާލިއެވެ. ކައިވެންޏާ ހަމައަށް ނުދަނީސް ސިޔާގެ ސިފައިގައި ގޭތެރެއަށް އުފާވެރިކަމެއް އައި ކަމުގެ އިހުސާސް އަލްމާޝްއަށް ކުރެވުނެވެ.

"މިކީއާ މެރީކޮށްގެން މިގެއަށް އައިސްވެސް ހަމަ ތިހެންތަ އުޅޭނީ" ޝެލީ ބުންޏެވެ. އެންމެންގެ މޫނާ ސިޔާ ކުރިމަތިލީ އެތައް އިރަކު އެހެން ހުރެފައެވެ. ހަގީގަތުގައިވެސް ސިޔާ ހުރީ ލަދުންނެވެ.

"އާދެބަލަ މިކޮޅަށް" އަލްމާޝް ސިޔާއަށް އަތް ދިއްކޮށްލިއެވެ. ލަދުން ހުރެވެސް ސިޔާ، އަލްމާޝްގެ އަތުގައި ހިފާލިއެވެ. އަލްމާޝް، ސިޔާ ބޭންދީ ދެމަފިރިންގެ މެދުގައެވެ.

"ތިދެކުދިންގެ ކައިވެންޏާ މަންމަމެން ގަބޫލު" އަލްމާޝް ބުންޏެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ސިޔާ ބަލައިލީ ދުރުގައި ހުރި މިކާލްއަށެވެ.

"ކައިގެން ދޯ ދާނީ" ފަޒްނާ ބުންޏެވެ. "މިއީ ވަރަށް ބޯހަރު ކުއްޖެއް. ސިޔާއަށް އެނގޭތަ މިކުއްޖާ މިހުރީ މާމައަށް ލަނޑުދީފަ" މިކާލްގެ ކަންފަތުގައި ހިފާފައި ފަޒްނާ ބުންޏެވެ.

ކާ މޭޒު ކައިރީގައިވެސް ފަޒްނާއާއި މިކާލްގެ ސަމާސާ ފެނިފައި ސިޔާ އިނީ ހިނި އައިސްފައެވެ. ފުރަތަމަ ބައްދަލުވުމުގައިވެސް މިކާލްގެ އާއިލާގެ ހިތްހެޔޮކަން ސިޔާގެ ހިތް މިލްކުކޮށްފިއެވެ. އިކާންގެ ވިޔާނުދާ އަމަލުގެ ޝަކުވާ މިކާލްގެ އާއިލާގެ ނެތެވެ. އެ އާއިލާ އަކީ ސިޔާ ހީކުރި ވަރަށް ވުރެ ވެސް ހިތް ސާފު ބައެކެވެ.

ގެއަށް ދިޔުމުގެ ކުރިން ސިޔާ ވަކިން ޝެލީއާ ބައްދަލުކުރިއެވެ. ދެކުދިން ވާހަކަދައްކަން މަޑުކޮށްލައިގެން ތިބީ ބަގީޗާގައެވެ.

"ޝެލީ ދައްތަގެ އެއްވެސް މައްސަލައެއް ހަމަ އަސްލުކޮށް ވެސް ނެތްތަ؟" ވާހަކައިގެ މެދު ތެރެއިން ސިޔާ އެހިއެވެ. ހައިރާންކަމާއެކު ޝެލީއަށް ސިޔާގެ މޫނަށް ބަލައިލެވުނެވެ.

"މިބުނީ އަޅުގަނޑާ މިކީގެ ވެޑިންގެ ވާހަކަ" ސިޔާ ބުންޏެވެ.

"ޝެލީދައްތަގެ ކޮން މައްސަލައެއް އޮންނާނީ. މިކީ އަކީ ޝެލީދައްތަގެ ހުރިހާ ވެސް ސިބްލިންގްއަކީ. މިކީގެ ހެޕިނެސް އަކީ ޝެލީދައްތަގެ. އަނެއްކާ މިކީގެ ޓު ބީ ވައިފްއަކީ ނުލާހިކު ލޯބި ކުއްޖެއް" ސިޔާގެ ދަތްދޮޅީ ކޮޅުގައި ހިފާ ތަޅުވާލާފައި ޝެލީ ބުންޏެވެ. ސިޔާ ކައިރިއަށް ހިނިއައެވެ.

"އެކަމަކު ދޮންބެ"

"ބޭކާރު މީހުންގެ ވާހަކަ ނުދައްކާ. އެއީ ޝައިތާނެއް. ޝެލީދައްތަގެ ފެމެލީ ތެރެއަށް ސިޔާ އައުމަކުން މި ފެމެލީގެ ގުޅުމެއް އެ އިބިލީހާ ބަދަހިވެގެން ނުދާނެ. ކަށްވަޅުގައި އޮތަސް އަހަރެންގެ މައާފެއް ނުދޭނަން" ޝެލީ ބުންޏެވެ. ސިޔާއަށް ހިންދިރުވާލެވުނެވެ.

*****

ދުވަސްތަކަށްފަހު ރާވީއާ ބައްދަލުކުރަން އިކާން ގެއިން ނިކުތް ދުވަހެވެ. ލަކްޔަން ކައިރީގައި ބޭރަށް ނިކުތުމުގެ ހުއްދައަކަށް އިކާން އެދުމުން ލަކްޔަން ހުއްދަ ދިނީ އެތައް އިންޒާރަކާއެކުގައެވެ. އެވެސް އެތައް ފަހަރަކު އިކާން އަހައިގެންނެވެ. ދެ އެކުވެރިން ކޮފީއެއްގައި މަޑުކޮށްލައިގެން ތިބީ ގޭ ކައިރީގައި ހުރި ކެފޭއެއްގައެވެ. އެތަނުގައި އިންނައިރު ކޮޓަރީ ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ލަކްޔަން ފެނެއެވެ. ލަކްޔަންއަށް ފާހަގަނުވާނޭހެން ރާވީ އެތަން އިކާނަށް ދައްކާލިއެވެ.

"މަ ވަރަށް ސޯލިހު އިނގޭ މިހާރު. މަގޭ މަގުފުރައްދަން ނޫޅޭތި" އިކާނު ބުންޏެވެ. އަނގައަށް އަޅާލި ފެންތަކާއެކު ރާވީއަށް ދުރަށް ފެންތައް ބުރުވާލެވުނެވެ. އިކާން އެބުނީ މިއަހަރު މަތީގައި ރާވީއަށް އަޑު އިވޭނޭ އެންމެ މަޖާ ޖޯކެވެ.

"ކޮބާ ބަފައެއްގެ ޒިންމާ އެބަ އަދާކުރެވޭތަ؟" ރާވީ އެހިއެވެ.

"ބޮޑު ބައްޔެއް ކަހަލަ ކަމެކޭ. ހީވަނީ ހޭބަލިވެގެން ތެޅޭހެން" ފޫހިކަމާއެކު އިކާން ބުންޏެވެ.

"އިނގޭތަ އެއީވެސް ފަހަށް ރައްކާކޮށްފައި އޮތް ބޮޑު ބޮލުގެ ރިހުމެއްކަން" ރާވީ ބުންޏެވެ.

"މޮޔަހީވޭ މިހާރު. އަހަރެން އެދުނީ އެންމެ ރެއަކަށް. އެކަމު ސަޅި ބިޓެއް އިނގޭ. ތި ޝެލީއަކަށް ވަކި ދުލެއް ނުކުރޭ" އިކާން ބުންޏެވެ.

"ވިސްނައިގެން އުޅޭތި އަނެއްކާ. ލަކީބެއަށް ކުޑަ ޝައްކެއް ވިޔަސް ޒަމާން ދިޔައީ" ރާވީ ބުންޏެވެ.

"އާއެނކޭ. ކީއްވެގެންތަ މި އަންހެންވެރިން އެހާ ފުއްޕަނީ. ހިތަށް އެރި ޝެލީއަށް ހަދާލި ގޮތް އެ އަންހެން ގޮލާއަށް ވެސް ހަދާލާނީއޭ. ކިރިޔާ ސަލާމަތްވީ. އެހެންވެ އިތުރު ގޮތެއް ވިސްނީ. އޯކޭތާ ޒިނޭއަކުން ސަލާމަތްވީތާ. އެހެންނޫނަސް އަނެއްކާ ޖަލަށް ވަދެ މުގު ރިހައާ ބަތާ އަހަރެންނަށް ނުކެވޭނެ. އަހަރެންގެ ލައިފްގަ އައި އެންމެ އުނދަގޫ ދުވަސްތައް. ސީރިޔަސްލީ އަހަރު ދުވަސް ފާއިތުވެގެން ދިޔައީ އަހަރެންނަށް ރަނގަޅަށް ނުނިދި" އިކާން ވާހަކަދެއްކިއެވެ. ވާހަކަދެއްކުމުގެ ތެރެއިން އިރުކޮޅަކާ އިކާން ގެއާ ދިމާލަށް ބަލައިލައެވެ. ލަކްޔަންގެ ނަޒަރު އެދިމާލުން ފަޅި ސިކުންތަކަށްވެސް ނައްޓައިގެން ނުދާކަން ލަކްޔަންއަށް ފާހަގަވިއެވެ.

"ތިހެން ބުނީމަ ހަނދާންވީ. ޖަލުގަ އަހަރެން މުގު ރިހަގަނޑު ނުކެއިމަ އަދަބު ދިނީ. ހަންގާ ސްޓްރައިކް ޖައްސައިގެން މަރުވާނީއޭ ހިތަށް އެރި. ކޮޕުންތައް އެހެން ތިއްބަސް ވަރަށް އަނިޔާކުރޭ ދޯ. އަހަރެން ބިޑި އަޅުވާލީ ކިހިނެއް. ހީވީ ކުކުޅެއް ފަތްޖަހާލިހެން. ގެއަށް އައިމަ މިއުޅޭ މަންމަވެސް އަދަބު ދެނީ. ހީވަނީ ޖެއްސުންކުރާހެން. އަބަދު ކާން ހުންނަނީ ގަރުދިޔަ ގަނޑަކާ ބަތްގަނޑެއް. އަދިވެސް މަންމަ އޯކޭއެއް ނުވޭ. ބައްޕަ ހުންނަނީ ބޯގޮވާފަ" ރާވީ ވާހަކަދެއްކިއެވެ. ހިނިގަނޑަކާއެކު އިކާން ރާވީއާ ދިމާކޮށްލިއެވެ.

"ބަފާ ދިން ވަގުތު ހަމަވަނީ. ހިނގާ ދަން. އޭރުން ފަހުންވެސް ނިކުމެވޭނީ" އިކާން ބުންޏެވެ.

*****

ދޮރާށިން ނިކުމެގެން އައި އާޝިގާ ހުއްޓުނީ ޖެހިގެން ހުރިގޭ ބަދިގެއާ ދިމާ ފާރުކައިރީގައެވެ. ވަގުތުގެ ގޮތުން އެގަޑީގައި ބަދިގޭގައި އުޅޭނީ ޝިދުނާ ކަން އާޝިގާއަށް އެނގެއެވެ. އެހެންކަމުން ޝިދުނާއަށް ގޮވާލިއެވެ. ހަމަ އެވަގުތު ޝިދުނާ ރައްދު ދިން އަޑު އިވުނެވެ. މާގިނަ އިރެއް ނުވަނީސް ދުވަމުން އައި ޝިދުނާ އައިސް އާޝިގާ ކައިރީގައި ހުއްޓިއްޖެއެވެ.

"ތަނެއްގަ ރޯވީތަ؟" ޝިދުނާ އެހިއެވެ.

"އަދި ނުވޭ. އެކަމަކު އަހަރެން މި ހަބަރު ދީފިއްޔާ މަންޖެގެ ހިތުގައި ރޯވެދާނެ" އާޝިގާ ބުންޏެވެ.

"ތިބުނީ؟" ޝިދުނާ ބުންޏެވެ.

"ހިނގާބަލަ ޖޯއްޔަށް. އަނެއްކާ ބިޒީތަ؟" އާޝިގާ އެހިއެވެ.

"ކުޑަކޮށް ބިޒީ. ބައްޕަ މިސްކިތުން އަންނަންވާއިރަށް ކާން ހަދަނީ" ޝިދުނާ ބުންޏެވެ.

"އެހެންވިއްޔާ ތިކަން ނިންމާލާފައި އާދޭ. އޭރަށް އަހަރެންވެސް އަސަލް ނިންދާވާފައި ނިކުންނާނަން" އާޝިގާ ބުންޏެވެ.

"އޭތް ނޫން މަށަށް އެއްކަމެއްވެސް ނުވާނެ ތިބުނަން އުޅޭ އެއްޗެއް ނޭނގެނީސް" ހިނގައިގަތް އާޝިގާގެ އަތުގައި ހިފައި ހުއްޓުވަމުން ޝިދުނާ ބުންޏެވެ.

"ކެތްކޮށްބަލަ. ވާފިރާއްތަގެ ބަނޑުގައިވެސް އޮތީމެއްނު ނުވަ މަސް ވަންދެން" އާޝިގާ ބުންޏެވެ.

"ކޮންތާކު. ފަސް މަހުން ފެށިގެން ނިކުންނަން ވެގެން ވާފިރާއްތަގެ ބަނޑުގައި. އޫޕްސް....ސޮރީ މަންމަގެ ބަނޑުގައި ތަޅަން ފަށައިފިން" ޝިދުނާ ބުންޏެވެ. ހީލަމުން އާޝިގާ، ޝިދުނާގެ އަތުގައި ބޮނޑިއެއް އެޅިއެވެ. މަޖާކުރަންވިއްޔާ ޝިދުނާ ވަރުގެ ކަމެއް ނޯންނާނެއެވެ.

"މަ ދަނީ. ސަމީރާއްތަ ކޮޓަރީގައި ބައިންދާފައި މިއައީ. އަސަލް ނުނިދާ އަދި" އާޝިގާ ބުންޏެވެ.

*****

ކޮފީ މޭޒު ދޮށުގައި އިން މާއިޒް، ސާހިލްގެ މޫނަށް ބަލައިލިއެވެ. ދެން ވޭޕް ދަމާލައިފިއެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި އަނެއްކާވެސް ސާހިލްގެ މޫނަށް ބަލައިލިއެވެ.

"އޭރުން ކިހާ ހަޑި" ސާހިލް ބުންޏެވެ.

"މަ ބުނަންތަ ވާހަކައެއް. މީގެ ތެރެއަށް ފަސްދޮޅަސް އަހަރު އިތުރު ވިޔަސް ޝެލީ ކުރިން އިންނަން އުޅުނީ ކައެގެ ކޮއްކޮއާ ނޫން ކަމަކަށް ނުވާނެ" މާއިޒް ބުންޏެވެ.

"ތިކަން އެނގެޔޭ" ސާހިލް ބުންޏެވެ.

"ޝެލީ އަހަރެންނާ މެދު ދެކެނީ ހަމައެކަނި ރަހްމަތްތެރިއެއްގެ ނަޒަރުން" ސާހިލް ބުންޏެވެ.

"މި ދުވަސްތަކަކީ ޝެލީގެ ހަޔާތުގައި އަންނާނެ އެންމެ ހިތްދަތި ދުވަސްތައް. ޔަގީން އަރައިގަންނަން ޝެލީ ވަރަށް މަސައްކަތް ކުރާނެކަން. ފަހަރެއްގަ ޝެލީގެ ހަޔާތަށް އެހެން ފިރިހެނަކު އައުންވެސް އެކަށީގެންވޭ. ތިހެން އުޅެނިކޮށް ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެ" މާއިޒް ބުންޏެވެ. ކުއްލިއަކަށް ސާހިލްއަށް ގޮނޑީގައި ހަށިގަނޑު ސީދާކޮށްލެވުނެވެ. މާއިޒް އެބުނީ އަދި ސާހިލް ވިސްނާފައި ނުވާ ކަމެއްގެ ވާހަކައެވެ. ޝެލީގެ ހަޔާތަށް އިތުރު ފިރިހެނެއް ގެންނަ ތަން ބަލަން ސާހިލްއަކަށް ކެތެއްނުވާނެއެވެ. އެފަދަ ދުވަހެއް ލޮލަށް ދެއްކެވުމުގެ ކުރިން މަރުވުންވެސް މާ ރަނގަޅެވެ.

"ތިހެން ނުބުނޭ. އަހަރެން މަޑަކުން ނުހުންނާނަން ތިކަހަލަ ދުވަހެއް އައިއްޔާ. ސީރިޔަސްކޮށް އަހަރެން ވަރަށް ލޯބިވޭ ޝެލީ ދެކެ" ސާހިލް ބުންޏެވެ.

"އަހަރެން ދީފާނަން ހިޔާލެއް" މާއިޒް ބުންޏެވެ. ސާހިލް މާއިޒްގެ މޫނަށް ބަލައިލީ އެ ހިޔާލު އޭނާއަށް މުހިންމޭ ބުނާ ފަދައަކުންނެވެ.

*****

ނިދިފައި އޮތް ސަމީރާ ފާހާނާއަށް ދާން އެނދުން ތެދުވިއިރު ފެނުނު މަންޒަރަކުން ސިހުމެއް ލިބުނެވެ. އެނދުގައި އިން ސާހިލް އިނީ ފުރަގަހަށެވެ. ސަމީރާ ތެދުވިކަން ސާހިލްއަށް ނޭނގުނީ އެހެންވެއެވެ. މުހިންމު ކަމެއް ކުރަނީއޭ ހިތާ ސަމީރާ އަޅާނުލައި ފާހާނާއަށް ވަނެވެ.

ސާހިލް އިނީ ވިސްނުމެއްގައެވެ. މާއިޒް ދިން ހިޔާލަކީ ވަރަށް ރަނގަޅު ހިޔާލެކެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. ޝެލީގެ ކުރިމަތީގައި ހިތް ހުޅުވާލުމަކުން ގޯހެއް ނެތެވެ. ކޮންމެ މީހަކަށްވެސް ލޯބިވުމުގެ ހައްގު އޮންނާނެއެވެ. ލޯބި އެއީ މީހާގެ ހިތުގައި ގަދަބާރުން އުފަން ކުރުވާ ޖަޒުބާތެއް ނޫނެވެ. އެއީ ގުދުރަތީ ގޮތުން އިންސާނުންގެ ހިތުގައި އުފެދޭ އިހުސާސެކެވެ. ޝެލީ ދެކެ ސާހިލް ލޯބިވީ ސާޖިދަށް ވުރެ ކުރިންނެވެ. ޝެލީގެ ހަޔާތަށް ލޯބިވެރިއެއްގެ ގޮތުގައި ކުރިން ސާޖިދު އައީ އެކަން އެގޮތަށް ވާން ތަގުދީރުގައި އޮތަތީއެވެ. އެންމެ ފުރަތަމަ ޝެލީ އިންނަން އުޅުނީ ސާޖިދަށް ވުމަކީ ޝެލީގެ ލޯބިން ސާހިލް މަހުރޫމްވާންޖެހޭ ސަބަބެއް ނޫނެވެ. އެވަރު ޝެލީއަށް ވިސްނޭނެއެވެ. ސާހިލްގެ ހިތަށް އެންމެ އުނދަގޫވާ ކަމަކީ މީހުން ސާހިލްއާ މެދު ދެކޭނެގޮތެވެ. މަންޒަރު ބަލާ މީހުންނަކީ ދުލަށް އައިހާ އެއްޗެއް ވިސްނުމަކާ ނުލައި ބޭރުކުރާ މީހުންނެވެ. އެފަދަ މީހަކު ޝެލީއަށް ކުޑައިމީސް ބަހެއް ބުނާ އަޑު އެހުމަކީ ސާހިލްއަށް ފަސޭހަކަމެއް ނޫނެވެ.

"ރޯޒްމެލޯ... އައި ލަވް ޔޫ" އަތުގައި އޮތް ބިއްލޫރި ފުޅިއަށް ބަލައިލަމުން ސާހިލް ބުންޏެވެ. ސާފު ހުދު ބިއްލޫރި ފުޅި ތެރެއިން ފެންނަން އިނީ ހިކިފައިވާ މަލެކެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އަންހެންކުއްޖަކު ސާހިލްއަށް ދިން އަގުބޮޑު ހަދިޔާއެކެވެ. ސާހިލްގެ ހިތް މޮޔަކޮށްލި މަލެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟