"މާމާ، ކެތްކުރަން އަޅުގަނޑަށް ހާދަ އުނދަގުލޭ" ޝެލީ ކިޔަމުން ދިޔައެވެ. ފަޒްނާ ޝެލީގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. ދެލޯ ފުރިގެންވީ ހާލުގައެވެ.
"ކެތްކުރޭ ދަރިފުޅާ. މިއީ ދުނިޔެ. މި ދުނިޔޭގައި މުއުމިނު އަޅާއަށް ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއް" ފަޒްނާ ވާހަކަދެއްކިއެވެ.
"ޖޭޑީ އެހާ އަވަހަށް އެދިޔައީ ކީއްވެ؟ މުޅި އުމުރަށް ނުގޮސް އަޅުގަނޑާ ގުޅުން ކަނޑާލާފައި ދުރުގައި ހުރިނަމަ" ޝެލީ ވާހަކަދެއްކިއެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން މިކިޔެނީ ކީކޭ ކަމެއްވެސް ޝެލީއަށް ނޭނގެއެވެ.
"އަސްތާ ދަރިފުޅާ. ނޭނގިނަމަވެސް ތިބުނެވުނީ ކުފުރުގެ ބަހެއް. ނަމަ ކިޔާފަ ތިފަދަ ބަސްތައް ބޭނުންނުކުރޭ. ޒުވާން އުމުރުގައި އެސޮރު މިކަހަލަ އެއްވެސް އިންސާފެއް ނެތް ދުނިޔެއާ ވަކިވެގެން ދިޔުން އެއީ އެކަލާނގެ ނިޔާފުޅު. އެއީ އެސޮރަށް އެކަލާނގެ ދެއްވި ނިއުމަތެއް. ދިރިތިބީންނަށް އެކަލާނގެ ހަޟްރަތުން ފޮނުއްވި އިންޒާރެއް. މާމައަށް އެނގޭ ދެރަވާނެކަން. ރޮއެރޮއެ މީހާ ލޮލުން ކަރުނަ ހުސްވާ ފަހަރުވެސް އަންނާނެކަން. އެކަމަކުވެސް ކެތްކުރަންވާނެ. ކެތްތެރިވުމަކީ އެކަމުގައި ބަރަކާތެއް ލެވިގެންވާ ކަމެއް. ވިސްނަބަލަ. ކާފަވެސް މިދުނިޔެއިން ދިޔައީ ހަމަ ކުއްލިއަކަށް. މިސްކިތުން ފައިބައިގެން ގެއަށް އައި މަގުމަތީގައި ހިނގަހިނގާ ހުއްޓައި ވެއްޓުނީ. މާމަމެންގެ ކައިވެންޏަށް ފަންސާސް ފަސްއަހަރު ވީފަހުން އެގޮތަށް ކާފަ ދިޔައިމަ މާމަގެ ހިތަށްވެސް ހާދަ އަސަރެއް ކުރިއޭ. އެކަމަކުވެސް އެކަލާނގެ ހަޟްރަތުން މާމަ އެދުނީ ކެތްތެރިކަމަށް. މާމައަށް ކެތްތެރިކަން ދެއްވި. އެހާ ދުވަހު އެކީގައި އުޅެފައި ދިޔައިމަ އަދިވެސް ހަނދާންވޭ. ހީވޭ ކައިރީގައި އުޅޭހެން. މިހާރު ކާފަ ނިޔާވިތާ ކިހާ ދުވަހެއްމިވީ. އެހެންވީމަ މިބުނަނީ ދަރިފުޅާ. ހިތްވަރު ލިބޭނީ ހިތްވަރު ހޯދަން މަސައްކަތް ކޮށްގެން،" ޝެލީގެ އިސްތަށިގަނޑުގައި ފިރުމަމުން ފަޒްނާ ނަސޭހަތްތެރިވިއެވެ.
*****
ހޮސްޕިޓަލުގައި މާ ބިޒީކޮށް އުޅެން ޖެހުމުން ނިމާނަށް ގެއަށް އާދެވުނީ ފުދޭވަރަކަށް ލަހުންނެވެ. ކޮޓަރިއަށް ނުވަންނަނީސް ދޮރުދަށުން ހުދު އަލި ނިމާނަށް ފެނުނެވެ. އަދިވެސް އަލްމާޝް ނުނިދަނީތާއޭ ހިތަށް އެރިއެވެ. ދޮރުހުޅުވާލިއިރު ދޮވެފައި ހުރި ނިމާނާއި މިކާލްގެ އަންނައުނުތައް އިސްތިރިކުރަން އަލްމާޝް ހުއްޓެވެ.
"އިސްތިރިކުރަން މިއީ ކޮން ގަޑިއެއް" ނިމާން އެހިއެވެ.
"މާން ނެތީމަ ނިންޖެއް ނާދޭ. އެހެންވެ ހިތަށް އެރީ މިކަން ކޮށްލާނީއޭ" އަލްމާޝް ބުންޏެވެ. "ކެއިންތަ؟"
"ނުކަން. ވަރަށް ބަނޑުހައިވޭ އެބަ. މިރޭ ހަމަ ވަގުތެއްނުވި އެއްޗެއް ކާލަން ނިކުންނަން" ނިމާން ބުންޏެވެ.
"ހިނގާ ކާން" އިސްތިރިން ކަރަންޓު ކަނޑާލަމުން އަލްމާޝް ބުންޏެވެ.
"މި ނުކުންނަނީ ފާހާނާއިން" ނިމާން ބުންޏެވެ.
*****
ނިމާން ކައި ނިމެންދެން އަލްމާޝް އިނެވެ. އެކަނި ކާން ޖެހުމުން ނިމާން ޝަކުވާކޮށްފާނެތީ އަލްމާޝް އިނީ ކޮފީތައްޓެއް ހިފައިގެންނެވެ.
"އެބައޮތް ކަމެއް" އަލްމާޝް ބުންޏެވެ. ނިމާން އަލްމާޝްގެ މޫނަށް ބަލައިލިއެވެ.
"ޝެލީ ވަރަށް ފާޑެއްގެ ވާހަކައެއް ދައްކައިފި" އަލްމާޝް ބުންޏެވެ. ނިމާން އަލްމާޝްއަށް ބަލައިލީ ކަންބޮޑުވެފައެވެ. ޝެލީގެ ކަމެކޭ ބުނުމުން ހިތްވެސް ތެޅިލައިފިއެވެ.
"މިކީ ވަރަށް ލޯބިވާ ކުއްޖެއް ހުންނަ ވާހަކަ. މެރީކުރަން ބޭނުންވާ ވާހަކަ. ޝެލީ ވަރަށް އެދޭ އަހަރެމެން މިކަމުގައި އުޅެން. މިކީއެއް ނުދައްކާ އަދި މިކަހަލަ ވާހަކައެއް" އަލްމާޝް ކިޔައިދިނެވެ.
"ދެޓްސް ގްރޭޓް. ކޮންގެޔަކު ކުއްޖެއް؟" ނިމާން އެހިއެވެ.
އަލްމާޝް ބުނަން ފަސްޖެހުނެވެ. ޖަވާބުދިނީ ދެވަނަ ފަހަރަށް ނިމާން އެހުމުންނެވެ.
"ލަކީގެ ދަރިފުޅު. އެކުއްޖާއަށް ކިޔަނީ ސިޔާ" އަލްމާޝް ބުންޏެވެ. ކުއްލިއަކަށް ނިމާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެ ގުޅުމަށް ރުހުންދޭން ފަސްޖެހުނެވެ. އެއީ ލަކްޔަންގެ ދަރިއަކަށް ވީތީއެއް ނޫނެވެ. ޝެލީގެ ދިރިއުޅުން ހަލާކުކޮށްލީ ސިޔާގެ އެއްބަނޑު އެއްބަފާ ބޭބެއަށް ވީތީއެވެ. ޝެލީއަށް އެއް އަނިޔާއެއް ދެވަނަ ފަހަރަށް ލިބިދާނެކަމަށް ނިމާން ބިރުހީވިއެވެ. ޖަވާބެއްދޭން ނިމާން ފަސްޖެހުނީ އެހެންވެއެވެ.
*****
ކޮފީތަށި ހިފައިގެން ޝިއުރާ ކޮޓަރިއަށް ވަންއިރު ލަކްޔަން ލެޕްޓޮޕް ހިފައިގެން މަސައްކަތެއްގައި ބެލްކަނީގައި އިނެވެ. ޝިއުރާ ދިން ކޮފީތަށީގައި ހިފާފައި ލަކްޔަން ޝުކުރު އަދާކުރިއެވެ.
"ދައްތާ" ޝިއުރާ ދާން އުޅުނު ވަގުތު ލަކްޔަން ގޮވާލިއެވެ.
"ކަމެއްގަތަ ތިއުޅެނީ؟" ލަކްޔަން އެހިއެވެ.
"ކަމެއްނެތް. ލޫހް ނިދަން ތައްޔާރުކޮށްލަން ދާން އުޅުނީ" ޝިއުރާ ބުންޏެވެ. "އެކަމަކު ކޮއްކޮ ބުނަން ތިއުޅޭ އެއްޗެއް އަޑުއަހާލާފަ ދާނީ"
"އިކާން ކީއްކުރަން ހޯދި ފައިސާއެއް"
"ގޯސްގޮތަކަށް ނުވިސްނާތި ކޮއްކޯ. މިނިވަންވި ފަހުން ފަޅި ސިކުންތަކަށްވެސް މިގެއިން ބޭރަށް ނުނިކުމޭ. އިންތިޒާރު އެކުރަނީ ކޮއްކޮގެ މައާފު ލިބޭނެ ދުވަހަކަށް. އެ ފައިސާ ހޯދީ އޮންލައިން ކޯހެއްގައި ބައިވެރިވެގެން އުޅޭތީ. އެއީ ހަތަރު އަހަރު ދުވަހުގެ ކޯހެއް ކަމަށް ބުނި. ކިހާ ރަނގަޅު އެ ވިސްނުން. އިލްމެއް ހޯދަން މަސައްކަތް ކުރަންޏާ އަހަރެމެން ކީއްކުރަން ހުއްޓުވަންވީ" ޝިއުރާ ބުންޏެވެ.
"ކޯހެކޭ. ކޮންކަހަލަ ކޯހެއް؟" ލަކްޔަން އެހިއެވެ. އިކާނަކީ ކިޔެވޭނެ އެންމެ މައްޗަކަށް ކިޔަވައިގެން ހުރި ޒުވާނެކެވެ. އިތުރަށް އިކާން ކިޔަވަން އުޅެފާނެ ކަމަކަށް ލަކްޔަންގެ ސިކުނޑި ގަބޫލެއްނުކުރެއެވެ.
"ވީޑިޔޯގްރަފީ އެކޭ ބުނީ" ޝިއުރާ ބުންޏެވެ.
ކޮޓަރި ތެރެއިން ސިޔާގެ އަޑު އިވުނީ އެވަގުތުއެވެ. ލަކްޔަން ތަންކޮޅެއް ބާރަށް 'ލައްބަ' އޭ ބުނެލުމާއެކު ސިޔާ އެދިމާލަށް ބަލައިލިއެވެ. އެވަގުތު ޝިއުރާ ލައިގެން އިން ހުދު ކުލައިގެ ކުރުތާގެ ތަންގަނޑެއް ސިޔާގެ ލޮލުގައި އަޅައިގަތެވެ.
"ކުޑާވެސް މިތާނގަތަ؟" ބެލްކަންޏަށް ނިކުމެފައި ސިޔާ އެހިއެވެ.
"އާނ. އެކަމަކު ދަރިފުޅު ކޮންތާކަށް ތިދަނީ؟ ހާދަ ވަރަކަށް ތައްޔާރުވެގެން" ޝިއުރާ އެހިއެވެ.
"ރައްޓެހި... ރައްޓެހި ކުއްޖަކާއެކު ތަނަކަށް މިދަނީ. ހުއްދައެއް ހޯދަން މިއައީ" ފަސްޖެހިފައި ސިޔާ ބުންޏެވެ. އެވަގުތު ޝިއުރާ އާ ލަކްޔަން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ.
"އޯކޭ ދިޔަޔަސް. ތިދާ ތަނަކަށް ބައްޕަ ގެންގޮސްދެންތަ؟" ލަކްޔަން އެހިއެވެ. ސިޔާ ދެފަރާތަށް ބޯހޫރާލިއެވެ.
ގޭ ދޮރުމަތީގައި އޮތް ކަޅު ކުލައިގެ ކާރަކަށް ސިޔާ އެރީ މަތީގައި ލަކްޔަންއާއި ޝިއުރާ ބަލަހައްޓައިގެން ތިއްބައެވެ. ލަކްޔަންގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. ސިޔާގެ ހަޔާތަށް އަނެއްކާވެސް ފިރިހެނަކު އައީ ހެއްޔެވެ؟ އަނެއްކާ އެއީ މިކާލް ހެއްޔެވެ؟ ލަކްޔަންގެ ހިތުގައި ސުވާލު އުފެދުނެވެ.
"އަނެއްކާ ސިޔާ މިކީ އާ ގުޅުމެއް އޮތީތަ؟ ލަކްޔަން އެހިއެވެ. ލަކްޔަންއަށް ބަލާލައިފައި ޝިއުރާ ދެކޮނޑު އަރުވާލިއެވެ.
"ސިޔާ އައިމަ ދައްތަ އަހާލައްޗޭ. އެ ގުޅުން އެދެކުދިން ކުރިއަށް ގެންދަންޏާ އަހަރެމެން އެބަޖެހޭ ވިސްނަން. އަހަރެންނަށް ހަމަ ޔަގީން މާޝް އާ ނިމާން ގަބޫލެއްނުވާނެ" ލަކްޔަން ބުންޏެވެ.
"އެއީ ކީއްވެ؟ އެއީ އެހާ ހަރުކަށި ބައެއް ހެނެއް ހިއެއްނުވޭ" ޝިއުރާ ބުންޏެވެ.
"އަހަރެން ހިތް ބިރުގަންނަން ފަށައިފި. އަނެއްކާ ޝެލީއަށް އިކާން އެދިން އަނިޔާގެ ބަދަލު ސިޔާގެ ކިބައިން މިކާލް...."
"ސާބަހޭ. ކޮންގޮތަކަށް ތިވިސްނަނީ. އެސޮރު ތިކަހަލަ ކަމެއް ނުކުރާނެ. ހުރިހާ މީހުންނަކީ އިކާނު ކަހަލަ މީހުންނެއް ނޫން. ދެން އެކަމާ ނުވިސްނާ. ސިޔާ އައިމަ އަހަރެން ނިދާނީ ހުރިހާ ކަމެއް އޮޅުންފިލުވާފަ" ޝިއުރާ ބުންޏެވެ.
*****
ކާރު މަޑުކޮށްލީ ލޮނުޒިޔާރަތް ޕާކް ކައިރިއަށެވެ. މިކާލް ފައިބައިގެން އައިސް ސިޔާ އިން ފަރާތު ދޮރު ހުޅުވުމުގެ ކުރިން ސިޔާ އަމިއްލައަށް ދޮރު ހުޅުވައިގެން ފައިބައިފިއެވެ. ކާރަށް އެރިފަހުން އެއްވެސް ކުއްޖަކު ބަހެއް ނުކިޔައެވެ. ދުއްވަމުން ދިޔައިރު މިކާލް ސިޔާއަށް އިރުކޮޅަކާ ބަލާލާކަން ފާހަގަވިއެވެ.
"ހިނގާ އެތެރެއަށް" މިކާލް ބުންޏެވެ. ސިޔާ ހިނގައިގަތެވެ. ކަރުތެރެ ހިކިފައި ހުރުމުން ސިޔާ ކުޑަކޮށް ކެއްސާލިއެވެ. އެހިނދު މިކާލް ސިޔާގެ އަތުގައި ހިފިއެވެ. ސިޔާ މިކާލްއަށް ބަލާލައިފައި މިކާލްގެ އަތުން އަތް ނެއްޓުވިއެވެ.
"ވެއިޓް" މިކާލް ބުންޏެވެ. ސިޔާ ހުއްޓުމާއެކު އަލުން ކާރު ހުޅުވާފައި ކުޑަ ފެންފުޅިއެއް ނަގާފައި ސިޔާ އަތަށް ދިނެވެ. ހިފަން ނުހިފަން ހުރެފައިވެސް ސިޔާ ފެންފުޅީގައި ހިފިއެވެ.
ދެކުދިން އެތެރެއަށް ވަދެގެން ގޮސް މީހުން މަދު ހިސާބެއްގައި މަޑުކޮށްލިއެވެ. ބަހެއްނުކިޔާ ދެމީހުންވެސް އިރުގަނޑެއް ވާންދެން ތިއްބެވެ. ސިޔާއަށް ވުރެ އިސްކޮޅުން ދިގު މިކާލްގެ ހިޔަންޏަށް ބަލަހައްޓައިގެން ސިޔާ ހުރެފައި ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެން މިތަނަށް ގެނައީ މިކާލްގެ ދިގުކަން ދައްކަންވެގެންތަ؟" ސިޔާ އެހިއެވެ.
"ވަޓް؟" މިކާލް ބުންޏެވެ. ކުއްލިއަކަށް ސިޔާ އެކަހަލަ އެއްޗެއް ބުނުމުން މިކާލް ކައިރިއަށް ކުޑަކޮށް ހިނިވެސް އައެވެ.
"އެހެންޏަ. މިހިރަ ހިޔަންޏަށް އެކަނި ބަލާލިޔަސް އިނގެޔޭ ތިއީ ދިގުމީހެއްކަން" ސިޔާ ބުންޏެވެ. މިފަހަރު މިކާލްއަށް ހަމަ ރަނގަޅަށްވެސް ހެވިއްޖެއެވެ. ސިޔާގެ ވާހަކަތައް ހުރިގޮތުން މިކާލްއަށް ވާހަކަދައްކަން ފަސޭހަވެގެން ދިޔައެވެ.
"އަހަރެން... އަހަރެން... ސިޔާ" މިކާލް ވާހަކައެއް ފެށޭތޯ މަސައްކަތް ކުރިއެވެ.
"އަނެއްކާވެސް.... ހާދަ ވަގުތެކޭ ފާއިތުވެގެން މިދަނީ" ސިޔާ ބުންޏެވެ.
"ސޮރީ. އަހަރެންނަށް އެގޮތަށް ކަންތައް ކުރެވުނީ އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން. އިނގޭ އެއީ އަހަރެން ކަންތައް ކޮށްގެން ވާނެގޮތެއް ނޫންކަން. ވިސްނުނުއިރު ވަގުތުފާއިތުވެއްޖެ. އަހަރެންނަށް މައާފުކުރާނަންތަ؟" މިކާލް ބުންޏެވެ.
"އޭރުވެސް މައާފުކުރިން. އަހަރެން ކިހިނެއް މިކާލް ދެކެ ރުޅިއަންނާނީ. އެއަށްވުރެ މާބޮޑަށް" ޖުމުލަ ފުރިހަމަނުކޮށް ސިޔާ އިސްޖަހާލިއެވެ.
"އެއަށް ވުރެ މާބޮޑަށް" މިކާލް ބުންޏެވެ. "ޖުމުލަ ފުރިހަމަކުރޭ"
"އައި ލަވް ޔޫ" މިކާލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ސިޔާ ބުންޏެވެ.
މިކާލް ހިނިއައިސްފައި ސިޔާއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން ސީރިޔަސްކަން މޫނުމައްޗަށް ގެނެސްފައި ސިޔާގެ އަތުގައި ހިފާލިއެވެ.
"ސޮރީ ސިޔާ. އަހަރެންނަށް މިގުޅުން ކުރިއަށް ގެންދެވޭކަށް ނެތް" މިކާލް ބުންޏެވެ. ވަގުތުން ސިޔާއަށް މިކާލްއަށް ބަލައިލެވުނެވެ. އެފަދަ އެއްޗެއް މިކާލް ބުނެފާނެ ކަމަކަށް ސިޔާއަށް ގަބޫލެއް ނުކުރެވުނެވެ.
"އަހަރެންނަކަށް ލޯބިވެރިއެއް ބޭނުމެއްނުވޭ"
*****
ސަމީރާގެ އުނގުގައި ބޯއަޅައިގެން އޮތް ސާހިލް އަތުގައި އޮތް ފޯނު ވީޑިޔޯ ޖައްސާފައި ހުއްޓެވެ. މޭޒު ކައިރީގައި ކާން އިން ޝެލީ ފޯނުން ފެންނަން ހުއްޓެވެ. ވީޑިޔޯ ކޯލް މެދުވެރިކޮށް ދެ އެކުވެރިން ވާހަކަދައްކަމުން ދިޔައިރު ސަމީރާ ހިނިއައިސްފައި އިނެވެ.
"ސީރިޔަސްލީ ސާހިލް. އަދިވެސް ތި އިސްތަށިގަނޑުގައި ހާކަނީ އެ ބުންތަރަސް ތެޔޮ ތަ؟" ޝެލީ އަހާލިއެވެ. އެއާއެކު ސާހިލް ދެބުމަ ގޮށްޖަހާލިއެވެ.
"ޗީޑި. އެއީ އަހަރެންނަށް މީހަކު ދިން ލަނޑެއްކަން ޝެލީއަށް އެނގެއެއްނު. ވަސްބަލާބަލަ. ނުލާހިކު މީރުވަހެއް ހުންނާނީ" ސާހިލް ބުންޏެވެ. ސާހިލް ރުޅި އަރުވާލެވުމުން ޝެލީ އިނީ ހީނހީނ ބަލިވެފައެވެ.
"މަންމައަށް ހިއެއްނުވޭތަ ސްނޯބޯލް މިހާރު ވަރަށް ފެޓުހެން. އެވަރަށް ކައޭ. ޔަގީން ޗަސް ބަނޑެއްވެސް އޮންނާނެކަން. އެންމެފަހުން ވެއިޓް ނުބަލަން ތޯއްޗެ އެހުންނަނީ. އެނގޭނެ ވިއްޔާ ކައްޓާ މައްޗަށް ޝެލީ އަރައިފިއްޔާ އެއަށްވެސް ނުކުޅަދާނަވަރު ވާނެކަން" ސާހިލް ބުންޏެވެ. ޝެލީ ދެލޯ ވަށްކޮށްގެން ސާހިލްއަށް ބަލަން އިންތަން ފެނުމުން ހިނިގަނޑެއް ޖަހާލިއެވެ. ޝެލީ އާ ދިމާލަށް ފަލައޭ ބުނެފިނަމަ ދެން އެދުވަހެއްގެ ޒަމާން ދިޔައީކަން ސާހިލް ހަނދާން ހުއްޓެވެ.
"ބާއްވަނީ... ދިރާގު އެންޓަނާ" ޝެލީ އަނގަ ހަދާލާފައި ފޯނު ކުރުކޮށްލިއެވެ. ސާހިލް ހެމުންހެމުން ފޯނު މޭމަތީގައި ބޭއްވިއެވެ. ސާހިލްގެ މޫނަށް ސަމީރާ ބަލަހައްޓައިގެން އިނީ މާނަފުން ބެލުމަކުންނެވެ. އެކުވެރިއަކަށް ވުރެ ގާތް ގުޅުމެއް އެދެކުދިންގެ މެދުގައި އުފެދިދާނެހެން ސަމީރާއަށް ހީވިއެވެ. ސަމީރާގެ ހިތް އުފަލުން ފޮޅުނުކަހަލައެވެ. ހަގު ދަރިފުޅު މަރުވެގެން ދިޔަ ހިސާބުން ޝެލީ ދެން ނުފެންނާނެ ކަމަށް ސަމީރާ ހީކުރިއެވެ. އެކަމަކު އެހެނެއް ނުވިއެވެ. ތަގުދީރުގައި ސަމާސާ ބައިވެސް ބޮޑެވެ. ޝެލީ ވެގެން ދިޔައީ ދޮށީދަރިފުޅާ ވެސް ގުޅުމެއް އޮތް ކުއްޖަކަށެވެ.
"މަންމައަށް އެނގޭތަ ޝެލީ ވަރަށް ރުޅިއަންނާނެ ފަލައޭ ބުނީމަ" ސާހިލް ބުންޏެވެ.
"އެމަންޖެ ފަލަތަ؟ ކޮއްކޮ އަބަދުވެސް ދައްކާނެ ޝެލީ ރަނގަޅަށް ނުކާ ވާހަކަ" ސަމީރާ ބުންޏެވެ.
"ފަލަވިއޭ އެކޮޅުގަ ހުރިއިރު. މުޅި ކްލާހުގަވެސް އެންމެ ހިކި ކުއްޖަކަށް އިންނާނީ ޝެލީ. އެވާހަކަ ޓީޗަރުން ދައްކަން ފެށީމަ ފަލަވާ ބޭސްތަކެއް ކައިގެން ވަރަށް ފަލަވިއޭ. ދެކޯވެސް ނިކުމެފަ. ހީވަނީ ސައިބޯން ބޮތްކެއްހެން. މަންމައަށް ދައްކަންތަ ފޮޓޯ އޭރުގަ ނަގާފައި ހުރި" ސާހިލް މަޖާވެފައި ވާހަކަދެއްކިއެވެ. ފޯނު ހުޅުވާލިގޮތަށް ސާހިލް ގެލެރީ ހުޅުވާލިއެވެ. ސަމީރާއަށް އަނގަމަތީގައި އަތް އެޅުނެވެ. އެ ފޯނުން ޝެލީ ނޫން އެހެން އެއްވެސް މީހެއްގެ ފޮޓޮއެއް ނެތެވެ. ސާހިލްއަށް ސަމީރާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ސާހިލް ދެއްކި ފޮޓޯތަކަށް ބަލަމުން ދިޔަ ސަމީރާއަށް އެންމެ ބޮޑަށް ފާހަގަވީ ޝެލީގެ ކޮންމެ ވާހަކައެއް ސާހިލްގެ ދުލުން ކިޔަމުންދާއިރު ސާހިލްގެ އަޑުގައިވި ހިތްހަމަޖެހުމާ ފޯރިއެވެ.
"މަންމައަށް ހީވޭ އަދި ތިދެކުދިން އިންނާނެހެން" ސަމީރާ ބުންޏެވެ. ސަމީރާގެ އުނގުން ސާހިލްއަށް ބޯހިއްލައިލެވުނީ ކުއްލިއަކަށެވެ. މަންމަގެ ދުލުން އަޑުއިވިގެން ދިޔައީ ސާހިލްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދިން ވާހަކައަކަށެވެ. އެކަން ހަގީގަތަކަށް ވާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
"އާނ އެހެން ބުނާނެއްނު. ދެ ބުޅާ ވެސް ނުކޯޅޭނެ ވިއްޔާ ތިވަރަކަށް"
"މަންމައަށް ޔަގީންތަ އަހަރެމެން އިންނާނެކަން" ސަމީރާގެ ދެލޮލަށް ސާހިލް ބަލައިލީ އުންމީދުން ފުރިގެންވީ ލޮލަކުންނެވެ.
*****
ހަވީރުގެ ވަގުތެވެ. މާއިޒްއާއެކު ސާހިލް ރަށުތެރޭގައި ސައިކަލް ދުއްވާލަން ނުކުމެ އުޅުނު ވަގުތެވެ. އަތިރި މައްޗަށް ނިކުމެވޭ ހިސާބު ކަންމަތީގައި މަޑުކޮށްލައިގެން އާޝިގާއާއި ޝިދުނާގެ އިތުރުން އީމާ ހުއްޓެވެ. ތިން އެކުވެރިންގެ ނަޒަރު ސީދާވެފައިވަނީ ވޮލީ ކޯޓަށެވެ. ކުއްލިއަކަށް އީމާ ސިހުނީ ފަހަތުން އައިސް ދާދި ކައިރީގައި ސައިކަލެއް މަޑުކޮށްލުމުންނެވެ. ހަޅޭއްލަވައިގަނެފައި އާޝިގާއާއި ޝިދުނާ ދުރަށް ޖެހުނެވެ. އީމާއަށް ދުރަށް ނުދެވުނީ ސައިކަލު މަތީގައި އިން މާއިޒް އީމާގެ އަތުގައި ހިފެހެއްޓުމުންނެވެ.
"ޝިގާ، އޭތް މަ ގޮވައިގެންދޭ" ދުރުގައި ތިބި އެކުވެރިންނަށް އީމާ ގޮވާލިއެވެ. އެކަމަކު އީމާއާ މެދު ވިސްނާ ދެ އެކުވެރިން އީމާގެ ކިބައިން މައާފަށް އެދިފައި ދުރަށް ހިނގައިގަތެވެ.
"އީމް ކީއްވެތަ އަހަރެން ދެކެ ތިހާ ބިރުގަންނަނީ؟" މާއިޒް އެހިއެވެ. މާއިޒްއަށް ފުރަގަހަށް އެނބުރިގެން ހުރި އީމާއަށް ފަހަތަށް ބަލައިލަންވެސް ނުކެރުނެވެ. މާއިޒްގެ ސައިކަލް ފަހަތުގައި ސާހިލް އިނުމުން އީމާ މާބޮޑަށް ލަދުގަތެވެ.
"އަހަރެން އަތުން ދޫކޮށްލާ. މީހުން އެބަ ބަލާ" އީމާ ބުންޏެވެ. އެގޮތަށް މާއިޒް އީމާގެ އަތުގައި ހިފަހައްޓައިގެން ހުރުމުން އީމާ ހުރީ ލަދުގަނެފައެވެ.
"ދޫކޮށްލާނަން. ބުނޭ މިރޭ އަހަރެންނާ ބައްދަލުކުރާނަންތަ؟" މާއިޒް ބުންޏެވެ. އެންމެފަހުން އީމާ އެއްބަސްވީ އެހެން ގޮތެއް ނެތިގެންނެވެ.
"އެންމެ ރަނގަޅު. އެގޭ ޖޯލިފަތީގަ އަހަރެން މިރޭ ނުވައެއްޖަހާއިރު އީމްއަށް އިންތިޒާރުކުރާނަން" އީމާގެ އަތުން ދޫކޮށްލަމުން މާއިޒް ބުންޏެވެ. ދުމެއްޖަހާފައި އީމާ ގޮސް މަޑުޖެހުނީ އާޝިގާއާއި ޝިދުނާ ކައިރީގައެވެ.
"ތިއީ ކޮންކަހަލަ އެކުވެރިންނެއް. އަހަރެން ހަމަ އެ ފިރިހެނާ ކައިރިއަށް ދޫކޮށްލާފަ އައިއްސިއެއްނު" އަޑަށް ހިތްހަމަނުޖެހުން ގެނުވަމުން އީމާ ވާހަކަދެއްކިއެވެ.
"ހެވެއްނު. އީމްއަށް ރީތި ބިޓެއް ވިއްޔާ ލިބެން އެ އުޅެނީ" ޝިދުނާ ބުންޏެވެ. އޭރުވެސް ޝިދުނާގެ ކަޅި އަމާޒުވެފައި ހުރީ އެ ތަންކޮޅެއް ދުރުގައި ސައިކަލް މަތީގައި އިން ސާހިލްއަށެވެ.
"އޯ ހެލޯ. އަހަރެންގެ ބިޓެއް ނެތް އަދި" އީމާ ބުންޏެވެ.
"އީމް ކީއްވެތަ މާއިޒްއާ ރައްޓެހިނުވާން ތިއުޅެނީ. އޭނަ ކިހާ ރަނގަޅު. އީމް ތިހާ ފިލައިގެން އުޅޭއިރުވެސް އީމްގެ ފަހަތުން ދުވާނީ ގައިމު ހިތުގައި އިހުސާސެއް އޮތީމައެއްނު" އާޝިގާ ބުންޏެވެ. ބޭނުމަކަށްވީ އީމާގެ ވިސްނުން ބަދަލުކުރުމެވެ.
"އަހަރެން ބޭނުމެއް ނޫން މީހަކާ ރައްޓެހިވެގެން އިންނާކަށް" އީމާ ބުންޏެވެ.
"ކީއްވެ؟ ކޮންމެ މީހަކުވެސް ކޮންމެސް އެއްދުވަހަކުން މީހަކާ އިންނަންޖެހޭނެ ކަންނޭނގެ" އާޝިގާ ބުންޏެވެ.
"އެއީ އަހަރެންނަށް މަންމަ ދޫކޮށްލާފަ ފިރިއެއްގެ ޒިންމާ ނެގެން ނެތީ. އަހަރެންގެ ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންވަނީ އަހަރެންގެ ބަލި މަންމައަށް" އީމާ ބުންޏެވެ. އީމާގެ އަޑުގައި ރިހުމެއްގެ އަސަރުވިއެވެ. އެވަގުތު އާޝިގާއާއި ޝިދުނާ އެކަކު އަނެކަކަށް ބަލައިލިއެވެ.
"އީމްއަށް އީމްގެ ލޯބި ލިބޭނެ. ޝިގާއަށްވެސް ރަނގަޅު މީހަކު އަދި ލިބޭނެ. ދެން ތިމީހުން ދުއާކޮށްބަލަ މަށަށް މަގޭ ސާހިލް ލިބޭތޯ" ޝިދުނާ ބުންޏެވެ. އެވަގުތު އީމާއާއި އާޝިގާއަށް އެއްފަހަރާ ހެވުނެވެ.
*****
އެނދުގައި ނިދަން އަރައި އޮތް ސިޔާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ހިނދުކޮޅެއްގެ ތެރޭގައި ހިތުގައި އުފެދިފައިވި އެކަނިވެރިކަން ފިލައިފިއެވެ. އުފާވެރިކަން ސިޔާގެ ވަށާލައިފިއެވެ. މީހެއްގެ އަންބަކަށް ވާން އުޅޭކަމުގެ އިހުސާސް ކުރުވައިފިއެވެ. ލަދުވެސްގަތެވެ. އެހެންވިޔަސް އެއީ ހަގީގަތެވެ. ގުޅުން ކުރިއަށް ގެންދަން ބޭނުންނުވާ ވާހަކަ ބުނުމުން ސިޔާގެ އުންމީދުތަކުގައި ދެވަނަ ފަހަރަށް މިކާލް ކޮޅުފައިން ޖެހިހެން ހީވިއެވެ. މިކާލް ބޭނުންވީ އެ ދެމެދުގައި އޮތް ލޯބިވެރިންގެ ގުޅުން ނިމުމަކަށް ގެންނާށެވެ. ސިޔާގެ ކިބައިން ކައިވެންޏަށް މިކާލް އެދުނީ އުރާލާފައެވެ. ލަދުން ހުރި ވަރުން ސިޔާއަށް ވަށައިގެން ހޯދުނެވެ. ގިނަ މީހުންގެ ލޮލުގައި އެ މަންޒަރު އަޅައިނުގަތަސް މަދު މީހަކަށް އެތަން ފެނުނެވެ. ސިޔާ މިކާލަށް އާބަސްދިނެވެ. އެހެންނަމަވެސް ދެ އާއިލާ މެދުގައި ޒަހަރުގެ ވާފަށެއް ލެވިފައިވާކަން ދެކުދިންގެ ހަނދާނުގައިވެސް ހުއްޓެވެ.
"އިންޝާﷲ. މާދަމާ ބައްޕަ އާ ވާހަކަދައްކާނަން" އަމިއްލަ ނަފުސަށް ސިޔާ ބުނެލިއެވެ. ދެން ލަދުން މޫނުމަތީގައި ބާލީސް އެޅިއެވެ.
*****
ހެނދުނު ސައި ކުރިއަށްދިޔަ ވަގުތު މިކާލްގެ ތުންފަތުގައިވި ހިނިތުންވުން ޝެލީއަށް ސިއްރެއް ނުވިއެވެ. ސިޔާއާއި ދެކުދިންގެ ގުޅުން ރަނގަޅުވެލައިފިކަން ޝެލީއަށް އެނގުނެވެ. އެހެންކަމުން ކައިރީގައި އިން މިކާލްގެ ކޮނޑުގައި ޝެލީ ކޮނޑުން ޖެހިގަތެވެ.
"މަންމާ، މިކީ މެރީކުރަންވީ އޯ" ޝެލީ ބުންޏެވެ. މިކާލް ކޮށިއަރައިގެން ކެއްސަން ފެށީ އެވަގުތުއެވެ. އަލްމާޝްއާއި ނިމާން އެކަކު އަނެކަކަށް ބަލާލައިފައި ލޯބިން ފުރިގެންވީ ބެލުމަކުން މިކާލްއަށް ބަލައިލިއެވެ.
"ބާޓް...؟" މިކާލް ބަލައިލީ ފަޒްނާގެ އަޑު އިވިފައެވެ. އެހިނދު ޝެލީ އަމިއްލަ ބޮލުގައި ޖަހައިލިއެވެ.
"ބާޓްއެއް ނޫނޭ މާމާ.... ވަޓް އޭ ބުނާނީ" ފަޒްނާގެ ކުށް ޝެލީ ރަނގަޅުކޮށްދިނެވެ.
"ކޮންމެ އެއްޗަކަސް މިކީ އެވަރުގެ ކަމެއް ކުރިއިރު ބެސްޓީއަކަށް ނުވެސް އިނގޭ" ފަޒްނާ ބުންޏެވެ.
"ތިއީ އަޅުގަނޑުގެ ބެސްޓީއެއްނު. މާމަ ކޮޅު ބަދަލުކޮށްފީމެއްނު. ހަނދާންނުވޭތަ؟ ޝެލީ ބުންޏެވެ. ފަޒްނާ ދޫ ނެރެލަމުން ލޯކުޑަކޮށްލާފައި ކުރިމަތީގައި އިން މިކާލްއަށް ބަލައިލިއެވެ.
"މާމަ ބިޓްރޭ ވީ. އޯކޭ ދެން. މީގެފަހުން މާމަ ތިއީ އަޅުގަނޑުގެ ބެސްޓީއެއް ނޫން" މިކާލް ބުންޏެވެ. އެވަގުތު ފަޒްނާ ދެކަންފަތުގެ ކުޑަ ފޫޅުގައި ހިފާފައި މާއާފަށް އެދުނެވެ.
"ސިޔާ މިގެއަށް ގެންނަންވީނުން މަންމަ ބައްދަލުކޮށްލަން" އަލްމާޝް ބުންޏެވެ. މިކާލް ހިނިތުންވެލާފައި ބޯޖަހާލިއެވެ.
(ނުނިމޭ)