ތެއްތިރީސްވަނަ ބައި
އުނގަނޑާ ހަމައަށް އަރާ ވަރުގެ ވަށާފާރުގެ މެދުތެރޭގައި ހުރި ދޮރާށި ހުޅުވާލާފައި ސަމީރާގެ އާއިލާ ވަނެވެ. ވަކި ހިސާބަކަށް ގޮސްފައި ސާހިލް ފަހަތް ބަލައިލިއެވެ. މީހަކު ބަލަން ހުރިހެން ހީވިއެވެ. އަވި އައިނު ތިރިކޮށްލާފައި ބަލައިލި އިރު ރަނގަޅަށްވެސް މީހަކު ބަލަން ހުއްޓެވެ. ދަންނަ މޫނަކާ ވައްތަރު ވިޔަސް އެއީ ކާކު ކަމެއް ސާހިލްއަށް ނޭނގުނެވެ. އެމީހަކު ސާހިލްއަށް ހިނިތުންވުމެއް ދިނެވެ. ބަދަލުގައި ސާހިލް ވެސް ހިނިތުންވުމެއް ދިނެވެ. ސާހިލްގެ އެ ހިނިތުންވުން ފެނި ޝިދުނާ ލަދުވެތިކަމާއެކު އިސްޖަހާލިއެވެ.
"އެއީތަ އެ މަންޖެއަކީ" ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އިށީންނަމުން ސަމީރާ އެހިއެވެ. ސަމީރާ އިޝާރާތްކުރީ އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އެތެރެއަށް ވަދެގެން ދިޔަ އާޝިގާއަށެވެ.
"އާނ. ދެރަވެސްވޭ އަބަދު އެއްޗެހި ގޮވޭތީ. އެކަމަކު އެކުރީކީ ރަނގަޅުކަމެއް ނޫނެއްނު. މިރަށު މީހުން އަދިވެސް ހާދަ އެއްޗިއްސެއް ކިޔައޭ"
ފަނާއި ޓިނު ބޭނުންކޮށްގެން ގެއާ ތަންކޮޅެއް ދުރުގައި ހަދާފައި ހުރި ބަދިގެއިން ދެ ޖޫސްތަށި ހިފައިގެން އައި ރާޝިދާ ވާހަކަދެއްކިއެވެ.
"މީނދަ ސޮރުވެސް ހާދަ ބަސްމަދޭ ދޯ" ސާހިލްއަށް ބަލައިލަމުން ރާޝިދާ ބުންޏެވެ. "އަދިވެސް ހަނދާން އެބަހުރި މިސޮރު ކުޑައިރުގަ ޖަމާލްބެ މިސޮރު ގޮވައިގެން އައިސް ދައްތަ އަތަށް ދިން ހަނދާން"
އެދުވަސްތައް ސަމީރާގެ ލޯ ކުރިމަތީގައި ތަމްސީލު ވެލިއެވެ. ސާހިލް ސަމީރާގެ އަތަށް އެރި ގޮތެވެ. އެހާ ތުއްތު އިރުގައި މައިމީހާ ދަރިއަކު ދުރުކޮށްލުމުން އެކަމުގެ ހިތާމަ ސަމީރާ ކުރިއެވެ. ސާހިލްއަށް އޯގާތެރިވާން ސަމީރާ ނިންމީ އެކުއްޖާއަށް ހިތުގައި އުފަންވެގެން ދިޔަ އަޖައިބެއް ކަހަލަ ލޯތްބެއްގެ ސަބަބުންނެވެ.
"މަދުން ނަމަވެސް އަދިވެސް އެކަހަލަ އަންހެނުން އުޅޭ. މިހާރު ކޮބާތަ އެ އަންހެން މީހާ. އެސޮރު ނޫޅޭތަ އުފަން މަންމަ ދެކިލާހިތަކުންނެއް" ރާޝިދާ އެހިއެވެ.
"ދުނިޔޭގައި ހުރި ކަމެއްވެސް ނެތް ކަމެއްވެސް ނޭނގޭ. ސާހިލް އެމީހުންނާ މެދު މާބޮޑުކޮށް ނުވިސްނާ. އެސޮރު ދަރިއަކަށް ހެދީ އަހަރެން. ފަހު ނޭވާ މިހަށިން ދޫވަންދެން އެދަރި ދޫކޮށެއްނުލާނަން. އަހަރެން މިހާރު ހުރި ހުރިހާވެސް އެއްޗަކީ އެއީ" އެމީހުންނާ ތަންކޮޅެއް ދުރުގައި ފޯނު ކަންފަތުގައި ޖަހައިގެން ހުރި ސާހިލްއަށް ބަލަހައްޓައިގެން އިނދެ ސަމީރާ ބުންޏެވެ.
**********
ކޮޓަރިން ނުކުމެފައިވެސް އިކާން އަލުން ކޮޓަރިއަށް ވަނެވެ. ލަކްޔަން ކާ މޭޒު ކައިރީގައި އިންދައި އެތަނަށް ދާން އިކާނަށް ނުކެރުނެވެ. އެހެންކަމުން އަލުން ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އެނދުގައި އިށީނދެފައި ބަނޑުގައި އަތްހާކާލީ ބަނޑުހައިވެފައި އިން ވަރުންނެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު ނަގާފައި ބަލައިލިއެވެ. އަރާފައި އިން ނަންބަރު ފެނުމާއެކު އިކާންގެ މޫނުމަތިން ފެނުނީ އިންތިހާދަރަޖައިގެ ފޫހިކަމެވެ. ކޯލު މިސްވެފައި ދެވަނަ ފަހަރަށް ގުޅަން ފެށުމުން އެންމެފަހުން އިކާނު ފޯނު ނެގިއެވެ.
"ކިހާ ދެރަކަމެއްތަ؟ އަހަރެން ފޯނު ނުނަގަނީ ނަގަން ބޭނުންވެގެން ނޫންކަމެއް ނޭނގޭތަ؟" އިކާން ހަޅޭއްލަވައިގަތެވެ. އެކޮޅުން ވާހަކަނުދެއްކިއެއް ކަމަކު މަޑުމަޑު ގިސްލުމެއްގެ އަޑު އިވިއިވި ހުއްޓެވެ.
"ދެން ހަމަ އެއްޗެއް ބުނާއިރަށް ރޯން ފަށާނެ. ކޯނޗެއް ކަލޭ ބޭނުންވަނީ" އިކާން އެހިއެވެ.
"ވަގުތު" އެކޮޅުން ޖަވާބު އައިލެއް އަވަހެވެ.
"އަހަރެން ކުރިންވެސް ބުނީމެއްނު އަދި އަހަރެން މިނިވަނެއް ނުވެއޭ" އިކާން ބުންޏެވެ.
"މިނިވަންވެއްޖެ. އަހަރެންގެ ހައްގު ހޯދަން ކޯޓަށް ދާންވީތަ؟"
އަނގައިން ލޭ ރަހަ ލާ ވަރަށް އިކާނަށް ދަތްކުނޑި ވިކާލެވުނެވެ. އެތެރެހަށީގެ ލޭ ކެކިގަތެވެ. އެންމެ އަވަހަށް އެނދުމަތިން އަތުގައި ޖެހުނު ކުޝަން އަތަށް ބޮނޑިކޮށްލި ގޮތަށް ދުރަށް ހޫރާލިއެވެ. ހީވީ ކުރިމަތީގައި އެމީހަކު ހުރިނަމަ ކަންތައް ކުރާނީ ހަމަ އެގޮތަށް ހެންނެވެ. ފުން ނޭވާތަކެއް ލަމުން އެނދުން ތެދުވިގޮތަށް ދެކޮޅަށް ހިނގަން ފެށިއެވެ. 'ކޯޓު' އެ ލަފްޒު އިވުމާއެކު ދެވަނަ ވިސްނުމަކަށް ދާން އިކާނަށް މަޖުބޫރު ވެއްޖެއެވެ.
********
އަލަމާރި ހުޅުވާލާފައި ނެގި ކުޑަ މާޖެހި ފޮށިގަނޑަށް ސާޖިދުގެ ހުރިހާ ހަނދާންތަކެއް އަޅަމުން ޝެލީ ދިޔައެވެ. އެކި ދުވަސްތަކުގައި އެކިއެކި މުނާސަބުތަކާ ގުޅިގެން ދީފައިވާ ކާޑުތަކާ އެކިކަހަލަ ކުދިބޮޑު ހަދިޔާތަކެވެ. ކޮންމެ އެއްޗެއް ފޮށިގަނޑުގެ ތެރެއަށް ލުމުގެ ކުރިން އެ އެއްޗެއްގައި ޝެލީ ބޮސްދެއެވެ. މޭގައި ޖައްސާލައިގެން ލޯ މަރާލައިގެން އިނދެއެވެ. އެންމެފަހު އެއްޗަކަށް ޝެލީ ނެގީ ގެންގުޅޭ ފޯނެވެ. އޭގައި ސާޖިދާ އެކުގައި ނަގާފައިވާ ބާރަ ހާހަށް ވުރެ ގިނަ ފޮޓޯ އެބަހުއްޓެވެ. އެއިން އެންމެ ފޮޓޯއެއްވެސް ޑިލީޓްކުރަން ޝެލީ ބޭނުމެއްނުވިއެވެ. ބޭނުންވީ ފޯނު ނިވާލާފައި މުޅި އުމުރަށް ފޮރުވާށެވެ. ޗާޖަރާއެކު ފޯނު ފޮށިގަނޑަށް ލައި ތަޅުލާފައި ގެންގޮސް އަލަމާރީގައި ބެހެއްޓިއެވެ.
ކޮޓަރިން ނުކުތް ގޮތަށް ޝެލީ މިސްރާބުޖެހީ އީމާ ގެ ކޮޓަރި އާ ދިމާލަށެވެ. އެމަންޒަރު ވަޒީފާ ނިންމާފައި ގޭތެރެއަށް ވަދެގެން އައި ނިމާނަށް ފެނުމާއެކު ޝެލީގެ ފަހަތުން ދިޔައެވެ. އަބަދު ކޮޓަރީގައި އޮންނަން އާދަވެފައިވާ ކުއްޖާ ކުއްލިއަކަށް ބޭރުން ފެނުމުން ނިމާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފަހަތުން ނިމާން ދިޔައީ ޝެލީ ކުރާ ކަމެއް ބަލާށެވެ.
ލޯގަނޑު ކުރިމަތީގައި އިސްތަށިގަނޑު ހިއްކަން ހުރި އީމާއަށް ހައިރާންކަމެއް ލިބުނީ ވަދެގެން އައި ޝެލީ ފެނިފައެވެ. އީމާ ހިނިތުންވެލިއެވެ. ތުވާލި ހަރުގައި އަޅުވާފައި އީމާ އަވަސްވެގަތީ ޝެލީ ކައިރިއަށް ދިޔުމަށެވެ.
"ބިޒީތަ؟" އީމާ ބަލަހައްޓައިގެން ހުރުމުން ޝެލީ އެހިއެވެ.
"އަނެއްހެން ބިޒީއެއް ނޫން. ރަށަށް ފުރުމުގެ ކަންތައްތަކުގަ މިއުޅެނީ. އެހެންވެ ކުޑަ ޝޮޕިންއެއްކުރަން ނުކުމެލަން ކަމަށް" އީމާ ބުންޏެވެ.
"އަހަރެންވެސް އެއްޗެއް ގަންނަން އެބައޮތް. ދަންތަ ރެޑީވާން" ޝެލީ އެހިއެވެ. އިމާއަށް ގަބޫލެއް ނުކުރެވުނެވެ. ކުއްލިއަކަށް ޝެލީ އެހާ އާދައިގެ ގޮތަކަށް ވާހަކަދެއްކުމުން އީމާއަށް ހުރެވުނީ ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ޝެލީއަށް ބަލަހައްޓައިގެންނެވެ.
"ޝެލީ. އޯލް ވެލް؟" އީމާ އެހިއެވެ. ޝެލީ ބޯޖަހާލިއެވެ.
"މިއަންނަނީ އިނގޭ ރެޑީވެގެން"
ހިނިތުންވުމެއްގައި ހުރެ ކޮޓަރިއަށް ނިމާން ވަންއިރު އަލްމާޝް އިނީ މުސައްލަ މަތީގައެވެ. ލެޕްޓޮޕް އެނދުމަތީގައި ބަހައްޓާފައި ނިމާން މަޑުކޮށްލައިގެން ހުރީ އަލްމާޝް ނަމާދުކޮށް ނިމެންދެކަށެވެ.
"އެއްޗެއް ބޭނުންވީތަ؟" ނަމާދުކޮށް ނިމި މުސައްލަ އޮޅާލަމުން އަލްމާޝް އެހިއެވެ.
"ޝޮޕިންއަކަށް ދާންވީއޯ. އެއްޗެއް ގަންނަން ބޭނުންވެޔޯ" ނިމާން ބުންޏެވެ.
"އަހަރެން.... ކޮން... ކޮންއިރަކު؟"
"ސާބަހޭ. ޝޯނާއެއް ނޫނޭ. ޝެލީ" ނިމާން ބުންޏެވެ.
"ވަޓް؟ ސީރިޔަސްކޮށްތަ؟ ބުނީތަ މާން ކައިރީގަ" އަލްމާޝް އެހިއެވެ. ދުވަސްތަކަކަށްފަހު ޝެލީގެ ފަރާތުން އާދައިގެ ދިރިއުޅުމަކަށް ދާން އުޅޭކަމުގެ ކުލަވަރުތަކެއް ފެނުމުން ހަގީގަތުގައިވެސް އަލްމާޝް ހިތްހަމަޖެހުނެވެ.
"އީމާ އާ އެކު ދާން އެވާހަކަ ދައްކަނިކޮށް އަހަރެން އަޑުއެހީ. ބަލާބެލުމަށް ވަރަށް ހަމަޖެހިފަ ހުރީ" ނިމާން ބުންޏެވެ.
ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުނީވެސް އެވަގުތުގައެވެ. ދޮރުހުޅުވަން ހިނގައިގަތީ އަލްމާޝެވެ. ނިމާން އެނދުގައި އިށީނދެގެން އިންއިރު ކޮޓަރިއަށް އައި މީހަކީ ޝެލީ ކަން އެނގެއެވެ. ބޭރަށް ދިޔުމުގެ ހުއްދައަކަށް އެދެން ޝެލީ އަންނާނެކަން މާކުރިންވެސް ނިމާނަށް އެނގެއެވެ.
"ދަރިފުޅު. ކަމަކުތަ؟" ދޮރުމަތީގައި ހުރި ޝެލީ ފެނުމުން އަލްމާޝް އެހިއެވެ.
"އަޅުގަނޑު އެތެރެއަށް ވަންނަންތަ؟" ޝެލީ އެހިއެވެ.
ބޮޑަށް ދޮރު ހުޅުވާލުމާއެކު ޝެލީ އެތެރެއަށް ވަނެވެ. ޝެލީގެ ފުރިހަމަ އިސްކޮޅަށް އަލްމާޝްއަށް ނަޒަރު ހިންގާލެވުނީ ދެނެވެ.
ލައިގެން ހުރި ހުދުކުލައިގެ ހެދުން ހުރީ ކަކުލުން ތިރިއަށެވެ. ނޫކުލައިގެ ޖީންސުގައި ހުރިއިރު އަޅައިގެން ހުރީ ފިނިފެންމާ ކުލައިގެ ޝޯލްއެކެވެ. ކޮށްފައިވާ ލުއިލުއި މޭކަޕާއެކު ތުންފަތުގައިވި ފަނޑު ހިނިތުންވުން ޝެލީގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ތަފާތަކީ ކުރިއަށް ވުރެ ޝެލީގެ ހަށިގަނޑު ހިކިފައި ހުރުމެވެ.
"ތަނަކަށް ދަނީތަ؟" އަލްމާޝް އައިސް ހިފީ ޝެލީގެ އަތުގައެވެ.
"އީމް އާ އެކު ބޭރަށް ނުކުމެލަން ކަމަށް. ފޯނެއް ގަންނަން. ގެއަށް އަންނާނީ ސިމެއްވެސް ނަގައިގެން" ޝެލީ ބުންޏެވެ.
"ފޯނަށް ކިހިނެއްވީ. ހަލާކުވީތަ؟ ބައްޕަ ގެނެސްދެންތަ އާ ފޯނެއް ގަނެގެން" ނިމާން އެހިއެވެ.
"އަޅުގަނޑު ގަނެލާނަން. ބައްޕަ މަޑުކޮށްލާ" ޝެލީ ބުންޏެވެ. އެވަގުތު އަލްމާޝް ނިމާނަށް ބަލާލާފައި އިޝާރާތުން ވާހަކައެއް ބުނެލިއެވެ. އެހިނދު ނިމާން ޝެލީއަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
"ބައްޕަ ދެންތަ ލާރި" ނިމާން އެހިއެވެ.
"ލާރި އެބަހުރި އަޅުގަނޑު އަތުގަ" ޝެލީ ބުންޏެވެ.
"އޯކޭ ދޭ. ދެކުދިން ބަލައިގެން އުޅެންވާނީ. ކަމެއް ބޭނުމިއްޔާ މަންމައަށް ނޫނީ ބައްޕައަށް ގުޅާލާ އިނގޭ" ޝެލީގެ ބޮލުގައި ފިރުމާލާފައި އަލްމާޝް ބުންޏެވެ.
"
އަދި ނުބުނަމެއްނު ފޯނަށް ވީ ކިހިނެއްކަމެއް. އެއީވެސް ދަރިފުޅު ވަރަށް ފަހުން ގަތް ފޯނެއްނު" އަލްމާޝް ބުންޏެވެ.
"އެ ފޯނު ފޮރުވައިފިން. އެއީ ޖޭޑީގެ ހަނދާނެއް. އެ ހުރިހާ ހަނދާންތަކެއް އަޅުގަނޑު ހިތު ތެރޭގައި ވަޅުލައިފިން. އެހަނދާންތަކާއެކު ދިރިއުޅޭހާ ހިނދެއްގައި އަޅުގަނޑަށް އުޖާލާ މުސްތަގުބަލެއް ނުފެންނާނެ. އަޅުގަނޑު މަރުވާކަށް ބޭނުމެއްނޫން. ދިރިހުރީތީ ދިރިއުޅެންޖެހެއޭ ކިޔާފައި ދިރިއުޅޭކަށްވެސް ބޭނުމެއްނޫން. ބޭނުމީ އާދައިގެ ދިރިއުޅުމެއް. އަޅުގަނޑުގެ ހަޔާތުގައި ފަހަތަށް ގޮސްފައިވާ ކަންތައްތަކަށް ބަލާލައިފިނަމަ ފެންނަން އޮތީ ހިތްހަލާކުވާ ކަހަލަ ކަންތައްތައް. އެހެންވެ ފަހަތަށް ދާ ކަންތައް އަޅުގަނޑުގެ މުސްތަގުބަލުގެ ލޯގަނޑަށް ހިޔަނި އެޅެން ބޭނުން ނުވަނީ. މަންމާ، އަނެއްކާވެސް މިދުނިޔެއަށް އާ ޝެލީއެއް އުފަންވެއްޖެ. މިފަހަރު އައީ ކުރިއަށް ވުރެ ވެސް ހިތްވަރުގަދަ ޝެލީއެއް. އަޅުގަނޑަށް އެހާ ހިތްދަތި ދުވަސްތަކެއް އެކަލާނގެ މެދުވެރި ކުރެއްވީ ޔަގީނުންވެސް ކުރިއަށް ވަރަށް އުފާވެރި ދުވަސްތަކެއް އޮތީމަ. އެދުވަސްތައް ހޯދަން މި މަސައްކަތް ކުރަނީ. މި ހިތްވަރުގަ އަޅުގަނޑު ހުންނާނަން އަޅުގަނޑުގެ އާއިލާގެ ލޯތްބާ އަޅާލުމާއި އޯގާތެރިކަމާއި އެހީތެރިކަން ލިބޭހާ ހިނދެއްގައި" ޝެލީ ވާހަކަދެއްކިއެވެ.
ޝެލީގެ ދެލޮލުގައިވި ރިހުން ފެނި އަލްމާޝް ހިތަށް އަސަރުކުރިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ދުވަހަކުވެސް އެފަދަ ހިތާމައެއް ބަރުދާސްތު ކުރަން ޖެހިދާނެ ކަމަކަށް އަލްމާޝް ހިތަށް ނިޔަތަށްވެސް އަރާފައެއް ނުވެއެވެ. އެހެންނަމަވެސް ހުރިހާ ކަމަކީވެސް ތަގުދީރުގައި ރޭވިފައިވާ ކަންކަމެވެ. އެކަލާނގެ އީ މުޅި ކައުނުގައިވާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ރަސްވަންތަ އިލާހެވެ. ގިޔާމަތްދުވަހުގެ ވެރި އިލާހެވެ.
ޔަގީނުންވެސް އެދުވަސްތަކަކީ ޝެލީއަށް އުނދަގޫ ދުވަސްތަކެކެވެ. ކުރަމުން ފޮނި އުންމީދުތައް ވިއްސި ވިހާލިވެގެން ގޮސްފައިވަނީ ހީވެސްނުކުރާހާ ހިތްދަތި ގޮތަކަށެވެ. އެހެންނަމަވެސް އެހުރިހާކަމެއް ހަނދާން ނައްތާލާފައި ޝެލީ ކުރި ހިތްވަރު ފެނިފައި މައިންބަފައިންގެ ހައިސިއްޔަތުން ނިމާނާއި އަލްމާޝް އުފާކުރިއެވެ. އަބަދުވެސް ޝެލީގެ ހިތްވަރަކަށް ވެގެން ކައިރީގައި ހުންނާނެ ކަމުގައި ބުންޏެވެ. ޝެލީގެ ބަދަލުގައި މިފަހަރު ކަރުނަ ހިލުވާލީ އަލްމާޝް އާއި ނިމާންގެ ދެލޮލުންނެވެ.
********
ވަޒީފާއެއް ނެތި ގޭގައި ހުންނަން ޖެހުމުން ގިނަވަގުތު ސިޔާ ހޭދަކުރަނީ ބަދިގެ ތެރޭގައެވެ. ކައްކާ ފޮތެއްގެ އެހީގައި ތަފާތު އެތައް ކާނާއެއް ތައްޔާރުކުރަން ދަސްކުރަމުން ސިޔާ ދިޔައެވެ. ދޭތެރެއަކުން މިކާލް މަތިން ހަނދާންވެފައި ދެލޮލުން ކަރުނަ ހިލުވާލައެވެ. ކިތަންމެ ފަހަރަކު މިކާލްގެ އަޑު އަހާލާހިތުން ގުޅާލަންވީއޭ ހިތަށް އަރައެވެ. ފަސްޖެހެނީ ފަހަކަށް އައިސް މިކާލްގެވެސް ހަބަރެއް ނުވާތީއެވެ. ފޯނުގައި އިން މިކާލްގެ ހަމައެކަނި ފޮޓޯއަށް ބަލައިގެން ސިޔާ ހިތްހަޖައްސާލައެވެ. ތަގުދީރުގައި ގުޅެން ހުރި ދެމީހެއް ވިއްޔާ ޔަގީނުންވެސް ގުޅޭނެއެވެ. އެއަކަށް އެއްވެސް އިންސާނަކަށް ބާރެއް ނުފޯރުވޭނެއެވެ.
އާދައިގެ މަތިން މެންދުރު ނަމާދުން ފައިބައިގެން އާއިލާގެ އެހެން މެންބަރުންނާއެކު ސިޔާ މެންދުރުގެ ކެއުމުގައި ބައިވެރިވިއެވެ. މޭޒު ކައިރީގައި ދެކެވުނު ވާހަކައިގެ ތެރެއިން އިކާން ގަދައަށް ހުންއައިސްފައި އޮތް ވާހަކަ ޝިއުރާ ބުނުމާއެކު ލަކްޔަންއަށާއި ސިޔާއަށް ސިހުމެއް ލިބުނެވެ. ވަގުތުން އެކޮޓަރިއަށް ދާން ހިތަށް އެރިއެވެ. އެހެންނަމަވެސް ބަހެއްނުކިޔައި މަޑުކުރިއެވެ.
"ދައްތަ ދާންވީނުން އޭނަ ގޮވައިގެން ޑޮކްޓަރަށް ދައްކާލަން" އެންމެފަހުން ލަކްޔަން ބުންޏެވެ. ލަކްޔަންގެ އެ ޖުމްލައާއެކު ޝިއުރާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ލޭގެ ގުޅުމަކީ އެހާ މީހަކު ހަމަ ބުނެލާއިރަށް ކެނޑިގެން ދާނެ ގުޅުމެއް ނޫނެވެ.
"ދާންވީ. މިއަދު އަދި ރަނގަޅަށް ކާއެއްޗެއް ނުކައި. ފާޑަކަށް އިންނަނީ. ކޮއްކޯ. އަހަރެމެން އެންމެންގެ އެހީތެރިކަން ލިބިގެން ނޫނީ އެކުއްޖާ ރަނގަޅު ހަރުދަނާ މީހެއްގެ ގޮތުގައި މުޖުތަމައަކަށް ނުނެރެވޭނެ" ލަކްޔަންގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ޝިއުރާ ވާހަކަދެއްކިއެވެ.
އެންމެން ކައިގެން ކޮޓަރިއަށް ވަނުމާއެކު ސިޔާ މިސްރާބުޖެހީ ބަދިގެއަށެވެ. އައިސްއަލަމާރި ހުޅުވާލި ގޮތަށް ސޫޕެއް ތައްޔާރުކުރާނެ ތަރުކާރީ ނަގައިގެން އައިސް މޭޒުކައިރީގައި އިށީނެވެ. ފަރިތަކަމާއެކު ފަހަރަކު ތަރުކާރީއެއް ކޮށާލާފައި ދޮވެލާފައި އުނދުން ކައިރީގައި ހުއްޓުނެވެ. ހުމުގެ ސަބަބުން އިކާނަށް ނުކެވޭ ވާހަކަ ބުނުމުން ސިޔާ ބޭނުންވީ ތަރުކާރީ ސޫޕެއް ތައްޔާރުކޮށްގެން އިކާނަށް ދޭށެވެ. އެއް ގޭތެރޭގައި އުޅޭއިރު ސިޔާ އެއްގޮތަކަށްވެސް އިކާނާ ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ބަލިކަން އެނގުމުން އެއްބަނޑު އެއްބަފާ ބޭބެއަށް ވީތީ އަޅާލުން ދޭން ހިތް އެއްބަސްވިއެވެ.
ފޯނެއްގައި އޮތް އިކާނަށް ހައިރާންކަމެއް ލިބުނީ ކޮޓަރި ހުޅުވާލާފައި އެތެރެއަށް ވަން ސިޔާ ފެނިފައެވެ. ހިފައިގެން ހުރި ތަބަށް މަތީގައި ހުރި އެއްޗަކުން އާވި އަރަމުން ދިޔަތަން އިކާނަށް ފެނުނެވެ. ސިޔާ އިކާނަށް ސަމާލުކަމެއް ނުދެއެވެ. އެތެރެއަށް ވަދެގެން ގޮސް އަރިމަތީ ކަބަޑުމަތީގައި ސޫޕްތަށި ބެހެއްޓިއެވެ. އަނެއް އަތުގައި އޮތް ތާމޯމީޓަރު ނަގާފައި އިކާންގެ އަތް އުފުލާލާފައި ކިހިލިފަތްދަށަށް ލައްވާލިއެވެ.
އިރުކޮޅަކުން ނަގާފައި ބަލައިލިއިރު އިކާންގެ ހުން ސަތޭކައަށް ވުރެ މަތިވެފައި ހުއްޓާ ފެނުމުން ސިޔާ ބިރުގަތެވެ. ވަރަށް ބޮޑަށް ހުންގަދަވެގެން އިކާން ބޮޑުވެ ޒުވާނަކަށް ވީފަހުންވެސް ފިޓުޖެހުނު ހަނދާނެއް ސިޔާ ވިއެވެ. ބިރުގަތީ އެހެންވެއެވެ.
"މިއަންނަނީ ކުޑާ ގޮވައިގެން" ސިޔާ ބުންޏެވެ. އިކާން ބަހެއްކިޔަން އުޅުނު ވަގުތު ސިޔާ ކޮޓަރިން ނުކުތެވެ.
***************
މެންދުރުފަހު ކޮޓަރިއަށް ވަންގޮތަށް ސަމީރާއަށް ނިދުނެވެ. ގޯތީގެ ދަތިކަމާ ހެދިގެން ސާހިލް އާއި ސަމީރާ ހިއްސާކުރަންޖެހުނީ އެއް ކޮޓަރިއެވެ. އެގޭ ދާއިމީ މެންބަރުންނަށް ނުވާތީ އެގޮތް އެންމެ ރަނގަޅުކަމުގައި ސާހިލް ބުންޏެވެ. މާކުޑަ ކޮޓަރިއަކަށް ނުވާތީ ދެމީހުން ބޭނުންކުރަން ހުރީ ވަކި ދެ އެނދެވެ. ކޮޓަރިން ބޭނުންކުރަން ފާހާނާއެއް ހުރީތީ އެއް ދަތިކަމުން ސަލާމަތްވިއެވެ.
ފާހާނާއިން ނުކުތް ވަގުތު ސަމީރާގެ ބާލީސް ކައިރީގައި އޮތް ފޯނު ނިވި ދިއްލޭތަން ސާހިލްއަށް ފެނުނެވެ. ސަމީރާއަށް ނިދިފައި އޮތުމުން އުނދަގޫވެދާނެކަމަށްޓަކައި ސާހިލް ފޯނާ ގާތަށް ޖެހިލިއެވެ. ބަލާލިއިރު އަރާފައި އިނީ ނުދަންނަ ނަންބަރެކެވެ. ފަރުވާކުޑަކަމާއެކު ފޯނު ބިޒީކޮށްލާފައި ނުކުންނަން ހިނގައިގަތްތަނާ އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. މިފަހަރު ސާހިލް ފޯނު ހިފައިގެން ސަމީރާ އާ ދުރަށް ޖެހިލިއެވެ. ކޮޓަރިން ނުކުމެ ދޮރުކައިރީގައި ހުއްޓިފައި ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ.
"މަންމާ، މިއީ ޝެލީ އޭ" ސާހިލްގެ ކަންފަތުގައި ޝެލީގެ އަޑު ޖެހުމާއެކު މުޅި ހަށިގަނޑުގައި ހީވީ ކަރަންޓުގެ އޮއިވަރެއް ހިނގާލި ހެންނެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުން ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ޝެލީ އާ އެންމެފަހުން ބައްދަލުވި ދުވަހު ހިތްހަމަނުޖެހިފައި ހުރެ ޝެލީ ކިޔާލި އެއްޗެހި ހަނދާންވުމުން ސާހިލް ހިތްވަރުއެލޭ ގޮތްވިއެވެ.
"މަންމާ، އެބަހުރިންތަ؟ މިއީ އަޅުގަނޑުގެ އާ ނަންބަރު" ސާހިލް ބަހެއް ނުކިޔައި ހިމޭނުން ހުންނަން ފެށުމުން އަނެއްކާވެސް ޝެލީގެ އަޑު އިވުނެވެ.
"އަޅުގަނޑުގެ އަޑު ނުލިބެނީތަ. އެބަ ގުޅަން"
"ސްނޯބޯލް"
ފޯނު ކަނޑާލަން އުޅުނު ޝެލީގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. ސާހިލްގެ އަޑު އިވުމުން ފުރަތަމަ ހިތަށް އެރީ ފޯނު ކަނޑާލާށެވެ. އެހެންނަމަވެސް އެގޮތަށް ކަންތައްކުރަން ޝެލީގެ ސިކުނޑި އެއްބަހެއް ނުވިއެވެ.
"ރޯސްމެލޯ، ސްނޯބޯލް އައެމް ސޮރީ. ހުރިހާ ކަމަކަށް. ޔޫ އާ މައި ބެސްޓްފްރެންޑް. އަހަރެމެންގެ މި ގުޅުން ކަނޑާލަން އަހަރެން ބޭނުމެއްނޫން. ޕްލީޒް ޓޯކް ޓު މީ" ސާހިލް ވާހަކަދެއްކިއެވެ.
ޝެލީ ބަހެއްނުކިޔައި ހިމޭނުން ހުއްޓެވެ. ފޯނު ކަނޑާލާކަށްވެސް ނޫޅެއެވެ. އެހެންކަމުން އިތުރަށް ވާހަކަދައްކަން ސާހިލްއަށް ފުރުސަތު ލިބުނެވެ. ފޯނުން ވާހަކަދައްކަމުން ގޮސް ސާހިލް ނުކުތީ ދޮރާށިން ބޭރަށެވެ. މެންދުރުގެ ފަހުގެ ވަގުތަށްވާތީ ހިޔާ ދޭ ބޮޑެތި ގަސްތައްދަށުގައި އެކި އުމުރު ފުރާގެ މީހުން ފިނިކުރަން ނުކުމެ ތިއްބެވެ. ސާހިލް އިށީނީ މީހުންތަކާ ވަކިން ހުރި އުނދޯއްޔެއްގައެވެ.
"ފޯނު ނެގިއިރު ނޭނގޭ ތީ ރޯސްމެލޯ ކަމެއް. އަދިވެސް މަންމަ މުޅިން އޯކޭއެއް ނުވޭ. މިގަޑީގަ ނިދިފަ އޮތީމަ އުނދަގޫވެގެން މަންމައަށް ހޭލެވިދާނެތީ އަހަރެން ފޯނު ނެގީ" ސާހިލް ވާހަކަދެއްކިއެވެ.
"ހުރިހާ ވާހަކައެއް ދައްކަންވީ އަހަރެންތަ؟" ޝެލީގެ އަޑެއް ނީވުމުން އެންމެފަހުން ސާހިލް ބުންޏެވެ.
ކޮޓަރީ ބެލްކަނީގައި ފޯނު ހިފަހައްޓައިގެން ހުރި ޝެލީ ނުރޯން މަސައްކަތް ކުރި ނަމަވެސް އެންމެފަހު ވަގުތު ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ގެއްލުނު އެކުވެރިޔާ އާ ދިމާވީ ޝެލީ އުންމީދުވެސް ނުކުރާ ފަދަ ގޮތަކަށެވެ. ފެނުމުން ވާހަކަދައްކާލައި ގުޅުން ބަދަހިކުރާހިއްވިއެވެ. އެހެންނަމަވެސް ސާހިލް އާ މެދު ޝެލީގެ ހިތުގައި ޝަކުވާ ވިއެވެ. ދުލުން ހަމަ ބުނެލާއިރަށް ސާހިލްއަށް މައާފުކުރަން ޝެލީ ބޭނުމެއްނުވިއެވެ. ޝެލީގެ މައާފު ހޯދަން ސާހިލް ކަޑައްތުކުރަން ޖެހޭނީ އުނދަގޫ ހަރުފަތްތަކެކެވެ.
"ނުރޮއްޗެ. ރޯޒް ރޯންޏާ މަށަށްވެސް ރޮވޭނޭ. ބުނީމެއްނު ކުރިންވެސް" ޝެލީ އެތެރެއަށް ނޭފަތް ދަމާލި އަޑު އިވުމާއެކު ސާހިލް ބުންޏެވެ.
"އަހަރެން... އަހަރެން މިއަދު އެކުވެރިއަކަށް ބޭނުމެއްނުވޭ. އަހަރެންނަށް އަހަރެން ފުދޭ. އަހަރެން ތިއެކުވެރިޔާގެ އެހީތެރިކަމަށް އެންމެ ބޭނުންވި ހިނދު ތިއެކުވެރިޔާ ކޮބާ؟ އެންމެފަހަރަކުވެސް އަހަރެން މަތިން ހަނދާންވިތަ؟ އަހަރެން ހަނދާންވާނޭ ހިތަށް އެރިތަ؟ އަހަރެން އަތުގައި ސާހިލްގެ ނަންބަރެއް ނެތް. އެނގެއެއްނު އަހަރެން ހިތްހަމަނުޖެހިގެން ޑިލީޓްކުރިކަން. އެކަމަކު އަހަރެންގެ ނަންބަރު އޮތެއްނު. ކީއްވެ ނުގުޅީ؟ ކީއްވެ ހާލު ބަލައިނުލީ؟ ކީއްވެ އަހަރެން އެކަނިވާން ދޫކޮށްލީ؟ އެނގޭތަ އަހަރެންނަށް ވަރަށް ދެރަކޮށް ކަންތައްތަކެއް ދިމާވިކަން. ޔަގީން ޖޭޑީ ހުންނާނީ ކިޔާދީފަކަން" ޝެލީ ހިތުގެ އިހުސާސްތައް އެއްފަހަރާ ބަންޑުންކޮށްލިއެވެ.
"އައި ނޯ. އަހަރެން ކުށްވެރިޔަކީ. އެހެންވެ ސޮރީ އޭ ވެސް މިބުނީ. އައި މިސްޑް ޔޫ ސޯ ސޯ މަޗް. ގޯޑް ޕްރޮމިސް. އަހަރެން ކިހިނެއް ހަދަންވީ. ބުނޭ. ޝެލީ ބުނިކަމެއް އަހަރެން ކުރާނަން"
"އަހަރެން ބުނި ކަމެއް ކުރާނަންތަ؟" ޝެލީ އެހިއެވެ.
"ބުނޭ. އެނީތިން ފޯ ޔޫ" ސާހިލް ބުންޏެވެ.
"އެހެންވިއްޔާ އަހަރެން ބޭނުންވަނީ މާދަމާ އިރުއޮށްސެންވާއިރަށް މިގޭގަ އަހަރެން ކުރިމަތީގަ ހުރެގެން އަހަރެން ކައިރީގަ މައާފަށްއެދެން" ޝެލީ ބުންޏެވެ. ސާހިލް ހުއްޓުން އެރިއެވެ. ސާހިލް ހުރީ މާލޭގައި ނޫންކަން ޝެލީއަށް ނޭނގެނީ ހެއްޔެވެ؟
"އަހަރެންނަށް އެނގޭ ސާހިލްއަށް ނުވާނޭކަން" ޝެލީ ބުންޏެވެ. އެފަދަ ކަމެއްގެ ވާހަކަ ޝެލީ ބުނީ ހަމަ ގަސްދުގައެވެ. ސާހިލްއަށް އާދެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ޝެލީއަށް އެނގެއެވެ.
"މަންމަ ދޫކޮށްލާފަ އަހަރެން ކިހިނެއް ދާނީ" ސާހިލް ބުންޏެވެ.
"ބޭއްވީ. މަންމަ ކައިރީގަ އަހަރެން ގުޅި ވާހަކަ ބުނެދޭތި" ޝެލީ ފޯނު ކަނޑާލިއެވެ.
************
މުޅިން އާ ދުވަހެކެވެ. ޝެލީ ކުރަމުންދިޔަ ހިތްވަރުގެ ބޮކިފައްޗަށް އާ ބޮޅެއް އިތުރުވެގެންދާނެ ދުވަހެއްކަން ޔަގީނެވެ. އާ ކަންތައްތަކެއް ތަޖުރިބާ ކުރެވޭނެކަން ގައިމެވެ. ހެނދުނުގެ ސަޔަށްފަހު ޝެލީ އައިސް ވަނީ ކޮޓަރިއަށެވެ. އެނދުމަތީގައި އޮތް ލެޕްޓޮޕް ހުޅުވައިގެން މަސައްކަތް ފެށިއެވެ. އަމިއްލަ ބްލޮގެއް ހަދައިގެން އޭގައި ޝެލީ އެކި ކަހަލަ ލިޔުންތައް ލިޔަމުން ދިޔައެވެ. ފަހަކަށް އައިސް ގޭގައި އިނދެގެން ޝެލީ ކުރާ ކަމަކީ އެއީއެވެ. ކިޔުންތެރިންގެ ސަޕޯޓާއި ހިތްވަރު އެކަމުގައި ޝެލީއަށް ލިބެމުން ދިޔައެވެ. އެކި މީހުންނަށް ދިމާވެފައިވާ އެކި ހާދިސާތައް ލިޔެދޭން ބައެއް ފަރާތްތަކުން އެދެމުން ދިޔައެވެ. އެކަން ޝެލީ ކޮށްދެނީ އަގަކާ ނުލައެވެ.
"ދޮންތަ ހޯދަން މީހަކު އައިސް އެބަހުރި" ދޮރުމަތީގައި ހުރި މިކާލް ބުންޏެވެ. ޝެލީގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ ހޯދަން އަންނާނެ ވަރުގެ މީހަކު މާލޭގައި އެބަހުރި ހެއްޔެވެ؟