ވާހަކަ

މޮޔަކޮށްލި މާ - 32

5

ބައްތިރީސްވަނަ ބައި

އެ މަންޒަރު ފެނުމާއެކު ނިމާނާއި އަލްމާޝް އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ. ގަތް ބިރާއެކު ނިމާނަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. މަޑުމަޑުން ހިނގާފައި އައިސް ޝެލީ ކައިރީގައި ހުއްޓުނެވެ. ހަށިގަނޑަށް ހަރަކާތެއް ގެންނަން ނޭނގިފައި ހުރީ ސާހިލްއެވެ. ޝެލީގެ އެ ގާތްކަން ސާހިލްގެ ހިތަށް ހިތްހަމަޖެހުން ގެނުވިޔަސް އެގާތްކަމާ ގުޅިފައިވަނީ އެކުވެރިކަން ކަން އެނގުމުން ސާހިލް ހިތް މޮޅިވެލިއެވެ.

"ޝެލީ" އަލްމާޝް ޝެލީގެ އަތުގައި ހިފާލަން އުޅުނެވެ. އެހިނދު ސާހިލްގެ ގައިގައި ބައްދައިގަނެގެން ހުރި ޝެލީ ސާހިލްގެ ފައި ބުޑަށް ތިރިއަށް ވެއްޓުނެވެ. މާގިނައިރު ހިތުގައި ޖެހިފައި ރުއިމުގެ ސަބަބުން ޝެލީ އަނބުރައިގަތީއެވެ. ޝެލީ އުފުލާލާފައި ނިމާން ދުއްވައިގަތީ ސިޓިންރޫމް ސޯފާއާ ދިމާލަށެވެ. އިސާހިތަކު މޭޒު ކައިރީގައި ތިބި ހުރިހާ މީހުން އެތަނަށް ޖަމާވެއްޖެއެވެ. އެންމެންނާ ވަކިން ހުރީ ސާހިލްއެވެ. ސާޖިދު ދެކެ ޝެލީ އެދަރަޖައަށް ލޯބިވާކަން އެނގުމުން ސާހިލް އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. "ދުވަހަކުވެސް އެދަރަޖައަށް ޝެލީ ސާހިލްދެކެ ލޯބިވެދާނެ ހެއްޔެވެ؟" ސާހިލް ހިންދިރުވާލިއެވެ. އެވިސްނުން ވިސްނަން އަދި މާ އަވަސްކަން ސާހިލްއަށް ވިސްނުނެވެ. ވަގުތާއި ހާލަތާއެކު ބަދަލުނުވާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެއެވެ.

އަލްމާޝް ގެނައި ފެންތަށިން ނިމާން ޝެލީގެ މޫނަށް ފެން ގޮށްޓެއް ޖެހިއެވެ. އެއާއެކު ޝެލީ އެސްފިޔަތައް ތަޅުވާލިއެވެ. ދެލޯ ހުޅުވާލީ އޭގެ އިރުކޮޅެއް ފަހުންނެވެ.

"މާފްކުރައްވާ. ހިނގާދިޔަ ކަންތަކުގެ ސަބަބުން ޝެލީއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ" އަލްމާޝްގެ ކޮނޑުގައި ބޯއަޅައިގެން ދެލޯ މެރިފައި އިން ޝެލީއަށް ސާހިލް ބަލަހައްޓައިގެން ހުރިއިރު ކައިރީގައި ހުރި ނިމާނަށް ސާހިލްއަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެހެންކަމުން ނިމާން ސާހިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

"ސޮ... ސޮރީ... އަޅުގަނޑު މިއައީ ވާހަކައެއް ބުނަންވެގެން. މަންމަ ގޮވައިގެން އަތޮޅުތެރެއަށް ފުރަން މިއުޅެނީ. މަންމަގެ ތިމާގެ މީހެއްގެ ރަށަށް. ކުޑަ ދުވަސްކޮޅަކު މަޑުކޮށްފައި އަންނާނީ. ފުރުމުގެ ކުރިން އެންމެފަހަރަކު މަންމަ ބޭނުންވޭ ޝެލީ އާ ބައްދަލުކޮށްލަން" ސާހިލް ވާހަކަދެއްކިއެވެ.

"ތިއީ... ތިއީ ސާޖިދުގެ"

"

ލައްބަ. އަޅުގަނޑަކީ ސާޖިދުގެ އެއްބަފާ ބޭބެ. އަޅުގަނޑު ހުރީ ބޭރުގަ ކިޔަވަން. ނިންމާފަ އައި ދުވަހު މިހުރިހާ ކަމެއް ހިނގީ" ސާހިލް އޮޅުންފިލުވައިދިނެވެ. ނިމާން ސާހިލްގެ ގައިގައި ބައްދާލިއެވެ. ބުރަކަށީގައި ޖަހާލާފައި ހިތްވަރުކުރާށޭ ބުންޏެވެ. އެވަގުތު ސާހިލްގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"މިރޭ ކޮންމެސް ވަގުތެއްގައި ޝެލީ ގޮވައިގެން ދާނަން ތިގެއަށް" ނިމާން ބުންޏެވެ. ސާހިލް ބޯޖަހާލިއެވެ. ގެއިން ނުކުންނަން ބޭނުން ނުވެފައި ހުރީ އޭނާ އެދޭ އެދުމެއްގެ ވާހަކަ ބުނެލާހިތުންނެވެ. ޝެލީއަށް ވެފައި އިންވަރު ފެނިފައި އެގެއަށް ޝެލީ ގެންދިޔުމަކީ އަދި އެންމެ ރަނގަޅު ގޮތް ނޫންކަން ސާހިލްއަށް ވިސްނުނެވެ. އޭނާ ހުރީ އެހެން ބުނަން ބޭނުންވެ ބުނަން ނުކެރިފައެވެ. ގިނައިން ސާހިލްއަށް ބެލެނީވެސް ޝެލީގެ މޫނަށެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ އީމާއަށެވެ.

"މި... އަޅުގަނޑު....." ސާހިލް އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރިއެވެ.

"ބުނޭ..." ނިމާން ބުންޏެވެ.

"މިދަނޑިވަޅުގައި ޝެލީ އެގެއަށް ގެންދިޔުން އެހާ ރަނގަޅު ހެނެއް ހިއެއްނުވޭ. އަޅުގަނޑު އަންނަންތަ މިރޭ ކޮންމެސް ގަޑިއެއްގަ މަންމަ ގޮވައިގެން" ސާހިލް ބުންޏެވެ.

"ނޫނޭ. ޝެލީ ގޮވައިގެން ބޭބެމެން ދާނަން. ކަންތަކާ ފޭސްކޮށްގެން ނޫނީ ޝެލީއަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ" ނިމާން ބުންޏެވެ.

ސައިކަލަށް އަރާފައި ފަހު ފަހަރަށް ސާހިލް ހަވޭލީގެ ގޭޓާ ދިމާލަށް ބަލައިލިއެވެ. އެހާ ދުވަހަށްފަހު ޝެލީ ފެނުމުން ވާހަކަދައްކާނުލައި ދާން ސާހިލް ބޭނުންނުވަނީއެވެ. އެހެންނަމަވެސް މަޑުކުރަން ބުނާނެ އެއްޗެއްވެސް ސާހިލްއަށް ނުވިސްނެއެވެ. އެހެންކަމުން މިފަހަރު ދިޔުން ނޫން ގޮތެއް ނެތިގެން ކަރު އެލުވާލިއެވެ. ޖީބުގައި އޮތް މޯބައިލް ފޯނު ނެގި ގޮތަށް ޗާޓު ހުޅުވާލިއެވެ. ދާންވީ ތަން ހޯދާލުމަށްފަހު ސައިކަލް ދުއްވާލިއެވެ. މާލޭގެ މަގުތައް އެހާ ރަނގަޅަށް ނޭނގޭތީ އެއްތަނުން އަނެއް ތަނަށް ދިޔުމަށް ސާހިލްއަށް އެހީވެދެނީ ފޯނެވެ.

*********

ތައްޔާރުވުމުގެ ކުރިން އަލްމާޝް ޝެލީގެ ކޮޓަރިއަށް ވަނެވެ. ދޮރުހުޅުވާލިތަނާ ފެނުނު މަންޒަރަކުން އަލްމާޝްގެ ހިތް ރޮއްވާލިއެވެ. މޭގައި އަތް އެޅުނުއިރު އެ މަންޒަރުން ހިތަށް އަނިޔާއެއް ވެއްޖެއެވެ. ޝެލީގެ ބޮޑު އެނދުގައި އިން މިކާލްގެ އުނގުގައި ޝެލީ ބޯއަޅައިގެން އޮތްއިރު މަޑުމަޑުން ޝެލީގެ އިސްތަށިގަނޑުގައި މިކާލް ފިރުމަމުން ދިޔައެވެ. މުޅި ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ޝެލީ ފަދައިން މިކާލްގެ ފިކުރާއި ވިސްނުން ވަނީ މާދުރަށް ދަތުރުކޮށްފައެވެ. އަލްމާޝް އައިސް ހުއްޓުނުކަން ވެސް ދެބެއިންނަށް ނޭނގުނީ އެހެންވެއެވެ.

ކޮނޑުގައި އަތް އެޅުމާއެކު މިކާލް ސިހިފައި ބަލައިލިއެވެ. އަލްމާޝް ކަން އެނގުމުން މިކާލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ދެން ޝެލީގެ ބޯ އުފުލާލާފައި މިކާލް ތެދުވިއެވެ. މިކާލްގެ އެ ހަރަކާތުން ޝެލީ ބޯ އުފުލާލާފައި ބަލައިލިއެވެ. ކައިރީގައި އަލްމާޝް ހުރުމުން ޝެލީ ހީލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ޝެލީގެ ހިނިތުންވުން ލޮލާ ހަމައަށް ނުފޯރިއެވެ.

"ހިނގާ ދާން" މިކާލް އިން ތަނުގައި އިށީންނަމުން އަލްމާޝް ބުންޏެވެ. ދެން އަތް އުފުލާލާފައި ޝެލީގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

"ދަރިފުޅު ބޭނުމިއްޔާ އޯކޭ ނުދިޔަސް" އަލްމާޝް ބުންޏެވެ. ޝެލީ ތެދުވިއެވެ. ލައިގެން އިން އަތްދިގު ޓީޝާޓަށް ދަމާލާފައި އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. ދެކަކޫ ކައިރިއަށް ގެނެސް ކަކުލުގައި ޝެލީ ބޯއެޅިއެވެ. ހިތުގައިޖެހިފައި އެމަންޒަރު ބަލަހައްޓައިގެން މިކާލް އިނެވެ.

"އަޅުގަނޑު... ދުނިޔޭގައި އުޅޭނީ ކިހިނެއް؟. ނޭނގެ އުޅޭނެގޮތެއް" ޝެލީ ބުންޏެވެ.

"ތިހެން ނުބުނޭ ދަރިފުޅާ. އިންސާނަކު މިދުނިޔެ އިން ދިޔުމަކީ އަހަރެމެން އެހާ ހިތާމަކޮށް ރޮއެ ހަދައިގެން ވާނެކަމެއް ނޫން. އެއީ އިލާހީ ގާނޫނު. އަހަރެމެން ޖެހޭނީ އެ ހަގީގަތް ގަބޫލުކޮށްގެން ދުނިޔޭގައި އުޅެން. މަންމައަށް އެނގޭ ދެރަވެސްވާނެކަން. ހިތުގައިޖެހި ރޮވެންވެސް ރޮވޭނެކަން. އެއީ ސަބަބެއް ނެތިއެއް ނޫން. އެމީހަކީ އަހަރެމެންގެ ހިތާ އެހާ ގާތުގައި އުޅެފައި އެތައް ހަނދާންތަކެއްދީފައި ދިޔަ މީހެއް ވިއްޔާ މާބޮޑަށްވެސް އުނދަގުވާނެ. އެކަމަކު ކެތްކުރަންވާނެ. މިދުނިޔެއަކީ އަހަރެމެންނަށް އިމްތިހާން ހޯލެއް ކަހަލަ ތަނެއް. ހިތް ނޭދޭ ކިތަންމެ ކަމެއް ދިމާވާނެ. ހިތް ނުތަނަވަސްވުންތައް އަންނާނެ. ތަކުލީފުތައްވެސް ޖެހޭނެ. މިކަންކަން ގަބޫލުކުރުމަކީވެސް އީމާންކަމުގެ ތެރެއިންވާ ކަމެއް" ޝެލީގެ އަތުގައި ހިފަހައްޓައިގެން އިނދެ އަލްމާޝް ވިސްނައިދެމުން ދިޔައެވެ.

"ދެން ތިހެން ނީނދެ ހިނގާ އެގެއަށް ދާން. ކޮންމެސްކަމެއް ވީމައެއްނު ސަމީރާއްތަ ފުރުމުގެ ކުރިން ދަރިފުޅާ ބައްދަލުކުރަން ބޭނުންވާނީ" އަލްމާޝް ބުންޏެވެ.

"ބީ ސްޓްރޯންގް ދޮންތާ. ހިނގާ ދާން. އަޅުގަނޑުވެސް ދާނަން" މިކާލް ބުންޏެވެ. އަލްމާޝް މިކާލްގެ މޫނަށް ބަލައިލިއެވެ. ސަމާސާކަން ބޮޑު ފިރިހެން ދަރިފުޅުގެ ދެލޮލުން ކަރުނަ ނުފެނުނެއްކަމަކު ހިތްދަތިކަމާއި މޮޅިވެރިކަން އަލްމާޝް ދުއްޓެވެ. ޝެލީއަށްޓަކައި މިކާލް ދެރަވެފައި ވީވަރު ފެނުމުން އަލްމާޝްއަށް މިކާލްގެ މޫނުގައިވެސް ފިރުމާލެވުނެވެ.

********

އެނދުގައި އިން ސަމީރާ އަދިވެސް އިނީ ނެގި މަޑުވެފައެވެ. ފަތްޖަހާފައި ހުރި ހެދުންތައް ކައިރީގައި ހުރި ފޮށްޓަށް އަޅަމުންދިޔަ ސަމީރާއަށް ބަލަހައްޓައިގެން ކޮޓަރި ދޮރުމަތީގައި ސާހިލް ހުއްޓެވެ. އެހާ ދުވަހު ރާއްޖެއިން ބޭރުގައި ހުރެފައި ސާހިލް އަމިއްލަ ވަޒަނަށް އައީ ލޯބިވާ މަންމަ އާއި ކޮއްކޮއާ އެކުގައި އުމުރުގެ ބާކީ އޮތް ދުވަސްތައް ވަރަށް އުފާވެރިކަމާއެކު ވެއަތުކޮށްލުމުގެ ފޮނި އުންމީދުގައެވެ.

އެހެންނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ ސާހިލް ހިތަށްވެސް ނާރާ ފަދަ ގޮތަކަށެވެ. ހަނދާނަށް އައީ މީގެ ގަޑިއިރުތަކެއް ކުރިން ގާތް އެކުވެރިއެއްގެ މަންމަ ދިން ނަސޭހަތްތަކެވެ. މާއިޒްއަކީ ޝެލީއަށް ފަހު ސާހިލްގެ ހަޔާތުގައި ހުރި ގާތް ހަމައެކަނި އެކުވެރިޔާއެވެ. އެއް ޔުނިވާސިޓީއަކުން ކިޔެނި ނަމަވެސް ދެ މީހުން ކިޔެވީ ދެ ދާއިރާއަކުންނެވެ. އެހެންނަމަވެސް ދެކުދިންގެ މެދުގައި އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެކެވެ. ސާހިލްގެ ހުރިހާ ކަމެއް އެނގޭ ހަމައެކަނި މީހަކީވެސް މާއިޒްއެވެ.

"ނިމުނީތަ؟" ފޮށީގެ ޒިޕް ދަމާލާފާއި ސަމީރާ ސާހިލްއަށް ބަލައިލިއެވެ. ނިންމާލީހޭ ސާހިލް އަހާލުމާއެކު ސަމީރާ މަޑުމަޑުން ބޯޖަހާލައިފިއެވެ.

"ދެން ހިނގާ ކާން. މިރޭ ކެއްކީ ގަރުދިޔަ" އެތެރެއަށް ވަންނަމުން ސާހިލް ބުންޏެވެ. ކާން ބޭނުންނުވެފައި އިން ސަމީރާ ޖަވާބެއް ނުދިނެވެ. ލޯބިވާ ދަރިފުޅު އެހާވަރުން އުޅޭއިރުވެސް ސަމީރާ ދިރިއުޅުންމަތިން ފޫހިކުރުވަނީއެވެ.

"އަދި ފަހުން ދޯ ކާނީ" ސަމީރާ ހިމޭނުން ހުންނަން ފެށުމުން ސާހިލް ބުންޏެވެ.

"ޝެލީ ބުނިތަ އަންނާނަމޭ. ފުރުމުގެ ކުރިން އެމަންޖެ މަންމަ އާ ބައްދަލުކުރާނެތަ؟" ސަމީރާ އެހިއެވެ.

"ހީވަނީ އަންނާނެހެން" ސާހިލް ބުންޏެވެ. ޝެލީ އަންނާނެ ކަމުގެ މާބޮޑު ޔަގީންކަމެއް ނެތުމުން ސަމީރާއަށް ޔަގީންކަން ދޭން ސާހިލް ބޭނުމެއް ނުވިއެވެ.

ފިރިހެނެއްގެ އަޑުން ސަލާން ގޮވާލި އަޑު އިވުނީ އެވަގުތުއެވެ. ސާހިލް ފަހަތް ބަލައިލިގޮތަށް ސަލާން ބަލައިގަތެވެ. ސާހިލް ކޮޓަރިން ބޭރަށް ނުކުތްއިރު ފެންޑާގެ ބޭރުން ޝެލީއާއެކު އާއިލާ ތިބި ތަން ފެނުނެވެ. ނިމާނާއި އަލްމާޝްގެ މެދުގައި ހުރި ޝެލީގެ ފައިން ފެށިގެން ބޮލާ ހަމައަށް ސާހިލްގެ އަވަސް ނަޒަރު ދަތުރުކޮށްލިއެވެ. ކަޅު ކުލައިގެ ޓޮޕް ކޮޅަކާއެކު ކަޅު ޖީންސަކާ ހަމަ އެކުލައިގެ ޝޯލްއެކެވެ. މޫނުގައި މޭކަޕެއް ނެތް ނަމަވެސް ޝެލީ ފެންނަނީ ވަރަށް ތާޒާކޮށެވެ. ހިކިފައިވާ ތުންފަތުގައިވާ ފަނޑު ފިޔާތޮށި ކުލައަކީ ގުދުރަތީގޮތުން ލިބިފައިވާ ޝެލީގެ ތުންފަތުގެ ހަގީގީ ކުލައެވެ. ކަޅު ކުލައިގެ ތިރި ބޫޓަށް އަރާފައި ހުރިއިރުވެސް އަލްމާޝް އަށް ވުރެ ޝެލީ އިސްކޮޅުން ދިގު ކަމަށް ދައްކައެވެ. ހިތާމައިގެ ތަސްވީރެއް ފަދައިން ޝެލީގެ ނަޒަރު ސާހިލްއަށް އަމާޒުވެލިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅެފައިވެސް ސާހިލް މަޑުޖެހުނެވެ. ސާހިލްގެ މޫނުން ޝެލީގެ ނަޒަރު ގޭތެރޭގެ އެކި ދިމާލަށް ހުއްޓެމުން ދިޔައެވެ. އެގޭތެރޭގެ ކޮންމެ ދިމާލަކުން ޝެލީއަށް ސާޖިދުގެ ހަނދާންތައް ގޯނާކުރަމުން ދިޔައެވެ. ހިތްވަރުކޮށްގެން ހުރި ނަމަވެސް އެފަދަ ކޮންމެ ވަގުތެއްގައި ޝެލީގެ ދެލޯ ކަރުނުން ތެންމާލައެވެ.

"ދުރުވޭ އެތެރެއަށް" ސާހިލް ބުންޏެވެ.

އަލްމާޝްގެ އާއިލާ އެތެރެއަށް ހިނގައިގަތެވެ. މެހްމާނުން އިށީންނަން ސާހިލް ދެއްކީ ފެންޑާގައި ހުރި ބޮޑު އުނދޯއްޔެވެ.

"ދޮންތާ އާދޭ އިށީންނަން" ޝެލީ ހިނގައިނުގަނެ ހުންނަން ފެށުމުން މިކާލް ބުންޏެވެ. ކުއްލިއަކަށް ހުރިހާ މީހުންނަށް ސިހުން ލިބުނީ ޝެލީ ދުއްވައިގަތުމުންނެވެ. ސަމީރާއަށް ރަނގަޅަށް ކޮޓަރިން ނުނިކުމެވެނީސް ޝެލީ ސަމީރާގެ ގައިގައި ބައްދައިގަނެއްޖެއެވެ. ރޮވެން ފެށުނީ ދެމީހުންނަށް އެކުގައެވެ. އެމަންޒަރު ބަލަން ސާހިލްއަށް އުނދަގުވިއެވެ. މުޅި ދުނިޔެއިންވެސް އޭނާ އެންމެ ލޯބިވާ ދެ މީހުން އެހާ ވަރަށް ހިތާމަކުރަމުން ދާއިރު ކެތްކުރާނެގޮތެއް ނޭނގިފައި ސާހިލް ހުއްޓެވެ.

"މިވީ ކިހިނެއް؟ އެސޮރު އަހަރެމެން އެންމެން ދޫކޮށްފައި ހިނގައްޖެ. ދުވަހަކުވެސް ދެން ނުފެންނާނެ. މި މަންމަ މިއުޅެނީ ދިރިއުޅޭނެ ގޮތެއް ނޭނގިގެން. އެހެރަ ދަރި ނެތްނަމަ މިއަދު މަންމަ ޝެލީއަށް ނުފެނުނީސް" ސަމީރާ ވާހަކަދައްކަމުން ދިޔައެވެ. ގިސްލާ ރޮމުންނެވެ. ޝެލީ ފެނުމުން މާބޮޑަށް ސަމީރާ ހިތުގައިޖެހި ރޮވިއްޖެއެވެ.

ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔަ ޝެލީގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލައިގެން ހުރި ސަމީރާ ޝެލީގެ މޫނުގައި ދެފަރާތުން ބޮސްދިނެވެ.

"ސާޖިދު ލޯބިކުރި ކޮންމެ އެއްޗަކަށް މަންމަގެ ހިތުގައި ވަނީ ލޯބި އުފެދިފައި. މަންމަގެ ދަރިއަކަށް ޝެލީ ނުވި ނަމަވެސް ޝެލީއަށް މި މަންމަގެ ހިތުން ދީފައިވާ މަގާމަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ. ދުވަހަކުވެސް ދަރިފުޅު މި މަންމަ މަތިން ހަނދާންނައްތާ ނުލައްޗޭ. މަންމަ މިއުޅެނީ ފުރަން. މިތަނާ ދުވަސްކޮޅަކަށް ދުރުވެގެން ނޫނީ މަންމައަށް ހަމަޖެހުމެއް ނުލިބޭނެ" ސަމީރާ ވާހަކަދެއްކިއެވެ.

ޝެލީ ފެނުމާއެކު ސަމީރާއަށް ހިތްވަރެއް ލިބުނު ކަހަލައެވެ. އަމިއްލަ ކަރުނަތައް މަތިން ސަމީރާ ހަނދާންނެތިއްޖެއެވެ. ޝެލީގެ ހިތްވަރުދެމުން ދިޔައީ ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. އެހިތްވަރުން ޝެލީވެސް ހިތްވަރު ހޯދަމުން ދިޔައެވެ.

"ޖޭޑީގެ އެއްވެސް ކަމެއް އަޅުގަނޑު ވަކި ހަނދާންނެތޭނެތަ؟ ދުވަހަކުވެސް ނުނެތޭނެ. މަންމަ މަތިން އަމުދުން ކިހިނެއް ހަނދާން ނައްތާލާނީ. މަންމާ، ދޭތެރެއަކުން އަޅުގަނޑަށް ގުޅާލައްޗޭ. މާލެ އައިހާ އަވަހަކަށް އަޅުގަނޑާ ބައްދަލުކުރައްޗޭ" ޝެލީ ކިޔަމުން ދިޔައެވެ.

"އެނގޭތަ އެހެރީ ކާކު ކަން" ސާހިލް ހުރި ދިމާލަށް ސަމީރާ އިޝާރާތްކޮށްލިއެވެ. ލަސްލަހުން އެދިމާލަށް ޝެލީ ބަލައިލިއެވެ.

"އެއީ ސާޖިދުގެ އެއްބަފާ ބޭބެ. އެއީ މަންމަ ބުނީ ދަރިއަކީ. އެދަރިފުޅަށް ފިޔަވަޅު އެޅުނީ ހުރި ހަމައެކަނި ކޮއްކޮގެ ޖަނާޒާ ގޭތެރެއަށް" ސަމީރާ ބުންޏެވެ. ޝެލީ ބަލައިލުމާއެކު ސާހިލްގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލައިފިއެވެ. ޝެލީގެ އެއްވެސް ކަމެއް އޮޅުންނުފިލުވާ އެހާ ދުވަސްވަންދެން ހުރެފައި ކުއްލިއަކަށް ޝެލީގެ ކުރިމައްޗަށް އަރަން ޖެހުމުން ސާހިލް ލަދުގަތެވެ. އަމުދުން ޝެލީ އެހާލުގައި ވަނިކޮށް ފެނުމުން ސާހިލްގެ ހިތަށް ލިބޭ ވޭން އިތުރުވަމުން ދިޔައެވެ.

"އަޅުގަނޑު ކިހިނެއް އޭނަ މަތިން ހަނދާންނެތޭނީ" ސަމީރާ ގެ އަތުތެރެއިން ނުކުމެ ޝެލީ ހިނގައިގަތީ ސާހިލްއާ ދިމާލަށެވެ. އެމަންޒަރު ބަލަހައްޓައިގެން ތިބި އަލްމާޝް އާއި ނިމާނަށް އެކީގައި ކޮޅަށް ތެދުވެވުނެވެ. އަނެއްކާވެސް ޝެލީ ސާހިލްގެ ގައިގައި ބައްދައިގަނެފާނެތީ އަލްމާޝް ކަމްބޮޑުވިއެވެ. ސާހިލް އާއި ސާޖިދު ސިފައިގެ ގޮތުން އެއްގޮތް ކަމެއް ނެތަސް ޝެލީއަށް ސާހިލް ފެންނަނީ ސާޖިދުގެ ސިފައިގައި ކަމަށް ވެދާނެއެވެ. ސާހިލް ފެންނަ ކޮންމެ ފަހަރަކު ޝެލީގެ ބުއްދި ގޯސްވަނީ އޭ އަލްމާޝްގެ ހިތަށް އެރިއެވެ. އެހެންކަމުން ސާހިލްއާ ހަމައަށް ޝެލީ ދިޔުމުގެ ކުރިން ހުއްޓުވަން އަލްމާޝް ހިނގައިގަތެވެ. ނިމާން ހިފެހެއްޓުމާއެކު އަލްމާޝްއަށް މަޖުބޫރުވީ ހުއްޓޭށެވެ.

"މަންމަމެންނަށް އެނގޭތަ މިއީ ކާކުކަން" ޝެލީ ބުންޏެވެ. ސާހިލް ކުރިމަތީގައި ސާހިލްގެ މޫނަށް ބަލަހައްޓައިގެން ޝެލީ ހުއްޓަސް ސާހިލް ހުރީ އެހެން ދިމާލަކަށް ބަލަހައްޓައިގެންނެވެ.

"މީގެ އަހަރުތަކެއް ކުރިން އަޅުގަނޑަށް ވަރަށް ގާތް އެކުވެރިއެއް ލިބުނު. ކިޔަވަން ހުރި ގައުމުގަ އަހަރެމެން ދެމީހުން އުޅުނީ ވަރަށް އެކުގަ. ދެމީހުން މެދުގައި ޖެހުނީ ކުޑަކުޑަ މައްސަލައެއް. އަނެއްހެން ބުނަންޏާ މިސްއަންޑަސްޓޭންޑިންއެއް. ގަބޫލުކުރަން ފޯނު ނަންބަރާ އެއްޗެހި ޑިލީޓް ކުރެވުނުކަން. އެކަމަކު އަޅުގަނޑުގެ އެކުވެރިޔާ އަތުގައި އަޅުގަނޑާ ގުޅޭނެ ހުރިހާ މައުލޫމާތުތަކެއް ހުންނާނެ. އޭނަ ބޭނުންވިނަމަ އަޅުގަނޑުގެ ހާލު ބެލުނީސް. ދުވަހަކުވެސް ދެގޮތެއް ނުވާނޭ ކަމަށް ހީކުރިން. އަޅުގަނޑުގެ ހަޔާތަށް ލޯބިވެރިޔަކު އައި ހިސާބުން ފެށިގެން އެންމެ ފުރަތަމަވެސް އެ އުފާވެރިކަން ހިއްސާކުރަން ބޭނުންވީ އެކުވެރިޔާ އާ. އެކަމަކު އެކުވެރިޔާއެއް ނެތް. އަހަރެންނަށް ލިބޭ ކޮންމެ އުފަލެއްގައި އަދި ކޮންމެ ހިތާމައެއްގައި އެންމެ ކައިރީގައި ހުންނާނަމޭ ބުނި. އެ އެކުވެރިޔާއަކީ ކާކު ކަން އެނގޭތަ؟" ޝެލީ އެހިއެވެ.

"އެއީ މި ސާހިލް" ސާހިލްގެ މޭގައި އިނގިލިން ޖަހާލަމުން ޝެލީ ބުންޏެވެ. ޝެލީގެ ދުލުން ސާހިލްގެ ނަން ކިޔާލި އަޑު އިވުމާއެކު ސާހިލް ޝެލީއަށް ބަލައިލިއެވެ.

"ކީކޭ؟ ތިދެކުދިން ކުރީން އެކަކު އަނެކަކު ދަންނަމުތަ؟" ސަމީރާ އެހިއެވެ.

"މަންމާ، އަޅުގަނޑު ދެން ދަނީ. ﷲ އިރާދަކުރެއްވިއްޔާ ޖޭޑީއަށްޓަކައި އަޅުގަނޑު ދެން ހިތާމަނުކޮށްވޭތޯ މަސައްކަތް ކުރާނަން. އަޅުގަނޑުގެ ތަގުދީރުގައި އެކަމެއް ލިޔެވިފައި ހުރި ގޮތަކަށް ނިމިގެން ދާނީ. އެކަމުގައި ޝަކުވާއެއް ނުކުރާނަން. އެތައް ބައެއްގެ ފަރާތުން ހިތްވަރު ލިބިއްޖެ. ކިތަންމެ ވަރަކަށް ރޮއެ ހިތާމަ ކުރިޔަސް އަޅުގަނޑުގެ ޖޭޑީއެއް ނާންނާނެ. އަޅުގަނޑުގެ ދިރިއުޅުމުގައި ދެން ހިނގާނީ ކޮންފަދަ ހިތާމައެއް ކަމެއް އަޅުގަނޑަށް ނޭނގޭ. އެނގެނީ ކޮންމެފަދަ ކަމެއް ހިނގިޔަސް ހިތްވަރާއެކު އަޅުގަނޑުގެ އާއިލާ އާއި އަދި މަންމަގެ ހެޔޮ ދުއާ އާއެކު ކޮޅަށް ތެދުވާނެކަން. ވަޅުގަނޑަކަށް ވެއްޓުމާއެކު ތެދުވެ ހިނގައިގަންނަން މަސައްކަތް ކުރާނަން. އުސްގަނޑެއް ފެންނަން ހުރިހާ ހިނދެއްގައި ހިތްވަރު އެލުވައެއްނުލާނަން" ޝެލީ ވާހަކަދެއްކިއެވެ. އެފަދަ ހިތްވަރެއް ޝެލީގެ ފަރާތުން ފެނުނީތީ އަލްމާޝް އާއި ނިމާންގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ.

"އަޅުގަނޑަށް އެކުވެރިއެއްގެ އޯގާތެރިކަމާއި އަޅާލުން ބޭނުމެއްނުވޭ. އެކަމަކު މިއީ ޖޭޑީގެ ބޭބެ ކަމުގައި ވީތީ އިހުތިރާމާއި ގަދަރު ދޭނަން" ފަހު ޖުމްލަ ޝެލީ ބުނީ ސާހިލްގެ މޫނަށް ބަލަލަމުންނެވެ.

"މަންމަ ހިނގާ ދާން" ޝެލީ ބުންޏެވެ.

އެގެއިން ނުކުތުމުގެ ކުރިން ޝެލީ ފަހު ފަހަރަށް ފަހަތަށް އެނބުރި ބަލައިލިއެވެ. މިފަހަރު ޝެލީގެ ނަޒަރު ސީދާވީ އެންމެންގެ ފަހަތުން ފެންނަން ހުރި ތަޅުލާފައި ހުރި ސާޖިދުގެ ކޮޓަރިއެވެ. ތަޅުލާފައި ހުރި ދޮރުން އެތެރޭގައި އެތައް އުފާވެރިކަމަކާއި އެތައް އުންމީދެއް ފޮރުވިފައިވާނެއެވެ. އަޒުމެއްގައި ހުރި ޝެލީގެ ހިތުގެ އެންމެ ފުނަށް މިފަހަރުވެސް އަސަރުކުރިކަން ޔަގީނެވެ. ދެލޮލަށް ޖަމާވާން ފެށި ކަރުނަތައް ޝެލީ ހިންދާލީ ހިތި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުންނެވެ.

**********

ރާއްޖެތެރޭގެ ހިތްގައިމު ރަށެކެވެ. އާދައިގެ ވަރަކަށް އަވި ދިއްލާފައި ވިޔަސް ޖެހެމުންދިޔަ ގުދުރަތީ ވައިރޯޅިތަކުން އަރާމެއް އިހުސާސް ކުރުވައެވެ. އެންމެ އަތިރިމަތީގައި ހުރި ގޭގެ ބޭރުގައި އެލުވާފައި އެކި ވަރުވަރުގެ ޖޯލި ހުއްޓެވެ. ކުޅެން އުޅޭ ކުޑަ ކުދިންނާއި ދެ ޖިންސުގެ ޒުވާނުން ފެންނަމުން ދިޔައެވެ.

އުމުރުން އެންމެ ހަ މަހުގެ ތުއްތު ކުއްޖަކު އުރާލައިގެން އަތިރީގެ އެންމެ ކޮޅުގައި ހުރި ގެއިން ނުކުތް އަންހެން ކުއްޖަކު އައިސް އިށީނީ ގަހެއްގައި އެލުވާފައި ހުރި ޖޯއްޔެއްގައެވެ. ހިޔާލަކަށް ގެއްލިފައި ކަހަލަ ގޮތަކަށް އިނދެ މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައިރު އެމަންޒަރު ބަލަހައްޓައިގެން ޖެހިގެން ހުރި ގޯތިން ނުކުތް އެހެން އަންހެންކުއްޖަކު ހުއްޓެވެ.

"ޝިގާ، ކިހިނެއްތަ؟ މިއަދު އަދި ތިގެއަށް ނުދެވިގެން މިއުޅެނީ. ބޮޑު ފަތިހާ މަންމަ އަހަރެން ގޮވައިގެން ފޫޓަށް ހިނގައްޖެ" ޝިދުނާ އައިސް އިށީނީ އާޝިގާ ކައިރީގައެވެ. އާޝިގާގެ އެންމެ ގާތް އެކުވެރިޔަކީ ޝިދުނާއެވެ.

"ޝިދޫއަކަށް ދޮގުހަދާކަށްވެސް ނޭނގެއެއްނު" އާޝިގާ ބުންޏެވެ. ޝިދުނާ އިސްޖަހާލިއެވެ.

"މަންމަ ބުނާގޮތް ހަދާ ޝިދޫ. އޯކޭވާނެ އަހަރެންނާ ވާހަކަނުދެއްކިޔަސް. މިރަށު ހުރިހާ މީހުން އަހަރެންނާ ވާހަކަދެއްކުން ހުއްޓާލިޔަސް އަހަރެން ދޮގެއް ނަހަދަން. އަހަރެންގެ މިކުޑަކުޑަ ދަރިފުޅަކީ ކައިވެނިން ބޭރުން ލިބުނު ކުއްޖެއް ނޫން. މިއީ އަހަރެންގެ އަލަތު ކައިވެންޏަށް ލިބުނު ދަރިއެއް. ބޮޑުދައިތައަށްވެސް އަހަރެންނަށް މިވާހަކަތައް ކިޔައިދެވުނު އަދަދެއް ނޭނގޭ. އަހަރެން އަތުގައި ކައިވެނީގެ ސެޓްފިކެޓެއް ފޮޓޮއެއް ވީޑިޔޯއެއް ނެތް. އެހުރިހާ އެއްޗެއް ހުރީ އަސަލްގެ ބައްޕަ އަތުގަ" އާޝިގާ ވާހަކަދެއްކިއެވެ.

"އަހަރެން ޝިގާއަށް އިތުބާރުކުރަމޭ. މަންމަ ނުބުނޭ ޝިގާ އާ ވާހަކަނުދައްކާށެކޭ" އާޝިގާގެ އަތުގައި ހިފަހައްޓާލަމުން ޝިދުނާ ބުންޏެވެ.

"މައްސަލައަކީ އަހަރެންނަށް ބޮޑުދައިތަ އިތުބާރު ނުކުރުމެއް ނޫން. އަސަލްގެ ބައްޕަ. އެއީ މާ ރަނގަޅު އުޅުމެއް އުޅޭ މީހަކަށް ނޫންވީމަ. ކައިވެނި ކުރެވުނު ހާލަތު. އަހަރެން ގޮތްދޫނުކޮށް އެކައިވެނި ކުރީމަ. ޝިދޫ ބުނެބަލަ ގޯސްމީހަކާ ކައިވެނި ކުރުމަކީ މައްސަލައެއްތަ؟ އަހަރެންނަށް އޭނަ ރަނގަޅު ކުރެވޭނެ. ސަލާމަތްވާއިރަށް އޭނަ އަހަރެމެން ކައިރިއަށް އަންނާނެ" އާޝިގާ ވާހަކަދެއްކިއެވެ.

"އަސްލު ތެދަށް ބުނަންޏާ އަހަރެންވެސް ޝިގާ ކުރި ކައިވެންޏާ އެހާ ހިތްހަމައެއްނުޖެހޭ. ދުވަހަކުވެސް ދިމާވި ދެމީހުނެއްނޫން. ޖެހި ސަކަރާތެއްގަ ޝިގާގެ ފޯނަށް އައި ކޯލެއް. ފުރަތަމަވެސް އެދުނީ ރީލޯޑެއް ކޮށްދޭން. ނުވެސް ދަންނަ މީހަކު ޓަސްލާފަ ހަމަ ބުނާއިރަށް ޝިގާ ތެޅިގަތީ އޭނަގެ ނަންބަރަށް ރީލޯޑުކޮށްދޭން. އެއީ ކާކު ކަމެއް އެނގެނީއެއް ނޫން. ހަގީގަތުގަ މައްސަލައެއް ޖެހުނުނަމަ ޝިގާވެސް ބެދުނީސް. ފަހުން ކައިވެންޏަށް އެދުނީ އެހެން އެއްވެސް ކަމަކު ނޫން. އަމިއްލަ އެދުމެއް އޮތީމަ. އޭނަ ހޯދީ ހަލާލު ގޮތުގަ ފޫހިފިލުވާލާނެ ވަސީލަތެއް. އަސަލް ލިބުމުންވެސް އެ ފިރިހެނާގެ ހިތަށް އެއްޗެއް އެރިތަ؟ ކުޑަމިނުން ފޯނެއް ކުރިތަ؟ އަހަރެން ހުރީ މިވަރަށްވެސް ނުބުނަން. އެކަމަކު...." ޝިދުނާ ވާހަކަދެއްކުން ހުއްޓާލިއެވެ. އާޝިގާ ރޯ މަންޒަރު ފެނުމުން އިތުރަށް އެކަމާ ގުޅުވައިގެން ވާހަކަދައްކަން ޝިދުނާ ބޭނުމެއް ނުވިއެވެ.

"ސޮރީ... ދެން މިވާހަކަ ނުދައްކަމާ" ޝިދުނާ ބުންޏެވެ.

"ރާޝިދާއްތަ އާ އެކު އެ އަންނަނީ ކާކުތަ؟" ދުރުން އައި މީހުންތަކަށް އިޝާރާތްކޮށްލަމުން ޝިދުނާ އެހިއެވެ.

"އެއީ ސަމީރާއްތަ. ދެން އެއީ ސާހިލް. އަހަރެން ބުނީމެއްނުން އެމީހުން މިރަށަށް އަންނަ ވާހަކަ. އެގޭ ސާޖިދު ނިޔާވީމަ އެކަމުގެ ހިތާމައިގަ އެތިބެނީ. ދެން ބޮޑުދައިތަގެ ބައްޕަ އާއި ތިމާގެ މީހެއްވީމަ މިގޭގަތާ ތިބޭނީ" އާޝިގާ ބުންޏެވެ.

"ސީރިޔަސްލީ. އެއީ އެ ސާހިލް ތަ؟ އަހަރެމެންނާއެކު ކުޑައިރު ކުޅެ އުޅުނު ސާހިލް ތަ؟ ވާއު.. މިހާރު ހާދަ ސްމާޓޭ.... ހިތް ކިޔައިފި" ޝިދުނާގެ މޫނަށް ބަލަހައްޓައިގެން އިން އާޝިގާއަށް ހެވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟