އެއް ތިރީސްވަނަ ބައި
ޗާންސް އޮންލައިން މީޑިޔާ ޓީމް ކުރި ދަތުރު ބިރުވެރި ދަތުރަކަށްވެ ނިމިއްޖެއެވެ. ދަތުރުކުރި އެއްވެސް މީހެއްގެ ހިތުން ދުވަހަކުވެސް އެ ހަނދާންތައް ނުފިލާނެހެން އެ ބިރުވެރި އެހެނަސް ވޭންދެނިވި ހަނދާން ކޮންމެ މީހެއްގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ. ދަތުރުކުރި ކޮންމެ މީހަކަށް ވަނީ ނަފުސާނީ ގޮތުން އަސަރުކޮށްފައެވެ. މުޅި ރާއްޖޭގެ ހުރިހާ މީޑިޔާތަކުގެ އެންމެ ފަލަ ސުރުހީގައި ވަނީ އެއް ވާހަކައެކެވެ. ދެ ކުޑަކުދިން އެއްތަން ވިޔަސް ދެކެވެނީ ހަމަ އެވާހަކައެވެ. ދަތުރުދިޔަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުގެ އުންމީދުގެ ހުޅުކޮޅު އެކުއެކީ ނިންމާލި ހާދިސާއަކަށް އެ ހާދިސާ ވެއްޖެއެވެ. ޗާންސް އޮންލައިން މީޑިޔާއަށް ހުއްޓުމެއް އައިސް ވަގުތީގޮތުން ތަން ބަންދުކޮށްފިއެވެ.
އެދަތުރުގައި ޗާންސް އޮންލައިން މީޑިޔާ ޓީމުގައި މަސައްކަތްކުރާ ޒުވާން އެއް ނޫސްވެރިޔާ މުހައްމަދު ސާޖިދު ޖަމާލް އަބަދުގެ އަބަދަށް އެއްވެސް އިންސާފެއްނެތް މިދުނިޔެ ދޫކޮށް ނިމުމެއްނުވާ ދުނިޔެއަށް ދަތުރުކޮށްފިއެވެ. ދިރިތިބީންގެ ހިތްތައް ރޮއްވާލައިފައެވެ. އާއިލާ މީހުންނާއި ގާތް މީހުންގެ ހިތްތައް ކަރުނައިގެ ފުން ކޯރަކަށް ގަންބާލައިފައެވެ.
اناّ لله واناّ اليه راجعون
އެ ދަތުރުގައި ޗާންސް އޮންލައިން މީޑިޔާގެ ސީއީއޯ މާޖިދު ގެނބި ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައިރު ޑޮކްޓަރުން ވަނީ މާޖިދުގެ އުންމީދު ކަނޑާލައިފައެވެ. ގެނބުނު ބައެއް މީހުންގެ އެކި ތަންތަނުން ފަޅައިގެން ގޮސް މުޅި ދުނިޔެ ހިމޭންވެފައިވިއެވެ.
މުޅި ސަހަރާތެރެ ވަނީ މީހުންތަކުން ފުރިފައެވެ. ގޮނޑިއެއްގައި އެއްދިމާލަކަށް ބަލަހައްޓައިގެން އިން ސަމީރާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ސަމީރާގެ އެއްފަރާތުގައި ފަޒްނާ އިންއިރު އަނެއްފަރާތުގައި އަފާފް އިނެވެ. އެ ހިތާމައިގެ ސާލެއް އޮޅާލާފައިވާ މުޅި ސަރަހައްދުގައިވެސް ހަރަކާތްތެރިވެ އުޅުނީ ނިމާނާއި ސާހިލްއެވެ. އެކުވެރިންތައް އެކަކު އަނެކަކު ގައިގައި ބައްދައިގަނެގެން ތިބިއިރު ތަނުގައި ހިފާލާފައި ވަނީ އެކުދިންގެ ރުއިމުގެ އަޑެވެ. ސާޖިދުގެ މޫނު ބަލާފައި ނުކުންނަ ކޮންމެ މީހެއްގެ ދެލޯ ވަނީ ކަރުނުން ތެންމާލައިފައެވެ.
ސަހަރާ ދޮރުމައްޗަށް މަޑުކޮށްލި ކާރުން ފައިބައިގެން އައި އަލްމާޝް އަނެއް ފަރާތު ދޮރުހުޅުވާފައި ޖެހި ބުދެއްހެން އިން ޝެލީ އަތުގައި ހިފައިލިއެވެ. އެއްވެސް ގަދަހެދުމެއްނެތި ޝެލީ ކާރުން ފޭބިއެވެ. އަލްމާޝްއާ އެކުގައި ކާރުން ދަތުރުކުރި މިކާލް އައިސް ޝެލީގެ އަނެއްފަރާތުގައި ހުއްޓި ޝެލީގެ އަތްތިލައިގެ ތެރެއަށް އަތް ލައްވާލިއެވެ. ޝެލީގެ މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. ދެލޮލުގައި ކަރުނަ ނެތްއިރު ތުންފަތްމަތީގައި ހިނިތުންވުމެއް ނެތެވެ. ކުއްލިއަކަށް ޝެލީ ރުއިން ހުއްޓާލާފައި ވީތީ އަލްމާޝް އާއި ނިމާން ހުރީ ކަންބޮޑުވެފައެވެ. ކޮންމެގޮތެއް ހަދާފައިވެސް ޝެލީ ރޯން އެމީހުން ބޭނުންވެއެވެ. ހުރިހާ އިހުސާސްތަކެއް އެއްފަހަރާ ހިތުގައި ފޮރުވުމުން ދެން ނުކުންނަ ނަތީޖާ މާ ހިތްދަތިވާނެއެވެ.
ހުދު ކުލައިގެ ކަފުނުގެ ތެރޭގައި އޮތް ސާޖިދުގެ މޫނުމަތި ވަރަށް އުޖާލާއެވެ. ތުންފަތުގައި ހިނިތުންވުމެއް ވިއިރު ހީވަނީ އަރާމު ނިންޖަކުން ނިދާލާފައި އޮތްހެނެވެ. ޝެލީއަށް ސާޖިދުގެ މޫނު ފެނުމާއެކު ސިކުނޑިން ފޮނުވާލި ސިގްނަލެއްގެ ސަބަބުން ޝެލީގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވެގަތެވެ. އަލްމާޝްގެ އެހީތެރިކަމާނުލައި އެއް އަތް ޝެލީ އުފުލާލިއެވެ. ތުރުތުރު އަޅަމުން ދިޔަ އެ އަތް ސާޖިދުގެ މޫނާ ހަމައަށް ގެންދަން ޝެލީއަށް ވީ އުނދަގު ކަމަކަށެވެ. އެހެންކަމުން އަލްމާޝް ޝެލީއަށް އެހީވެދިނެވެ. އަނެއްކާވެސް ޝެލީ ފަޅައިގެންދިޔަ ވަގުތަކީ އެވަގުތެވެ.
ސަމީރާގެ އަތުގައި ހިފައިގެން އައިސް ހުއްޓުނު ސާހިލްއަށް ޝެލީ ފެނުމާއެކު ހުއްޓުން އެރިއެވެ. ރޮމުންދިޔަ ޝެލީއަށް ބަލަހައްޓައިގެން ސާހިލްއަށް ހުރެވުނެވެ. ސާހިލް ފުރާ ދުވަހަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ސާޖިދު އާ ކުރި ވީޑިޔޯ ކޯލެއްގައި ޝެލީގެ ނަން ކިޔުމުން ސާހިލްއަށް އުނދަގޫގޮތެއް ވިއެވެ. ވަގުތުން އެއީ ކޮން ޝެލީއެއްތޯ ބަލަން ސާހިލް ބޭނުންވިއެވެ. އެހެންކަމުން ސާހިލް ހުއްޓާނުލައި ސުވާލުކުރުމުން ސާޖިދު އެންމެފަހަށް ޝެލީއާއެކު ނަގާފައިވާ ތަސްވީރެއް ސާހިލްއަށް ފޮނުވިއެވެ. އެހިނދު ސާހިލްއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފައި އަނިޔާވެރި ގޮތަކަށް އަނބުރާލިހެންނެވެ. މޭގެ ހިތާވީ ފަޅީގައި އުފެދުނު ރިހުން ދިވެހި ފަސްގަނޑުގައި ފައިޖެހުމާ ހަމައަށް ހުއްޓެވެ.
އެހާ ދުވަސްފަހަށް ފަހު ޝެލީ ފެނުމުންވެސް ސާހިލްގެ ހިތް ޝެލީ ދެނެގަނެއްޖެއެވެ. އެހެނީ ޝެލީއަކީ އުމުރުގައިވެސް ސާހިލްގެ ހިތް މިލްކުކުރި ހަމައެކަނި އަންހެންކުއްޖާއެވެ. އެހެން ގޮތަކުން ބުނާނަމަ ސާހިލްގެ ހިތް 'މޮޔަކޮށްލި މާ' އެވެ.
އެވަގުތަކީ އަމިއްލަ ހިތުގެ އެދުންތަކަށް އެދެންވީ ވަގުތު ނޫންކަން އެނގުމުން ސާހިލްގެ ނަޒަރު ހުއްޓާނުލައި ރޮމުންދިޔަ ޝެލީގެ މޫނުން ވަކިކޮށްލިއެވެ. ސާހިލް ކުރިއަށް ހިނގައިގަތެވެ. ރޮމުން ގޮސް ޝެލީގެ އަޑު ނުކުތުމާއެކު ޖަމާއަތްތެރިއަކު އެތަނުން ޝެލީ ނެރުމަށް އެދުމުން އަލްމާޝް ޝެލީ ގޮވައިގެން ނުކުތެވެ. ދެފައިގައި ވަރު ނެތިފައި ހުރި މީހަކު ފަދައިން ރޮމުން ޝެލީ ނުކުތް މަންޒަރު ފެނުމުން އެކުވެރިންތަކުގެ ހިތުގައި ސުވާލު އުފެދުނެވެ.
ވަކިން ގޮނޑިއެއްގައި އިނދެ ރޮމުންދިޔަ ސިޔާ ކައިރީގައި އޮފީސް އެހެން ކުދިންތައް ތިއްބެވެ. ޝެލީގެ ކައިވެނި ހަމަޖެހިފައިވަނީ ސާޖިދާ ކަން އެކުވެރިންނަށް އެނގުނީ ރޮއެރޮއެފައި ސިޔާ ކިޔަމުން ދިޔުމުންނެވެ. މާކުރިންވެސް ސާޖިދާއި ޝެލީ ރައްޓެހިވެގެން އުޅޭކަން ސިޔާ ކިޔައިދިނެވެ. ޝެލީ ބޭނުންވަނީ އޮފީސް ހުރިހާ މީހުންނަށް ސަޕްރައިޒެއް ދިނުމަށް ކަމަށް ބުންޏެވެ. އެހެންނަމަވެސް ޝެލީ ދޭން އުޅުނު ސަޕްރައިޒް ބަދަލުވެގެން ދިޔައީ ވޭނުން ފުރިގެންވި ސަޕްރައިޒަކަށެވެ.
ކަށުކަމާކެމީގެ ކަންތައް ނިންމާފައި ސަހަރާއިން ނުނިކުމެވި އުޅެނިކޮށް މާޖިދު ނިޔާވި ހަބަރު ލިބުނެވެ. އެހިނދު ހީވީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ހެންނެވެ. ބައެއް ކުދިން ހަބަރު ހުސްވެގެން ވެއްޓުނެވެ. އެހެންނަމަވެސް އެ ހަބަރު އެއްވެސް ކުއްޖަކު ޝެލީއަށް ނުދެއެވެ. ޝެލީގެ ރުއިމުގެ އަޑު ގެއަށް ދިޔުމަށް ކާރަށް އެރިއިރުވެސް ނުކެނޑެއެވެ.
*********
ބޭރުގައި ކިޔަވަމުން ދިޔައިރު ސާހިލް ކައްކަން ދަސްކުރިއެވެ. ރެސްޓޯރެންޓެއްގައި ކައްކާއެއްގެ ޕާޓްޓައިމް ވަޒީފާއެއް އަދާކުރިއެވެ. އާމްދަނީއަށް ލިބުނު ފައިސާ ސާހިލް ރައްކާކުރިއެވެ. ހުދު އޭނާގެ ކިޔެވުމަށް އުމުރުން ދުވަސްވެފައި އިން މަންމަ ކޮށްދޭ ބުރަ މަސައްކަތަށް ފަސޭހައެއް ކޮށްދިނުމަށެވެ.
ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމުގައި ސާހިލް އިށީނދެލައިގެން އިނީ ކާމޭޒު ކައިރީގައެވެ. އެންމެ ފަސޭހައިން ތައްޔާރުކޮށްލެވޭ ކާއެއްޗަކަށް ސާހިލް އެވަގުތު ހިޔާރުކުރީ ނޫޑްލީހެވެ. މިހުރިހާ ދުވަހު ސަމީރާގެ ކަންތައްތައް އެންމެ ރަނގަޅަށް ބެލެހެއްޓި ދަރިއަކީ ސާޖިދެވެ. ސާޖިދު ނެތްކަމުގެ ފަޅުކަން ސަމީރާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ތައްޓަކަށް ނޫޑްލްސްކޮޅެއް އަޅައިގެން ސާހިލް ބަދިގެއިން ނުކުތްއިރު ފެންޑާއިން ސަމީރާ ފެންނަން ނެތެވެ. ކޮޓަރި ބެލިއިރުވެސް ނެތެވެ. ސާހިލް ހުޅުވާލީ ސާޖިދުގެ ކޮޓަރިއެވެ. ސާހިލްއަށް ހީވީ ރަނގަޅަށެވެ. ސަމީރާ ސާޖިދުގެ ކޮޓަރިން ފެނުނެވެ.
ނޫކުލައިގެ ބޮޑެތި ފިނިފެންމާތަކެއް ޖެހި ބެޑްޝީޓެއް ސާޖިދުގެ އެނދުގައި އަޅާފައި އޮތެވެ. މުޅިންވެސް ހުދުކުލަ އާއި ނޫކުލައިގެ ފަރުނީޗަރެވެ. އެއީ ކައިވެންޏަށްޓަކައި ސާޖިދު ކުރި ބުރަ މަސައްކަތެވެ. ނޫކުލައަކީ ޝެލީއަށް އެންމެ ރީތި ކުލަ ކަމުގައިވާތީ ކޮޓަރި ތެރެއިން ބަލައިލި ކޮންމެ ދިމާލަކުން ނޫކުލަ ފެންނަމުން ދިޔައެވެ. ސަމީރާ އިނީ އެނދުގައި އިށީނދެގެންނެވެ.
"މަންމާ،" ސަމީރާގެ ކޮނޑުގައި އަތް ޖައްސާލަމުން ސާހިލް ގޮވާލިއެވެ. ސަމީރާގެ ހިލަމެއް ނުވިއެވެ. އެންމެފަހުން ސާހިލް ސަމީރާގެ ދެކޮނޑުގައި ހިފައި ނެގިއެވެ. ގާތްކޮށްލައިގެން ހުރެ ސާޖިދުގެ ކޮޓަރިން ބޭރަށް ނުކުމެފައި އެކޮޓަރި ތަޅުލިއެވެ. ތަޅުދަނޑި ކޮށްޕާލީ ލައިގެން ހުރި ސޯޓުގެ ޖީބަށެވެ.
"ކާންވާނެއްނު މަންމާ" ސަމީރާ އުނދޯލީގައި ބައިންދާފައި ސާހިލް ބުންޏެވެ. ސަމީރާ ޖަވާބެއް ނުދިނެވެ. އެހެންނަމަވެސް ކާން ދެކޮޅެއްވެސް ނަހަދައެވެ. އުލުގައި އޮޅާލާފައި ސަމީރާގެ އަނގަ އާ ކައިރިކޮށްލުމުން ސަމީރާ އަނގަ ހުޅުވިއެވެ. އަނގައިގެ ތެރެއަށް ނޫޑްލްސްކޮޅު ލާފައިވެސް ސަމީރާއަށް ދިރުވާލަން އުނދަގުވިއެވެ. އެންމެފަހުން ނުދިރިގެން ސަމީރާ އޯކާ ދެމެންފެށިއެވެ. ސާހިލް ދިއްކޮށްލި ފެންފޮދާ ލައިގެން ސަމީރާ އޭތިކޮޅު އަރުން އެތެރެކުރީ އެތައް ހިތްވަރަކުންނެވެ.
އެއްވެސް ވަރަކަށް ބަނޑުހައި ހޫނުކަމުގެ އިހުސާސްނުވާ ސަމީރާ ނުކާން އިޝާރާތްކުރާ ފަދައިން ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އެއްވަރު އެއްވަރަށް ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ސަމީރާގެ ހިތަށް ކޮށްފައިވާ އަސަރު ސާހިލްއަށް ފެންނަމުން ދިޔައެވެ. ކޮންމެގޮތެއް ވިޔަސް އެ ކަރުނަތަކުގައި ސާހިލްއަށް ނުހިފެހެއްޓޭނެކަން ސާހިލްއަށް އެނގެއެވެ. މުސްކުޅި ދުވަހު ޒުވާން ދަރިއަކު ލޯމަތީގައި ނެތިގެންދާ މަންޒަރު ބަލަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟
"މި އުނދޯލީގައި އިނދެގެން މަންމަ ދިން ކޮފީތަށި ބޮމުން މަންމަގެ މޫނަށް ބެލީ ފާޑަކަށް އިނދެ. އެދުވަހު އެހެން ދުވަސްދުވަހާ މުޅިން ތަފާތު. ގޯތިން ނުކުމެގެން ދިޔައިރުވެސް މަންމައަށް އުދަގޫތަކެއް އިހުސާސްވި" ސަމީރާ ގިސްލާފައި ސާޖިދުގެ އެންމެފަހުން ބައްދަލުވި ވަގުތުގެ ވާހަކަތައް ކިޔައިދެމުން ދިޔައެވެ.
"އެކަމަކު މަންމައަށް ކިހިނެއް އެނގޭނީ އެކުއްޖާ މަންމަ ދޫކޮށްފައި ދާންއުޅޭ ކަމެއް" ސަމީރާ ވާހަކަދެއްކިއެވެ. އެންމެފަހުން ސާހިލްއަށް ކެތެއްނުވިއެވެ. ސަމީރާގެ ގައިގައި ބައްދާލައިފިއެވެ. ސަމީރާގެ ދެލޮލުގައި ބޮސްދިނެވެ. އެއީ ސާހިލްގެ މުޅި ދުނިޔެ ކަމުގައި ބުންޏެވެ. ގުދުރަތުގެ ނިޔާއަށް ރުހުން ނޫން ގޮތެއް ނެތްކަމުގައި ބުންޏެވެ. ދުވަހަކުވެސް އެކަކު އަނެކަކާ ވަކިނުވެ ދެމައިން އުޅެން ވައުދުވިއެވެ.
ސަމީރާ އެނދުގައި ބާއްވާފައި ސާހިލް ހެޑްބޯޑުގައި ލެގިލައިގެން އިނެވެ. އެއް އަތުން ސަމީރާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ސާހިލްގެ ދެލޮލުގެ އަރިމަތިން ކަރުނައިގެ ރޮނގެއް ދެމިގެން ދިޔައިރު ސާޖިދު އާ އެކީގައި ހޭދަކުރެވުނު އެކި ހަނދާންތައް ސިކުނޑި ތެރޭގައި ރޯލުވަމުން ދިޔައެވެ. ކުއްލިއަކަށް ސާހިލްގެ ދެލޯ ކުރިމަތިން ސިފަވެގެން ދިޔައީ ސާޖިދުގެ ޖަނާޒާގެ ތެރޭގައި ރޯންހުރި ޝެލީއެވެ. އެވަގުތު ޝެލީ ދެކިލުމަށް ސާހިލްގެ ހިތް އެދުނެވެ. ވާހަކަދައްކާލައި ހިތްވަރުދޭން ބޭނުންވިއެވެ. އަދިވެސް ޝެލީ އެދުނު ރަހުމަތްތެރިކަން ދަމަހައްޓަން ސާހިލް ބޭނުންވިއެވެ. ސަހަރާއިން ޝެލީއަށް ސާހިލް ނުފެންނަކަން ޔަގީނެވެ. ފެނުނުނަމަ ޔަގީނުންވެސް ޝެލީ ސާހިލް ކައިރިއަށް އައީހެވެ.
"ސްނޯބޯލް..." ސާހިލް މަޑުމަޑުން ކިޔާލިއެވެ. އަދިވެސް ހުރީ އަހަރެންދެކެ ހިތްހަމަނުޖެހިފައި ހެއްޔެވެ؟ ފެނިއްޖިއްޔާ ވާހަކަދައްކާނަން ހެއްޔެވެ؟ ސާހިލްގެ ހިތުގައި އެކި ސުވާލުތައް ތަކުރާރުވަމުން ދިޔައެވެ.
**********
ސާޖިދުގެ މަރަށް ދެ ހަފުތާވެގެން ހިނގައްޖެއެވެ. އެކި މީހުންގެ ދިރިއުޅުމަށް އެކި ކަހަލަ ބަދަލުތައް އަންނަމުން ދިޔަކަން ޔަގީނެވެ. ބަދަލެއް ނައީ ޝެލީގެ ހަޔާތަށެވެ. މެންދުރުގެ ވަގުތެވެ. ބޯއަޅައިގެން އޮތް ބާލީހަށް ޝެލީގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ހިނދެމުން ދިޔައެވެ. ކެއުމެއް ބުއިމެއް ޝެލީގެ ނެތެވެ. ހިތްވަރުކުރަން ޝެލީ ކުރަމުންދާ ހުރިހާ މަސައްކަތެއް ދަނީ ފެނަށެވެ. ނުވެސް ނިދެއެވެ. ހޭލާ ހުންނައިރުވެސް ފެންނަނީ ސާޖިދެވެ. އަބަދު އިވެނީ ސާޖިދުގެ ސަމާސާ ބަސްތަކުގެ އަޑެވެ. އެންމެފަހުން ޝެލީ އެނދުން ތެދުވެ ބެލްކަންޏަށް ނުކުތެވެ. އިމާރާތްތައް ފެންނަގޮތް ހިތްގައިމެވެ. ހިތަށް ހިތްހަމަޖެހުމެއް ހޯދުމަށް ޝެލީ މަސައްކަތްކުރިއެވެ. ކުއްލިއަކަށް ޝެލީގެ ލޮލުގައި އަޅައިގަތީ އެންމެފަހުން ސާޖިދު އާ ބައްދަލުކުރި ހިލަތަކުގެ މައްޗެވެ. އިސާހިތަކު ޝެލީއަށް ގިސްލެވެން ފެށުނެވެ. އެރޭގެ ހަނދާންތައް ޝެލީގެ ހަފަރާތުން ވަށައިލިއެވެ. ރޮމުން ރޮމުން ޝެލީ ހުރި ދިމާލަށް ތިރިވިއެވެ. ދުވަހަކުވެސް އެ ހިތާމަތައް ޝެލީ އާ ވައްކެއް ނުވާނެއެވެ.
ކްލިނިކުން އައިގޮތަށް މިކާލް ވަނީ ޝެލީގެ ކޮޓަރިއަށެވެ. އެއް ހިތާމައަކުން ރަނގަޅަށް އަރައިނުގަނެވި އުޅެނިކޮށް ޝެލީއަށް އަނެއް ހިތާމައެއް ކުރިމަވުމުން އެކަމާ މިކާލް ހުންނަނީ ނުލާހިކު ދެރަވެފައެވެ. ވަޒީފާއަށް ދަނީ ދާހިތަކުން ނޫނެވެ. އެއްވެސް ކަމެއް ކުރާކަށް ރޫހެއް ނެތެވެ. ހިތުން ބޭބެއެއްގެ ދަރަޖަ ދެވުނު އިންސާނަކު ކުއްލިއަކަށް އެގޮތަށް ދިޔުމުން މިކާލަށްވެސް ވަނީ އަސަރުކޮށްފައެވެ.
މިކާލް ކޮޓަރިއަށް ވަންއިރު ޝެލީ ފެންނަން ނެތެވެ. ފާހާނައިގައިވެސް ނެތުމުން މިކާލް ހައިރާންވިއެވެ. ބެލްކަނީގެ ފޮތިގަނޑު ކަހާލާފައި ހުރުމުން މިކާލް އެދިމާލަށް ދިޔައެވެ. ބެލްކަނީގައި ފާރުގައި ލެގިލައިގެން ޝެލީ އިނެވެ. ދެފައި ކުރުކޮށްލައިގެން ގެނެސް މެއާ ފިއްތާލައިގެން އިން ޝެލީ އިނީ ދެކަކުލުގައި ބޯ އަޅައިގެންނެވެ. މިކާލް މަޑުމަޑުން ގޮސް ޝެލީ ކައިރީގައި އިށީނެވެ. ޝެލީގެ ކޮނޑުގައި މިކާލް އަތްޖައްސާލިއެވެ.
"ޖޭޑީ....،" ކުއްލިއަކަށް ބޯހިއްލާލި ޝެލީގެ ދުލުން ނުކުތެވެ. މިކާލްގެ ހިތުގައި ރިއްސާލިއެވެ.
"ކެތްކުރަންވާނެ ދޮންތާ" މިކާލް ބުންޏެވެ. މިކާލް އާ ހަތަރުކަޅި ހަމަކޮށްގެން އިން ޝެލީ ތުންފިއްތާލިއެވެ. މިކާލްގެ ގައިގައި ޝެލީ ބައްދައިގަތެވެ.
"ބީ ސްޓްރޯގް ދޮންތާ" ޝެލީގެ އިސްތަށިގަނޑުގައި ފިރުމަމުން މިކާލް ބުންޏެވެ.
އަލްމާޝްގެ އާއިލާއަށް އެލިބުނު ހިތާމައިގައި ލަކްޔަންގެ އާއިލާ ބައިވެރިވިއެވެ. އައްބާސް ބޭނުންވެގެން ފޯނުން ގުޅައިގެން އަލްމާޝް އާއި ނިމާނާ ވާހަކަދެއްކިއެވެ. ކެތްތެރިވުމަށް ތަކުރާރުކޮށް ނަސޭހަތްދިނެވެ. އެހެންނަމަވެސް އެގޭތެރޭގައި އެކަމާ ދެރަނުވާ އިންސާނަކު އުޅެއެވެ. އިކާން ކޮޓަރީގައި އޮތީ ރާވީއަށް ގުޅައިގެންނެވެ.
"މިހާރު އެވީ މާ ރަނގަޅަށް. އައި ތިންކް ގޯޑް އިޒް ވިދް ޔޫ" ފޯނުގައި ހުރި ރާވީ ބުންޏެވެ.
"އަނެއްކާވެސް މަށަކަށް ނުކެރެނޭ ބައްޕަ ކައިރީގައި އެހެން ބުނާކަށް" އިކާން ބުންޏެވެ.
"އަދި މަޑުކުރޭ. ދުވަސްކޮޅެއް ވީމަ ބުނާނީ" ރާވީ ބުންޏެވެ.
"ދެން މަ އޭނަ އާ މެރީކޮށްފަ ކިހިނެއް ހަދާނީ؟ ކުރިން ލައިކްވިޔަސް މިހާރު އެކަހަލަ ކަމެއް ނެތް. ބޭނުން ކެނޑިފައެއްނު އެހެރީ" އިކާން ބުންޏެވެ.
"ނަމެއްގަ ބަހައްޓާނީ. ބޭނުންވީމަ އަދިވެސް ފޫހިފިލުވާލެވޭނެއްނު" ހިނިގަނޑަކާއެކު ރާވީ ބުންޏެވެ.
************
ލޯގަނޑު ކުރިމަތީގައި ހުރި އަލްމާޝް ފަހަތަށް އެނބުރުނީ ފަހަތުގައި އައިސް ހުއްޓުނު ނިމާން ލޯގަނޑުން ފެނުމުންނެވެ. ނިމާންގެ މޭގައި އަލްމާޝް ލައްވެލިއެވެ. އަލްމާޝްގެ ބުރަކަށީގައި ދެއަތް ވަށާލިގޮތަށް ނިމާން ލޯމަރާލިއެވެ.
"ކީއްވެތަ އަހަރެމެންގެ ދަރިފުޅަށް އެއްވެސް އުފަލެއްނެތީ" އަލްމާޝް ބުންޏެވެ.
"ތިކަހަލަ ޝަކުވާނުކުރޭ. އެކުއްޖާގެ މުސްތަގުބަލު އަދި އޮތީ ކުރިއަށް" ނިމާން ބުންޏެވެ.
"ޝެލީ ރަނގަޅަށް ނުކައި. ކުރީގައި އެދިމާވި ކަންތަކަށްފަހު އެކުއްޖާ ކިހާ ހިއްވަރެއްކުރި. މިފަހަރު ހަމަ މުޅިން ޑައުންވެއްޖެ. ޝެލީ ފެންނަ ކޮންމެފަހަރަކު އަހަރެންގެ ހިތް ފަޅައިގެންދާވަރުވޭ" އަލްމާޝް ބުންޏެވެ.
"އަހަރެން މިއައީ އެކޮޓަރިއަށް ވަދެލާފަ. ނިދިފަ އޮތީ" ނިމާން ބުންޏެވެ.
"މިރޭ ހީވޭ ތަންކޮޅެއް ރަނގަޅަށް ނިދާނެހެން. ޖިނާން ލިޔެދިން ބޭސް ސިޓީގަ ހުރި ބޭސްދިނިން މިރޭ" އަލްމާޝް ބުންޏެވެ.
"ހިނގާބަލަ އެނދުގައި އިށީންނަން" ނިމާން ބުންޏެވެ. ދެން އަލްމާޝްގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީނެވެ.
"ސަމީރާއްތަ މިހާރު ވަރަށް އެކަނިވާނެ. އަހަރެންނަކަށް ހިއެއްނުވޭ އެގޭގަ އިތުރު މީހަކު އުޅޭހެނެއް. ހޮސްޕިޓަލުގަ އުޅުނު ކުއްޖާވެސް އައި ބޭނުމެއް ނިމުނީމަ މިހާރު ގޮސްދާނެހެން ހީވަނީ. މާދަމާ ކޮންމެސް ވަގުތެއްގަ ހިނގާބަލަ އެގެއަށް ގޮސްލަން. އަހަރެންގެ ހިތެއް ނުބުނޭ ސަމީރާއްތަ ދޫކޮށްލަން" ނިމާން ވާހަކަދެއްކިއެވެ. އަލްމާޝް ބޯޖަހާލިއެވެ. އެދަނޑިވަޅުގައި ސަމީރާގެ ހިތަށް ކުރާނެ އަސަރު އަލްމާޝްއަށް އިހުސާސް ކުރެވެއެވެ.
*************
ހުރިހާ މީހުން މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށް މޭޒު ކައިރީގައި ތިއްބެވެ. ކާއެއްޗެއްގައި އަތް ނުލިއެއްކަމަކު ޝެލީވެސް އިނެވެ. އަދިވެސް އެ ހަމަހިމޭންކަމެވެ. ވަށައިގެން ހިނގާ އެއްވެސް ކަމެއް ޝެލީއަށް އިހުސާސް ނުވެއެވެ.
"މަންމަ މިއަދު ހެދީ ޝެލީއަށް އެންމެ މީރު ރިހަ" އަލްމާޝް ބުންޏެވެ. ޝެލީގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނެވެ.
"ދަރިފުޅުމެން ތިހެން ނުތިބެބަލަ. ކޮންމެ އިންސާނަކީވެސް ކޮންމެސް ދުވަހަކުން މިތަން ދޫކޮށްފަ ދާނެ މީހެއް" ފަޒްނާ ބުންޏެވެ. ފަޒްނާގެ ކަނާތްފަރާތުގައި ހިމޭންވެފައި އިން އީމާ ފެނުމުން އެއްޗެއް ނުބުނެ ފަޒްނާއަށް ކެތްނުވިއެވެ. ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި ފަޒްނާ ދެލޯ ފޮހެލިތަން ފެނުމުން އީމާ ދެރަވިއެވެ. ފަޒްނާގެ ކޮނޑުގައި އީމާ ބޯއަޅާލީ ހިތަށް ކެތްނުވުމުންނެވެ. އެހާދިސާގައި ޝެލީއަށް ވީވަރު ނުވިޔަސް އީމާއަށްވެސް ވަނީ އަސަރުކޮށްފައެވެ. ޝެލީ ފަދައިން އަލްމާޝް އީމާވެސް ޑޮކްޓަރަށް ދެއްކިއެވެ.
"ކާކުބާ މިގަޑީގަ" ދޮރުގެ ރަނގަބީލުވާ އަޑު އިވެން ފެށުމުން އަލްމާޝް ބުންޏެވެ.
"އެބަ އަންނަން" އަލްމާޝް ދޮރާ ދިމާލަށް ދިޔައެވެ.
ދޮރުމަތީގައި ހުރި ޒުވާނާ ދެނެގަންނަން އަލްމާޝްއަށް އިރުގަނޑެއް ނެގިއެވެ. އެހެންނަމަވެސް އެދުވަހާ ބަލާފައި ޒުވާނާއަށް ބަދަލުތަކެއް އައިސްފައިވާކަން އަލްމާޝްއަށް އެނގުނެވެ. އެހެންކަމުން މެހްމާންދާރި އަދާކުރުމުގެ ކުރިން ޒުވާނާގެ ފައިން ފެށިގެން ބޮލާ ހަމައަށް އަލްމާޝް ނަޒަރު ހިންގާލިއެވެ. ނޫކުލައިގެ އަތްދިގު ޓީޝާޓެއްގައި ހުރި ޒުވާނާގެ މޫނުމަތި ސާފެވެ. އެއްފަރާތުން މަގު ފަޅާފައި އަރިއަކަށް ފުނާ އަޅާފައި ހުއްޓަސް އިސްތަށިގަނޑު ބޮލެވެ. މާދޮނެއް ނޫނެވެ. ކަޅު ކުލައިގެ ވަރުގަދަ ދެ ބުމައެވެ. ޗޮކްލެޓް ކުލައިގެ ދެ ކަޅިއެވެ. އިސްކޮޅުން ދިގެވެ. ލަގޮނޑި ނުކުމެފައި ހުރުމުން އިތުރު ފުރިހަކަމެއް ލިބިފައި ވިއެވެ.
"އައްސަލާމް އަލައިކުމް. އަޅުގަނޑުގެ ނަމަކީ ސާހިލް" ސާހިލް ބުންޏެވެ. އަލްމާޝް ހީލިއެވެ. އެއީ ސާޖިދު އާ ގުޅުމެއް އޮތް ކުއްޖެއްކަން އަލްމާޝްއަށް އެނގުނެވެ.
އާދޭ އަވަހަށް އެތެރެއަށް" އަލްމާޝް ބުންޏެވެ.
ސާހިލް އެތެރެއަށް ވަދެގެން ދިޔައެވެ. އަލްމާޝްގެ ފަހަތުގައި ހުރެ ސާހިލް ގޮސް ހުއްޓުނީ އާއިލާ އެހެން މެންބަރުން ތިބި މޭޒު ކައިރީގައެވެ. ޝެލީ ނޫން އެހެން އެންމެން ސާހިލްއަށް ބަލައިލިއެވެ.
"މިއީ ސާހިލް. އެއްކަލަ ދުވަހު ސަމީރާއްތަ އާ އެކު އުޅުނެއްނު" ނިމާނަށް ހީލާފައިވެސް ސާހިލްގެ ނަޒަރު ދަތުރުކޮށްލީ އިސްޖެހިފައި އިން ޝެލީއަށެވެ. އަލްމާޝްގެ ދުލުން 'ސާހިލް' މި ނަން އިވުމާއެކު ޝެލީ ލަސްލަހުން ބަލައިލިއެވެ. ކުރިމަތީގައި ހުރި ސާހިލް ކަން ގަބޫލުކުރަން ޝެލީ ބޭނުމެއްނުވިއެވެ. އެހެންނަމަވެސް އެސްފިޔަ ޖަހާލާފައި ހުޅުވާލުމުންވެސް މަންޒަރު ބަދަލުނުވިއެވެ.
ކުއްލިއަކަށް އެންމެންނަށް ހައިރާންކަމެއް ލިބިގެން ދިޔައީ އެއައި ގޮތަށް އައިސް ސާހިލްގެ ގައިގައި އޮޅުލައިގަތް ޝެލީ ފެނިފައެވެ.
(ނުނިމޭ)